Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 15

Esfiya Level 310 Stories100 Login
September 28, 2015 4 Mins Read
6 Comments

މަޑުމަޑު ފިޔަވަޅު ތަކެއްގައި އެދިމާއަށް ހިނގައިގަނެވުމާއެކު އެތަނުގެ އެއްފަރާތުގައި ހުރި ގޮނޑިއެއްގައި ހާމިޒާ އިންތަންފެނުނެވެ. ކައިރީގައި ޖާހަތު ހުއްޓެވެ. ހާމިޒާގެ ދެލޯ ވަނީ ރަތްވެފައެވެ. މޫނު ވަނީ ދުޅަވެފައެވެ. ބޯއެއްފަރާތަކަށް އެލިފައި ހުރި އިރު ހީވަނީ ހުއްޓިފައި އިން މީހެއްހެނެވެ. އެއްވެސް ހަރަކާތެއް ހުރިހެނެއް ހިޔެއް ނުވެއެވެ. ޔާނާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ‘މަންމަ މިހާލުގައި ވަނީ ނަމަ ކަފުން ކުރެވިފައި އެއޮތީ …’ ޔާނާގެ ހިތަށް ގެނެވުނީ މިހިސާބަށެވެ.

ކުރިއަށް އަޅައަޅާ ހުރި ފިޔަވަޅުތަށް ގަނޑުވެ ފަހަތަށް ފައި އެޅެން ފެށުނެވެ. ލޯބޮޑުކޮށްގެން ހުރެ މޭގައި ދެއަތް އަޅައިގެން ފަހަތަށް ހިނގަން ފެށުނީ ޤަބޫލުކުރަން ބޭނުން ނުވެގެންނެވެ. އެމަންޒަރު ބަލަން ބޭނުން ނުވެގެންނެވެ. ނަމަވެސް އީމަން ފަހަތުން އައިސް ޔާނާގެ ދެކޮނޑުގައި ހިފެހެއްޓިއެވެ. އަދި ޔާނާ ބަލައިލުމުން ބޯޖައިލީ އަހަރެން މިހުރީ އޭ ބުނާފަދަ ގޮތަކަށެވެ. އަދި ޔާނާ ގޮވައިގެން މަޑުމަޑުން ކުރިއަށް ހިނގައިގަތެވެ. ނަމަވެސް ޔާނާއަށް ފިޔަވަޅު އެޅެނީ ގަދަކަމުންނެވެ. އޭނާ ކުރިއަށްދާކަށް ބޭނުމެއް ނުވެއެވެ.

ކުރިއަށްދަމުން ގޮސް ކަފުނުގެ ތެރޭގައިވާ ނޫހުގެ މޫނު ފެނުމުން ޔާނާ މުޅިން ގަނޑުވި ކަހަލައެވެ. ލޯބިވާ ބައްޕަގެ ފުރާނަނެތް މަސްގަނޑާ މިފަދަ ގޮތަކަށް ބައްދަލުކުރަން ޖެހިދާނެޔޭ ޔާނާ ހިތަށް ދުވަހަކުވެސް ނާރައެވެ. އީމަން ޔާނާގެ އަތްތިލައި އުފުލާލުމަށްފަހު ނޫހުގެ ނިތްކުރީގައި ބޭއްވިއެވެ. ޔާނާގެ ދެލޮލުން ކަރުނަ އޮހިގަތީ އިޚްތިޔާރަކާ ލައިގެންނޫނެވެ. ހިތަށް ކޮށްފައި ވަނީ ބުނެދޭން ނޭނގޭފަދަ ފުން ހިތާމައެކެވެ.

“ޔާނު! ބައްޕައަށް އަލްވަދާޢުގެ ސަލާމް ކޮށްލާ. ދެން ޔާނު އަކަށް ބައްޕައެއް ނުފެންނާނެ.” އީމަން މަޑުމަޑުން ޔާނާގެ ކަންފަތްދަށުގައި މިހެން ބުނެލިއެވެ. ބޭނުންވީ ޔާނާ ރޮށްވާލުމަށެވެ. އެއީ އެފަދަ ފުންހިތާމައެއްގައި ކަރުނަތައް ހިފަހައްޓާލައިގެން ހުރުމުން އިތުރަށް ވޭން ލިބޭނެކަން އީމަންއަށް އެނގޭތީއެވެ. އީމަންގެ މިޖުމުލައިން ޔާނާގެ ހިތްކުދިކުދިވެގެން ދިޔައެވެ. ބާރުބާރަށް ރޮވެންފެށުނެވެ. ލޯބިވާ ބައްޕައަށް ލޯހުޅުވުމަށް އެދި އާދޭސް ކުރަންފެށުމުން އެތަނުގައި ތިބި މީހުންގެ ލޯތަކުންވެސް ކަރުނަ އޮހިގަތެވެ. ނަމަވެސް ހާމިޒާއަށް އިތުރު އެއްވެސް ބަދަލެއް ނާދެއެވެ. އިންގޮތަށް ހަމައިނީއެވެ. ޔާނާ ރޯން ފެއްޓުމުން ޖާހަތުވެސް ޔާނާގެ ކައިރިއަށް އައިސް ހުއްޓުނެވެ. އަދި ކޮނޑުގައި ހިފައި ހިތްވަރުކުރުމަށް ނަސޭހަތްތެރިވިއެވެ.

