ރިޔާޝްގެ ސައިކަލު ފަހަތުގައި އިން ރިއާޝް އިރުއިރުކޮޅާ ބޮޑުބެރު ލަވައެއް ކިޔާލައެވެ. އެއާއި ވިއްދައިގެން ރިޔާޝް ވެސް ލަވައިގެ އަނެއްބައި ކިޔާލައެވެ. މަގުމަތިން އެއްޗެއް ފެންނަ އިރަށް އެ އެއްޗަކާއި ގުޅުވައިގެން ލަވަ ހަދަހަދައިގެން ވެސް ކިޔައެވެ. ގެއިން ނައްޓާލީންސުރެން ސްޓޫޑިއޯ އާއި ހަމައަށް ދެވެން ދެންވެސް އެ ދެމީހުން ތިބީ އެގޮތުގައެވެ. “އޭ އޭ އޭ އާޝް ބްރޯ….. ޔާޝް ދޮންބޭ… ރައްނު ސާޖަރީ އެއް ހަދަނީ އޯ… ޑޮކްޓަރު ނައިންޓީ ނައިން ޕަސެންޓް ޔަގީން ކަން ދީފިއޯ…. ދެން އެއްމަސް ފަހުން އަންނާނެ އޯ…. އަޅޭ… ވާއު.. ވީ ކޭން މީޓް ހާ ވެރީ ވެރީ ސޫންންން…” ރިޔާޝް މެން އައިސް ސްޓޫޑިއޯ އަށް ވަން ތަނާ ރީޝާ ހަޅޭއްލަވައިގަތެވެ. އެ ކުއްޖާ ފުޅުގެ ދެލޮލުން އުފަލުން ގޮސް ކަރުނަ އާދެއެވެ. ނަޔާ އާއި ދެމީހުން ބައްދަ ބައްދާފައި ރުޔެވެ. އަހުޝަމް އާއި ރިޔާޝް އުފަލުން ނެށިއެވެ. ރިއާޝް ހުރީ ކުރާނީ ކީތްކަމެއް ނޭނގިފައެވެ. ރަނާގެ ސާރޖަރީ އަށް ޑޮކްޓަރު ދިނީ ނުވަދިހަ ނުވަ އިންސައްތަ ޔަގީންކަމެވެ. ވީއިރު ބާކީ އަދި އެއް އިންސައްތަ އެބައޮތެވެ. އެކަމާ އޭނާ އިންތިހާއަށް ދެރަވިއެވެ. ރަނާ އަށް އަވަހަށް ރަނގަޅު ވެވޭތީ އިންތިހާއަށް އުފާ ވެސް ވިއެވެ. އެ ދެ އިޙްސާސް މައްސުނި ވެގެން އޭނާގެ ތުންފަތަށް ވެރިވީ މަޢުނަވީ ހިނިތުންވުމެކެވެ. ރަނާ އަށް ހެޔޮ ދުޢާ ކުރަމުން އޭނާ ވެސް އަހުޝަމް މެންނާއި އެކު ފުމެން ފެށިއެވެ.
