ޔައިނާ ބާއްވާފައި އޮތް ޕްރައިވެޓް ރޫމަށް ވަދެ، މިލާން ދޮރު ލައްޕައިލިއެވެ. އެއަށްފަހު، އޭސީ ފިނި މަޑުކޮށްލާފައި، ޔައިނާގެ ގައިމަތީގައި އަޅާފައި އޮތް ރަޖާގަނޑު ރަނގަޅުކޮށްލީ ޔައިނާއަށް ފިނިވެދާނެތީއެވެ. އެނދު ކައިރީގައި ހުރި ގޮނޑީގައި އިށީންނަމުން މިލާން ޔައިނާގެ އެ ރީތި މޫނަށް ނަޒަރު ހުއްޓައިލިއެވެ. އެ މޫނުން މިލާންއަށް ފެނުނީ މައުސޫމް ކަމެވެ. އަދިވެސް ކޮލުގައި ނުހިކި ހުރި ކަރުނަތައް ހުރުމުން މިލާންގެ ހިތުގައި ރިއްސައިލިއެވެ. އަމިއްލަ ނަފްސު ދެކެ މިލާންއަށް ރުޅި އާދެވުނީ އަދިވެސް ޔައިނާއަށް ނަފްރަތު ނުކުރެވޭތީއެވެ. ޔައިނާ ކުރި ކަންތަކަށްފަހުވެސް، އެ ސޫރަ ފެނުމަށް އެދެވޭތީއެވެ. އަ އަތުގެ ހިމާޔާތް ޔައިނާއަށް ދިނުމަށް އެދެވޭތީއެވެ. އެފަދަ ނަޒަރަކުން އެހެން އަންހެން ކުއްޖަކާއި ދިމާލަށް ބަލައިލަންވެސް އުނދަގޫވާތީއެވެ. ފުން ނޭވާއެއް ދޫކޮށްލަމުން މިލާން އޭނާގެ ކަކުލުގައި އޮޅަނބޮށި ވިއްދާލާފައި، ދެ އަތުން ބޮލުގައި ހިފަހައްޓައިލިއެވެ.
“ބައްޕާ…” މިލާންއަށް ބަލައިލެވުނީ ޔައިނާ ބައްޕައަށް ގޮވައިލިހެން ހީވުމުންނެވެ. އޭރުވެސް ޔައިނާގެ ދެލޯ ވަނީ މެރިފައެވެ. ނަމަވެސް، ޔައިނާގެ ލޮލުގެ ހިމަކޮޅުން ވެއްޓުނު ކަރުނަ ތިކި މިލާންއަށް ފާހަގަ ނުވެ ނުދިޔައެވެ. އެ ކަރުނައިން މިލާންއަށް އެއްޗެއް ބުނެދޭން އުޅޭ ކަހަލައެވެ. ނަމަވެސް، ދެރައީ، އެކަން ދެނެގަންނަން މިލާން ނުކުޅެދިފައި ވީތީއެވެ.
ޔައިނާ އޭނާއަށް ކޮންމެ ގޮތެއް ހެދިކަމުގައިވީ ނަމަވެސް، މިއަދު ޔައިނާއަށް އެހީވާން މިލާން ބޭނުންވިއެވެ. ޔައިނާއާއި ދުރުގައި ހުންނަން މިލާންއަށް އުނދަގޫ ވިއެވެ. ހުރިހާ ކަމެއް މިވަގުތަށް ހަނދާން ނައްތާލާފައި، މިލާން ޔައިނާގެ މޫނާއި ކައިރިވެލިއެވެ. އަދި ޔައިނާގެ ކޯތާފަތުން ދެމިގެން ދިޔަ ކަރުނަތިކީގައި، އޭނާގެ ތުންފަތް ޖައްސައިލިއެވެ. ޔައިނާގެ ބޮލުގައި ފިރުމާލާފައި، މިލާން ޔައިނާގެ ނިތުގައިވެސް ބޮސް ދިނެވެ. ދެކޮލުގަޔާއި، ނޭފަތުކުރީގައިވެސް ބޮސް ދިނެވެ. ޔައިނާގެ ތުންފަތާއި ދިމާލަށް ގުދުވެލުމަށްފަހު، މިލާން އޭނާގެ ނަފްސު ހަމައަކަށް އަޅުވައިލީ، އެއީ މިހާރު އޭނާއަށް އޮތް ޙައްޤެއް ނޫން ކަމަށް އަމިއްލަ ނަފްސަށް ވިސްނައިދެމުންނެވެ. އަނެއްކާވެސް ގޮނޑީގައި އިށީނދެ، މިލާން ދެލޯ މަރައިލީ ހިތަށް ހަމަޖެހުމެއް ހޯދުމުގެ ގޮތުންނެވެ.
“ބައްޕާ..” އަނެއްކާވެސް ޔައިނާ ގޮވައިލި އަޑު އިވުމުން މިލާން ބަލައިލިއެވެ. އޭރު ޔައިނާ މަޑުމަޑުން ދެލޯ ހުޅުވަނީއެވެ. މަޑުމަޑުން ޔައިނާއާއި ކައިރިވެލަމުން މިލާން ޔައިނާގެ ނިތުގައި މަޑުމަޑުން އަތް ޖައްސައިލިއެވެ.
ދެލޯ ހުޅުވައިލި އިރު، ފެނުނު ސޫރައަކުން ޔައިނާގެ ނޭވާވެސް ހިނދުކޮޅަކަށް ހުއްޓުނެވެ. ކަޅިޖަހައިނުލައި، މިލާންއަށް ބަލަން އޮވެވުނީ މިއީ ހުވަފެނެއް ނޫންތޯ ޔަޤީން ކުރުމަށެވެ. “މިލާން..” މިލާންއަށް ގޮވައިލެވުނު އިރު، ޔައިނާގެ ދެލޯ ފެންކަޅި ވެއްޖެއެވެ. ގައިގައި ހުރި ބާރެއްލައި، ތެދުވެލާފައި، ޔައިނާ އެނދުގެ ފަޑީގައި ބުރަކަށި ޖައްސައިލިއެވެ. އެއަށްފަހު މަޑުމަޑުން އަތް ނަގައި، މިލާންގެ މޫނުގައި އަތް ޖައްސައިލީ، އޭނާގެ ހިތް އެކަމަށް އެދުނު ވަރުންނެވެ. މިލާންވެސް އޭނާ ހުއްޓުވަން ނޫޅުމުން ޔައިނާއަށް އުފާވެރިކަން ލިބުނެވެ. ނަމަވެސް، ދެވަނަ ސިކުންތުގައި އެ ރީތި ބޮޑު ދެލޮލުގައި ކަރުނަތައް ރަސްކަން ކުރަން ފެށީ، ބައްޕަ މަތިން ހަނދާން ވުމުންނެވެ.
