ވައުދޭ ވެވޭ މީ…21
އިއަން އަށް ޒައިހާގެ އަނގައިން އެރުމަކީ ފަސޭހަ ކަމަކަށް ނުވާނެކަން އެނގުމުން ދާން ހިނގައި ގަތެވެ. އެހެން ނަމަވެސް ހުއްޓެން މަޖުބޫރު ވީ ޒައިހާ މި ފުންމާލަނީ އޭ ބުނުމުންނެވެ. ޒައިހާ ފުންމާލުމާއި އެކު ވަގުތުން ހިފާ އޭނާގެ އަތްދަނޑި މައްޗަށް ލައިގެން އިއަން އެއްގަމަށް ހިނގައި ގަތީ ޒައިހާގެ މޫނަށް ނުބަލާން ހުވާ ކުރަމުންނެވެ.
އެއާއި އިދިކޮޅަށް ޒައިހާގެ ނަޒަރު އިއަންގެ މޫނުން ނުނެއްޓެއެވެ. އެއްގަމާއި ހަމަ އަށް ދެވުނު އިރުވެސް އޭނާ އަށް ރެއަކާ ނުލައެވެ. އިއަން އޭނާ އަށް ބަލާލުމުން ޒައިހާ އަށް ހަމަ ބިމަށް އާދެވުނު ފަދައެވެ. ލަދުން މުޅި މޫނު ރަތް ވާހާ ވަރު ވުމުން އިއަންގެ އަތްދަނޑި މަތިން ފައިބާ އޭޏާ އެއްގަމަށް އަރައިގެން ދުއްވައި ގަތެވެ.
☾ އެކާވީސް ވަނަ ބައި ☽
މަލަކާ ވޭލަރުމަތީ ހުރި ތަން ފެނުމުން މިޝަލް ވަރަށް ވަގު ވަގަށް ވޭލަރަށް އެރިއެވެ. އޭރު އެހެން އެންމެން ރަށުތެރެއަށް އަރައިގެން ދަނީ އެވެ. މަލަކާގެ ކައިރިއަށް ހުއްޓިލާ މިޝަލް ކަރުކެހި ލުމުން ސިހިފައި ބަލާލާފައި މަލަކާ މިޝަލް އާއި ދިމާލަށް ބަލަން އެ ހިތަށް ކުޅަދާނަ ނުވުމުން އިސްޖަހާލިއެވެ. އެހިނދުން އޭނާގެ ހިތުގައި ރިހުމެއް އުފެދުނެވެ. އޭނާގެ ސަބަބުން އެންމެ ލޯބިވާ ފަރާތް ކުރަމުން ދިޔަ ހިތާމަ ފެނުމުން އެހިތަށް ކެތްވާވަރެއް ނުވިއެވެ. ކަޅި ޖަހާ ނުލާ މަލަކާ އަށް މިޝަލް އަށް ބަލަން ހުރެވުނެވެ. އެ ހިތުގައި ލޯބި އުތުރި އަރަމުން ދިޔަ އިރު އޭނާ އަށް ވަނީ އެ ލޯބި ހިތުގެ އެންމެ އަޑީގައި ފޮރުވައި ގެން ހުންނާށެވެ. އޭނާގެ ހިތުގެ ވެރިޔާ އޭނާ އާއި ކިތަންމެ ކައިރީގައި ވިޔަކަސް އެވަނީ އަތް ނުފޯރާ ފަށުގައެވެ.
މަލަކާ ގެ މޫނު ފެނިލުމުން މިޝަލް އަށް ހިތްހަމަޖެހުމެއް ލިބުނެވެ. އެގޮތަށް ނަމަވެސް އޭނާ އަށް މަލަކާ ފެންނަން ހުންނަ ނަމަ ހެވެވެ. މަލަކާ އަށް ހާނިއްކަ އެއް ނުވަތަ އެއްވެސް ގޮތަކުން ދެރައެއް ލިބޭކަށް މިޝަލް ނޭދެއެވެ. އުމުރުދުވަހު ލޯބިވީ އަދި ލޯބި ވާނޭ ފަރާތަކީ މަލަކާ އަށް ވެފައި އިތުރު އެހެން މީހަކަށް އެ ހިތުން ޖާގަ ނުދޭނެ ކަމަށް އޭނާ މަލަކާގެ ކިބައިން ވައުދުވެފައި ވުމުން އެ ވައުދު އުވާ ނުލާން އޭނާ ކޮންމެހެން ވެސް ބޭނުމެވެ. އެހެން ނޫނަސް އެ ވައުދު އުވާލުމަކީ ވުމަށް ވުރެން ނުވުން ގާތް ކަމެކެވެ. އެއީ އެ ހިތުގެ ވެރިޔާ އަކީ ހަމައެކަނި މަލަކާ އަށް ވުމުންނެވެ.
