![](https://live.staticflickr.com/4367/37065657206_c3a8a1bc56_b.jpg)
ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 14
އީމަން މަޑުމަޑުން އެނދާ ދިމާއަށް ފިޔަވަޅުތައް އަޅަމުން ދިޔައެވެ. ނަމަވެސް ކަންފަތުގައި ހަރުލާފާ ހުރީ ދެންމެ އެދެމީހުން ދެއްކި ވާހަކަ ތަކެވެ. ކުއްލިއަކަށް ލޯ މައްޗަށް ސިފަވާން ފެށީ އާއިޒު ހުޅުމާލޭގައި ތައްޔާރު ކޮށްފައިވި ކޮޓަރިއެވެ. ބެޑްޝީޓްގައި ރޫޖެހިފައިވާ ހުދުކުލައިގެ އެ ބޮޑު އެނދެވެ. ބިންމަތީ ގަޔާއި އެނދުމަތީގައި ތިބި ފިނިފެންމާ ފިޔަތަކެވެ. އެނދުކަރީގައި އޮތް ކަޅުކުލައިގެ ޝޯލް އެވެ. އޭގެ ކުރިން އާއިޒު އާއި ޔާނާ މަގުމަތީގައި ބައްދާލައިގެން ތިބިރެއެވެ. އީމަން ކާރުގައި އިނދެ އެމަންޒަރު ބަލަން ހައިރާންވެފައި އިނދެވުނު ތަނެވެ. ރޭ ޔާނާ އާއި އީމަން ބައްދަލުވި ތަނެވެ.
ހިޔާލުތަށް ސިކުނޑިއަށް ވެރިވެގަތުމާއެކު ބޮލަށް ބަރުވެގެން ދިޔަހެން ހީވިއެވެ. ބޯދެކޮޅަށް ހޫރާލެވުނީ ބޮލުތެރޭގައި ތިބި އެއްޗެހި ފޮހެލުމުގެ ނިޔަތުގައެވެ. އެއާއެކު ކުރިއަށް އަޅައަޅައި ހުރި ފިޔަވަޅުތަށް ހުއްޓުނެވެ. އަދި މަޑުމަޑުން ފަހަތަށް ހިނގަންފެށީ ޔާނާއަށް ބަލަން ހުރެއެވެ. އެސްފިޔަ ޖަހާލަން ދަތިވެފައިހުރެ ފަހަތަށް ފިޔަވަޅު އަޅަމުން ދޮރުން ނުކުމެގެން ގޮސް ބޭރަށް ހިނގައިގަތެވެ. އެއްވެސް ފަރުވާލެއް ނެތް ރާގެއްގައެވެ. ބޮޑު ކޮރިޑޯރގައި ހިނގަމުން ގޮސް ސިޑިންފައިބައި ތިރީގައި ހުރި ބޮޑެތި ސޯފާތަކުން ސޯފާއެއްގައި އިށީނެވެ. އަދި ސޯފާގައި ބޯއަޅާލައިގެން އޮވެ ލޯމަރާލިއެވެ.
‘އަހަރެންނަށް މިވަނީ ކިހިނެއް؟ ޔާނާ އެންމެ ފަހަރަކުވެސް ނުބުނޭ އަހަރެން ދެކެ ލޯބިވާ ވާހަކައެއް. އެހެންވީ އިރު އަހަރެން ކީއްކުރަން މިވަރަށް ކަންބޮޑުވާންވީ. އަހަރެން ޔާނާ މަތިން ހަނދާން ނައްތާލަން މިވަރަށް މަސައްކަތް ކުރާއިރުވެސް ތަޤްދީރު އަހަރެން ޔާނާއާ ބައްދަލު ކުރުވަނީ ކީއްވެ؟ އަނެއްކާ ތަޤްދީރުގައި ލިޔެވިފައި އޮތީ އަހަރެމެން ދެމީހުން އެކުގައި… ނޫން ނޫން. އެހެނެއް ނުވާނެ. ޔާނު އަހަރެން ދެކެ ލޯބި ނުވާއިރު އަމުދުން..’
