“ލައު.. އަހަރެން ދެން ކިހިނެއް ހަދާނީ..؟” ލައުރާގެ ކޮނޑުގައި ބޯ އަޅާލައިގެން އޮވެ މިލާން ޝަކުވާކުރަމުން ދިޔައީ ކުޑަ ކުއްޖެއް ފަދައިންނެވެ. “ފަސް އަހަރު… ފަސް އަހަރު ދުވަސް.. މި ފަސް އަހަރު ދުވަހު ވެ ނިމިދިޔަ ހުރިހާ ކަންތައްތަކަކީ އިނާއަށް އެއްވެސް އެއްޗެއް ނޫން ދޯ..” މިލާންގެ ވާހަކަތަކުން ލައުރާގެ ހިތަށް ދިޔައީ އިންތިހާއަށް ތަދުވަމުންނެވެ. ކުޑަ އިރުއްސުރެ އޭނާ އެންމެ ލޯބިވީ ފަރާތް މި ޙާލުގައި ވާތަން ބަލަން ކެތްވާނީ ކިހިނެއް ހެއްޔެވެ؟ އާއެކެވެ. އޭނާ މިލާން ދެކެ ލޯބިވެއެވެ. ވަރަށް ބޮޑަށެވެ. މިލާންއާއި ޔައިނާގެ ގުޅުމުން އޭނާގެ ހިތް ކުދިކުދިވީ ނަމަވެސް، އޭނާ ކެތް ކުރިއެވެ. ލޯބިވާ މިލާނަށްޓަކައެވެ. އޭގެ ފަހުން ފަސް އަހަރު ވަންދެންވެސް އޭނާ މިލާންގެ އެންމެ ގާތް އެކުވެރިޔާގެ މަޤާމުގައި އެ ހުރީ ދެގޮތެއް ނުވެއެވެ. މިލާން ދެކެ ކިތަންމެ ލޯބިވީ ނަމަވެސް، އެ ލޯބި ވަޅުލާ، ކަފުން ކޮށްގެންނެވެ. “މިއްލޫ.. އިޓްސް އޯކޭ.. ޕްލީޒް.. ރުއިން ހުއްޓާލަބަލަ.. މިއްލުއަށް ދެން އޮތީ ޔައިގެ މަތިން ހަނދާން ނައްތާލުން އެކަނި.. އޭގެ ބަދަލުގަ މިއްލު ދެކެ ޙަޤީޤީ ލޯބިވާ މީހަކާ ގުޅުން.. ޓްރައި ޓު މޫވް އޮން..” ލައުރާ މިލާންގެ ބުރަކަށީގައި ފިރުމައިލިއެވެ. “ނޫން.. ޔައިނާއަކީ އަހަރެންގެ ފުރަތަމަ ލޯބި.. އަހަރެން ހަމަ އެކަނި ލޯބިވި ފަރާތް.. އެ ނޫން އެހެން މީހެއް ދެކެ އަހަންނަށް ދުވަހަކުވެސް ލޯތްބެއް ނުވެވޭނެ.. ދުވަހަކުވެސް ނުވެވޭނެ..” މިލާންގެ އެ ޖުމުލައިން ލައުރާގެ ހިތުގައި ހީވީ މީހަކު ވަޅި އަޅައި ކޮށައިލި ހެންނެވެ. އެހާވެސް ތަދުވިއެވެ.
“ނޫނޭ މިލާން.. ތިހެން ނުބުނޭ.. މިލާންއަށް އަދި ޔައިނާގެ މަތިން ހަނދާން ނައްތާލެވޭނެ.. އެއަށް ވުރެ ރަނގަޅު މީހަކާއި އެކީ ދިރިއުޅުމެއްވެސް ފެށޭނެ..” ހިތަށް ކިތަންމެ ތަދުވީ ނަމަވެސް، ލައުރާ ބެލީ މިލާނަށް ހިތްވަރު ދެވޭތޯއެވެ. “އެކަމު އަދިއެއް ނޫން ލައު.. އަދި އަހަންނެއް ބޭނުމެއް ނޫން މިގޮތަށް ހުރެ ދިރިއުޅުމެއް ފަށަން ވިސްނާކަށްވެސް.. އަހަރެން އެކަން ކުރާނީ ޔައިނާގެ ހަނދާންތަކާއި ދުރަށް ދެވުނު ދުވަހަކުން..” މިލާންގެ ވާހަކަތަކުން އޭނާ އަދި ޔައިނާގެ މަތިން ހަނދާން ނައްތައިލަން ބޭނުންނުވާކަން ވަރަށް ރަނގަޅަށްވެސް ހާމަވެގެން ދިޔައެވެ. “މިއްލު ބޭނުން ވަރަކަށް ވަގުތު ނަގަންވީ.. އެކަމަކު ވަގުތު ބޭނުންވެޔޭ ކިޔާފަ މުޅި އުމުރު ދުވަސް ޔައިނާގެ ހަނދާނުގަ ހޭދަކުރުމަކީ މޫވްއޮން ކުރަން ވަގުތު ނެގުމެއް ނޫން.. މިއްލު ޖެހޭނީ މޫވްއޮން ކުރަން މަސައްކަތް ކުރަން.. އެކަން ކުރާނެ ކަމުގެ ޔަޤީންކަން އަހަންނަށް ދީ.. ޕްލީޒް..” ލައުރާ މިލާންގެ ކައިރިން އެދުނީ އެންމެ ކަމަކުއެވެ. އެކަމަކު، އެއީ މިލާންއަށް މި ދުނިޔެމަތީގައި ކުރަން އެންމެ އުނދަގޫ އެއް ކަމަކަށް ވާނެކަން ގައިމެވެ.
