“އައިޝަތު ނީލާ.. ސާޅީސް ތިން އަހަރު.. ދިވެހި ރާއްޖެ..” މިވީ ކިހިނެތް ހެއްޔެވެ؟ އެއީ ރާއްޖެ މީހެއް ހެއްޔެވެ؟ ނަމުން ހީވަނީ އެހެންނެވެ. ނަމަވެސް، އެމީހާ ވައްތަރީ ރާއްޖޭން ބޭރު މީހަކާއެވެ. އެކަމަކު އެމީހާގެ ރައްޔިތުކަން އެ އޮތީ ރާއްޖޭގައެވެ. ރާއްޖޭގެ ރައްޔިތަކަށް ބަދަލުވީކަމަށްވެސް ވެދާނެއެވެ. ޝައުޤުވެރިވެފައި ހުރެ، ޒާރާ އިތުރަށް އެ ރިޕޯޓު ކިޔައިލިއެވެ. އޭގައި ވާ ގޮތުން ނަމަ، އޭނާ މިތަނަށް ގެނެވުނީ އެކްސިޑެންޓެއް ހިނގައިގެންނެވެ. އެނގޭ ގޮތުގައި ޢާއިލާގެ އެއްވެސް މީހަކު ނެތެވެ. އެތެރޭގެ ގުނަވަނަކަށް މާ ބޮޑު އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، ބޭރުފުށުން ބައިވަރު އަނިޔާ ފެންނަން ހުއްޓެވެ. އެ މީހާއާއި ދޭތެރޭ ވިސްނަމުން، ރިޕޯޓަށް ގެއްލިފައި ހުރެ، ނުކުމެގެން ދިޔަ ޒާރާ ސިހުނީ ކުއްލިއަކަށް މީހެއްގެ ގައިގައި ޖެހިފައި ވެއްޓެން ދިޔުމުންނެވެ.
ވެއްޓުމުން ވާނެ ތަދު ހިތަށް އަރުވައިލެވުމުން ޒާރާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ނަމަވެސް، ދެވަނަ ސިކުންތުގައި ލޯ ހުޅުވާލަން ޖެހުނީ ބާރުގަދަ ދެ އަތުން އޭނާގެ އުނަގަނޑުގައި ހިފަހައްޓާފައި ހުރުމުންނެވެ. މަޑުމަޑުން ޒާރާ ދެލޯ ހުޅުވާލި އިރު، އޭނާގެ މޫނާއި ޖެހޭ ނުޖެހޭ ހިސާބުގައި އަފާން ހުރުމުން ދިޔައީ ސިއްސައިގެންނެވެ. އޭރުވެސް އަފާން ކަޅިވެސް ޖަހައިނުލާ އޭނާއާއި ދިމާލަށް ބަލަހައްޓައިގެން ހުރި ގޮތުން ޒާރާގެ ހިތުގެ ތެޅުން އަވަސްވިއެވެ. އަފާންގެ ތުންފަތަށް ބަލައިލެވުމާއެކު ޒާރާއަށް އަނެއްކާވެސް އިއްޔެގެ ޙާދިސާގެ މަތިން ހަނދާން ވިއެވެ. އެއާއެކު، ހަށިގަނޑުގައި ހުރިއްޔާ ހުރިހާ ލެޔެއް ދެކޯތާފަތަށް ޖަމާވި ކަހަލައެވެ. އެ ހަނދާން އޭނާގެ ހިތަށް އުނދަގޫ ކުރަން ފެށުމުން ޒާރާ އަވަސްއަވަހަށް އަފާންގެ އަތުން ވީއްލިގަނެގެން ގޮސް، އެކްސްރޭ ރޫމަށް ވަންނަން ދިޔައެވެ. ނަމަވެސް، އެކަން ކާމިޔާބު ނުވީ އަފާން އޭނާގެ އަތުގައި ހިފަހައްޓާފައި ހުރުމުންނެވެ. “ޒާރާ.. އަހަރެން ބޭނުން ޒާރާއާ ކުޑަ ވާހަކައެއް ދައްކަން..” އަފާން ބުނެލީ ހަމައެކަނި އެހެންނެވެ. ނަމަވެސް، އެއަށް އެއްވެސް ޖަވާބެއް ނުދީ ޒާރާ އަފާންގެ އަތް ފޮޅުވާލާފައި، ކުރިއަށް ހިނގައިގަތެވެ. ޒާރާ ގޮސް އެކްސްރޭ ރޫމަށް ވަންނަންދެންވެސް އަފާންއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. އެއަށްފަހު، މޫނާއި، އިސްތަށިގަނޑުގައި އަތް ހިންގާލަމުން ފުން ނޭވާއެއް ދޫކޮށްލިއެވެ. ޒާރާގެ ފަހަތުން ދާން އުޅެފައިވެސް، އަފާން ލިފްޓާއި ދިމާއަށް މިސްރާބު ޖެހީ މިވަގުތު ނިންމަންވެފައި ހުރި ބައެއް މުހިއްމު މަސައްކަތްތައް ހުރީތީއެވެ.