ކުރެވެމުންދިޔަ ޚިޔާލުތަކާ ސިކުނޑި އަރާރުން ވާން ފެށުމުން އީމަންއަށް ލޯހުޅުވާލެވި ބޯ ހިއްލާލެވުނެވެ. އަދި ކުރިއަށް ގުދުވެލައި މޫނުގައި ދެއަތް ހާކާލެވުނެވެ. އަދި އުނގުމަތީގައި އުޅަނބޮށި ވިއްދާލުމަށްފަހު ތިރިއަށް އޮބިލައިގެން އިސްޖަހައިލިއެވެ. ‘މިވަގުތު މިއީ މިހުރިހާ ކަމަކާ ވިސްނަންވީ ވަގުތެއް ނޫން. ޔާނާއަށް ދިމާވި ހާދިސާ ކޮންމެ ކުއްޖަކަށް ދިމާވިނަމަވެސް އަހަރެން އަމަލު ކުރާނީ މިހެނެއްނު. އެހެންވީމަ މިއީ އަހަރެން ޔާނާ ދެކެ ކޮންމެހެން ލޯބިވާތީ ކުރާ ކަމެއް ނޫން. ޔާނުއަށް އެންމެ ބޭނުމީ މީހެއްގެ ލޯތްބާއި އޯގާތެރިކަން. އަހަރެން މި ދަނޑިވަޅުގައި ޔާނުއަށް އެހީތެރިވާނަން. އަހަރެންދެކެ ލޯބި ނުވިޔަސް އަހަރެންގެ އެހީތެރިކަން ބަލައިގަންނާނެ.” އީމަން އެވާހަކަ ދައްކަނީ ކަމުގެ ހަޤީޤަތް އޮތް ގޮތަށް ކަމެއް ނުވަތަ ހިތާ ދެކޮޅަށް ކަމެއް ޚުދު އީމަން އަށްވެސް ނޭނގޭ ފަދައެވެ. ހިތުތެރޭގައި މިފަދަ ހަލަބޮލި ހިޔާލުތަކެއް ހިނގަހިނގާ ހުއްޓާ ކުއްލިއަކަށް ގޭގައި ގެންގުޅޭ މީހަކު އީމަންއަށް ގޮވާލާފައި ޔާނާ ހޭއަރަން އުޅޭ ވާހަކަ ބުނެލިއެވެ.
އީމަން ހަލުވި ފިޔަވަޅުތަކެއްގައި ސިޑި ހުރަސްކޮށް ޔާނާ އޮތް ކޮޓަރިއަށް ދިޔައެވެ. އެވަގުތު ޔާނާ އެނދުމަތީގައި އޮވެގެން ދެފަރާތަށް ބޯ ހޫރުވަނީއެވެ. ލޯމެރިފައި އޮތްނަމަވެސް އަތްފައިވެސް ހަރަކާތް ކުރަމުން ގެންދަނީއެވެ. ހީވަނީ ކަމަކުން ސަލާމަތް ނުވެވިގެން ތެޅި ފޮޅެމުން ދަނީހެނެވެ. ވާނީވެސް އެހެންތާއެވެ. މިރޭ މިދިމާވި ކަންތައްގަނޑުން ޔާނާއަށް ވަނީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. ޔާނާއަށް ފެންނަމުން ދަނީ އާއިޒު ޔާނާ ފަހައި ދުވަމުން އަންނަތަނެވެ. ސަލާމަތްވުމަށް ޓަކައި ޔާނާ ކަށިބޯ ޖަންގައްޔެއްގައި ދުވަމުން ދަނީއެވެ. ޔާނާ އާއިޒު ކައިރީ ތިހެން ނަހަދާށޭ ބުނަމުން އާދޭސް ކުރަމުން ދަނީއެވެ. ދެން ފެނުނީ އާއިޒު އައިސް ޔާނާގެ ކުރިމަތީގައި ހުއްޓި ޔާނާ ބިންމައްޗަށް ވައްޓާލުމަށްފަހު ގައިމައްޗަށް ވެއްޓި ގަތްތަނެވެ. ޔާނާ ރުޅިއައިސްގެން ހަޅޭއްލަވަންފެށިއެވެ.