ޔައިނާގެ ލޮލުން ކަރުނައަކަށްފަހު ކަރުނައެއް ފައިބައެއް ފެށުމުން މިލާންގެ ހިތަށް ހީވީ ތޫނު ޚަންޖަރެއް ހަރައިލި ހެންނެވެ. ބޭއިޚްތިޔާރުގައި މަޑު އާހެއް މިލާންގެ އަނގައިން ނުކުތީ އެ ހިތަށް ތަދުވީ ވަރުންނެވެ. ޔައިނާގެ މޫނުގައި ދެއަތުން ހިފަހައްޓާފައި، މިލާން ގުދުވެލިއެވެ. އެއަށްފަހު ޔައިނާގެ ލޮލުން ވެއްޓުނު ކޮންމެ ކަރުނަތިއްކެއްގައި ނުހަނު ލޯބިން ބޮސް ދިނެވެ. މިލާންގެ ތުންފަތުގެ އިހުސާސް ކުރެވުމުން މިއިން ދުވަހަކު އެ ހިތަށް ނުލިބޭ ހަމަޖެހުމާއި، އުފާ ޔައިނާއަށް ލިބުނު ކަހަލައެވެ. ދެލޯ މަރާލައި، މިލާންގެ ދެކޮނޑުގައި ހިފަހައްޓައިލެވުނީ އަ ވަގުތުކޮޅަށް ދުވަހަކުވެސް ނިމުމެއް ނާދޭތޯ ހިތާހިތުން ދުޢާ ކުރަމުންނެވެ.
“ބައްޕަ.. ބައްޕަ ކޮބާ..؟” ޔައިނާއަށް އަހައިލެވުނެވެ. “ބައްޕަ ވަޅުލައިފި..” މިލާން ޖަވާބު ދިނުމާއެކު އަނެއްކާވެސް ޔައިނާއަށް ރޮވެން ފެށުނެވެ. އެ މަންޒަރު ބަލަން ކެތް ނުވުމުން މިލާން ޔައިނާގެ ކައިރީގައި އިށީނދެލާފައި، ޔައިނާގެ ގައިގައި ބައްދައިލިއެވެ. “ބައްޕަ އެހާ އިރު ވަންދެން ވަޅުނުލައި ބޭއްވީވެސް ޔައިނާއަށް މޫނު ދައްކައިލަން ވެގެން.. ޔައިނާ ހޭނެތިގެން ވެއްޓުނީމަ އެމީހުން ބައްޕަ ވަޅުލީ..” ޔައިނާގެ އިސްތަށިގަނޑުގައި ފިރުމަމުން މިލާން ވާހަކަ ދެއްކިއެވެ. “ކީއްވެތަ ބައްޕަ އަހަރެން ދޫކޮށްލާފަ ދިޔައީ..؟ ލޯބިވާ އެންމެންވެސް އަހަރެން ދޫކޮށްލާފަ ދަނީ.. މި.. މިލާންވެސް ދިޔައީ..” ޔައިނާއަށް އެހެން ބުނެވުނީ ބޭއިޚްތިޔާރުގައެވެ. އެއާއެކު، މިލާންގެ ހިތަށް ފާޑެއްގެ ގޮތެއް ވެގެން ދިޔައެވެ. “އަހަރެން ޔައިނާ ދޫކޮށްލާފަކާ ނުދަން.. ޔައިނާ އަހަރެން ދޫކޮށްލީ..” ހިތަށް ވެރިވި ނުތަވަސްކަމުގައި އިނދެ، މިލާންްއަށް ބުނެވުނެވެ. އެއާއެކު، ޔައިނާގެ ރުއިމުގެ އަޑު ބާރުވިއެވެ. “ޝްޝްޝް.. ސޮރީ.. އަހަރެން އެހެން ބުނި އެއްޗެއް ނޫން..” މިވަގުތު އެކަހަލަ އެއްޗެއް ބުނުމުން ޔައިނާއަށް ކުރާނެ އަސަރާއިމެދު މިލާންއަށް ވިސްނައިނުލެވުނީއެވެ.
“އެއްޗެއް ކާންވީނު..؟ ޑޮކްޓަރ ބުނީ އައިވީފުޅި ހުސްވީމަ ދޫކޮށްލާނަމޭ.. ހޭއެރީމަ ހަަށިގަނޑުގަ ވަރުޖެހޭ ކަހަލަ އެއްޗެއް ދޭށޭ ބުނީ..” މިލާން ބުނުމުން ޔައިނާ ދެފަރާތަށް ބޯ ހޫރުވައިލީ ކާހިތެއް ނެތޭ ބުނެފައެވެ. އޭރުވެސް ޔައިނާއަށް ދިޔައީ ގިސްލެވެމުންނެވެ. “އެކަމް ތިހެން ނުކައި އޮންނާކަށްނުވާނު.. ދެންވެސް ގައިގަ ވަރު ޖެހޭނީ އެއްޗެއް ކާލީމަ އެއްނު.. އެހެން ނޫނީ ޖެހޭނީ އަނެއްކާ އަނެއް އައިވީ ފުޅި ގުޅަން..” މިލާން އެތައް ވާހަކައެއް ދައްކައިގެން ޔައިނާ އެއްބަސްވިއެވެ. “އަހަރެން އެބަ އަންނަން އިނގޭ ކެންޓީނުން އެއްޗެއް ގަނެގެން..” އެހެން ބުނެފައި، މިލާން އެނދުމަތިން ތެދުވިއެވެ. ނަމަވެސް، ކުރިއަށް ފިޔަވަޅެއް ނޭޅުނީ ޔައިނާ އޭނާގެ އަތުގައި ހިފެހެއްޓުމުންނެވެ. “މިލާން މަޑުކުރޭ މިތާ.. އަހަރެން ކައިރި..” ކަރުނަވީ ދެލޮލާއި އެކީ ޔައިނާ އެހެން ބުނުމުން މިލާންއަށް އިންކާރު ކުރާކަށް ނުކެރުނެވެ. އަނެއްކާވެސް ޔައިނާގެ މަގަތުގައި އިށީނދެ، ފޯނު ނަގައި، އަފާންއަށް ގުޅައިލިއެވެ. “ހަލޯ.. އަފާން.. ޔައިނާ ހޭލައިފި.. ކާއެއްޗެއް ގެނެސްދޭންވީނު..” މިލާން އެހެން ބުނުމާއި އެކު އަފާން ވަގުތުން އާއެކޭ ބުނެ، ފޯނު ކަނޑައިލިއެވެ. ދެން ދިޔައީ އެކަކަށްވެސް ބުނާނެ އެއްޗެއް ނޭނގިފައި ތިބެ، ހޭދަކުރަން ޖެހުނު ފަނަރަ މިނެޓެވެ.
