” މީގައި ހުންނާނެ ކޮއްކޮގެ ހެދުން. ބުނީމެއްނު މި ކޮޓަރި މަށަށޭ. އެހެންވެ އަހަރެން މި އެއްޗިހި އަޅައިދިނީ ކޮއްކޮ އެހެން ކޮޓަރިއަކަށް ބަދަލުވާތީ. އެހެން އެއްޗިހި ކޮއްކޮ އަމިއްލައަށް ގެންދޭ. ” ވަފްދާ ބުނެލިއެވެ.
ވަރުދާ ހުރީ ހައިރާންވެފައެވެ. ތެދެކެވެ. ކޮޓަރި ވަރުދާ ދިނެވެ. އެކަމު ވަރުދާ ބޭރަށް ނިކުމެލާއިރަށް އަވަހަށް އޭނަ ކޮޓަރިން ނިކުއްމުވަން ފޮށި ތައްޔާރުކޮށްގެން އޭނަގެ ދައްތަ އިންނާނެކަމެއް ނޭނގެއެވެ. އެހައި ކެތްމަދުވެ އަވަސްއަރުވައިލައިގެން ކޮޓަރިން ވަރުދާ ނިކުމުއްވަން އުޅޭނެކަމަކަށް ހިއެއްނުކުރެއެވެ. ވަރުދާވަނީ ވަފްދާއަށް އެ ކޮޓަރި ދީފައި ނޫންހެއްޔެވެ؟ ކުރިން ވަފްދާ ބުނީ ކީކޭހެއްޔެވެ؟
” ޝުކުރިއްޔާ” ވަރުދާ ދެރަވެފައެވެ. ހިތުގައި ޖެހިފައެވެ. ނަމަވެސް އެންމެ ރަގަޅެވެ. ވަރުދާ އެހުރީ މިހާރުން މިހާރަށްވެސް ކޮޓަރިދޭ ގޮތަށެވެ. ވަރުދާ ވަފްދާދެކެ ނުހަނު ލޯބިވެއެވެ. ވަރުދާ އެ ފޮށީގެ އަތްގަނޑުގައި ހުޅުވައިލައި އެ ފޮށި ވަފްދާ ކޮޓަރިއަށް ގެންދިޔައެވެ. އެ ކޮޓަރިއަށް ބަދަލުވުމަށްޓަކައެވެ. ވަރުދާ ގޮސް ބެޑްމަތީ އިށީނނެވެ. ލޮލުން ކަރުނަ އަންނަންފެށިއެވެ. ގިސްލެވުނެވެ. ޝިހާމްއަށް އޭނަގެ ދަރިފުޅު ރޯތަން ފެނި ވަރަށް އަސަރުކުރިއެވެ. ވީ ކީއްތޯ ބަލައި އޮޅުން ފިލުވިއެވެ. ޝިހާމް އަވަހަށް ގޮސް ވަފްދާއަށް ގޮވަންފެށިއެވެ. ވަފްދާ ދޮރުހުލުވިއެވެ.
” ކިހިނެތްވީ ބައްޕާ؟” ވަރަށް މަޑުމައިތިރިކަމާއެކު ވަފްދާ އެހިއެވެ. ” ދަރިފުޅު ތިކަންތައް ކުރީ ރަނގަޅަކަށް ނޫން.
ކޮއްކޮއާއި ދޭތެރޭ ތިހެންކަންތައް ކުރަންވެދާނެތަ؟” ޝިހާމް ހުރީ ވަރަށް ރުޅިއައިސްފައެވެ.
” ކިހިނެތްތަ ވެގެން މިއުޅެނީ؟ ވަރުދާއާއި ދިމައަށް ކޮން ހަޅޭކެއް ތި ލަވަނީ؟ މާލެއިން އޭނަ ގެނައީ އޭނަޔާއި ދިމައަށް ހަޅޭއްލަވަންތަ؟ ނާހިދާ ހުރީ މާ ރުޅިއައިސްފައެވެ. ދަރިފުޅު މާލެއިން އެނބުރިއައިއްސުރެ ނާހިދާ ހުރީ އުފަލުން ފޮޅިފައެވެ. އެހެންވެ އެވަގުތު ވަރަށް ރުޅި އާދެވުނެވެ. ވަފްދާދެކެ ކުރިންވެސް ނާހިދާ މާލޯބިވެއެވެ.
” ނާހިދާ ވަރުދާ ކެފޭ އިން އައިއިރު ވަފްދާ އިނީ ފޮށްޓަކަށް ހެދުން އަޅައިގެން ކޮޓަރިން އޭނަ އަވަހަށް ނުކުއްމުވަން” ޝިހާމް ކިޔައިދިނެވެ.
” އޭނަ ދިނީ އަހަރެންނަށް ކޮޓަރި”ވަފްދާ ބުނެލިއެވެ.
“ދީފަވާއިރު އަވަހަށް ނިކުއްމުވަންވޭތަ؟” ޝިހާމް ބުނެލިއެވެ.
