ސުވިޗުބޯޑުން ކަރަންޓު ސޯޓުވާން ފެށިކަމެއް މަސައްކަތުގައި އަވަދިނެތި ތިބި ތިން މީހުންނަކަށް ނޭނގުނެވެ. ކަރަންޓު ސޯޓުވެ ގެގަނޑުގެ ދޮރުގައި ރޯވިއެވެ. އެތަނުން އެމީހުންނަށް ސަލާމަތް ވެވޭނެ އިތުރު ގޮތެއް ނެތެވެ. ހިޝާމްގެ ބައްޕަ މާލެ ދިޔައީ ގޭގެ ފަންތައް އާ ކުރުމަށްފަހު އެތަނުގެ ވަށައިގެން ފިލާ ޖަހާފައެވެ. އަލިފާން ރޯވެ އެތާ ހުރި ޑަބިޔަލެއް ގޮވި އަޑަށް ސިއްސައިގެން ގޮސް ތިން މީހުންނަށް އެއްފަހަރާ ބަލައިލެވުނެވެ. އެއާއެކު އެންމެންގެ ހިތް ބިރުވެރި ކަމުން ވަށާލިއެވެ. އެކަކަށްވެސް އަނގައިން ބުނާނެހާ ހިތްވަރެއް ނުލިބުނެވެ.
ބޭރުގައި އުޅުމަށްފަހު ގެއަށް އައި ހިޝާމްގެ މަންމަ، ނަފީސާއަށް ލިބުނީ ސިހުމެކެވެ. އޭނާ ބޭރަށް ދިޔަ އިރު، ހިޝާމް އެތަނަށް ވަތް ތަން ފެނުނެވެ. ހިތަށް ވެރިވި ބިރުވެރިކަމާއެކު ނަފީސާއަށް ބާރަށް ހިޝާމްއަށް ގޮވާލިއެވެ. ހަމަ އެވަގުތު އެތަނުގެ ތެރެއިން ހިޝާމްވެސް ވޭނީ ރާގަކަށް މަންމައަށް ގޮވާލި އަޑު ނަފީސާއަށް އިވުނެވެ. ސިކުންތުކޮޅަކަށް ހުއްޓުން އަރާފައި ހުރި ނަފީސާ ހަޅެއް ލަވަމުން ގެއިން ނިކުތެވެ. ނަފީސާގެ ރުއިމުގެ އަޑަށް އަވަށްޓެރި ގޭތަކުގެ މީހުންގެ އިތުރުން މަގުމަތިން ދިޔަ މީހުންވެސް އެގެއަށް ވަނެވެ. ހުރިހާ ފިރިހެނުން ވެގެން އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުން ދިޔައެވެ
ސޯފާ ކައިރީ ހުރި މޭޒުމަތީ ފޯނު ބޭއްވުމަށްފަހު ސިޔާދާ ކުރިއަށް ދެ ފިޔަވަޅު އަޅާލި ވަގުތު އަނެއްކާވެސް ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނަށް ޒުނާމްގެ ނަން އަރާފައި ވުމުން އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސާލީ ހައިރާންވެ ހުރެއެވެ.
“ބޮޑުބެ ދައްތާ.. ނާއީ.. ނާއީމެން ތިބި ގޭގަ ރޯވެގެން އެބަ އުޅޭ. ނާއީމެން ތިބީ އެތަނުގެ އެތެރޭގައި..” ހާސްވެފައި ހުރެ ޒުނާމް ވާހަކަ ދެއްކިއެވެ. ސިޔާދާ ހާސްވި ވަރުން ނޫނެކޭ ކިޔާ ރޮއެގަތެވެ. ހަމަ އެވަގުތު އޭނާގެ އަތުގައި އޮތް ފޯނު ބިންމައްޗަށް ވެއްޓި ތެޅުނެވެ. ޒުނާމް ހާސްވެފައި ބޮޑުބެ ދައްތައޭ ކިއާލުމަށްފަހު ފޯނު ނަގާ ގުޅަން ފެށީ އޭނާގެ މަންމައަށެވެ.
