Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިދީނީ

ﷲ މަތިން ހަނދުމަކުރުން (1ވަނަ ބައި)

Faxoo Level 310 Stories100 Comments500 Comments
October 5, 2015 6 Mins Read
12 Comments

“އެންމެ ކުޑައިރުންސުރެން ފެށިގެންވެސް ކާފަ ދެނީ ހަމަ އެއް ނަޞޭޙަތެކެވެ. އެ ނަޞޭޙަތުގެ މުޙިއްމުކަން އަންދާޒާ ކޮށްލެވުނީ އަދި ކިރިޔާ އެވެ. ކާފަ ބުނެ އުޅެ އެވެ.

‘އަހަރެންގެ ލޯބިވާ ދަރިފުޅާ އެވެ! ނަމާދު އޭގެ ވަޤުތުގައި ކުރުމަށް ހަނދާން ކުރާށެވެ! އަދި ނަމާދު ކުރުމުގައި މަޑުމޮޅިވާށެވެ. ގިނައިން ދުނިޔޭގެ ކަންކަމާއިމެދު ވިސްނާށެވެ. އޭރުން ދަރިފުޅަށް އަހަރެމެންގެ ޚާލިޤުވަންތަ ރަސްކަލާނގެ ކުޅަދުންވަންތަ ކަން ވިސްނާލެވޭނެ އެވެ. އެއީ ﷲ އެވެ. އެކަލާނގެ ފިޔަވައި އެހެން އެއްވެސް ކަލަކު ނުވާ އެއްކައުވަންތަ ރަސްކަލާނގެ އެވެ.

‘އޭ އަހަރެންގެ ލޮލުގެ ކޮއި ފަދަ ދަރިފުޅާ އެވެ! ގިނަގިނައިން ހިނިތުންވާށެވެ. ﷲގެ ރަޙުމަތް ހަނދުމަ ކުރަމުން ހިނިތުންވާށެވެ. އެހެން މީހުންނަށް ހިނިތުންވުމަކުން ރައްދުދޭށެވެ. ހިނިތުންވުމަކީ ޞަދަޤާތެކެވެ.

‘އަހަރެންގެ ރަންކޮޅާ އެވެ. ރޯށެވެ. ﷲގެ ޢަޛާބަށް ބިރުވެތި ވަމުން ރޯށެވެ. އަދި ހުނުން މަދުކުރާށެވެ. ކަށްވަޅުގެ ޢަޛާބު ފެންނަ ހިނދު ދަރިފުޅަށް އޭގެ ނުރައްކާތެރިކަން އިޙްޞާސްވެސް ނުކޮށްލެވޭނެ އެވެ. ﷲ އަށް އުރެދުނު މީހުން ހާދަ ވޭނެއް ތަޙައްމަލު ކުރާނެ އެވެ!’

މިހާހަމައަށް ވާހަކަ ދާއިރަށް އާދައިގެ މަތިން ކާފަ އަށް ރޮވެ އެވެ.

ބައެއް ފަހަރު އަހަންނަކަށް ކާފަގެ ވާހަކަތަކުން މާބޮޑު އަޞަރެއް ނުކުރެ އެވެ. ކުޑަމިނުން ބިރެއްވެސް ނުގަނެ އެވެ. އަހަރެން ބިރުގަންނަ އެއްޗަކަށް ވެފައިވަނީ ނަގުލަންދާއްޓާއި ބިޗޫފަދަ ކަށިޖަހާ އެއްޗެހިންނެވެ. ހިތަށް އަރަ އެވެ. ކާފަގެ ޢުމުރު ކުރުވުމުން އަޅުކަން ކުރުން ގިނަ ކުރަނީ އެވެ. އަހަންނަކީ އަދި ޒުވާނެކެވެ. އަހަންނަށް ހެޔޮ ޢަމަލުކުރުމަށް އަދިވެސް ކިތައް އަހަރު އެބަ އޮތް ހެއްޔެވެ؟ އަހަރެން ދެކޭގޮތުގައި ޒުވާން ދުވަސްވަރަކީ އުފާކުރަން އޮންނަ ދުވަސްވަރެކެވެ. ކުރެވޭ ކުށްތަކުގެ ބަދަލުގެ ގޮތުން ހެޔޮ ޢަމަލު ކުރާނީ މުސްކުޅިވީމަ އެވެ. އެއީ މަރު ކައިރިވެއްޖެކަން އަންގައިދޭ ޢަލާމާތަކަށް މުސްކުޅިވުން ވާތީ އެވެ.

