ތިޔަ ލޯބީގައި… 02
“އެކްސްކިއުޒް. އަހަރެން މިތަނުގަ އިނށީދެލިއަސް އެންމެ ރަނގަޅުތަ؟” ދާދި ގާތުން އިވިގެންދިޔަ އަންހެންވަންތަ އަޑުން އިސްއުފުލައިލައި ކުރިމައްޗަށް ޒާއިން ބަލައިލިއެވެ.
ކުރިމަތީގައި ހުއްޓިހުރީ އޭނާ ދުވަހަކުވެސް ދެކެފައިނުވާ ޒުވާނެކެވެ. އެހެނަސް އެކުއްޖާއަށް އިރުކޮޅަކުބަލަން އިނުމަށްފަހު ޒާއިން ބޯޖަހައިލިއެވެ. ކުޑަކޮށް ހިނިތުންވެލަމުން އެކުއްޖާއައިސް ޒާއިންއާއި ޖެހިގެންހުރި ގޮނޑީގައި އިނށީނެވެ. ލައިގެންއިން ގަޔަށްބާރު ކުރުހެދުމުން އެކުއްޖާގެ ތުނި ހަށިގަނޑުގެ ބޮޑުބައެއްވަނީ ހާމަވެފައެވެ. އެހެނަސް އެކަމަށް އެކުއްޖާގެ މާބޮޑުފަރުވާލެއް ނެތްކަހަލައެވެ. ޒާއިންއަށް އެތޫނު ކަޅިރަވަސީދާކޮށްލައިގެން އިނދެ އޭނާވެސް އަތުގައިހުރި ތަށިނަގައި ތުނބުގައި ޖަހައިލިއެވެ.
“އަހަރެން މިތާއިނީމަ އުނދަގޫވެފަތަ؟ އެހެންވެތަ ވާހަކަނުދައްކަނީ؟” ދެމެދަށް ވެރިވެފައިވީ ހަމަހިމޭންކަން އިސްވެ ނަގައިލީ އެކުއްޖާއެވެ. ބަދަލުގައި ދެފަރާތަށް ޒާއިން ބޯހޫރުވައިލީ ނޫނެކޭ ބުނުމުގެ ގޮތުންނެވެ. “ޖޫލިއާ” ސަލާމަށް އަތްދިއްކޮށްލަމުން ޖޫލިއާ އަމިއްލައަށް ތައާރަފުވެލިއެވެ. އެއަތުގައި ހިފައި ސަލާމްކޮށްލި ނަމަވެސް ޒާއިން އަނގައިންނެއް ނުބުނެއެވެ. “ނަންވެސް ނުބުނާނަންތަ؟” ދެންވެސް ވާހަކަދެއްކީ ޖޫލިއާއެވެ. “ނަން އެނގުން އެހާ މުހިންމުތަ؟” ޒާއިންވެސް ކޮށްލީ ސުވާލެކެވެ. އެއާއެކު ލުއިގޮތަކަށް ޖޫލިއާ ހީލިއަޑު އިވުނެވެ. “ހާދަބޮޑު ފިކުރެއްކުރާހެން ހީވެއޭ.” ޒާއިންއާއި ބޮޑަށް ގާތްވެލަމުން ޖޫލިއާ ތުއިގޮތަކަށް ބުނެލިއެވެ. “އެހާވެސް ކިޔާލަން ފަސޭހަތަ؟” އެއްއަރިއަކަށް ހިނިތުންވެލި ޒާއިން އަހައިލިއެވެ. ޒާއިން ހިނިތުންވެލުމާއެކު ވައަތުކޮލަށް އެޅިގެންދިޔަ އަޑިކޮޅުފެނި ޖޫލިއާ މޮޔަނުވީ ކިރިޔާއެވެ. ކޮންމެގޮތަކުންވެސް ޒާއިންއާއި ގުޅުން ބަދަހިކުރުމުގެ ޝައުގު އޭނާގެ ހިތުގައި އުތުރިއަރައިގަތެވެ.