ސިޔާދާ އޭނާގެ ފޯނު އޮތް ހާލަށް ދޫކޮށްފައި ގެއިން ނިކުމެގެން ދުއްވައިގަތީ ބިރުވެރިކަމުން ވަށާލެވިފައި އޮތް ހިތަކާއެކުއެވެ. ދުވެފައި ކަހަލަ ގޮތަކަށް އޭނާ ގޮސް ހިޝާމްމެންގެ ގެ ހުންނަ މަގަށް ނިކުތެވެ. މުޅި އެމަގުމަތީގައި މީހުންތައް ތޮއްޖެހިފައި ތިއްބެވެ. ހަމަ އެވަގުތު އެންބިއުލާންސް ސައިރެން އަޅަމުން އައިސް އެގޭ ދޮރު މައްޗަށް މަޑުކޮށްލިއެވެ. މީހުންގެ ތެރެއިން ސިޔާދާއަށް ގޮސް ހުއްޓެވުމާއެކު ސްޓްރެޗާރއެއްގައި ނެރެމުންދިޔަ ކުއްޖާ ފެނުމުން ސިޔާދާގެ ހެއަށް ގޮތްވާން ފެށިއެވެ. މޫނު ފިޔަވާ މުޅި ގައިގައި ހުދުކުލައިގެ ފޮތިގަނޑެއް އަޅާ ނިވާ ކުރެވިފައި އޮތް އިރު ފޮތިގަނޑުގެ ބައެއް ތަންކޮޅުގައި ލޭ ހޭކިފައި ހުއްޓެވެ. ލޯކައިރިން ފިހިފައި ހުރިއިރު އޭނާ އޮތީ ހޭނެތިފައެވެ. ސިޔާދާ ވެއްޓެން ދިޔަ ވަގުތު ފަހަތުން ބޮޑުބެ ދައްތާއޭ ކިޔާ ދެކުއްޖަކު އޭނާގެ ގައިގައި ހިފެހެއްޓިއެވެ.
ޗެކިން ނިންމާލުމަށްފަހު ބޯޓަށް އަރަން ދިޔަ ނާހިލް އޭނާގެ މަންމައާ ގުޅާލިއެވެ. ތިން ފަހަރު ގުޅުމުންވެސް އެކޮޅުން އެއްވެސް ޖަވާބެއް ނުލިބުމުން އޭނާ މާޔޫސްކަމާއެކު ފޯނު ޖިންސްގެ ޖީބަށް ލާން އުޅުނެވެ. އެހެނަސް އޭނާއަށް ފޯނު ވައިބްރޭޓް ވުމުން ފޯނަށް ބަލައިލެވުނެވެ. ފޯނުގެ ސްކްރީނަށް ޒުނާމްގެ ނަން އެރުމާއެކު ނާހިލް ދެބުމަ ކައިރިކޮށްލަމުން ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.
“ސަލާމް. މިހާރު ..” ނާހިލްގެ ޖުމްލަ މެދުކެނޑުނެވެ.
“ދޮންބޭ… ސޮރީ. އިނގޭ ފްލައިޓަށް އަރަން ކަން ތިދަނީ.. އެކަމަކު އައިމް ސޮރީ…” ޒުނާމް ވާހަކަ ހުއްޓާލުމާއެކު ނާހިލްއަށް ވާހަކަ ދެކެވުނެވެ.
“ކިހިނެއްވީ؟ ކިހިނެއްވީ؟” ހާސްވެފައި ނާހިލްއަށް ސުވާލު ތަކުރާރު ކުރެވުނެވެ.
“ނާއީ ދެއެއްނު ހިޝާމްމެންގެ ގެއަށް. އެގޭގައި އަލިފާން ރޯވީ. އޭނާގެ ފުރާނަ ސަލާމަތް ކުރެވުނީ ހަމަ ކިރިޔާ. ގައިގެ ބޮޑުބައި ފިހިފަ އޮތީވެސް.. ދެން ބޮޑުބެ ދައްތައަށް.. ހާޓް އެޓޭކެއް ޖެހުނީ. އިމަރޖެންސީކޮށް މާލެ ފޮނުވާލަން ޖެހެނީ. ދައްތަގެ ހަރަދުތައް އަހަރެން ހަމަ ޖައްސަން. ކޮންމެހެން ދޭން ޖެހޭ ހަބަރެއް ވީމަ މިދިނީ. އެންޑް ނާއީވެސް މާލެ ގެންގޮސްގެން ފަރުވާ ދިނުމަށް ޑޮކްޓަރ އިރުޝާދު ދެއްވާ.” ޒުނާމްގެ ވާހަކަ ނިމުނު އިރު ނާހިލްގެ އަނގަ ތަން މިނަށް ހުޅުވުނެވެ.