ދެމީހުންނަށް އެއްފަހަރާ ދުރާ ދިމާއަށް ބަލައިލެވުނީ މީހަކު ޓަކި ޖެހި އަޑަށެވެ. މިލާން ވަންނާށޭ ބުނުމުން ދޮރު ހުޅުވާފައި ވަނީ އަފާންއާއި ޒާރާއެވެ. އެ ދެމީހުންނަށްވެސް ފާހަގަ ކުރެވުނީ މިލާންއާއި ޔައިނާގެ ދޭތެރޭގައި އޮތް ގާތް ކަމެވެ. ނަމަވެސް، މިވަގުތު އެކަމަށް އެކަކުވެސް އެއްޗެއް ބުނަން ބޭނުން ނުވީ ޔައިނާ ހަމައަކަށް އެޅުވޭނީ ހަމައެކަނި މިލާންއަށް ކަމަށް ވީތީއެވެ.
ޒާރާ އައި ގޮތަށް އައިސް ޔައިނާގެ އަނެއް ފަރާތުގައި އިށީނދެލާފައި، މިހާރު ކިހިނެތްހޭ އެހިއެވެ. ޔައިނާ ރަނގަޅޭ ބުނެލީ ލުއި ހިނިތުންވުމެއް ވެރިކުރުވަމުންނެވެ. އެއާއެކު، އަފާން އޭނާގެ އަތުގައި ހުރި ތަށި މިލާންއަށް ދިއްކޮށްލިއެވެ. މިލާން އެ ތަށީގައި ހިފާފައި، މަތި ނެގިއެވެ. އެއަށްފަހު، އަފާން ދިން ސަމްސަލުގައި ހިފީ، އަފާންގެ މަގްސަދު އެނގުމުންނެވެ. އެ ތަށީގައި ހުރީ ތަރުކާރީ އަޅައިގެން ހަދާފައި ހުރި ސޫޕް އެކެވެ. ސަމްސަލުން އެތިކޮޅެއް ނަގާފައި މިލާން ޔައިނާއަށް ލެވިއެވެ. ބިސްމި ކިޔާލާފައި ޔައިނާވެސް ސޫޕް ބޮމުން ދިޔައީ ބަސްއަހާ ކުޑަ ކުއްޖެއް ފަދައިންނެވެ.
“ކެންޓީނުގަ މިކަހަލަ އެއްޗެހިވެސް ވިއްކަން ހުރޭތަ..؟” މިލާން އަހައިލީ ތަނަށް ވެރިވެފައިވީ ނުތަނަވަސްކަން ފޫދުއްވައިލެވޭތޯއެވެ. “ނޫން.. ތީ އަފާން ހަދާފަ..” ޒާރާ ބުނެލިއެވެ. އެއާއެކު، ޔައިނާއަށް އަފާންއާއި ދިމާއަށް ބަލައިލެވުނީ ދެލޯ ބޮޑުކޮށްލާފައެވެ. “ހާދަ ފާޑަކަށް މަށާ ދިމާލަށް ތި ބަލަނީ..؟ މަށަށްވެސް އިނގޭ ކައްކަން.. މި އަންހެނުން ހީކުރަނީ އެމީހުންނަށް އެކަނި ކަމަށްތަ ކައްކަން އިނގެނީ..” އަފާން ބުނި ރާގުން އެތަނުގައި ތިބި އެންމެންނަށްވެސް ހިނިތުންވެވުނެވެ. ދުވަސްގަނޑަކަށްފަހު، ޔައިނާގެ މޫނުމަތިންވެސް އުފާވެރިކަން ފެންނަން ފެށިއެވެ. “އަފާންއާ ޒާއާ ދެމީހުން ކަމެއްތަ..؟” އެނގި ހުރެވެސް ޔައިނާ އަހައިލީ ޔަޤީން ކުރުމުގެ ގޮތުންނެވެ. އަފާން ހިނިތުންވެލާފައި، ޒާރާގެ އަތުގައި ބޮސްދިނީ ޔައިނާއަށް ޖަވާބު ދިނުމުގެ ގޮތުންނެވެ. ވަގުތުން ޒާރާގެ ދެކޯ ލޭކޮޅެއްހާ ރަތްވެގެން ދިޔަ އިރު، އަފާންއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. އޭނާއަށް މިވީހާ ތަނުގައި ފެނިފައިވަނީ ހުސްވެސް އޭނާއާ ޒުވާބުކޮށް އުޅޭ އަނގަ ގަދަ ޒާރާއެކެވެ. ޒާރާ ލަދު ގަތުމުން ހާދަ ފުރިހަމައޭ ހިތަށް އެރުމުން އަފާން ބޭނުންވީ ވީހާވެސް ގިނައިން އެކަހަލަ ޢަމަލުތައް ތަކުރާރު ކުރާށެވެ. ލަދު ގަތުމުން ޒާރާގެ ކޯތާފަތަށް ޖަންބު ކުލަ އަރައިގެން ދާ ގޮތް އަފާންއަށް ވަރަށް ކަމުގޮސްފިއެވެ.
“އެހެމް އެހެމް..” މިލާން ކަރުކެހިލުމުން އަފާންއަށް ހަމަބިމަށް އާދެވުނެވެ. އެއާއެކު ލަދުގަތީ ޒާރާ އެކަންޏެއް ނޫނެވެ. އަފާންވެސް އެއްމިޔަކަނިން ހީލަމުން އިސްތަށިގަނޑުގެ ތެރެއަށް އަތް މަހައިލީ ލަދު ގަތް ކަން ފޮރުވުމުގެ ގޮތުންނެވެ.
އަފާންއާއި ޒާރާގެ ޙަރަކާތްތަކަށް ބަލަން އިން ޔައިނާއަށް ބަލައިލެވުނީ މިލާންއާއި ދިމާލަށެވެ. ވަގުތުން އެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނީ އެ ނަސީބުން އޭނާ މަޙުރޫމްވެފައިވާކަން ހަނދާން ވުމުންނެވެ. އެ ދުވަހުގެ ހަނދާން އަދިވެސް ޔައިނާގެ ސިކުނޑީގައި ތާޒާކަމާއިއެކީ ހަރުލާފައި ހުއްޓެވެ. އެ މަންޒަރު ލޮލަށް ސިފަވާ ކޮންމެ ފަހަރަކުވެސް ޔައިނާއަށް ހީވަނީ މީހަކު އޭނާގެ ހިތަށް ފައިން އަރާ، ޗިސްޗިސް ކޮށްލާ ހެންނެވެ. މިލާން އޭނާއާއި ދިމާލަށް ބަލައިލުމާއި އެކު ޔައިނާ ވަގުތުން ކަރުނަތައް ފުހެލިއެވެ. މިލާންގެ އިތުބާރު އަލުން ލިބޭނެ ގޮތަކާއި މެދު، ޔައިނާގެ ހިތުގައި ވަނީ ޝައްކު އުފެދިފައެވެ.
