ހިތުގައި ވޭ ތިޔަ ނަން… 4
ފޯނުގެ އެލާމަށް ހޭލެވުނު އިޒާ އަވަސް އަވަހަށް ގަޑި ބަލާލިއެވެ. އެއްގަޑި ތިރީސް ނުވައެއްގެ އެލާމް ވަމުން ދިޔަ އިރު އޭނާ އަށް ތޭރަ އިން ތަން ފެނުމުން ތިނެއް ޖެހީ ކަމަށް ހީކޮށް ފުންމައިގެން ތެދުވެ ފާހާނަ އަށް ވަނީ އަޞްރު ނަމާދު ނުކޮށް ހުރެވުމުންނެވެ. އަނެއްކާ ހަތަރުގަޑި ބަޔަށް އޭނާ ޑިއުޓީ އަށް ވެސް ދާން ޖެހޭތީ އެވެ. ތޮޅެމުން ފޮޅެމުން ފެންވަރައި، ވުޟޫ ކޮށްގެން ނުކުމެ ނަމާދު ކުރަން އިސްޓާކީނަށް އަރަން ހުއްޓާ ދޮރުގައި ޓަކި ޖެހި އަޑު އިވުމުން އޭނާ ދޮރު ހުޅުވަން ދިޔައެވެ.
” ދަރިފުޅާ އާދެ ކާން… މެންދުރު ނުކައެއްނުން ތިހިރީ…” ” އާން.. މިދަނީ ނަމާދުކޮށްގެން….” “ދަރިފުޅު މެންދުރު ނަމާދު ނުކުރަންތަ؟… މަންމަ ހީކުރީ ދަރިފުޅު ނަމާދުކޮށްގެން ކަމަށް ނިދީ…” ” އާން މެންދުރު ނަމާދުކޮށްގެންނޭ ނިދީ.. މިހާރު މިއުޅެނީ އަޞްރު ނަމާދޭ ކުރަން…” ” އަޅެ މަށަށް ކޮން ކަހަލަ ދަރިއެއްތަ ލިބިފަ މިހިރީ.. އިޒާ ދަރިފުޅާ އަދި އަޞުރަކަށް ނުގޮވައޭ… ދެއެކޭ ޖަހަން އެ އެއުޅެނީ..” އިޒާގެ މަންމަ ޒާހިޔާ އެހެން ބުނުމާއި އެކު އޭނ އެކޭ ކިޔާފަ އިޒާ ގޮސް އޭނާގެ ފޯނުން ގަޑި ބަލާލިއެވެ. ތެދެކެވެ. އަދި ގަޑިން އެއްގަޑި ފަންސާސް ތިނެކެވެ. ބޯ ހޫރުވާލުމަށް ފަހު އޭނާ އަމިއްލަ މޮޔަ ކަމަށް ކުދިކިޔާލިއެވެ. އަދި ދެކޮޅަށް ހެއްލެމުން ގޮސް އޭނާ ލައިގެން ހުރި އިސްޓާކީނާއި ނަމާދުކުރަން އެޅި ނަމާދު ދޮޅި ބޭލިއެވެ. ރީއްޗަށް މުސައްލަތެރޭ ބާއްވާލާފައި އެ މުސައްލަ އޮޅާލުމަށްފަހު އޭނާ އެ ނަގާ އެންދުމަތީ ބާއްވާލިއެވެ. އަދި ކޮޓަރިން ނުކުތީ ކާން ދާށެވެ.
” މަންމަ ބުނި ޒާއްކޮ އުޅުނީ އަޞުރު ނަމާދު ކުރާށޯ ދެންމެ…” ބަދިގެ ބަޔަށް ވަދެވުނު އިރު އޭނާގެ ބޮޑަށް ހުންނަ ދައްތަ އަޒްހާ ބްރޭކަށް އައިސް ކާން އިނދެފައި އޭނާ އާއި ދިމާކޮށްގަތެވެ. އަޒްހާ އާއި ދިމާލަށް ބަލާލާފައި އިޒާ އޭނާގެ މަންމަ އަށް ވަރަށް ޅަ ވެލާފައި ގޮވާލިއެވެ.