“އަހަރެން މަސައްކަތް ކުރާނަން ލައު.. އައިލް ޓްރައި މައި ބެސްޓް.. ެކަމަކު ބަދަލުގަ ލައުވެސް އަހަންނަށް ކަމެއް ކޮށްދޭން ޖެހޭނެ..” މިލާން އެދުމުން ލައުރާ އެއީ ކޮން ކަމެއްތޯ އެއްސެވެ. “ޔައިނާ އަހަންނަށް ޗީޓް ކުރި ވާހަކަ އެއްވެސް މީހަކު ކައިރި ނުބުނައްޗެ.. އަހަރެން ބޭނުމެއް ނޫން އެއްވެސް މީހަކު ޔައިނާ ދެކެ ރުޅި އައިސް އޭނަ ކުށްވެރި ކުރާކަށް..” މިލާން ބޭނުންވީ އެ ވާހަކަ އެންމެންނަށް ސިއްރު ކުރާށެވެ. “މިއްލު އަދިވެސް ތި ބަލަނީ ޔައިނާ ދިފާއު ކުރެވޭތަ..؟ ކީއްވެތަ މިއްލޫ..؟” ލައުރާ ހައިރާންވިއެވެ. “އެއީ އަހަރެން އަދިވެސް ޔައިނާ ދެކެ ލޯބި ވާތީއޭ.. ޔައިނާ ކުރި ކަންތަކަށްފަހު ކިތަންމެ ވަރަކަށް ރުޅި އަންނަން ބޭނުންވިޔަސް ރުޅި ނާދެވޭތީއޭ.” މިލާން ބުނީ ތެދަށެވެ. “އެކަމަކު މިއްލުގެ މަންމަމެންނޯ..؟ ޔާސިރުބެވެސް..؟ އެމީހުން ކައިރިވެސް ކޮންމެވެސް ދުވަހަކުން މިއްލު ޖެހޭނެ ބުނަން ތި ގުޅުން ނިމުނު ވާހަކަ.. ރީޒަން އަކަށް މިއްލު ބުނާނީ ކީކޭ..؟” ލައުރާ އަހައިލިއެވެ. “ބުނާނީ އަހަރެމެން ދެމީހުންވެސް އެކީ އުޅެން ބޭނުން ނުވާތީއޭ މިގޮތަށް މި ނިންމީ.. އަހަރެން ބޭނުން ނުވާ ކަމެއް ވިއްޔާ މަންމަމެން ގަދަކަމުން ކުރުވާކަށް ނޫޅޭނެ.. އެހެންނޫނަސް އަހަރެން މިހުރީ މިހާރު އަމިއްލަ ފައިމައްޗަށް ތެދުވެވޭ ވަރު ވެފަ.. އަހަރެންނަށް އަހަރެންގެ އަމިއްލަ ޑިޒިޝަންސް ނެގޭނެ..” މިާންގެ ބަހަށް ތާއީދު ކުރުމުގެ ގޮތުން ލައުރާ ބޯ ޖަހައިލިއެވެ.
“އޯކޭ.. ލެޓްސް ކުކް ސަމްތިންގ.. ވަރަށް ބަނޑުހައި. ދުވަސް ވެއްޖެ އެއްނު އެކަހަލަ ކަމެއް ނުކުރާތާވެސް..” މިލާންގެ މޫޑު އިރުކޮޅަކަށް ނަމަވެސް، ރަނގަޅުކޮށްލުމުގެ ބޭނުމުގައި ލައުރާ ބުނެލިއެވެ. “އޯހޯ.. މަށެއް ނޫޅެން ލައު ކައްކާ އެއްޗެހި ކާކަށް.. ހަކުރާ ލޮނާވެސް ވަކި ކުރަންވެސް ނޭނގޭ މީހަކު ކައްކާ އެއްޗެހި ކާނީ ކިހިނެތް..؟” މިލާން އާކޮށްލީ މާ ކުރީގެ ހަނދާނެކެވެ. އޭނާއާއި ލައުރާ ކޭކެއް އެޅި ދުވަހު ހަކުރުގެ ބަދަލުގައި ލައުރާ ލޮނު އެޅި ހަނދާން އާވުމާއި އެކު، ލައުރާ ގާތަށްވެސް ހިނި އައެވެ. “އަޅޭ މިއްލު އަދިވެސް ހަނދާން އެބަ ހުރި ދޯ..” ލައުރާ ބުނެލީ ހެމުންނެވެ. “ކިހިނެތް ހަނދާން ނެތޭނީ..؟ ޔުއަރ ކުކިން އިޒް ދަ ވޯރސްޓް.. ލައު ކައްކާ އެއްޗެއް ކައިފި ދުވަހަކު ވިއްޔާ އައި ގޮޓް ފުޑް ޕޮއިޒަނިންގ” މިލާންގެ ތުންފަތުގައިވެސް ލުއި ހިނިތުންވުމެއް ވިއެވެ. ނަމަވެސް، އެ ދެލޮލުން އަދިވެސް ބުނަމުން ދަނީ އެހެން ވާހަކަ އެކެވެ. “އޭ ދެން ހެވޭ.. މިހާރު ނުލާހިކު މޮޅުވާނެ ކައްކަން.. އަޅެ ބަލައްޗޭ..” ލައުރާ ވަކި ދެރަވާކަށް ބޭނުމެއް ނުވިއެވެ. “އެހެން ދޯ..؟ ބަލާނަމޭ. ލައުއާ އިންނާނެ މީހަކުވެސް ނުވާނެ ކަންނޭނގެ..” މިލާން ހިނިގަނޑެއް ޖަހައިލިއެވެ. “އޯހ ޕްލީޒް.. މަށާ އިންނާނެ މީހުން ބައިވަރު ވޭ އިނގޭ.. މަ އިންނާނީވެސް ކައްކަން އެނގޭ މީހަކާ..” އެފަދަ އެތައް މަޖާ ވާހަކަތަކެއްގައި ލައުރާއާއި މިލާން ދުވަސް އެކީ ހޭދަކުރިއެވެ.
މިލާން އެކަނި ކޮށްލުމަށްފަހު ލައުރާ އެ ދުވަހު އެންމެ ފަހަރަކުވެސް ނުދެއެވެ. މިލާން އެ ކަޑައްތު ކުރަމުން ދަނީ ކިހާ ވޭން ހުރި، އުނދަގޫ ރާސްތާއެއްކަން ލައުރާއަށް އެނގއެވެ. އިޙުސާސް ކުރެއެވެ. މިވަގުތު އޭނާ މިލާންގެ ކައިރީގައި އެ ހުރީ ހަމައެކަނި އެކުވެރިއެއްގެ ޙައިސިއްޔަތަކުންނެއް ނޫނެވެ. މިލާން ދެކެ ވަރަށް ލޯބިވާ ފަރާތެއްގެ ޙައިސިއްޔަތުންވެސް މެއެވެ. ކޮންމެވެސް ދުވަހަކުން އޭނާއަށް މިލާން ޙާސިލްވާނޭ ކަމުގެ އުއްމީދުގައެވެ.
*** ** ***
މިއަދަށް ކުރަން ހުރި މަސައްކަތުގެ އެއްބައި ކޮށްލާފައި، އަފާން އޮފީހުން ނުކުތީ، ކެންޓީނަށް ގޮސް، އެއްޗެއް ބޯލާ، އަރުތެރެ ތާޒާކޮށްލުމުގެ ނިޔަތުގައެވެ. ކެންޓީނަށް ގޮސް، އެތާ ހުރި މޭޒެއް ދޮށުގައި އިށީނދެ، އަފާން އައިސްކޮފީއަކަށް އޯޑަރު ކުރިއެވެ. އެއަށްފަހު، ފޯނު ނަގައި، ހާވަން ފެށީ ކޮފީގެ އިންތިޒާރުގައި އިނދެއެވެ.
ކޮފީ އައުމުން ފޯނު ބާއްވާފައި، އަފާން ފެށީ ކޮފީ ބޯށެވެ. އެވަގުތު އެއްލި ކަޅިއަކުން އަފާންގެ ލޮލުގައި އަޅައިގަތީ މާ ދުރު ނޫން މޭޒެއްގައި އިން ޒާރާއެވެ. ވަގުތުން ކޮފީތަށި ހުސްވެސް ނުކޮށް، އަފާން ތެދުވީ ޒާރާ ކައިރިއަށް ދިޔުމަށެވެ. ނަމަވެސް، ހަމަ ތެދުވަން އުޅެނިކޮށް އެތަނަށް އައި އަންހެން ކުއްޖަކު އަފާންގެ ކައިރީގައި ހުއްޓުނެވެ. “ހޭ.. މިތާނގަ އިށީނދެލިޔަސް އެންމެ ރަނގަޅުތޯ..؟” ހިނިތުންވަމުން އެ އަންހެން ކުއްޖާ އެހިއެވެ. އެއާއެކު، އަފާންއަށް އިންކާރު ކުރާކަށް ނުކެރުނެވެ. ހަމައެކަނި ބޯ ޖަހައިލަމުން އަފާން ގޮނޑީގައި ހަމަޖެހިލީ، ދެން ތެދުވުމުން މުވައްޒަފެއްގެ ޙައިސިއްޔަތުން އެ ކުއްޖާ އެއްޗެކޭ ހީކޮށްފާނެތީއެވެ. ފަހަރެއްގައިވެސް، އިތުރު ބޭނުމެއް އޮވެގެންނެއް ނޫނެވެ. ނަމަވެސް، މި މަންޒަރު ބަލަން އިން ޒާރާއަށް ނެގުނީ މުޅިން ތަފާތު މާނައެކެވެ. ދަތްކުނޑި ވިކައިލެވުނު އިރު، ދެއަތްވެސް މުށްކަވައިލެވުނީ އިޚްތިޔާރަކާ ނުލައެވެ.
“ސަރ މިކޮޅަށް ޖޮއިން ކުރެއްވީ އަދި މިއަދު ދެއްތޯ..؟” ހިނިތުންވަމުން އެ ކުއްޖާ އަހައިލުމުން އަފާން ދެންވެސް ހަމައެކަނި ބޯ ޖަހައިލީއެވެ. އެކަމުން އެ އަންހެން ކުއްޖާ ހިސާބަށް ހިތްހަމަ ނުޖެހުނު ނަމަވެސް، އެކަން ނުދައްކާ ވޭތޯ ބަލަމުން ދިޔައެވެ. “އަޅުގަނޑު މީ ދީނާ.. މިތަނުގެ ރެސިޕްޝަނިސްޓަކަށް މަސައްކަތް ކުރާ މުވައްޒަފެއް..” ސަލާމަށް އަތް ދިއްކޮށްލަމުން ދީނާ ބުނެލިއެވެ. އެއާއެކު، އަފާންވެސް ދީނާއާއި ސަލާމް ކޮށްލީ ހިތުގައި އެއްވެސް އެއްޗެއް ނުބާއްވައެވެ. އަފާން ސަލާމް ބަލައިގަތުމުން ދީނާގެ ތުންފަތުގައިވި ހިނިތުންވުން އިތުރަށް ފުޅާވިއެވެ. އެ އިން ގޮތަށް އިނދެ، ދީނާ އެހެން ވާހަކައެއް ފެށި އިރު، އަފާން އިނީ އެތަނުން ނުދެވިފައެވެ.
“ހޭ އައި ހޭވް ޓު ގޯ.. ބްރޭކް ގަޑި ހަމަވެއްޖެ..” ހަމައެކަނި އެހެން ބުނެލުމަށްފަހު، އަފާން ގޮނޑިން ތެދުވެ ބަލައިލީޒާރާ އިން މޭޒަށެވެ. ދާދި ދެންމެއަކު އޭނާ ބަލައިލި އިރުވެސް، އެތަނުގައި ޒާރާ އިނެވެ. އެހާ އަވަހަށް ޒާރާ އެ ދިޔައީ ކޮންތާކަށް ބާވައޭ އަފާންގެ ހިތަށް އެރިއެވެ. އަޖައިބެއް ކަހަލަ ކުއްޖެކެވެ. ދުވަހަކުވެސް، އަރާ އެއްގަލެއްގައި މަޑެއް ނުވާނެއެވެ. އޭނާއަށް މި ލޯބިވެވުނީ ހާދަހާވާ ތަފާތު އަންހެން ކުއްޖަކު ދެކެއޭ ހިތަށް އެރިއެވެ.
