ކޮންމެއަކަސް، ކުރިއަށް ކަންތައް ވާނޭ ގޮތެއް ނޭނގޭ ޙާލު ކޮންމެ މީހަކުވެސް ދިޔައީ އެމީހެއްގެ ދިރިއުޅުން އާރާސްތު ކުރެވޭތޯ ބަލަމުންނެވެ. ބުރަ މަސައްކަތާއި އެކީ ހޯދުނު ރަނގަޅު ނަތީޖާއިން ޔައިނާއަށް ސްކޮލަރޝިޕެއް ލިބުމުން އުފާވި ނަމަވެސް، ބައްޕައާއިި، މިލާންއާއި ވަކިވާން ޖެހޭތީ އެ ހިތަށް ފުރިހަމަ ހަމަޖެހުމެއް ނުލިބެއެވެ. މިލާންވެސް އޭނާގެ މިޔުޒިކް ކެރިއަރ ބައްޓަން ކުރުމުގެ މަސައްކަތް ފެއްޓި އިރު، ލައުރާގެ މިސްރާބަކަށްވީ އާރޓް އެންޑް ޑިޒައިނިން ކޮލެޖަކަށް ދިޔުމެވެ. އަފާންއާއި ޒާރާވެސް ދެ މަގަކުން ހިނގަން ޖެހުނު އިރު، އެ ދެ ހިތުގެ ޙާލު އަދިވެސް ވީ އެކަކު އަނެކަކަށް ވަންހަނާ ކުރެވިފައެވެ. ޒާރާ ނަރސިން ކޯހެއް ހަދަން ވެގެން ކައިރި ރަށަކަށް ފުރި އިރު، ބިޒްނަސްގެ ދާއިރާއިން ކިޔެވުމަށް، އަފާން ޖެހުނީ މާލެއަށް ދާށެވެ. އެކަކު އަނެކަކާއި ވަކިވާން ޖެހޭ ދުވަސް ކައިރި ވަމުން އަންނަ ވަރަކަށް މިލާންއާއި ޔައިނާގެ ހިތްވެސް ދިޔައީ ނުތަނަވަސް ވަމުންނެވެ.
*** ** ***
ތުނޑީގައި ހުރި ހޮޅުއަށިމަތީގައި އިށީނދެގެން އިން މިލާންގެ ނަޒަރު ހުއްޓިފައިވަނީ ބިއްލޫރިކޮޅެއް ފަދަ ސާފު ނޫކުލައިގެ މޫދަށެވެ. ސިކުނޑީގައި އުފެދިފައިވާ ހައިޖާނުގަނޑުން ދުރުވުމަށް މިލާން ދިޔައީ ޖެހޭ ފިނި ރޯޅިއާއި، ފެންނަމުން ދިޔަ ހިތްގައިމު ޤުދުރަތީ މަންޒަރުގެ ފުރިހަމަކަމުން ހިތްހަމަޖެހުން ހޯދަމުންނެވެ.
“ލަވް..” މިލާންއަށް ހޭވެރިކަމެއްވީ ފަހަތުން އައިސް އޭނާގެ ކަރުގައި މީހަކު އޮޅުލައިގަތުމުންނެވެ. ޔައިނާގެ ލޯބި އަޑު ކަންފަތުގައި ޖެހުމުން މިލާންއަށް ހީލެވުނެވެ. “ކީއްވެ މިތާ އެކަނި..؟” ޔައިނާ އެއްސެވެ. “ކަމެއް ނުވޭ.. ހަމަ އަންނަ ހިތްވީމަ އައިސްލީ..” މިލާން ޖަވާބު ދިނެވެ. ނަމަވެސް، ޔައިނާއަސް މިލާން ވިސްނަމުން އެދާ ކަންތައްވެސް ވަރަށް ރަނގަޅަށް އެނގެއެވެ. އޭނާގެ ސަބަބުން މިލާންގެ ހިތް ނުތަނަވަސްކަމާއި ކުރިމަތިލާން ޖެހޭތީ ޔައިނާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ.
“މިން.. އަހަރެން ދާން ޖެހޭ ދުވަސް ކައިރިވާތީ އެކަމާ ވިސްނަނީ ދޯ..” މިލާންގެ ކޯތާފަތުގައި ހިފާލަމުން ޔައިނާ މިލާންގެ މޫނު އޭނާއާވީ ދިމާލަށް އަނބުރައިލިއެވެ. ޔައިނާގެ ލޮލާއި ލޯ ހަމަވުމުން މިލާންއަށް އޭނާގެ އިޙުސާސްތަކެއް ނުހިފެއްޓުނެވެ. އެ ދެލޯ ކަރުނުން ފުރުނީ އިރުކޮޅެއްގެ ތެރޭގައެވެ.
“އަޅޭ ލަވް.. ނުރޯނޭ.. އަހަރެން އަންނާނަމޭ ވަރަށް އަވަށް.. އިރާދަކުރެއްވިއްޔާ ދުނިޔޭގެ އެއްވެސް ބާރަކަށް އަހަރެމެން ދުރެއް ނުކުރެވޭނެ.. އެއަށްވުރެ މާ މާ މާ ބޮޑަށް އަހަރެން މިން ދެކެ ލޯބިވޭ..” މިލާންގެ ދެލޯ ކަރުނުން ފުރިގެން ދިޔަ މަންޒަރު ބަލަން ޔައިނާއަށް ކެތެއް ނުކުރެވުނެވެ. ވަގުތުން މިލާންގެ ގައިގައި ބައްދާލެވުނު އިރު ޔައިނާގެ ދެލޯވެސް ވީ ފެންކަޅިވެފައެވެ. “އަހަރެން ވަރަށް މިސްވާނެ އިނާ މަތިން.. ވަރަށް ވަރަށް މިސްވާނެ..” ޔައިނާގެ ކަނދުރާގައި މޫނު ފޮރުވައިލަމުން މިލާން ބުނެލިއެވެ. ރޮވިފައި ވުމުގެ ސަބަބުން އެ އަޑު ވީ ކުރެހިފައެވެ.