” މަންމީ… ބަތް ތައްޓެއް މޮޑެދީބާ…” އިޒާ ގޮވާލި ގޮތުން ކާން ނުކުތް އޭނާގެ ބައްޕަ އަށް އަޑު އިވުމުން ހިނިގަނޑެއް ޖަހާލިއެވެ.
” ހެހެހެ… ދަރިފުޅު އަދިވެސް ބޮޑު ނުވަން ދޯ… ދަރިފުޅު ކުޑައިރުވެސް އައިސް ތިހެން ބުނާނެ ބަނޑުހައި ވީމަ…” މިބްސާމް އިޒާ އާއި ދިމާލުން ކުރިމަތީ ހުރި ގޮނޑިގައި އިށީންނަމުން ކުރީގެ ހަނދާނެއް އާ ކޮށްލިއެވެ. އިޒާ އަނގަ އަށް ވައްތަރެއް ޖައްސާލިއެވެ. އެއީ އޭނާގެ ބައްޕަ އެ ބުނެލި ވާހަކަ އަކީ އޭނާ ހަނދާން ހުންނަ ކަމަކަށް ނުވުމުންނެވެ. އިޒާ އަށް ވެފަ އިން ގޮތުގެ ވާހަކަ މިބްސާމް ބުނުމުން ބަދިގެ ތެރޭގައި ހުރި ޒާހިޔާގެ މަޑު ހުނުމެއްގެ އަޑު ވެސް އިވުނެވެ. އިޒާ އަށް ދެން ބަލައިލެވުނީ އަޒްހާ އާއި ދިމާލަށެވެ. އޭރު ހިނިގަނޑު ހިފަހައްޓަން މަސައްކަތް ކުރަމުން ދިޔަ އަޒްހާ ފެނި އިޒާ އަށް ދެބުމަ ގޮށް ޖަހާލެވުނެވެ. ކުޑައިރު ކުރެވިފަ ހުންނަ ކަންކަމުގެ އާދަތަށް އަދިވެސް ކަށީގައި ހުރުމުންނެވެ.
” ހެވެއްނުން، އަދިވެސް އަޅުގަނޑު މީ މަންމަ އާ ބައްޕަގެ އެންމެ ހަގު މަންޖެ ވިއްޔަ.. އަޅުގަނޑަށް އޮންނާނެ ދޯ އެ މިނިވަންކަން…” އިޒާ ފޮނިވެލާފައި ބުމަ އަރުވާލަމުން ވާހަކަ ދެއްކިއެވެ. އަޒްހާ އަދިވެސް ތީ މަންމަގެ ބޮޑު ނުވާ ވިހި އަހަރުގެ ބޭބީ އޭ ކިޔާ ބަދިގެ އަށް ވަނީ ޒާހިޔާ އަށް އަތްގާތް ކޮށްދޭށެވެ.
އިޒާ ކައި ނިމިގެން ކޮޓަރި އަށް ވަދެ ރޭ ދަންވަރު ޝިފްޓުގައި އެއްބައި ކޮށްފައި ބެހެއްޓުނު މަސައްކަތެއް ހަދަން ޖެއްސިއެވެ. އޭނާގެ ދަބަސްތެރެއިން ފައިލެއް ނަގައިގެން އައިސް އޭގައި ހުރި ބަލިމީހުންގެ ބައެއް ރެކޯރޑްސް ތަށް ނޯޓުކުރަން ފެށިއެވެ. ވޯޑުގައި ތިބި ބަލިމީހުންނާއި އިއްޔެގައި އަލަށް އެޑްމިޓު ކުރި ބަލިމީހުންގެ ރިކޯޑްސް ތަކެއްވެސް ނެގިއެވެ.
