ހިތުގައި ވޭ ތިޔަ ނަން…5
އިއްޔެ ފެނުނު ހޫރެއް ފަދަ އަންހެން ކުއްޖާ ފެނޭތޯ މާއިން މަގުމަތީ ޕާކުކޮށްފައި އިން ސައިކަލެއްގެ މަތީގައި އިނެވެ. އެހެން އިންނަތާ ތިރީހަކަށް މިނެޓު ފަހުން ހިތް އެދޭ ސޫރަ ކުރިމަތިން ފެނި ލުމުން މާއިން އަށް ހަށިގަނޑު ސީދާކޮށްލެވުނެވެ. ނަމަވެސް، އޭނާގެ ދެބުމަ ގޮށްޖެހުނީ އެ އަންހެން ކުއްޖާގެ ފަހަތުން ދިހަވަރަކަށް ފޫޓު ދުރުން އަންނަމުން ދިޔަ ފިރިހެން މީހާ ފެނުމުންނެވެ. އިޒާގެ މޫނުމަތިން ފެނުނު ކުލަވަރުން މާއިން އަށް ކަމެއް ގޯސްކަން ފަހުމުވިއެވެ. އިޒާ ހިނގަމުން ދިޔަ ވަރަކަށް ފިޔަވަޅުތަށް ބާރު ވަމުން ދިޔަ ވަރަކަށް ފަހަތުން އައި މީހާގެ ފިޔަވަޅުތަށްވެސް ބާރު ވަމުން ދިޔަކަން ފާހަގަ ވުމުން މާއިން ސައިކަލުން ފައިބާ ފާރާއި ކައިރިއަށް ޖެހިލިއެވެ. އަދި އިޒާ އެހިސާބަށް އެރުމުން އިޒާގެ އަތުގައި ހިފާ ގެހިގެން އޮތް ގޯޅިގަނޑުގެ ތެރެއަށް ވަނީ އެ ފަހަތުން އައި މީހެއްގެ ކިބައިން އިޒާ ސަލާމަތް ކުރާށެވެ.
އިޒާ އަށް ހުރެވުނީ ހިމަ ގޯޅިގަނޑެއްގެ ތެރޭގަ ކަން ރެއަކާލީ އެމީހާގެ މޫނަށް ނުބަލާން މޫނު އަނބުރާލުމުންނެވެ. ހިނދުކޮޅަކަށް އެކަކު އަނެކަކުގެ ހޫނު ނޭވާތަށް އިހުސާސް ވާހާ ކައިރީގައި ތިބުމަށް ފަހު އިޒާގެ ކުރިމަތީގައި ހުރި ފިރިހެން މިހާ އޭނާގެ ގައިން ދޫކޮށްލިއެވެ. ހަމަ ޖެހުމުގެ ނޭވާއެއްލަމުން އިޒާ އޭނާގެ ދެލޯ ހުޅުވާލިއެވެ. އަދި ކުރިމަތި ހުރި މީހާއަށް ފުން ނަޒަރަކުން ބަލައިލިއެވެ. ކަޅު ދޫ ޓީޝާޓަކާއި ކަޅު ކެރެޓް ޖިންސަކާއި ލައިގެން ހުރި އިރު ކަރުގައި ލޮކެޓް ފަށަކާއި ރިހި ފަށެއް އޮތެވެ. ހަމުގެ ކުލަ އިލި ވެފައި އިސްތަށިގަނޑު ކުރެވެ. އެހެންނަމަވެސް ވެރިވެފައި ވީ އަނދިރިކަމުން މޫނަށް ހިޔަނި އެޅިފައި ވުމުން މޫނު ސާފުވާގޮތެއް ނުވިއެވެ.