“މިދަނީ.” ހަމައެކަނި އެވަރަށް ބުނުމަށްފަހު ނާހިލް ފޯނު ކަނޑާލިއެވެ. ނުހަނު ހާލުން އޭނާގެ ލުގޭޖް ހިފައިގެން ނާހިލް އެއާރ ޕޯޓް އިން ނިކުތީ ދަތުރު ކެންސަލް ކޮށްލާފައެވެ.
މުޅި ސޯޝަލް މީޑިއާގެ އިތުރުން ރަށްރަށުގެ މީހުންވެސް އެކަކު އަނެކަކާ ބައްދަލުވާ ހިނދު ދައްކަނީ މިއަދު ހިނގި ހިތާމަވެރި، އަލިފާނުގެ ހާދިސާގެ ވާހަކައެވެ. ނާއިކްއަށް ފަރުވާ ދިނުމަށް މާލެ ގެނެވުނު އިރު، ހިޝާމްއާ ރަޒާންއަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދިޔައެވެ.
އެރޭގެ ވަގުތުގައި ނާހިލް ސިޔާދާގެ ގާތުގައި އިންއިރު އޭނާގެ ލޮލުން ކަރުނަ ތިކިތައް ވިދައެވެ. ކުއްލިއަކަށް ދެލޯ މެރިފައި އޮތް ސިޔާދާގެ ދެލޯ ތަގުޅިވެގެން ދިޔައެވެ. ނާހިލް އޭނާގެ ކަރުނަ ތިކި ފުހެލާ މަންމައަށް ގޮވާލިއެވެ. އެވަގުތު ސިޔާދާ މަޑުމަޑުން ލޯ ހުޅުވާލިއެވެ. ނާހިލްއަށް ފުރަތަމަވެސް އިވުނީ މަންމަގެ އަނގައިން ނިކުތް ވޭނީ އާހެއްގެ އަޑެވެ.
ވީގޮތް ސިކުނޑިއަށް ނަގައިގަންނަމުން ދިޔަ ސިޔާދާއަށް އެންމެ ފަހުން ލޮލަށް ސިފަވި މަންޒަރުން ދެލޯ މަރާ ތަގުޅިކޮށްލެވުނެވެ.
“ދަރިފުޅާ ނާއިކް..” ސިޔާދާ ވޭނީ ރާގަކަށް ގޮވާލި އަޑު އެކޮޓަރި ތެރޭ ގުގުމައިގެން ދިޔައެވެ.
“މަންމާ. ނާއީވެސް ރަނގަޅޭ.” ނާހިލް އޭނާ އިށީނދެ އިން ގޮނޑިން ތެދުވެލާ ޑޮކްޓަރުންނަށް ގޮވާލިއެވެ.
އެވަގުތު އެ ރޫމަށް ވަދެގެން އައީ ސިޔާދާއަށް ޓީވީ އިން ވަރަށް ގިނައިން ފެންނަ މީހެކެވެ. މަޝްހޫރު ހިތުގެ ޑޮކްޓަރެއް ކަމަށް ވާ ޑޮކްޓަރ އަޙްސަންއެވެ. ސިޔާދާއަށް އޭނާ ފެންނަނީ ހަމަ އެކަނި ސިއްޙަތާ ބެހޭ ގޮތުން މަޢުލޫމާތު ދޭން ޓީވީ ޝޯ ތަކަށް އަރާ މީހެއް ގޮތުގައެއް ނޫނެވެ. އެސް.އޯ.ވީ ކިޔާ ޖަމްޢިއްޔާއެއްގެ ރައީސެއްގެ ގޮތުގައިވެސް ޝޯ ތަކުން ފެނެއެވެ.