އެއްދުވަހެއްގެ ހެނދުނެވެ. ނޫނެކެވެ… އެއީ ފަތިހެކެވެ. އަހަންނަށް އަލަށް އަވަހަކަށް ހޭލެވުނެވެ. އޭރު ފަތިސް ނަމާދުގެ ފަހު ސަލާން ދެނީ އެވެ. އަހަރެން ތެދުވާހިތެއް ނުވިއެވެ. ނަމަވެސް ލޮލަކަށް އެއްވެސް ވަރަކަށް ނިންޖެއް ނައެވެ. ތެދުވާހިތެއް ނެތެވެ. މާ ކަންނެތީ އެވެ. މިއަދު މާ އަވަހަކަށް ހޭލެވުމުން އަހަރެން ކުޑަކޮށް ޙައިރާންވި އެވެ. ހަނދާން ހުންނަން ފެށުނީއްސުރެން އަހަރެން ހޭލަނީ އެގާރަ ޖަހާއިރެވެ. ސުކޫލަށް ދަނީ ބާރަ ގަޑި ސާޅީސް ފަހަކަށެވެ. އެވެސް ނަޞީބެވެ. އެހެން ނޫންނަމަ އަހަރެންގެ ހާޟިރީގައި ހުރިހާ ދުވަހެއްހެން އޮންނާނީ “ލޭޓް” ނޫނީ “އެބްޒެންޓް” ޖަހާފަ އެވެ.

ކޮންމެއަކަސް އަހަރެން ތެދުވެއްޖައީމެވެ. ކީއްވެ ކަމެއް ނޭނގެ އެވެ. ލޮލުގައި ނިދީގެ އަސަރެއްވެސް ނެތީ އެވެ.

އަހަރެން މިސްރާބު ޖެހީ ފެންޑާ ތެރޭ ހުންނަ އުނދޯއްޔާ ދިމާއަށެވެ. އާދައިގެ މަތިން ކާފަ އުނދޯލީގައި އިންނާނެކަމަށް ހީވާތީ އެވެ. ކާފަގެ ބަސް ނޭހިޔަސް، އަހަރެން ކާފަދެކެ ވަރަށް ލޯބިވެ އެވެ. މަންމައެއް، ބައްޕައެއް ނެތުމުންނާއި އެކު ހުރި ހަމައެކަނި މީހަކީވެސް ކާފަކަމަށް ވާތީ އެވެ.

އަޅައަޅާ ހުރި ފިޔަވަޅުތަކަށް ހުއްޓުމެއްއައީ އުނދޯލި ދަށަށް ވެއްޓިފައި އޮތް އަހަރެންގެ ކާފަ ފެނުމުންނެވެ. އަހަންނަށް ދެލޯ ބޮޑުކޮއްލެވުނެވެ. ދެފައި ފިނިވެގެން ދިޔަ އެވެ. އަހަންނަށް ހިތުގައި ދެން ކުޅެލެވުނީ ހިންދީ ޑްރާމާއެއްގެ މިފަދަ ދަނޑިވަޅުތަކުގައި ގެންނަ، ސިއްސައިގެން ދާފަދަރާގުގަނޑެވެ. ޖެހި ބުދެއްހެން އަހަންނަށް ހުރެވުނުއިރު، އަހަރެންގެ ހިތަށް އެކި ކަހަލަ އެއްޗެހި އަރާ ފައިބަމުން ދިޔަ އެވެ. ކާފައަށް އެއޮތީ ކިހިނެއް ވެފަ ހެއްޔެވެ؟ ކާފަގެ ފުރާނަ ދިޔައީ ހެއްޔެވެ؟ ކާފަ ހޭނެތުނީ ހެއްޔެވެ؟ ހޭ ނާރައިފިއްޔާ… ނޫނީ ކާފައަށް ނިދިގެން ވެއްޓުނީ ހެއްޔެވެ؟ މީހަކަށް ގޮވަންވީ ބާ އެވެ؟