ހޮސްޕިޓަލުގެ އެތެރޭގެ ކަންކަން ބަލައިލުމުގެ ބަހަނާގައި އަފާން ހޮސްޕިޓަލުގެ ހުރިހާ ބަޔަކަށް ޒިޔާރަތް ކުރަމުން ދިޔައީ ޒާރާ ފެންނާނެކަމުގެ އުއްމީދުގައެވެ. އެގޮތަށް އެތަން މިތަނުގައި އެނބުރެނިކޮށް އަފާންއަށް ޒާރާ ފެނުނީ ލެބޯޓްރީއިން ނުކުންނަނިކޮށެވެ. “ޒާރާ..” ޒާރާއާއި ކައިރިއަށް ގޮސް އަފާން ޒާރާއަށް މަޑުމަޑުން ގޮވައިލިއެވެ. ނަމަވެސް، އެ އަޑު ޒާރާއަށް ވަރަށް ސާފުކޮށް އިވޭނެކަން ޔަޤީނެވެ. ނަަވެސް، ޒާރާ އެވަގުތު އަފާންގެ ގޮވައިލުމަށް އިޖާބަ ނުދީ އެތަނުން ދިޔައީ މިވަގުތު އަފާންއާއި ކުރިމަތިލާ ހިތް ނުވާތީއެވެ. ވެދިޔަ ކަންތަކަށްފަހު، އަފާންއާއި ހަތަރުކަޅި ހަމަކުރުންވެސް ވެގެން ދިޔައީ ޒާރާއަށް ނުހަނު އުނދަގޫ ކަމަކަށެވެ. ކުރިމައްޗަށް އަރާ، ވާހަކަ ދެއްކުމަކީ އަދި އެއަށްވުރެ އުނދަގޫ ކަމަކަށް ވާނެކަން ގައިމެވެ.
“ޒާރާ.. އަހަރެން ދައްކާ ވާހަކަ އަޑު އަހާބަލަ..” ޒާރާގެ ފަހަތުން އަފާން ދިޔައީ ޒާރާ ފަހަތަށް އެނބުރި ބަލައިލާނެ ކަމުގެ އުއްމީދުގައެވެ. ނަމަވެސް، ޒާރާ ގޮސް ޕޭޝަންޓުންގެ ވޯޑަށް ވަނުމުން އަފާންއަށް މަޖުބޫރުވީ ބޭރުގައި މަޑު ކުރާށެވެ. އެތެރޭގައި މާާ ބައިވަރު މީހުން ތިބެފައި، މިކަހަލަ މަންޒަރެއް ފެނިއްޖެ ނަމަ، އޭނާއާއި ޒާރާއޭ ކިޔައިގެން އަޑުތަކެއް ފެތުރޭކަށް މާ ގިނަ އިރުތަކެއް ނުނަގާނެތީއެވެ. ކަރު އެލުވައިލަމުން އަފާންއަށް މަޖުބޫރުވީ އެވަގުތު އެތަނުން ދާށެވެ.
*** ** ***
ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮތް ޔައިނާ އޮތީ ފުން ވިސްނުމަކަށް ގެއްލިފައިހެން ހީވެއެވެ. އެއް އަތް ބަނޑުމަތީގައި ބޭއްވިފައި އޮތް އިރު، އަނެއް އަތް އޮތީ ނިތްކުރީގައި ބާވާލެވިފައެވެ. މޫނުމަތީގައި އެއްވެސް އަަރެއް ނެތް ނަަވެސް، ލޮލުން ދިޔައީ ކަރުނައަކަށްފަހު ކަރުނައެއް ފައިބަމުންނެވެ. ހިމޭން ކަރުނަތައް އޮއްސަމުން ދިޔަ ޔައިނާއަށް ވިސްނެމުން ދިޔައީ އޭނާގެ ދިރިއުޅުން އެފުށް މިފުށަށް ޖެހިފައިވީ ގޮތާއި ދޭތެރޭގައެވެ. މީގެ ތިން ދުވަސް ކުރިން ވެދިޔަ ކަންތަކުން ޔައިނާގެ ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑަށާއި، ހިތަށް ލިބިފައިވާ އަނިޔާއަށް އެއްވެސް ބަދަލެއް ނާދެއެވެ. ތިން ދުވަހުގެ ތެރޭގައި އެއްޗެއް ނުކައި، ނުބޮއެ ހުރުމުގެ ސަބަބުން މުޅި މީހާ ވަނީ ބާރު ދެރަވެފައެވެ. ގައިގައި އެއްވެސް ވަރެއް ނުހުންނަ އިރު، ކަމެއް ކުރާހިތެއްވެސް ނުވެއެވެ. މި ދެދުވަހު ކޮލެޖަށްވެސް ނުގޮސް އޭނާ ހުންނަނީ އެހެންވެއެވެ. އެއްވެސް މީހަކު ގުޅުމުން ފޯނެއްވެސް ނުނަގައެވެ.
ޚިޔާލުތަކުގައި އޮތް ޔައިނާއަށް އެސްފިޔަ ޖަހައިލެވުނީ މީހަކު ބެލް އެޅި އަޑު އިވުމުންނެވެ. ފުރަތަމަ އަޅާނުލައި އޮތް ގޮތަށް ޔައިނާ އޮތީއެވެ. ނަމަވެސް، ފަސް ހަ ފަހަރަށްވެސް ހުއްޓުމެއް ނެތި އެމީހާ ދިޔައީ ބެލް އަޅަމުންނެވެ. އެކަމާއި ހަދާ ބޮލަށް އުނދަގޫވުމުން ޔައިނާ މަޑުމަޑުން ތެދުވިއެވެ. ނޭފަތް ދަމާލުމަށްފަހު، މޫނު ފުހެލާފައި ކޮޓަރިން ނުކުމެގެް ގޮސް ގޭގެ ދޮރު ކައިރީގައި ހުއްޓުނެވެ. ނަމަވެސް، ދޮރު ހުޅުވި އިރު ކުރިމަތީގައި ހުރި މީހާ ފެނުމާއިއެކު، ދޮރު ނުހުޅުވުނު ނަމައޭ ޔައިނާގެ ހިތަށް އެރިއެވެ. ވަގުތުން ދޮރު ލައްޕަން އުޅުނު ނަމަވެސް، އެކަން ކާމިޔާބު ނުވީ، އެމީހަކު މާ ބާރަށް ދޮރުގައި ހިފަހައްޓާފައި ހުރުމުންނެވެ.