އިޒާ އެއް ކޮންމެ އެއްޗެއް ނޯޓު ކޮށް ނިންމުމަށް ފަހު މިއަދުގެ ހަވީރު ޝިފްޓަށް ދާންވާއިރަށް އޭނާ ކުރަން ހުންނާނެ މަސައްކަތްތަށް ފާހަގަ ކޮށްލިއެވެ. އެއީ އޭނާ އަށް އެއްވެސް ކަމެއް ހަނދާންނެތި ފަރުވާ ބަހައްޓައިގެން ކުރެވޭނެ އެންމެ ފަސޭހަ ގޮތަށް ވީތީއެވެ.
ހަވީރު ހަތަރެއް ޖެހީ އިރު އިޒާ ހުރީ ލޯގަނޑު ކުރިމަތީ ރީތި ވާށެވެ. ހިތްހަމަ ޖެހޭ ވަރު ވުމުން އޭނާ ގަޑި ބަލާލާފައި ދަބަހަށް ބައެއް ރީތިވާ ސާމާނު ލާފައި ޒިބު ދަމާލުމަށް ފަހު އެންމެ ފަހު ކަމަކަށް ގަޔަށް ސެންޓު ޖަހާލިއެވެ. އަދި ޕެކުކޮށްފައި ހުރި ދަބަސް ހިފައިގެން ނުކުތް އިރު އަޒްހާ އިޒާ ނައިސްގެން ލަސްވެގެން ހުއްޓެވެ. އިޒާ ނުކުތުމުން އިޒާ ކައިރި ގަޑި ޖެހެނި އޭ ބުނެ، އަވަސް ކުރާށޭ ކިޔާފައި ގެއިން ނުކުތެވެ.
އަޒްހާ އަކީ ބްރީޒް ވެލީ ކުންފުނީގެ މެއިން އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފެކެވެ. ހަފްތާއަކު ހަ ދުވަހު ޑިއުޓީ އަށް ދާއިރު އެއްދުވަސް އޭނާއަށް އޮފް ދުވަހަކަށް ލިބެއެވެ. ޑިއުޓީ އަށް ދާ ކޮންމެ ދުވަހަކު އޭނާ ސްޕްލިޓް ޑިއުޓީ ނަގައެވެ. ހެނދުނު ގޮއްސަ މެންދުރަށް ގެއަށް އައުމަށް ފަހު ހަވީރު އޭނާ އަލުން ޑިއުޓީ އަށް އަރައެވެ. އެއްކޮށް ޑިއުޓީ ނިމެނީ ރޭގަނޑު އެވެ. އިޒާގެ ހަވީރު ޑިއުޓީ އޮންނަ ދުވަހަކު އަޒްހާ، އިޒާ ހޮސްޕިޓަލަށް ލައިދެއެވެ.
╚» ހަތަރުވަނަ ބައި «╝
އޮފީހަށް ވަން އަޒްހާ އަށް ދަބަހުގައި އޮތް އޭނާގެ ފޯނު ވައިބްރޭޓް ވުމުން ދަބަހުން ފޯނު ނަގާ ބަލައިލި އެވެ. ބޮޑު އަކުރުން “ސީ.އީ.އޯ އިސްހާގު” ޖަހާލެވިފައި ވީ ނަންބަރަކުން ގުޅަމުން ދިޔުމުން އަޒްހާ އަވަސް އަވަހަށް ފޯނު ނެގިއެވެ.