ދެން ހަމަ އެސިކުންތުކޮޅުތެރޭ އަހަރެންގެ ހިތަށް ސިފަވާންފެށީ ކަށްވަޅެވެ. ކާފަގެ ނަޞޭހަތްވެސް ހަނދާންވި އެވެ. “އަހަރެންގެ ރަންކޮޅާ އެވެ. ރޯށެވެ. ﷲގެ ޢަޛާބަށް ބިރުވެތި ވަމުން ރޯށެވެ. އަދި ހުނުން މަދުކުރާށެވެ. ކަށްވަޅުގެ ޢަޛާބު ފެންނަ ހިނދު ދަރިފުޅަށް އޭގެ ނުރައްކާތެރިކަން އިޙްޞާސްވެސް ނުކޮށްލެވޭނެ އެވެ. ﷲ އަށް އުރެދުނު މީހުން ހާދަ ވޭނެއް ތަޙައްމަލު ކުރާނެ އެވެ!” މިހެން ހަނދާންވުމުން އަހަރެން މާ ބިރުގަނެއްޖެ އެވެ.

އަހަރެންގެ ބޮލުގައި ރިއްސަންފެށި އެވެ. ހަވަނަ ޙިއްޞު ގޮވަމުންދިޔައީ މީހެއްގެ އެހީއަށެވެ. އަހަންނަކީ އަންހެން ކުއްޖަކީމެވެ. އަހަންނަކަށް ކެތްކުރާކަށް ހިތްވަރެއް ނުލިބުނެވެ. ޖެހިގެން ހުރިގޭ ކުޑާއްތަ އަށް ބާރަށް ގޮވަމުން އެގޭތެރެއަށް ވަނީމެވެ. އަހަރެންގެ ބަދުނަޞީބުކަމާ އެވެ! ކުޑާއްތަމެން ރޭގައި ބޭރަށްދާން ފުރައިފި އެވެ. އެކަން ހަނދާންވީ އެވަޤުޠެވެ. މަތިނޭވާލެވި، ހިތް ބާރުބާރަށް ތެޅޭ ޙާލު އަހަރެން އެގޭން ބޭރަށް ނުކުތީމެވެ. އޭރު އަހަންނަށް ބާރަށް ގިސްލެވެ އެވެ. އަދިވެސް ރަށަށް ވެރިވެފައިވަނީ ފަޖުރުގެ ފަނޑު އަލިކަމެވެ. އެހެންކަމުން ހުރިހާގޭގެއެއްގެ ދޮރުތައް ވަނީ ތަންޑު އަޅުވާފައެވެ. ނަމަވެސް އަހަންނަށް ޞިފަކުރެވުނީ ހުރިހާ ގެއެއް އެހުރީ އަހަންނަށް ބަންދު ކޮށްފައި ހެންނެވެ.

ކުއްލިއަކަށް އަހަރެން ދުއްވާގަތީމެވެ. ގެއާ ދިމާއަށެވެ. ގެންފައި ހުރި ބިރެއްގެ ސަބަބުން އަހަންނަށް ދުވެވެނީ ވަރަށް ބާރަށެވެ. ހިނދުކޮޅެއްގެ ތެރޭގައި އަހަރެން ހުރީ އަހަރެންގެ ގޭތެރޭގަ އެވެ. ކާފަ އޮތްތަނުގައި އޮތެވެ. ނަމަވެސް މިފަހަރު ކާފަ އޮތީ ދެލޯ ހުޅުވައިގެންނެވެ. އަހަރެން ގަނޑުވި އެވެ. ނަމަވެސް ކާފަ ވާހަކަ ދައްކަން ފެށުމުން އަހަންނަށް ކުޑަވަރެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ.