” ސޮރީ… ފަހަތުން މީހަކު އަންނާތީ އެހެން ހެދީ.. އެކަމު އެމީހާ ގޮއްސި… ދެން އޯކެ ވާނެ ކަންނޭގެ ދިޔަޔަސް..” އިޒާ މަގުމައްޗަށް ބަލާލުމުން އެ ފިރިހެން މީހާ ވާހަކަ ދެއްކި އެވެ. ފިރިހެންވަންތަ ވެފައި ބަރު އެ އަޑު ކަންފަތުގައި ޖެހުމުން އިޒާގެ މުޅި ގައިން ހީބިހި ނަގައިގަތެވެ.
ފަސް އެނބުރި އެ މީހާ އަށް ބަލައި ލުމަށް ފަހު އަނެއްކާ ވެސް އިޒާ މަގަށް ބަލާލިއެވެ. މަގުމައްޗަށް ނުކުންނަން ފަސްޖެހެވެމުން ދިޔައެވެ. ދެންމެ ވީ ކަހަލަ ކަމެއް ވެދާނެ ކަމަށެވެ. ފަހަތުގައި ހުރި މާއިން އަށް އެކަން އެނގުނީ ކަންނޭގެ އެވެ. ކުރިއަށް ޖެހިލާ އިޒާ ކުރެން ގެންގޮސް ދޭން ވީ ތޯ އަހާލިއެވެ.
﹒𓆩♡𓆪 ﹒ފަސްވަނަ ބައި ﹒𓆩♡𓆪 ﹒
ޖެހިލުންވެ ހުރެވެސް އިޒާ ބޯ ޖަހާލީ، އެ ނުދަންނަ ފިރިހެނާ އޭނާ ސަލާމަތް ކޮށްދިނުމުންނެވެ. ސަލާމަތް ކޮށްދިނުމަށް ފަހުވެސް އެމީހާގެ ފަރާތުން އޭނާ އަށް ހާނިއްކައެއް އައިސްދާނެތީ އޭނާ ބިރު ގަތެވެ. ނަމަވެސް ކޮންމެ ގޮތެއްވިޔަސް ހެޔޮ ކަމަށް ބަލާ އޭނާ ކުރިއަށް ހިނގައިގަތީ ފަހަތުން ދެންމެ ދިމާވި ޒުވާނާ އަންނަކަން ޔަގީން ކުރަމުންނެވެ.
ގެއާއި ޖެހިގެން އޮތް ގޯޅީގެ މެދެއްހާ ހަމަޔަށް އެރި ތަނުން އެ މަގުގައި ހުރި ހަނި ގޯޅި އެއްގެ ތެރެއިން ނުކުތް ބިޔަ ފިރިހެނަކު މީހަކަށް ގޮވާލި އަޑު އިވުމުން އިޒާ ފަހަތަށް އެނބުރި ބަލާލިއެވެ. އޭރު އޭނާގެ ފަހަތުގައި ހުރި ޒުވާނާވެސް އެ ދިމާލަށް ބަލައިލަނީ އެވެ.
“މާއިން!!” ފަހަތުން އޭނާގެ ނަމުން ގޮވާލި އަދު އިވުމުން މާއިންއަށް ހުއްޓެވުނެވެ. އޭރު އޭނާގެ ކުރިމަތީ ހުރި އިޒާ ފަސް އެބުރި ބަލައިލުމުން މާއިން ފަސް އެބުރި ބަލައިލީ އޭނާ އަށް އެ އަޑޫ އޮޅިފައި ނެތުމުނެވެ. އަނދިރީގެ ތެރެއިން އެ ފިރިހެން މީހާ ނުކުތް އިރު އޭނާގެ ދެލޯ އަމާޒުވެފައި ހުރީ މާއިން އަށެވެ. މާއިން މެންނާއި ހަވަރަކަށް ފޫޓު ކައިރިއަށް އައިސްފައި އެމީހާ ހުއްޓުނެވެ. ބިރުވެރި ގޮތަކަށް އޭނާ އާއި ދިމާލަށް ބަލަން ހުރި މީހާ އަށް ބަލާފައި މާއިން އިޒާ އޭނާގެ ފުރަގަހަތަށް ލެވޭނެހެން އިޒާގެ ކުރިމައްޗަށް އެރިއެވެ. އެދެމީހުންނަށް ތިބެވުނީ އަނދިރި ހިސާބެއްގަ ކަމުން އެމީހާ އަކަށް އިޒާ އެއް ނުފެނެއެވެ.
