Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ތިޔަ ލޯބީގައި… 01

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
August 29, 2022 5 Mins Read
0 Comments

(ނޯޓް: މި ވާހަކަ އަކީ މީގެ ކުރިން ވާހަކަ.ކޮމް ގައި 2020 ވަނަ އަހަރުގެ އޮކްޓޯބާރ މަހުން ފެށިގެން 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހާއި ހަމައަށް ޝާއިއު ކުރެވިފައިވާ ވާހަކައެކެވެ.)

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސި ސްރިލަންކަން އެއަރލައިންސްގެ އަޑުން މުޅި އެސަރަހައްދު ގުގުމަމުން ދިޔައެވެ. ފްލައިޓް ޖެއްސުމާއެކު ހުރިހައި ދަތުރުވެރިންވެސް ބެލީ އޭގެން އަވަހަށް ފޭބޭތޯއެވެ. ފްލައިޓްގެ ދޮރުކުރިމަތީގައި ހުރި ކެބިން ކްރޫއަށް ހިނިތުންވެލަމުން ސިޑިން ފައިބަންއައި އަންހެންކުއްޖާގެ މޫނުމަތީގައިވީ ބަލައި ފޫހިނުވާނޭފަދަ ހިތްގައިމު ހިނިތުންވުމެކެވެ. އޭނާގެ ވަށައިގެންވި މާހައުލަށް ނަޒަރު ހިންގާލުމާއެކު އެ ތޫނު ދެލޮލުގައިވި ވިދުން ގަދަވެގެން ދިޔައެވެ. އަތުގައި އޮތް ކްރީމް ކުލައިގެ ތޮފި ބޮލަށް ހެޔޮވަރުކޮށްލުމާއެކު އެކުއްޖާވެސް އެފްލައިޓުން ފޭބި އެހެން ދަތުރުވެރިންގެ ފަހަތުން ހިނގައިގަތީ ހިތްހަމަޖެހިފައި ހުރެއެވެ. ހީވާގޮތުން މިއީ އެތައް ދުވަހަކު އޭނާ އިންތިޒާރު ކުރަމުން އައި ދަތުރެކެވެ.

ލަގެޖްތައް ޓްރޯލީއަށްލުމަށްފަހު މީހުންތަކާއިދުރު އެއްފަރާތުގައި އޭނާ މަޑުކޮށްލިއެވެ. ކޮނޑުގައި އަޅުވައިފައި އޮތް ދަބަހުގެ ތެރެއިން ފޯނު ނަގައި ބަލައިލުމާއެކު އެމޫނުމަތީގައި ރަސްކަން ކުރަމުންދިޔަ ހިނިތުންވުން ފިލައިގޮސް ނިތަށް ރޫއަރައިގެން ދިޔައެވެ. ހިތްހަމަނުޖެހިފައިހުރެ އޭނާ ވަށައިގެން ނަޒަރު ހިންގައިލީ މީހަކު ހޯދައިލާފަދަ ގޮތަކަށެވެ. ތުންފިއްތައިލަމުން އޭނާ ފޯނާއި ކުޅެންފެށިއެވެ. އިރުކޮޅަކު އެގޮތަށް ހުރުމަށްފަހު ޓްރޯލީ ކޮށްޕަމުން އެކުއްޖާ ހިނގައިގަތެވެ. އިރުއިރުކޮޅާ ވައަތުގައި އޮތް ފޯނަށް އޭނާ ނަޒަރުހިންގަމުން ދިޔައެވެ. ކުއްލިއަކަށް މީހެއްގެ ގައިގައި އަޅައިގެންފައި ޓްރޯލީއާއި އެކު އޭނާ އަރިއަޅައިލައި ވެއްޓެން ދިޔައެވެ. ތޫލި އަޑަކުން ބާރަށް އެކުއްޖާއަށް ހަޅޭލަވައި ގަނެވުނެވެ. އެއާއެކު މީހެއްގެ ބާރުގަދަ އަތުގެ ތެރޭގައި އޭނާ ވެއްޓުނަ ނުދީ ހިފަހައްޓައިލިއެވެ. ކަޅިއަޅައިލަމުން ވެއްޓިފައިއޮތް ޓްރޯލީ އާއި އޭނާގެ ލަގެޖްތަކަށް ބަލައިލުމަށްފަހު ކުރިމަތީގައި ހުރި ފިރިހެން ކުއްޖާގެ މޫނަށް އޭނާ ބަލައިލިއެވެ. އަދި އަވަސް އަވަހަށް އެފިރިހެންކުއްޖާގެ އަތް ފޮޅައިލުމަށްފަހު އޭނާ އާއި ދުރުވެލިއެވެ.