‘ދަރިފުޅާ އެވެ!’ ކާފަ ގޮވާލި އެވެ. އަހަރެން މަޑުމަޑުން ކާފަ ގާތަށް ދިޔައީމެވެ. ކާފަ އޮތް ގޮތް ފެނުމުން އަނެއްކާވެސް ޖެހިލުންވާން ފެށުނެވެ. ކާފަ ހީވަނީ ތިން ހަތަރު ދުވަހު އެއްޗެއް ނުކައި ހުރި ހެންނެވެ. ނޭވާ ބޭރުކުރާ ވަޤުތު ބަނޑު ހިނދޭއިރު ކާފަގެ މޭކަށިގަނޑު ރީތިކޮށް އެނގެ އެވެ. ލަސްނުކޮށް ކާފަ ގެނެސް އުނދޯލީގައި ބޭއްވީމެވެ. އަދި ލޯތަށްޓަކަށް ފެން އަޅާފައި ކާފައަށް ބޯންދޭން އުޅުނީމެވެ. ނަމަވެސް ކާފަ ބުނީ ކާފަ ހުރީ ރޯދައަށް ކަމަށެވެ. އަހަންނަށް ހައިރާންކަމެއް ލިބުނެވެ. ކުރިން އަހަންނަށް ހީކުރެވިފައި އޮތީ ރޯދަ ހިފަނީ ހަމައެކަނި ރަމަޟާން މަހުގައި ކަމެވެ. ނަމަވެސް އިސްލާމް ދީން ރަނގަޅަށް ދަސްނުވާކަން މިހާރު އަހަންނަށް އެނގުނެވެ. ކާފަ އެހާ ބަލި އިރު ރޯދަ ހިފަނީ ކީއްވެތޯ އަހަރެން ސުވާލު ކުރީމެވެ. ލިބުނީ އަހަރެން ހީކުރި ކަހަލަ ޖަވާބެއް ނޫނެވެ.

ކާފަ ވާހަކަ ދައްކަން ފެށި އެވެ. ‘މަގޭ ދަރިފުޅާ އެވެ! ކާފަ ބައްޔެވެ. ނަމަވެސް ރޯދަ ހިފޭވަރުގެ ޤާބިލުކަން ﷲ އިރާދަ ފުޅުން އެބަހުއްޓެވެ. މަރުވުމުގެ ކުރިން ކާފަގެ ހެޔޮ ޢަމަލުގެ ތިލަފަތް ބަރުކުރަން ކާފަ ބޭނުމެވެ. އޭރުން ދާޢިމީ ޙަޔާތް ބާއްޖަވެރި ވާނެ އެވެ. ދަރިފުޅާ އެވެ! މެންދުރުވާން ވާއިރަށް ވެސް ކާފަ ދުނިޔޭގައި ހުންނާނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތެވެ. އަދި ދަރިފުޅު ވެސް މަރުނުވާނެކަމުގެ ޔަޤީންކަމެއް ކާފަގެ ނެތެވެ. ކުރީން މަރުވާނީ ކާކުކަން ﷲ ފިޔަވާ އެނގޭ އެކަކުވެސް ނުހުންނާނެ އެވެ. މިވަޤުޠު ވެސް ދުނިޔޭގެ ކޮންމެވެސް ހިސާބެއްގެ ކޮންމެވެސް މީހަކު މަރުވެދާނެ އެވެ. އެކަން އަބަދުވެސް ހަނދާންކުރާށެވެ. އޭރުން ﷲ އަށް ބިރުވެތި ވުމަށް ފަޞޭހަވެގެންދާނެ އެވެ.’

ކާފަގެ ވާހަކަ ތަކުން މިފަހަރު އަހަންނަށް އަސަރުކުރީ ކީއްވެ ކަމެއް ޚުދު އަހަންނަކަށްވެސް ނޭނގުނެވެ. އަދި އަހަރެންގެ ދެލޮލުން މިފަހަރު އޮހެންފެށީ ބިރުވެތިކަމާއި، ހިތާމައިގެ ކަރުނަ ތަކެވެ. ކާފަ ވަރަށް ލޯބިން އަހަރެންގެ ކަރުނަތައް ފުހެދިނެވެ.

‘ކާފާ އެވެ! އަހަރެން ނަމާދުކުރަން ބޭނުމެވެ. އަހަރެން އެބަ ބިރުގަނެ އެވެ . ވަރަށް ބިރުގަނެ އެވެ. ކާފާ އެވެ! އަހަރެންގެ ކަލާނގެ އަހަންނަށް މަޢާފުކޮށް ދޭނެ ހެއްޔެވެ؟ އަހަރެން ރަނގަޅުވާން ބޭނުމެވެ…’ އަނެއްކާވެސް އަހަންނަށް ރޮވެން ފެށުނެވެ.