“އެއްބަސް ނުވިއަސް ތިމޫނުން ވަރަށް ބޮޑު ފިކިރެއްކުރާކަން އެނގޭ . އަހަރެން ތިފިކުރުތަކާ ހިނދުކޮޅަކަށް ދުރުވެލަން އެހީވެދީފާނަން.” ކޮނޑުމައްޗަށް ވެއްޓިފައިއޮތް އޭނާގެ ގަދަ މުށިކުލައިގެ އިސްތަށިގަނޑާ އަތުން ކުޅެލަމުން ޖޫލިއާ ވައިއަޑުން ބުނެލީ ސީދާ ޒާއިންގެ ދެލޮލަށް ބަލަން އިނދެއެވެ. “ޖޫލިއާއަށް ވާނެކަން ޔަގީންތަ؟” ޖޫލިއާގެ ވާހަކައާ ގަޔާވާކަން ޒާއިންގެ ފުށުންފެންނަމުންދިޔަ އަމަލުތަކުން ހެކިދެއެވެ. “އަހަރެންނަށް ފުރުސަތެއްދީ. އޭރަށް ތިސުވާލުގެ ޖަވާބު އަމިއްލައަށް ލިބިދާނެ.” ޒާއިންގެ އަތުގައި ފިރުމައިލަމުން އެއްލޯމަރައިލައިފައި ޖޫލިއާ ބުނެލިއެވެ. ޖޫލިއާގެ ޖެހިލުންކުޑަ އަމަލުތަކުން މިއީ އޭނާއަށް އާކަމެއްނޫންކަން ޒާއިންއަށް އެނގުނެވެ. އަތުގައިހުރި ތަށީގައި ބާކީހުރި ރަލުގެ އެތިފޮދު ހުސްކޮށްލަމުން ޒާއިން ގޮނޑިން ތެދުވިއެވެ. އެއާއެކު ޖޫލިއާ ތެދުވެ ޒާއިންގެ އަތުގައިހިފައި ކުރިއަށް ހިނގައިގަތެވެ.
ޖޫލިއާ ގޮވައިގެންގޮސް ޒާއިން މަޑުކޮށްލީ އޭނާގެ ޕްރައިވެޓް ކާރުގެ ކުރިމަތީއެވެ. “ވާހް. މިއީ ހަމަ ތިމީހާގެ ކާރުތަ؟” ކާރުގައި އަތްކާތައިލަމުން ޖޫލިއާ އަހައިލީ ހިނިއައިސްފައި ހުރެއެވެ. ޖަވާބުގައި ޒާއިން ބޯޖަހައިލިއެވެ. “އަދިވެސް ނަމެއް ނުބުނަމެއްނު” ކާރުގައި ކުޑަކޮށް ލެގިލަމުން ޖޫލިއާ އަނެއްކާވެސް އެދުނީ ޒާއިންގާތުން ނަންބުނުމަށެވެ. މިފަހަރުވެސް ޒާއިން ލުއިހިނިތުންވުމަކުން ފުއްދައިލީއެވެ. ހިނިގަނޑަކާއެކު ދެފަރާތަށް ޖޫލިއާ ބޯހޫރުވައިލިއެވެ. ކާރުދުއްވަން އެނގޭތޯ ޒާއިން އަހައިލުމާއެކު ޖޫލިއާ ބޯޖައިލިއެވެ. “ޖޫލިއާ ދުއްވަންވީނު. ބޮއެގެންހުރެ އަހަރެންނަށް މާރަނގަޅަށް ދުއްވޭނެކަމުގެ ޔަގީންކަމެއްނެތް.” ޖޫލިއާވެސްހުރީ އޭނާއާއި އެއްހާލެއްގައިކަން އެނގޭއިރުވެސް އިސްތަށިގަނޑުގައި އަތްހިންގައިލަމުން ޒާއިން ކާރުގެ ތަޅުދަނޑި ޖޫލިއާއަށް ދިއްކޮށްލީ ޖޫލިއާ އުޅެމުންދިޔަގޮތުން ފާޑަކަށް ހިނިއައިސްފައި ހުރެއެވެ. ތަޅުދަނޑީގައި ހިފަމުން ފަރިހިނގުމެއްގައިގޮސް ޖޫލިއާ ކާރަށްއަރައި ހަމަޖެހިލިއެވެ. ޖޫލިއާގެ ފަހަތުންގޮސް ޒާއިންވެސް ކާރަށް އެރުމުން އޭނާ ކާރުދުއްވައިލިއެވެ.
ޖޫލިއާ ޒާއިން ގޮވައިގެންއައީ އޭނާ ދިރިއުޅޭ ގެއަށެވެ. ކާރު ޕާރކްކޮށްލުމަށްފަހު ކާރުން ފައިބައި ޒާއިންގެ އަތުގައި ހިފައިލަމުން ކުރިއަށް އޭނާ ހިނގައިގަތެވެ. އެޕާރޓްމަންޓަށް ވަނުމަށްފަހު އެމުޅިތަނަށް ބަލައިލަމުން ޒާއިން ޖޫލިއާގެ އުނަގަނޑުގައިހިފައި އޭނާ އާއި ގާތްކޮށްލިއެވެ. އެއާއެކު ޖޫލިއާގެ ލުއިހުނުމުގެ އަޑު އެތަނަށް ފެތުރިގެން ދިޔައެވެ.