” ވަރުދާގެ މައްސަލައެއްނެތިއްޔާ ޝިހާމްގެ މައްސަލައަކީ ކޮބާ؟ ވަފްދާއާއި ދިމައަށް ތި ގޮތަށް ހަޅޭއްލަވައިގެންނުވާނެ.” ނާހިދާގެ ރުޅިގަދަވިއެވެ. ވަރުދާ ހުރީ ރޮވިފައި ކޮޓަރި ދޮރުކައިރީ މަންމައާއި ބައްޕަ ރުޅިއައިސް ޒުވާބު ކުރާތަން ބަލާށެވެ. މީގެ ކުރިން މަންމައާއި ބައްޕަ އެހާއި ރުޅިއައިސް ޒުވާބުކުރާތީއެއް ވަރުދާއެއް ނުދެކެއެވެ.
އާ ހެނދުނަކަށް އިރު އަރައިފިޔެވެ. އިރުގެ އަލިދޯދިތަކުން ދުނިޔެއަށް އަލިކޮށްފިއެވެ. މަޑުމަޑުން ރުއް ގަސް ހެލިލައެވެ. ދެތިން ފިޔަވަޅެއްއަޅައި ކާޅު އުދުހިލައެވެ.
ނާހިދާ ފިހާރައަކަށް ގޮސް އެބައާދެއެވެ. މަގުމަތީން މީހަކު ނުފެނެއެވެ. ނާހިދާ ހިތަށް އެރިއެވެ. ހޭލައި މިއުޅެނީ އަދި ހަމައެކަނި މަށާއި ދެންމެ ބައްދަލުވި ފިހާރައިގެ ސޭޓުބާވައެވެ. މިހެން ހިތަށް އަރައި ހުއްޓައި ރައްޓެއްސަކު ގޮވައިލިއެވެ. ދެން ދެމީހުން ވާހަކަކޮޅެއްގައި ޖެހިއްޖެއެވެ.
ދެން އެ ވާހަކައެއް ދެއްކުމަށްފަހު ގެޔަށް ދާން ހިނގައިގަތެވެ. ގެޔަށް ގޮސް ބަދިގެޔަށް ވަނެވެ. އަދި އަތުގައި އޮތް ކޮތަޅުގައި އޮތް އޮށްދަޅާއި މަސްދަޅު ނެގިއެވެ.
ފިޔަލާއި ހިނކަދިފަތާއި ލޮނުމެދުކޮށަންފެށިއެވެ. ތަވާގައި ތެޔޮކޮޅެއް ހޫނުކޮށް ފިޔާކޮޅު އޭގެތެރެއަށް އަޅައިލިއެވެ.
ވަރުދާއަށް ހޭލެވިއްޖެއެވެ. ކޮޓަރިއަށް ނަޒަރު ހިންގައިލެވުނެވެ. އެހެން ކޮޓަރިއެއްވީމައި އެހެންޏާ ނިދާ އެނދު ނޫން އެހެން އެނދެއްވީމައި ކުރެވުނީ އެހެން އިޙްސާސެކެވެ. އެހެންނަވެސް އެންމެ ރަގަޅެވެ. މައްސަލައެއް ނެތެވެ. ކޮޓަރި ދިނީ ދައްތައަށެވެ. ނުދަންނަ ދުރު ހިލޭ މީހަކަށްނޫނެވެ. ދައްތައަށްޓަކައި ކޮންމެއެއްޗެއްވެސް ގުރުބާނެވެ. ވަރުދާ ދެލޯ އުނގުޅަމުން ފާހާނާއަށް ވަނެވެ.
ވަރުދާ އާއި ވަފްދާ ހޭލައި ބަދިގެފަރާތަށް އައިއިރު ފިޔަލާއި ހިނކަދިފަތާއި ޓޮމާތޯ އާއި ދަޅުމަހާއި ބީންސް އާއި އެކި ވަސްތައް އެކުވެ މުޅިތަން ދިޔައީ އެއްވަސްވެގެންނެވެ. ނޭފަތަށް އެ ހުރިހާ ވަހެއް ވަނުމުން ނޭފަތް ވަހުގެ ބާރުން ހިޕްނޮޓައިޡްވި ކަހަލައެވެ. ވަރުދާ އާއި ވަފްދާ ކާމޭޒުދޮށުގައި އިށީނދެއްޖެއެވެ. ނާހިދާ އޮށްދަޅު ހަދައި ނިންމައިލިއެވެ. ރޮށިތައްވެސް ހުރީ ފިހެވިފައެވެ. މޭޒުމަތި ސަޔަށް ރީތިކޮށް ތަރުތީބުކޮށް ތައްޔާރުކޮށްލިއެވެ.