“ސޮރީ. އަހަރެންނަށް ބަލާނުލާ އާދެވުނީމަ. ގަސްދުގައެއްނޫން.” މަޑުމައިތިރި އަޑަކުން އެޒުވާނާ ދެރަވެލައިފައި ބުނެލިއެވެ. “ހެވޭ. އެކަމުވެސް ކަލޭ ނުޖެހޭ އަހަރެންގެ ގައިގަ ޖެހިގަންނާކަށް. ތަނަކުން އަންހެންކުއްޖަކު ފެންނައިރަށް ކަލޭމެން ތިބޭނީ މޮޔަވެފަ. ތީ ތިފާޑު މީހުންގެ ވައްތަރު. އަދި ތުނބުޅިލާފަ. ހިތުން މާ މާތް މީހަކަށްވެގެން. ހުއް.” އެކުއްޖާ ދައްކަމުންދިޔަ ވާހަކަ މެދުކަނޑާލީ ހުދު ޔުނީފޯރމެއްގައި ދުވަމުން އައިސް އެތަނަށް ހުއްޓުނު މެދު އުމުރުގެ ފިރިހެންމީހާ ފެނުމުންނެވެ. “ޝަޔަމް މެޑަމް. އަޅުގަނޑަށް މާފުކުރައްވާ. ޓްރެފިކް..” ބިރުގެންފައި ހުރިފަދަ ގޮތަކަށް އެއަންހެންކުއްޖާގެ ކުރިމަތީގައި އިސްޖެހިފައިހުރެ އެމީހާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. “ހުއްޓާލާ. ކަލެއަށްވެސް އަންނަން އެނގިއްޖެ ދޯ. މިހާރު ކޮންއިރެއް. ކަލެއަށް އެނގޭތަ ކަލޭ އައުން ލަސްވެގެން އަހަރެންނަށް ކުރިމަތިލާން ޖެހުނު ކަންތައް؟”. ހިތްހަމަނުޖެހިފައި ހަށަންބަނދެލަމުން އެމީހާއާއި ދިމާލަށް ޝަޔަމް ހަޅޭލަވައި ގަތެވެ. ބަދަލުގައި އެއްވެސް އެއްޗެއް ނުބުނެ ހުރިގޮތަށް އެމީހާ ހުއްޓެވެ.

“ބަލަ އަދިވެސް ހުންނަނީތަ؟ ތި ފޮށިތައްނަގާބަލަ ދެންވެސް”. ދެބުމަ ގޮށްޖަހާލަމުން ދަތްކުނޑި ވިކައިލައިފައި ޝަޔަމް ބުނެލިއެވެ. އެއާއެކު ކިޔަމަންތެރިކަމާއެކު އަވަސް އަވަހަށް އެތަނަށް ވެއްޓިފައިހުރި ފޮށިތައް ނެގުމަށް އެމީހާ އަވަސްވެގަތެވެ.

އެހުރިހައި މަންޒަރެއް ބަލަންހުރި ނުހައިކްގެ ދެބުމަ ގޮށްޖެހިގެންދިޔައީ އޭނާއަށްވުރެ އުމުރުން ދޮށީ މީހަކާމެދު ޝަޔަމް ކަންތައްކުރަމުންދިޔަ ގޮތް ފެނިފައެވެ. ގުދުވެގެން އޮވެ އަވަސް އަވަހަށް ފޮށިތައްނަގަމުންދިޔަ އެ ބޭބެއާ ދިމާލަށް ހަމްދަރުދީގެ ނަޒަރަކުން ބަލައިލަމުން އޭނާވެސް ގުދުވެ އެތަނުން ފޮށްޓެއްގައި އަތްޖައްސައިލީ އެބޭބެއަށް އެހީއެއްވުމުގެ ގޮތުންނެވެ.