*****
ހުކުރު ދުވަހުގެ ހެނދުނުގެ ހިތްގައިމު ވަގުތެވެ. ބާޒާރުކޮށްލައިގެން އައިސް ސާރާ ގެއަށް ވަތްއިރު ކާކޮޓަރީގެ މޭޒުދޮށުގައި މެންދުރުކެއްކުމަށް ތައްޔާރުކުރަން ލަމްޔާ އިނެވެ. ލަމްޔާގެ ބޮލުގައި ފިރުމައިލަމުން އޭނާ ގެނައި ތަރުކާރީގެ ބައެއްވައްތަރު ނަގައި މޭޒުމަތީގައި ބެހެއްޓުމަށްފަހު އަނެއްބައި އައިސްއަލަމާރީގެ ވަތްގަނޑަކަށް އަޅަންފެށިއެވެ. އޭރު ހުޅުވައިފައިހުރި ޓީވީއިން ކަޙަޕް ސޫރަތްގެ މާތްކަލިމަތައް އިވިއިވި ހުއްޓެވެ. ދެމައިންވެގެން މެންދުރު ނަމާދަށް ގޮވަންވާއިރަށް ކައްކައިނިންމައިލުމަށްޓަކައި އަތްމަތި އަވަސްކޮށްލިއެވެ. މެންދުރަށް ކެއުން ތައްޔާރުކުރީ ލަމްޔާ ނަމަވެސް އަތްގައިކޮށްދީ ހެދުމަށްޓަކައި ސާރާ އޭނާގެ ގާތުގައި ހުއްޓެވެ. ހުރިހައިކަމެއް ނިންމައިލެވުނުއިރުހުރީ މެންދުރުނު ނަމާދު ވަގުތު ޖެހިފައެވެ. ނުހައިކް މިސްކިތުން އަންނަންވާއިރަށް ފެންވަރައި ނަމާދުކޮށްލުމުގެ ނިޔަތުގައި ދެމައިންވެސް ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.
ނުހައިކްއާއި ލަމްޔާ ވަރަށް ތުއްތުއިރު އެދެމީހުންގެ ބައްޕަ ވަނީ ކުއްލިގޮތަކަށް ނިޔާވެފައެވެ. އެދުވަހުންފެށިގެން ސާރާ އަތުކުރިއޮޅައިލީ ކޮންމެފަދަ ހާލަކުން ނަމަވެސް އޭނާ އާއި ޒަރީރުގެ ލޯބީގެ ނިޝާންކަމުގައިވި ދެދަރިން ހެޔޮގޮތުގައި ތަރުބިއްޔަތުކޮށް، ރަނގަޅު ކުދިބައެއްގެ ގޮތުގައި ބޮޑުކުރުމަށެވެ. ސާރާގެ ބުރަމަސައްކަތުގެ ނަތީޖާ ކިތަންމެހައިވެސް ފޮންޏެވެ. އަދު އޭނާގެ ދެދަރިންވެސް ބޮޑެތިވެފައިވިތިބީ އޭނާ އުއްމީދުކުރިފަދަ ބައެއްގެ ގޮތުގައެވެ. އެކަމަށްޓަކައި އޭނާގެ ވެރި ރަށްބަށް ޝުކުރުވެރިނުވާ ހަމައެންމެ ދުވަހެއްވެސް ނުދާނެއެވެ.