އަޙްސަންއަކީ ހަރުދަނާ ބައްޕައެކެވެ. މަންމައަކާ ނުލައި ދެކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދެމުން އަންނަ ޒިންމާދާރު ބައްޕައެކެވެ. ޝީޒްގެ ވަޞިއްޔަތް އެންމެ ފުރިހަމަ ގޮތުގައި އަދާ ކުރެވޭތޯ ބަލަމުން އޭނާ ދިޔައެވެ. މީގެ އަހަރެއްހާ ދުވަސް ކުރިން އޭނާގެ ބައްޕަ ޙަސީނު ކުއްލިގޮތަކަށް ވަނީ ދުނިޔެއާ އަލްވަދާޢު ކިޔާފައެވެ. ޢަހްސަން އޭނާގެ ބައްޕައަށްޓަކައި ހެޔޮ ދުޢާ ކުރެއެވެ. މަރީނާއަށް އޭނާގެ ފިރިމީހާ ދުނިޔެއިން ވަކިވެ ދިޔައަސް ޖަންނަތުގައި ބައްދަލުވޭތޯ ދުޢާ ކުރެއެވެ. އަޙްޝަމްގެ އުމުރުން މިހާރު ފަނަރަ އަހަރު ވެއްޖެއެވެ. އޭނާގެ މަންމަ ބޭނުންވި ގޮތަށް އަހްޝަމްއަކީ ދީނަށް ސަމާލުކަން ދޭ ކުއްޖެކެވެ. ދުނިޔޭގެ އެންމެ މޮޅު ދީނީ ޢިލްމުވެރިޔާއަށް ވުމަކީ އަޙްޝަމް އަބަދުވެސް ދެކެމުން އަންނަ ހުވަފެނެކެވެ. ޝީހާއަކީ އުމުރުން ހަ އަހަރުގައި ޙާފިޡާއެއްގެ މަޤާމް ހޯދި ކުއްޖެކެވެ. ޝިހާމްއަކީ ޝީޒްގެ ބައްޕައެވެ. ޝީޒްގެ ކުއްލި މަރާއެކު އޭނާގެ އަންހެނުން ނާޒިމާ ދުނިޔެ ދޫކުރީއެވެ. ޝިހާމް މަސައްކަތް ކުރަމުން ދިޔައީ ފިހާރެއެއް އެޅޭތޯ އެވެ. އެފިހާރަ މިހާރު ވަނީ ހުޅުވަން ތައްޔާރު ވެފައެވެ. އަކްމަލްއަކީ އަހްސަންގެ އެއްބަނޑު އެއްބަފާ ބޭބެއެވެ. އޭނާ ކައިވެނި ކޮށްގެން އުޅެނީ ޝީޒްގެ ކޮއްކޮ ޝަފާއާއެވެ. އެ ދެމީހުންގެ އުފާވެރި ޙަޔާތް ކުރިއަށް ގެންދަމުން ދިޔައެވެ. ބަނާންއާ ކައިލްއަކީވެސް ރަނގަޅު އަޙްލާޤެއްގެ ބަސްއަހާ ދެކުދިންނެވެ.
ސިޔާދާގެ ހާލަތު ބެލުމަށްފަހު އަޙްސަން ދިއުމުން ނާހިލް އޭނާގެ މަންމަ ކައިރިއަށް ދިޔައެވެ.
“ދަރިފުޅާ.. ނާއީ.. ނާއީއަށް ކިހިނެއް ވީ؟ ކޮބާތަ ނާއީ މިހާރު؟ މަންމަ ކޮންތާކުތަ މިއޮތީ؟” ނާހިލްގެ އަތުގައި ހިފަހައްޓާލަމުން ކަނބޮޑުވެފައިވާ އަޑަކުން ސިޔާދާ އަހާލިއެވެ.
“ނާއީވެސް ރަނގަޅޭ މިހާރު އަލްޙަމްދުﷲ. މަންމަ ތިއޮތީ އައިޖީއެމްއެޗް ހޮސްޕިޓަލުގަ.” ނާހިލް ކިޔައިދިނެވެ.
“ނާއީ ކޮންތާކު ވީ؟”
“މަންމާ ހަމަ ޖެހިބަލަ. ނާއީ ވޯޑުގައި އޮތީ. ޒުނާމް ވެއްޖެއޭ އޭނާ ކައިރީ. މަންމަ ކިހިނެއްތަ؟”
“މަންމަވެސް ރަނގަޅު އިރާދުކުރެއްވިއްޔާ. އެކަމަކު ދަރިފުޅާ. ނާއީ ގައިގައި އަލިފާން ރޯވީއޯ. އަށިގަނޑުގައި ގެންދިޔަ އިރު އޭގަވެސް ލޭ ހުރި.” ސިޔާދާ ހާސްވެފައި ކިޔައިދޭން ފެށިއެވެ.
“މަންމާ.. މިހާރު ނާއީވެސް އޯކޭއޭ. ދެން ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަށް އިންޝާﷲ..” ސިޔާދާ ނާހިލްއަށް ބަލައިލަމުން ބޯ ޖަހާލިއެވެ.