” ހާއްލެ އެބަހުރި ކައެ ނައިސްގެން… އޭނާ އެންމެ ޓްރަސްޓު ކުރާ މީހާ ކައިރީގަ ނެތީމަ އެ ޅ*** އެބައިން ކަމެއް ކުރަން ނޭނގިފަ..” އިރާއިޝް އައިސް ބުނި ވާހަކައިން މާއިން ބޯ ޖަހާލިއެވެ. އަދި މިދަނީ އޭ ބުންޏެވެ. ލަސް ނުވެ އަވަހަށް އަންނާށޭ ބުނެ އިންޒާރުގެ ބެލުމަކުން މާއިލް އަށް ބަލައިލަމުން އިރާއިޝް އެތަނުން ދިޔައެވެ.
މާއިންގެ ފަހަތުގައި ހުރިހާ ކަމެއް ބަލަން ފިލާ ހުރި އިޒާ ހުރީ ބިރުން ތުރު ތުރު ލާ ހާލުގައެވެ. ހައިކަލް (ހާއްލެ) އަކީ އެ ހިސާބުގައި އެންމެ މަޝޤހޫރު ކަންމަތީ ޕާޓޭ ގޭނެގުގެ އިސް ވެރިޔާ އެވެ. އެކި އެކި މާރާމާރީ ތަކުގައްޔާއި ވައްކަމުގެ ތެރެއިން އޭނާ ޖަލަށް ލެވިފައި ވިޔަސް އޭނާގެ ބައްޕަ ހުރިހާ ކަމެއްގެ މަތިޖަހާ ފޮރުވުމަށްފަހު އެކަމުން އޭނާ ނެރެއެވެ. މިހެން ވުމުން އެ ހިސާބުގެ އެންމެންވެސް އޭނާ ދެކެ ބިރު ގަނެއެވެ.
މިހުރިހާ ކަމެއްގެ ފުރަގަހަތުން އިޒާ އަށް އެނގުނު އެއްޗަކީ ދެންމެ އޭނާ އެ ސަލާމަތް ކޮށްދިނީ އެ ގޭންގުގެ މީހެއްކަމެވެ. އެ މީހަކީ ކާކުކަން ބަލާ ލުމެއް ނެތި އެމީހަކަށް ކުޑަކޮށް ނަމަވެސް އިތުބާރު ކުރެވުމުން އިޒާ އަށް އަމިއްލަ ނަފްސަށް ކުދި ކިޔުނެވެ. އަމިއްލަ މޮޔަކަމުން ވާ ކަންތަކުން ރުޅި އައެއެވެ. އެހެން ނަމަވެސް އޭނާގެ ރުޅިގަނޑުގެ މައްޗަށް ބިރު ވެރިވެގަތީ މާއިން އއެނބުރި އޭނާ އަށް ބަލާލުމުންނެވެ.
ފަހަތަށް ފިޔަވަޅު އަޅަމުން ގޮސް ހަތަރު ފިޔަވަޅު ދުރަށް ޖެހިލެވުމުން އިޒާ ދުއްވައިގަތެވެ. ގެއަށް ވަދެވުމުން ނޫނީ އޭނާ ދުވުން ނުހުއްޓިއެވެ.