“ހަބަރުދާރު! ތީގެން އެންމެ ފޮށްޓެއްގަވެސް ކަލޭ އަތްލައިގެން ނުވާނެ. އަދި އެ ފޮށިތައް ވަރާލާފަ ހިތުން އެބައުޅެއެއްނު މާ ރަނގަޅު މީހަކަށް ވާންވެގެން.” ޝަޔަމްގެ ހަޅޭކުގެ އަޑަށް އިސްއުފުލައިލައި ނުހައިކް ބަލައިލިއެވެ. “އޭނަ ނޫޅޭ ތި ފޮށިތައް ނުނެގިގެނެއް. ކަލޭގެ އެހީތެރިކަމެއް ބޭނުމެއްނުވޭ. ހަމަމިހާރު މިތަނުން ދާން އުޅޭ.” ބަސްހުއްޓި ބުނާނެ އެއްޗެއް ނޭނގިފައި ނުހައިކް އަށް އިނދެވުނީއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު އޭނާ ތެދުވެ ޝަޔަމްގެ މޫނަށް ބަލައިލިއެވެ. “އަހަރެންގެ ފުށުން ދިމާވި ދަތިތަކަށް ވަރަށް ބޮޑަށް މައާފަށް އެދެން.” މަޑުމައިތިރި އަޑަކުން އެހެން ބުނެލުމަށްފަހު އެތަނުން ދިއުމަށް އޭނާ ހިނގައިގަތެވެ. އޭރުވެސް މޫނު ކުނިކޮށްލައިގެން ނުހައިކް ދިޔަ ދިމާލަށް ބަލަން ޝަޔަމް ހުއްޓެވެ.

“މެޑަމް. ހިންގަވާ”. ފޮށިތައް ޓްރޯލީއަށް ލުމަށްފަހު އަދަބުވެރިކަމާއެކު ޝަޔަމްގެ ގާތުގައިހުރި ހާދިމު މީހާ ބުނެލިއެވެ. “ކަލެއަށް ކިޔަނީ ކޮން ނަމެކޭތަ ބުނީ؟. އަހަރެން މިހާރު ހަނދާނެއްވެސް ނެތް. މިދިޔަ އަހަރު ދިމާވިގޮތަށް އަދި އެއްނު މިފެނުނީ ދޯ.” ވެއްޓިފައިއޮތް ތޮފި ނަގައި ބޮލަށް ހެޔޮވަރުކޮށްލަމުން އެމީހާގެ ފަހަތުން ހިނގައިގަތް ޝަޔަމް އަހައިލީ ފާޑަކަށެވެ. “އާދިލް.” މަޑުމަޑުން އޭނާ ބުނެލިއެވެ. ޝަޔަމްގެ ކުރީހުރެ އާދިލްގޮސް ކާރުގެ ދޮރު ހުޅުވައިލުމާއެކު ކާރަށް އަރައި ޝަޔަމް ހަމަޖެހިލިއެވެ. ޑިކީއަށް ފޮށިތައްލުމަށްފަހު އާދިލް ކާރަށް އަރައި ޑްރައިވަރ ޝީޓްގައި ހަމަޖެހިލަމުން ކާރު ދުއްވައިލިއެވެ. ފަސްފަހަތަށް ގެއްލެމުންދިޔަ ގުދުރަތުގެ ރީތި ހިތްގައިމު އެކި މަންޒަރުތަކަށް ގެއްލިފައި ޝަޔަމް އިނެވެ. މިހާރު އެމޫނުމަތީގައި ކުރިންހުރި ހިތްހަމަނުޖެހުމުގެ އެއްވެސް އަސަރެއް ފާޅުވާކަށް ނެތެވެ. ހިތްހަމަޖެހުމުގެ ރީތި ހިނިތުންވުމެއް ފިޔާތޮށިކުލައިގެ އެތުންފަތުގައި ވިއެވެ.