ހަތަރު މީހުން އެކީ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލީ ޔައިނާ ހަމައަކަށް އަޅުވައިލުމުގެ ބޭނުމުގައެވެ. މިލާން ޔައިނާއާއި އެކީގައި އުޅެމުން ދިޔަ ގޮތުން އަފާންއާއި ޒާރާ ފުރަތަމަ ހައިރާންވި ނަމަވެސް، މިލާންގެ މަޤްސަދު ވިސްނުމުން އަޅާނުލައި ހުރީއެވެ. މިވަގުތު އެ އެންމެންނަށްވެސް މުހިއްމީ ޔައިނާގެ އުފާވެރި ކަމެވެ. ޔައިނާ ދިރިއުޅުމައިގެން ކުރިޔަށް ދާތަން ދުށުމެވެ.
*** ** ***
ޔައިނާ ހޮސްޕިޓަލުން ދޫކޮށްލީ އޭގެ އަނެއް ދުވަހުއެވެ. ފަހުންވެސް ޔައިނާއަށް ރަނގަޅަށް ނުކެވުމުގެ ސަބަބުން ޑޮކްޓަރު އިރުޝާދު ދިނީ އައިވީ ގުޅާފައި، އިތުރު ޓެސްޓުތަކެއް ހެދުމަށެވެ. އެ ހުރިހާ ކަމެއް ނިމެންދެންވެސް ޔައިނާގެ ކައިރީގައި މިލާން ހުއްޓެވެ. އޭނާ ނަމާދުކޮށް ހަދަނީވެސް އެތަނުގައެވެ. ގެއަށް ދިޔައީ ހަމައެކަނި ފެންވަރާ، ތާޒާވެލުމަށެވެ. ނަމަވެސް، އެ ހުރިހާ ވަގުތުތަކެއްގައިވެސް ޔައިނާއާއި އެކަށީގެންވާ ދުރުމިނެއް މިލާން ބަހައްޓަނީ އެ ދެމެދުގައި ކުރިން އޮންނަ ފަދަ ގުޅުމެއް މިހާރު ނެތް ކަން ހިތަށް އަރުވައިލަމުންނެވެ.
“ޔައި އެކޮޅަށް ފުރާނަންތަ އަދި.؟.” ހޮސްޕިޓަލުން ނުކުންނަމުން އަފާން އަހައިލިއެވެ. ޖަވާބުގައި ޔައިނާ ހަމައެކަނި ދެފަރާތަށް ބޯ ހޫރުވައިލީއެވެ. “އެއީ..؟” ޒާރާ އަހައިލިއެވެ. “ކިޔަވާ ނިމުނީމަ.. ދެން ކީއްކުރަން ދަނީ..؟” ޔައިނާ ބުނެލިއެވެ. “ދެން އެކޮޅުގަ ހުރި ޔައިގެ ސާމާނުތަކޯ..؟” އަފާން އެއްސެވެ. “ކޮންމެހެން ބޭނުންވާ އެއްޗެހި ގެނައިން.. އިތުރު އެއްޗެހި ގެންނާކަށް ބޭނުމެއް ނޫން..” ޔައިނާގެ ޖަވާބު ކުރެވެ. ޙަޤީގަތުގައިވެސް ޔައިނާ ދެން ކެނެޑާއަށް ދާކަށް ބޭނުމެއް ނުވެއެވެ. އެތަނަށް ދިޔުމުން ހަނދާން ކުރަން ބޭނުން ނުވާ މާޒީގެ ސަފްޙާތަކެއް ނިއުޅިގެން ދާތީއެވެ. އެކަންކަމަށް ކެތްކުރާނެހާ ހިތްވަރެއް އަދި ޔައިނާގެ ނެތީމައެވެ. ކޯސް ނިމިފައި އޮއްވާ މިކަހަލަ ކަމެއް ދިމާވުމުން ޔައިނާއަށް ޝުކުރު ކޮށްލެވުނީ ދެން ކިޔެވުމަށް އެއްވެސް ބުރޫއެއް ނާރާނެތީއެވެ.
“ޔައި ވަޒީފާއަށް ނުކުންނަން ވިސްނަންތަ..؟” ކާރު ސްޓާޓް ކޮށްލަމުން އަފާން އަހައިލިއެވެ. “އަދިއެއް ނޫން.. ހުރިހާ ކަމެއް ހަމައަކަށް އެޅުނީމަ..” ޔައިނާ ޖަވާބު ދިނެވެ. “ޔައީ.. އެއްވެސް ކަމަކަށް ދަތިވަންޏާ ބުނައްޗޭ އިނގޭ.. ދެން ޖޮބްގެ ކަންތަކާ.. އަހަރެންގެ ހޮސްޕިޓަލުން ޔައިއަށް ވަޒީފާ ލިބޭނެ.. ރެޒިޑެންސީ އިޔަރސް ނިންމާލަން ޔައި އަހަރެންގެ ހޮސްޕިޓަލާ ގުޅިއްޖެއްޔާ އަހަރެން ވަރަށް އުފާވާނެ..” އަފާން އެހެން ބުނުމުން ޔައިނާ ހަމައެކަނި ހީލީއެވެ. ވަޒީފާއަށް ނުކުތުމުގެ ކުރިން އޭނާ ހަމައަކަށް އެޅިލައި، މިހާރުގެ ޙާލަތުން އަރައިގަންނަން ބޭނުންވާތީއެވެ.
ކާރު އައިސް ހުއްޓުނީ ޒާރާގެ ގޭ ކުރިމައްޗަށެވެ. ޔައިނާ ބޭނުންވީ އިހަށް އެޕާރޓްމެންޓެއް ނެގުމުގެ ކުރިން، ޒާރާއާއި އެކީގައި އެ ގޭގައި އުޅެލާށެވެ. އެއީ ޒާރާވެސް ބޭނުންވި ގޮތެވެ. މިފަދަ ދަނޑިވަޅެއްގައި ޔައިނާ އެކަނިކޮށްލާކަށް އޭނާވެސް ބޭނުމެއް ނުވިއެވެ. ތިން މީހުން އެކީ ގޮސް ޒާރާގެ ގެއަށް ވަނީ އެކި ވާހަކަތައް ދައްކަމުންނެވެ.