“އާއިޒު!” ކަރުތެރެއަށް ލެވުނު ގަދަ ބާރާއެކު ޔާނާއަށް އާއިޒުގެ ނަމުންގޮވައި ހަޅެއްލަވައި ގަނެވުމާއެކީ ތެދުވެ އެނދުގައި އިށީނދެވުނެވެ. މުޅިމީހާގެ މޫނުމަތިން އޮށްދާ ހިއްލާލައިފައި ހުރި އިރު ހާސްވެގެން ނޭވާވަނީ ކުރުވެފައެވެ. އަރުތެރެ ހިކިގެން ގޮސް އަޑުވަނީ ކުރެހިފައެވެ. އެވަގުތު އެނދުކައިރީ ހުރި ނޯކަރެއް ޔާނާއަށް ފެންތަށްޓެއް ދިއްކޮށްލުމާއެކީ ވަގުތުން ފެންތަށީގައި ހިފައި އެއްނޭވާއިން ފެންތަށި ހުސްކޮށްލިއެވެ. މުޅި މީހާ ހަމައަކަށް އެޅި ވާނުވާ އެނގުނީ އަދި ކިރިޔާއެވެ. ހައިރާންވެފައި ވަށައިގެން ނަޒަރު ހިންގާލެވުނެވެ. ދަންނަ އެއްވެސް މޫނެއް ނެތެވެ. ހުދު ކުލައިގެ ޔުނިފޯރމްގައި ތިބި ތިންމީހުންގެ ތަންކޮޅެއް ފަހަތުގައި ހުއްޓިލައިގެން ހުރި އީމަން ޔާނާއަށް ފެނުނީ އެވަގުތުއެވެ. ލޮލަށް ކަރުނަތަށް ޖަމާވާން ފެށުމާއެކު ތުންފަތުގައި ފަނޑު ހިނިތުންވުމެއް ދުވެލިއެވެ. އީމަންގެ ކުޑަ އިޝާރާތަކަށް އެތަނުގައި ތިބި ތިން މީހުން ބޭރަށް ނުކުތެވެ. ކޮޓަރީގެ ދޮރު ލެއްޕުމާއެކީ މުޅިތަނަށް ވެރިވެގެންދިޔަ ހިމޭންކަން ފޫދުއްވާލީ އީމަން އެނދު ކައިރިއަށް ދިޔުމަށް ޓަކައި އަޅަންފެށި މަޑުމަޑު ފިޔަވަޅުތަކުގެ އަޑެވެ.
އެނދުގައި އިށީނދެ ޔާނާއާ ހަތަރުކަޅި ހަމަކޮށްލިއެވެ. ޔާނާއަށް ހައިރާންވެފައި ބަލަން އިނދެވުނީއެވެ. އީމަން މަޑުމަޑުން ޔާނާގެ މޫނުގައި އަތްބީއްސާ ލަމުން ސުވާލު ކޮށްލިއެވެ. “މިހާރު ކިހިނެތް؟ ރަނގަޅުތަ؟”
ޔާނާ ޖަވާބު ދިނުމުގެ ގޮތުން ބޯޖަހައިލީ އާއިޒުގެ ކަންތައްގަނޑު އަނެއްކާވެސް ހަނދާނަށް އައުމުންނެވެ. ނަމަވެސް މިވަގުތު ދެން އާއިޒުގެ މަތިން ހަނދާން ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. ބޭނުމީ އީމަންއާ ވާހަކަދައްކާށެވެ. އޭނާގެ ހިތުގެ ހާލަތު ބަޔާން ކޮށްދޭށެވެ. ވިސްނުމުގެ ތެރޭގައި މަޑުމަޑުން އިސްޖަހާލައިގެން އިންދާ ފަތިސްނަމާދަށް ބަންގިދޭ އަޑު އިވެންފެށިއެވެ. ޔާނާއަށް ކަމެއް ހަނދާންވި ކަހަލައެވެ. ހައިރާންވެފައި އިސްއުފުލާލުމަށްފަހު އީމަންއާ ސުވާލު ކުރަންފެށިއެވެ.
“އަހަރެން މިތަނަށް ގެނެވުނީ ކިހިނެއް؟ ކޮބާ މަންމަމެން؟ މަންމަމެންނަށް އެނގޭތަ އަހަރެންނަށް ވީނުވީ؟މަޑުކޮށްބަލަ… އީމަންއަށް އަހަރެން ވީތަނެއް އެނގުނީ ކިހިނެތް؟” ޔާނާ އެއްނޭވާއިން ހުރިހާ ސުވާލުތަކެއް ކުރަމުން ދިޔައިރު އީމަން ހުރީ ޖަވާބު ދޭންވީ ކޮން ސުވާލަކަށް ކަމެއް ނޭނގިފައެވެ. ނުވަތަ ޖަވާބު ނޭނގެނީ ހެއްޔެވެ. ޔާނާ ފޯނު ހޯދުމުގެ ނިޔަތިގައި ދެފަރާތް ހޯދާލިއެވެ. ނަމަވެސް ފޯނު ކާރުތެރަށް ވެއްޓުނު ހަނދާން ވުމުން ބޮލުގައި އަތްއަޅާލިއެވެ.