*****
ދެފަހަރަކު ލޯތަޅުވައިލުމަށްފަހު ޒާއިން މަޑުމަޑުން ދެލޯހުޅުވައިލައި މޫނުގައި އަތުން ފިރުމައިލިއެވެ. ގާތުގައި ފުންނިންޖަކުން ނިދިފައިއޮތް ޖޫލިއާގެ މޫނަށް އިރުކޮޅަކު ބަލަންއޮތުމަށްފަހު އޭނާ ތެދުވެ އެނދުގެ ހެޑްބޯޑުގައި ލެގިލިއެވެ. އަދި ވަށައިގެން އެކޮޓަރިތެރެއަށް ނަޒަރު ހިންގައިލިއެވެ. އެވަގުތު ސައިޑް ޓޭބަލް މަތީގައިއޮތް އޭނާގެ ފޯނު ލޮލުގައި އަޅައިގަތެވެ. ގަޑިންވީއިރެއް ބަލައިލުމުގެ ނިޔަތުގައި ޒާއިން ފޯނުނެގިއެވެ. ދިއްލިގެންދިޔަ ސްކްރީނުން މިސްވެފައިހުރި މަންމަގެ ކޯލުތައްފެނުމުން އޭނާގެ ނިތަށް ރޫއަރައިގެންދިޔައެވެ. އަތުގައިއޮތް ފޯނު އަނެއްކާވެސް ވައިބްރޭޓްވާންފެށީ މަންމަގެ ކޯލެއްކަން އަންގައިދެމުންނެވެ. ވަގުތުން ފޯނު އޮފްކޮށްލުމަށްފަހު އެނދުން ޒާއިން ފޭބިއެވެ. ތޮއިބާ އެގުޅަނީ ރޭގައި އޭނާ ގެޔަށް ނައިސްގެންކަން ޒާއިންނަށް އެނގޭކަހަލައެވެ. މިވަގުތު އޭނާހުރީ ތޮއިބާގެ ސުވާލުތަކަށް ޖަވާބުދެވޭކަހަލަ ހާލަތެއްގައެއްނޫނެވެ. ފުންނޭވައެއްލަމުން ކޮޓަރީގެ ޓައިލްސްމަތީގައި އޮތް އޭނާގެ އަންނައުނުތައް ނަމަގުން އެއްފަރާތު ހަރުގަނޑުގައިއޮތް ތުވާލި ހިފައިގެން އޭނާގޮސް ފާހާނާއަށްވަނީ ތާޒާވެލުމަށްޓަކައެވެ.
ފެންވަރައިލައިގެން ނުކުތް ޒާއިން އަތުން ބޮލުގައި ހަރުލައިފައިހުރި ފެންތިކިތައްފޮޅައިލަމުން ޖޫލިއާއަށް ބަލައިލިއެވެ. އޭރުވެސް އަރާމުކޮށްނިދައިލައިފައި އޭނާ އޮތެވެ. ހަމަހިމޭންކަމާއެކު ވަގުތުކޮޅަކު އެހެން ހުރުމަށްފަހު ހަރުގައި ތުވާލި އަޅުވައިލަމުން ޑްރެސިންގްޓޭބަލް މަތީގައިއޮތް އޭނާގެ ކާރުގެ ތަޅުދަނޑިހިފައިގެން އެކޮޓަރިން ނުކުންނަން ޒާއިން ހިނގައިގަތެވެ. ފަސްއެނބުރި އެންމެފަހަރަކުވެސް ބަލައިލުމެއްނެތި ޒާއިން އެގެއިން ނުކުމެ އޭނާގެ ކާރަށް އަރައި ދުއްވައިލީ ރޭގައިވީ ހުރިހައިކަމެއް މާޒީގެ ތެރެއަށް ދޫކޮށްލަމުންނެވެ. އިތުރަށް އެކަމާ އެއްވެސް ވަރަކަށް ވިސްނާކަށް އޭނާ ބޭނުމެއްނުވެއެވެ. އޭނާގެ ނަން ޖޫލިއާ ގާތުގައި ހާމަކުރަން ބޭނުންނުވި އެންމެބޮޑު އެއްސަބަބަކީވެސް އެއީއެވެ. ޒާއިންދެކޭ ގޮތުގައި އެއީ އެންމެ ރެއެއްގެ ގުޅުމެކެވެ. އޭނާ ބޭނުންވަނީ ޖޫލިއާވެސް އެގޮތަށް ދެކޭށެވެ.
ގެއާއި އިންވެގެން ހަދައިފައިހުރި ގަރާޖުގައި ކާރު ޕާރކްކޮށްލަމުން ލަސްހިނގުމެއްގައި ޒާއިން ގެއާ ދިމާލަށް މިސްރާބުޖެހިއެވެ. ބޮޑުކޮޓަރިއަށް ވެރިވެފައިއޮތް ހަމަހިމޭންކަންފެނި ތޮއިބާވީ އޭނާގެ ކޮޓަރީގައިކަން ޒާއިންއަށް ވިސްނުނެވެ. ހިނގުން ބާރުކޮށްލަމުން ޒާއިން އޭނާގެ ކޮޓަރިއާއި ދިމާލަށް ދިޔައީ ތޮއިބާއަށް ނުފެނި ސަލާމަތްވުމުގެ ގޮތުންނެވެ. ނަމަވެސް ބޮޑުކޮޓަރީގެ މެދަކާ ހަމައަށްދެވުނުތަނުން ފަހަތުން ތޮއިބާ އޭނާގެ ނަމުން ގޮވައިލިއަޑަށް ސިހިފައި ޒާއިން ހުރިފިޔަވަޅުމަތީގައި ހުއްޓުނެވެ.
