ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 16
ހޮސްޕިޓަލަށް ގެންދެވުނު ހާމިޒައަށް ފަރުވާ ކުރެވެމުން ދިޔަނަމަވެސް އިތުރު އެއްވެސް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ. ލިބިފައިވާ ޝޮކުގެ ސަބަބުން މީހާގެ ސިކުނޑި ވަނީ ހަރަކާތްކުރުމުގެ ބާރު ކަނޑުވާލާފައެވެ. ނަމަވެސް ޑޮކްޓަރުން ހިތްވަރުލާފައި ތަފާތު އެކި ފަރުވާ ދިނުމުގައި އަވަދިނެތިވެގަތެވެ.
ފާއިތުވެގެންދާ ކޮންމެ ދުވަހަކީ ޔާނާ އަށް ހިތްދަތިކަމާ ނިކަމެތިކަން ލިބެމުން ދިޔަ ދުވަސްތަކެކެވެ. އަބަދުމެ މަންމައާ ބައްޕަގެ ބެލުމުގެ ދަށުގައި ލޯބިން އުޅެމުން އައިސް ކުއްލިއަކަށް އެކަނިވެރިވުމުން ނަފްސާނީ ގޮތުންވެސް ވަނީ އަސަރުކޮށްފައެވެ. ޖާހަތު ޔާނާ ކައިރީ އޭނާ އާއި އެކު ޖާހަތުގެ އެޕާރޓްމަންޓަށް ބަދަލުވާން އެދުމުންވެސް އެކަމަށް އިންކާރު ކުރީ ލޯބިވާ މައިންބަފައިންގެ ހަނދާންތަކާ ދުރަށް ނުދާން ވެގެންނެވެ. މަންމަގެ ހާލު ދެކިލުމަށް ޓަކައި ކޮންމެ ދުވަހަކުވެސް ހޮސްޕިޓަލަށް ދެއެވެ. ނަމަވެސް މާގިނައިރު މަޑެއް ނުކުރެވެއެވެ. ބޮޑުދައިތައިންގެ ރުޅިވެރި އިހާނެތި ބަސްތަކުން އެހިތް ރޮއްވާނުލާ އެންމެ ފަހަރެއްވެސް ނުދާތީއެވެ. އަބަދުމެ ނޫހުގެ މަރުގެ ޒިންމާ ޔާނާގެ ބޮލުގައި އަޅުވައެވެ. މިފަދަ ކޮންމެ ވަގުތެއްގައި ވެސް އީމަން އާ ޖާހަތު ހިޔަންޏެއް ފަދައިން ޔާނާގެ ގާތުގައި ހުރެއެވެ. އަދި ހިތްވަރުދެމުން ދެއެވެ.
“ޖާތު. ކިހާ ދުވަހެއް ވަންދެންތަ ސިއްރު ކުރާނީ. ކޮންމެވެސް ދުވަހަކުން ޔާނުއަށް ހަމަ ގައިމުވެސް މިހަޤީޤަތް އެނގިގެންދާނެ. އަހަންނަށް ހީވަނީ ހަޤީޤަތް ކިޔައިދޭންވީހެން. ޔާނުގެ ބޮޑުދައިތަމެންގެ އިލްޒާމުތައް އެއީ ތެދެއްކަމުގައި ޤަބޫލުކުރެވިގެން ޔާނުއަށް އިތުރު ނަފްސާނީ ބަލި މަޑުކަމެއް ލިބޭތަން ދެކެން އަހަންނަކަށް ނުހުރެވޭނެ. މިކަމުގެ ހައްލަކީ ކުރިމަތިލުން. ހަޤީޤަތް ފޮރުވުމެއް ނޫން.” އީމަން ވާހަކަ ދައްކަމުން ދިޔައީ ޖާހަތު އާއި އެވެ. ދެމީހުން ތިބީ ޔާނާމެންގެ ގޭގެ ސިޓިން ރޫމުގައެވެ. ދެމީހުން ދެއްކި ވާހަކަ ކޮޓަރިން ނުކުމެގެން އައިސް އައިސް ހުރި ޔާނާއަށް ސާފުކޮށް އިވުނެވެ. ސޯފާގައި ތިބެފައި އީމަންމެންވެސް އެނބުރި ބަލައިލީ ޔާނާ ހުރި ކަމުގެ ހިލަން ވުމުންނެވެ. ޔާނާ އިތުރަށް އާދޭސްކުރާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން ޖާހަތުމެން ކައިރީ އައިސް އިށީނީ ވީގޮތް ކިޔައިދޭށޭ ބުނާފަދަ ގޮތަކަށް ދެމީހުންގެ މޫނަށް ބަލައިލަމުންނެވެ. ނަމަވެސް ޖާހަތުއާ އީމަން ދެމީހުން ދެމީހުންނަށް ބަލަހައްޓައިގެން ތިބެވުނީއެވެ.