” މަންމަ ބެސްޓު އިނގޭ. ހަނދާން އެބަހުރިދޯ އެންމެ މީރީ އޮށްދަޅުކަން” ވަފްދާ ބުނެލިއެވެ. ” ކިހިނެތް ހަނދާންނެތޭނީ؟” ނާހިދާ ބުނެލިއެވެ. ” މަންމާ ބައްޕަ ނުހޭލަނީތަ؟” ވަރުދާއަށް އަހައިލެވުނެވެ. ” ހޭލައިގެން އަންނާނެއްނު ސައިބޯން މިތަނަށް” ނާހިދާ ގެ އަޑުހުރިގޮތުން ހީވަނީ އަދިވެސް ރޭގެ ރުޅިގަނޑު އެބައޮތްހެންނެވެ. ރުޅި އައިސް އެހުރީ ޝިހާމްދެކެކަމެއް ވަރުދާދެކެކަމެއް ވަރުދާއަކަށް ރަގަޅަކަށް ނޭނގެއެވެ. ވަރުދާ އާއި ވަފްދާ ﷲގެ އިސްމުފުޅުގަނެ ހެނދުނުގެ ނާސްތާ ކުރަންފެށިއެވެ.
“އޫމްމްމް” ވަފްދާއަށް ވަރަށް މީރުވިއެވެ. ” ދައްތާ ހިނގާ ސައިބޮއެގެން ކޮންމެވެސް ތާކަށް ގޮސްލަން” ވަރުދާ އެދުނެވެ. ވަފްދާ ވަކި އެއްޗެއްނުބުނެ އިރުކޮޅެއްވިއެވެ. އެވަގުތު ދެކުދިންގެ ބައްޕަ ޝިހާމް އައެވެ. ޝިހާމް ވަފްދާ ގާތު އިށީނދެއްޖެއެވެ. ” ނާހިދާ ސައިއަޅާދީބަލަ” ޝިހާމް އެދުނެވެ. ނާހިދާ ސައިފޮދެއް އެޅިއެވެ. ” ކޮންތާކަށް” ފޫހިކަމާއިއެކު ވަފްދާ ބުނެލިއެވެ.
” އައްދެ. ކިހިނެތްވީ؟ މަށާއެކު ތާކަށް ދާން ބޭނުންނުވަނީތަ؟” ވަރުދާ ބުނެލިއެވެ. ” ރަގަޅަށް ތި ބުނީ. އަހަރެން ކަލެޔާއިއެކު އެއްވެސް ތާކަށް ދާކަށް ބޭނުމެއްނޫން.” ވަފްދާގެ ހިތުން ބުނެލިއެވެ. ” ހިނގާ ތުނޑިއަށް ދާން. ކުރިން އަލްތާފްއާއި ބައްދަލުކޮށް އުޅުނީ ތުނޑިންނޭ” ވަރުދާ ހެވިލައި ބުނެލިއެވެ. ” ދެން އެހެންވިއްޔާ އަލްތާފް ގޮވައިގެން ދާންވީނު” ވަފްދާ ފާޑަކަށް ބުނެލިއެވެ.
” އާނ އަލްތާފްވެސް ގޮވައިގެން ދާންވީ. ދައްތަވެސް ވާނެ އަލްތާފް ރައްޓެހިވާން” ވަރުދާ ބުނެލިއެވެ. ވަރުދާ މިހެން ބުނުމުން ވަފްދާ އުފާވިއެވެ. ޝައުޤުވެރިވިއެވެ. ދާ ހިތްވިއެވެ. އެކަމަކު އެކަމެއް ވަރުދާޔަށް ފާހަގަވިޔަކަ ނުދިނެއެވެ.
” އަހަރެން ގެންދިޔައިމަ އަލްތާފް އާއި ކޮއްކޮ ކިހިނެތް މަޖާކުރާނީ؟” ވަފްދާ ބުނެލިއެވެ. ” އެއީ ކީއްވެ މަޖާ ނުކުރެވެންވީ؟” ވަރުދާ ބުނެލިއެވެ.
އަލްތާފް އާއި އަފާފް ސައިބޮނީއެވެ. އެގޭގައި ހެނދުނުގެ ނާސްތާއަށް ހުރީ ފަތްމަސްހުންޏެވެ. އާމިނާ ހިންދީ ފިލްމެއްއަޅުވައިލައިގެން ޓީވީދޮށުގައި އިނެވެ. އަލްތާފްގެ ކޮޓަރިން ފޯނެއް ރިންގްވާއަޑު އާމިނާގެ ކަންފަތަށް އިވެންފެށިއެވެ. އާމިނާ އަލްތާފް ކޮޓާރިއަށް ވަނެވެ. ފޯނު އޮތީ އެނދުމަތީއެވެ. ގުޅަނީ ވަރުދާއެވެ. އާމިނާ ފޯނު ނަގަން ނުނަގަން ހިތަށް އަރައި ފޯނަށް ބަލަހައްޓައިގެން ހުއްޓެވެ.
ފޯނު ކެނޑިއްޖެއެވެ. އަނެއްކާ ވަރުދާ ގުޅަން ފެށިއެވެ. މިފަހަރު އާމިނާ ފޯނު ކަނޑާލީއެވެ.