” ވަރަށް އަވަހަށް ރޭގަ އަޔާޒް ސާރ ހަވާލު ކުރި ރިޒޯރޓް ގެ ޕްރެޒެންޓޭޝަން ސާރ ގެ މެއިލް އަށް ފޮނުވާލަ ދީބަ..” ހަމަ އެކަނި އެހެން ބުނެލުމަށް ފަހު އަޒްހާ އަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ އެކޮޅުން ފޯނު ކަނޑާލިއެވެ. އަޒްހާ އެ ބުނި މަސައްކަތް ކުރެވޭތޯ ދުވެފައި ރެސިޕްޝަން މޭޒުދޮށަށް ގޮސް ސޮއި ކޮށްލާފައި ފިންގާޖަހާލިއެވެ. އަދި ދުވެފައި ކަހަލަ ގޮތަކަށް އޭނާގެ ކެބިން އަށް ވަދެ ކޮމްޕިއުޓަރު ހުޅުވާލާ އިސްހާގުގެ މެއިލް އަށް އެ ޕްރެޒެންޓޭޝަން ފޮނުވާލިއެވެ. އޭތި ސެންޑް ވީ ކަން އެނގުމުން ފުންނޭވާ އެއް ދޫކޮށްލާފައި އަޒްހާ އޭނާ ދެން ކުރަން ހުރި މަސައްކަތް ތަށް ފެއްޓިއެވެ.
ބްރީޒް ވެލީ ކުންފުންޏަކީ ރާއްޖޭގެ ނަން މަޝްހޫރު މަލްޓި-ޑިޕާރޓްމެންޓް ކުންފުންޏެކެވެ. އިސްހާގުގެ ބައްޕަ، މަޖީދު އޭނާގެ އަނބިމީހާ، މޫނިސާ އާއި އޭނާގެ ފަސް ދަރިންނަށްޓަކައި، އަމިއްލަ އަށް ފެށި މަސައްކަތް ފުޅާ ދާއިރާ އަކުން ބޮޑުކޮށް، ރާއްޖެއިން ބޭރުގައްޔާއި ރާއްޖެތެރޭގެ އެކި ރަށްތަކުގައި އެ ކުންފުނީގެ އެކި ބްރާންޗް ތަކެއް ހުޅުވިއެވެ. އަދި ހަމައެއާއިއެކު އޭނާގެ ދަރިންނަށް ރަނގަޅު ތަރުބިއްޔަތު ދީ މުޖުތަމުއުއަށް އެކުދިން ނެރުނީ ހަރުދަނާ ބައެއްގެ ގޮތުގައެވެ. އެ ކޮންމެ ކުއްޖަކު އެމީހަކު ބޭޏުްނ ދާއިރާއަކުން ކިޔަވައިގެން އާއިލާގެ ކުންފުނީގެ ކޮންމެސް އެއް ޑިޕާރޓްމަންޓެއް ނެގިއެވެ.
މަޖީދުގެ އުމުރުން ދުވަސްވަމުން ގޮސް ހަކުރުބަލީގައި އޭނާ މުޅި ދުނިޔެއަށް އަލްވަދާއު ކީ އޭނާގެ ދަރިން އަމިއްލަ އަށް މަޝްވަރާކޮށްގެން އެ މުޅި ކުންފުނި ކޮންމެވެސް އެއް ދަރިއަކު ނަގާ ގޮތަށެވެ. އެ ހުރިހާ ކުދިންވެސް އެކުދިންގެ ބައްޕަ ކަން ކުރި ގޮތަށް ހެޔޮލަފާ އަނބިދަރިންނާއި ފިރިން ނަގައިގެން އެކުދިންގެ ދަރިންވެސް އެމީހުން ކިޔެވި ފެންވަރަށް ވުރެން މަތީ ފެންވަރުގައި ޑިޕްލޮމާ އަދި މާސްޓާރސް ނެގުއްވިއެވެ. އެހެންނަމަވެސް އެ ދަރިން ކިޔެވުމަށް ހޮވި އެއްވެސް ބަޔަކީ އެކުދިންގެ މައިންބަފައިން ހުރަސް އެޅި ބަޔަކަށް ނުވިއެވެ. އޭގެ ބަދަލުގައި ކުންފުނިން އަލަށް އާ ޑިޕާރޓްމަންޓްސް ތަކެއް ހަމައެކަނި އެ މޭޖާރސް ތަކަށް ހުޅުވިއެވެ. ފަހަރަކު ކުއްޖަކުހެން ކިޔަވައި ނިމޭ ވަރަކަށް އެކުދިންނަށް މަސައްކަތާއި އެހެން ހުރިހާ ކަމެއް ހަމަޖެއްސިއެވެ.