*** ** ***
ރެސްޓޯރެންޓެއްގައި މިލާންއާއި ލައުރާ ތިބީ ކޮފީ ބޯށެވެ. މިލާންގެ އެދުމަށް ލައުރާ އެތަނަށް އައީ މިލާން ވަރަށް މުހިންމު ވާހަކައެއް ބުނަން ބޭނުންވެފައި އެބަ އޮތޭ ބުނުމުންނެވެ. ޙަޤީގަތުގައި ލައުރާ އިނީ މިލާން ދައްކަން އެ އުޅޭ ވާހަކައެއް އެނގެން ވަރަށް ބޮޑަށް ބޭނުން ވެފައެވެ. އޭނާ އުއްމީދު ކުރަމުން ދިޔައީ މިލާންގެ ވާހަކައަކީ އޭނާގެ ހިތަށް އުފާވެރިކަން ގެނެސްދޭނޭ ވާހަކައަކަށް ވާނޭ ކަމަކަށެވެ. އެގޮތަށް ވިސްނަން އެހާ އުނދަގޫ ނުވީ، މި ވޭތުވެދިޔަ ދުވަސްތަކުގައި މިލާންއާއި ލައުރާ އުޅުނުލެއް ގާތް ކަމުންނެވެ. މީހެއްގެ އެހީތެރިކަމަށް އެންމެ ބޭނުންވެފައި ހުރި ވަގުތުގައި، ލައުރާގެ ފަރާތުން މިލާންއަށް ލިބުނު އެހީތެރިކަމުން މިލާންގެ ހިތް ފަތަޙަ ކުރެވިދާނެޔޭ ލައުރާގެ ހިތް ބުނަނީއެވެ.
“މިއްލޫ.. ދެން ތި ބުނަން އުޅޭ ވާހަކައެއް ބުނަން ވެއްޖެ އެއްނު..” އެއްވެސް ވާހަކައެއް ނުދައްކާ، މިލާން ކޮފީ ބޮމުން ދާތީ ލައުރާ އެހެން ބުނެލިއެވެ. ލައުރާގެ އަޑު އިވުމުން މިލާން ފުންނޭވާއެއް ދޫކޮށްލައި، ބުރަކަށި ސީދާކޮށްލިއެވެ. “ލައު.. އަހަރެން މެރީ ކުރަން ނިންމައިފިން..” ލައުރާގެ އަތުގައި އަތް ބާއްވައިލަމުން މިލާން ބުނެލި ވާހަކައިން ލައުރާގެ މޫނު އެކީ އުޖާލާވެގެން ދިޔައެވެ. އުމުރުން އެންމެ ތޭރަ އަހަރުން ފަށައިގެން ދެކެމުން އައި ހުވަފެން ޙަޤީގަތަކަށް ވަނީއޭ ލައުރާގެ ހިތަށް އެރިއެވެ. “އަސްލުވެސްތަ..؟ ކާކާ..؟” ލައުރާ އަހައިލީ އުފާވެފައި އިނދެއެވެ. ލައުރާގެ އެ ސުވާލުން މިލާންއަށް އަނެއްކާވެސް ފުން ނޭވާއެއް ދޫކޮށްލަން ޖެހުނެވެ. “ޔައިނާއާ..” މިލާންގެ ދުލުން އެ ނަން އިވުމާއި އެކު، ލައުރާގެ މޫނުމަތީގެ ކުލަވަރު އެކީ ބަދަލުވިއެވެ. މިލާންގެ އަތުތެރޭގައި އޮތް އޭނާގެ އަތް ދަމައިގަންނަމުން ލައުރާއަށް ދެފަރާތަށް ބޯ ހޫރުވައިލެވުނެވެ. “ޔައިނާއޭ..؟ އެކަމް… އެކަމް ކީއްވެ..؟ ކީއްވެ މިއްލޫ..؟ މިއްލު ހަނދާން ނެތުނީތަ އޭނަ މިއްލުއަށް ހެދި ގޮތް..؟ ޗީޓަރސް ޑޫ ނޮޓް ޑިޒަރވް އަ ސެކަންޑް ޗާންސް.. އެއްފަހަރު ޗީޓް ކޮށްފިއްޔާ ދެވަނަ ފަހަރުވެސް ޗީޓް ކުރާނެ.. ޕީޕަލް ލައިކް ދެމް ނެވަރ ޗޭންޖް މިއްލޫ..” ލައުރާ އެހެން ބުނުމުން މިލާންއަށް ދެލޯ މަރައިލެވުނީ ޔައިނާއޭ ކިޔައިގެން އެގޮތަށް މީހަކު ވާހަކަ ދެއްކުމުން ހިތަށް އުނދަގޫވީ ވަރުންނެވެ.
“އިނގޭ ލައު.. އަހަންނަށް އިނގޭ.. އަހަރެންވެސް ބޭނުމެއް ނޫނޭ އޭނަޔާ އިންނާކަށް.. އަހަރެން ނޫޅެމޭ އޭނައަށް ދެވަނަ ފުރުސަތެއް ދޭކަށްވެސް.. އަހަރެން މިގޮތަށް މި ކަންތައް ކުރަނީ މިއީ ބައްޕަގެ ވަސިއްޔަތަކަށް ވާތީ.. ބައްޕަގެ އެދުމަކަށް ވާތީ.. މީ ބައްޕަ ނިޔާޥުމުގެ ކުރިން އަހަރެން ކައިރި ކޮށްދޭން އެދުނު ހަމައެކަނި ކަމަކީ.. ޔައިނާއާ ކައިވެނި ކުރުން.. އަހަރެން ބޭނުން ބައްޕއަށް އެކަން ކޮށްދޭން..” މިލާން ބެލީ ލައުރާއަށް ވިސްނައިދެވޭތޯއެވެ. “ދެން ޔާސިރުބެ އެހެން ބުނީއޭ ކިޔާފަ މިއްލު ތި އުޅެނީ މިއްލުގެ އަމިއްލަ ދިރިއުޅުން ހަލާކު ކޮށްލަންތަ..؟” ލައުރާގެ އަޑު ދިޔައީ ހިނދަކަށްވުރެ ހިނދެއް ބާރުވަމުންނެވެ. “ލައޫ އެއީ ވަސިއްޔަތެކޭ.. ޔާސިރުބެގެ އެދުމެކޭ.. އެކަން އަހަރެން ޖެހޭނޭ ފުރިހަމަ ކޮށްދޭން..” މިލާން ބެލީ ވީހާވެސް މަޑުން، ރީތިކޮށް ވާހަކަ ދެއްކޭތޯއެވެ. “އަހަރެން އޭރުވެސް ބުނީމެއްނު މިއްލު ކައިރި އެއްވެސް މީހަކަށް ޔައިނާ ކުރި ކަންތައް ސިއްރު ކޮށްގެން ނުވާނޭ.. އެދުވަހުވެސް ޔާސިރުބެ ކައިރި ތެދަށް ބުނި ނަމަ ޔާސިރުބެ ނުބުނާނެ މިއްލު ކައިރި އެކަންތައް ކޮށްދޭށެކޭ..” ލައުރާގެ ވާހަކަ ހުރި ގޮތުން މިލާންވެސް ހިތްހަމަ ނުޖެހުނެވެ. “ލައުރާ.. ލައުރާއަށް އިނގޭތަ އެކަހަލަ ޚަބަރެއް ބައްޕައަށް ލިބިއްޖެއްޔާ ބައްޕަ ދެރަވާނެ ވަރެއް..؟ ބައްޕައަކީ އޭރުވެސް ބަލި މީހެއް.. އަހަންނަށް ކެރޭތަ އެނގި ހުރެ ބައްޕަގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ވައްޓާލަން..” މިލާން ބުންޏެވެ. “އަހަންނަކަށް ނޭނގެ މިލާން.. މިލާން ބޭނުން ގޮތަކަށް ކަންތައް ކުރޭ..” އެހެން ބުނުމަށްފަހު، ލައުރާ ގޮނޑިން ތެދުވެގެން ދިޔައީއެވެ. މިލާން ދެރަވީ ލައުރާ މިލާންގެ ނަމުން މިއަދު މިލާންއާއި މުޚާތަބު ކުރުމުންނެވެ. ދުވަހަކުވެސް އެގޮތަށް މިލާންއަށް ނުގޮވާ ލައުރާ މިއަދު އެ ދިޔައީ އެހެން ބުނެފައެވެ. ނަމަވެސް، މިކަމުގައި މިލާންގެ އެއްވެސް ކުށެއް އެބަ އޮތް ހެއްޔެވެ؟ ލައުރާ ހިތްހަމަ ޖެހުނަސް، ނުޖެހުނަސް ޔާސިރުއަށް ވީ ވަޢުދު އޭނާ ފުއްދާނެއެވެ.