“އަހަރެން މާ ބޮޑަށް މިސްވާނެ މިން މަތިން..” މިލާންއާ ދުރުވެލަމުން ޔައިނާ ބުނެލިއެވެ. ނަމަވެސް، އެކަން ނުކުރެވުނީ ކުރިޔަށް ވުރެ ބާރަށް މިލާން ޔައިނާގެ ގައިގައި ބައްދާލުމުންނެވެ. “އަދި އިރުކޮޅެއް.. ޕްލީޒް.. ދެން ނޭނގެއެއްނު އަހަންނަށް އިނާގެ ގައިގަ މިހެން ބައްދާލެވޭނީ ކޮން އިރަކުން ކަމެއްވެސް..” މިލާންގެ އަޑުގައި ވީ ހިތާމަވެރިކަމެވެ. “އަޅޭ.. އިރާދަކުރެއްވިއްޔާ އަހަރެމެން ވަރަށް އަވަހަށް އަދި ދިމާވާނެ.. އެ ދުވަހަކުން އަހަރެން މިންގެ ގައިގަ ވަރަށް ބާރަށް ބައްދާލާނަން.. މިންއާ ދުރުގަ ހޭދަކުރެވުނު ހުރިހާ ދުވަސްތަކަކަށް ވާ ވަރަށް އަހަރެން މިންއަށް ލޯބި ދޭނަން.. އައި ޕްރޮމިޒް..” ޔައިނާގެ ލޯބި، މައުސޫމް ބަސްތަކުން މިލާންއަށް ހީލެވުނެވެ. އެގޮތުގައި ފަސްވަރަކަށް މިނެޓު ތިބުމަށްފަހު، ދެމީހުންވެސް އެކަކު އަނެކަކާ ދުރުވެލިއެވެ.
“އަހަރެން އަންނަންދެން މިލާން އަހަންނަށް އިންތިޒާރު ކުރާނަން ދޯ..؟” މިލާންގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ޔައިނާ އަހައިލިއެވެ. “އޮފްކޯރޒް.. އިނާ އަންނަންދެން އަހަރެން ކޮންމެ ދުވަހެއްވެސް ހޭދަ ކުރާނީ އިނާގެ ހަނދާނުގަ..” މިލާން ޔަޤީންކަން ދިނެވެ. “އަހަރެން ދިޔުމަށްފަހު، މިންއަށް އެހެން ކުއްޖެއް ދެކެ-” ޔައިނާ ބުނަން އުޅުނު ބަސް ފުރިހަމަ ނުކުރެވުނީ މިލާން ޝަހާދަތް އިނގިލި ގެންގޮސް ޔައިނާގެ ތުންފަތުގައި ޖައްސައިލުމުންނެވެ. “ޝްޝްޝް.. އެހެންނެއް ނުވާނޭ.. އިނާ ނޫން އެއްވެސް ފަރާތަކަށް ދުވަހަކުވެސް އަހަރެންގެ ހިތުން ޖާގައެއް ނުދެވޭނެ.. މި ހިތގަ އެހެން އަންހެން ކުއްޖެއްގެ ނަން ލިޔެވޭ ވަރަށް ވުރެ މާ ބޮޑަށް އިނާގެ ނަން ވަނީ ފެވިފަ.. އިނާ އަހަންނަށް އިތުބާރު ކުރަންތަ..؟” މިލާން ކޮށްލި ސުވާލަށް ޔައިނާ ބޯ ޖަހައިލީ ޔަޤީންކަމާއި އެކުއެވެ. “އެހެންވީރު އަހަރެންވެސް އިނާއަށް ހަމަ އެހާ ވަރަށް އިތުބާރު ކުރާނަން.. އިނާ އަންނަންދެން އަހަރެން ކެތްތެރިކަމާއެކީ އިނާއަށް އިންތިޒާރު ކުރާނަން.. މީ އަހަރެން ވާ ވައުދެއް..” ޔައިނާ ދެ އަތްތިލައިގައި ހިފައިލަމުން މިލާން ބުނެލި ވާހަކައިން ޔައިނާގެ ހިތަށް ފިނިކަން ލިބުނެވެ. ހިނިތުންވެވުނު އިރު އެ ހިތުގައިވީ ނުތަނަވަސްކަމަށް ލުޔެއްވެސް ލިބުނެވެ. “އަހަރެންވެސް.. އަބަދުވެސް ކެތްތެރިކަމާއެކީ މިންއަށް ވަފާތެރިވުމުގައި ދެމިހުންނާނަން.. މިލާން އަހަންނަށް އިތުބާރު ކުރައްޗޭ..” ޔައިނާގެ ވާހަކައަށް މިލާންވެސް ބޯ ޖަހައިލީ ހިނިތުންވަމުންނެވެ.
“އޯކޭ ދެން.. އެވާހަކަ ނުދައްކަމާ.. އިނާ ދިޔުމުގެ ކުރިން ވީ ޝުޑް މޭކް ސަމް އަންފޮރގެޓެބްލް މެމޮރީސް.. ދެރަވެފަ ހުރެގެން އެކަމެއް ނުކުރެވޭނު.. ސޯ ގިވް މީ އަ ހެޕީ ސްމައިލް..” ޔައިނާގެ ދަތްދޮޅީގައި ހިފައިލަމުން މިލާން ހިނިތުންވެލިއެވެ. ބަދަލުގައި ޔައިނާވެސް ލުއި ހުނުމަކާއި އެކީ ބޯ ޖަހައިލިއެވެ. ދެމީހުންވެސް އެކަކު އަނެކަކާއި އެކު ވަގުތު ހޭދަކުރަމުން ދިޔައީ މިގޮތަށް ދެން އެކީގައި ވަގުތު ހޭދަކުރަން ލިބޭނީ ކޮން އިރަކުން ކަމެއް ނޭނގޭތީއެވެ. އެގޮތުގައި ދެމީހުން ތިއްބާ އެވަގުތުކޮޅަށް ނިމުމެއް އައީ މިލާންގެ ފޯނަށް މީހަކު ގުޅުމުންނެވެ. ކުދި ކިޔަމުން މިލާން ފޯނު ނަގައި ކޯލަރ އައިޑީއަށް ބަލައިލިއެވެ.
ފޯނަށް އަރާފައި އިން އަފާންގެ ނަން ފެނިފައި މިލާންއަށް ކުސް ތަޅައިލެވުނެވެ. “މި އަފޭއަށްވެސް ގުޅަން އެނގޭނީ އެންމެ ކަޑަ ގަޑިގަޑީގަ..” އަފާންއާ ދިމާލަށް ކުދި ކިޔައިގަންނަމުން މިލާން ފޯނު ނެގިއެވެ. މިލާންގެ ޢަމަލުތަކުން ޔައިނާއަށް ނުހީ ނީނދެވުނެވެ.