“ޒާއިން. މަންމަ މިވާހަކަދައްކަނީ ޒާއިން އާއޭ. މިކޮޅަށް އެނބުރިބަލަ.” ހިތްހަމަނުޖެހިފައިހުރެ ތޮއިބާ ބުނެލިއެވެ. “މިހާރަކުނޫން. ވަރަށް ވަރުބަލިވެފަ މިހުރީ.” ހުރިގޮތަށްހުރެ ޒާއިން ޖަވާބުދިނެވެ. “ޒާއިންއަށް އެނގޭތަ ގަޑިންވީއިރެއް؟ ރޭ ބޭރަށްދިޔަ މީހާ އަދި ކިރިޔާއޭ ގެއަށްތިއައީ. ޒާއިން މިހާރު ތިކަންވެސް އާދައަކަށް ހަދައިފި. ބުނެބަލަ. ރޭހަތަރުދަމު ކޮންތަނަކުތަ ޒާއިން އުޅުނީ؟” ޒާއިންގެ ފަރުވާކުޑަ ޖަވާބުން ތޮއިބާ އިތުރަށް ހިތްހަމަނުޖެހުނެވެ. “މަންމަ ކީކުރަން އަހަރެން އުޅޭހައިތަނެއް ބަލަނީ؟ މަންމަ ގޮސް އެމީހާ ގާތު ހުރޭ. މަންމައަށް ހެވެއްނު އަހަރެން ކޮންމެތަނަކު ކޮންމެ ހާލަކުއުޅުނަސް. އެމީހާ ގާތު ހުރެވެނިކޮށް މަން..” ޒާއިންގެ ވާހަކަތައް މެދުކެނޑިގެން ދިޔައީ އޭނާގެ ކޮނޑުގައިހިފައި އަނބުރައިލުމަށްފަހު ކޯމަތީގައި ތޮއިބާ ޖެހުމުންނެވެ. ތޮއިބާގެ އަތުގެ ހޫނު ހަމަލާ އިހުސާސުވީ ހިސާބުގައި ފިރުމައިލަމުން ދަތްކުނޑިވިކައިލައިފައި ޒާއިން ބަލައިލިއެވެ. އޭރު އައިރުޅީގައި ތޮއިބާގެ ދެލޮލުން ކަރުނައޮހޮރެމުން ދިޔައެވެ. “ޚަބަރުދާރު ޒާއިން. ކަލޭ ކިތަންމެ ރުޅިއަޔަސް އެއީ ކަލޭގެ ބައްޕަނޫން މީހަކަށް ނުވާނެ.” ތޮއިބާގެ އަޑު ބާރެވެ. “އަހަރެން ގަބޫލެއް ނުކުރަން އެއީ އަހަރެންގެ ބައްޕަ ކަމަކަށް. އަހަރެން މީއޭނާގެ ދަރިއެއްނަމަ އަހަރެންނާ ދޭތެރޭ އެމީހާ އެގޮތަށް ކަންތައްނުކުރީސް.” ޒާއިންގެ އަޑުވެސް ބާރުވެގެންދިޔައެވެ. “ޒާއިން” ހިތުގައި ޖެހިފައި ތޮއިބާއަށް ގޮވައިލެވުނެވެ. “މަންމައެއްކަމަކު އެމީހާގަނޑުގެ ވާހަކަ އަހަރެންގެ ގާތުގައި ދައްކައިގެންނުވާނެ. އަހަރެން އަޑުއަހާކަށް ބޭނުމެއްނޫން.” އެހެންބުނެލުމަށްފަހު ތޮއިބާއަށް ވާހަކަދައްކާނޭ ފުރުސަތެއްނުދީ ބާރުހިނގުމެއްގައި ސިޑިން އަރައިގެން ގޮސް ކޮޓަރިއަށްވަދެ އަތުގެކޮޅަށް ޒާއިން ދޮރުޖެހިއެވެ. އެއަޑަށް ވިސްނައިގެންހުރި ތޮއިބާވެސް ސިހިގެންދިޔައެވެ. ފުންނޭވާއެއްލަމުން ތޮއިބާ އިސްޖަހައިލިއެވެ. ދެލޮލުން އޮހޮރެމުންދިޔަ ކަރުނަތައް އަތުގެ ނުފުށުން ފުހެލަމުން މަޑުހިނގުމެއްގައި ގެއިން ނުކުންނަން އޭނާ ހިނގައިގަތެވެ. “އާމިރް.” ގޭދޮރުމައްޗަށް ނުކުންނަމުން ތޮއިބާ އޭނާގެ ކާރުޑްރައިވަރަށް ގޮވައިލިއެވެ. “ކާރު ގެނޭ. އަހަރެން ބޭނުން ހޮސްޕިޓަލަށް ގޮސްލަން.” އާމިރު އައުމާއެކު މޮޅިވެރިގޮތަކަށް ތޮއިބާ ބުނެލިއެވެ.