*** ** ***
ޔާސިރުމެން ގެއަށް ޒައިނަބް ދިޔައީ މިއަދު އެ ގޭގައި ހެދި ޕިރިނީކޮޅެއް ޔާސިރުއަށް ދިނުމަށެވެ. ޕިރިނީއަކީ ޔާސިރުއަށް ވަރަށް މީރު އެއްޗަކަށް ވުމުން ޔާސިރުއަށް އޭގެން އެތިކޮޅެއް ނުދީ ހުންނާކަށް ޒައިނަބް ބޭނުމެއް ނުވިއެވެ. ޔާސިރުމެންގެއާއި އަރާ ހަމަވީ އިރަށް ޒައިނަބްގެ މޫނުމަތީގެ ކުލަވަރު ބަދަލުވީ އެތަނަށް އެއްވެފައި އޮތް މީހުން ފެނިފައެވެ. ވަގުތުން ވީ ކަމަކާއިމެދު ޒައިނަބްގެ ހިތުގައި ސުވާލު އުފެދުނެވެ. އެތަނާއި ކައިރިވީ ވަރަކަށް ޔަސިރުމެން ގޭގެ ބަދިގެއާވީ ފަރާތުން އަރަމުން ދިޔަ ދުންތައް ފެނި، ޒައިނަބްގެ ހިތް ހީވީ އަތަށް އައި ހެންނެވެ. ހިތާހިތުން މިއީ ތެދަކަށް ނުވޭތޯ ދުޢާ ކޮށްލެވުނީ ހިތަށް އެރި އެއްޗަކުންނެވެ.
“ފާތުން.. ކިހިނެތް ވެގެން މި އުޅެނީ..؟” އެތަނުގައި ހުރި އަންހެނެއް ކައިރިއަށް ޖެހިލައި، ޒައިނަބް ވީ ގޮތް އަހައިލިއެވެ. “ޒައިނަބު ބުނާކަށް.. މި ގޭގަ އަލިފާން ރޯވެގެން އެ އުޅެނީ.. އެންމެ ފުރަތަމަ ދުން ވަސް ދުވާ ވަރުން މިހިރަ ގޭ އަޒީޒުމެން ވަނީ ކަމެއް ވީތޯ ބަލައިލަން.. ވަން އިރު ކަމަކު ދާކަށް ނެތް.. މުޅި ބަދިގޭގަ އެކީހެން އަލިފާން ހިފާފަ.. އަލިފާންގަނޑު ނިއްވާފަ މިހާރު ޔާސިރު މަރުކަޒަށް ގެންދިޔުމުގެ މަސައްކަތް އެބަ ކުރޭ.. ނޭނގެ އެ ފަކީރު އޮތީ ކޮން ޙާލެއްގައި ކަމެއްވެސް..” ފާތުން ބުނި ވާހަކައިން ޒައިނަބްގެ ދެލޯ ދިޔައީ މުދުނަށް އަރައިގެންނެވެ. އަތުގައި ހުރި ޕިރިނީ ތަށި ބިންމައްޗަށް ވެއްޓުނު އިރު، އަނގަމަތީގައި އަތް އަޅައިލެވުނެވެ.
ޔާސިރު ނުކުއްދުވީ އެވަގުތުއެވެ. ޔާސިރު އޮތް ގޮތުން ޒައިނަބުއަށް ބަލައިލާކަށްވެސް ނުކެރުނެވެ. މުޅި މީހާ އެކީހެން ފިހިފައި އޮތް އިރު، އޮތީވެސް ހޭނެތިފައެވެ. ޔާސިރު ގެންގޮސް އެމްބިއުލޭންސަށް އަރުވަންދެންވެސް ޒައިނަބުއަށް ހުރެވުނީ ކުރާނެ ކަމެއް ނޭނގިފައެވެ. “އަހަރެން މި ހިތަށް އަރަނީ ދެން ޔާސިރުގެ މަންޖެއަށް ވާނީ ކިހިނެތް ބާވައޭ.. އެހާ ދުރުގައި ހުރި އިރު، ކިހާ ދެރަވާނެ..” އެތަނުގައި ހުރި އަންހެން މީހަކު ބުނި އަޑު އިވުމުން ޒައިނަބު ޔައިނާ މަތިން ހަނދާންވީ ކުއްލިއަކަށެވެ. “އާނ.. ގައިމު މަންމައަކާ ނުލައި އެވަރު ކޮށްފަ އެގޮތަށް ކަންތައް ވީމަ ކިހާ ދެރަވާނެ.. ޔާސިރުގެ ހާލު ރަނގަޅުވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު..” އެހެން މީހަކު ބުނެލިއެވެ. “ޔާސިރު ނެތް ދުނިޔެއަކުވެސް މިލްނާމެން އެ ތިބީނު.. އެގޯތި ފިރިހެން ސޮރާ ޔައިނާ އުޅެނީ ރައްޓެހި ވެގެންނު.. އެކަމަކުވެސް ބައްޕަ ވިއްޔަ.. ދެރަވާނެ ދޯ..” އެތަނުގައި އެވަގުތު ދެކެވެމުން ދިޔައީ ހުސް އެ ވާހަކައެވެ. ޒައިނަބު ވަގުތުން ގެއަށް ދުއްވައިގަތީ އަވަހަށް އޭނާގެ ފިރިމީހާއަށް އެ ޚަބަރު ދިނުމަށެވެ.
މާނޭވާލަމުން އައިސް ސިޓިންރޫމަށް ވަން ޒައިނަބު ފެނުމުން ޝުޢައިބަށް ތެދުވެވުނީ ކުއްލިއަކަށެވެ. ޒައިނަބަށް ވެފައި ހުރި ގޮތުން އިންތިހާއަށް ކަންބޮޑުވެފައި ހުރެ، ޝުޢައިބު ގޮސް ޒައިނަބުގެ ކޮނޑުގައި ހިފަހައްޓާލާފައި، ވީ ގޮތް އަހައިލީ އޯގާތެރިކަމާ އެކީއެވެ. އެވަގުތު ކޮޓަރިން ނުކުތް އެމީހުން ހަގު ދަރިފުޅު ޒާޔާވެސް ކަންބޮޑުވީ ޒައިނަބުގެ ޙާލު ފެނިފައެވެ. ވަގުތުން ބަދިގެއަށް ވަދެ، ފިނި ފެންތައްޓެއް ހިފައިގެން އައިސް ޒައިނަބަށް ދިއްކޮށްލިއެވެ. ފެންތަށި ބޮއެލާފައި، ޒައިނަބު ހަމަޖެހިލިއެވެ. އެއަށްފަހު، ޝުޢައިބާއި ދިމާލަށް ބަލައިލި އިރު، އެ ދެލޮލުގައި ކަރުނަތައް ގިނަ ވެއްޖެއެވެ.