ކާފަ އަހަރެންގެ ބޮލުގައި ފިރުމާލި އެވެ. ކާފަވެސް ރޯކަން އިނގުނީ ކާފައާއި ދިމާއަށް ބަލާލި ވަގުތެވެ .

‘އަހަރެންގެ ލޯބިވާ ދަރިފުޅާ އެވެ! ﷲގެ ރަޙްމަތުން އުންމީދު ކަނޑާލުމަކީ ކޮށްގެންވާނެ ކަމެއްނޫނެވެ. އަހަރެމެންނަކީ ކުށް ކުރެވޭނެ ބައެކެވެ. ކުރެވޭ ކުށްތަކަށް ތަޢުބާ ވުމަކީ ﷲ ރުއްސަވާ އެއް ޞިފަ އެވެ. މިހާރުއްސުރެން ފެށިގެން ހެޔޮ ޢަމަލު ކުރުން ގިނަ ކުރާށެވެ! ނަމާދު އޭގެ ވަޤުތުގައި ބަރާބަރަށް ކުރާށެވެ! އަދި އެހެން މީހުންނަށް ހެޔޮ ޢަމަލު ކުރުމަށް ހިތްވަރު ދޭށެވެ.

‘މިހާރު ގަޑިން ހައެއް ޖަހަނީ އެވެ. އަދިވެސް ވަޤުޠު އެބަ އޮތެވެ. ނަމާދު ކޮށްލާށެވެ. އަދި އެއަށްފަހު ﷲގެ ހަޟްރަތުގައި ދުޢާ ދަންނަވާށެވެ.’

އަހަރެން ކާފަ ބުނި ގޮތަށް ޢަމަލު ކުރީމެވެ. ދެއަތް މައްޗަށް ނަގާ ﷲގެ ހަޟްރަތުގައި ދުޢާ ދެންނެވި އިރު އަހަރެންގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ އޮހުނެވެ. ނަމަވެސް އެއީ ނަމާދުގެ ސަބަބުން އަހަންނަށް ލިބުނު އުފާވެރިކަމެއްގެ ސަބަބުން އޮހުނު ކަރުނަ އެވެ. ކުއްލިއަކަށް އަހަންނަށް ހީވީ އަހަރެންގެ ބޮލުގައިވާ ހުރިހާ ހާސްކަމެއް އުދުހިގެން ދިޔަހެންނެވެ. އެހާވެސް ފަޞޭހަވި އެވެ. ހަމަ އެވަޤުތު އަހަރެންގެ ބޮލުގައި އަޅާފައި އޮތް ޙިޖާބު އަބަދަށްޓަކައި އަޅައިގެން ހުންނަން ބޭނުންވި އެވެ. އޭގެން އަހަންނަށް ބުނެދޭން ނޭނގޭ ފަދަ ޙިމާޔަތެއް ލިބޭކަން އިޙްޞާޞް ކޮށްލެވުނެވެ. ހަމަ އެވަޤުތު އަހަރެންގެ ހުއްދަ ހޯދުމަށްފަހު ކާފަ ކޮޓަރިއަށް ވަނެވެ. ކާފަގެ އަތުގައި ޚަޠިމަކާއި ތަރުޖަމާއެއް އޮތެވެ. ކާފަ އަހަންނަށް ދިނީ ތަރުޖަމާ އެވެ. އެއަށްފަހު އެކިޔާލުމަށް ބުނަމުން ކާފަ ދިޔައީ އުނދޯއްޔަށެވެ. އަހަރެން ކޮޓަރި ކުޑަދޮރު ކައިރީގައި ހުރި މޭޒުކައިރީ އިށީނއިނީމެވެ . އެތަނުން ކާފަ އިން އުނދޯލި ވަރަށް ރީތިކޮށް ފެންނާނެ އެވެ. އެކަމުން އަހަންނަށް ހިތްހަމަޖެހުން ލިބުނެވެ.