ވަރަށް ހިތްވަރުކޮށްފައި ޖާހަތު އެރޭ ކަންތައް ދިމާވިގޮތް ކިޔައިދޭން ފެށިއެވެ. އޭނާ އޭ ޓީ އެމް އިން ނުކުތްވަގުތު ޕާސް ޖަހައިގަނެގެން ދެމީހަކު ދިޔަ ވާހަކައެވެ. އަދި ފުލުހުންނަށް އެމައްސަލަ ހުށައަޅައިގެން އެމައްސަލަ ބަލަންފެށި ވާހަކައެވެ. ޖާހަތު ވާހަކަ ކިޔައިދެމުން ދިޔައިރު އީމަންވެސް އިތުރަށް އޮޅުން ފިލުވައި ދިނުމުގެ ގޮތުން ވާހަކަ ދައްކަމުން ދިޔައެވެ. ޔާނާއަށް އެހުރިހާ މަންޒަރުތައް ސިފަވަމުން ދިޔައެވެ.
އެރޭ ތަޙްޤީޤު ކުރުމަށް ޓަކައި ފުލުހުން އީމަން އާއި ވެސް ބައްދަލު ކުރިއެވެ. އެގެއަށް ގޮހެވެ. ނަމަވެސް މިކަމުގައި އީމަންގެ އަތެއް ނެތްކަން ޘާބިތުވުމުން ފުލުހުން އެނބުރި ދިޔައީއެވެ. ނަމަވެސް އީމަންގެ ނަމުގައި މިފަދަ މައްސަލައެއް ކުރިމަތިވީ ކިހިނެއްތޯ ބަލަން ބޭނުންވުމުން އީމަން ޚުދު ފުލުސް އޮފީހަށް ހާޒިރުވިއެވެ. އެވަގުތު އެތަނުގައި ޔާނާގެ މަންމައާއި ބައްޕަގެ އިތުރުން ޖާހަތުވެސް ހުއްޓެވެ. ހާމިޒާމެންނަށް އީމަން ވަކިމީހެއް ނޭނގުނު ކަމުގައިވިޔަސް ޖާހަތުއަށް އީމަން ފެނުމާއެކީ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.
ޖާހަތު އީމަންއަށް ވީގޮތް ކިޔައިދިނެވެ. ޖާހަތު ހަތިޔާރެއްގެ ގޮތުގައި ބޭނުންކޮށްގެން އާއިޒު ޔާނާ ގެންދިޔަ ގޮތެވެ. ގެންދިޔައީ ކޮންތަނަކަށް ކަންވެސް ނޭނގޭ ކަމެވެ. ޔާނާގެ ފޯނަށްވެސް ނުގުޅޭ ކަމެވެ. ހާމިޒާ އާއި ނޫހުގެ ހާލަތު ފެނިފައި މައްސަލަ ގޯސްވެފައި ވާވަރު އީމަންއަށް އަންދާޒާ ކުރެވުނު ކަހަލައެވެ. އީމަން އަވަސް އަވަހަށް ފުލުސް އޮފީހުން ބޭރަށް ހިނގައިގަތެވެ. އަދި އެކި ތަންތަނަށް ގުޅައި ވާހަކަތަކެއް ދައްކަމުން ދިޔައެވެ. އަދި ކެތްތެރިކަމެއް ނެތި ދެފަހަރު ދެކޮޅަށް ހިނގާލަ ހިނގާލަ ހުރި އިރު ހީވަނީ ކޮންމެވެސް އިންތިޒާރެއްގައި ހުރި ހެނެވެ. ކުއްލިއަކަށް ފޯނު ރިންގުވާން ފެށުމާއެކީ ފޯނު ނެގިއެވެ. އަދި އަޑުއަހަން ހުރުމަށްފަހު އަވަސް އަވަހަށް ކާރަށް އަރައި ދުއްވާލިއެވެ. އީމަން ހޯދި ހޯދުންތަކުން ޔާނާ ގޮވައިގެން އާއިޒު ދިޔައީ ހުޅުމާލެއަށް ކަން އެނގުނެވެ.