“ޝުޢައިބު.. ޝުޢައިބު.. ޔާސިރު..” ޒައިނަބަށް ވާހަކަ ދައްކަން އުނދަގޫ ވިއެވެ. “ޔާސިރުއަށް ކިހިނެތް ވީ..؟” ޝުޢައިބަށްވެސް ހާސްވެފައި އަހައިލެވުނީ ޔާސިރުއަކީ އޭނާގެ ގާތް އެކުވެރިއަކަށް ވީތީއެވެ. “ޔާސިރުމެން ގޭގަ.. އަލި.. އަލިފާން.. ރޯވެގެން ގެން.. ގެންގޮއްސި..” އެހާހިސާބަށް ބުނެވުމާއެކު ޒައިނަބަށް އަނެއްކާވެސް ރޮއެގަނެވުނެވެ. “އޭނ..؟ އަލިފާނޭ..؟ ކޮންއިރަކު..؟” ޝުޢައިބަށް ލިބުނީ ހައިރާން ކަމެކެވެ. “ހަމަ ދެންމެ.. ޝުޢައިބު.. ޔައިނާ.. އަހަރެންގެ ޔައިނާ.. އެ ކުއްޖާ.. ހާދަ.. ދެރަވާނޭ..” ޒައިނަބު އެންމެ ދެރަވެފައި ހުރީ ޔައިނާއަށް ވެދާނެ ގޮތަކާއި ދޭތެރޭގައިކަން އޭނާގެ ވާހަކައިންވެސް އެނގެއެވެ. “ޒައި.. ހާސް ނުވެބަލަ.. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ އިންޝާﷲ.. އަހަރެން މި ދަނީ އަވަހަށް މަރުކަޒަށް ދާން.. އެތަނުން ލިބޭނެ ފަރުވާއެއް ހޯދުމަށް ފަހު ޔާސިރު މާލެ ގެންދެވެންދެންވެސް އަހަރެމެން މަސައްކަތް ކުރާނީ.. އިންޝާﷲ.. ހުރިހާ ކަމެއްވެސް ރަނގަޅުވާނެ.. ދަރިފުޅާ ޒާޔާ.. މަންމަ ގޮވައިގެން ހުރޭ އިނގޭ.. މިގަޑީގަ ދޮންތަ ނޭނގެ ގުޅިޔަސް ފޯނު ނަގާނެ ކަމެއް.. ޑިޔުޓީގަ އުޅޭނީ.. އެކަމްވެސް ގުޅާލާ.. ގުޅާފަ ބުނޭ އިނގޭ.. ބައްޕަ އެބަ އަންނަން..” ޒައިނަބު ޒާޔާއާއި ޙަވާލުކުރުމަށްފަހު، ޝުޢައިބު އަވަހަށް ގޮސް ސައިކަލަށް އެރީ ސިއްޙީ މަރުކަޒަށް ދެވޭތޯއެވެ. ފަސްވަރަކަށް މިނެޓު ފަހުން އެތަނަށް ދެވުނު އިރު، މިލްނާއާއި، މާހިރުވެސް ތިބުމުން ޝުޢައިބު ގޮސް މަޑުކުރީ އެތަނުގައެވެ. އަވަސް ފަރުވާދޭ ކޮޓަރިން ޑޮކްޓަރު ނުކުތީ އެވަގެތެވެ.
“ޑޮކްޓަރ.. ޔާސިރު ކިހިނެތްތޯ..؟” ޝުޢައިބު އެއްސެވެ. “މިވަގުތު އެއްޗެއް ބުނަން ވަރަށް ދަތި.. ޕޭޝަންޓު އޮތީ އަދިވެސް ވަރަށް ކްރިޓިކަލް ޙާލަތެއްގަ.. މިކޮޅުން ދެން ދެވޭނެ އިތުރު ފަރުވާއެއް ނެތް.. ވީހާވެސް އަވަހަކަށް މާލެ ގެންދަން އަޅުގަނޑަށް ފެންނަނީ.. ދެން ފައިސާ-” ޑޮކްޓަރުގެ ޖުމުލަ ފުރިހަމަ ނުކުރެވުނީ ޝުޢައިބު ވާހަކަ ދައްކަން ފެށުމުންނެވެ. “ފައިސާގެ ކަންތަކާއި ހާސްވެ ނުލައްވާ.. އެކަންތައް އަޅުގަނޑު ހަމަޖައްސާނަން.. ހަމަ މިހާރު މާލެ ގެންދިޔުމުމުގެ މަސައްކަތް ފަށަންވީ..” ޝުޢައިބު ބުނެލިއެވެ. “އެހެންވީރު މައްސަލައެއް ނެތް.. މިކޮޅުން ދެ ނަރުސް ކުދިން ތިބޭފުޅުންނާ އެކޮމްޕެނީ ކުރާނެ.. މިހާރުވެސް ހަމަ ގެންދަންވީ..” އެހެން ބުނުމަށްފަހު ޑޮކްޓަރ އެތެރެއަށް ވަނުމުން ޝުޢައިބު އޭނާގެ ލޯންޗު ހަމަޖައްސާނެ ކަމުގައި ބުންޏެވެ. ޝުޢައިބާއި އެކީގައި މާހިރުވެސް ދާ ގޮތަށް ހަމަޖެހުނީ އެއީ މިވަގުތު ޔާސިރުގެ ތިބި އެންމެ ގާތް މީހުންނަށް ވީތީއެވެ. ބައިގަޑިއިރުގެ ތެރޭގައި ލޯންޗު ތައްޔާރުކޮށް، ޔާސިރު މާލެ ގެންދިޔުމުގެ މަސައްކަތް ފެށިއެވެ.