*****
ބަންދު ދުވަހެއްކަމުން އެކުވެރިންނާއެކު ނުހައިކްވެސް ހަވީރު ބޭރަށްދިއުމަށް ތައްޔާރުވަމުން ދިޔައެވެ. ސާރާ ގާތުގައި ބުނެލުމަށްފަހު ގެއިން ނުކުމެގެން އެންމެން ދިމާވަން އެއްބަސްވި ތަނަށް ދިއުމަށްޓަކައި ނުހައިކް ސައިކަލް ދުއްވައިލިއެވެ. ސައިކަލް ޕާރކިން ޒޯންގައި ޕާރކްކޮށްލުމަށްފަހު މަގުގެ އެއްފަރާރުގައިތިބި އޭނާގެ އެކުވެރިންގެ ގާތަށް އައިސް ނުހައިކް ހުއްޓިލީ ހިނިތުންވެފައިހުރެއެވެ. އެންމެން ދިމާވީ ދުވަސްގަނޑެއްފަހުންކަމުން ލައްކަ ވާހަކަތައް އެމީހުންގެ މެދުގައި ދެކެވެމުންދިޔައެވެ.
“ހުއް. އެއްކަލަ ފޫހި މީހާގަނޑު.” ޝަޔަމްއާއެކު ހިނގަމުންއައި ޖިޔާ އެހެންބުނެލި އަޑަށް އަތުގައިއޮތް ފޯނަށް ހުއްޓިފައިވި އޭނާގެ ދެލޯ ޖިޔާގެ މޫނަށް ހުއްޓައިލީ ސުވާލުގެ ނަޒަރަކުންނެވެ. “ކާކު އަނެއްކާ؟” އެކިދިމަދިމާ ބަލައިލަމުން ޝަޔަމް އަހައިލިއެވެ. “ނޭނގެ. އަހަރެންގެ އޮފީސްމޭޓެއް. އެހުރި އަންނަ ގްރޫޕްގަ ހުދުގަމީހެއްލާފަ އެހުރީނު. އެއީ. ވަރަށް ފޫހި މީހެއް.” މޫނަށް ވައްތަރެއްޖައްސައިލަމުން ޖިޔާ ބުނެލިއެވެ. “ކާކުތަ އެއީ؟ ކީއްވެ ފޫއްސޭ ތިބުނީ؟” ޖިޔާ އެބުނި މީހެއް ފާހަގަކުރަން މަސައްކަތްކުރަމުން ޝަޔަމް އަނެއްކާވެސް އަހައިލިއެވެ. “އެއީ ނުހައިކް. ވަރަށް ފޮނިވާނެ. އަންހެންކުއްޖަކާ އިސްވެ އޭނާ އަނގައިންވެސް ނުބުނާނެ. ތިމާއަށް ތިމާފެނިފަހުރި ފިރިހެނެއް އެއީ. މާރީތިވީމަ ފޮނިވިޔަސް އެދެން ބޮޑުވަރު.” ޖިޔާގެ މޫނުމަތިން ފެނުނީ ފޫހިކަމެވެ. ޖިޔާގެ ޖަވާބުއަހައިފައި ޝަޔަމް ހިނިގަނޑެއްޖަހައިލިއެވެ. “ޖިޔާ ކުރަންއުޅުނުކަމެއް ކާމިޔާބު ނުވީހެން ހާދަ ހީވެއޭ.” ސަމާސަގޮތަކަށް ޖިޔާގެ ކޮނޑުގައި ޖެހިގަންނަމުން ޝަޔަމް ދިމާކޮށްލިއެވެ. އެއާއެކު އަނގައިން ނުރުހުމުގެ އަޑެއްލައްވައިލަމުން ޖިޔާ ޝަޔަމްގެ ކޮނޑުގައިހިފައި ކުޑަކޮށް ދުރަށް ކޮށްޕައިލިއެވެ.