ޔާނާގެ ހިތަށް ކޮށްފައިވާ އަސަރުފެނި އީމަން މަޑުމަޑުން ފަހަތަށް ހިނގައިގަތް އިރު އެލޮލުގައިވެސް ކަރުނައިގެ އަސަރު ހުއްޓެވެ. އަދި އަވަސްއަވަހަށް ބޭރަށް ނުކުތީ ފުރާނަފަދައިން ލޯބިވާމީހާ އެގޮތަށް ކުދިކުދިވެފައި ރޯތަން ބަލަން ކެތްނުކުރެވިގެންނެވެ.

ބޭރަށް ނުކުމެ ކާރު ކައިރީގައި މަޑުކޮށްލިއެވެ. އިރުކޮޅެއްނުވެ ޖާހަތު އައިސް ފަހަތުން ގޮވައިލި އަޑަށް އެނބުރި ބަލައިލިއެވެ.

‘އަހަރެން ބުނީމެއްނު ޔާނު ނުގެންނާށޭ. ޔާނު އެފަދަ ހާލެއްގައި ވާތަން ބަލަން އަހަރެންނަކަށް ކެތެއް ނުކުރެވޭނެ.” ޖާހަތު ރޮވިފައި ހުރެ ވާހަކަ ދެއްކިއެވެ.

“ޖާތު! އަހަރެން ކީކޭ ޔާނު ގާތުގަ ބުނާނީ. ޔާނު އިނީ މަންމަމެންނާ ބައްދަލުކުރަން ނުހަނު ބޭނުންވެފަ. އެހެން ނޫނަސް ކޮންމެވެސް އެއްދުވަހަކުން މިކަންތައް ހަމަ އެނގޭނެއްނު. އެދުވަހަކުން މާ ދެރަވާނެ. ކުޑަމިނުން ޔާނުއަށް ބައްޕަގެ މޫނުވެސް ނުފެންނާނެއްނު.” އީމަން ދެއްކި ތެދު ވާހަކަތަކެއްކަން ވިސްނި ޖާހަތުވެސް ބޯޖަހައިލިއެވެ. މާގިނަ އިރުތަކެއްނުވެ ޔާނާގެ ބައްޕަގެ މަސްގަނޑު ވަޅުލުމަށްޓަކައި ސަހަރާއަށް ގެންދަން ނެރެވުނެވެ. އީމަންވެސް ސަންދޮކުގެ އެއްކޮޅުގައި ހިފިއެވެ. ސަހަރާއާ މާދުރުނޫނަސް އެމްބިއުލާންސެއްގައި ސަހަރާއަށް ގެންދެވުނެވެ. ވަޅުލުމުގެ ހުރިހާ ކަމެއްގައިހެން އީމަން އިސްކޮށް ހަރަކާތްތެރިވަމުން ގެންދިޔައެވެ. ޔާނާގެ ލޮލުން ކަރުނަ ނުހިފެހެއްޓެއެވެ.

ވަޅުލުމުގެ ހުރިހާކަމެއް ނިމި އެންމެން ގެއަށް އައެވެ. އީމަންއާ ޖާހަތުވެސް އައީ ޔާނާމެންގެ ގެއަށެވެ. ހާމިޒާ ގާތުގަ ނޫހުގެ ދެދައްތައިން ތިއްބެވެ. އީމަންއާ ޖާހަތު ތިބީ ޔާނާ ކައިރީގައި އެކޮޓަރީގައެވެ. “ޖާތު! މިއީ ކިހިނެއް ދިމާވި ކަމެއް؟ ބައްޕަ އަށް ކިހިނެއްތަވީ؟” ޔާނާ ސުވާލުކުރިއެވެ. ޖާހަތު ބަލައިލީ އީމަން އަށެވެ. އީމަން ވެސް އެވަގުތު އިނީ ޖާހަތުއަށް ބަލަހައްޓައިގެންނެވެ. ދެމީހުންތިބީ ބުނާނެ އެއްޗެއް ނޭނގިފައެވެ.