ޝަޔަމް އަޒްހަރު އަކީ ސައިނާ އާއި އަޒްހަރުގެ ހުރި ހަމައެކަނި ދަރިފުޅެވެ. ސައިނާ އާއި އަޒްހަރުގެ ގުޅުން ފެށިގެން އައީ ވިޔަފާރި ބޭނުމަކު އަޒްހަރު ރާއްޖެއަށްކުރި ދަތުރެއްގެ ތެރެއިންނެވެ. އަޒްހަރުގެ މަންމަ އަކީ މާލޭ މީހެއް ނަމަވެސް އޭނާގެ ބައްޕަ ނިސްބަތްވަނީ އޮސްޓްރޭލިޔާ އަށެވެ. އޭނާގެ ބައްޕައެކޭ އެއްގޮތަށް އަޒްހަރު ވެސް ދިރިއުޅުމުގެ ބައިވެރިއަކަށް ހިޔާރުކުރީ ރާއްޖޭ އަންހެނެކެވެ. ކައިވެންޏަށްފަހު ސައިނާގެ ދިރިއުޅުން އެއްކޮށް އޮސްޓްރޭލިއާއަށް ބަދަލުކުރި ނަމަވެސް ކޮންމެ އަހަރަކުވެސް އެދެމަފިރިން ރާއްޖޭގައިތިބި އެދެމަފިރިންގެ އާއިލާ މީހުނަށް ޒިޔާރާތްކޮށް ހަދައެވެ. ޝަޔަމް ލިބުނުފަހުންވެސް އެކަން އޮންނަނީ އެގޮތަށެވެ.

އޮސްޓްރޭލިއާގައި އުޅެ ބޮޑުވި ނަމަވެސް ޝަޔަމް ބޮޑުވެގެން އައީ ސައިނާގެ ފަރާތުން ދިވެހިބަސް ރަނގަޅަށް އުނގެނިގެންނެވެ. ބޭނުމަކަށްވީ މުއާމަލާތުކުރަން  ނޭނގުމުގެ ސަބަބުން ރާއްޖޭގައިތިބި އޭނާގެ އާއިލާއާއި ޝަޔަމްއާއި އޮތް ގުޅުން ހީނަރުވެގެންދިޔަ ނުދިނުމެވެ. ކަންތައްވީވެސް އެހެންނެވެ. ދިވެހިބަހުން ފަރިތަކަމާއެކު ވަހަކަދައްކާލުމަކީ ޝަޔަމްއަށް އެއްވެސް ދަތިކަމެއް ނޫނެވެ.

އެކުވެރިއެއްގެ އުފަންދުވަހުގެ ޕާޓީއަށް ލަންކާއަށް ދިއުމަށްފަހު ޝަޔަމް އަށް މާލެ އާދެވުނީ އޭނާގެ މައިންބަފައިން އައިތާ ދެދުވަސް ފަހުންނެވެ. އަތުގައި އޮތް ފޯނުގެ ސްކްރީނުން ގަޑި ބަލައިލަމުން ތިރީ ތުންފަތުގައި ޝަޔަމް ދަތްއަޅައިލީ ހިތް އަވަސްވެފައި އިންފަދަ ގޮތަކަށެވެ. ބޮލުގައި އޮތް ތޮފި ނަގައި އުނގުމަތީގައި ބާވައިލަމުން ބޭރުން ފެންނަމުންދިޔަ މަންޒަރުތަކަށް އަނެއްކާވެސް އޭނާ ނަޒަރުހުއްޓައިލިއެވެ.

*****

“ދަރިފުޅާ ނުހައިކް” ފުޅާހިނިތުންވުމަކާއެކު އޭނާ އާއި ދިމާލަށް އަންނަ ނުހައިކް ފެނި ސާރާ ބުނެލިއެވެ. އެއާއެކު ސާރާގެ ގާތުގައި މަޑުކޮށްލައިގެން ހުރި ލަމްޔާވެސް ފޯނުގެ ސްކްރީނުން ނަޒަރުވަކިކޮށްލައި ކުރިއަށް ބަލައިލިއެވެ. “ސޮރީ މަންމާ. ވަރަށް ލަސްވެއްޖެ ދޯ.” އެއަރޕޯޓްތެރޭގައި ހަރަކާތްތެރިވަމުންދިޔަ މީހުނަށް އަވަސް ނަޒަރެއްދެމުން ނުހައިކް ބުނެލިއެވެ. “ނޫނޭ. އަދި އެހާ ލަހެއްނުވޭ. އެހެންނޫނަސް މަންމައަށް އެނގޭ އެއްވެސް ސަބަބެއްނެތި މަންމަގެ ނުހައިކް އެންމެ ސުކުންތެއްވެސް ލަސްނުވާނެކަން.” ތުނިކޮށްހުރި ނުހައިކްގެ ތުނބުޅީގައި ލޯތްބާއެކު ސާރާ ފިރުމައިލިއެވެ. ސާރާގެ ވާހަކައިން ދާދި ދެންމެއަކު ހިނގި ހާދިސާމަތިން ހަނދާންވެ ނުހައިކްގެ ނިތަށް ރޫއަރައިގެން ދިޔައެވެ. އެއީ ހާދަ ގޮތެއްވެސްނެތް އަންހެންކުއްޖެކޭ އޭނާގެ ހިތަށް އެރިއެވެ. މުއްސަނދިވުމުން ގިނަ މީހުނަށް އެވާގޮތެއް ހަމައެއްގޮތަކަށްވެސް ނުހައިކްއަކަށް ނުވިސްނެއެވެ. ދެފަރާތަށް ބޯހުރައިލަމުން ސާރާ އާއި ލަމްޔާގެ ފޮށިތައް އަރުވައިފައިހުރި ޓްރޯލީގައި ނުހައިކް ހިފަހައްޓައިލިއެވެ. އަދި ގެއަށްދާން ހިނގާށޭބުނެ ކުރިއަށް ހިނގައިގަތުމަށް ބޮލުން އިޝާރާތްކޮށްލިއެވެ.

