ޝަރީފްގެ ޢާއިލާ އެ ކުއްޖާ ގޮވައިގެން އެމީހުންގެ ގެއަށް ދިޔައެވެ. އެހެން ކުދިން މިސްކިތުން ފައިބައިގެން އެ މީހުންނާއި ވަކިވިއެވެ. ރިޔާޝް ވެސް ރީޝާ ގާތު ވާނުވާ އެންގުމަށް ބުނެ ރީޝާ މެންގެ ގެއާއި ހިސާބުން އޭނާގެ ގެއަށް މިސްރާބު ޖެހިއެވެ. ނިމިދިޔަ ހިތާމަވެރި ޖަނާޒާ އަށް ފަހު އެންމެންގެ ވެސް ތަބީޢަތު ވަނީ ގޯސްވެފައެވެ.
****************
ރިޔާޝް ގެއަށް އައި އިރު ރިއާޝް ހުރީ ބެލްކަނީގައެވެ. ފަރީދާ ބަދިގޭގައި އުޅެފައި ސިޓިންރޫމަށް ނިކުތީ ވެސް ހަމަ އެވަގުތު އެވެ. ސިކުނޑިއަށް ބާރު ކުރަމުން ދިއުމާއި އެކު ރިޔާޝް ލަސް ހިނގުމެއް ގައި ގޮސް ކޮޓަރިއަށް ވަނެވެ. އެންމެ ބޮތްކެއް ދިއްލާލުމަށްފަހު ގޮސް އެނދުމައްޗަށް ވެއްޓިގަތެވެ. އޭނާގެ އާދަތައް ހުރި ގޮތުން އޭނާގެ ސިކުނޑީގައި އުފެދިފައިވަނީ ވަރުގަދަ ހާޖާނެއް ކަން ހާމަވެއެވެ. އޭނާ ހާސްވަނީ ހަމައެކަނި އެ އަންހެން ކުއްޖާ އާއި ދޭތެރޭ އެއް ނޫނެވެ. ނޭނގޭ އުނދަގުލެއް ވެސް މިކަމުގެ ތެރެއިން އޭނާ އަށް ވާން ފަށައިފިއެވެ. ރިޔާޝްގެ ޢަމަލުތައް ބަލަން ހުރެފައި އައިސް ފަރީދާ އެނދުގެ މަގަތުގައި އިށީނެވެ. “ދަރިފުޅާ… ރީޝާ އާއި ދެކުދިން މައްސަލައެއް ޖެހުނީތަ؟” ފަރީދާ އެހެން އެހުމުން ރިޔާޝް އަށް ހިނިތުން ވެވުނެވެ. “ުހެހ… މަންމާ. މަންމަ އަށް ހީވޭތަ އަޅުގަނޑުމެން ދެމީހުން ދެމެދުގައި މައްސަލަ އެއް ޖެހިދާނޭ…. ހެހ ނޫން އެއީ ނުވާނެ ކަމެއް… އަޅުގަނޑުމެން އެއަށް ވުރެ މާ ލޯބިވޭ…” ހަމައެކަނި އެ ބަސްތައް ދުލުން ބޭރުކޮށްލެވުމާއި އެކުވެސް ރިޔާޝްގެ ހިތް ހަމަޖެހުނެވެ. ރީޝާ އަށްޓަކައި އެ ހިތުގައި ވާ ސާފު ތެދުވެރި ލޯބި ހަނދާން ވިޔަސް އޭނާގެ ހިތަށް ފިނިކަން ލިބެއެވެ. “ދަރިފުޅު މަންމަ އަށް އެއްވެސް ކަމެއް ސިއްރު ނުކުރައްޗޭ… މަންމަ އަށް އެނގޭ ދަރިފުޅު ތިއުޅެނީ ކޮންމެސް ބޮޑު ކަމެއް ޖެހިގެން ކަން.. ދެން ރީޝާ އާ މައްސަލައެއް ނުޖެހެންޏާ ވީގޮތެއް މަންމަ ކައިރީ ބުނެބަލަ…” ރިޔާޝްގެ އަތް މަތީ އަތް ބާއްވާލަމުން ފަރީދާ ބުންޏެވެ. “މަންމާ އެއްވެސް ބޮޑު ކަމެއް ވެގެންނެއް ނޫނޭ މިއުޅެނީކީ.. މިއުޅެނީ މީހަކު މަރުވެގެން… އެމީހާގެ ދަރިފުޅު ވަރަށް އެކަނިވެރި… ޝަރީފް ބެ އެކުއްޖާ ގެންދިޔައީ އެގެއަށް… ޝަރީފް ބެ އަށް މިއަދު މެންދުރު ދިމާވި ކުއްޖެކޯ.. އެ ކުއްޖާ މަންމަ އާއި ބައްދަލު ކޮށްލަން އެދުނީ ނިކަމެތި ކަމުންނޯ… އެ ކުއްޖާ މަންމަ ކައިރިއަށް ދިޔައިރު އޮތީ މަރުވެފަޔޯ… ދެން އެއްވެސް އަޅާލާނެ މީހަކު ވެސް ހުރިހެން ހީނުވާތީ ޝަރީފްބެ އެކުއްޖާ ގެންގޮއްސި އެ ގެއަށް… ” ވެގެން އުޅޭ ގޮތް ކުޑަގޮތަކަށް ރިޔާޝް ކިޔައިދިނެވެ. އެހެން ހޭ ބުނެފައި ފަރީދާ ދިއުމުން އަނެއްކާވެސް ވިސްނުމެއްގެ ތެރެއަށް ރިޔާޝްގެ ސިކުނޑި ފީނައިގަތެވެ. އޭނާ އަށް މިހާ ބޮޑު އުނދަގުލެއް މިވަނީ އެހެންވެގެންނޭ އޭނާގެ ހިތެއް ނުބުނެއެވެ. ކޮންމެވެސް އެހެން ކަމެއް އެބަ އުޅޭކަން ރިޔާޝް އަށް އިޙްސާސް ވިއެވެ.
ވަސީމާގެ އެދުމަށް ރީޝާ އޭނާގެ ކޮޓަރި ކުޑަކޮށް ތައްޔާރު ކޮށްލިއެވެ. ގޭގައި ހުހަށް ހުރި ކޮޓަރި މިރޭ ސާފުކޮށް ނުހެދޭނެތީ ވަސީމާ އެދުނީ ރީޝާގެ ކޮޓަރީގައި އެ ކުއްޖާ މިރޭ ނިންދަވާލުމަށެވެ. އިތުރު ބާލީހެއް ކަބަޑުން ނެގުމަށްފަހު އެއަށް އުރަ ލައްވާ އެ ކުއްޖާ ލާނެ ހެދުމަކާ އެއްޗިހި ނެގިއެވެ. އެއަށްފަހު ރިޔާޝް އަށް ކެއީ ތޯ ބަލަން މެސެޖު ކޮށްލިއެވެ.
ރީޝާގެ މެސެޖު ހަމަ ލިބުމާއި އެކު ރިޔާޝް ބަނޑުހައި ވިއެވެ. ނަމަވެސް މިރޭ އޭނާ އެކައްޗެއްވެސް ކާ ހިތެއް ނެތެވެ. ނުކަމޭ ބުނެފިއްޔާ ރީޝާ ރުޅި އަންނާނެކަން އެނގޭތީ މިއުޅެނީ ކާށޭ ކިޔައި އޭނާ ޖަވާބު ފޮނުވިއެވެ.
އަވަހަސް ކާށޭ ކިޔައި ރިޔާޝް އަށް މެސެޖު ކޮއްލަމުން ރީޝާ ސިޓިންރޫމަށް ނުކުތެވެ. އޭރު ވަސީމާ އެކުއްޖާއަށް ކާން ދޭން އުޅުނެވެ. ރީޝާ ވެސް ގޮސް އެ ކުއްޖާގެ ކައިރީ ކާން އިށީނެވެ. އޭނާ ބޭނުންވީ ފުރިހަމަ އެއްބާރުލުން ދީގެން އެކުއްޖާ އަށް އެ ހިތާމައިން އަރައިގަންނަން އެހީވެދޭށެވެ. ހަދާފައި ހުރީ ޓޮމާޓޯ ބަތްކަމުން ރީޝާ އަށް އަވަހަށް ބަތް އަޅަން އުޅެވުނެވެ. އެހެނަސް އެ ކުއްޖާ ކާތޯ ބަލައިލަން އޭނާ އެނބުރި ލިއެވެ. “އަވަހަށް ކާލައިގެން އަރާމުކޮށްލަން ދޭ އިނގޭ ދޫނީ…” އެ ކުއްޖާގެ ކައިރީ ފެންތަށި ބަހައްޓަމުން ވަސީމާ ބުނެލިއެވެ. އެންމެ ބަތް ސުވާ އެއްވެސް އަނގަޔަށް ލާން ނުކެރިފައި އިން އެ ކުއްޖާ ފެންތަށި އެއްނޭވާ އިން ދަމާ ހުސްކޮށްލިއެވެ. އެކުއްޖާ ފެނަށް ކަޅިއަރާފައިން އިން ވަރު އެކަމުން ހާމަވެއެވެ. ޖޫސް ތައްޓެއް އެކުއްޖާ އާއި ކައިރި ކޮށްލަމުން ރީޝާ ނަން އަހާލިއެވެ. މަޑުމަޑުން އިސް އުފުލާލަމުން އޭނާގެ މަޢުސޫމު ދެލޮލުން އެކުއްޖާ ރީޝާ އާއި ދިމާއަށް ބަލައިލިއެވެ. ބަދަލުގައި ރީޝާ ހިނިތުން