“ޔާނު،އެހަށް ހިނގާބަލަ ކޮންމެވެސް އެއްޗެއް ކާލަން. ފުރަތަމަ މީހާ ހަމައަކަށް އެޅިގެނެއްނު ވާހަކަ ދެއްކޭނީވެސް.” ޖާހަތު ޖަވާބެއް ދިނުމުގެ ބަދަލުގައި އެހެން ވާހަކަ އެއް ފެށިއެވެ. އަދި ސައިޑް ކަބަޑު މަތީގައި ހުރި ޖޫސްތަށި ޔާނާއަށް ދިއްކޮށްލިއެވެ. ނަމަވެސް ޔާނާ އަނެއްކާވެސް ވާހަކަ ދައްކަންފެށިއެވެ. “އެންމެ ރެއަކުން އަހަރެންގެ މުޅި ދިރިއުޅުން މިއޮތީ އެފުށް މިފުށަށް ޖެހިފަ. އެކަމަކު ވީ ކީއްކަމެއް ވެސް އެކަކުވެސް އަހަރެން ކައިރީ ބުނެދޭކަށް ނޫޅޭ. މަންމަ ހީވަނީ ފުރާނަ ނެތް މަސްގަނޑެއްހެން. ބައްޕަ އެވަނީ…….” ޔާނާއަށް ވާހަކަ ދެއްކުނީ މިހާ ހިސާބަށެވެ. މޫނުގައި އަތްއަޅާފައި ބާރުބާރަށް ރޮއިގަނެވުނެވެ.
އީމަން ކެތްނުކުރެވިގެން ކޮޓަރިން ނިކުތެވެ. ޔާނާއަށް އަނެއްކާ ރޮވެންފެށުނެވެ. ގިސްލަގިސްލާފައެވެ. ޖާހަތު ހަމަ އިނީއެވެ. ޔާނާ ހުއްޓުވަން ކުރެވޭނެ އިތުރު ކަމެއް ނެތުމުންނެވެ. އިރުކޮޅަކުން ދޮރުކައިރީ އައިސް ހުއްޓުނީ ޔާނާގެ ބައްޕަގެ އާއިލާގެ އެންމެ ބޮޑު ދައްތައެވެ. ޔާނާމެން ކިޔައި އުޅެނީ ބޮޑުދައިތައެވެ. މޫނުމަތިން ނުރުހުމުގެ އަސަރު ފާޅުވާން ހުއްޓެވެ.

“ރޯން އޮތީމަ ނިމުނީ ދޯ؟ ދެން ކީއްކުރަން ތިރޮނީ؟ ލޯބިން ބަލާބޮޑުކުރީމަ ބަދަލުގަ ތިއީ ދޯ ކުރަން އެނގުނު ކަމަކީ. އަހަރެން އެއިރުވެސް ނޫހު ގާތުގަ ބުނިން ތިހާ ވަރުން ނޫޅޭށޭ. ވަރެއްވާއިރަށް ކަރަށް ފައިންއަރާފަ ހިނގައިދާނެއޭ. އެހެނެއްނު ވާނީ. ބޭނުން ހުރިހާ ކަމެއް ކޮށްދޭ.” ބޮދުދައިތަގެ އެބަސްތައް ޔާނާއަށް ސިފަވީ ތޫނު ހަންޖަރެއް ފަދައިންނެވެ. މަޑުމަޑުން މޫނު ހިއްލާލާފައި ބަލާލެވުނީ ބޮޑުދައިތަ އެދައްކަނީ ކޮންވާހަކައެއްކަން ނޭނގިގެންނެވެ.

“ބޮޑުދައިތާ ކީކޭ؟ ބައްޕަ މިދުނިޔެ ދޫކުރީ އަހަރެންނާ ހެދިއޭތަ ތިބުނަނީ؟” ޔާނާ އެނދުން ފައިބައިގެން އައިސް ބޮޑުދައިތަގެ ކުރިމައްޗަށް ހުއްޓި ސުވާލުކުރިއެވެ. ނަމަވެސް ފޫހިކަމާއެކު ނޭވައެއްލާފައި ބޮޑުދައިތަ އަނބުރާލިއެވެ. އަދި ސިޓިން ރޫމާ ދިމާއަށް ހިނގައިގަތެވެ. ޔާނާ ފަހަތުން ހިނގައިގަތީ ޖަވާބެއް ބޭނުން ވެގެންނެވެ. އޭނާގެ ބައްޕަ މަރުވި ގޮތް ބަލަން ބޭނުންވާތީއެވެ. އަދި ބޮޑުދައިތަގެ ވާހަކައިން އެކަމުގައި ޔާނާ ޝާމިލުވާހެން ހީވެގެންނެވެ.