ބޯ ގޮވަން ކައިރިވެފައި އިން މިލާން ދެ އަތުން އިސްތަށިގަނޑުގައި ހިފައި، ބާރުކޮށްލިއެވެ. ލައުރާ އެއްބަސް ކުރުވާނޭ ގޮތެއް އޭނާއަކަށް ނޭނގުނެވެ. މިއޮށް ހުރިހާ ދުވަހަކު އޭނާއަށް އެހީތެރިވީ ލައުރާއެވެ. މިއަދު ލައުރާ އެގޮތަށް ދިޔުމުން މިލާން ދެރަވިއެވެ. އެކުގައި އުޅެބޮޑުވި އެންމެ ގާތް އެކުވެރިޔާ އެހެން ހެދުމުން ކޮންމެ މީހަކުވެސް ދެރަވާނެއެވެ.
*** ** ***
ހިނގަމުން ގޮސް އާރޓިފިޝަލް ބީޗާއި އަރާ ހަމަވުމުން ލައުރާ މަޑުކޮށްލިއެވެ. އޭރު ހުރީ އިރު އޮއްސެން ކައިވެފައެވެ. ލައިގެން ހުރި ހެދުމަށްވެސް ބަލައިލުމެއް ނެތި، ލައުރާ ގޮސް އިށިނީ ރާޅުޖަހާ ފަށުގައެވެ. ކުދިކުދި ރާޅުތައް އައިސް ލައުރާގެ ހެދުމާއި ކުޅެލާފައި ދާ ގޮތް ނިކަން ރީއްޗެވެ. ލައިގެން ހުރި ފަލަމަސްގަނޑާ ހަމައަށް އަރާ ލޭސްފޮތީގެ ކަޅުކުލައިގެ ހެދުމުގެ ފަސްބަޔާއި، ނޫކުލައިގެ ޖިންސު ތެމުނު ނަމަވެސް، ލައުރާގެ ފަރުވާލެއް ނެތެވެ. އިރުއޮއްސޭ މަންޒަރު ބަލަމުން ދިޔަ ލައުރާގެ ދެލޮލުން ކަރުނައެއް ފޭބިއެވެ. އެއަށްފަހު، ކަރުނައަކަށްފަހު ކަރުނައެއް ފައިބަމުން ދިޔައީ އެއްވެސް ހުއްޓުމެއް ނެތިއެވެ.
“ކީއްވެތަ..؟ ކީއްވެތަ އަހަންނަށް އުފަލެއް ލިބެން ނެތީ..؟ އަހަރެންގެ ނަސީބުގަ ލޯބިވާ މީހާ ލިބެންވެސް ނެތީތަ..؟” ލައުރާ ދިޔައީ އެކަނި އިނދެގެން އަމިއްލަ ނަފްސާއި ޝަކުވާ ކުރަމުންނެވެ. “ކީއްވެތަ..؟ ކީއްވެތަ އަހަރެން މިހާ ބަދުނަސީބު މީހަކަށްވީ..؟ އެންމެ ތޭރަ އަހަރުން ފަށައިގެން އަހަރެން ލޯބިވީ މީހާ.. ކީއްވެތަ އޭނަ ލިބުން އަހަރެންގެ ނަސީބުގަ ނެތީ..؟ ކޮންމެ ފަހަރަކުވެސް އަހަރެންނަށް ކުރެވެނީ ބޭކާރު އިންތިޒާރެއް.. ލޯބިވާ ފަރާތް ލިބޭނެޔޭ ހިތަށް އަރާފަވެސް އަތުން ބީވެގެން ދިޔުމަކީ ހާދަ ވޭން ހުރި ކަމެކޭ..” ލައުރާ ދިޔައީ އަދިވެސް ހުއްޓުމެއް ނެތި ރޮމުންނެވެ. މިއަދު ކިތަންމެ ވަރަކަށް ރޯން ޖެހުނަސް އޭނާގެ ފަރުވާލެއް ނެތެވެ. ވާ ވަރަށް ކެތް ކުރެވިއްޖެއެވެ. އިންސާނަކަށް ކެތް ކުރެވޭނީވެސް މިވަރަށެވެ.
*** ** ***
ޔާސިރު ނިޔާވިތާ ތިން މަސް ވަނީއެވެ. މަޑުމަޑުން ޔައިނާވެސް ދިޔައީ ހަމައަކަށް އެޅެމުންނެވެ. ނަމަވެސް، އަދި ޔައިނާ ވަޒީފާއަށް ނުކުންނާކަށް ޒާރާ އެއްބަހެއް ނޫނެވެ. ސަބަބަކަށްވީ ޔައިނާގެ ސިއްޙަތެވެ. އަދިވެސް ގައިން ވަރުދޫވެ، ޔައިނާއަށް ރަނގަޅަށް ނުކެވޭތީއެވެ. މިހާރު ދެތިން ފަހަރަކު ހޮސްޕިޓަލަށްވެސް ގެންގޮސް އެޑްމިޓްވެސް ކުރަން ޖެހިއްޖެއެވެ.