ޝައުޤުވެރިކަމާއި އެކު އަހަރެން ތަރުޖަމާ ކިޔަން ފެށީމެވެ. އެންމެ ފުރަތަމަ ފެނުނު ޞަފްޙާ އެވެ. ކިޔަމުން ގޮސް އާޔަތަކާ ހަމައިން އަހަރެންގެ ހިތް ބިރުގަންނުވާލައިފި އެވެ. އެއީ الجمعة ސޫރަތުގެ 8 ވަނަ އާޔަތެވެ:

“ކަލޭގެފާނު ވިދާޅުވާށެވެ. ފަހެ ތިޔަބައިމީހުން އެއެއްޗަކަށް ބިރުން ފިލަން ތިޔަ ދުވާ މަރު އައިސް ތިޔަބައިމީހުންނާއި ބައްދަލުކުރާނޭކަން ކަށަވަރެވެ. އެއަށްފަހު ޣައިބާއި ފާޅު ދެނެވޮޑިގެންވާ ފަރާތްކަމުގައިވާ ﷲ ގެ ޙަޟްރަތަށް ތިޔަބައިމީހުން ރައްދުކޮށް ޙަވާލު ކުރެވޭނެއެވެ. ފަހެ ދުނިޔެމަތީގައި ތިޔަބައިމީހުން ކޮށްއުޅުނު ކަންތައްތަކުގެ ޚަބަރު ތިޔަބައިމީހުންނަށް އެއިލާހު ދެއްވާނެއެވެ.”

އަހަންނަށް ހީވީ މިއީ އަހަންނަށް ނިޞްބަތް ކޮށްފައިވާ ޢިބާރާތް ކޮޅެއް ހެންނެވެ. އަދި ފަރާތަކުން އަހަރެންގެ ޢަމަލުތައް ބައްލަވާ ވޮޑިގެންވާކަން ވެސް އަހަންނަށް ޤަބޫލު ކުރެވުނެވެ. އެހެން ދިމާއަކުން ކިޔަން ފެށީމެވެ. މިފަހަރު އަހަރެންގެ ހިތް ރޮއްވީ އެވެ. އެއީ الزمر ސޫރަތުގެ 53 ވަނަ އާޔަތެވެ.

“ކަލޭގެފާނު ވިދާޅުވާށެވެ. އޭ ތިމަން ﷲ ގެ އަޅުތަކުންގެ ތެރެއިން އެބައެއްގެ ނަފްސުތައް ފާފައިން އިސްރާފު ކޮށްފައިވާ އަޅުތަކުންނޭވެ. ތިޔަބައިމީހުން ﷲ ގެ ރަޙްމަތުން އުންމީދު ކަނޑާނުލާށެވެ. ހަމަކަށަވަރުން ﷲއީ ހުރިހާ ފާފައެއް ފުއްސަވާ އިލާހެވެ. (އަދި) ހަމަކަށަވަރުން އެއިލާހަކީ ގިނަގިނައިން ފާފަ ފުއްސަވާ، ރަޙީމްވަންތަ އިލާހެކެވެ.”

އަހަރެންގެ ކަރުގައި ބޮޑު ގޮށްގަނޑެއް ތާށިވެފައިވާ ކަހަލަ އެވެ. ﷲ އީ ކިހާ އޯގާވަންތަ ކަލާނގެ އެއް ހެއްޔެވެ؟ ޙަޔާތުގައި ފުރަތަމަ ފަހަރަށް އަމިއްލައަށް ކުރެވުނު ކުށްތަކަށް ތަޢުބާވީމެވެ. ދެލޮލުން ކަރުނަ އޮހޮރޭ ޙާލުގަ އެވެ. އަހަންނަށް ވަމުންދިޔަ ގޮތް ޚުދު އަހަންނަކަށް ވެސް ނޭނގެ އެވެ. މިއީ އަހަރެންގެ ޙަޔާތުން ދުވަހެއްގައިވެސް ތަޖުރިބާ ކުރެވުނު އިޙްޞާޞް ތަކެއް ނޫނެވެ.