“ލަމް ހާދަމަޑުން ހުރި ދުވަހެކޭދޯ. ކިހިނެއްވީ އަނެއްކާ؟ ދަތުރުކަމުނުދަނީތަ؟” ސާރާ ގާތުގައިހުރި އޭނާގެ ލޯބިވާ ކޮއްކޮގެ ބޮލުގައި ސަކަ ގޮތަކަށް ޖަހައިލަމުން ނުހައިކް އަހައިލީ ލަމްޔާ މާމަޑުމަޑުން ހުރުމުންނެވެ. “ނޫން. އެކަމު ވަރަށް ވަރުބަލި. ގެއަށްގޮސް ރެސްޓްކޮށަލައިގެން ދާނަން ދޮންބެގަނޑަށް އުނދަގޫކުރަން.” ނުހައިކްގެ ކޮނޑުގައި ޖެހިގަންނަމުން ލަމްޔާ ހީލިއެވެ. ބަދަލުގައި ލުއިގޮތަކަށް ހިނިތުންވެލަމުން ނުހައިކް ޓްރޯލީ ކުރިއަށް ދުއްވައިލިއެވެ.

*****

ޕޯޓިކޯއަށް މަޑުކޮށްލި ކާރުން އަވަސްއަރުވައިލައިފައި ޝަޔަމް ފޭބިއެވެ. އަދި އޭނާގެ ވަށައިގެންވި މާހައުލަށް އެނބުރިލަމުން ބަލައިލިއެވެ. ގޭޓުން ފެށިގެން ގޭގޭ ޕޯޓިކޯއާއި ހަމައަށް ގައުޖަހައި ރީތި ޑިޒައިނަކަށް މަގެއްހަދައިފައި އޮތްއިރު އެމަގުގެ ދެފަރާތުންވެސް ފެންނަންހުރީ ފެހިކަމެވެ. ގޭގެ ގޯތިތެރަށް ބަލައިލުމުންވެސް އެގެއަކީ އެކިވައްތަރުގެ ގަސްހެއްދުމަށް ލޯބިކުރާބަޔަކު އުޅޭތަނެއްކަން އެނގޭހައިވެއެވެ. އިރުކޮޅަކު ގޯތިތެރޭގެ އެކިދިމަދިމާލަށް ބަލަންހުރުމަށްފަހު އެނބުރި 10ބުރިއަށް ނަގައިފައިވާ އެއުސް އިމާރާތަށް ޝަޔަމްގެ ދެލޯ އަމާޒުކޮށްލިއެވެ. އަތުގައިއޮތް ތޮފި މެޔާލައިފިއްތައިލަމުން ފުންނޭވާއެއްލުމަށްފަހު ގޭގެ ދޮރާދިމާލަށް އޭނާ ހިނގައިގަތީ އަވަސްވެފައިވީ ހިތަކާއިއެކުއެވެ. އޭނާގެ ފަހަތުން އާދިލްވެސް ފޮށިތައްހިފައިގެން ހިނގައިގަތެވެ.