“އެކަމަކު ދަރިފުޅު ކިޔަވަން ދާށެއްނު އުޅުނީ؟ ދަރިފުޅު ނުދަންތަ؟ ކީއްވެ ދަރިފުޅު ނުދިއައީ؟” ސިޔާދާއަށް ކަންކަމުގެ މަތިން ހަނދާންވާން ފެށުމުން ސުވާލުކުރިއެވެ.
“މަންމާ. އަހަރެން ދިޔައިމަ މަންމައާ ނާއީ ބަލަން ކާކު ހުންނާނީ؟ އަންނަ ހަފްތާގަ އަދި ކިޔެވުން ފެށެނީވެސް. އެކޮޅުގަ އުޅޭ ޓީޗަރުން ކައިރީ ބުނެގެންނާ ކުދިން ގާތު އަހައިގެން ފިލާވަޅުތައް ހޯދޭނެ ގޮތްތައް ހޯދައިފިން. އެކަމާ މަންމަ ހާސްނުވާތި.” ހަމަ ޖެހިލާފައި ނާހިލް ކިޔައިދިނެވެ. މިފަހަރުވެސް ސިޔާދާ ބޯޖަހާލިއެވެ.
ޖެހިގެން އައި ދެދުވަސް ފާއިތުވެގެން ދިޔަ އިރުވެސް ނާއިކް ހެޔެއް ނާރައެވެ. ކަންބޮޑުވެފައި އިން ނާހިލްއަށް ކުރެވުނުހާ ކަމަކީ މާތްﷲގެ ހަޟްރަތަށް ދުޢާ ދެންނެވުމެވެ.
ސިޔާދާ ކައިރީގައި އިރުކޮޅަކު އިނުމަށްފަހު ނާހިލް ރެސްޓޯރެންޓަކަށް ދިޔައީ ބަނޑުހައިވާތީއެވެ. އޭނާ ކައިގެން އައިސް އެކޮޓަރީގައި އިންދާ ޒުނާމް އައިސް ނާއިކްގެ ކައިރިއަށް ދިއުމަށް އެދުނެވެ. ދެމީހުންގެ ޑިއުޓީ ބަދަލުވީ ރޭގަނޑު އެގާރަ ޖެހި ފަހުންނެވެ. ނާހިލް ގޮނޑީގައި އިން އިރު އޭނާގެ ލޮލަށްވެސް ނިދި އަތުވެއްޖެއެވެ. ތާއްޔާއި ޖެހިފައި އޭނާ އިނީ ގަދަކަމުން ދެލޯ ހުޅުވައިގެންނެވެ. މެންދަމުން އަނބުރާ އެކެއް ޖެހިއިރުވެސް އޭނާ އިނީ އެހާލެއްގައެވެ. ކުއްލިއަކަށް ނާއިކްއަށް ހަރަކާތެއް އައި ހެން ނާހިލްއަށް ހީވިއެވެ. އޭނާގެ ނިދި ފިލާ ދިޔަ ވަގުތު އެނދުމަތީ އެޅިފައި އޮތް އޭނާގެ ކަނާއަތުގައި އެހެން މީހެއް އަތްލި ކަމުގެ އިހުސާސް އޭނާއަށް ކުރެވުނެވެ. އޭނާ ސިހިފައި ފަހަތް ބަލައިލި ވަގުތު އެކަކުވެސް ފެންނާކަށް ނެތެވެ.
“މީ ކޮންތަނެއްތަ؟” ނާއިކް ނުރުހިފައި ބުނެލި އަޑު ނާހިލްގެ ކަންފަތުގައި ޖެހުނީ އެވަގުތެވެ.
“މީ ވޯޑެކެއްނު.” ނާއިކް ބުނެލި ގޮތަށް އެރާގުގައި ނާހިލް ބުނެލީ ނާއިކް ހެއްވާލުމުގެ ނިޔަތުގައެވެ. އެކަން ކުޑަކޮށް ކާމިޔާބުވީ ނަމަވެސް ދެވަނަ ސިކުންތު ނާއިކްގެ މޫނަށް ވެރިވީ ނުރުހުންތެރިކަމެވެ.