މާގިނައިރު ތަކެއް ނުވެ އީމަން ހުރީ ހުޅުމާލޭގެ ފެރީ ޓާރމިނަލު ގައެވެ. ހުސް ކާރެއް ނުލިބުމުން ހިނގައިގަތެވެ. ނަމަވެސް ހޯދަންވީ ކޮންތަނެއް ކަމެއް ދާންވީ ކިހިނެއް ކަމެއް ނުވިސްނުނެވެ. ނަމަވެސް އެނގޭ ހާވެސް އެއްޗަކީ އާއިޒު ޔާނާ ގޮވައިގެން ދާނީ އެކަހެރި ތަނަކަށް ކަމެވެ. އެހެންކަމުން މިސްރާބު ޖެހީ އެސަރަހަށްދަށެވެ. އެއްބުރި އަކުން ސައިކަލެއްގައި ދިޔަ މީހެއް ހުއްޓުވައިގެން އެމީހާ ފަހަތަށް އަރައިގެން ދިޔައެވެ. މަގުގެ ދެފަރާތް ހޯދަމުން ކުރިއަށް ދިޔައެވެ. ތަޤްދީރުގެ ނިޔާ ދެކޭށެވެ. އީމަން ސައިކަލު ދުއްވަން އިންމީހާ ކައިރީގައި މަޑުކުރާށޭ ބުނީވެސް އާއިޒު ޔާނާ ގެންދިޔަ ތަނަށެވެ. ސައިކަލުން ފޭބުމަށްފަހު އީމަން އެކި ތަންތަން ހޯދަމުން ކުރިއަށް ހިނގައިގަތެވެ. އެތަނުގައި ހުރި ފުޅިބައްތި އީމަންއަށް ފެނުނީ އެވަގުތުއެވެ.
އެދިމާއަށް ގޮސް ދޮރާ އަރާ ހަމަވުމުން ދެފަޔަށް ހުއްޓުން އެރީ ދޮރުކައިރީގައި ހުރި ފިނިފެންމަލުގެ ހިތްފެނިފައެވެ. ޔާނާގެ ނަން ލިޔެވިފައި އޮތުމުން އީމަންގެ ދެއަތް މުށްކެވިގެން ދިޔައެވެ. އަދި ޔާނާ ވީ އެތަނުގައި ކަން ޔަޤީންވިއެވެ. ރުޅިވެރިކަމާއެކީ ދޮރު ހުޅުވާފައި އެތެރެއަށް ވަދެގެން ދިޔައެވެ. އަދި ހޯދަމުން ގޮސް ޕާރޓިޝަން ހުރަސް ކުރެވުމާއެކީ ދެފައި ތަޅުލެވުނު ހެން ހީވިއެވެ. މޭގަނޑަށް ހީވީ ފެން އެއްޗެއް އޮއްސާލިހެނެވެ. ފިނިފެންމަން ޖަރީކުރެވިފައިވާ އެނދުގެ ފޮތިގަނޑުގައި ރޫޖެހިފައިވެއެވެ. އެއްބައި ފިޔަތަށް ބިންމައްޗަށް އެޅިފައި ހުއްޓެވެ. ބިންމަތީގައި ކަޅުކުލައިގެ ޝޯލްއެއް އޮތްއިރު އެނދުގެ އެތަން މިތަނަށް އޭގައި ޖާހަފައި ހުރި ޕިންތަށް ވެއްޓިފައިވެއެވެ. ބިންމަތީ ފަސްގަނޑުގައި ވެސް ކޮންމެވެސް ބަޔަކު އުޅެފައިވާކަމުގެ ބިންވަޅު ނެގިފައިވެއެވެ.