**************
ދަންވަރު ބާރަ ޖެހުމާއި އެކު ފަޓާހެއް ގޮވިއެވެ. އެއީ އާދައިގެ ފަޓާހެއް ނޫނެވެ. މުޅީން އާދަޔާއި ޚިލާފު ފަޓާހެކެވެ. އެއީ ފުށް ފަޓާހެކެވެ. “ހެޕި ބާރތްޑޭ ޓޫ ޔޫ… ހެޕީ ބާރތްޑޭ ޓޫ ޔޫ… ހެޕީ ބާރތްޑޭ ޑިއަރ ނާޔާ…. ހެޕީ ބާރތްޑޭ ޓޫ ޔޫ..” އެ ފަޓާސް ގޮވީ ކޮމެޑީ ލޭންޑްގެ ސްޓޫޑިއޯ ތެރެއިންނެވެ. އާނއެކެވެ. މިއީ ނަޔާގެ އުފަންދުވަހެވެ. މިމީހުން ލައްކަ ފޯރި އަރުވާލާނެ ތާއެވެ. ކޭކު ފަޅާ ކައި ހެދިއިރު ކޭ އެއްޗިއްސަށްވުރެ ގިނައީ ނަޔާގެ ގައިގައި އުނގުޅި އެއްޗިއްސެވެ. އެ ސަކަރާތް ނިމިގެން ހެނދުނު އޮތީ މޫދަށް ދިއުމެވެ. ނަޔާގެ ގަޔަށް ކުނި ބިސް ޖަހާ، އެ ކުއްޖާ ފަކީރު މޫދަށްލާ، އެ މަންޖެ އަށް ނުކުރާ ވަރެއް ނެތެވެ. “އޭ އަދި މި ނިމުނީކީ ނޫން އިނގޭ…” ފީނާލާފައި އައިސް މައްޗަށް އަރަމުން ރިޔާޝް ބުންޏެވެ. “އުހޫން ދެން ހެޔޮ ނުވާނެ… މިހާރު މަގޭ ގައިގައި ވެސް ދުވަނީ ފާ އަހި ވަސް…” ދެއަތް މައްޗަށް ހިއްލާލަމުން ނަޔާ ބުންޏެވެ. “އުހޫންންން…” އެހެން ކިޔާފައި ގޮސް ރިޔާޝް ރީޝް އުފުއްލާލިއެވެ. “ވިލް ޔޫ މެރީ މީ؟…”ރީޝާ ހަޅޭއްލަވައި ގަތުމުގެ ކުރިން ރިޔާޝް ހަޅޭއްލަވައި ގަތެވެ. ދެލޯ ބޮޑު ކޮށްގެން ރީޝާ އަށް ރިޔާޝް އާއި ދިމާއަށް ބަލަން ހުރެވުނެވެ.” ޔެސް މަރިޔަމް ރީޝާ ޝަރީފް…. ވިލް ޔޫ މެރީ މީ؟” މޫދުގައި ކުޑަކޮށް އެނބުރިލަމުން އަނެއްކާވެސް ރިޔާޝް ސުވާލު ތަކުރާރު ކޮށްލިއެވެ. “ކަލޯ ގަޔާ… އާންންން… މަ ކަލެއާ އިންނާނަންންން…” ރިޔާޝް ސަމާސާ ކުރަނީ ކަން އެނގުމުން ރީޝާ ވަރަށް މަޖާ ވެލާފައި ބުންޏެވެ. “ވޫހޫ…. ޔޭ ޔޭ ފައިނަލީ… ފައިނަލީ.. ކޮން އިރަކުން ސައި؟؟…”ފެންގަނޑުގައި ބަކަ ތަޅާލާފައި އަހުޝަމް ހަޅޭއްލަވައިގަތެވެ.” އާން އެކޭ ކަލޯ ގަޔާ… ޕިސް އެކަމް އިންނަން އެހި ގޮތް ކަޑަ އެނގޭ… އެއްވެސް އިންޓްރެސްޓިންގ އެއް ނެތް… ” އަހުޝަމްގެ ކޮނޑަށް އަތް ވައްޓާލަމުން ރިއާޝް ޗޮކެއް ކަނޑާލިއެވެ. “ހޫންންން.. މީނަ މަށަށް ވުރެ ވެސް ގަޅި… ގަމާރު ގަންޖާ… މީ ބޮޑު ރޮކްސްޓާރ އެކޯ.. އެކަމް އެހެރީ ބިޓު ކައިރީ އިންނަން އެހި ގޮތް… ކީތްތަ ވާނީ އަޅެ ލަވަ އަކުން ދުއްވާލި ނަމަވެސް…” ހަށަން ބަނދެލަމުން ރީޝާ ތުން އަނބުރާލިއެވެ. “ދެން އަޅެ މިގޮތް ސްޕެޝަލް އެއް ނޫންތަ؟ މަންޖެ ބަލާ މި ޤައުމުގެ އެކަކުވެސް މޫދު ތެރޭގައި އިންނަން އަހާފަ އެބަހުރި ތޯ.. ނުހުންނާނެ…” އިސްތަށިގަނޑުގައި އަތް ފުނާ އަޅާލަމުން ރިޔާޝް ބުންޏެވެ. “ހޫން ހޫން ހެވޭ ދެން.. ބަފާ ކައިރިއަށް ވަލީ ހޯދަން ދާން ހަދާ އަވަހަށް…” ރީޝާ އެހެން ބުނުމާއި އެކު އަހުޝަމް އާއި ރިއާޝް އަދި ނަޔާ އެއާ ގުޅުވައިގެން ލަވަ ކިޔަން ފެށި އެވެ.