“އައި ނޯ މިއޮތީ ވޯޑެއްގައި ކަން. އެކަމަކު މިބުނީ މީ ނާއީމެން ރަށުގެ ވޯޑެއް ނޫނޭ. ދެން އެހެންވިއްޔާ މީ ކޮން ރަށެއް؟ ކީއްވެތަ ދޮންބެ ތިހުރީ؟ ދޮންބެ ކިޔަވާކަށް ނޫންތަ ދިޔައީ؟ އިޒް ދިސް ސައުދީ؟.” ނާއިކް ހުރިހާ ސުވާލެއް އެއްފަހަރާ އަމުނާލި އިރު ނާހިލްއަށް ކުޑަކޮށް ހިނިވެސް އާދެވުނެވެ.
” ހަމަ އެހާ ފޫހިވޭ ސައުދީ ދެކެ. ހެހެ. ދޮންބެ ދާން ވެގެން ފްލައިޓާ ހަމައަށް ދިޔައިން. ކޮންމެސް ހަބަރެއް ލިބިގެން ދޮންބެ ކިރިއާ ފެއިންޓް ނުވީ. އެންޑް ދޮންބެ ހުރީމަ ނާއީ ރުޅި އަންނަނީ ތަ؟ ކިތަންމެ ރުޅި ގަދަ ވިއަސް ތިއޮތީ އަންނަން ބޭނުންވެގެން އުޅުނު މާލޭގަ..” ސަމާސާ ރާގެއްގައި ނާހިލް ބުނެލިއެވެ.
“އަހަރެން ނޫޅެން މިއެނދުގަ އޮންނާކަށް. ފޫހިވާނެއޭ ހާދަ. އާހް. އަތް ހާދަ ބަރޭ. ކޮބާތަ ޓީޝާޓެއްވެސް ނުލާތަ މިއޮތީ؟ މުޅި ގައިގަ ބެންޑޭޖް އޮޅާފަތަ؟” ނާއިކް ތެދުވަން މަސައްކަތް ކުރަމުން ބުނެލިއެވެ. ނާހިލް އެކަން މަނާކުރަމުން އެބަ އަންނަމޭ ބުނެލަމުން ވޯޑުން ބޭރަށް ދާން ހިނގައިގަތެވެ.
އެވަގުތު ނާއިކްގެ ހަނދާނަށް އަންނަން ފެށީ އޭނާއަށް އެންމެ ފަހުން ވީ ގޮތެވެ. ފަހަރަކަށްވުރެ ފަހަރެއް އޭނާއާ ކައިރިއަށް އަލިފާން ގަނޑު އަންނަމުން ދިޔައިތީ އޭނާ ފަހަތަށް ޖެހެމުން ދިޔައެވެ. ކުއްލިއަކަށް އޭނާގެ އަތުގައި އަލިފާން ޖެހުމުން އޯޝްއޭ ބުނެލަމުން އޭތި ނިވަން އުޅުނެވެ. ހަމަ އެވަގުތު އޭނާގެ ގައިގައާ ފައިގައިވެސް އަލިފާން ޖެހުނެވެ. ވަމުން ދިޔަ ތަދެއްގެ ސަބަބުން އޭނާގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ. އޭނާ ވެއްޓެން ދިޔަ ވަގުތު ގައިގައި ފެން ތިއްކެއް ޖެހުނުހެން ހީވިތަނުން ދިލަ ނަގައިގަތެވެ. ދެން ވީގޮތެއް އޭނާއަކަށް ނޭނގުނެވެ.
ހަމަ އެވަގުތު ނާހިލްއާ އެއްވަރަކަށް ހިނގަމުން އައި ޑޮކްޓަރު ނާއިކް އޮތް އެނދު ކައިރީ ހުއްޓިލިއެވެ. ފަހަތުން ދެ ނަރުސް ކުދިން ވެސް އެޑޮކްޓަރު ކައިރީ ހުއްޓުނެވެ. ނާހިލް ދުރުގައި މަޑުކޮށްލައިގެން ހުއްޓެވެ.
“މިހާރު ރަނގަޅުތަ؟” އޯގާތެރިކަމާއެކު ޑޮކްޓަރު އަހާލިއެވެ. ނާއިކް ހްމް އޭ ބުނެލިއެވެ. ޑޮކްޓަރުގެ ސުވާލުތަކެއް ކުރުމަށްފަހު ދިޔުމުން ނާއިކްއަށް ހަމަ ޖެހުމުގެ ނޭވައެއް ލެވުނެވެ. އެވަގުތު ނާހިލްވެސް އޭނާގެ ކައިރިއަށް އައިސް މަޑުކޮށްލިއެވެ. އެރޭގެ ވަގުތު ނާހިލްއާ ނާއިކްވެސް ނުނިދައެވެ.