ދެލޮލުން ކަރުނަ ފުހެމުން ކާފައާ ދިމާއަށް އަހަރެން ބަލާލީމެވެ. އޭރު ކާފަ އޮތީ އުނދޯލީގައި އޮށޯވެގެންނެވެ. މޭމަތީގައި ޚަތިމް އޮތެވެ. ކާފަގެ ދެއަތް އޮތީ ޚަޠިމްގައި ހިފަހައްޓާފަ އެވެ. ނަމަވެސް ވީއްލެން ކައިރިވެފަ އެވެ. ކާފަ އަށް ނުގޮވީ ކާފަ އަށް އަރާމުކުރަން ފުރުޞަތު ދޭންވެގެންނެވެ. އަނެއްކާވެސް ކިޔަވަން ފެއްޓީމެވެ. ޒުމަރު ސޫރަތުންފެށިގެން އައް ޝޫރާ ސޫރަތާ ހަމައަށް ކިޔެވުނުއިރު މެންދުރު ވަނީ އެވެ. ޤުރުއާން ތަރުޖަމާ ލައްޕާލުމަށްފަހު އަހަރެން ތެދުވީމެވެ. އޭރު އުނދޯލީގައި ކާފައެއް ނެތެވެ. ޚަޠިމް އޮތީ ކައިރީގައި ހުރި ލަކުޑި މޭޒުމަތީގައި ބާއްވާލާފަ އެވެ. ގޭގައިވެސް ކާފަ ނެތީމައި އަހަރެން ކުޑަކޮށް ހައިރާންވި އެވެ. އެންމެ ބޮޑަށް ހައިރާންވީ ގޭކައިރީ އަވަށްޓެރިންތައް ގޭދޮށުގައި އުޅޭތީ އެވެ.

މިމީހުން މި ކުރަނީ ކީއްތޯ ބަލާލުމަށްޓަކައި އަހަރެން ކޮޓަރިން ނުކުތީމެވެ. އެވަޤުޠު އަހަރެންގެ ދަންނަ އެކުވެރިއެއް ކަމަށްވާ ފަރަޙަ އާއި ދިމާވި އެވެ. އޭނާގެ މޫނުމަތީގައި ހީވަނީ ހިތާމައިގެ ސާލެއް އަޅާފައިވާ ހެންނެވެ. އެ ހިނިތުންވުމުގައި ވަނީ ހިތިކަމާއި ޙަމްދަރުދީ އެވެ. ފަރަޙަ ފެނުމާއިއެކު ކަންތައް ވަރަށް ގޯސްވެއްޖެކަން އަހަންނަށް ވިސްނުނެވެ. ހިތުގެ ތެޅުން ހީވީ ހިނދުކޮޅަކަށް ނަމަވެސް މަޑުޖެހިލި ހެންނެވެ. މިވަނީ ކީއްތޯ އަހަރެން ސުވާލުކުރީމެވެ.

އެންމެ ފުރަތަމަވެސް ފަރަޙަގެ ދުލުން ބޭރުވީ އަންނަނިވި ޢިބާރާތް ކޮޅެވެ؛

‘ أنا لله وأنا إليه راجعون… ތިބާގެ ކާފައަށް ރަޙްމަތް ލައްވާށި އެވެ!’

އަހަންނަށް ހީވީ އަހަރެންގެ ފައިދަށުން ބިންގަނޑު ކެހިގެން ދިޔަ ހެންނެވެ. މޫނުމައްޗަށް އަނދިރިވާގޮތް ވާންފެށި އެވެ. އަޑުން އަޑުނަގާ ރޯން ހިތަށް އެރި އެވެ. ނަމަވެސް އަޑެއް އިއްވާނުލެވުނު ތާނގައި ފަރާތަކަށް ގުޑިވެސް ނުލެވުނެވެ. މީގެ ދެތިން މިނެޓެއްހާއިރު ކުރެވުނު ހީ ޔަޤީނަށް ބަދަލުވެއްޖެ އެވެ. އާއެކެވެ. އަހަރެންގެ ލޮބުވެތި ކާފަ ދާޢިމީ ގޮތަކަށް ގެއްލުނީ އެވެ. އަބަދުގެ އަބަދަށް ވަކިވީ އެވެ. ކާފަވީ އަހަންނަށް ތެދުމަގު ދެއްކުމަށް ދުނިޔެއަށް ފޮނުއްވި ސަބަބެއް ކަމުގަ އެވެ. ހެއްދެވި ފަރާތް މަތިން ހަނދުމަ ކުރުމަށް އެހީވެދިން ފަރާތްކަމުގަ އެވެ. މަރުގެ ބިރުވެރިކަމާއި ވަޤުޠުގެ މުޙިންމުކަން އަންދާޒާ ކޮށްދިން އަޅުވެރިޔާ ކަމުގަ އެވެ. އެހިނދު ކާފަގެ ބަސްތައް ހަނދާންވާން ފެށި އެވެ.