ހޯމަ ދުވަސް ކައިރިވަމުން އައި ވަރަކަށް ޝަރީފް ދިޔައީ ހާސް ވަމުންނެވެ. ނިޔާޒު އަށް ރީޝާ ފެންނަން ވެސް އޭނާ ބޭނުން ނުވާއިރު ނިޔާޒު އަށް ރީޝާ ބައްދަލު ކުރުވަން އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ؟ ވަސީމާ އާއި ދެމީހުން އެކަމުގެ ހާސްކަމުގެ ތެރޭގައި ތިއްބާ ރިޔާޝް އެގެއަށް އައެވެ. ރިޔާޝް އަށް އިށީނުމަށް އިޝާރާތް ކުރަމުން ވަސީމާ ރީޝާ އަށް ގޮވަން ދިޔައެވެ. ރިވާ އާއި އެކު ރީޝާ ކޮޓަރިން ނުކުމެގެން އައިސް ސޯފާގައި އިށީނެވެ. ރިޔާޝް އާއި ދިމާއަށް ވައްތަރެއް ޖައްސާލަމުން ރީޝާ ރިވާގެ ކަންފަތް ބުޑުގައި ކޮންމެސް އެއްޗެކޭ ބުނެ ފާޑަކަށް ހޭން ފެށިއެވެ. ރީޝާ އޭނާގެ މަސް ކަނީ ކަން އެނގުމުން ދެރަ ނުވާން ވެގެން ރިޔާޝް ކަރުކެހިލާފައި އޭނާގެ ވާހަކަ ފެށިއެވެ. “އެހެއެހްމް… އަނެއް މީ ޝަރީފް ބޭ… އަޅުގަނޑުމެން ބޭނުން ވަރަށް އަވަހަށް ކައިވެނި ކުރަން…” ހަމަ ސީދާ ރީޝާގެ މޫނަށް ބަލަން އިނދެ ރިޔާޝް ބުނެލިއެވެ. ރިޔާޝް ހީކުރި ގޮތަށް ރީޝާގެ ދެލޯ ބޮޑުވި އެވެ. އަނގަ ހުޅުވުނެވެ. “ކައިވެނި؟..ހަމަ އަވަހަށް ކުރަންވީ… ލަސް ކުރާނެ ކަމެއް ނެތް…” ރިޔާޝް ހީކުރި ގޮތަށް ޝަރީފް ކައިވެންޏާއި މެދު އެއްބަސް ވިއެވެ. “ދަރިފުޅުމެން ހަމަ ދުވަހެއް ކަނޑައަޅާފައި ބުނަންވީ… ދެން ހުރި ކަންތައްތައް ބައްޕަމެން ހަމަޖައްސާނަން…” ހިނިތުން ވެލަމުން ޝަރީފް ބުންޏެވެ. “އަޅުގަނޑުމެންނަށް އޯކޭ މިމަހު 15 ގައި ރަން ކިޔާފައި ހަފްތާއެއް ފަހުން ކައިވެނި ކުރެވުނަސް.. ދޯ ރީޝް؟” އެންމެ އަވަހަށް ދުލަށް އައި ތާރީޚު ބުނެލަމުން ރިޔާޝް ރީޝާ އަށް ދޯ އެއް ދިނެވެ. ވާނުވާގައި އިން ރީޝާގެ ސިކުނޑި މަސައްކަތް ކުރަން ފެށީ ވެސް ދެނެވެ. “އެހެންވިއްޔާ އަދި ރިޔާޝް ބައްޕަމެންނާއި ވާހަކަ ދައްކަން ޖެހޭނެތާ؟” ލޮލުގައި އިން އައިނު ނަގައި ޖީބަށް ޖަހާލަމުން ޝަރީފް ބުންޏެވެ. މި ވަގުތަށް ދައްކަން ޖެހޭ ކައިވެނީގެ ހުރިހާ ވާހަކައެއް ދެއްކުމަށް ފަހު ރިޔާޝް އެ ގެއިން ނުކުތީ ރީޝާގެ ބަސް ހުއްޓުވާލާފައެވެ. ރިޔާޝް އިންނަން އެހި އިރު ވެސް އެއީ އޭނާ ސީރިއަސް ކޮށް އެހި އެއްޗެއް ކަމަކަށް ރީޝާ ހިއެއް ނުކުރެއެވެ. ރީޝާ ހީކުރީ އެއީ ހަމަ ރިޔާޝް ޖެއްސުމަށް އެހި އެއްޗެއް ކަމަށެވެ. ނަމަވެސް އެންމެފަހުން މިއޮތީ ކައިވެންޏާ ހަމައަށް އާދެވިފައެވެ.