“ޝިޔަލް ކިހިނެތް ވެގެންތަ ތި އުޅެނީ..؟! އޭނނ..؟! އަދިވެސް އަހަންނަށް ދެވުނު އަނިޔާ ކުޑައީތަ..؟ އެނގޭތަ ޝިޔަލްގެ ސަބަބުން އަހަރެން މިއަދު މި އުޅޭ ހާލު..؟!” ރުޅިއައިސް ރަތްވެފައި ހުރެ ޔައިނާ ޝިޔަލްއާއި ދިމާއަށް ބުނެލިއެވެ. “ޔައީ.. އަހަރެން މި އައީވެސް އެހެންވެގެންނޭ.. ޔައިއަށް ސަޕޯޓް ކުރަން ވެގެން.. ޔައިއަށް އަޅާލަން ވެގެން.. ޔައި ހަމަ އަހަންނަށް އެންމެ ފުރުޞަތެއް ދީބަލަ.. ދުވަހަކުވެސް ޔައިގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނަކަ ނުދޭނަން.. އަހަރެން ޔަޤީންކަން ދެން.. އަހަރެން ޔައި ގެންގުޅޭނީ ވަރަށް އުފަލުގަ.. ވަރަށް ލޯބިން..” ޝިޔަލް އެހެން ބުނުމާއި އެކު ޔައިނާ މަލާމާތުގެ ޒާތަކަށް ހީލިއެވެ. “އެހެންތަ..؟” ޝިޔަލްއާއި ހެދި މިއަދުވެސް އަހަރެން މި ހާލަތަށް ވެއްޓެން މި ޖެހުނީ.. ދެންވެސް ތި ބުނަނީ އަހަރެންގެ ލޮލުން ކަރުނަތިއްކެއްވެސް ވެއްޓުނަކަ ނުދޭނަމޭތަ..؟ ޝިޔަލް ލަދެއް ނުގަނޭތަ..؟ އެހެންނޫނަސް އަންހެން ކުދިންގެ ނުރުހުމުގަ އެމީހުންގެ ގައިގަ އަތްލާ ފިރިހެނަކު އަހަރެންގެ ޙަޔާތަށް އަންނާކަށް އަހަންނެއް ބޭނުމެއް ނޫން..” ޔައިނާގެ އަޑުގައިވީ ރުޅީވެރިކަމެވެ. އެ ދެލޮލުގައިވީ ޝިޔަލްއަށަޓަކައި ވާ ނިމުމެއް ނުވާ ނަފްރަތެވެ. “ޔައީ.. އަހަރެން ޔައިގެ ގައިގަ އެރޭ އެކަހަލަ ނިޔަތެއްގަ އިނގިލި ކުރިވެސް ޖައްސާނުލަން.. ވިސްނާލަބަލަ.. އަހަރެން ބޭނުންވި ނަމަ އެރޭ ބޭނުންވި ގޮތެއް ޔައިއަށް ހެދުނީސް.. އެކަމަކު އަހަރެން އެގޮތަށް ކަންތައް ކުރީ އަހަރެން ޔައި ދެކެ ހާދަ ލޯތްބެއް ވާތީއޭ.. ޔައިއަށް އިޙުސާސްވެސް ނުކުރެވޭނެ އަހަރެން ޔައި ދެކެ ލޯބިވާ ވަރެއް-” ބުނަން އުޅުނު ވާހަކަ ޝިޔަލްއަށް ފުރިހަމަ ނުކުރެވުނީ ޔައިނާ އޭނާގެ ކޯމަތީގައި އެތިފަހަރެއް އެޅުމުންނެވެ.
“ކީކޭ ކިޔާނަމޭ ހިތާތަ ތި އުޅެނީ..؟! އޭނނ..؟! ޝީޔަލް ހަނދާން ކުރާތި.. ރާއްޖެ ދެވުނުހާ އަވަހަކަށް އަހަރެން ޕޮލިހުންނަށް މައްސަލަ ހުށައަޅާނަން.. ޝިޔަލްއަށް ދޭން އޮތް ހައްްގު އަދަބުވެސް ދޭނަން.. ޝިޔަލް ޖެހޭނީ ޖަލުގެ ތޭރިތަކުގެ އެތެރޭގައި އޮންނަން.. އެކަމަކު އެވަރު ވިޔަކަސް ޝިޔަލްއަށް ހައްގު ސަޒާ ޝިޔަލްއަކަށް ނުދެވޭނެ.. ތިކަހަލަ މީހުންނަށް ޖަލުވެސް ހައްްގެއް ނޫން.. ޝިޔަލްއަށް ހައްގުވަނީ އެއަށްވުރެވެސް ނުބައި، ބިރުވެރި ތަނެއް..” ޔައިނާ އޭނާއަށްވެސް ކެރޭނެކަން ޝިޔަލްއަށް އަންގާލިއެވެ. “ޔައިނާ ހީކުރީތަ ތިހެން ކިޔައިގެން އަހަރެން ބިރު ގަންނާނެ ކަމަށްތަ..؟ އަހަންނަށް އެނގޭ ޔައިނާއަށް ނުކެރޭނެކަން..” ޝިޔަލް ބުނެލީ މަލާމާޓުގެ ރާގަކަށެވެ. “އެހެންތަ..؟ އެހެންވީރު ބަލައްޗޭ.. ތި ޝިޔަލް އެއް ދުވަހަކުން މި ޔައިނާގެ ސަބަބުން ކަރުނައަޅާ ރޯން ޖެހޭނެ.. އެކަން ހަނދާން ކުރާތީ.. ދެން ނުކުމޭ މިތަނުން.. ހަމަ މިހާރު ނުކުމޭ..” ޔައިނާ އޭނާގެ ފަހުގެ އިންޒާރު ދިނެވެ. އޭރުވެސް ޝިޔަލް ހުރި ގޮތަށް ހުރުމުން ޔައިނާއައިސްފައިވާ ރުޅި ދެގުނަވީ ފަދައެވެ. “ހަމަ މިހާރު، މިވަގުތު ޝިޔަލް މިތަނުން ނުގޮއްސިއްޔާ އަހަރެން ޕޮލިހަށް ގުޅާނަން.. ހަނދާންކުރައްޗޭ..!” ޔައިނާ އެހެން ބުނުމާއިއެކު ޝިޔަލް އެތަނުން ނުކުތީ ޔައިނާ ޙަޤީގަތުގައިވެސް ޕޮލިހަށް ގުޅާފާނެތީއެވެ. ޝިޔަލް ނުކުތުމާއި އެކު، ޔައިނާ ބަންލާފައި ދޮރު ޖެހިއެވެ. އެއަށްފަހު ދޮރު ތަޅުލާފައި ގޮސް އަނެއްކާވެސް ވަނީ ކޮޓަރިއަށެވެ.