“މަންމަމެން މިހާރު އަހަރެންގެ ހަބަރެއް ނުވެގެން އުޅޭނެ. މިހާރު ބައްޕަވެސް އުޅޭނެ ކަންބޮޑުވެގެން. އީމަން އަހަރެން ގެއަށް ގެންގޮސްދީ؟ ނުވަތަ ބައްޕައަށް ގުޅައިދީ. ހެޔޮނުވާނެ. އެމީހުން ކަންބޮޑުވެގެން ހަލާކުވެދާނެ.” ޔާނާ އެނދުން ފޭބުމަށްފަހު ކޮޅަށްހުރެ އީމަންއާ ވާހަކަ ދައްކަމުން ދިޔައެވެ. އާދޭސް ކުރާ ރާގެއްގައެވެ. ރޭ ގެއިން ނުކުތް މީހާގެ ހަބަރެއް ނުވުމުން މަންމަމެން ހާސްވެ ކަންބޮޑުވާނެ ވަރު އިހްސާސްވެ ޔާނާ ބޭނުންވީ މަންމަމެންނާ ބައްދަލުވުމަށެވެ. މަންމަމެންދެކެ ވާ ލޯތްބެއްގެ ބޮޑުކަމުން ޔާނާގެ ފަރާތުން ކުޑަނަމަވެސް ހިތާމައެއް ދޭކަށް ޔާނާގެ ހިތް ނުރުހެއެވެ. އަބަދުމެ އެދެނީ އެދެމީހުން ޔާނާގެ މައްޗަށް ފަޚުރުވެރިވާފަދަ ދަރިއަކަށް ވުމަށެވެ. އީމަން އެއްވެސް އެއްޗެކޭ ނުބުނެ އިސްޖަހާލިއެވެ. އަދި ފުން ނޭވާއެއް ލުމަށްފަހު ތެދުވެ ހިނގައިގަނެއްޖެވެ. ޔާނާ އީމަންގެ ފަހަތުން ހިނގައިގަތެވެ.
ދިގު ކޮރިޑޯރ އިން ނިކުމެ ސިޑީގެ ހަރުފަތްތައް ގިރާ ކުރުމަށްފަހު އެ ބޮޑު ސިޓިންރޫމް ހުރަސްކޮށް ދޮރުން ބޭރަށް ނިކުމެވެންދެން ޔާނާ ހުރީ އީމަންގެ ހިޔަނިހެން ފަހަތުގައެވެ. ހިތްއަވަސްވެފައި ވީ ނަމަވެސް އެކިތަންތަނަށް ލޯ ހިންގާލެވެނީ ބޭއިޚްތިޔާރު ގައެވެ. އީމަން މިތަނުގައި އުޅެންވީ ކީއްވެބާއޭ ހިތަށް އެރިއެވެ. އަދި އީމަން މި ހުރިހާ ދުވަހު އުޅުނީ ކޮންތަނެއްގައި ހެއްޔެވެ؟ ނަމަވެސް ވަގުތުގެ ގޮތުން ޔާނާ އެއިން އެއްވެސް ސުވާލެއް ނުކުރީ އެއީ މިވަގުތަށް އެންމެ މުނާސަބު ވެގެންވާ ވާހަކަ ކަމުގައި ނުދެކުނީތީއެވެ. އީމަންއާ ބައްދަލުވުމުގެ އުފާވެރިކަން ހިތުތެރޭގައި އިންތިހާ ދަރަޖައަށް ވީނަމަވެސް އޭނާގެ ލޯބިވާ މައިންބަފައިންގެ ހާލަތާ މެދު ވިސްނާ ލެވި ހިތުގައި ރިހުމެއް އުފެދެމުން ދެއެވެ.