ދެ ޢާއިލާ ތިބީ ރިޔާޝް މެންގެ ގޭގައެވެ. ކައިވެންޏާ ބެހޭ އެންމެ ފަހުގެ މަޝްވަރާ ކުރުމުގައެވެ. އެންމެން ވެސް ހިތްހަމަޖެހިފައި ތިބި އިރު ރީޝާ އަދިވެސް އިނީ އެކަން ހަޖަމު ނުކުރެވި ފައެވެ. އެހާ އަވަހަށް އޭނާގެ ކައިވެނި ކުރެވެން އުޅޭތީ ރީޝާ އަށް ހީވަމުން ދިޔައީ އޭނާ ހޭލާ ހުރެގެން ހުވަފެން ބަލަނީ ކަމުގައެވެ. ބަދިގެއަށް ވަން ރީޝާ ފަރީދާ އަށް ހިނިތުން ވެލިއެވެ. ބަދަލުގައި ފަރީދާ ރީޝާ އަށް ފެންތައްޓެއް ދިއްކޮށްލުމަށްފަހު ތަށި ތަކަށް ޖޫސް އަޅަން ފެށިއެވެ. ފަރީދާގެ އެ ޢަމަލުން ރީޝާ ކުޑަކޮށް ހައިރާން ވިއެވެ. ނަމަވެސް އެއްޗެކޭ ނުބުނެ އެހީގެ އަތެއް ފަރީދާ އަށް ދިއްކޮށްލެވޭތޯ އޭނާ ބެލިއެވެ. “ދީ މަ… ދައްތާ އަޅުގަނޑު ގެންދާނަން…” މަންމަ އޭ ބުނަން އުޅެފައި ވެސް ދައްތައޭ ބުނީ ފަރީދާ ހިތްހަމަ ނުޖެހިދާނެތީއެވެ. ދެކޮޅު ހެދުމެއް ނެތި ފަރީދާ ތަށިތައް ތަބަކަކަށް އަޅާފައި ދިނުމުން އެ ހިފައިގެން ރީޝާ ސިޓިންރޫމަށް ދިޔައެވެ. ރީޝާ ނުކުމެގެން ދިޔަ ދިމާއަށް ބަލަން ހުރި ފަރީދާ އަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ. ރީޝާ ހަމަ ފެންނަ އިރަށް އޭނާގެ ހިތަށް ނުބައި ވަސްވާސް ތަކެއް ވެރިވެގަންނަނީ ކީއްވެ ހެއްޔެވެ؟ ބުނެދޭން ނޭނގޭ އުނދަގުލެއް އޭނާއަށް ވަނީ ކީއްވެ ހެއްޔެވެ؟ މާޒީގެ ހިތި ހަނދާންތައް އާވެގަންނަނީ ކީއްވެ ހެއްޔެވެ؟. އެކަމާއި މެދު އޭނާގެ ހިތުގައި ޝައްކު އުފެދެނީ ކީއްވެ ހެއްޔެވެ؟.