ކުރިމަތިން ހިނގައިފައިއައި ފިރިހެން ގްރޫޕް ތަންކޮޅެއް ގާތްވެލުމާއެކު ޖިޔާ އެބުނި މީހަކަށް ޝަޔަމް ރަނގަޅަށް ބަލައިލިއެވެ. އެއާއެކު އޭނާގެ ދެލޯބޮޑުވެ ނިތަށް ރޫއަރައިގެންދިޔައެވެ. އެއީ އެއަރޕޯޓުން އޭނާގެ ގައިގައި އަޅައިގަތް ފިރިހެންކުއްޖާކަން އޭނާއަށް ޔަގީނެވެ. “ހުއް. އެއީތަ ޖިޔާ ތިބުނާ މީހަކީ؟ އަހަރެންނަށް އޭނަ އެނގޭ.” އެހެން ބުނެލަމުން އެއަރޕޯޓުގައި ދިމާވި ހާދިސާ ޝަޔަމް ޖިޔާއަށް ކިޔައިދިނެވެ. “ސީރިއަސްލީ؟ އަހަރެންނަށް ފެންނަނީ އޭނައަށް ލަނޑެއްދޭން.” ނުލަފާ ގޮތަކަށް ހީލަމުން ޖިޔާ ބުނެލިއެވެ. “ގުޑް އައިޑިއާ.” ޝަޔަމްވެސް ޖިޔާ އާއި އެއްބަސްވެލިއެވެ. “ޖަސްޓް ވެއިޓް އެންޑް ވޮޗް.” ޖިޔާއާއި ދިމާލަށް އެއްލޯމަރައިލަމުން ޝަމަޔް ކުރިއަށް ހިނގައިގަތެވެ. ޝަޔަމް ކުރަންއުޅޭ ކަމަކާއިމެދު ސުވާލުއުފެދިފައި ބަލަހައްޓައިގެން ޖިޔާ ހުއްޓެވެ.
ލައިގެންހުރި ފަޔަށްބާރު ޖީންސްގެ ޖީބަށް ފޯނުލުމަށްފަހު އަތުގައިހުރި ޖޫގޯތަށީގެ މަތި ޝަޔަމް ނެނގިއެވެ. އެއާއެކު ޝަމަޔްގެ ރޭވުން ދުރުގައިބަލަންހުރި ޖިޔާއަށް ވިސްނުނެވެ. ވަގުތުން އޭނާގެ ތުންފަތްމައްޗަށް ނުލަފާ ހިނިތުންވުމެއްވެރިވިއެވެ. ބާރުހިނގުމުގައި ނޭނގޭކަމަށް ހަދައިފައި ޝަޔަމްގޮސް ޖެހިގަތީ ނުހައިކްގެ ގައިގައެވެ.
ގަޔަށް ފައިބައިގެންދިޔަ ފެންތަކާއެކު ލައިގެންހުރި ހުދުގަމީހުގައި ނުހައިކްއަށް ހިފަހައްޓައި ބަލައިލެވުނެވެ. “ސޮރީ. ވަރަށް ބޮޑަށް ސޮރީ. އޫޕްސް. މުޅި ގަމީސް ހަރާބުދޯ.” ތުންފަތުގައި ދަތްއަޅައިލަމުން ދެރަވާކަމަށްހެދިފައި ޝަޔަމް މައާފަށް އެދުނެވެ. އެކުވެރިއަކާ ވާހަކަދައްކަން ހުރުމުން އެދިމާލަށްއައި ޝަޔަމް އޭނާގެ ލޮލުގައި އަޅައިނުގަތީއެވެ. ކުރިމަތީގައިހުރި ޝަޔަމް ވާހަކަދެއްކިއަޑަށް އެއްވެސްކަމެއް ނޫނޭބުނެ ނުހައިކް ބަލައިލިއެވެ. ނުހައިކްގެ މޫނަށް އަރައިފައިބައިގެންދިޔަ ކުލަވަރުން އޭނާއަށް އެއީ ކާކުކަން އެނގިއްޖެކަން ޝަޔަމްއަށް އެނގުނެވެ. “ހަނދާންއެބަހުރިދޯ.” ކުޑަކޮށް ނުހައިކްއާއި ގާތަށް ޖެހިލަމުން ސިއްރުސިއްރުން ޝަޔަމް އަހައިލިއެވެ. “ހީކޮށްލާ މިއީ އޭގެ ބަދަލުކަމަށް.” އެހެންބުނެލުމަށްފަހު ޝަޔަމް ދުރަށް ހިނގައިގަތުމާއެކު ނުހައިކްއަށް ދެބުމަގޮށްޖަހައިލެވުނެވެ. ތަންތަނުން ގޮތްކުޑަ އަންހެނުން އޭނާއަށްފެނެއެވެ. އެހެނަސް މިފަދަކަމެއް އޭނާގެ ހަޔާތުގައިވެސްހިނގި މިއީ ފުރަތަމަފަހަރެވެ.