“ކިހިނެއްވެފަ އޮތްތަނެއް މިއީ؟” އީމަންގެ ހިތަށް އެރި ލަފުޒުތަށް ސުވާލެއްގެ ގޮތުގައި އައިސް ކަންފަތުގައި ޖެހުނީ ފަހަތުން ވަދެގެން އައި ސައިކަލު ދުއްވަން އިން މީހާގެ އަޑުންނެވެ.
“ހީވަނީ ދެލޯބިވެރިންގެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައިވާ އުފާވެރި ތަނެއް ހެން.” އެމީހާ ފާޑަކަށް ހިނިއައިސްފައި އިނދެގެން ބުންޏެވެ.
އީމަންއަށް އިނދެވުނީ ބުނާނެ އެއްޗެއް ނޭގިފައި ބަލަހައްޓައި ގެންނެވެ.
“ނޫން. މިއީ އެކަހަލަ ކަމެއް ނޫން. އެއަންހެން ކުއްޖާ މިތަނަށް ގެނެވުނީ އޮޅުވާލާއިގެން.” އީމަން ޔާނާ ދިފާޢު ކުރިއެވެ. އޭނާގެ ހިތް ޔާނާ މިފަދަ ކަމެއް ކޮށްފާނެކަމަށް އެއްބަސް ނުވަނީއެވެ.
“ހެހެހެ. އޮޅުވާލައިގެންނޭ؟ އަހަންނަށް ހިޔެއް ނުވޭ މިހިސާބާ ޖެހެންދެން އޮޅުވާލެވި ދާނެހެނެއް. އަންހެން ކުއްޖެއް. މިހާ ރޭނގަޑު މާލެއިން މިތަނަށް އާދެވޭނީ އޭނާވެސް އެކަމަށް އެއްބަސް ވުމުން. ގައިމުވެސް ގަދަ ކަމުން ކަނޑު ހުރަސްކޮށްފަ މިހިސާބަކަށް ނާންނާނެ. މިއީ ދެން މިޒަމާނުގަ މައްސަލައެއްވެސް ނޫން. އަހަރުމެންނަށް ކައިވެނީގެ ފުރަތަމަ ރޭގައި ނޫނީ އަންހެން މީހާގެ ގައިގައި އަތްވެސް ބީއްސާ ނުލެވުނަސް މީހާރު މިތިބޭ އަންހެން ކުދިން ކައިވެނި ކުރާނީ ވެސް “ކައިވެނީގެ ފުރަތަމަ” ރެއަށްފަހު. އެއީ ދެން އޯކޭ. މިހާރު ހަމަ ގިނަވާނީ ތުންފުހެފަ ތިބި ފޮތިކޮޅު. ވަރަށް ނަސީބުގަދަ މީހަކަށް ފިޔަވައި އާފޮތިކޮޅެއް ނުލިބޭނެ.” އެމީހާ މިހެން ބުނުމަށްފަހު ހިނގައިގަތެވެ.
އީމަން އެމީހާ ދެއްކި ވާހަކަ ތައް ގަބޫލުކުރާކަށް ބޭނުމެއް ނޫނެވެ. ތެދެކެވެ. ޒަމާނީ ފެޝަނުގެ އަވާގައި ޖެހި ގިނަ އަންހެން ކުދިންތަކެއް ލޯބިވެރިޔާ އާއި އެކީ ކައިވެނީގެ އިމުން ބޭރު ގައިގޯޅި ކޮށް އުޅުނަސް ތިމާގެ ފިރިމީހާއަށް ޓަކައި އިއްޒަތާ އަބުރު ރައްކާކޮށްގެން އިއްފަތްތެރިކަން މަތީ ފިރިމީހާއަށް މަރުހަބާ ކިޔާ އަންހެން ކުދިން އަދިވެސް އެބަ އުޅެއެވެ. ޔާނާ އަކީވެސް އެފަދަ އަންހެން ކުއްޖެއްކަމަށް އީމަން ޤަބޫލުކުރެއެވެ. ނަމަވެސް މި ޔަޤީންކަމަށް ލޮޅުމެއް އައީ ކުރިންރޭ މަގުމަތީގައި ބައްދާލައިގެން ތިބިތަން ފެނުމުންނެވެ. ސިކުނޑިއާ ހިތާ އަރާރުންވާން ފެށުމުން އީމަން ހަލުވި ފިޔަވަޅު ތަކެއްގައި ބޭރަށް ނުކުމެއްޖެއެވެ. އެމީހާވެސް ފަހަތުން ނުކުތެވެ.