ސެޕްޓެމްބަރު މަހުގެ 15 ވީ ހޯމަ ދުވަހެވެ. ރަސްފަންނު ސަރަހައްދު ރަންކިޔުމުގެ ޙަފްލާ އަށް ތައްޔާރު ކުރެވެމުން ދަނީ އެވެ. ކޮމެޑީ ލޭންޑްގެ ހުރިހާ ކުދިން އެ ކަމުގައި ހަރަކާތްތެރި ވަމުން ދިޔައެވެ. ދޭތެރޭ ދޭތެރެއިން ކޮންމެ މީހަކު ވެސް ރިޔާޝް އާއި ރީޝާ އަށް ދިމާކޮށްލައެވެ. ކިރިޔާ ވެސް ވަގުތެއް ވާއިރަށް އަހުޝަމް އާއި ރިއާޝް ލަވަ އަކާއި އެކު ނަށާލައެވެ. ނަޔާ ހުންނަނީ އަނގައިން ދިމާ ކޮށްކޮށެވެ. ކަޑަ ނުވާން ވެގެން ރީޝާ އާއި ރިޔާޝް ވެސް އެމީހުންނާއި އެކި މީހުން އަޅުވާ ކިޔައެވެ. ރީޝާގެ ޢާއިލާ އިން އައިސް އުޅޭ ޒުވާން ސޮރަކާއި ނަޔާ އާއި އަޅުވާ ކިޔެވެ. ނަޔާ އާއި އެ ސޮރާއި ގުޅުވައިގެން ރިޔާޝް ލަވަ ހަދަހަދައިގެން ކިޔެވެ. ހަވީރު ވީއިރު ރަސްފަންނުގެ ވަކި ހިސާބަކުން ވަނީ ދިވެހި ވަންތަ ގޮތަކަށް ރުކުގެ ބާވަތްތަކުން ޖަރީ ކުރެވިފައެވެ. ކުޑަ އުނދޯއް ބަހައްޓާ ފަނާއި އިލަ އާއި އެތުމަލާއި ދެން ވެސް ހުރިއްޔާ ހުރި އެއްޗަކުން މުޅި ތަން ވަނީ ޒީނަތްތެރި ކުރެވިފައެވެ. ދިވެހި ވަންތަކަން ވަރަށް ވެސް ބޮޑަށް އެތަނުން ހާމަވެއެވެ. ޑެކަރޭޓަރު ރިހުލާ ހަމަ މޮޅިއްޔެވެ.
އަތްދިގު ހުދު ގަމީހަކާއި ގޮޅިޖެހި ހުދު މުންޑެއް ގައި ހުރި ރިޔާޝް ހަތަރު ކަންކަށިމަތިން ދިވެހި ދަރިއެއް ހެން މިއަދު އެބަ ހީވެއެވެ. އަބަދު ރޮކްސްޓާ ވެގެން ބޮޑެތި ޖެކެޓާއި މީދާ ކައިފައި ހުންނަ ޖިންސު ލައިގެން އުޅޭ ރިޔާޝް މިއަދު ހަމަ މުޅީން ބަދަލު ވެއްޖެއެވެ. ކަންފަތު ފޫޅުން ތިރިއަށް ފައިބާފައި އޮތް އިސްތަށިގަނޑު މިއަދު ވަނީ ޖެލް ހާކާ ހާކާ ގެންގޮސް ފަހަތަށް ތަތް ކޮށްފައެވެ. އަރައިގެން ހުރީ ފެންފައިވާނަކަށް ކަމުން އަހުޝަމް މެން ހެސްކިޔާފައި ދިމާކުރަމުން ދިޔައެވެ. “ޕިސް ޕިސް މިހާރު ހީވާ ގޮތެއް ދޯ… އަދި ނޭނގެ ރީސައި ޖަހާނީ ކޮން ސިފައެއް ކަމެއް…” އަނގަޔަށް ވައްތަރު ޖައްސަ ޖައްސާފައި އަހުޝަމް ރިޔާޝް އަށް ދިމާކުރުމައިގެން ކުރިއަށް ދިޔައެވެ. އަނެއްކާވެސް ކޮންމެވެސް އެއްޗެކޭ ބުނަން ހުޅުވާލި އަހުޝަމްގެ އަނގަ ލެއްޕުނީ ރިޔާޝްގެ ނަޒަރު އެއްދިމާލަކަށް ހުއްޓިފައި ހުރިހެން ހީވުމުން ނެވެ. ބުމަ އަރުވާލަމުން އޭނާ ފަހަތް ބަލައިލީ ރިޔާޝް މާވަރަކަށް އެ ބަލަނީ ކޯއްޗަކާއި ދިމާލަށްތޯ ބެލުމުގެ ނިޔަތުގައެވެ. ވަސީމާ އަދި ނަޔާ މެންނާއި އެކު އެދިމާއަށް އަންނަމުން ދިޔަ ރީޝާ އޭނާގެ ލޮލުގައި އަޅައިގަތީ ދެނެވެ. ހުދު