އީމަން ގޭގެ ބޮޑު ދޮރު ހުޅުވާލުމާއެކީ ފަތިހުގެ ފިނިފިނި ވައިރޯޅިތައް ޔާނާގެ މޫނުގައި ބީހެލިއެވެ. ބަޔާން ކޮށްދޭން ދަތި އިހުސާސް ތަކެއް ކުރުވައި މުޅިގައިން ހީބިހި ނަގައިލިއެވެ. އީމަންގެ ފަހަތުގައި ހުރެވުމުން މީރުވަސްދުވާ ފިރިހެންވަންތަ ސެންޓް ވަހަކުން ޔާނާގެ ދުވަސް އުޖާލާ ގޮތެއްގައި ފެށުމަށް މަރުޙަބާ ކީ ކަހަލައެވެ. މޫނަށް ހިނިތުންވުމެއް ވެރިވުމާއެކު އީމަންއަށް ބަލައިލެވުނީ ބޭއިޙްތިޔާރު ގައެވެ. އީމަންގެ ފަހަތުން ހިނގަމުން ގޮސް ކާރަށް އެރެންދެން އިނދެވުނީ އީމަންއަށް ބަލަހައްޓައި ގެންނެވެ. އީމަން ކާރު ދުއްވާލިއެވެ.
ކާރުގެ ބިއްލޫރިގަނޑު ތިރިކޮށްލެވިފައި ވާތީ، ފިނިފިނި ވައިރޯޅިތައް ޔާނާގެ މޫނުގައި ބީހެން ފެށުމުން ވީއަރާމަކުން ދެލޯ މަރައިލެވުނެވެ. ހިތުގައި މަޑުމަޑު ރާގެއް ކުޅެމުން ދިޔަފަދަ އިހުސާސެއް ކުރުވުމުންނެވެ. ހިތުގައި ފޮނިފޮނި ޝުޢޫރުތަކެއް އުފެދިގަތެވެ. ޔާނާ ހިތަށް އަރަމުން ދިޔައެވެ.
‘އާއިޒުގެ ހަޤީޤަތް ބައްޕަމެންނަށް މިހާރު އޮންނާނީ ޔަޤީނުންވެސް އެނގިފަ. އަހަރެން ވީތަނެއް ހޯދުމަށް ޓަކައި އާއިޒުގެ ހަބަރުވެސް ބަލާނެތާ. އީމަންއާވެސް މިބައްދަލުވީ. ބައްޕަމެންނަށް ހުރިހާ ހަޤީޤަގެއް ކިޔައިދިނުމަށްފަހު ދެން އެންމެ ފުރަތަމަވެސް ކުރާނެ ކަމަކީ އީމަންއަށް އަހަރެންގެ ހިތުގައި ފޮރުވާފައިވާ ލޯބި ބަޔާން ކޮށްދިނުން. އެދުވަހު ކަންތައްވީ ގޮތްވެސް ކިޔައިދޭނަން. ޝަކުވާވެސް ކުރާނަން. އީމަން އަހަރެން ދޫކޮށްލާފަ އެގޮތަށް ދިޔައީތީ. ހުރި ތަނެއް އަންގާވެސް ނުލީތީ. އެންމެ ފަހަރަކުވެސް އަހަރެން ހޯދުމަށް ނުވަތަ ކޮންޓެކްޓް ކުރުމަށް މަސައްކަތް ނުކުރީތީ.’