“މިވަގުތު ބޭނުމީ އެކަނިވެރިވެލަން. ތިޔަ ކޮށްދެއްވި ހެޔޮކަމަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.” އީމަން މިހެން ބުނުމަށްފަހު ޖީބުން ވޮލެޓް ނެގީ އެމީހާއަށް ރުފިޔާ ދިނުމަށެވެ. ނަމަވެސް އެމީހާ އެކަމަށް އިންކާރު ކުރުމަށްފަހު ގޮސް ސައިކަލަށް އަރައިގެން ދުއްވާލިއެވެ. ތަނަށްވެރިވި ހަމަހިމޭންކަމުން އީމަންއަށް އިތުރު އުނދަގޫތަކެއް ވެރިވާހެން ހީވާންފެށިއެވެ. ހިތަށް ތަފާތު އެއްޗެހި އަރަން ފެށިއެވެ. ޔާނާ މިހާރުވީ ކޮންތާކު ބާވައެވެ. އެކޮޓަރީގައި ހިނގީ ކޮންކަންތައް ގަނޑެއް ބާވައެވެ. ކަމެއްވީނަމަ އެކަމެއް ވީ ޔާނާގެ ރުހުމުގައި ބާވައެވެ. ނޫނީ ގަދަކަމުން އާއިޒު ޔާނާއަށް ކަމެއް ކުރީބާވައެވެ. ހިޔާލުތަކުން ނުތަނަވަސް ވެރިކަން ލިބެންފެށުމުން އީމަންގެ ފިޔަވަޅުތަށް އަވަސްވެގަތެވެ. ހީވަނީ ހިތުގައި ހިނގަމުންދާ ހިޔާލުތަކާ ދުރަށް ދާން އުޅެނީ ހެނެވެ. ފިޔަވަޅުތަށް ބާރުކުރަމުން ބާރުކުރަމުން ގޮސް އެންމެ ފަހުން ދުއްވައިގަތެވެ. ބާރަށެވެ. ވަރަށް ބާރަށެވެ. އޭނާ އެޚިޔާލުތަކެއް ބޭނުމެއް ނޫނެވެ. އޭނާގެ ހިތް އެބުނާ ފަދަ ގޮތަކަށް ކަންތައްތައް ވާކަށް ބޭނުމެއް ނޫނެވެ. ދުވަމުން ދުވަމުންގޮސް މީހާ ވަރުބަލިވެ މަތިނޭވާ ލެވެންދެން ދުވެފައި ވަރުބަލިވުމުން ހުއްޓައިލިއެވެ. އަދި ކަކޫމައްޗަށް ތިރިވީ ވަރުބަލި ފިލުވާލުމަށެވެ.
އިރުކޮޅަކަށް އެހެން އިނުމަށްފަހު ކުޑަކޮށް ހަމައަކަށް އެޅުމުން ތެދުވެއްޖެއެވެ. އަދި ކުރިއަށް ހިނގައިގަތެވެ. އެވަގުތު ލޮލުގައި އަޅައިގަތީ މަގުމަތިން ދުވަމުން ކަހަލަ ގޮތަކަށް ކުރިއަށް ގޮސް ގޮސް ހުރި ކުއްޖެކެވެ. އިސްކޮޅުން ޔާނާ ވަރުވެއެވެ. ދިގު އިސްތަށިގަނޑު ވައިގެ ތެރޭގައި ވިހުރެމުން ދެއެވެ. އީމަން ހުރީ އެކުއްޖާއާ ތަންކޮޅެއް ދުރުގައި ކަމުން އެކުއްޖާއަށް އީމަން ފެނުނު ހެނެއް ހިޔެއް ނުވެއެވެ. ނަމަވެސް އިރުއިރުކޮޅާ ފަހަތަށް ބެލުމާ ދުވަމުން ދިޔަ ވަރުބަލިކަން ފެނުމުން އީމަން އަށް ބޭ އިޚްތިޔާރުގައި ކުރިއަށް ހިނގައިގަނެވުނެވެ. އެއީ ޔާނާ ބާވައެވެ؟ ދިގު ހެދުމެއް ލާފައި ހުރުމުން ބުރުގާ އަޅާ ކުއްޖެއްހެން ހީވެއެވެ. ކުއްލިއަކަށް އީމަންގެ ހަނދާނަށް އައީ އެކޮޓަރި ތެރެއިން ފެނުނު ބުރުގައެވެ. އެހެން ވެއްޖެނަމަ އެއީ ޔާނާއެވެ. އެ ހިމަތޮޅި ހަށިގަނޑު އެ ހެދުމުތެރޭގައި ނިވާވެފައި ވީނަމަވެސް ހިނގުމާއި އިސްކޮޅުން އެއީ ޔާނާކަން އީމަންއަށް ޔަޤީންވި ހިނދު ބޭ އިޚްތިޔާރުގައި ކުރިއަށް ދުއްވައި ގަނެވުނެވެ. ނަމަވެސް ކުއްލި އަކަށް ވީނުވީއެއް ނޭނގުނެވެ. ޔާނާ ގެއްލިއްޖެއެވެ.