ބްރީޒް ވެލީ ކުންފުނީގެ ދަށުން ފަސް ޑިޕާޓްމަންޓް ވީ އިރު މަޖީދުގެ ފަސް ދަރިންގެ ތެރެއިން، އިނާޝް، އަޔާޒް އަދި އަލްމާސް އަށް މެޑިސިން ޓުއަރިޒަމް އަދި އެ ކުންފުނީގެ ލޯވ ފާރމް އާއި ހަވާލު ވިއެވެ. ބާކީ އިން ދެ ޑިޕާރޓްމެންޓް، އިންޓީރިއަރ ޑިޒައިނިންގ އާއި ފެޝަން ޑިޒައިނިންގ އަދި މޮޑެލިންގ އަށް ސިއާ، އަނަމް އަދި ރިޔާ ހަވާލު ވިއެވެ.
ހަވީރު ޑިއުޓީ އަށް އެރިގޮތަށް މަޣްރިބް ނަމާދަށާއި އިޝާ ނަމާދަށް ނެގި ބްރޭކް ފިޔަވާ އެހެން ބްރޭކެއް ނުނަގާ އިޒާ އުޅެންޖެހުނީ ޑިއުޓީގެ ބުރަ މަސައްކަތުގައެވެ. ހޮސްޕިޓަލުގެ ނުވަވަނަ ފަންގިވިލާ އަކީ އައި.ސީ.ޔޫ އަށާއި އެސް.ސީ.ޔޫ އަށް ހާއްސަ ކޮށްފައި ވީ ފަންގިފިލާ އެވެ. އެހެން ދުވަސް ދުވަހަށް ވުރެން އެގަޑިއަށް މީހުން ގިނަވެފައި ވީ ސާޖަރީ ތަކުން މީހުން ނެރުމުންނެވެ. އެހެން ކަމުން އޭނާ އަށް ހަމަޖެހި ލުމަށް ވަގުތު ނުލިބި މުޅި އެ ޝިފްޓު އެއްކޮށް އުޅެންޖެހުނީ އެކި ކަންކަމުގައި ބިޒީ ވެގެންނެވެ.
އެރޭ ޑިއުޓީ އިން ފޭބި އިރު ބާރަ ޖަހާ ގޮއްސައި ހުރުމުން އިޒާ އަޒްހާ އަށް ގުޅައިލީ އޭނާ ބަލާ އަންނާށޭ ބުނެލާށެވެ. އެހެން ނަމަވެސް ތިން ފަހަރު ގުޅުމުންވެސް އަޒްހާ ފޯނު ނުނެގުމުން އިޒާ ގުޅާލީ މިބްސާމް އަށެވެ. ހަތަރުވަނަ ރިންގުން ފޯނު ނެގީ ޒާހިޔާ އެވެ.
“މަންމާ ކޮބާ ބައްޕަ؟.. އަޅުގަނޑު ބަލާ އަންނާށޭ ބުނަންވެގެން..” ބައްޕަ އަށް އޮތީ ނިދާފަ.. މަންމަ އަށް ހީވެއްޖެ އޭ އެހެންވެގެން ކަން ތި ގުޅީ…” ” ދެން ކޮބާ ދޮންތަ؟.. ގުލީމަ ފޯނެއް ނުނަގާ އެހެންވެ އަސްލު ބައްޕަ އަށް މި ގުޅީ..” ދޮންތަ މިއަދު ދިހައެއް ޖަހަނިކޮށް ގެއަށް އައިއްސި، ނިދިފަ އޮތީމަ ކަންނޭގެ ފޯނު ނުނެގުނީ…” ” އެހެންތަ؟.. އޯކެ އެހެން ވިއްޔާ… އަޅުގަނޑު ގޮސްދާނަން ހިނގާލާފަ..” ” އެންމެ ރަނގަޅު.. ދަރިފުޅު ބަލައިގެން އުޅޭތި… މަންމަ މަޑުކުރާނަން ދަރިފުޅު ގެއަށް އަންނަންދެން…” ޒާހިޔާ އާއި ވާޙަކަ ދެއްކުމަށް ފަހު އެކަނި ގެއަށް ދާން ނިންމަމުން އިޒާ ފޯނު ކަނޑާލާފައި ދަބަހަށް ލަމުން މަގުގެ ދެކޮޅު ބަލާލާފައި ގެއަށް ދާން ހިނގައި ގަތެވެ.