*** ** ***
އާރޓިފިޝަލް ބީޗުގައި ލައުރާއާއި މިލާން ތިބީ ޖޫގޯ ބޯށެވެ. އެ ހުރިހާ އިރަކު ލައުރާ ދިޔައީ ހުއްޓުމެއް ނެތި ވާހަކަ ދައްކަމުންނެވެ. ނަމަވެސް، މިލާން އެއްޗެކޭ ބުނަމުން ދިޔައީ މަދު ފަހަރަކުއެވެ. މިކަމާއި ލައުރާ ކިތަންމެ ހާސްވެފައި އިނަސް އޭނާ ބެލީ މިލާން ހަމައަކަށް އެޅުވޭތޯއެވެ. ލިބިފައިވާ ހިތްދަތިކަމުން އަރައިގަނެ، މިލާން އައު ދިރިއުޅުމެއް ފެށުމަކީ އޭނާގެ އެންމެ ބޮޑު އުއްމީދެވެ. މިލާންގެ ޙަޔާތުގެ ޙިއްސާދާރަކަށް ވުމުގެ ނަސީބު ލިބުމަކީ އަދި އެއަށްވުރެ ބޮޑު އުއްމީދެއް ނަމަވެސް، އިހަށް ލައުރާ އެކަން ބޭއްވީ އޭނާގެ ހިތުގައެވެ.
“މިއްލޫ.. މިއްލޫ..” ޚިޔާލީ ކަނޑަކަށް ގެނބިފައި އިން މިލާންއަށް ހޭވެރިކަން ވީ ލައުރާ ދެތިންފަހަރަކު އޭނާއަށް ގޮވައިލުމުންނެވެ. “ކީކޭ ލައު..؟” މިލާން އެއްސެވެ. “ކަމެއް ނުވެ.. މާ މަޑުން އިނީމަ.. އަދިވެސް އެކަމާ ދޯ ތި ވިސްނަނީ.. އިހަށް އަހަންނަށް އެޓެންޝަން ދީބަ ދޯ.. އަބަދު އެކަމާ ދޭތެރޭ ވިސްނަން އިނދެގެން ކަމަކު ނުދާނޭ.. މޫވްއޮން ކުރެވޭނީ މަސައްކަތް ކޮށްގެންނޭ އޭރުވެސް އަހަރެން މިއްލު ކައިރި ބުނީމެއްނު..” ލައުރާގެ ވާހަކައަށް ތާއީދު ކުރުމުގެ ގޮތުން މިލާން ބޯ ޖަހައިލިއެވެ. “އެނގެޔޭ.. އެކަމްވެސް ދެން.. އިނގޭނު ލައުއަށްވެސް..” އިސްތަށިތަކުގެ ތެރެއަށް އިނގިލިތައް މަހާލަމުން މިލާން އިސްޖަހައިލިއެވެ. “އަހަންނަށް އެނގޭ މިއްލޫ.. ދެން ނުވިސްނަބަ އެކަމާ..” މިލާންގެ ކޮނޑުގައި އަތް ޖައްސައިލަމުން ލައުރާ ބުނެލިއެވެ. މިލާންގެ ފޯނު ރިންގުވީ އެގަޑީގައެވެ. ގުޅަނީ މާހިރު ކަމުން އެންމެ ސިކުންތެއްވެސް ލަސްކޮށްނުލާ، މިލާން ފޯނަށް ޖަވާބު ދިނެވެ.
“ކީކޭ ބައްޕާ..” ފޯނު ކަންފަތުގައި ޖައްސައިލަމުން މިލާން ބުނެލިއެވެ. އެވަގުތު ފޯނުން އަޑު އައި ގޮތުން މާހިރު އެ ހުރީ ކަނޑުމަތީގައިކަން މިލާންއަށް އެނގުނެވެ. މާހިރު ދެން ބުނި ވާހަކައިން މިލާންގެ ދެލޯ ދިޔައީ މުދުނަށް އަރައިގެންނެވެ. އަވަސްއަވަހަށް މި ދަނީ ކަމުގައި ބުނެ، ފޯނު ކަނޑައިލުމަށްފަހު، މިލާން ހިނގައިގަތީ އެތަނުން ދާށެވެ.
“މިއްލޫ.. ކިހިނެތް ވީ..؟ ކޮންތާކަށް ތި ދަނީ..؟” މިލާންގެ އަތުގައި ހިފައި، ހުއްޓުވަމުން ލައުރާ އެހިއެވެ. “ލައޫ.. ޔާސިރުބެމެން ގޭގަ އަލިފާން ރޯވެގެންނޯ އެ އުޅެނީ.. ޔާސިރުބެއަށް ވަރަށް ބޮޑެތި ގެއްލުން ލިބުނޯ.. ބައްޕައާ ޝުޢައިބުބެ އެބަ އަންނަމޯ ބައްޕަ ގޮވައިގެން މާލެއަށް.. މިހާރު ލަފަނީޔޯ މި.. އަފާންމެން ހޮސްޕިޓަލަށް ދާށޯ..” އެއް ނޭވާއިން މިލާން ހުރިހާ އެއްޗެއް ކީ އިރު ލައުރާވެސް ހުރީ ހަމަ އެހާ ހައިރާން ވެފައެވެ. “ހިނގާ ދާން އަވަހށް.. އަހަރެންވެސް ދާނަން..” ލައުރާ އެހެން ބުނެ، މިލާންގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ކެއަރލޫޕް ހޮސްޕިޓަލު ހުންނަނީ އެތަނާއި އެތައް ތަނެއް ދުރުގައި ކަމުން ދާން ވަގުތުކޮޅެއް ނަގާނެއެވެ. މިލާން ސައިކަލަށް އެރުމުން ލައުރާވެސް މިލާންގެ ފަހަތަށް އަރާ، ހަމަޖެހިލިއެވެ. ލައުރާ އެރުމާއި އެކު، މިލާން ސައިކަލު ދުއްވާލީ އަވަހަށް ހޮސްޕިޓަލަށް ދިޔުމުގެ ބޭނުމުގައެވެ. ޔާސިރުއާއި ދޭތެރޭގައި ކަންބޮޑުވެފައި ހުރި ވަރުން މިލާންއަށް ސައިކަލު ދުއްވައިލެވުނީވެސް އެކަށީގެންވާ ވަރަށްވުރެ ތަންކޮޅެއް ބާރަށެވެ.