ލިބާހަކާއި އެކު ލައިގެން ހުރި ކަނޑިކި އެއްއަތުން ހިއްލާލައިގެން ދިވެހި ވަންތަ ހިނގުމެއްގައި ރީޝާ އެދިމާއަށް އަންނަމުން ދިޔައެވެ. ފަށުވި ކަމާއި އެކު އަތުން ގަތާލެވިފައިވީ ލިބާހު ބޯވަޅުގެ މަތިން ރަން ފަށްޓަރުބައެއް އަޅާފައި އޮތެވެ. އޭނާގެ ބޮޑު އިސްތަށިގަނޑު ވަނީ އެއްފަރާތަކަށް ގެންގޮސް ހުޅިޖަހާފައެވެ. ތުންފަތުގައި ފަވާލެވިފައިވީ ރަތް ކުލައާއި އެކު މޫނު މަތިވެސް ލުއި މޭކަޕަކުން ވިދަމުން ދިޔައެވެ. “ސުބްހާނަﷲ… ސަންތިމަރިޔަނބު މިތާ ކޮން ވަޑާމެއްބާ؟” ދެލޯ ބޮޑުކޮށްގެން ހުރެ އަހުޝަމް ޖެއްސުމުގެ ރާގަކަށް އަހާލިއެވެ. އެއާއި އެކު ތުން އަނބުރާލާފައި ރީޝާ ގޮސް ރިޔާޝްގެ ކައިރީ ހުއްޓުނެވެ. ރީޝާ އައިސް އޭނާގެ ކައިރީގައި ހުއްޓުމުން ވަރަށް ނޫން ގޮތަކަށް ރިޔާޝް ރީޝާގެ އަތުގައި ހިފާ ލިއެވެ. ވަގުތުން ރީޝާ އަތްފޮޅުވާލުމުން ރިޔާޝް އެއްމިޔަކަނިން ހީލިއެވެ. އިތުރު އެއްޗެކޭ ނުބުނެ އުޅެނިކޮށް ޝަރީފް އައިސް ރަން ކިޔާ މޭޒު ދޮށުގައި އިށީނުމަށް އިޝާރާތް ކުރިއެވެ.
ރަނުގެ ފޯމު ފުރާ ހެކިވެރިން ކުރިމަތީ ރަން ކިޔާ ނިމުނު އިރު އެންމެން ވެސް ތިބީ ރީޝާ އާއި ރިޔާޝް އަށް މަރުޙަބާ ކިޔަން ތައްޔާރު ވެގެންނެވެ. އެ މާލަމުން އިސްވެރީން ހަމަ ނުކުތުމާއި އެކު ހެން އަހުޝަމް އާއި ރިއާޝް ލަވަ ބަސްތާ އޮއްސަން ފެށިއެވެ. “އިންނަން ވަލީ ދިނޭ.. އިންނަން ރަން ވެސް ކިޔޭ.. ބަފައިބެ ވަރަށް ރުހޭ.. މައިދައިތަ ވަކިން ރުހޭ… ވޮލީ ބީޗުގައި ބާއްވާ ކުކުޅު ކައިގެން އަނގޮޓި އަޅުވާ ބުންބެރު ޖަހައި މިވަރު ވިޔޭ.. ކުޅިގަނޑު މިވަރު ވިޔޭ..” ރީޝާ އާއި ރިޔާޝްގެ ގަޔަށް އެތުމާ އުކަމުން އަހުޝަމް އާއި ރިއާޝް ނަށަން ފެށިއެވެ. “ޕިސް ޕިސް ހުރެ ބަލަ ކަލޭމެން ދެމީހުން މީހަކާ އިންނަން ރަން ކިޔާ ދުވަހު އަހަރެމެން ވެސް ނުތިބޭނަން އިނގޭ މަޑަކުން… ރިއާޝްގެ ބޮލުގައި ޖަހާލަމުން ރިޔާޝް އެއްޗިހި ކިޔާލިއެވެ.” އާން އެކޭ… އުޅޭ ފާޑެކޭ ހިތަށް އަރައޭ… ” ރިޔާޝް އާއި ބައިވެރި ވެގެން ރީޝާ ވެސް އެއްޗިހި ގޮވާލިއެވެ.” އޭ ދެން އެކަމު އަދި އިނދެވުނީކީ ނޫން އިނގޭ… އަދި މާ ގާތް ނުވާތި… ” ނަޔާ އައިސް ރީޝާގެ އަތުގައި ހިފައި ދަމާލަމުން ޖެއްސުން ކޮށްލިއެވެ. ރިޔާޝް ވަގުތުން ރީޝާ ދަމާ ގެނެސް ރީޝާގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ. އެހެން ސަކަރާތުގައި އިރުކޮޅަކު ތިބުމަށްފަހު އެންމެން ސައި މޭޒު ދޮށަށް ދިޔައެވެ.