ރޭގަނޑުގެ އެ ވަގުތު އަފާން ހުރީ ޒާރާގެ ގޭގައެވެ. ޔައިނާ ކޮޓަރީގައި އޮތް އިރު، ޒާރާ އުޅެނީ ބަދިގެތެރޭގައެވެ. އަފާން އިނީ ސޯފާގައި ފޯނާ ކުޅޭށެވެ. އެހެން އިނދެ އިނދެފައި، ފޫހިވެގެން އަފާން ތެދުވީ ޒާރާއަށް ޖެއްސުމެއް ކޮށްލަން ދާށެވެ. ބަދިގެއަށް ވަދެފައި، އުނދުން ދޮށުގައި އެއްޗެއް އުދައިގެން ހުރި ޒާރާއަށް ނޭނގޭނެހެން މަޑުމަޑުން ފިޔަވަޅ އަޅަމުން ގޮސް، ފަހަތުން ޒާރާގެ ގައިގައި ބައްދައިލިއެވެ. އެފަދަ ކަމަކަށް ނުވިސްނައި ހުރި ޒާރާ ދިޔައީ ސިއްސައިގެންނެވެ. ވަގުތުން އަތުގައި އޮތް ދޭފަތް ހޫރުވައިލީ އެމީހެއްގެ ގައިގައި ޖެހޭތޯއެވެ.
“އޭ އޭ ޒާރާ މީ މަށޭ..” އަފާން ބުނެލީ އެ ދޭފަތް ހޫނު ކަމުންނެވެ. ވަގުތުން ޒާރާ އަނެއް ފަރާތަށް އެނބުރުނެވެ. ދެންވެސް ރުޅިއައިސްގެން ދެ އަތުން އަފާންގެ މޭމަތީގައި ޖަހަން ފެށިއެވެ. “ސިއްސުވާލަން ޖެހޭތަ އޭނ…؟” ރުޅިއައިސްގެން ދެކޯ ފުއްޕައިލާފައި ޒާރާ ބުނެލިއެވެ. “އަޅޭ އެއީ ލޯބިންނޭ.. މި ޒާރާގެ ރުޅިގަނޑު އަދިވެސް މައިތިރިއެއް ނުވޭ ދޯ.. ހަމަ އޭރުގެ ގޮތް.. ހަހަހަ..” އަފާން ހޭން ފެށުމުން ޒާރާ އިތުރަށް ރުޅި އައިސްފައި ދޭފަތް މަޅާލިއެވެ. “އޯކޭ އޯކޭ ސޮރީއޭ..” ދެއަތް މައްޗަށް ނަގާފައި އަފާން އަމާން ދިނެވެ. ލުއިކޮށް ހީލާފައި ޒާރާ އަނެއްކާވެސް ފަހަތަށް އެނބުރުނެވެ. “ވަރަށް ލޯބިވޭ އިނގޭ..” އަނެއްކާވެސް ޒާރާގެ ގައިގައި ފަހަތުން ބައްދާލާފައި، ޒާރާގެ ކޮލަށް ދޮނެއް ދެމުން އަފާން ބުނެލިއެވެ. ވަގުތުން ޒާރާގެ މުޅި މޫނު އެކީ ރަތްވިއެވެ. “އަޅެ ތިހެން ބުނެވުނުވަރު މަދީތަ.. އަދި ކިތައް ފަހަރު ތިހެން ބުނާނަން..؟” ޒާރާ އަހައިލީ އެއީ އަފާން ތަކުރާރުކޮށް ބުނާ އެއްޗަކަށް ވީމައެވެ. ނަމަވެސް، އަފާންގެ އެ އާދަ އޭނާއަށް ނުހަނު ކަމުދެއެވެ. އެހެން ބުނާ ކޮންމެ ފަހަރަކު، އަފާން އޭނާ ދެކެ ވާ ނިމުމެއް ނެތް ލޯބި ޒާރާއަށް ހާމަވެއެވެ. “އެންމެ ފަހު ދުވަހާ ޖެހެންދެންވެސް.. ކޮންމެ ދުވަހަކުވެސް އަހަރެން މިހެން ބުނާނަން.. އެވަރަށް އަހަރެން ޒާރާ ދެކެ ލޯބިވޭ..” ޒާރާ އޭނާއާ ވީ ފަރާތަށް އަނބުރާލަމުން އަފާން ބުނެލިއެވެ. ވަގުތުން ޒާރާ އަފާންގެ މޭގައި މޫނު ފޮރުވައިލީ ލަދު ގަތް ކަން އަފާންއަށް ނުދެއްކުމަށެވެ. “ޒާރާ ލަދުގަތީމަ ވަރަށް ލޯބި.. އޭރު މަ ހިއެއްވެސް ނުކުރަން ޒާރާއަށް ލަދު ގަންނަން އިނގޭނެ ކަމަކަށްވެސް.. އަސްލު ޒާރާ ހާދަ ތަފާތޭ ދޯ..” ޒާރާގެ ދަތްދޮޅީގައި ހިފައި އިސްއުފުލުވައިލަމުން އަފާން ބުނެލީ ޒާރާ އިތުރަށް ލަދުގަންނާނެކަން އެނގި ހުރެއެވެ. “ދެން މަ އެހާ ލޯބިން ލޯބިވާ ވާހަކަ ބުނީމަވެސް ހަމަ އެއްވެސް އެއްޗެއް ނުބުނާނަންތަ..؟” އަފާން އަހައިލިއެވެ. “ނުބުންޏަސް އަފާންއަށް އިނގޭނު..” ޒާރާ އަނެއްކާވެސް އަނެއް ފަރާތަށް އެނބުރުނެވެ. “ތި ދުލުން ބުނެލާ އަޑު އަހާލާ ހިތް ވަނީ..” އަފާން ބުނެލީ އެއް މިޔަކަނިން ހީލަމުންނެވެ. “އަޅޭ އެއޮށް ފިޔާގަނޑު އެނދީ.. މި އަފާންގަނޑު ކަންތަކޭ.. ހުރެބަލަ މިފަހަރު ކުޅި ދައްކާލާނަން..” ޒާރާ އެހެން ބުނެ، އަފާން ފަހާ ދުއްވައިގަތެވެ. އަފާންވެސް ޒާރާގެ އަތު ނުޖެހެން ވެގެން މަންމާ މަށެއް ނޫނޭ ކިޔައި، މުޅި ބަދިގޭގައި ދުވަމުން ދިޔައެވެ. ހީވީ މީގެ އަހަރުތަކެއްގެ ކުރީގެ ޒާރާއާއި އަފާން އަލުން ފެނުނުހެންނެވެ.
ދެމީހުންގެ އެ ސަކަރާތަށް ނިމެއް އައީ މީހަކު ބެލް އެޅި އަޑު އިވުމުންނެވެ. ޒާރާގެ ކިބައިން ސަލާމަތްވާން ވެގެން އަފާން އަވަހަށް ދިޔައީ ދޮރު ހުޅުވުމުގެ ބަހަނާގައެވެ. ޒާރާވެސް ހިނިތުންވެލަމުން އަނެއްކާވެސް ކެއްކުމުގައި މަސްއޫލުވިއެވެ.