އިސްޖަހާލައިގެން ހުރެ ހިނގަމުން ދިޔަ އިޒާ އަށް އިސް އުފުލާލެވުނީ ފަހަތުން މީހަކު އަންނަ ކަހަލ އިހުސާސެއް ކުރެވުމުންނެވެ. ހިނގުން ހުއްޓާ ނުލާ ކުރިއަށް ހިނގަމުން ދިޔަ އިރު އޭނާ އަށް ފަހަތުން އިވެމުން ދިޔަ ފިޔަވަޅު ތަކުގެ އަޑު އަވަސްވާހެން ހީވިއެވެ. ހަމަ އެއާއި އެއްވަރަށް އިޒާ ވެސް އޭނާގެ ފިޔަވަޅުތަށް ހަލުއި ކުރަމުން ގެންދިޔައެވެ.
ފަހަރަކަށް ވުރެން ފަހަރެއް ފިޔަވަޅުތަށް އަވަސްކުރަމުން ގޮސް އިޒާ އަށް ދުއްވައިގަނެވުނެވެ. ފަޔަށް ލެވުނުހާ ބާރެއް ލަމުން ދުވަމުން ދިޔަ އިޒާގެ އަތުގައި ހިފާފައި މީހަކު ދަމާއިގަތެވެ. ކުއްލި ހަރަކާތަކާއި އެކު އެހެން ދަމައިގަތުމުން އިސާގެ ފައި ފުރޮޅުނެވެ. އެހެންކަމަކަށް އެވަގުތު ވިސްނާލަން ނުކުޅެދިފައި ހުރި އިޒާ ފާރަކާއި އޭނާގެ އަތުގައި ހިފައިގެން ހުރި މީހާ އާއި ޖެހި ފިތުނީ އެސްފިޔަ ޖަހާލާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ.
އިއްޔެ ފެނުނު ހޫރެއް ފަދަ އަންހެން ކުއްޖާ ފެނޭތޯ މާއިން މަގުމަތީ ޕާކުކޮށްފައި އިން ސައިކަލެއްގެ މަތީގައި އިނެވެ. އެހެން އިންނަތާ ތިރީހަކަށް މިނެޓު ފަހުން ހިތް އެދޭ ސޫރަ ކުރިމަތިން ފެނި ލުމުން މާއިން އަށް ހަށިގަނޑު ސީދާކޮށްލެވުނެވެ. ނަމަވެސް، އޭނާގެ ދެބުމަ ގޮށްޖެހުނީ އެ އަންހެން ކުއްޖާގެ ފަހަތުން ދިހަވަރަކަށް ފޫޓު ދުރުން އަންނަމުން ދިޔަ ފިރިހެން މީހާ ފެނުމުންނެވެ. އިޒާގެ މޫނުމަތިން ފެނުނު ކުލަވަރުން މާއިން އަށް ކަމެއް ގޯސްކަން ފަހުމުވިއެވެ. އިޒާ ހިނގަމުން ދިޔަ ވަރަކަށް ފިޔަވަޅުތަށް ބާރު ވަމުން ދިޔަ ވަރަކަށް ފަހަތުން އައި މީހާގެ ފިޔަވަޅުތަށްވެސް ބާރު ވަމުން ދިޔަކަން ފާހަގަ ވުމުން މާއިން ސައިކަލުން ފައިބާ ފާރާއި ކައިރިއަށް ޖެހިލިއެވެ. އަދި އިޒާ އެހިސާބަށް އެރުމުން އިޒާގެ އަތުގައި ހިފާ ގެހިގެން އޮތް ގޯޅިގަނޑުގެ ތެރެއަށް ވަނީ އެ ފަހަތުން އައި މީހެއްގެ ކިބައިން އިޒާ ސަލާމަތް ކުރާށެވެ.