ޔާނާ މަޑުމަޑުން ލޯހުޅުވާލިއެވެ. އަދި އީމަންގެ މޫނަށް ބަލައިލިއެވެ. ކާރުތެރެއަށް އެޅިފައިވާ އިރުގެ ރަންދަޅަތަކެއްފަދަ މަޑުމަޑު އަވީގައި އީމަންގެ މޫނު ފެންނަލެއް ހާދަ ރީއްޗެވެ. ބަލާ މީހުން އާޝޯހު ވާވަރުވެއެވެ. ކަންފަތާ ހަމައަށް އައިސްފައިވާ ކަންހުޅިއާއި، ތިރީތުންފަތުގެ ކައިރީގައި ހުރި ކުޑަކުޑަ ތުނބުޅި ކޮޅު އީމަންއާ ވަރަށް ގުޅެއެވެ. އޮމާންކޮށް ޝޭވްކޮށްފައި ވުމުން އެމޫނަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައި ވެއެވެ. ބޮލުގެ އިސްތަށިތައް އާދައިގެ ވަރަކަށް ހުރެފައި މައްޗަށް ނަގާފައި ހުރުމުން ވަރަށްވެސް ސްމާރޓެވެ. އީމަންގެ ފުރިހަމަ ކަމާމެދު ޔާނާ ހިތުގެ އަޑިން ތަޢުރީފު ކުރިއެވެ. ހަށިގަނޑު ފުޅާވެ ކުރިން ހުރިވަރަށް ވުރެ ދިގުވެ ބިޔަވެފައި ވުމުން މީހާގެ ފިރިހެންވަންތަކަން އިތުރުވެފައި ފުރިހަމައެވެ. ޔާނާ ބަލަހައްޓައިގެން ހުރިހެން ހީވެގެން އީމަން ޔާނާއަށް ބަލައިލިއެވެ. އިރުގެ އަލިކަން އެޅިފައި ވަނީ ޔާނާ އިންފަރާތުން ކަމަށްވުމުން އީމަން ބަލައިލުމުން އެ މުށިކުލައިގެ ކަޅި ހީވަނީ ދިއްލިފައި ހުރިހެނެވެ. ‘ހާދަހާ ރީއްޗޭ.’ ޔާނާއަށް ހިތާހިތުން ކިޔައިލެވުނެވެ.
“ކިހިނެއްވީ. އެއްޗެކޭ ބުނިންތަ؟” އީމަން ސުވާލު ކޮށްލުމަށްފަހު އަނެއްކާވެސް ކުރިއަށް ބެލިއެވެ.
“ނޫން.” ޔާނާ ބުނެލީ ހަމައެކަނި މިހެންނެވެ. ގިނަދުވަސްތަކަކަށްފަހު އީމަން ފެނުމުން ޔާނާ އިނީ ކުޑަކޮށް ލަދުގަންނަ ގޮތްވެސް ވެފައެވެ. ކުރިން އެއްކޮށްއުޅުނު ނަމަވެސް އެއިރު ނޭނގޭ އެތަށް ކަމެއް އަދި ނުކުރެވޭ އެތަށް އިހުސާސެއް އަދި ނުވިސްނޭ އެތަށް ކަމެއް މިހާރު އެނގެއެވެ. ވިސްނެއެވެ. އެހެން ވުމުން ކަމަށްވެސް ވެދާނެއެވެ. ޔާނާ އިސްޖަހާލީ ލަދުރަކި ހިނިވުންވުމަކާ އެކީއެވެ. އީމަން ސިއްރު ސިއްރުން ޔާނާއަށް ބަލާކަމެއް ނޭނގެއެވެ. ޔާނާ ކިތަންމެ އުފާވެފައި ހުރި ނަމަވެސް ޔާނާގެ މޫނުމަތިން ފެންނަފަދަ އުފާވެރި ކަމެއް އީމަންގެ މޫނު މައްޗަކު ނެތެވެ. އެކަން ކީއްކުރަން ހެއްޔެވެ. ޔާނާއަށް ބަލާލެވޭ ކޮންމެ ފަހަރަކު ހިނިތުންވެލައިގެން ހުރިތަން ފެނުމުން އީމަން ވަކިން ދެރަވާހެން ހީވެއެވެ. ދެތިން ފަހަރަކު އަނެއް ފަރާތަށް މޫނު އަނބުރާލުމާއެކީ ބޮޑުވާ އިނގިލިން ލޯކައިރިވެސް ފުހެލިއެވެ.
ކާރު ދުއްވަމުންގޮސް ޔާނާމެން ގޭގެ ގޯޅިއަށް ވަނެވެ. އެހާ ހިސާބުން ފެށިގެން އީމަންގެ ނަޒަރު އެންމެ ފަހަރަކުވެސް ޔާނާގެ މޫނުން ވަކިކޮށްނުލެވޭފަދައެވެ. ހީވަނީ ކަމަކަށް ތައްޔާރު ވަނީ ހެނެވެ. ގެއާ ކައިރިވަމުންދާވަރަކަށް ޔާނާއަށް ގެ ކައިރިން މީހުންތައް ފެންނަމުން ދެއެވެ. “އަހަރެން ބުނީމެއްނު ބައްޕަމެން ކަންބޮޑުވާނެއޭ. ޕޮލިހުންނަށްވެސް ހުށައެޅީހެން ހީވަނީ.” ކާރު ކުރިމަތިން ހުރަސްކުރި ފުލުހުންގެ އޮފިސަރެއް ފެނުމުން ޔާނާ ބުނެލިއެވެ. މީހުންތައް ގިނަކަމުން ކާރު މަޑުކޮށްލީ ތަންކޮޅެއް ދުރުގައެވެ. ޔާނާ ކާރުން ފައިބައިގެން ކުރިއަށް ހިނގައިގަތެވެ. އަދި ކުޑަ ތަންކޮޅަކަށް ގޮސްފައި ފަސްއެނބުރި ބަލައިލީ ކާރު ކައިރީގައި މަޑުކޮށްލައިގެން ހުރި އީމަން އަށެވެ.