*** ** ***
ބްރޭކް ގަޑިއަށް ވުމުން ޒާރާ ކެންޓީނަށް މިސްރާބު ޖެހީ ބަނޑުހައިވެފައި ހުރި ވަރުންނެވެ. ސޭންޑްވިޗަކާއި، ލެމަންއޭޑަކަށް އޯޑަރު ކުރުމަށްފަހު، ޒާރާ ގޮނޑީގައި ހަމަޖެހިލިއެވެ. ނިތްކުރީގައި އަތް ހިންގާލަމުން ޒާރާ ދެލޯ މަރައިލީ އަދިވެސް އިއްޔެގެ ހަނދާންތައް އެ ހިތުގައި ރަސްކަން ކުރަމުން ދާތީއެވެ. އެހެން އިން އިރު، ޖެހިގެން ހުރި މޭޒުގައި ތިބި ކުދިން ދައްކަމުން ދިޔަ ވާހަކަ ޒާރާއަށް އިވުނެވެ. ކުރިން ދުވަހެކޭ އެއްފަދައިން ކިތަންމެ އަޑު ނާހަން ހުއްޓެއްކަމަކު، އެ ވާހަކަތަކަށް ސަމާލުކަން ނުދީ ޒާރާއަކަށް ނީނދެވުނެވެ.
“ކޮބާ މަ އޭރުވެސް ބުނީމެއްނު.. ތިމީހުން އެކަކަށްވެސް ނުވިއެއް އެކަމެއް.. މަ ގޮސް އިއްޔެ އޭނައާ އެކީ ލަންޗް ނެގީވެސް..” ދީނާގެ ވާހަކައިން ޒާރާގެ ހިތަށް ދިޔައީ ނޭނގޭ އުނދަގޫތަކެއް ވަމުންނެވެ. “އަސްލުތަ..؟ ދީން ގަދަ އިނގޭ އެހެންވީމަ.. ވަރަށް އަވަހަށް ނިންމާލާނެތާ ދޯ..” އެތަނުގައި އިން އެހެން ކުއްޖަކު ބުނުމުން ކުރީ ފަހަރެކޭ އެއްގޮތަށް މިފަހަރުވެސް ޒާރާގެ ދެލޯ ދިޔައީ ފެންކަޅި ވެގެންނެވެ. ދީނާމެން ފަދަ ކުދިންނާއި އަޅާ ބަލާއިރު، އޭނާ މީ އެކައްޗެއްވެސް ނޫނޭ ހިތަށް އެރިއެވެ. އޭނާއަށްވުރެ ބޮޑަށް އަފާންއާއި އެކަށީގެންވަނީ ދީނާ ކަހަލަ ޒަމާނީ ކުއްޖެއް ކަމަށް ސިކުނޑި ވިސްނައިދެމުން ދިޔަ އިރުވެސް، ޒާރާގެ ހިތް ދިޔައީ ދެކޮޅު ހަދަމުންނެވެ. އިއްޔެ އަފާންގެ ފަރާތުން ލިބުނު ސިގްނަލަށް ފަހުވެސް، ޒާރާއަށް އެއްވެސް ކަމެއް ޔަޤީނެއް ނުވެއެވެ. މާ ބޑަށް އުނދަގޫ ވުމުން ޒާރާ ކެއުންވެސް ދޫކޮށްލާފައި އެތަނުން ނުކުންނަން ހިނގައިގަތީ އިސްދަށަށް ޖަހައިގެން ހުރެއެވެ. އެހެންމީހުންނަށް އޭނާގެ ކަރުނަތައް ފެނިދާނެތީ އިސްދަށަށް ޖަހައިގެން ގޮސް ކެންޓީނުން ނުކުތް ޒާރާ ކޮންމެވެސް މީހެއްގެ ގައިގައި ޖެހުނެވެ. ނަމަވެސް، ވެއްޓޭ ވަރަށް ވުރެ ތަންކޮޅު މަޑުން ޖެހުމުން އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލެވުނީ ފަސޭހައިންނެވެ. ކުރިމަތީގައި ހުރި މީހާއަށް ބަލައިލުމެއްވެސް ނެތި، ހިނގައިގަންނަން އުޅުނު ޒާރާއަށް ހުއްޓެން މަޖުބޫރުވީ އެމީހަކު ޒާރާގެ އަތުގައި ހިފައި ހުއްޓުވުމުންނެވެ. އިސްއުފުލާ، ބަލައިލި އިރު، ކުރިމަތީގައި ހުރި އަފާން ފެނި، ޒާރާގެ ހިތް އަވަސްވިއެވެ.