“ސަޕްރައިޒް” ބޮޑުކޮޓަރީތެރެއަށް ޝަޔަމް އަޅައިލި ފުރަތަމަ ފިޔަވަޅާއެކު އެންމެންގެ ހަޅޭކުގެ އަޑުން އެތަން ގުގުމައިލިއެވެ. އަނގަމަތީގައި ދެއަތްއަޅައިލަމުން ޝަޔަމް ފުންމައިގަތީ ވީއުފަލެއްގެ ބޮޑުކަމުންނެވެ. ބޮޑުކޮޓަރިތެރެވަނީ ޝަމަޔްއަށް މަރުހަބާކިޔުމަށްޓަކައި ވަރަށް ފުރިހަމައަށް ތައްޔާރުކޮށްފައެވެ. އެއްފަރާތަކަށް ޖައްސައިލައިފައިވާ ހުދުކުލައިގެ ބޮޑެތި ސޯފާތަކުގައި ގޭގެ ބޮޑެތިމީހުން ހެވިފައިތިއްބެވެ. ކުލަކުލައިގެ ފުއްޕާހަންތަކުން ބޮޑުކޮޓަރިތެރެ ބަރާވެފައިވާއިރު ދޮރާއި ދިމާލަށްވާގޮތަށްހުރި ފާރުގައި ބޮޑުއަކުރުން “ވެލްކަމް” ޖަހައިފައި ހުއްޓެވެ. އެއާއިލާމީހުން ޝަޔަމްދެކެ ލޯބިވާވަރު އެނގި އޭނާގެ ހިނިތުންވުން އިތުރަށް ފުންވިއެވެ.

“ޝަޔަމްގަނޑާ” ދުވެލައިފައި އައިސް އޭނާގެ ގައިގައި ބައްދައިގަތް ޖިޔާ ހަޅޭލަވައިގަތެވެ. “އަހަރެން ހާދަ މިސްވިއޭ. ކޮންދުވަހެއް މިހާރު ނުފެންނަތާ.” ތުންކޮޅު އޫކޮށްލި ޖިޔާގެ އަޑުގައިވީ ޝަކުވާއެވެ. “އެއްކަލަ ޖިޔާ. ތިހެންނުބުނެވޭނެ. އަހަރެންނަށް އޭރު އާދެވެންނެތީމަ ކިހާވަރަކަށް ޖިޔާ ގާތުބުނިން އަހަރެންނަށް ވިޒިޓްކޮށްލާށޭ. އެކަމުވެސް ފޮނިކަމުން ޖިޔާ ނައީނު.” ޝަޔަމްވެސް އެރާގުގައި ބުނެލިއެވެ. ” އޭތް. ތިދެމީހުން ވާހަކަ ދައްކާނީ ފަހުން. އިހަށް މިކޭކުފަޅަން ހިނގާބަލަ. މިހާރުކާހިތުން ހުރެވެނީއެއްނޫން.” ސޯފާތަކުގެ މެދުގައިހުރި ކުޑަ ބިއްލޫރިމޭޒުގެ މަތީގައިއިން ކޭކަށް އިޝާރާތްކޮށްލަމުން އެތަނުން ކުއްޖަކު ހަޅޭލަވައިގަތެވެ. އެއާއެކު އެކަކު އަނެކަކަށް ބަލައިލަމުން ޖިޔާއާއި ޝަޔަމް ހިނިގަނޑެއްޖަހައިލިއެވެ.

ޝަޔަމްގެ އަތުންލަވައިދިން ކޭކުކޮޅު ކައިލަމުން ލޯތްބާއެކު ޖަންބުކުލައަރަމުންދިޔަ އެކޯތާފަތުގައި މުހުސިނާ ފިރުމައިލިއެވެ. “މާމަގެ ޝަޔަމް. ދަރިފުޅު ހީވަނީ އަދި ކުރިއަށްވުރެވެސް ރީތިވެއްޖެހެން.” އެފަންދިގު އިސްތަށިގަނޑާއި އަތުން ކުޅެލަމުން މުހުސިނާ އޭނާގެ ލޯބިވާ މާމަދަރިފުޅަށް ތައުރީފުކޮށްލިއެވެ. މުހުސިނާގެ ގައިގައި އޮޅުލައިގަންނަމުން ޝަޔަމް މާމަގެ ނިތްކުރީގައި ބޮސްދިނެވެ. އާއިލާގެ މެންބަރުންނާއިއެކު ވަގުތު ހޭދަކޮށްލުމަށްފަހު ޝަޔަމް އޭނާގެ ކޮޓަރިއަށް އައީ ފެންވަރައި އަރާމުކޮށްލުމަށްޓަކައެވެ. އޭރު ގޭގައި ގެންގުޅޭ ޚާދިމުންގެ ތެރެއިން ކުއްޖަކުވަނީ އޭނާގެ ސަމާނުތައް އެހުންނަންވާތަނެއްގައި ތަރުތީބުކަމާއެކު އަތުރައިފައެވެ.