ވެލުމާއި އެކު އެ ކުއްޖާ އަށް އަނެއްކާވެސް ރޮވެން ފެށުނެވެ. ދުޅަވެފައިވާ އެ ދެލޮލުން ފައިބަން ފެށި ކަރުނަތައް އަވަސް އަވަހަށް ރީޝާ ފޮހެލައިދިނެވެ. “ކޮންމެ މީހަކީވެސް ކޮންމެވެސް ދުވަހަކުން ދާން ޖެހޭނެ މީހެއް… އަބަދަކު އެކަކުވެސް ކައިރިއަކު ނުހުންނާނެ… މިއަދު މަންމަ ދިޔަޔަސް އޭގެ ބަދަލަށް ތި ލިބުނީ ޢާއިލާއެއް… އުފާކުރޭ ކޮއްކޯ… އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އާއިލާ އިން ތި ކުއްޖާ އަށް ވަރަށް ލޯބި ދޭނަން… ކޮން ނަމެއް ކިޔަނީ؟” ތެދުވެ އެކުއްޖާގެ ގައިގައި ބައްދާލަމުން ރީޝާ ވާހަކަ ދެއްކިއެވެ. ޙަޤީޤަތުގައި ވެސް އޭނާ އެންމެފަހުން އެވީ އަމިއްލަ ނަފްސަށް ވަޢުދެކެވެ. އެ ކުއްޖާ އެހެން ރޯ ތަން ދެކެން އޭނާގެ ހިތަށް ކެތްކުރަން ދައްޗެވެ. “ރިވާ….” ނޭފަތް ދަމާލަމުން އެކުއްޖާ ރީޝާގެ އަތުގައި ހިފަހައްޓާލިއެވެ. “ރިވާ… މާޝާ ﷲ ވަރަށް ރީތި ނަމެއް…” ޓިޝޫއެއް ހިފައިގެން އައިސް ރިވާގެ މޫނު ފޮހެލައިދެމުން ރީޝާ ބުންޏެވެ. އެއަށްފަހު ސަމްސަލުން ލަވައިދެމުން އޭނާ ރިވާ އަށް ކާން ދޭން ފެށިއެވެ. ކައި ނިމިގެން ރިވާ ފެންވަރައި ނިދަން ދެންވެސް ރިވާއަށް އެހީވުމުގައި ރީޝާ ދެމިހުއްޓެވެ.
ދެ ތިން ދުވަސް ފަހުން ރިވާ ހަމައަކަށް އެޅިލިއެވެ. ރަނގަޅު ކާނާ ކާން ފެށުމުން ހަމައެކަނި ކަށިކޮޅު ހުރި ހަށިގަނޑުގައި މަސްޖަހާ ރީތިވަަރަކަށް ހަށިގަނޑު ބައްޓަން ވިއެވެ. ހަމައެކަނި ހަން ކޮޅު ހުރި މޫނުވެސް އުޖާލާވެ އެހެންޏާ ނީންނަ ދެ އަޑިކޮޅު ހީލާ އިރު ތުންފަތުގެ ދެފަރާތުން ހާމަވެއެވެ. ރީޝާގެ މަޖާ ވާހަކަތަކުން ހިތުގައިވާ އުދާސްތަކާއި ވަކިވެ މިނިވަން ޖައްވެއްގައި ނޭވާ ލެވެން އޭނާ އަށް ފެށުނެވެ. ވަސީމާގެ ހިތް ހެޔޮ ކަމާއި ޝަރީފްގެ އޯގާތެރިކަމުން އޭނާއަށް އިހުސާސް ވަމުން ދިޔައީ އޭނާ އަކީ ވެސް އެ އާއިލާގެ މެމްބަރެއް ހެންނެވެ. ވަސީމާ އާއި ޝަރީފް އެދިފައިވަނީ އެ ދެމީހުންނަށް މަންމަ ބައްޕަ ކިޔުމަށެވެ. ރިވާ އަކީ ރީޝާ އަށް ވުރެ އެއް އަހަރު ދޮށީ ކުއްޖެއް ކަމުން ރީޝާ ރިވާ އަށް ކިޔަނީ ދޮންތި އެވެ. ރީޝާގެ އެކުވެރިން ވެސް ރިވާއާ އެކުވެރިވެ ސަލާމް ކުރިއެވެ. އޭނާއަށް ލާނެ އަންނައުނާއި އެހެނިހެން ސާމާނު ވެސް ވަސީމާމެން ހަމަކޮށްދިނެވެ. ކޯޓުގެ އެހީގައި ރިވާއަކީ ޝަރީފް އާއި ވަސީމާގެ ދަރިއެއްގެ ގޮތުގައި ވަނީ ބަލައިގަނެވިފައެވެ.