އަފާން ގޮސް ދޮރު ހުޅުވައިލި އިރު ކުރިމަތީގައި މިލާން ހުރުމުން ކުޑަކޮށް ހައިރާންވިއެވެ. އެއީ ޔައިނާ މިގެއަށް އައި ފަހުން މިލާން އަދި އެއްފަހަރުވެސް ޔައިނާގެ ޙާލު ބަލައިލަންވެސް އެ ގެއަށް ނާންނާތީއެވެ. “ކީއްކުރަން ތި އައީ..؟” އަފާން ބެލީ ވީހާވެސް ރީތިކޮށް ވާހަކަ ދެއްކޭތޯއެވެ. “ޔައިނާއާ ކުޑަ ވާހަކައެއް ދައްކާލަން ވެގެން..” މިލާން އެހެން ބުނި ވަގުތަކީ ޒާރާވެސް ސިޓިންރޫމަށް ނުކުތް ވަގުތެވެ. “މިހާރު ދެން ޔައިނާއާ ކޮން ވާހަކައެއް ދައްކަން..؟” އަފާން އަހައިލީ ނުރުހުންވެ ހުރެއެވެ. “އަފާން.. ވަރަށް މުހިންމު ކަމެކޭ..” މިލާން ބުނެލިއެވެ. “ޔައި ވެއްޖެ ކޮޓަރީގަ.. މިލާން ދޭ..” އަފާންގެ އަތުގައި ހިފައި އެއްފަރާތް ކޮށްލަމުން ޒާރާ މިލާންއަށް ވަންނަން ތަން ދެއްކިއެވެ. “ކީއްވެ ޒާރާ..؟” އަފާން ޗުސްތަޅައިލިއެވެ. “ޕިސް.. މަޑުކޮށްބަލަ.. ވެދާނު މިލާން އެ ޖެހިގެން އުޅޭ މައްސަލައެއް ހައްލު ކުރަން އުޅެނީ ކަމަށްވެސް..” ޒާރާ ބެލީ އަފާންއަށް ވިސްނައިދެވޭތޯއެވެ. އެ ދެމީހުން އެހެން ތިއްބާ މިލާން ގޮސް ޔައިނާގެ ކޮޓަރި ދޮރުގައި ޓަކި ޖަހައިލިއެވެ. ވަންނާށޭ ބުނި އަޑު އިވުމުން މިލާން އެތެރެއަށް ވަނެވެ.
އެނދުމަތީގައި ވާހަކަ ފޮތެއް ކިޔަން އިން ޔައިނާއަށް ސިހިފައި ބަލައިލެވުނީ އެތެރެއަށް ވަން މިލާން ފެނިފައެވެ. ވަގުތުން އެނދުން ތެދުވެވުނީ މިލާން އެތަނަށް އައި ބޭނުމެއް ނުވިސްނޭތީއެވެ. އެތެރެއަށް ވަނުމަށްފަހު، މިލާން ދޮރު ލައްޕައިލުމުން ޔައިނާގެ ހިތް ނޭނގޭ ބާރުމިނެއްގައި ތެޅެން ފެށިއެވެ. “ޔައިނާ ކިހިނެތް.؟” މިލާން އަހައިލިއެވެ. “ރަނގަޅު..” ޔައިނާ ޖަވާބު ދިނީ ކުރުކޮށެވެ. “އަހަރެން މާ ވާހަކަ ދިގެއް ނުކުރާނަން.. މި އައީ އެންމެ ސުވާލެއް ކޮށްލަން ވެގެން..” މިލާން އެހެން ބުނުމުން ޔައިނާގެ ނޭވާ އަވަސްވިއެވެ. މިލާން އަނެއްކާ އަހަން އެ އުޅެނީ ކީކޭބާވައޭ ހިތަށް އެރިއެވެ. “ޔައިނާ އަހަންނާ ކައިވެނި ކުރާނަންތަ..؟” ކުއްލިއަކަށް މިލާން ކޮށްލި ސުވާލުން ޔައިނާއަށް ދެލޯ ބޮޑުކޮށްލެވުނެވެ. ޔައިނާގެ ކޮޓަރީގެ ބޭރުގައި އެ ދެމީހުން ދައްކާ ވާހަކަ އަޑު އަހަން ތިބި އަފާންއާއި ޒާރާގެ ދެލޯވެސް ދިޔައީ މުދުނަށް އަރައިގެންނެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.







heyy dhonaa…. ohh my god mashakah neyge ingey aslu ves zaaraa ah ladhu gannan ingey kmh ekm when i read that part damn i just had triggers of memories.. ma manje aa dhimaakureemeh nun manje ah ladhu gannan ingey heyyey kiyaafa… that memory… like dayyyummmm broo i love this i dk why but mashah hama varah emotional vevey mi story kiyaafa.. hama vrh asaru kureyy…. weeeeeeee tears are coming down from mah eyes….
eyyyy dhonaa…. keep up this perfect work… manejge khaalu rangalhu vaane kamah unmeedhu kurann… good luck with yo studies babeeessssss i love you ♥♥♥
Kalooooo laaaa.. Manjeyyyyy gadha kaleyyyy
Nooney vaa kulhadhaaanaaaaa
Pis pis koyaa thi nikan yai aa milaan ge misunderstanding filuvabala dhuvahaku vx mashah kameh kohdhengnaa..
Dhen ma mihaaru mi hithah arany laura aa innaane meehaku vaanebaa ey🤔🤔
Eyyy vrhh habbu engey
Manjege haalu kobaa tha. Eba ulhey dhw hama fiya jaha jahaa
Ma gen gulhey ethi vx hama vrh baraabarey
Manje kaifin tha.
Nidhaifin tha heylaifin tha?
Buhthashi buin tha miadhu hendhunu?
Ok vrh salaamey engey dhon kanbulo
in rpl to @his Beastess
ahaha yeahhh edhuvaskolhu dhwww..hehe.. good old days… wish i cud bring them back.. but wut to do dhw.. we just have to go on with the flow of change in life.. that’s how life works..
ehehehe assu vrh relate kurevey dhw mi story ah.. same for me also..hehe
insha’allah dear..will keep this up
haalu hama baraabaru alhamdhullillah..hope ur doing well too
thanksss kokkyyyyy
love ya mooooreeeeeeeeee
in rpl to @Reesha Corona
ahahaha shukuriyyaaaaa brotherrrrrr
dhn ekan vs kuraanamey adhi.. maa avahah massala hallu veema kiyuntherin vs foohivaanu..lol..adhi kiriyaa ey feshigen e ulheny
manje hoadhaidheebala nikan laura innaane meeheh.. eyrun libeyne gaimuvs
haa dhw.. eythi hama baraabaru..lol..
adhi nukan..just got back from school..filaavalhu hadhaalaafa mi dhany kaan
hahaha arn nidhaafa heylaafathaa mi hury..ekm reuga nunidhnunu ingey hama..lol.. ( FYI MEEHAKU MATHIN HANDHAAN VAATHYKY NOON)
arrrn salaam back dhoongnaa <3
arn hendhunu buhthashi buin