ފެންވެރުމަށްޓަކައި ތުވާލި ހިފައިގެން ޝަޔަމް ފާހާނާއާއި ދިމާލަށް ހިނގައިގަތް ވަގުތު ކޮޓަރީގެ ދޮރުގައި ޓަކިޖަހައިލި އަޑުއިވި ހުއްޓިފައި އެނބުރި އެދިމާލަށް ބަލައިލިއެވެ. “ޝަޔޫ. މީ މަންމަ އޭ. ވަންނަންތަ؟” ބޭރުންއިވުނީ ސައިނާގެ އަޑެވެ. ހޫން ލައްވައިލަމުން ޝަޔަމް އައިސް އެނދުގައި އިނށީދެހަމަޖެހިލިއެވެ. “އާއިލާ އެހެން މެންބަރުން އެވަގުތު ދަރިފުޅާވެގެން އުޅުނުގޮތުން މަންމައަށް ވާހަކަދައްކާލާނެ ފުރުސަތެއް ނުލިބުނީމަ މިއައީ. ދަރިފުޅު އެއްވެސް އެއްޗެއް ބޭނުންތަ؟” ދޮރުމަތީގައި މަޑުކޮށްލައިގެންހުރި ސައިނާގެ މޫނުމަތިން ފާޅުވަނީ އުފާވެރިކަމެވެ. ކޮންމެ އަހަރެއްގެވެސް އެދަތުރަކީ އެކުޑަ އާއިލާއަށް ނުހަނު ބޮޑު އުފަލަކާއި ހަމަޖެހުމެއްގެނުވައިދޭ ދަތުރެކެވެ. ދެފަރާތަށް ޝަޔަމް ބޯހޫރައިލުމުން މިވަގުތު ތާޒާވެލައި އަރާމުކޮށްލުމަށްބުނެ ސައިނާ އެތަނުން ދިޔައެވެ. ދަރިފުޅުގެ މޫނުމަތިން އެކަނިވެސް އޭނާ ވަރުބަލިވެފައިވާ މިންވަރު ސައިނާއަށް އިހުސާސުވެއެވެ. ސައިނާ ދިއުމާއެކު ކޮޓަރީގެ ދޮރު ތަޅުލަމުން ތުވާލި ހިފައިގެންގޮސް ޝަޔަމް ފާހާނާއަށް ވަނެވެ.

*****

މުޅި މާހައުލު ގުގުމަމުން ދިޔައީ އިވެމުންދިޔަ ލަވައިގެއަޑުންނެވެ. މިއުޒިކާއި އެއްވަރަށް އެއްބަޔަކު ފައިހަމަކުރަމުން ދިޔައިރު އަނެއްބަޔަކު ފޯރިއާއެކު އެމަންޒަރުތައްބަލަމުން އަތްޖަހަން ތިއްބެވެ. މީހުން ނަށަމުންގެންދިޔަ ހިސާބާއި ތަންކޮޅެއްދުރުގައި ހުރި މޭޒެއްގެ ދޮށުގައި އެއިން އެއްވެސް ކަމަކަށް އެއްވެސް ޝައުގުވެރިކަމެއްނުދީ އެކަނިމައި އެކަނި އިނށީދެލައިގެން ޒާއިން އިނީ ފުންވިސްނުމަކަށް ގެއްލިފައެވެ. އަތުތެރޭގައިހުރި ތަށިން އިރުއިރުކޮޅާ އޭނާ އެތިފޮދުފޮދު ބޮމުން ގެންދިޔައެވެ. “އެކްސްކިއުޒް. އަހަރެން މިތަނުގަ އިނށީދެލިއަސް އެންމެ ރަނގަޅުތަ؟” ދާދި ގާތުން އިވިގެންދިޔަ އަންހެންވަންތަ އަޑުން އިސްއުފުލައިލައި ކުރިމައްޗަށް ޒާއިން ބަލައިލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

އެދުވަހު ލޯބިން 16

Next

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 18

Next
August 29, 2022

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 18

Previews
August 28, 2022

އެދުވަހު ލޯބިން 16



All Right Reserved!