މިގޮތަށް ހަތަރު ދުވަސް ފާއިތުވެގެން ދިޔައިރު ކޮންމެ ދުވަހަކުހެން މާއިންގެ އުނދަގޫ އިޒާ އަށް ފޯރައެވެ. ދަންވަރު ޑިއުޓީ އަށް ދާން އިޒާ އަށް ޖެހެނީ އެހެން މަގުތަކަށް އަޅައިގެން ދާށެވެ. އަޒްހާ އާއި އެއްކޮށް ހުއްޓަސް މާއިން އަށް އޭނާ ފެނުމުން ބަލާ ހަދައެވެ. އެކަމާ އަޒްހާ ސުވާލު ކުރި ނަމަވެސް އިޒާ އެކަމަށް އެއްޗެކޭ ނުބުނީ އެއީ އޭނާ އެހާ ވާހަކަ ދައްކަން ބޭނުންވި މައުޟޫއު އަކަށް ނުވުމުންނެވެ.
އެކި ފަހަރު މަތިން މާއިން އިގްނޯ ކުރިއަކަސް ފަހަތުން ނުނެއްޓޭތީ އިޒާގެ ގާތަށް ރުޅި ވެސް އާދެއެވެ. ޖެހިލުން ވެސް ވެއެވެ. އެހެންނަމަވެސް އެއްވެސް މީހެއްގެ ކައިރީ އޭނާ އަށް އެވާހަކަ ބުނަން ނުކެރެނީ އެވެ. ސަބަބު ޚުދު އިޒާ އަކަށް ވެސް ނޭނގެ އެވެ.
ޑިއުޓީ ނިންމައިފައި ގެއަށްދިއުމަށް މިސްރާބުޖެހި އިޒާގެ ލޮލުގައި ހިމަގޯޅިގަނޑެއް ކައިރީގައި ހުއްޓިހުރި މާއިން އަޅައިގަތެވެ. ހިތަށް ބިރުވެރިކަން ސަވާރުވީ އެދެލޯ ސީދާ އޭނާއަށް އަމާޒުވެފައިހުރިގޮތް ފެނިފައެވެ. ހިންދިރުވައިލަމުން އިޒާ އިސްޖަހައިލީ އެދިމާލަށް ބަލަން ބޭނުންނުވެފައި ހުރެއެވެ. މިޖެހުނީ ކިހައިދެރަކަމެއް ހެއްޔެވެ؟ އެއީ ކާކު ކަމެއްވެސް އޭނާއަކަށް ނޭނގެއެވެ. އެމީހަކު އޭނާގެ ފަހަތު އަޅުވައިލައިގެން އުޅެންވީ ސަބަބެއް އިޒާ އަކަށް ނުވިސްނުނެވެ. ހިތާއިހިތުން އަމިއްލަ ރައްކާތެރިކަމަށްއެދި ދުޢާކޮށްލަމުން ކުރިއަށް އިޒާ ހިނގައިގަތެވެ.
” ހާއި..” އިޒާ އޭނާއާއި އަރައިހަމަވުމާއެކު މާއިން ބުނެލިއެވެ. އަޑުއިވޭކަމަށްވެސް ނުހަދައި އިޒާ ދިޔައީ ކުރިޔަށެވެ.
” ކީއްވެ އަހަންނާ ވާހަކަ ނުދައްކަނީ؟ ވާހަކަ ނުދެއްކޭ ކުއްޖަކީތަ؟” އިޒާގެ ފުށުން ޖަވާބެއް ނުލިބުމުން ފަހަތުން އަންނަމުންދިޔަ މާއިން އަހައިލިއެވެ.
“އަހަންނަށް ކިޔަނީ މާއިން.. މަންޖެ އަށް ކިޔަނީ ކޮންނަމެއް؟” ލައިގެންހުރި ސޯޓުގެ ދެޖީބަށް އަތްޖަހައިލަމުން މާއިން އަހައިލިއެވެ. ނިތަށް ރޫއަރުވައިލަމުން އިޒާ ހިނގުން ބާރުކޮށްލިއެވެ. ވަގުތުން އޭނާގެ ކުރިމައްޗަށް އަރައި އިޒާ ހުއްޓުވަމުން ފުންނަޒަރަކުން މާއިން އޭނާއަށް ބަލައިލިއެވެ.