‘…ދަރިފުޅާ އެވެ! މެންދުރުވާން ވާއިރަށް ވެސް ކާފަ ދުނިޔޭގައި ހުންނާނެކަމުގެ އެއްވެސް ޔަޤީންކަމެއް ނެތެވެ. އަދި ދަރިފުޅު ވެސް މަރުނުވާނެކަމުގެ ޔަޤީންކަމެއް ކާފަގެ ނެތެވެ. ކުރީން މަރުވާނީ ކާކުކަން ﷲ ފިޔަވާ އެނގޭ އެކަކުވެސް ނުހުންނާނެ އެވެ. މިވަޤުތު ވެސް ދުނިޔޭގެ ކޮންމެވެސް ހިސާބެއްގެ ކޮންމެވެސް މީހަކު މަރުވެދާނެ އެވެ. އެކަން އަބަދުވެސް ހަނދާންކުރާށެވެ. އޭރުން ﷲ އަށް ބިރުވެތި ވުމަށް ފަސޭހަވެގެންދާނެ އެވެ.’

ކާފަގެ މިޖުމުލަތައް އަހަރެންގެ ކަންފަތުގައި ގުގުމަމުންދިޔަ އެވެ. މިނެޓެއްތެރޭ ހިތަށްއެރި ތަކެއްޗާއެކު މަޑުމަޑުން އަހަރެންގެ ގައިން ވާގި ދޫވާންފެށި އެވެ. މުޅިތަން އަނދިރިވަމުން ގޮސް އެއްކޮށް ކަނު އަނދިރި ކަން ވެރިވެގަތެވެ.

***********************************

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Faxoo

Level 310 Stories100 Comments500 Comments

Other Articles

Previous

ޝެރިން (3ވަނަ ބައި)

Next

ހިޖުރަ (ތެއްތިރީސްވަނަ ބައި)

Next
October 5, 2015

ހިޖުރަ (ތެއްތިރީސްވަނަ ބައި)

Previews
October 5, 2015

ޝެރިން (3ވަނަ ބައި)

12 Comments!

  1. Faxoo says:
    October 5, 2015 at 9:04 pm

    To all my readers, mivaahaka aky kurin Dhivehi Vaahaka Site gai shaairu koffaivaa vaahaka eh. ehen namaves dhen mivaahakaige kuriah oi baithah genesdheyny esfiya site in ?so, i hope you will like this ?

  2. shaakko says:
    October 5, 2015 at 9:14 pm

    V reethi mi vaahaka.

  3. Nazoo says:
    October 5, 2015 at 9:37 pm

    V reethi vaahaka eh ..Masha allah.

  4. yer says:
    October 6, 2015 at 11:06 am

    Masha allah.v.reethi.abadhuves thikahalavaahaka genesdhybala.v.happy ayhathaka eky maanaves genesdhinythyve..

  5. mal says:
    October 6, 2015 at 1:33 pm

    V.reethi

  6. shaby says:
    October 6, 2015 at 2:22 pm

    Really nice story upload the next part please

  7. sharu says:
    October 7, 2015 at 11:38 am

    mikahala dheeny story vvv kiyr hiyyvey pixx apload nxt part

  8. nazi says:
    October 8, 2015 at 4:58 pm

    vara reethi waiting 4 next part

  9. shim says:
    October 8, 2015 at 8:03 pm

    v reethi waiting 4next part

  10. Axoo says:
    October 8, 2015 at 11:51 pm

    Loathahttaky dholangu gothah hunna ehcheh. Fen alhaany loavattah ingey. Dhen faharakun rangalhukollathi.

    1. Faxoo says:
      November 16, 2015 at 6:17 pm

      thanx ?

  11. Mary says:
    October 20, 2015 at 8:03 am

    V rythi iburaiytheri vahakaeh….

Comments are closed.

Next Episodeﷲ މަތިން ހަނދުމަ ކުރުން (2ވަނަ ބައި)←


All Right Reserved!