“ނާއީ ހެނދުނުގެ ޛިކުރުތައް ކިޔާބަލަ. އޭރަށް ރައްކާތެރިކަން ލިބޭނެ.” ނާހިލްގެ ފޯނު ނާއިކްއަށް ދިއްކޮށްލަމުން ބުނެލިއެވެ.
“ދެން ދޮންބެވެސް. ތި ނުކިޔާވެސް ނާއީއަށް އެބަ އުޅެވެއޭ. ކީއްކުރަން ކިޔާ އެއްޗެއް ތީ. އަނެއްކާ ނާއީއަށް އަރަބި ކިޔަންވެސް ނޭނގެ ރަނގަޅަށް.”
“އަދި ހެނދުނާ، ހަވީރު، ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިސްމުފުޅު ހަނދުމަ ކުރާށެވެ!” މީގެ މާނައަކީ ކޮންމެ ދުވަހަކު ހެނދުނާ ހަވީރު ޛިކުރުތައް ކިޔާށޭ. ﷲ އަމުރު ކުރެއްވި ކޮންމެ ކަމެއް ކުރަން ޖެހޭނެ.” ޤުރުއާނުގެ އާޔަތެއް ކިއުމަށްފަހު ނާހިލް ބުނެދިން ގޮތުން ނާއިކް އަޖައިބު ވިއެވެ. މީގެ ކުރިން ދޮންބެ އާޔަތްތަކުގެ މާނަ ބުނެދިނަސް އާޔަތްތަކެއް ނުކިޔައިދެއެވެ. އަނގައަށް ގޮތެއް ހަދާލަމުން ނާއިކް ހޫނއޭ ބުނެލިއެވެ. އަދި ނާހިލްގެ ފޯނުގައި ހުރި އަރަބި ބަސްތައް ކޮށިކޮށް ކިޔަން ފެށިއެވެ. އޭނާއަށް ފާސްވާން އެންމެ އުނދަގުލީ އިސްލާމު މާއްދާއިންނެވެ. އޭގައި ބުނާ އެއްޗެއްސަށް ވެސް އޭނާ ޖޯކު ޖަހައެވެ. އޭނާއާ އެކު އުޅޭ ރައްޓެހިން ވެސް އެކަން މަނާ ނުކުރާތީ އެއީ އޭނާގެ އަބަދުގެ އާދައެކެވެ. އެކަންތައް މަނާކުރި މީހަކީ ހަމައެކަނި އޭނާގެ ދޮންބެއެވެ.
ތިރީސް މިނެޓު ވީއިރުވެސް އެޛިކުރުތައް ކިޔާ ނުނިމުމުން އޭނާ އިތުރަށް ފޫހިވާ ގޮތްވިއެވެ. ދޮންބެ ގާތު ނުކިޔޭނޭވެސް ބުނެވުނީ ކިހާ ވަރަކަށް ކަމެއްވެސް ނޭނގެއެވެ. އެންމެފަހުން ނާހިލް އެޛިކުރުތަކުގެ އޯޑިއޯއެއް އަޅުވާ އޭގެ އަޑު ދަށުން ކިޔަން ބުނެދިނެވެ.
ޖެހިގެން އައި ދުވަހު ސިޔާދާ ގެއަށް ދޫކުރެވުނީ ތިން ދުވަސްފަހުން އައުމަށް ބުނެފައެވެ. ނާއިކް އެއް ހަފްތާއަށް އެޑްމިޓު ކޮށްފައި ބާއްވަން ޑޮކްޓަރުން ބުންޏެވެ.