ބޯމަތީ އޮތް ވިލާގަނޑަށް ބަލަމުން ހިޔާވަހިކަމެއް ހޯދަން ރީޝާ އާއި ރިވާ ދުވަމުން ދިޔައީ އާޓިފިޝަލް ބީޗާއި ދިމާއަށެވެ. ބްރިޖުން ފައިބައިގެން އަންނަނިކޮށް ވިދާ ގުގުރަން ފެށުމުން ރިޔާޝް ކާރު މަޑުކުރީ ރާޅުގަނޑު ރެސްޓް އޭރިއާ ކައިރިއަށެވެ. އެހިސާބުން ފެށިގެން އެދެމީހުން ދުވަމުން އެދަނީ ވިއްސާރަ އޮއްސާލަން ވާއިރަށް އާޓިފިޝަލް ބީޗަށް ވަދެވޭތޯއެވެ. ކޮންމެވެސް ދިމާލެއްގައި ކާރު ޕާރކު ކުރުމަށްފަހު ރިޔާޝް އާއި އަހުޝަމް އަދި ރިއާޝް ވެސް އެމީހުން ފަހަތު އަޅުވާލާނެ ތާއެވެ. ރީޝާ މެންނަށް ފުރާޅެއްގެ ދަށަށް ވަދެވުނު އިރު ވާރޭ ކަނި ޖަހަން ފަށައިފިއެވެ. އަދި ރިޔާޝް މެން ވީ ހިސާބެއް ވެސް ނޭނގެއެވެ. ހައެއްކަ މިނެޓު އެތާ ތިބިފަހުން ފިރިހެން ކުދީން ތަކެއް ވަންނަ ތަން ރީޝާ މެންނަށް ފެނުނެވެ. އެމީހުން ހަމަ ވަނުމާއިއެކު ވާރޭ ބޯ ކޮށްލިއެވެ. އެންމެ ދިގު ކޮށް ހުރި ކުއްޖާ ދުއްވައިގަތް ގޮތުން އެއީ ރިޔާޝް ކަން ރީޝާ އަށް އެނގުނެވެ. އެމީހުން ނުބައި ދިމާލަކަށް ދުވަމުން ދާތީ އެމީހުންނަށް ގޮވަމުން ރީޝާ ދުއްވައިގަތީ ވާރެއާއި ތެމޭ ހިތް ވެފައި ހުރީމާ ވެސް މެއެވެ. ނަމަވެސް ފިރެހެނުން ދުވާހާ ބާރަކަށް އޭނާ އަކަށް ނުދުވެވޭނެ ނޫން ހެއްޔެވެ. އެކަނި ނުހުންނާނެ ވެގެން ރިވާ ވެސް ރީޝާގެ ފަހަތުން ދުއްވައިގަތީ ތެމުނަސް ހެޔޮކަމަށް ބަލާފައެވެ. ފަހަތުން ބަޔަކު އަންނަހެން ހީވެގެން އަހުޝަމް ދުވުން މަޑުކޮށްލިއެވެ. އޭރު ރީޝާ މެން ވެސް އެމީހުންނާ އަރާ ހަމަވަނީ އެވެ. ބާރު ބާރަށް ދުވަމުން އައި ރިވާ ފެންގަނޑަކަށް އަރައި ކައްސާލިއެވެ. ރިވާ ވެއްޓުނަ ނުދޭން ވެގެން ހުރިހާ ކުދިން ރިވާ އާއި ދިމާއަށް ދުއްވައިގަތެވެ. ބާރު ބާރަށް އަހުޝަމް ގޮސް ރިވާގެ އަތުގައި ހިފައި އޭނާ އާއި ދިމާއަށް ދަމާލިއެވެ. މިފަހަރު އަހުޝަމް ފާސް ވެއްޖެއެވެ. ނަމަވެސް ރިވާ އާއި ދިމާއަށް ފުންމާލި ރީޝާ ބެލެންސްކަޓައިގެން ކައްސާލިއެވެ. އަނެއްކާ މިޖެހުނީ އަނެއްކަންތަކެވެ. ރިޔާޝް ދުވެފައި ގޮސް ރީޝާގެ އަތުގައި ހިފިއެވެ. އޭނާ ވެސް ހަމަ އެ ފެންގަނޑަށް އަރައި ކައްސާލިއެވެ. ދެމީހުން ދެތިން ފަހަރު މަތަނުވެގެން އެނބުރި އެނބުރި ތިއްބާ ރިއާޝް އައިސް އެދެމީހުންގެ ގަޔަށް އެރިއެވެ. އެންމެފަހުން ދެފައި އެއްތާކު ޖެހުނީ ތިން މީހުންވެސް ތިރިއަށް ވެއްޓުމުންނެވެ. ޕަކަ ޕަކަ ލާފައި އަހުޝަމް ހޭންފެށުމުން ތިން މީހުން ތެދުވެ އަހުޝަމް ފެންގަނޑަކަށް ވައްޓާލަން ދުއްވައިގަތެވެ. އަހުޝަމް ފަހާ އެންމެން ދުވަމުން ގޮސް އެންމެފަހުން އެކަން ވެސް ނިމުނީ އަހުޝަމް މޫދަށް ވެއްޓުމުންނެވެ. އެރޭ އެންމެން ގެއަށް ދިޔައީ ތެމިގެން ނެވެ. އެކަމަކު މީ ނުތެމެން ވެގެން އުޅުނު މީހުންނެވެ. މި މީހުންގެ ސަކަރާތްގަނޑު ބޮޑު ކަމުން ވެސް މީހަކު ފޫހިވާހާ ވަރު ވާނެއެވެ.
އޮފީހުން އައިސް ގެއަށް ވަން ޝަރީފް އަށް ފުރަތަމަވެސް ލިބުނީ ނިޔާޒުގެ ފޯނެކެވެ. ނަގަން ނުނަގަން ހުރެފައިވެސް ޝަރީފް ފޯނު ނެގިއެވެ. “ކޮބާ ޝަރީފް އަދިވެސް މަގޭ ދަރި އަކާ ބައްދަލެއް ނުކޮށްދެމެއްނު… ތިހެން ދިގު ދަންމަންޏާ ދެން ކަންތައް ކުރާނެ ގޮތް އެނގޭނީ މަށަށް…” ނިޔާޒުގެ ފަހު ޖުމްލައިން ޝަރީފް އަށް ބަލައިލެވުނީ ޓީވީ ބަލަން އިން ރީޝާ އާއި ދިމާއަށެވެ. ނިޔާޒަކީ ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެ މީހެކެވެ. މީގެ އަހަރުތަކެއް ކުރިން އޭނާގެ ކޮއްކޮ އަށް ނިޔާޒު ޖެއްސި ޙާލު އޭނާ އަދިވެސް ހަނދާން އެބަހުއްޓެވެ. މިއަދު އޭނާ ދިރިހުރުމުގެ އަސްލަކީ ރީޝާ އެވެ. ވީ އިރު ރީޝާ އޭނާގެ އަތުން ބީވެގެން ދިއުމަކީ ދެން އޭނާ އަށް ކެތްކުރެވޭނޭ ކަމެއް ނޫނެވެ. “އަހަރެން ވިސްނާފަ ޖަވާބެއް ދޭނަން…” އެހެންބުނަމުން ޝަރީފް ހިނގައިގަތީ ކޮޓަރި އަށް ވަންނާށެވެ. “އަހަރެން ދޭނަން ހަފްތާ އެއް… މިއަދަކީ ހޯމަ… އަންނަ ހަފްތާ ހޯމަ އައުމުގެ ކުރިން އަހަރެން ޖަވާބެއް ބޭނުން…” ނިޔާޒު އެހެން ބުނުމުން އެންމެ ރަނގަޅޭ ކިޔައި ޝަރީފް ފޯނު ކަނޑާލިއެވެ. ނިޔާޒުގެ ބޭނުމަކީ ކޮބައި ހެއްޔެވެ. އޭނަ ރީޝާ އާއި އެވަރަކުން ބައްދަލު ކުރަން އެއުޅެނީ ކީއްވެގެން ބާއެވެ. ނިޔާޒުގެ ޙަޤީޤީ މަޤްސަދަކީ ކޮބައިބާ އެވެ.