“ހޯނ.. ކިހިނެކޭ ވީ..؟ ކައެ އަށް ގުޅަންވެސް އިނގެނީ މަ އެންމެ ބިޒީ ގަޑީގައޭ ދޯ..” ފޯނު ނަގައި ކަންފަތުގައި ޖަހައިލަމުން މިލާން ކުދި ކިޔައިގަތެވެ. “ކައެ ބިޒީވަނީ ކޮންކަމަކާ.؟ ޔައިނާއާ އެކީ މާފޮޅުވަން..؟” ހިނިގަނޑެއް ޖަހައިލަމުން އަފާން ރައްދު ދިނެވެ. “އެއީވެސް ކުރަން ޖެހޭ ކަމެކޭ.. އަފާންއަށްވެސް އެނގޭނީ މީހަކާ ރައްޓެހި ވެވުނީމަ.. ހާދަ ފޮނި އިހުސާސެކޭ އެއީ..” އެހެން ބުނެފައި މިލާންއަށް ހުއްޓެވުނެވެ. އޭރު ޔައިނާގެ މޫނުމަތީގައިވެސް ވީ ކަންބޮޑުވުމުގެ އަސަރުތަކެވެ. އަފާން ހިތަށް އަރާފާނެ އެއްޗަކާ ދޭތެރޭ މިލާންއަށް ވިސްނައިލެވުނީ އަދި ކިރިޔާއެވެ. ހަމަހިމޭންކަމުގެ ސުކޫތެއް ހިނދުކޮޅަކަށް ވެރިވި ފަދައެވެ. އެކޮޅުން އަފާންގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނު އިރު މިލާންއާއި ޔައިނާވެސް ތިބީ އެއްޗެއް ބުނަން ނުކެރިފައެވެ.
“އެންމެން މިލާންހާ ނަސީބު ގަދައެއް ނުވާނެ..” ކިތަންމެ މަޑުން އަފާން ބުނެލި ނަމަވެސް މިލާންއަށާއި ޔައިނާއަށް ވަރަށް ސާފުކޮށް އެ އަޑު އިވުނެވެ. “އަފާން.. މީ.. ސޮރީ ވަރަށް ބޮޑަށް.. މަ އެހެން ބުނި އެއްޗެއް ނޫން..” މިލާން އެހެން ބުނުމުން އަފާންގެ ލުއި ހުނުމުގެ އަޑު އައީ ވޭނާއި އެކުވެގެންނެވެ. “އެ އޯކޭވާނެ.. ދެން… ވާން ހުރި ކަމެއް ވާނެތާ ދޯ.. އެނީވޭސް.. މަގޭ ވާހަކައެއް ނޫނޭ.. މި ގުޅާލީ ޔައި މާދަމާ މާލެ އަންނަން އުޅޭ ޚަބަރު ލިބިގެން.. ކޮން އިރަކުން ކެނެޑާއަށް ފުރަނީ..؟” އަފާން އެއްސެވެ. “އާނ.. މާދަމާ ގަދަ ނޫނިއްޔާ މާލެ ދާނެ.. ހަމަ އޭގެ އަނެއް ދުވަހުން ކެނެޑާއަށް ދާން ފުރާނެ..” މިލާން ޖަވާބުދާރީ ވިއެވެ. “އޯހ.. އޯކޭ.. މިލާން އަންނަންތަ މިކޮޅަށް..؟ ޔައި ފުރުވަން..؟” އަފާން އަނެއްކާވެސް އަހައިލިއެވެ. “ހޫމް.. މަވެސް ދާނަން.. ދެން އިނާ ފުރުވަން އެކަންޏެއް ނޫން.. ތިކޮޅަށް ކިޔަވަންށާ އެއްކޮށް ދާނީ.. ޔާސިރުބެއަކަށް ނެތޯ އޮފީހުން ޗުއްޓީ ލިބޭކަށް.. ދެން މަ ދާނީ އިނާ ގޮވައިގެން..” މިލާން ބުނުމުން އަފާން “އޯހ”އޭ ބުނެލިއެވެ. “މަ ދާނަން އިނގޭ ތިމީހުން ރިސީވް ކުރަން..” އަފާން ބުނެލިއެވެ. “ޔާހ.. ތެންކްސް އަފާން..” މިލާން ޝުކުރު އަދާ ކުރިއެވެ. ބަދަލުގައި އަފާން އެއީ އެވަރު ކަމެއް ނޫންކަމުގައި ބުނެލިއެވެ. އެއަށްފަހު، އަނެއްކާވެސް ހަމަހިމޭންކަމުގެ ސުކޫތެއް ވެރިވިއެވެ.
“މީ.. އަނޭ… ޒާރާގެ ހަބަރެއް ފަހުން ވިތަ..؟” އަހަން ނާހަން ހުރެފައިވެސް އަފާން އެއްސެވެ. އަފާންގެ ސުވާލުން ޔައިނާއާއި މިލާންއަށް އެކަކު އަނެކަކާއި ދިމާލަށް ބަލައިލެވުނެވެ. “ޒާ ގުޅި ރޭގަ.. ބުނީ މަ ބޭރަށް ފުރާ އިރު އަންނާނަމޯ މާލެއަށް.. އައިސްލާފަ އޭގެ އަނެއް ދުވަހުންނޯ ދާނީ.. މަ ބުނިން ޒާ އޯކޭވާނޭ ނަޔަސް.. އެކަމްވެސް ހަމަ ގޮތްދޫނުކުރި.. ބުނީ ތިމަންނަ ބޭނުމޯ ޔައި ފުރާ އިރު އެތާ ހުންނަން..” ޔައިނާ ޖަވާބުދާރީވިއެވެ.
“އަފާން.. ކައެ ދެން ޒާރާ ކައިރި ބުނަންވީނު..” މިލާންއަށް އެހެން ނުބުނެ ނުހުރެވުނެވެ. “ޒާރާ އަހަންނާ ވާހަކަވެސް ދައްކަން ބޭނުންވަނީކީ ނޫނެއްނު.. ދެން މަށަށް ކެރޭތަ އެހެން ބުނަން.. އެހެންނޫނަސް، މަށަކަށް ހިޔެއް ނުވޭ ޒާރާ މަގޭ ދެކެ ލޯބިވާ ހެންނެއް..” އެންމެ ފަހު ޖުމްލަ ބުނެލި އިރު އަފާންގެ އަޑުގައި ހިތާމަވެރިކަން އެކުވެލިފައި ވިޔެވެ. “ތިޔެއް ހަމަ ނޭނގެއެއްނު.. މަށަށް އެކަމް ވަރަށް ހީވޭ ޒާ އަފާން ދެކެ ލޯބިވާހެން.. ބުނީމައެއްނު އިނގޭނީވެސް..” ޔައިނާ އޭނައަށް ފެންނަ ގޮތް ބުންޏެވެ. “ދެން އޯކޭއޭ.. ވާން ހުރި ކަމެއް ވާނު.. ތަގުދީރުގަ ލިޔެވިފައިވަނީ އަހަރުމެން ދެމީހުން އެކުގައިވުން ކަމަށް ވަންޏާ އެކަންވެސް ވާނު..” އަފާން ނިންމީ އެގޮތަށެވެ. “އަފާން.. ހުރިހާ ކަމެއް ހެޔޮކަމަށް ނިންމާފަ ކީއްވެތަ ތި ދޫކޮށްލަނީ..؟ ތަގުދީރަކީ އެމީހަކު އަމިއްލައަށް ލިޔާ އެއްޗެއް.. އެމީހެއްގެ ތަގުދީރު ލިޔާނީ އެމީހަކު އަމިއްލައަށޭ.. އެކަން ވިސްނަބަލަ..” މިލާން ބެލީ އަފާންއަށް ވިސްނައިދެވޭތޯއެވެ. “އަހަރެން މަސައްކަތް ކުރާނަން.. އޭ ދެން ބޭއްވީއޭ އިނގޭ.. މި އުޅެނީ ކޮލެޖަށް ދާން ރެޑީވާން ވެގެން..” އެހެން ބުނުމަށްފަހު، އަފާން ފޯނު ބޭއްވުމުން މިލާންއަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.