*** ** ***
ޔައިނާގެ އެޕާރޓްމެންޓުން ނުކުތް ޝިޔަލްއަށް ހުރެވުނީ ވިސްނާށެވެ. ޔައިނާ އެ ބުނީ ތެދެއް ބާވައެވެ؟ ޔައިނާ ހަމަ ޙަޤީގަތުގައިވެސް އޭނާއަށް އެފަދަ ގޮތެއް ހަދާފާނެ ބާވައެވެ؟ އެހިސާބުން އެ ވެއްޓުނީ އޭނާގެ އަގެވެ. ގެއްލިގެން އެ ދިޔައީ ބޮޑު ދިރިއުޅުމެކެވެ. ނޫނެކެވެ. ޔައިނާގެ އެހާ ހިތްވަރެއް ނުހުންނާނެއެވެ. ޔައިނާއަކީ އަންހެން ކުއްޖެކެވެ. އޭނާއަކަށް ނުކެރޭނެއެވެ. އެއަށްވުރެ، ޝިޔަލް ދެކެ ޔައިނާ މާ ޖެހިލުން ވާނެއެވެ. މާ ބިރު ގަންނާނެއެވެ.
ނަމަވެސް، ޝިޔަލްއަށް ނޭނގުނު ކަމަކީ އަންހެން ކުއްޖަކަށް ވީތީ ޔައިނާގެ ބާރު ވަކި ދެރަ ނުވާނޭ ކަމެވެ. ޔައިނާ ބުނި ގޮތަށް ޝިޔަލްއަށް ޙައްޤު އަދަބު ލިބޭނޭ ކަމެވެ. ޝިޔަލްގެ ސަބަބުން މިއަދު ޔައިނާ އެ އަޅަމުންދާ ކަރުނަތައް މާދަމާ ޝިޔަލް އަޅަން ޖެހޭނެ ކަމެވެ. އެ ދުވަސް އަންނާކަށް ދެން މާ ގިނަ ދުވަހެއް ނެތް ކަމެވެ.
*** ** ***
އިރު އޮއްސެމުން ދިޔަ ހިތްގައިމު ވަގުތު އަތިރިމަތީގެ ސާފު، ރީތި ދޮންވެލިގަނޑު މަތީގައި އިން މިލާން ދިޔައީ އޭނާގެ ގިޓާއިން ރީތި ރާގެއް ކުޅެމުންނެވެ. ހިތުގައިވީ އުދާސްތައް ލަވައެއްގެ ސިފައިގައި ބޭޭރު ކުރަމުން މިލާން ދިޔައީ، އެ ހިތުގެ އުދާސްތަކަށް ކުޑަވެސް ލުޔެއް ލިބޭތޯއެވެ.
ބާކީ ވުމުން ހިތް
ލޯބީގެ ދުނިޔޭން
ކަރުނުން ދެލޯވީ ފޯވެފާ
ވަޢުދާ ހުވާތައް
ކޮށްފައި ދިޔައިމާ
މިހިރީ އުފާތައް ގެއްލިފާ
ޝަކުވާ މި ނަފުސަށް
ކޮށްކޮށް ހުރީމޭ
ވޭނާ ހިތާމައިން ފޯވެފާ
އިންތިޒާރު ކުރަމޭ ލޯބިވާތީ
އޮންނަމޭ މަ ރޮއެރޮއެ ކެތް ނުވާތީ
މަރުވެފައި މި ހިތްވީ ވާ ހަނދާނުން
ހިތް ހަލާކު ވެއްޖޭ ލޯބިވާތީ
ބޭނުމޭ ދެކެން ދާން އިންތިހާއަށް
ލޯބިވާ ހަނދާންވޭ އިންތިހާއަށް
ކާކުބާ އަހަންނަށް ލޯބި ދޭނީ
މިހިތަށް އަރާމެއް ހޯދަދޭނީ
ދާހިތުން ހުރީމޭ މާފު ދޭތޯ
ހިތްފަނާވެ ދަންދެން
ކެތް ކުރާނަން
ހިތް ފަނާވެ ދަންދެން
ކެތް ކުރާނަން
ހިތް ފަނާވެ ދަންދެން
ކެތް ކުރާނަން
ހިތް ފަނާވެ ދަންދެން
ކެތް ކުރާނަން
އޮއްސެމުން ދިޔަ އިރުގެ ރަންދޯދިތަކަށް ބަލަހައްޓައިގެން އިން މިލާންގެ ދެލޮލުން ދިޔައީ ހުއްޓުމެއް ނެތި ކަރުނަ ފައިބަމުންނެވެ. މި ދުނިޔެމަތީގައި އޭނާ އެންމެ ލޯބިވީ ފަރާތް އޭނާއަށް ބޭވަފާތެރިވެދާނެ ކަމަކަށް އޭނާ ދުވަހަކުވެސް ހިޔެއް ނުކުރެއެވެ. ފަސް އަހަރުގެ ދިގު ލޯބީގެ ދަތުރު މާޒީގެ ހިތި ހަނދާންތަކަކަށް ވެގެން އެ ދިޔައީ އެސްފިޔައެއް ޖަހާލާ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. “އިނާ.. ކީއްވެ… ކީއްވެ އަހަންނަށް ތިހެން ތި ހެދީ..؟ މި ފަސް އަހަރުގެ ތެރޭގައި އަހަރެމެން ދެމީހުންގެ ހޭދަކުރި ހުރިހާ ވަގުތުތަކަށްފަހު، އަހަރެމެން ކުރިމަތިލި ހުރިހާ އަޑިގުޑަންތަކަކަށް ފަހު، އިނާ އަހަންނަށް ތިހެން ހެދީ ކީއްވެ..؟” އެކަނި އިނދެގެން މިލާން ޝަކުވާ ކުރަމުން ދިޔައީ ކައިރީގައި މީހަކު އިން ފަދައިންނެވެ. ވެ ނިމިދިޔަ ހުރިހާ ކަމަކާއި ދޭތެރޭގައި ވިސްނި ވަރަކަށް އިތުރަށް ދެރަވެ ރޮވެއެވެ. ހަމަޖެހެން ކިތަންމެ ވަރަކަށް މަސައްކަތް ކުރި ނަމަވެސް، އެކަމެއް ނުކުރެވުނެވެ. މީގެ ތިންދުވަސް ކުރިން ފެނުނު މަންޒަރު އަނެއްކާވެސް ލޯ ކުރިމައްޗަށް ސިފަވުމުން މިލާންއަށް ދެލޯ މަރާ ތަގުޅި ކޮށްލެވުނެވެ. ދޮންވެލިގަނޑުގެ ތެރެއަށް އަތް ކޮއްޕާލެވުނީ ހިތަށް އުނދަގޫވީ ވަރުންނެވެ. މުށުގައި ހުރި ދޮންވެލިތަކަށް ފިއްތާ ބާރުކޮށްލެވުނީ ކުރެވެމުން ދިޔަ ރުޅިއާއި ހިތާމަ އެކުލެވިފައިވީ އިޙްސާސްތައް ކޮންޓްރޯލް ކުރަން ނޭނގުމުންނެވެ. “ޔައިނާ!! އަހަންނަށް ތިހެން ތި ހެދީ ކީއްވެ..؟!” އެތަނުގައި މީހުން ތިބިކަންވެސް ހަނދާން ނައްތާލަމުން މިލާން ބާރުބާރަށް ހަޅޭލަވައިގަތް އިރު، އެ ރަތްވެފައިވީ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބައެވެ.
*** ** ***
މުޅިން އައު ދުވަހަކަށް އިރު އެރީ އެކި މީހުންގެ ދިރިއުޅުމުގައި އެކި ކުލަތައް ޖައްސަމުންނެވެ. އެއީ ދުނިޔޭގެ އުސޫލެވެ. އެއްވެސް މީހަކީ އަބަދު އުފާވެރިކަމުގައި އުޅޭނެ މީހެއް ނޫނެވެ. ކޮންމެ މީހަކީވެސް ދިރިއުޅުމުގައި އެތައް އިމްތިޙާނުތަކާއި ކުރިމަތިލާން ޖެހޭނެ ބައެކެވެ. ނަމަވެސް ދެރައީ، އެކަންކަމާއި ކުރިމަތިލާނެހާ ހިތްވަރު އެންމެންގެ ނުހުންނާތީއެވެ.
ތެޅިފޮޅިގެން ގެއިން ނުކުތް ޒާރާ އެންމެ ފުރަތަމަ ގޮސް ވަނީ ކަންމަތީ ފިހާރައަށެވެ. އެތަނުން އިންޑޯ ކިރުޕެކެޓެއް ގަނެގެން އެ ދަބަހަށް ލައިގެން ގޮސް ސައިކަލަށް އެރިއެވެ. މިއަދު އޮތީ ހެނދުނު ޑިއުޓީ ކަމުން އޭނާއަށް އަވަހަށް ނުހޭލެވުނީއެވެ. ފުދޭވަރަކަށް ބާރަށް ސައިކަލު ދުއްވާލާފައި ގޮސް ޒާރާ ހޮސްޕިޓަލް ކައިރީގައި ސައިކަލު ޕާކުކޮށްިއެވެ. އެއަށްފަހު، ޕެކެޓު ކަނޑައިލުމަށްފަހު، އަނގަޔަށް ހޮޅި ޖަހައިގެން ހުރެ އެތެރެއަށް ވަނެވެ. ނަރުހުންނަށް ޚާއްސަކުރެވިފައިވީ އޭރިޔާއަށްވަދެ ޒާރާ އޭނާގެ ދަބަހާއި، މުހިންމު އެހެނިހެން ތަކެތި އެތަނުގައި ބަހައްޓާލިއެވެ. ޕެކެޓު ހުސްކޮށްލުމަށްފަހު، ޑަސްބިނަށް ލާފައި އެތަނުން ނުކުތީ އަވަހަށް ޑިޔުޓީއަށް ދިޔުމުގެ ބޭނުމުގައެވެ.