“އަހަރެންނާއެކު އާދެވިދާނެތަ؟. ހީވަނީ މައްސަލަ ވަރަށް ހޫނުވެފައިހެން އޮތީ. އީމަން އަހަރެންނާއެކީ ހުރުމުން އަހަރެންނަށް ވީގޮތް ކިޔައިދޭން އިތުރު ހިތްވަރެއް ލިބިގެން ދާނެ. އަނެއްކާ ބައްޕަވެސް ހިތްހަމަ ޖެހޭނެ އީމަންގެ ދުލުންވެސް މިވާހަކަތައް އަޑު އިވުނީމަ.” ޔާނާ ވާހަކަ ދައްކަމުން އައިސް އީމަން ކައިރީ ހުއްޓުނެވެ. އަދި އަންނާށޭ ބުނެ އެއްކޮށް ހިނގައިގަތުމުގެ ނިޔަތުގައި ކުރިއަށް ހިނގައިގަތެވެ. ނަމަވެސް އީމަންގެ މޫނު މަތީގައި ހުރި ޖެހިލުންވުމުގެ ކުލަވަރު ޔާނާއަކަށް ފާހަގައެއް ނުކުރެވުނެވެ. ޔާނާގާތު ކޮންމެވެސް އެއްޗެކޭ ބުނަން ދެތިން ފަހަރަކު އަނގަވެސް ހުޅުވާލިއެވެ. ނަމަވެސް ހިތްވަރު ނުލިބުނެވެ.
އީމަން ތަންކޮޅެއް ފަހަތުގައި ހުރެގެން ކުރިއަށް ގޮސްގޮސް ހުއްޓެވެ. ޔާނާ ގޭގެ ދޮރާށިން އެތެރެއަށް ވަނުމާއެކު އިތުރަށް ހައިރާންވެގެން ދިޔައީ ގޭތެރޭގައި ތިބި މީހުންތައް ފެނިފައެވެ. މަޑުމަޑު ފިޔަވަޅު ތަކެއްގައި އެތެރެއަށް ވަންނަން ހިނގައިގަތެވެ. ‘މިއީ ކޮންކަމެއް. އަހަރެން ގެއްލިގެންތަ ހަމަ މިއެންމެން މިއުޅެނީ’. ޔާނާ ވަދެގެން އަންނަތަން ފެނި އެންމެންގެ ނަޒަރު މަޑުމަޑުން ޔާނާއަށް ހުއްޓެން ފެށިއެވެ. ހައިރާންވެ ހުރެ ޔާނާ މީހުންގަނޑުގެ ތެރެއިން ފުރޭނިގެން ކަހަލަ ގޮތަކަށް އެތެރެއަށް ގޮސްވަނެވެ. ނަމަވެސް ދެން ވީގޮތް ބުނެދޭން ދައްޗެވެ. ދެލޯބޮޑުވެ ހީވީ މެޔަށް ހޫނު ފެން އެއްޗެއް އޮއްސާލިހެންނެވެ. ސިޓިން ރޫމްގެ މެދުގައި ހުރި މޭޒެއްގައި ހުދުފޮތި ގަނޑެއްގެ ތެރޭގައި ކަފުން ކުރެވިފައި އެވަނީ ކާކު ހެއްޔެވެ؟ ޔާނާއާ ދިމާއަށް ފައިކޮޅު އޮތުމުން މޫނު ފެންނަވަރެއް ނުވިއެވެ.
5 Comments!
Comments are closed.
Varah reethi
V reethi
Vv reethi
v v v nice…. avahah up kurahchey next part vx… 🙂
Dhn kurin ves mi story kyn..dhn new story eh up kohba..vvv foohi dhn