އީމަން ޔާނާ ހުރި ހިސާބާ އަރާހަމަކޮށްފައި ވަށާ ހޯދާލިއެވެ. ކައިރީގައި ހުރި އަޅަންފަށާފައި ހުރި ގެއަށް ނަޒަރު ހިންގާލެވުނީ ޔާނާ އެތަނަށް ވަނީ އޭ ހިތަށް އެރުމުންނެވެ. މަޑު ފިޔަވަޅު ތަކެއްގައި ކުރިއަށް ހިނގަމުން ގޮސް އެގޭ ދޮރުމަތީގައި ހުއްޓި އެތެރެއަށް ނަޒަރު ހިންގާލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނެތެވެ. ނަމަވެސް އެއްފަރާތެއްގައި ހުރި ސިމެންތި ބަސްތާތަކާ ދިމާލުން އަޑެއް އިވުނުހެން ހީވެގެން މަޑުމަޑުން އެދިމާއަށް ފިޔަވަޅު އަޅަންފެށީއެވެ. ކުއްލިއަކަށް ޔާނާ ކުރިމައްޗަށް ހުއްޓި ދޫކޮށްލުމަށް އެދި އާދޭސްކޮށްގަތެވެ. ކަންތައްތައްވީ ގޮތް އެނގިހުރެވެސް އީމަންއަށް ހައިރާންކަން ލިބިގެން ދިޔައެވެ. ޔާނާއަށް ވެފައިވާ ވަރު ފެނި ހިތަށް ހަމްދަރުދީ ވަދެގެން ދިޔައެވެ. އަދި ކުޑަ ހިނދުކޮޅަކަށް ނަމަވެސް ޔާނާ އާ ދޭތެރޭ ނުބައިކޮށް ވިސްނުނީތީ ދެރަވެ ލަދުގަނެއްޖެއެވެ. ޔާނާ ދުވެފައި އައިސް އީމަންގެ ގައިގައި އޮޅުލައިގެނެގެން ރޯން ފެށުމުން ކަންތައް ވީ ގޮތް އެނގި ސާފުވެގެން ދިޔަކަހަލައެވެ. އަދި އާއިޒު އެވަކިތަކުން ޔާނާ ސަލާމަތްވީތީ ޝުކުރުވެރިވިއެވެ.
ޔާނާގެ ދެލޯމެރި ކުއްލިއަކަށް ހަބަރުހުސް ވެގެން ދިޔުމުން އީމަން ޔާނާ ދެއަތް މައްޗަށް އުފުލާލައިގެން ނުކުތް ވަގުތަކީ އެތަނަށް އާއިޒުއަށްވެސް އާދެވުނުވަގުތެވެ. އީމަންގެ އަތްމަތީގަ އޮތް ޔާނާ ފެނުމުން އާއިޒު ފުންނޭވާއެއްލީ ނަފުރަތުން ފުރިގެންވާ ބަލައިލުމަކުން އީމަންއަށް ބަލައިލަމުންނެވެ.