“ނަން ބުނެފަ ދެވޭނީ..” އިންޒާރެއް ދޭފަދައިން އަޑަށް ބާރުލައިފައި މާއިން ބުނެލީ ގަސްދުގައި އިޒާ ބިރުގަންނަވައިލުމުގެ ގޮތުންނެވެ. އެއްގޮތުން ނޫނީ އަނެއްގޮތުންވިއަސް އިޒާގެ ނަން ހޯދަން އޭނާހުރީ ބޭނުންވެފައެވެ.
ހެޔޮނުވާނެ.. އަހަރެންގެ ފަހަތުން ކޮންމެ ދުވަހަކު ތިހެން ނާދެބަލަ” ޖެހިލުންވެފައިހުރި ނަމަވެސް އިޒާ އާދޭސްކޮށްލިއެވެ. މިވީ ހަތަރު ދުވަސް ތެރޭ އެކި ގޮތް ގޮތުން މާއިން އޭނާ އާއި މަގުމަތިން ދިމާ ކުރެއެވެ.
“ނަން ބުނި އިރަކުން އަހަރެން މިތަނުން ދާނީ..” މާއިންގެ އަޑުގައިވީ ލާނެތްކަމެވެ. ތުންފިއްތައިލާފައި އިޒާ އެއްޗެއް ވިސްނައިލިއެވެ. އިތުރު ގޮތެއް ނެތްފަދައިން އޭނާ މާއިންގެ މޫނަށް ބަލައިލިއެވެ. މާއިން ހުރިގޮތުން މޭނުބައިކުރާގޮތް އޭނާ ވިއެވެ. މިއިން ދުވަހަކުވެސް ފެންވަރައިފައިހުރި ފާޑެއް އޭނާ ނުޖަހައެވެ. މޮޔައެއްހެން ހިނިއައިސްފައި އިޒާއަށް ބަލަން ހުރިއިރު ހީވަނީ އޭނާއަށް މިކުރެވެނީ މާމޮޅުކަމެއް ހެންނެވެ.
” އިޒާ..” އިސް ޖަހާލާފައި އިޒާ އޭނާގެ ނަން ބުނެލިއެވެ. ބޮޑު ޕާޓޭއެއްގާތުގައި އޭނާގެ ޒާތީ ހުރިހައި މައުލޫމާތެއް ހިއްސާކުރާނީ ކިހިނެއްހެއްޔެވެ؟ އެހެން ނަމަވެސް ކުޑަ ހިނދުކޮޅަކަށް ނަމަވެސް މާއިން އޭޏާ އާއި ދުރަށް ދޭތޯ އޭނާ ނަން ހާމަ ކުރީ އެވެ. މާއިންގެ ފުށުން ސަލާމަތްވުމަށް ބޭނުންވެފައިހުރިވަރު ރީތިކޮށް އިޒާގެ މޫނުމަތިން ފާޅުވަމުންދިޔައެވެ. ލިބުނު ކާމިޔާބާއި އެކު މާއިންގެ ހިތް އުފަލުން ނަށައިގަތެވެ. އިޒާ އަށް އަދިވެސް އެއްފަހަރު ބަލައިލަމުން އޭނާގެ ކުރިމަތިން އެއްފަރާތަކަށް މާއިން ޖެހިލީ ދިޔުމުގެ ހުއްދަދެނީ އޭ ބުނާ ފަދައިންނެވެ. މާއިން އަށް ބަލައިލުމެއްވެސް ނެތި އިޒާ އެތަނުން ދިޔައީ ލިބުނު ހަނި ފުރުސަތުގައި އޭނާގެ ކިބައިން ސަލާމަތްވާން ބޭނުންވެފައި ހުރިވަރުންނެވެ. އެހެނަސް އެއީ އެކަމުގެ ނިމުންނޫންކަން އިޒާ އަކަށް ނޭނގެ އެވެ.
~ނުނިމޭ~
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