“ބޮޑުދައިތާ ހެޔޮނުވާނެ. ބައްޕަ މަރުވީ ކިހިނެއް؟ އަހަރެންނަށް ކިޔައިދީ ބަލަ؟” ޔާނާ ބޮޑުދައިތަގެ ކުރިމައްޗަށް އަރައި ހުއްޓުވަމުން އާދޭސްކޮށްފައި އަހާލިއެވެ. އެއިރު ދެމީހުންނަށްވެސް ތިބެވުނީ ސިޓިން ރޫމަށް ނުކުމެވިފައެވެ. ސިޓިން ރޫމުގައި ހާމިޒާ ކައިރީ ދެން ހުރި އަންހެން މީހާއަށް ވެސް ބޭއިޚްތިޔާރުގައި ތެދުވެވުނީ މިވާހަކަތައް އަޑު އިވިފައެވެ. ހާމިޒާ ހަމަ އިންގޮތަށް އިނެވެ. ޔާނާގެ ސުވާލުގެ ޖަވާބުގައި ބޮޑުދައިތަ ރުޅި އައިސްފައި އެތިވަރު ގޮވައިގަތެވެ.

“ކަލޭ ކީއްކުރަން ނޫހު މަރުވީ ގޮތެއް ބަލަން ތިއުޅެނީ. އަހާނެ ހިތްވަރެއް ހުރިއްޔާ އަހާ. ނޫހު މިދުނިޔެއިން ވަކވާޏް ޖެހުނީ ހަމަ ކަލެޔާ ހެދި. ކަލޭގެ ސުންޕާ ކަމުން. ކިހާ ލޯބިން ކަލޭ ބަލާ ބޮޑުކުރީ. އެކަމަކު ތިއީތަ ބަދަލުގަ އޭނަޔަށް ދޭން އެނގުނު އެއްޗަކީ.” ޔާނާ ސިހި ދެލޯ ބޮޑު ކޮށްލެވުނެވެ. ބޮޑުދައިތަގެ ވާހަކަތަށް އޭނާއަށް ސިފަވަމުން ދިޔައީ ގަޔަށް ތޮރުފެމުންދާ ވިހަ ތީރުތަކެއް ފަދައިންނެވެ. އެ ބަސްތަކުގެ އިތުރުން ޔާނާއާ ދިމާއަށް އެއްވެސް މީހަކަ އެހާ ހުތުރު ބަހުން ވާހަކަ ދެއްކި އަޑު ދުވަހަކު ވެސް އިވިފައި ނުވުމުން، ހިތުން ދިލަ އާތްވެއް އަރައިގަތްކަހަލަ އިހުސާސެއް ކުރެވިގެންދިޔައެވެ. ބަސްހުއްޓި އަނގަ ހުޅުވިފައި ހުރެވުނީއެވެ. ދެންވެސް ވާހަކަ ދައްކަމުން ދިޔައީ ބޮޑުދައިތައެވެ.

“ކަލޭ ކައިރިން ނޫހު އެދުނީ ކޮންކަމަކަށްތަ؟ ހަމަ އެންމެ ކަމެއް. އާއިޒުއާ ކައިވެނި ކުރުން. އެކަންވެސް ކޮށްލަ ނުދެވުނު. ދެން ކޮންހާ ޑްރާމާއެއް ކުޅޭކަށްތަ؟ ތިއީ ހަމަ އަމިއްލަ އެދުމުން ތެމި ފޯވެފަ ހުރި މީހެއް. ބަލަ ކަލޭ އާއިޒުއާ ދެވަން އުޅުނީ ހަމަ ކަލެއަށް ރަނގަޅަކަށް. އަރާމު ދިރި އުޅުމެއް ހޯދަދޭންވެގެން. އެކަމަކު އެކަންވެސް ނުވި. ކަލެއަށް ދުވަހަކުވެސް އުފަލެއް ނުލިބޭނެ. އަހަރެންގެ ކޮއްކޮ މިދުނިޔެއާ ވަކިވެ ދާންޖެހުނީ ހަމަ ކަލެޔާ ހެދި. ކަލޭގެ މައިންބަފައިންގެ ދިރިއުޅުން ހަލާކުކޮށްލީ ހަމަ ކަލޭ”
އިވެމުންދިޔަ ބަސްތައް އެހުމުގެ ކުޅަދާނަކަން ޔާނާއަށް ގެއްލުނެވެ. ނޭވާ ހާސްވެ ދެލޯ ބޮޑުވެގެން ދިޔައެވެ. ގަދަކަމުން ނޭވާލަމުން މަޑުމަޑުން ފަހަތަށް ފިޔަވަޅު އެޅެން ފެށުނެވެ.