ކެންޓީނަށް ވަންނަން ދިޔަ އަފާންއަށް ސިހުން ގެނުވީ ކުއްޖަކު އޭނާގެ ގައިގައި ޖެހުމުންނެވެ. އެއީ ޒާރާކަން ޔަޤީން ވުމާއެކު، އަފާން ވަގުތުން ޒާރާގެ އަތުގައި ހިފައި، ހުއްޓުވިއެވެ. އިސްޖަހައިލައިގެން ހުރި ޒާރާ އިސްއުފުލައިލާ، އޭނާއާއި ދިމާއަށް ބަލައިލިއެވެ. އެއާއެކު، ޒާރާގ ފެންކަޅިވެފައިވާ ދެލޯ ފެނި، އަފާންގެ މެޔަށް މީހަކު ފިތާލި ކަހަލަ އިޙުސާސެއް ކުރެވުނެވެ. ވަގުތުން ޒާރާ ގެނެސް އެ މޭތެރޭގައި ފޮރުވައިލާ، އެ ދެއަތުގެ ޙިމާޔަތް ދޭން އެވަގުތު ބޭނުންވީ އިންތިހާއަށެވެ.
“ޒާރާ.. ކިހިނެތްވީ..؟ ޒާރާ.. ބުނެބަލަ އަހަރެން ކައިރި.. ކަމެއް ވީތަ..؟ މީހަކު އެއްޗެކޭ ކީތަ…؟ ނޫނީ ކަމެއް ކުރީތަ..؟ ޒާރާ.. ބުނެބަލަ..” މިވަގުތު އެތަނުގައި މީހުން ތިބިކަންވެސް ހަނދާން ނައްތައިލަމުން އަފާންގެ ޒާރާގެ މޫނުގައި ދެއަތުން ހިފަހައްޓާ، ސުވާލު ކުރަން ފެށީ، ޒާރާ އެ ހާލުގައި ހުއްޓާ ބަލަން އެ ހިތަށް ކުޅަދާނަ ނުވުމުންނެވެ. ނަމަވެސް، އަފާންގެ އެ ޢަމަލުންވެސް ޒާރާއަށް މިވަގުތު އާދެވުނީ ރުޅިއެވެ. ހުރިހާ ކަމަކަށް އަފާން ކުށްވެރި ކުރެވުނެވެ. އޭނާގެ ދެލޮލުން މިއަދު ކަރުނަ އަންނަންވެސް ޖެހުނީ އަފާންއާއި ހެދިއެވެ. ޢުމުރުގެ ބޮޑު ބައެއް ވޭތުވެގެން ދިޔައީ އަފާންގެ ހަނދާނުގައެވެ. ހޭލާ ހުންނަ އިރު އެ ސިކުނޑީގައި އަފާން ނޫން ނަމެއް ނީނދެއެވެ. ނިދީމައި ހުވަފެނުންވެސް ފެންނީއެވެ. މަސައްކަތަށް ސަމާލުކަން ދޭ އިރަށް އެކަމަށްވެސް ހުރަސް އަޅަނީއެވެ. އަދި އެވަރުން ނުވެގެން އޭނާގެ އެންމެ ފުރަތަމަ ލޯބީގެ ހަދިޔާވެސް ޖަހައިގަނެފިއެވެ. ރެޔާ ދުވާލު އެ ނިމިގެން ދަނީ ހުސްވެސް އަފާންގެ ޚިޔާލުތައް އެ ސިކުނޑި ޚިޞާރު ކޮށްގެންނެވެ. އެކަމަށް އަފާންއަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ؟ ޒާރާގެ ދިރިއުޅުމުގައި އެގޮތަށް ޝާމިލްވުމުގެ ޙައްޤު އަފާންއަށް ދިނީ ކާކު ހެއްޔެވެ؟
ރުޅި އައިސް ރަތްވެފައި ހުރެ، ޒާރާ އަފާންގެ އަތް ފޮޅުވާލާފައި، އެތަނުން ދާން ހިނގައިގަތެވެ. ނަމަވެސް، އަފާން ވަކި މަޑުން ހުންނާނެ ހެއްޔެވެ؟ އޭނާވެސް ޒާރާގެ ފަހަތުން ދިޔައީ ޒާރާއަށް އެ ވެފައިވީ ކަމެއް ބަލާހިތުން ހުރި ވަރުންނެވެ. ޒާރާ ގޮސް ނުކުތީ ހޮސްޕިޓަލުގެ ފަހަތުގައިވާ ބޮޑު ބަގީޗާއަށެވެ. ޒާރާގެ ފަހަތުން އަފާންވެސް ދިޔައެވެ. އެތަނުގައި ހުރެގެން ޒާރާ ރޯތަން ބަލަން އެ ހިތަށް ކެތް ނުވުމުން އަފާން ގޮސް ޒާރާގެ އަތުގައި ހިފާ އޭނާއާއި ދިމާއަށް އަނބުރައިލިއެވެ. އަނެއްކާވެސް ވީ ކީއްތޯ އަފާން އަހައިލީ އޯގާތެރިކަމާ އެކީއެވެ.
“ހުއްޓާލަބަލަ އަފާން!! ކިހިނެތް ވެގެންތަ އަފާން ތި އުޅެނީ އޭނނ..؟! މި ހުރިހާ ދުވަހަކުވެސް އަހަރެން އެއްޗެކޭ ނުބުނެ މި ހުންނަނީ ތީ އަހަރެންގެ ބޮސްއަށް ވީތީ.. އެކަމަކު އޭގެ މާނައެއް ނޫން އަފާން ބޭނުންހާ ގޮތަކަށް ކަންތައް ކުރެވޭނެއެކޭއެއް!! އޭގެ މާނައެއް ނޫން އަފާން ހެދިހާ ގޮތެއް ހެދިގެން އަހަރެން ހުންނާނެއެކޭވެސް!!” ޒާރާގެ ވާހަކައިން އަފާންއަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އޭނާގެ ހިތުގައި އެވަގުތު ދިޔައީ އިންތިހާއަށް ވޭން އަޅަމުންނެވެ. އަފާންގެ ދެތުންފަތް ފޫއަޅުވާލާފައި މަޑު އާހެއް ބޭރުވެގެން ދިޔައީ އެ ހިތަށް ކެތްވާ ވަރު ނުވުމުންނެވެ.