ތައްޓަކަށް ހެދިކާ އަޅައިގެން ގޮސް ރަސްފަންނު ގައި ހުރި ހަޓެއްގެ ދަށުގައި ހަމަ އިށީން ތަނުން ޝަރީފްގެ ފޯނު ރިންގުވިއެވެ. ޖީބުން ފޯނު ނަގައި އެއްވެސް ވިސްނުމެއް ނެތި އޭނާ ފޯނު ކަންފަތުގައި ޖަހާލިއެވެ. “ކޮބާ ޝަރީފް… މިއަދަކީ ހޯމަ… މަގޭ ދަރިފުޅު ހުރި ތަނެއް ބުނޭ.. އެތާކަށް އަހަރެން ދާނަން…” ފޯނު ހަމަ ނެގުމާއި އެކު ޝަރީފްގެ ކަންފަތް ބުޑުގައި ގުގުމާލީ ނިޔާޒުގެ އަޑެވެ. ނިޔާޒުގެ މަތިން އޭނާ ހަނދާން ވެސް ނެތެވެ. އަނެއްކާ މިއަދަކީ ހޯމަ ހެއްޔެވެ؟. މިއަދުގެ ތާރީޚު ވެސް އޭނާގެ ހަނދާނުން ކައްސާލީއެވެ. ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟. ކުރިމަތިވާން މިއުޅެނީ ކޮންފަދަ ތޫފާނަކާ ބާއެވެ؟. މި ތޫފާނަކީ ކިހާ ވަރެއްގެ ގެއްލުމެއް ލިބިދެނިވި ތޫފާނެއް ބާއެވެ؟. މި ތޫފާނުގައި އޭނާގެ ދަރިފުޅު އޭނާ އަށް ގެއްލެނީ ބާއެވެ؟ އެ ދަރިފުޅާއި އުމުރަށް ވަކިވާން ޖެހެނީ ބާއެވެ؟ ނިޔާޒު އެހެން ހަދާފާނެ ބާއެވެ؟ އޭނާގެ ދަރިފުޅު އޭނާ އާއި ވަކި ކުރުވަފާނެ ބާއެވެ؟ ކޮންމެއަކަސް މި ފަދަ ނުބައި ވަސްވާސް ތަކެއް ޝަރީފްގެ ސިކުނޑި ހިސޯރު ކޮށްލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.




Innan valee dhiney
Innan ranves kiyey
Bafaabe varah ruhey
Maidhaitha vakin ruhey
Volley beachuga baavvaa kukulhu kaigen angoti alhuvaa bunberu jahaa mivaru viyey
Kulhigandu mivaru viyey
Hahaha eyy habeys ingey mi part vs hama.. Vrh gina dhuvahu Inthizaaru kohfa kiyalaan mi libuny.. Vrh miss vi 🖤.. Btw manjege kaivenyyah rannu gennahchey ingeyyyyyy.. Arn dhn dhany ey.. Vrh bxy koh ulhemun mi comment vs kohlee.. Byeee 🖤🖤🖤