ކުއްލި އަކަށް ބާރު އަޑުފަށްގަނޑެއް އިވިގެން ދިޔައެވެ. އެންމެންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ. ހާމިޒާ އޮތީ އަނގަވަތަށް ވެއްޓިފައެވެ. ބޯފަޅައިގެން ދިޔައީ ކަމަށް ބެލެވެއެވެ. ކައިރީގައި ކުޑަކުޑަ ލޭ ރޮނގެއް ދުވެލިއެވެ. ނޫހުގެ ދެދައްތައިން ބާރުބާރަށް ހާމިޒާގެ ގާތަށް ދިޔައެވެ. ޔާނާ ވެސް އަވަސްއަވަހަށް އެދިމާއަށް ފިޔަވަޅު އަޅައިގަތެވެ. ނަމަވެސް ބޮޑުދައިތަ އެކަން މަނާކޮށްލީ ނުރުހުމާއެކު ދިއްކޮށްލި އަތަކުންނެވެ. ޔާނާއަށް ފާރުގައި ލެނގިގަނެވުނެވެ. އަދި މަޑުމަޑުން ތިރިވެލައި އުޑުފައިން އިށީނދެވުނެވެ.

މިފެންނަނީ ހުވަފެނެއް ބާވައެވެ. އޭނާގެ އުފާވެރި ދިރިއުޅުން ސިކުންތު ކޮޅެއްގެ ތެރޭގައި ވިއްސި ވިހާލިވެގެން އެދިޔައީ ހިރަފުސްކޮޅެއް ފަދައިންނެވެ. މިއީ ކޮންފަދަ އިމްތިހާނެއް ހެއްޔެވެ. މައިންބަފައިންގެ ހިތުގައި ޖެހިދާނެތީ އެމީހުންނާ ދެކޮޅަށް އުފް އޭވެސް ނުބުނެ އުޅެމުންދަނިކޮށް އެންމެ ފަހުން އެމީހުންގެ މިއަދުގެ ހާލަތުގެ ޒިންމާދާރެއް ކަމުގައި ވެނިމިގެން ދިޔައީ ކޮންކުށެއް ކުރެވިފައި އޮތުމުން ހެއްޔެވެ؟ ދުނިޔެއިން ހަމައެކަނި އެދުނީ ލޯތްބަށެވެ. ސާފު ތެދުވެރި ލޯތްބަކަށެވެ. އެއީވެސް މައިންބަފައިންގެ ނުގަބޫލުގައެއް ނޫނެވެ.

Share Article

Follow Me Written By

Esfiya

Level 310 Stories100 Login

Other Articles

Previous

އިންތިޒާރު ( ދިހަވަނަ ބައި )

Next

ދީވާނާ ލޯބިން ވެއްޖޭ. . [27]

Next
September 28, 2015

ދީވާނާ ލޯބިން ވެއްޖޭ. . [27]

Previews
September 27, 2015

އިންތިޒާރު ( ދިހަވަނަ ބައި )

6 Comments!

  1. Nyna says:
    September 28, 2015 at 12:50 am

    Varah reethi

  2. Zah says:
    September 28, 2015 at 12:58 am

    Haada kurey vvv.reethi

  3. farey says:
    September 28, 2015 at 1:41 am

    Nimuneetha

  4. Kiyuntheriyaa says:
    September 28, 2015 at 6:04 am

    Cant wait to read next part….

  5. Iph says:
    September 28, 2015 at 10:46 am

    Alhey Warah Reethi Mi Part Vs. Ekam Thankolheh Kuree. Alhe Next Part Thankolheh Dhigu Kohllahchey Please. 🙂

  6. shine sam says:
    September 28, 2015 at 6:18 pm

    V vvvvvvv reethi vaahaka.next part ah inthizaaru kureveyne. ..mi vaahaka magey life r vrh eh goyy?

Comments are closed.


All Right Reserved!