އިޒާ އަށް ހުރެވުނީ ހިމަ ގޯޅިގަނޑެއްގެ ތެރޭގަ ކަން ރެއަކާލީ އެމީހާގެ މޫނަށް ނުބަލާން މޫނު އަނބުރާލުމުންނެވެ. ހިނދުކޮޅަކަށް އެކަކު އަނެކަކުގެ ހޫނު ނޭވާތަށް އިހުސާސް ވާހާ ކައިރީގައި ތިބުމަށް ފަހު އިޒާގެ ކުރިމަތީގައި ހުރި ފިރިހެން މިހާ އޭނާގެ ގައިން ދޫކޮށްލިއެވެ. ހަމަ ޖެހުމުގެ ނޭވާއެއްލަމުން އިޒާ އޭނާގެ ދެލޯ ހުޅުވާލިއެވެ. އަދި ކުރިމަތި ހުރި މީހާއަށް ފުން ނަޒަރަކުން ބަލައިލިއެވެ. ކަޅު ދޫ ޓީޝާޓަކާއި ކަޅު ކެރެޓް ޖިންސަކާއި ލައިގެން ހުރި އިރު ކަރުގައި ލޮކެޓް ފަށަކާއި ރިހި ފަށެއް އޮތެވެ. ހަމުގެ ކުލަ އިލި ވެފައި އިސްތަށިގަނޑު ކުރެވެ. އެހެންނަމަވެސް ވެރިވެފައި ވީ އަނދިރިކަމުން މޫނަށް ހިޔަނި އެޅިފައި ވުމުން މޫނު ސާފުވާގޮތެއް ނުވިއެވެ.
” ސޮރީ… ފަހަތުން މީހަކު އަންނާތީ އެހެން ހެދީ.. އެކަމު އެމީހާ ގޮއްސި… ދެން އޯކެ ވާނެ ކަންނޭގެ ދިޔަޔަސް..” އިޒާ މަގުމައްޗަށް ބަލާލުމުން އެ ފިރިހެން މީހާ ވާހަކަ ދެއްކި އެވެ. ފިރިހެންވަންތަ ވެފައި ބަރު އެ އަޑު ކަންފަތުގައި ޖެހުމުން އިޒާގެ މުޅި ގައިން ހީބިހި ނަގައިގަތެވެ.
ފަސް އެނބުރި އެ މީހާ އަށް ބަލައި ލުމަށް ފަހު އަނެއްކާ ވެސް އިޒާ މަގަށް ބަލާލިއެވެ. މަގުމައްޗަށް ނުކުންނަން ފަސްޖެހެވެމުން ދިޔައެވެ. ދެންމެ ވީ ކަހަލަ ކަމެއް ވެދާނެ ކަމަށެވެ. ފަހަތުގައި ހުރި މާއިން އަށް އެކަން އެނގުނީ ކަންނޭގެ އެވެ. ކުރިއަށް ޖެހިލާ އިޒާ ކުރެން ގެންގޮސް ދޭން ވީ ތޯ އަހާލިއެވެ.
~ނުނިމޭ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.




Brothahhhh.. Reehchey mi prt vs hes kiyaaha ingeyyyyyy.. Aslahvs vrh salhi.. Dhn maain nd izaa gulheyne irakah mi Inthizaaru kurany.. Ey dhn mashakah Neynge maa dhigu cmnt kuraakah.. Hehe.. Okay.. Dhn dhany ey filaavalhu hadhan.. Vrh bxy dhn mhr.. Extra classes vs feshey mi feshey week ga.. Okie byeeee.. Lysssssmmm lwbigandaaa ❤️❤️❤️😘😘