ރިޔާޝްގެ ސައިކަލު ފަހަތުގައި އިން ރިއާޝް އިރުއިރުކޮޅާ ބޮޑުބެރު ލަވައެއް ކިޔާލައެވެ. އެއާއި ވިއްދައިގެން ރިޔާޝް ވެސް ލަވައިގެ އަނެއްބައި ކިޔާލައެވެ. މަގުމަތިން އެއްޗެއް ފެންނަ އިރަށް އެ އެއްޗަކާއި ގުޅުވައިގެން ލަވަ ހަދަހަދައިގެން ވެސް ކިޔައެވެ. ގެއިން ނައްޓާލީންސުރެން ސްޓޫޑިއޯ އާއި ހަމައަށް ދެވެން ދެންވެސް އެ ދެމީހުން ތިބީ އެގޮތުގައެވެ. “އޭ އޭ އޭ އާޝް ބްރޯ….. ޔާޝް ދޮންބޭ… ރައްނު ސާޖަރީ އެއް ހަދަނީ އޯ… ޑޮކްޓަރު ނައިންޓީ ނައިން ޕަސެންޓް ޔަގީން ކަން ދީފިއޯ…. ދެން އެއްމަސް ފަހުން އަންނާނެ އޯ…. އަޅޭ… ވާއު.. ވީ ކޭން މީޓް ހާ ވެރީ ވެރީ ސޫންންން…” ރިޔާޝް މެން އައިސް ސްޓޫޑިއޯ އަށް ވަން ތަނާ ރީޝާ ހަޅޭއްލަވައިގަތެވެ. އެ ކުއްޖާ ފުޅުގެ ދެލޮލުން އުފަލުން ގޮސް ކަރުނަ އާދެއެވެ. ނަޔާ އާއި ދެމީހުން ބައްދަ ބައްދާފައި ރުޔެވެ. އަހުޝަމް އާއި ރިޔާޝް އުފަލުން ނެށިއެވެ. ރިއާޝް ހުރީ ކުރާނީ ކީތްކަމެއް ނޭނގިފައެވެ. ރަނާގެ ސާރޖަރީ އަށް ޑޮކްޓަރު ދިނީ ނުވަދިހަ ނުވަ އިންސައްތަ ޔަގީންކަމެވެ. ވީއިރު ބާކީ އަދި އެއް އިންސައްތަ އެބައޮތެވެ. އެކަމާ އޭނާ އިންތިހާއަށް ދެރަވިއެވެ. ރަނާ އަށް އަވަހަށް ރަނގަޅު ވެވޭތީ އިންތިހާއަށް އުފާ ވެސް ވިއެވެ. އެ ދެ އިޙްސާސް މައްސުނި ވެގެން އޭނާގެ ތުންފަތަށް ވެރިވީ މަޢުނަވީ ހިނިތުންވުމެކެވެ. ރަނާ އަށް ހެޔޮ ދުޢާ ކުރަމުން އޭނާ ވެސް އަހުޝަމް މެންނާއި އެކު ފުމެން ފެށިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.




Ey.. Habeys ingey mi bai vs
And I’m very happy for Rava.. Yaash dhonbe ah mi heevany anekkaa koachehbaa..? But u said she’s not ur cousin as well….. Then……. Is she a villain??? Oh no no no how can that be.. Well, I’m really curious to know da truth about her…. Waiting for da next prt.. Bye ey dhany extra ah.. Lwbi vey inthihaa ah🖤🖤🖤🖤🖤
Reply for @Nayaa
Shukran shukran.. Yaash dhonbe ah vx heevaa ehcheh balamaa.. Ma kon irkau buny ehen? Vedhaane vedhaane villain akah vx.. It’s possible.. Aan manje inthizaar hurihaa vx ehchakee.. Dhn mihen bungnas firehenakahttakaa kuraa inthizaaraa mi inthiraazaa haas bai thafaathu🤣🤣🤣manje men extra ah dhna dho.. Adhi ma nujehey naseebakun.. Okkkk mashah engeyeyyy. Ma vx hama inthihaa dharaja ah lwbi veyeyyyy