“ޒާރާ.. ވެގެން އުޅޭ ގޮތެއް ބުނީމަ ދޯ އަހަންނަށްވެސް އިނގޭނީ..” އަފާން ބެލީ ވީހާވެސް ރީތިކޮށް ވާހަކަ ދެއްކޭތޯއެވެ. ނަމަވެސް، އެކަމުންވެސް ޒާރާ ގާތަށް އައީ ރުޅިއެވެ. “މިހާރު ދެން ކޮންމެހެން މާ ރީއްޗަށް ވާހަކަ ދައްކާނެ ކަމެއް ނެތް.. އަފާންއަށް ވީ ވަރު ކުޑަވެގެންތަ އަދިވެސް ތި އުޅެނީ..؟! އަފާން މީ މީގެ ފަސް އަހަރު ކުރިއެއް ނޫނޭ.. އަހަރުމެން މީ މިހާރު އޭރު ސްކޫލުގައި އުޅުނު ކުދިންނެއް ނޫނޭ.. އޭރު ތޮޅެޮޅެފަ އުޅުނަކަސް މިހާރު އެހެން އުޅޭކަށް ނުޖެހޭނެ.. މި ދެމެދުގަ ސީއީއޯ އަކާ އެމްޕްލޯޔީއާ އަކާ ދޭތެރޭގަ އޮންނަން ޖެހޭ ގުޅުން ފިޔަވާ އިތުރު ގުޅުމެއް އޮވެގެންވެސް ނުވާނެ.. އެކަމަކު މިހާރުވެސް އަފާން އެގޮތާ ޚިލާފަށް ކިތައް ފަހަރު ކަންތައް ކޮށްފިން..؟ މިވެނި ކަމެއް ނުކޮށްފިއްޔާ ވަޒީފާއިން ވަކިވާނޭ އެވެނި ކަމެއް ކޮށްފިއްޔާ މި ވާހަކަ ބައްޕައާއި ހިސާބަށް ދާނޭ ކިޔައިގެން އަފާންއަދި ކިހާ ދުވަހަކު ތިގޮތަށް އަހަންނަށް ބިރު ދައްކާނީ..؟! އޭނނ؟! ޔޫ ނޯވ ވަޓް..؟! އަފާން ނުޖެހޭނެ އަހަރެން ވަޒީފާއިން ވަކި ކުރާކަށް.. އަހަރެން އަމިއްލައަށް ވަކި ވެގެން ގޮސްދާނަމޭ!! ތިވަރަށް އަހަރެން ވަޒީފާއިން ވަކިކުރަން ބޭނުން ވިޔަސް ކޮންމެހެން ތިގޮތަށް ކަންތައް ކުރާކަށް ނުޖެހޭނެ..! ރީއްޗަށް ބުނީމަ އެވީ.. އަހަރެންނަށް އެހެން ތަނަކުން ވަޒީފާވެސް ހޯިދާނެ.. އަފާން ހީކުރީ އަހަރެން މީ އަފާން ބޭނުންހާ ގޮތެއް ހަދައިގެން ގެންގުޅެވޭނެ ކުޅޭކުޅޭ އެއްޗެކޭތަ..؟ އޭނ..؟! ތިވަރު ނުކުރިޔަސް އަހަންނަށް އެނގޭ އަފާން އަހަންނާއި މެދު ދެކެނީ ކިހާ ދަށް ފެންވަރެއްގެ މީހެއްގެ ގޮތުކައިކަން.. ތިވަރު ނުކުރިޔަސް އަހަރެން އަމިއްލައަށް ވަޒީފާއިން ވަކިވެގެން ގޮސްފާނަމޭ.. އަހަރެންވެސް ނޫޅެމޭ ކޮންމެހެން އަފާން ތި ޖަހާ ސަކަރާތުގަ އަފާން އާ ބައިވެރިވާ ހިތަކުންނެއް.. އަފާން ބޭނުންނާ ގޮތެއް ހަދައިގެން ގެންގުޅޭނޭ ކުޅޭކުޅޭ ބުދެއް ނޫނޭ އަހަރެން މީކީ.. އެއަށްވުރެ އަހަރެންގެ އަގު-” ޒާރާއަށް އެހާ ހިސާބަށް ބުނެފައި ހުއްޓައިލަން މަޖުބޫރުވީ އަފާން އޭނާގެ އަތުގެ މުލައްދަނޑީގައި ހިފާފައި، އޭނާއާއި ގާތަށް ދަމާލުމުންނެވެ.