ޕޭޝަންޓުން ބާއްވާފައި ތިބި ވޯޑަށް ވަތްއިރު އެތަނުގައި ދެތިން ނަރުސް ކުއްޖަކު ހަރަކާތްތެރިވަމުން ދިޔައެވެ. އެކުދިންނަށް ހިނިތުންވަމުން ޒާރާވެސް އޭނާގެ މަސައްކަތަށް އަވަސްވެގަތެވެ. އޭނާގެ އަތުގައި އޮތް ފައިލުތަކުގައި ޖަހާފައިވާ ނަމްބަރުތަކަށް ބަލަމުން ގޮސް ހުއްޓުނީ އެގާރަ ވަނަ ނަމްބަރު ކައިރީގައެވެ. ފޮތިގަނޑު ކަހާލަމުން އެތެރެއަށް ވަތް ޒާރާގެ ފިޔަވަޅުތައް މަޑުޖެހުނީ އެނދުމަތީގައި އޮތް މީހާ ދަންނަ މީހަކާއި ވައްތަރުހެން ހީވުމުންނެވެ. އެ މުށިކުލައިިގެ އިސްތަށިގަނޑު ބުޅިވެފައި ދިގެވެ. ގަދަމުށިކުލައިގެ އެ ކަޅިއަކީ ޒާރާއަށް ދުވަހަކުވެސް އޮޅޭނޭ ކަޅިއެއް ނޫނެވެ. މެދުއުމުރެއްގެ އެ މީހާ ފެނުމުން ޒާރާ ހަނދާންވީ ޔައިނާ މަތިންނެވެ. މި މީހާ ޔައިނާއާއި ވައްތަރު ކަމުންނެވެ. ކުއްލިއަކަށް ހިތަށް އެރި އެއްޗަކުން ޒާރާއަށް ބޯ ހޫރުވައިލެވުނެވެ. އެއަށްފަހު، އެ އަންހެން މީހާ ކައިރިއަށް ގޮސް ހުއްޓުނެވެ.
“ދައްތާ.. ބޭސް ކާންވީނު ދޯ..” ހިތްހެޔޮ ހިނިތުންވުމަކާއި އެކީ އެމީހާގެ ބޮލުގައި ފިރުމައިލަމުން ޒާރާ ވާހަކަ ދެއްކިއެވެ. އެމީހާ އޮތް ޙާލުން ޒާރާގެ މެޔަށް ބާރުވެލި ކަހަލަ އިޙުސާސެއް ކުރެވިގެން ދިޔައެވެ. ބޮލުގަޔާއި، އަތާއި، ފައިގައި ބެންޑޭޖު އަޅާފައި ވާ އިރު، މުޅި ގައިގެ އެކި ތަންނަތަނަށް ލިބިފައި ހުރި އަނިޔާ ހުރީ ފެންނާށެވެ. ޒާރާ ވާހަކަ ދެއްކުމުން އެމީހާ ފުރަތަމަ ފާޑަކަށް ބަލަން އިނީއެވެ. އެއަށްފަހު، ހިނިތުންވެލާފައި ބޯ ޖަހައިލިއެވެ. ޒާރާ އެމީހާއަށް ބޭސްގުޅަ ލަވާފައި ފެންތަށި ދިއްކޮށްލިއެވެ. އެއްވެސް ދެކޮޅު ހެދުމެއްނެތި، އެމީހާ ފެންތަށި ބޯލުމުން ޒާރާގެ ހިތަށް ފިނިކަމެއް ލިބިގެން ދިޔައެވެ. ފެންތަށި ދިނުމަށްފަހު، ޒާރާ އޭނާގެ ބޮލުގައި އަޅާފައި އޮތް ބެންޑޭޖުގަނޑު ބަދަލުކޮށްލިއެވެ. އެ ހުރިހާ އިރުވެސް އެ މީހާ އެއްވެސް ވާހަކައެއް ނުދައްކައެވެ. ހިނިތުންވެލަނީވެސް ޒާރާ ހިނިތުން ވެލުމުންނެވެ. އެމީހާއަށް އުނދަގޫ ވެދާނެތީ ޒާރާވެސް އިތުރު ވާހަކައެއް ނުދައްކައެވެ. ބޭސް އަޅައި ނިމުމަށްފަހު، ހިނިތުންވެލާފައި އެތަނުން ނުކުތް އިރުވެސް، އެ އަންހެން މީހާއާއި ދޭތެރޭގައި ވަނީ ޝައްކެއް އުފެދިފައެވެ. އޭނާގެ ހިތް ދިޔައީ ވަރަށް ފާޑެއްގެ އެއްޗެއް ބުނަމުންނެވެ. އެހެންކަމުން، އަތުގައި އޮތް ފައިލް ހުޅުވާލާފައި، އެ އަންހެން މީހާއާއި ބެހޭ މައުލޫމާތު ކިޔައިލިއެވެ.
“އައިޝަތު ނީލާ.. ސާޅީސް ތިން އަހަރު.. ދިވެހި ރާއްޖެ..” މިވީ ކިހިނެތް ހެއްޔެވެ؟ އެއީ ރާއްޖެ މީހެއް ހެއްޔެވެ؟ ނަމުން ހީވަނީ އެހެންނެވެ. ނަމަވެސް، އެމީހާ ވައްތަރީ ރާއްޖޭން ބޭރު މީހަކާއެވެ. އެކަމަކު އެމީހާގެ ރައްޔިތުކަން އެ އޮތީ ރާއްޖޭގައެވެ. ރާއްޖޭގެ ރައްޔިތަކަށް ބަދަލުވީކަމަށްވެސް ވެދާނެއެވެ. ޝައުޤުވެރިވެފައި ހުރެ، ޒާރާ އިތުރަށް އެ ރިޕޯޓު ކިޔައިލިއެވެ. އޭގައި ވާ ގޮތުން ނަމަ، އޭނާ މިތަނަށް ގެނެވުނީ އެކްސިޑެންޓެއް ހިނގައިގެންނެވެ. އެނގޭ ގޮތުގައި ޢާއިލާގެ އެއްވެސް މީހަކު ނެތެވެ. އެތެރޭގެ ގުނަވަނަކަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، ބޭރުފުށުން ބައިވަރު އަނިޔާ ފެންނަން ހުއްޓެވެ. އެ މީހާއާއި ދޭތެރޭ ވިސްނަމުން، ރިޕޯޓަށް ގެއްލިފައި ހުރެ، ނުކުމެގެން ދިޔަ ޒާރާ ސިހުނީ ކުއްލިއަކަށް މީހެއްގެ ގައިގައި ޖެހިފައި ވެއްޓެން ދިޔުމުންނެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.







😭😭😭😭😭😭😭😭😭😭😭😭
Hiy dhathi
Aan dhn ehkala zaaraa.. Indo zaaraa 🤣🤣🤣🤣🤣
Brww anehkkaa e anhen dhaitha eii yaige manma tha?
Soo curious