“މި މީހުންވެސް ދެން ދޯ.. ކުޑަ ކުދީންތަކަކަށްވުރެ ކަންތައް ފަލައޭ.. ދެން ގޮތްދޫކުރަން ވެއްޖެ އެއްނު ދޯ..” މިލާންއަށް ބުނެވުނެވެ. “ދެން އެދެމީހުންނަށް ފެންނަ ގޮތަކަށްނު އެދެމީހުން ކަންތައް ކުރާނީ..” ޔައިނާ ބުނެލިއެވެ. މިލާންވެސް ޔައިނާއަށް ތާއީދު ކުރުމުގެ ގޮތުން ބޯ ޖަހައިލިއެވެ. “ދެން އޯކޭއޭ މިން އެކަމާ ނުވިސްނަބަލަ..” ޔައިނާއަށް އަދިވެސް މިލާން އެކަމާއި ދޭތެރޭގައި ވިސްނާކަން އެނގުމުން ބުނެލިއެވެ. “އައި މީން.. އިޓްސް ޖަސްޓް ދެޓް.. މިހާތަނަށް އަހަރެންގެ ހުރިހާ ކަމެއްގަ އަފާން އަހަންނަށް ވަރަށް ހެލްޕް ވި.. ހަމަ އެގޮތަށް އިނާގެ ކަންކަމުގަ ޒާގެ ހެލްޕްވެސް ވަރަށް ލިބުނު.. އެހެންވީމަ މަވެސް ބޭނުން މިކަމުގަ އެދެމީހުންނަށް ހެލްޕް ވާން.. މަށަށް ޔަގީން ޒާވެސް އެގޮތަށް އެކަންތައް ކުރަނީ އަފާން ދެކެ ލޯބި ނުވާތީކީ ނޫންކަން.. އޭނަވެސް އަފާން ދެކެ ލޯބިވޭ.. އެކަމް އެކަން ގަބޫލު ކުރަން ބޭނުން ނުވަނީ.. އަފާން އެ ހުންނަނީ ހާދަ ދެރަވެފަޔޭ..” މިލާން ބުނެލިއެވެ. “އިޓްސް އޯކޭ ލަވް.. ހުރިހާ ކަމެއްވެސް މަޑުމަޑުން ރަނގަޅުވާނެ، އިންޝާ ﷲ..” މިލާންގެ ކޮނޑުގައި ބޯ އަޅައިލަމުން ޔައިނާ ބުނެލިއެވެ. މިލާންވެސް ދެލޯމަރައިލަމުން ޔައިނާގެ ބޮލުގައި ބޯ ޖައްސައިލިއެވެ. ދެމީހުންވެސް ގެޔަށް ދިޔައީ އެގޮތުގައި އެތައް އިރަކު ތިބުމަށް ފަހުގައެވެ.
*** ** ***
ބަނދަރުމަތީގައި ހުރި މިލާން އިރުއިރުކޮޅާ ހޯދަމުން ދިޔައީ އެ ހިތުގެ މަލިކާ ފެންނާނެ އިރަކަށެވެ. މާ ގިނަ އިރަކު މަޑުކުރާކަށް ނުޖެހުނެވެ. ޔާސިރުއާ އެކީ އައިސް ޔައިނާ އެތަނުގައި މަޑުކޮށްލިއެވެ. އޭރު މިލާންގެ މުޅި ޢާއިލާވެސް އެތަނުގައި ތިއްބެވެ.
“ދޮންބެދައްތާ.. ވަރަށް ވަރަށް މިސްވާނެ އިނގޭ..” އައިސް ޔައިނާގެ ގައިގައި ބައްދާލަމުން މަނާލް ބުނެލިއެވެ. އެތަނުގައި އެހާ ބައިވަރު މީހުން ތިއްބާ މަނާލް އެގޮތަށް މުޚާތަބު ކުރުމުން ޔައިނާ ލަދުގަތެވެ. ނަމަވެސް، ލަދަށްވުރެ ބޮޑަށް އިޙްސާސްވީ އުފާވެރިކަމެވެ. “އޯވްން.. ނާލް މަތިން މާ ބޮޑަށް މިސްވާނެ..” ޔައިނާވެސް މަނާލްގެ ނޭފަތުގައި ހިފައިލަމުން ބުނެލިއެވެ. “ދަރިފުޅާ.. ބަސްއަހައިގެން އުޅެއްޗޭ އެތަނަށް ގޮސްވެސް.. ކިޔަވައިގެން މޮޅުވެގެން އަންނައްޗޭ.. މަންމަމެންގެ ހެޔޮ ދުޢާ ވަނީ އަބަދުވެސް ދަރިފުޅާއެކު..” މިލްނާވެސް އައިސް ޔައިނާގެ ބޮލުގައި ފިރުމައިލީ އުފަން މައިމީހާ ފަދައިންނެވެ. މިލްނާގެ މި ޢަމަލުން ޔައިނާ ފެންކަޅިވިއެވެ. މަންމައެއްގެ ލޯތްބާއި އަޅައިލުމަކީ ކިހާ ފޮނި އެއްޗެއްކަން އޭނާއަށް ދަސްކޮށްދިން މިލްނާއަށް ހިތުގެ އެންމެ ފުންމިނުން ޝުކުރު ކުރާ ޙާލު ޔައިނާ މިލްނާގެ ގައިގައި ބައްދައިލިއެވެ. މާހިރުވެސް އައިސް ޔައިނާގެ ބޮލުގައި ފިރުމައިލާފައި ހަމަ އެ ނަސޭޙަތް ތަކުރާރުކޮށްލިއެވެ. ގޯސް ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަޤީންކަން ޔައިނާ އެ ދެމީހުންނަށް ދިނީ ވަރަށް ޔަޤީންކަމާ އެކީއެވެ.
މިލްނާއާއި މާހިރު މިލާންއަށްވެސް ނަސޭޙަތް ދިނެވެ. ހުރި ހަމައެކަނި ފިރިހެން ދަރިފުޅު ލޯމަތިން ދާތަން ދުށުމަކީ އެއްވެސް ޙާލެއްގައި އެދެމީހުން ދެކެން ބޭނުންވި މަންޒަރެއް ނޫނެވެ. ނަމަވެސް، މިލާންގެ މުސްތަޤުބަލަށްޓަކައި މި ފިޔަވަޅު އަޅަން މަޖުބޫރެވެ. މަންމައާއި ބައްޕަ މާ ދެރަވެފައި ތިބުމުން ކޮންމެ ޗުއްޓީއެއްގައިވެސް އަންނާނެކަމަށާއި، ގަވައިދުން ގުޅާނެ ކަމަށް މިލާން ބުންޏެވެ.
“ދަރިފުޅާ.. ކޮންމެސް ކޮންމެސް ބައްޕަ ލަދު ގަންނަން ޖެހޭ ވަރުގެ އެއްވެސް ކަމެއް ނުކުރާތި.. ބައްޕަ ދަރިފުޅަށް ވަރަށް އިތުބާރު ކޮށްފަ މި ފޮނުވަނީ.. ދަރިފުޅު ވިހޭ ދުވަހުއްސުރެ މިއަދާ ހަމައަށްވެސް ބައްޕަ ދަރިފުޅާ ނުލައި އެންމެ ދުވަހެއްވެސް ވޭތުކޮށްފަކައި ނުވާނެ.. އެކަމަކު މިއަދު ދަރިފުޅު ތި ދަނީ ބައްޕައާ ވަރަށް ދުރަށް.. ދަރިފުޅާ.. ބަސް އަހާތި އިނގޭ.. ބައްޕަ ދިން ތަރުބިއްޔަތާ އެއްގޮތަށް ދަރިފުޅުގެ ޢަމަލުތައް ބައްޓަން ކުރާތި.. ރަނގަޅަށް ކާތި.. އަމިއްލަ ނަފްސަށް ބަލާތި.. ކޮންމެ ދުވަހަކުވެސް ބައްޕައާ ގުޅައްޗޭ އިނގޭ.. ބައްޕަ ވަރަށް ހަނދާންވާނެ ދަރިފުޅު މަތިން.. ބައްޕަ ވަރަށް ލޯބިވޭ ދަރިފުޅު ދެކެ..” ޔައިނާގެ ނިތުގައި ބޮސްދެމުން ޔާސިރު ބުނެލި ގޮތުން ޔައިނާއަށް ރޮވިދާނެހެން ހީވިއެވެ. ނަމަވެސް، އެކަރުނަތައް ހިންގާލީ މިވަގުތު ބައްޕަގެ ކުރިމަތީގައި ދެރަވެފައި ހުރިކަން އަންނަން ބޭނުން ނުވާތީއެވެ.
“އޮފްކޯރޒް.. ބައްޕަ ނުކުރާށޭ ބުނެފަ އޮތް ކަމެއް ދުވަހަކުވެސް ނުކުރާނަން.. އަޅުގަނޑުވެސް ބައްޕަ ދެކެ ވަރަށް ލޯބިވޭ.. ވަރަށް ހަނދާންވާނެ.. ބައްޕަވެސް ރަނގަޅަށް ކައްޗޭ.. ބޭސްވެސް ގަޑިންގަޑިއަށް ކާތި.. އަޅުގަނޑު އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ބައްޕަ ކައިރިޔަށް އަންނާނަން..” ހިނިތުންވެލަމުން ޔައިނާ ބުނެލިއެވެ. މަންމައަކާ ނުލައި އޭނާ މިހާވަރު ކޮށްދީފައި، ލޯކުރިމަތިން ދާތަން ބަލަން ޔާސިރުއަށް އުނދަގޫވާނެކަން ޔައިނާއަށް އެނގެއެވެ.
މާ ގިނަ އިރުތަކެއް ނުވެ މީހުން ލޯންޗަށް އަރަން ފެށިއެވެ. ޔައިނާއާއި މިލާންވެސް އެންމެންނާއި ވަދާޢީ ސަލާމް ކުރުމަށްފަހު ލޯންޗަށް އެރުމަށް އަވަސްވެގަތެވެ. ހުރިހާ ފޮށިތަކާއި ދަބަސްތައް އެރުވުމަށްފަހު، މިލާން ލޯންޗަށް އެރިއެވެ. އެއަށްފަހު، އޭނާގެ އަތް ދިއްކޮށްލީ ޔައިނާ ކައިރި އަރާށޭ ބުނަމުންނެވެ. މިލާންގެ އަތުގައި ހިފައި، ޔައިނާވެސް ލޯންޗަށް އެރިއެވެ. އެންމެ ފަހު ފަހަރަށް އެންމެންނާއި ދިމާލަށް ބަލައިލަމުން ޔައިނާ ހަނާއަޅާލިއެވެ. މިލާންއާއި ދެމީހުން ލޯންޗަށް އަރައި ހަމަޖެހިލީ ލޯންޗު ނައްޓާލާ ވަގުތު ކައިރިވުމުންނެވެ. ކަނޑު މަޑު، އަވިދީފައި އޮތް މި ރީތި ދުވަހުގައި ލޯންޗު ދުވެލާފައި ގޮސް ރަށުގެ ކަނޑިންމައިން ނުކުތެވެ.
ރަށް ލޮލުކޮޅަށް ގޮސް ގެއްލުމުން ޔައިނާ މިއޮށް ހުރިހާ އިރަކު ހިފަހައްޓައިގެން ހުރި ކަރުނަތައް އޭގެ މަޤާމު ދޫކޮށް ފައިބައިގަތެވެ. މި މަންޒަރު މިލާންއަށް ފެނުމުން އެ ހިތަށް ތަދުވިއެވެ. ވަގުތުން ޔައިނާ ގެނެސް މެޔާލައި ބޮނޑިކޮށްލީ ހުރިހާ ކަމެއްވެސް މަޑުމަޑުން ރަނގަޅުވާނޭ ބުނަމުންނެވެ. މަންމައަކާ ނުލައި އެކަނިމާއެކަނި އޭނާ ބަލައި ބޮޑުކުރި ބައްޕައާ މިހާ ދުވަސް ފަހުން ވަކިވާން ޖެހުމަކީ އެއްވެސް ޙާލެއްގައި ޔައިނާއަށް ފަސޭހަ ކަމެއް ނޫންކަން މިލާންއަށް އެނގެއެވެ. ޔައިނާ ދެކެ ވާ ސާފު، ތެދުވެރި ލޯބި މިލާން ދިޔައީ މިލާންގެ ކޮންމެ ހަރަކާތަކުން ދައްކުވައިދެމުންނެވެ. އިރުކޮޅަކަށްފަހު ޔައިނާގެ ގިސްލުމުގެ އަޑު ކެނޑުމުން މިލާން ޔައިނާއަށް ބަލައިލިއެވެ. އޭރު ޔައިނާއަށް ނިދިފައި އޮތުމުން މިލާންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ދެކޯ ފުއްޕާލައިގެން ޔައިނާ ނިދާފައި އޮތް އިރު، ހިކިފައިވާ ކަރުނަތަކުން ނުހަނު މައުސޫމް ކަމަށް ދައްކައެވެ. ޔައިނާގެ ބޯ އޭނާގެ ކޮނޑުމަތީގައި ބާއްވާލަމުން މިލާން އޭނާގެ ފޯނު ނެގިއެވެ. އެއަރޕޮޑްސް ނަގައި ކަންފަތަށް ޖަހައިލަމުން މިލާން ރީތި ލަވައެއް ޖަހައިލިއެވެ. އިރުކޮޅަކުން އޭނާއަށްވެސް ނިދިގެން ޔައިނާގެ ބޮލުގައި ބޯ ޖައްސައިލެވުނެވެ.