އެއަށްފަހު އަފާން ގެނައި ކުއްލި ހަރަކާތާއި އެކު ޒާރާއަށް ދެލޯ ބޮޑުކޮށްލެވުނީ އެފަދަ ކަމަކަށް އުއްމީދުވެސް ނުކޮށް ހުއްޓާ އެހެން ވުމުންނެވެ. ކުރާނެ ކަމެއް، ހަދާނެ ގޮތެއް، ބުނާނެ އެއްޗެއް ނޭނގިފައި ހުރި ޒާރާއަށް ހުރި ގޮތަށް ހުރެވުނީއެވެ. ނަމަވެސް، ދެންވެސް އަފާން ހުއްޓާކަށް ނޫޅުނެވެ. އެގޮތުގައި ތިރީހަކަށް ސިކުންތު ހޭދަވުމާއެކު ޒާރާ އަފާންގެ މޭގައި އަޅާ، ދުރަށް ކޮއްޕައިލިއެވެ. އެއަށްފަހު، މާނޭވާ ލަމުން އަފާންއާއި ދިމާލަށް ބަލައިލީ ރުޅިވެރިކަމުން ފުރިގެންވާ ނަޒަރަކުންނެވެ. “އަފާން ކީކޭ ހިތަށް އަރައިގެންތަ ތި އުޅެނީ..؟! ހަމަ ކަމެއް ވާ އިރަށް އެކަމުގެ ހައްލަކީ މީތަ..؟! އެހެންނޫނަސް މިކަހަލަ ކަމެއް ކުރާހާ އަހަރެމެންގެ ގުޅުން ވަރުގަދައެއް ނޫން.. އެކަހަލަ ގުޅުމެއް އަހަރެމެން ދެމީހުންގެ މެދުގައި ނުވެސް އޮވޭ.. ދެން އަފާން ކީކޭ ހިތަށް އަރައިގެންތަ-”
“ޑޭމިޓް.. އައި ލަވް ޔޫ ޒާރާ..” ޒާރާގެ ޖުމްލަ މެދުކަނޑައިލުމަށްފަހު، އަފާން ބުނެލީ އިތުރަށް އެހިތަށް ކެތް ނުވުމުންނެވެ. ވާ ވަރަށް ޒާރާ އޭނާއާއި ދިމާލަށް އެއްޗެހި ކިޔައިފިއެވެ. ވާ ވަރަށް އޭނާގެ ބޮލުގައި އެތައް ދޮގު އިލްޒާމުތަކެއް އަޅުވައިފިއެވެ. އެވަރުން ނުވެގެން ޒާރާ ކާމިޔާބު ކުރަން އޭނާ އަޅާ ކޮންމެ ފިޔަވަޅަކަށް ޖޯކުވެސް ޖަަހައިފިއެވެ. ކެތް ވާނީ އެވަރަކަށް ނޫން ހެއްޔެވެ؟
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.







MAAAI KAMU🤦♀️🤦♀️🤦♀️
zaaraaaaa!!!! thihen hadhaakah nuvaane nun…??????????????? afaan haadha dhera vaane eyyy…. EEYY AFAAAN ANEHHHKAA OKAY THA… NASEEBEHHNUN LOABI HUSHAELHIKAN VX… eyyi zaaraaaa… dhenves afaan kairi bunebala dhww i love you too eyyy….. anehhkaa mihen bunyma kankashi matheega bodieh veehlailaanee kee eh noon…. mi kuhjja fulhu vx dhww.. hama yannu haa gamaaru kuhjeh…. 🤭🤭🤭🤫
oops- i did not say thattt…. hahahahahha😂😂😂😂 kaley neyy ma mi hunnanee haadha hype ga eyyy…
mibaiga shiyal ge scene eh netheema tha hama huvaaa (breathes in… exhale…..) phew… okayy… me is cool… ehennn nooni nubai ihcheh bunevi dhaaneee…..
eyyyy thiyeh nooneyyyy ma buny.. kon nukuhdhuvee eh eyni… yaasiru nukuhdhuvee ey innyma magey hithah araifi kohchekey baavaeyyy meeni hahahaha….😭😭😭😂😂😂
thi eh noooney yaasi be ah mageyyy salaannn.. **SALUTE** thee hama 1 in 1000000 meeheh..
nethey hureveykasheh burooooo…. ma kendyy adhi eboiyyy vhk liyan vx magolaa vhk liyumuge mubaaraathuga baiveri vegenn.. eyy maej baiveri vin tha this malim moosa maafaiy kilege faanuge handhaanugaa beyyhvey gaumee vhk liyumuge mubaaraathuga.. vrh kurin vx ehin kanne… anyways…. ma eyga baiveri vegen mihaaru miulheny vhk liyan jahhsaigen.. its not even typing… hama athuliyumun liyan jehenyy… ekm vx baiveri vee…
aaaaan dhiyaieee… byeee love youuu dhonnaaaaaaaaa miss you bodu bodu kohh…❤❤❤❤❤❤❤❤❤❣❣❣❣💕💕💕💕💞💞💞💞💞💞💓💓💓💓💓💓💗💗💗💗💗💖💖💖💖💖💖💘💘💘💘💝💝💝💝💝♥
adhi thieh nooneyyy… vrh bodu vhk eh eboiyy kiyaidheyyyn ekm mahsakah neyge eythi yannu ah kiyaidheyne gothehhh….. im dying brooooo…. this is making me craaazyyyyyyyyyy😣😣😣😣😣😣🤯🤯🤯🤯🤯🤯😨😨😨😨😨😨😨😲😲😲😲😲😲😲😲
In reply to @His Beastess
Ahahahahahah manjeyyyyy mi cmnt kiyaalaafa hama heehee bindhijje 🤣🤣🤣🤣
Eyyyy I’m not gamaaru ingeyyyyyy!!!!!! You are gamaaru.. Haha
Manje thee abadhuves hype ga hunna meehennu.. Lol
Eyyyy that competition dhww.. Yeah I also participated.. Audition in vs hovunu.. Hehe.. And not only that.. Al Usthaaz Muhammed Jameel Didi ge vaadhaige thahtah baavvaa mazumoonu liyumuge qaumee mubaaraathaa, Huiy Ali Didi ge handhaanee vaadhaige thahtah baavvaa lhen hedhumuge qaumee mubaaraathah vs hovunu.. Mi rashuga othy.. Insha Allah lau ah vs vana eh libeyne.. Dhonaa dhuaa kohdheynan ingey.. Keep working hard.. Insha Allah kaamiyaabu vaane🖤🖤🖤
Hii Shaayannnn.. i I missed u v bodah.
N oh my god. This story is so niceee.. eyye n miadhu ekkoh mi kii mi story.
I feel so bad for Milaan n Yaina😢💔
But afaan n zaaraa😂💜 so cute
N shiyal🤬🤬🤬
Anyways waiting for next part. Hes kiyaafa salhi mi story 💜