“އޯވް. ޕްރިންސް ކޭމް ޓު ދަ ރެސްކިއު އޮފް ޕްރިންސަސް. ތިއީ ދޯ އީމަންއަކީ؟ ތިހާ ލޯބި ވަންޏާ މިހުރިހާ ދުވަހު އޮތީ ކޮންތަނެއްގަ؟” އާއިޒު މަލާމާތް ކުރާފަދަ ރާގެއްގައި ވާހަކަ ދައްކަމުން ކުރިއަށް ފިޔަވަޅުތައް އަޅައިގަތެވެ. “ނައު …. ގިވް ހާރ ޓުމީ” އާއިޒު އަމުރުވެރި ރާގެއްގައި މިހެން ބުނެލަމުން ދެއަތް ދިއްކޮށްލިއެވެ. ވައިގަދަވެ ހީވަނީ ދެންމެ ދެންމެ ވާރޭ ވެހެން ފެށިދާނެ ހެންނެވެ. އީމަން މަޑުމަޑުން ގުދުވެލާފައި ކައިރީ އޮތް ވިނަގަނޑު މަތީގައި ޔާނާ ބާއްވާލުމަށްފަހު ތެދުވެ ހަމަ ޖެހުމުގެ ނޭވާއެއްލިއެވެ. ނަމަވެސް އެތޫނު ކަޅިން ރުޅިވެރިކަން ފެންނަން ހުރިއެވެ.
“މިއޮތީ. ވާނެނަމަ އައިސް ނަގައިގެން ދޭ.” އީމަން މިހެން ބުނެލި ނަމަވެސް އެޖުމުލައިން ލިބިގެން ދިޔަ އިންޒާރު އާއިޒުއަށް ސާފުކޮށް އެނގުނެވެ. ހުޝިޔާރު ކަމާއެކީ ކުރިއަށް މަޑުމަޑު ފިޔަވަޅުތައް އަޅަމުން އެއްފަހަރު އީމަންގެ މޫނަށް އަނެއްފަހަރު ޔާނާއަށް ބަލަމުން ޔާނާއާ ކައިރިވާން ފެށިއެވެ. އެހިނދު ޖެހެމުން ދިޔަ ގަދަ ވައިގެ ސަބަބުން ޔާނާގެ މޫނުމަތީގައި އިސްތަށިތަށް ނަށަމުން ދިޔައެވެ. ހީވަނީ ނިދާލާފައި އޮތީހެނެވެ. މޫނު ހުދު ކަފަކޮޅެއްހެން އެ އަނދިރީގައި ބަބުޅަމުން ދިޔައެވެ. އާއިޒު ކުރިއަށް ޖެހެމުން އައިސް ޔާނާއާ އަރާހަމަކޮށްފައި އަތް ތިރިކޮށްލުމާއެކު އީމަން އާއިޒުގެ އަތުގައި ހިފައި މައްޗަށް ތެދުކޮށްފައި އާއިޒުގެ މޫނުގައި ވީއްލާލި އެތިފަހަރުން އަނެއްފަރާތަށް ގޮސް ވެއްޓުނެވެ. އަދި ހަމަ އެސިކުންތުގައި އާއިޒުގެ ގިރުވާނުގައި ހިފައި މޫނާ މޫނުޖެހޭވަރަށް ކައިރިކޮށްލިއެވެ. އާއިޒުގެ ނޭފަތުން ލޭއައިސްފައި ވާއިރު ވެފައިވާ ތަދުން މޫނުމަތިން އަދިވެސް ކޮކާ ބުރާހެން ހީވެއެވެ.
8 Comments!
Comments are closed.
Alhey dhn kihineh vaany? Kyve yaanuge dad ge maruge xinmaa yaanuge boluga alhuvan v?? Dhn knirakun up kohdheyny.. Avahah up kohdhehchey…..
Haadha kurey
naice
Ooooo. ehaa kiyaahithu Huhtar nimuni ………..bt v reethi dhenfaharakun thankolheh dhigukoh genes dhenche plx
Mi story Mii kiyaafa oiy story eh.. So boring
Mi story Mii kiyaafa oiy story eh.. So boring
Mi story adhi nukiyan! Nice avahah up kohdhehchey! Adhi next part dhigukohdhehchey plz plz
Mu part ves varh salhi ekm yhakolhrn kuru…any waitin4 next part