*** ** ***
ފަސް ގަޑިއިރުގެ އަމާން ދަތުރަކަށްފަހު މިލާންމެންނަށް އެމީހުންގެ މަންޒިލަށް އާދެވުނެވެ. މާލޭގެ ކާރޫބާރޫ ބޮޑު މާހައުލުގެ އަޑު އިވުމުން މިލާންއަށް ހޭލެވުނެވެ. ދެލޯ އުނގުޅައިލުމަށްފަހު ގަޑިއަށް ބަލައިލެވުނެވެ. އެއަށްފަހު، އޭނާގެ ނަޒަރު ދަތުރުކުރީ އޭނާާގެ ކޮނޑުގައި ބޯ އަޅައިގެން ލޯބިކޮށް ނިދާލާފައި އޮތް ޔައިނާއަށެވެ. ޔައިނާ ނިދާލާފައި އޮތްލެއް ލޯބިކަމުން މިލާން ޔައިނާއަށް ގޮވާހިތެއްވެސް ނުވިއެވެ. އެހެންނަމަވެސް، ޔައިނާއަށް ގޮވަން ޖެހުނީ ލޯންޗުން ފައިބަން ޖެހޭ ވަގުތު ޖެހުމުންނެވެ.
“އިނާ.. ތެދުވޭ.. އާދެވިއްޖޭ..” ޔައިނާގެ ނިތުގައި ބޮސްދެމުން މިލާން މަޑުމަޑުން ބުނެލިއެވެ. މިލާން ގޮވައިލުމާއެކު ޔައިނާއަށް ހޭލެވުނެވެ. ދެލޯ އުނގުޅައިލަމުން މޫނު ފުހެލިއެވެ. ހުރިހާ ފޮށިތަކާއި ދަބަސްތަކެއް ބޭލުމަށްފަހު މިލާންއާއި ޔައިނާވެސް ލޯންޗުން ފޭބިއެވެ. އޭރު، މާދުރުނޫން ހިސާބަކު، އަފާން ހުރިތަން ފެނުމުން މިލާން އަފާންއަށް ހަނާ އަޅައިލިއެވެ.
“މިގަޑީގަ ކާރެއް ހޯދުމަކީވެސް ފަސޭހަ ކަމެއް ނޫން.. އެހެންވެ މަ މާ ކުރިން ބޮޑުބޭބެއަކަށް ގުޅައިގެން އޭނަގެ ޓެކްސީ ގެނައީ.. ހިނގަ ދާން..” ބައެއް ދަބަސްތައް ހިފައިދެމުން އަފާން ބުނެލިއެވެ. “ކައެ ތީ ހަމަ މޭންއެއް އިނގޭ.. އަސްލަށްވެސް ވަރަށް ބޮޑަށް ތެންކިޔު..” އަފާންގެ ބުރަކަށީގައި ޖަހައިލަމުން މިލާން ބުނެލިއެވެ. އަފާންފަދަ ރަނގަޅު އެކުވެރިއެއް ލިބުނީތީ އޭނާ މިހާރު ހެއްދެވި ފަރާތަށް އެ ޝުކުރު ކުރީ ކިތައް ވަނަ ފަހަރު ކަމެއްވެސް ނޭނގެއެވެ.
ތިން މީހުން އެކުގައި ގޮސް ކާރަށް އަރައި، ހަމަޖެހުމުން ކާރު ދުއްވައިލިއެވެ. “ތި ދެމީހުން ތިބެނީ ކޮންތާކު..؟” އަފާން އެއްސެވެ. “މަ މާލެއަށް ބަދަލުވާން ވެގެން ހިފި އެޕާރޓްމެންޓެއްގަ.. ދެން އިނާވެސް މިރޭ އެތާ މަޑުކޮށްލާނީ.. މާދަން ހެނދުނު އިނާވެސް ފުރާނެ އެއްނު..” މިލާން ޖަވާބުދާރީ ވިއެވެ. “އޭއި.. ދެމީހުން އެކަނި ރޭގަނޑު ގަޑީގަ..؟” އަފާންއަށް އަހައިލެވުނީ ތަންކޮޅެއް ބާރަށެވެ. އަފާންއަށް ވީ ގޮތުން މިލާންއާއި ޔައިނާ ކައިރިއަށްވެސް ހިނިއައެވެ. “ނޫނޭ.. ޒާވެސް މިއަދު ހަވީރު އަންނާނެ މާލެއަށް.. އައިއްސަ އޭނަވެސް އަންނާނީ އަހަރުން ގެޔަށް.. އިނާ އެކޮޅަށް ފުރާ އިރަށް ހަމަ ޒާވެސް ފުރާނެ..” މިލާން ޖަވާބު ދިނެވެ.
“ޒާރާ އަންނަނީ ހަވީރުންތަ..؟” އަހަން ނާހަން އިނދެފައިވެސް އަފާން އަހައިލިއެވެ. “ހުމްމް.. ހަތަރުގަޑި ބައި އެހާ އިރު މިކޮޅަށް ލަފާނެޔޭ ބުނީ..” ޔައިނާ ޖަވާބު ދިނެވެ. “އޯހ…” އިތުރަށް ބުނާނެ އެއްޗެއް ނޭނގުމުން އަފާން ހަމައެކަނި ބުނެލީ އެހެންނެވެ. އެވަގުތު ޔައިނާ މިލާންގެ ގައިގައި ކޮށްޓައިލިއެވެ. ޔައިނާ ދޭން ބޭނުންވި މެސެޖު މިލާންއަށް ނުހަނު ފަސޭހަމަކަމާއެކީ ނަގައިގަނެވުނެވެ.