ހޮސްޕިޓަލުގައި އޮންނަން ޖެހުމުން ނާއިކް ފޫހިވިއެވެ. ތަނަކަށް ދާން ތެދުވެވެނީވެސް މީހަކު ނަގައިދިނުމުންނެވެ. އޭނާ އެކަނި ތެދުވަން އުޅެފިނަމަ ގަޔަށް ތަދުވެއެވެ. ނާހިލް އޭނާގެ ގާތުގައި އޮންނަ އިރު ނަޞޭޙަތްވެސް ދެއެވެ. ދީނީ ލެކްޗަރތައް ދައްކާ ބައެއް ފަހަރު މަދަޙަވެސް ދައްކައެވެ. ރޭގަނޑު ނިދާ ވަގުތު ޤުރުއާން ޖަހާފައި ހުރުމުން އޭނާއަށް ނުހަނު ފަސޭހައިން ނިދޭތީ ހުދު އޭނާވެސް އަޖައިބުވެއެވެ. ޒުނާމް ނާއިކްއާއެކު އުޅޭ ވަގުތު ލެކްޗަރތައް އޭނާއަށް ނުދެއްކިއެއްކަމަކު ޒުނާމް އެކަނި ލެކްޗަރތައް ބަލައެވެ. ބައެއް ފަހަރު ކުޑަކުދިންގެ ޢަރަބި މަދަޙައެއް އަޅުވާފައި ނާއިކްއަށް ދެއްކުމުން އޭނާއަށް މަޖާވެސް ވެއެވެ. އެހެން ނަމަވެސް އޭގައި ކިޔާ އެކައްޗެއްވެސް އޭނާއަކަށް ނޭނގުނެވެ.
ދެމަސްފަހުން ނާއިކްއާ ސިޔާދާވެސް ރަށަށް ދިޔައެވެ. ނާއިކްގެ ގައިގައި ހުރި ލަކުނުތައް މުޅިން ނުފިލިއަސް އޭނާއަށް އެކަނި އުޅެވެއެވެ. ނާހިލް ކިޔަވަން ދިޔައީ ސިޔާދާމެން ރަށަށް ދިއުމުންނެވެ. އޭނާއަށް ގެއްލުން ގަޑިތައްވެސް ހޯދިއެވެ
. ރަށަށް ދިއުމަށްފަހު އޭނާއަށް ގެއްލުން ފިލާވަޅުތައް ހޯދަން އުނދަގޫތަކާ ކުރިމަތި ވިއެވެ. އޭނާގެ އެންމެ ގާތް އެކުވެރި ހިޝާމްއާ ރަޒާންވެސް އޭނާއާ ދުރުވަމުން އަންނަކަން ފާހަގަވިއެވެ. އެހެންކަމުން ފަހަކަށް އައިސް ނާއިކް ގޭގައި އުޅޭ ވަގުތު ގިނައެވެ. ސިޔާދާ ނާއިކްއަށް ނަޞޭޙަތް ދިނަސް އޭނާ އެއަށް ބީރު ކަންފަތެއް ދެއެވެ. ޒުނާމްވެސް ނާއިކް ކައިރިއަށް ޒިޔާރަތް ކުރާ ވަގުތު އިތުރު ކުރިއެވެ. ނާއިކް ޒުނާމް މަތިންވެސް ފޫހިވާން ފެށީ ޒުނާމް އެގެއަށް އައިސް ޓީވީ އިން ދީނީ ޕްރޮގްރާމް ބަލާތީއެވެ.
ނާއިކް އަހަރުގެ އެންމެ ފަހު އިމްތިޙާނަށް ތައްޔާރުވަމުން ދިޔައިރު ނާހިލްވެސް ދިޔައީ އެއަހަރުގެ ބޮޑު އިމްތިޙާނަށް ތައްޔާރުވަމުންނެވެ. ޒުނާމްވެސް އެގެއަށް އައުން މަދުވީ އޭނާ މިހާރު ކިޔަވަމުންދާ މާރކްޓިން ކޯހުގެ އިމްތިޙާންތައްވެސް ކުޑަތަން ވަމުން ދިޔައިތީއެވެ. ނާއިކް ޓެސްޓުގެ ނަތީޖާ ބަލަން ދިޔަ ދުވަހަކީ ނާހިލް ރާއްޖެ އަންނަން ފުރި ދުވަހެވެ. ގްރޭޑް އެގާރައިގެ އެންމެ މޮޅު ދަރިވަރުގެ މަޤާމް ނާއިކްއަށް ލިބުނުކަން އިއުލާން ކުރި ވަގުތު އޭނާއަށް އަމިއްލަ ނަފްސަށް ފަޚުރުވެރި ވެވުނީ، އޭނާއަށް އެނިޢުމަތް ދެއްވި މާތްﷲގެ މަތިން ހަނދާން ނައްތާލަމުންނެވެ. އެތަނުން އޭނާއަށް ޙަސަދަވެރި ލޮލެއް އަމާޒުވިކަންވެސް އޭނާއަކަށް ނޭނގެއެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