“އޭތް. ހާދަ ފާޑަކަށް. ނުހައިކް ދަންނަ މަންޖެއެއްތަ؟ ކީކޭތަ އެމަންޖެ ބުނީ؟” ނުހައިކް ހުރިގޮތުން އެތަނުން އެކަކު އޭނާގެ ކޮނޑުގައި ކޮށްޓައިލަމުން އަހައިލިއެވެ. “ނޭނގެ.” ނުހައިކްގެ ފަރާތުން ލިބުނީ ފަރުވާކުޑަ ޖަވާބެކެވެ. “އަހަރެން ދެންގޮސްލީ. މުޅި ގަމީސް މިއޮތީ ހަރާބުވެފަ. މިގޮތަށްހުރެ މަގުމަތީ އުޅޭކަށް ނުކެރޭނެ.” ނުހައިކްގެ ވާހަކައަށް ދެންތިބި މީހުން އެއްބަސްވެ އޭނާ ދިއުމަށް ހުއްދަދިނެވެ. އަވަސް ހިނގުމެއްގައި އެނބުރައި އައިދިމާލަށް އޭނާ ހިނގައިގަތީ އަވަހަށް ގެއަށްދިއުމަށް ބޭނުންވެފައި ހުރިވަރުންނެވެ.
ގެއަށްދިޔަ މަގުމަތީގައި ނުހައިކްއަށް ޝަޔަމްގެ ވާހަކަތަކާމެދު ވިސްނުނެވެ. އެދުވަހު އެއަރޕޯޓުގައި ހިނގިކަންތައް އަދިވެސް ޝަޔަމްގެ ހިތުންނުފިލަނީތާއެވެ. އެހެނަސް އެއީ އޭނާ ގަސްދުގައިކުރިކަމެއްނޫނެވެ. އޮފީހުން ނުކުމެވުނުލެއް ލަސްވުމާއެކު މަންމައާއި ކޮއްކޮ ދެކޭހިތުން ހުރުމުން އޭނާއަށްވެސް ބަލައިނުލައި ބާރަށްދެވުނީއެވެ. ދެފަރާތަށް ބޯހޫރައިލަމުން ނުހައިކް ގެކައިރީގައި ސައިކަލް ޕާރކްކޮށްލުމަށްފަހު އަވަސްއަވަހަށް ގެއަށް ވަނެވެ. ސާރައާއި ލަމްޔާ ގޭގައިނެތްކަން އެއީ އޭނާގެ ނަސީބެވެ. އެހެންނޫންނަމަ އެމީހުންގެ ސުވާލުތަކާވެސް އޭނާއަށް ކުރިމަތިލާން ޖެހުނީހެވެ.
*****
ޓްރީޓޮޕް ހޮސްޕިޓަލުގެ ޕްރައިވެޓް ކޮޓަރިއެއްގެ ދޮރު ހުޅުވައިލަމުން ތޮއިބާ އެތެރަށްވަނެވެ. ކޮޓަރީގެ ހަމަހިމޭންކަންނެތިފައިވީ އެކި މެޝިންތަކުން އިވެމުންދިޔަ އަޑުތަކުންނެވެ. ދޮރުކައިރީގައި އިރުކޮޅަކު ހުއްޓިގެން ހުރުމަށްފަހު ލަސްފިޔަވަޅުތަކެއް އަޅަމުން އޭނާ އައިސް ހުއްޓިލީ އެނދުގައިއޮތް ބަލިމީހާ ގާތުއެވެ. އޭރު އެއްވެސް ހިފެހެއްޓުމެއްނެތި އެދެލޮލުން ކަރުނައިގެ މުތީތަށް ފައިބަމުންދިޔައެވެ. މަޑުމަޑުން އެނދުގެ ކައިރީގައިހުރި ގޮނޑީގައި ތޮއިބާ އިނށީދެލިއެވެ. އަދި އެނދުގައިއޮތް މީހާގެ އަތްނަގައި އޭނާގެ ދެއަތުތެރޭގައި ލޯތްބާއެކު ފޮރުވައިލިއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