“މީ އަނޭ… ޒާ ބުނި މަގޭ ކައިރީގަ ރިސީވްކުރަން އައިސްދޭން.. އެކަމް މިއަދު ހަވީރު ޔައިގެ ވިސާ ލިބޭނީ.. އެހެންމަ އޭތި ނަގަން ދާން ޖެހޭނެ..” މިލާން ބުނެލީ އަފާންއަށްް އަޑު އިވޭ ވަރަށެވެ. “އެހެންވީމަ ދެން ކިހިނެއް ހަދާނީ..؟ ޒާ ރިސީވް ކުރަން ކޮންމެސް މީހަކު ދާން ޖެހޭނު..” ޔައިނާވެސް ބުނެލިއެވެ. އެވަގުތު އެއްޗެކޭ ބުނަން އުޅެފައިވެސް އަފާން ފަސްޖެހުނެވެ. “އަފާން ދާންވީނު މިއަދު ޒާ ރިސީވް ކޮށްލަދޭން..” މިލާން އެދުނެވެ. “މަ.. އަނޭ..” އަފާން އުޅުނީ އިންކާރު ކުރާށެވެ. “ޒާ އެކަނި ފޮނުވާލާކަށް މަށަކަށް ނުކެރޭނެ.. ދެން މާލޭގަ ނޫޅޭނެ ދަންނަ މީހަކުވެސް..” ޔައިނާ ބުނެލީ އަފާންއަސް އިންކާރު ކުރާނެ ފުރުސަތެއް ނުދީއެވެ. އެންމެފަހުން އަފާންއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. “އެންމެ ރަނގަޅޭ.. މަ ގޮސްދާނަމޭ..” އަފާންގެ ޖަވާބުން މިލާންއާއި ޔައިނާއަށް ހީލެވުނެވެ. އޭރު މިލާންގެ އެޕާރޓްމެންޓާއި ހަމައަށްވެސް އާދެވިއްޖެއެވެ. ލަގެޖްތައް ކާރުން ބާލާފައި މިލާން ފައިސާ ދައްކަން އުޅުމުން އަފާން އެޔަކު ނުހިފިއެވެ. ބަދަލުގައި ޓެކްސީއަށް ލާރި ދެއްކީ އަފާންއެވެ. މިލާންމެންނާއެކީ އަފާންވެސް ގެއަށް ފޮށިތައް ވެއްދުމުގައި އެހީވިއެވެ
އެޕާރޓްމެންޓު ކިތަންމެހާވެސް ހިތްގައިމެވެ. ކުޑައަކަސް، ދެ ކޮޓަރިއާއި ސިޓިންރޫމަކާއި، ބަދިގެއަކާއި، ލޯންޑްރީ ރޫމެއްވެސް ހުއްޓެވެ. މިލާންގެ ކޮޓަރިން ނުކުމެވޭ އިރަށް ވަރަށް ރީތި ބެލްކަންޏެއްވެސް ހުއްޓެވެ. އެޕާރޓްމެންޓާއި ދޭތެރޭގައި މިލާން ހުރީ ވަރަށް ހިތްހަމަޖެހިފައެވެ.
“ފަރުނީޗަރުތައްވެސް ގެނެއްސަ ދޯ މި ހުރީ.. އެހެންމަ މަސައްކަތް ފަށަންވީނު..” އަފާން އެއްސެވެ. “ހޫމް.. އަވަހަށް ނިންމާލީމަ ފަސޭހަވާނެ ދޯ..” މިލާންވެސް އެކަމަށް ތާއީދު ކުރިއެވެ. ދިގު ދަތުރަކަށްފަހު ކިތަންމެ ވަރުބަލިވެފައި ހުރި ނަމަވެސް، މިލާންއާއި ޔައިނާ މަސައްކަތް ފެށިއެވެ. އަފާންވެސް ވީ ވަރަކުން ދިޔައީ އެހީވަމުންނެވެ.
“އަފާން އޭ އަހަރުންނަށް އޯކޭ އިނގޭ ލަސް ވަންޏާ ދިޔަޔަސް.. މިހާރުވެސް ވާ ވަރަށް އަފާން ކަންތައް ކޮށްދީފީމެއްނު..” މިލާން ބުނެލިއެވެ. “ކަލޭ އަނގަމަޑުންލައިގެން ހުރެބަލަ.. މަ ދާނީ މަ ބޭނުން އިރަކުންނޭ..” އަފާންގެ ޖަވާބުން މިލާންއާއި ޔައިނާއަށް ހިނިގަނޑެއް ޖަހައިލެވުނެވެ. “އަސްލަށްވެސް މޭން.. ތޭންކްސް އިނގޭ..” މިލާން އަނެއްކާވެސް ޝުކުރު އަދާކުރިއެވެ. “ސާބަހޭ ދެން.. ހެވޭ ތިވަރަށް ތެންކިޔު ނުބުންޏަސް..” އަފާން ބުނެލިއެވެ.
“އޭ ބްރޯ އަޑު އެހިން ކައެ އިއްޔެ ދުހުކު ލައިސެންސް ނެގި ވާހަކަ..” ވާހަކައިގެ ތެރެއިން ކުއްލިއަކަށް ހަނދާންވުމުން މިލާން ބުނެލިއެވެ. “ހޫމް.. މަށަށް އަށާރަ ފުރިއްޖެ ވިއްޔަ މީގެ ފަސް މަސް ކުރިން.. ދެން މާލެ އާދެވުނީމަ ކީއްކުރަން ލަސްކުރަނީ..؟” އަފާން ޖަވާބު ދިނެވެ. “ސައިކެއް ނެގީތަ މިހާރު..؟” މިލާން އަނެއްކާވެސް އެއްސެވެ. “ބައްޕަމެން އުޅުނު ގަނެދޭން.. އެކަމް މަ ބޭނުމީ މަގޭ އަމިއްލަ ލާރިން ސައިކެއް ނަގަން.. ދެން މިހާރު ތަންތަނަށް ދާންވީމަ ކުޑަބެގެ ސައިކު ބޭނުން ކުރަނީ..” އަފާން ޖަވާބު ދިނެވެ. “އޯހ.. ރަނގަޅަށޭ ތި ހެދީ.. ހުރިހާ ޚަރަދެއް މަންމަމެން ހޭދަކުރީމަ އަސްލު ވަރަށް ކަޑަ ކަމެއް އެއީ.. މިހާރު އަހަރުމެންވެސް ޖެހޭނެ އަމިއްލަ ފައިމައްޗަށް ތެދުވަން..” މިލާން އަފާންއަށް އެއްބާރުލުން ދިނެވެ. “އާނ.. މަ ދެން މިހާރު ޕާރޓް ޓައިމް ކޮށް ވޯރކް ކުރާތީ ލިބޭ ރަނގަޅު އެއްޗެއް.. އޭގެން ބިލްތައް ދައްކާފަ، ކޮލެޖްގެ ފީ ދައްކާފަ، ބާކީ ބައި ސޭވް ކުރަނީ.. މަންމަމެންނަށް އެއްވެސް ކަމެއް ޖައްސާކަށް މަށެއް ބޭނުމެއް ނޫން..” އަފާން ބުނެލިއެވެ. “މަވެސް މިކޮޅުން ޖޮބެއް ހޯދާނަން.. ކައެ ދެން ތިހެން ބުނީމަ މަވެސް ވެއްޖެ ލައިސެންސް ނަގަން އުޅެން..” މިލާންގެ ވާހަކައަށް އެއްބަސް ވުމުގެ ގޮތުން އަފާން ބޯ ޖަހައިލިއެވެ.
މުޅި ގޭތެރެއާއި، ބަދިގެއާއި، ކޮޓަރިތަކަށް އެއްޗެހިތައް ލައި، ސާފުކުރުމުގައި ތިން މީހުންވެސް އަވަދިނެތި އުޅުނެވެ. މިލާން ބޭނުންވި ގޮތަށް ހުރިހާ ކަމެއް ވެ ނިމުމުން ތިން މީހުންވެސް ތިބީ ވަރަށް ހިތްހަމަޖެހިފައެވެ. މަސައްކަތް ނިމުނު އިރު ހުރީ އަސުރަށްވެސް ގޮވާފައެވެ. ބަނޑުހައިވެފައިވާކަންވެސް އެނގުނީ މަސައްކަތް ނިމުމުންނެވެ. ކާނޭ އެއްޗެއް މިއަދަށް ނުހުންނާނެތީ ޔައިނާ ދަބަހުން ނެގި ތިން ނޫޑްލްސް ޕެކެޓު ކުޑަ ގޮތަކަށް ހަދާލިއެވެ. ތިން މީހުންވެސް ކައި ނިންމައިލީ އެކި މަޖާ ވާހަކަތައް ދެއްކުމުގައި ތިބެއެވެ.
“އޭ އަފާން.. އެއޮށް ހަތަރެއް ޖެހީ.. އަދި އަސުރު ނަމާދުވެސް ނުކޮށް ތި އުޅެނީ.. ޒާ އަންނަ ގަޑި ޖެހެނީއޭ..” މިލާން ބުނި ވާހަކައިން އަފާންއަށް އަވަސްއަވަހަށް ގަޑިއަށް ބަލައިލެވުނެވެ. މީހާ އިން ތަނުން ފުންމައިގަތް ގޮތުން ހީވަނީ ފޫކޮޅުގައި ކަށްޓެއް ޖެހުނު ހެންނެވެ. އަވަސްއަވަހަށް ދަނީއޭ ބުނެ، ގޭ ދޮރުން ނުކުތީ، މިލާންއާއި ޔައިނާ ގޮވަ ގޮވައި ތިއްބައެވެ.
“އެ ސޮރު އެ ހުރީ ހަމަ ރަނގަޅަށްވެސް ދީވާނާ ވެފަ..” މިލާން ގާތަށް ހިނި އައީ އަފާން އުޅުނު ގޮތުންނެވެ. “ހޭނެ ކަމެއް ނެތް.. އެއީ ހަމަ މިލާންވެސް އޭރު އުޅުނު ގޮތޭ..” ޔައިނާ ހަނދާންކޮށްލަ ދިނުމުން މިލާން ކުޑަކޮށް ލަދުރަކި ވިއެވެ. އަވަސްއަވަހަށް މައުޟޫ އޮޅުވާލަމުން މިލާން އެހެން ވާހަކައެއް ފެށިއެވެ. އެގޮތުގައި އިރުކޮޅަކު ތިބުމަށްފަހު ދެމީހުންވެސް ގޮސް އެމީހަކަށް ޚާއްސަ ކުރެވިފައިވީ ކޮޓަރިއަކަށް ވަނީ ފެންވަރައިގެން ނަމާދު ކޮށްލުމަށެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.







eyy manjey bunebalaa… keehvehey dhen mihen mi vee… hahah idk 🤭🤭
alheyy mioh vhk ehh ma hama neyge vee gouyy ves… hahahah… eyy dhen iiy bayah varah curias
eyyy yuuuuuuuuuuu manjeyy ma dhenme cover ah balailee eyndha afaan ge photo… hama magey hithuge raajaa aa vahtharee eyna enme fahun fonuvi photo masha allah…😍😍😍😍
ma hama milaan hen loabeega avaaraa vefa mihiree…. heheheh 😁❤
nethin maa gina vhk eh dhahkaakah ekm bunelan beynun…. enmen ves salaam buni yannu ah… anddd dhonbe mashaa dhimaakuranee new chapter starting soon ey kiyaafa… loll this is just too much of funnnnnn😭😂😭😂😭😂😭😂😭😂hahaha
miss you darlinggg…..
waiting next bayah.. eii kon irakun vaa kameh….
In reply to His beastess
Haha thankiu lwbs
Ey ehn thrrr?? Hama ehaavx vahtharu??? Eii Sam Dezz ge pic eh.. mashah nulaahiku salhi gola eh..lol..ehnve lee..
Pss pss dhn thiyoh vaa vareh dhwww 😂😂
Alheyy enmennah vx magey salaam anekkaavx..vrh lwbi vey hurihaa kudhin dheke vx..vrh miss vx vey ♥️♥️♥️
Eyyyyy u start kury thr mhr??? Are u dating himmm????!!!!
Miss u more babes ♥️😘
Next part insha’Allah Tuesday ehn noony Wednesday ga submit kohlaanan.. keep waiting ♥️
welcome sweety…
aan ekey am i hallucinating… thikiyaa sam dezz eh ma dhenme google search kohllee mi… hama huvaeyy e soru haadha vahthareyy eynayaa….🤗🤗🤗🤗💞🤭🤭🤭🤣🤣😆😍
mashah mi vaa varakun ves ketheh nukureveveyyy… reyga ves nunidhaa thibin ola vhk ga🤫🤫😏😏😆😆😆😍 eves adhi kon topic eh…. ” jinni avalevun ” ekaa zuvaabu koh koh thibefa ma coffee eh boan vegen off vee… eyge fahun dhen on vi iaru meena ves off ga… innanee bunefa eynage dhondhari govaathee yo dhiyaiee.. 🤣🤣🤣🤫😆
oki oki salaam bunaanan… hehe
eyy dhennnnnnn yannnuuuu saabaheyyyyy… eyy eyna kiyaa ehchekey… ekm varah heevey avas muhdhathehga fashaa faaneheh.. i also cant predict my furtue….😆😆😆😏😏😍😍
yeeeee miss vaane dhw dhennn… hahaha
ye oki dhen inthizaaruga….