މަލަކާ މާ ވަރަކަށް ބަލާތީ މިޝަލް އަށް ހުރިތާ ހުރުން ވީ އުނދަގޫ ކަމަކަށެވެ. ނުވާ ކަމަށް ހަދާފައި އޭނާ ހުނގާނު ކައިރީ ކޮތަޅަކަށް ލާފައި އޮތް ތިން ފޯނު ނެގި އެވެ. އަދި ފައިބަން ދާން ހިނގައި ގަތީ ވައްކަޅިން މަލަކާ އަށް ބަލާ ލާފައެވެ. އޭރު މަލަކާ އޭނާގެ ދަބަސް ހާވަން އިނެވެ. ވޭލަރުން ފައިބަން ގޮއްސައި ވެސް މިޝަލް އެނބުރި މަލަކާ އަށް ބަލައިލީ މަލަކާ ވޭލަރުން ބާލަން އޭނާ ނޫން އެހެން މީހަކު ނެތުމުނެވެ. އެހެން ނަމަވެސް އޭނާ އާއި އެކު މަލަކާ ގޮސްދާނެ ކަމާއި މެދު ޝައްކު އުފެދުނެވެ.
މިޝަލް ވޭލަރުން ފައިބަން ދިޔުމުން މަލަކާ އަށް ހަދަން ވީ ގޮތް ހުސްވިއެވެ. އޭނާ އަށް ހަމަ ގައިމުންވެސް ތެމިގެން ދާކަށް ނުކެރޭނެއެވެ. މިޝަލް އާއި އެކު ދާން ވުމުން ފަސް ޖެހެވުނު ނަމަވެސް އޭނާ އަށް އިތުރު އެހެން ގޮތެއް ނެތުމުން ހާވަން އިން ދަބަހުގެ ޒިބު ދަމާލަމުން މިޝަލް އަށް ގޮވަން ފަސްއެބުރުނެވެ.
“މިކީ…” މިޝަލް މަލަކާ އަށް ގޮވާލާފައި ވެސް އިސްޖަހާލީ އޭނާ އަށް މަލަކާ އަށް މުހާތަބް ކުރެވުނު ނަމުންނެވެ. ލުއި ކޮށް ހީ ލެވުނު ނަމަވެސް މަލަކާ އެނބުރުނު ތަން ފެނުމުން ހިތްވަރު ކޮށްފައި މިޝަލް އިސްވެ ވާހަކަ ދައްކަން ފެއްޓިއެވެ.
” އަމް.. ނުފައިބަންތަ؟…” ވަރަށް ހިތްވަރުކޮށްފައިވެސް މިޝަލްގެ އަނގައިން ނުކުތީ ހަމައެކަނި އެންމެ ލަފްޒެކެވެ. އެހެންނަމަވެސް ބުނަންބޭނުންވި އެތި ބުނެވުމުން މިޝަލް ފުންނޭވާއެއް ދޫކޮށްލިއެވެ. އަނެއްކާވެސް މަލަކާ އަށް ބަލާލެވުނީ މަލަކާގެ ފަރާތުން ޖަވާބެއް ނައުމުންނެވެ. މަލަކާ އިން ތަނުން ތެދުވެލާފައި އައިސް މިޝަލް ކައިރި ހުއްޓުމުން މިޝަލް މަލަކާ އަށް ބަލާލުމަށްފަހު ބުމަ އަރުވާލިއެވެ. އޭނާ އަށް ވާހަކަ ދެއްކުން ވެސް ވަނީ އުނދަގޫ ކަމަކަށް ވެފައެވެ.
މިޝަލް ބުމަ އަރުވާލަމުން ބުނެލިއެތި ރެއަކާ ލުމުން މަލަކާ ފައިބަން އެހީ އެއްވެދޭން މީހަކު ނެތުމުންނޭ ބުނެލިއެވެ. މިޝަލް އޭނާގެ އަތުގައި އޮތް ތިން ފޯނު މަލަކާގެ އަތަށް ދީފައި ވޭލަރުން ފައިބަން ފުންމާލިއެވެ.
މިޝަލް ދިން ފޯނުތަކުގައި ހިފާ، އެ އެއްޗިހި އޭނާ ދަބަހަށް ލިއެވެ. އަދި ވޭލަރުން ފައިބަން ވޭލަރު ކޮޅގައި އިށީންދެލިއެވެ. މިޝަލް ފުންމާލާށޭ ބުނުމުން މަލަކާ ﷲ އަށް ވަކީލުކޮށް ފުންމާލިއެވެ. މިޝަލް ހުށިޔާރުކަމާއެކު މަލަކާ އޭނާގެ އަތްދަނޑިމައްޗަށް ނަގާ އެއްގަމަށް ހިނގައި ގަތެވެ. މަލަކާ އަށް މިޝަލްގެ އަތްދަނޑިމަތީ އޮވެވުނުއިރު އޮވެވުނީ އެއްގަމަށް ދެވެންދެން މިޝަލްގެ މޫނަށް ބަލާށެވެ. އެހެންނަމަވެސް އަމިއްލަ ނަފްސު ކޮންޓްރޯލް ކުރަމުން އޭނާ އެއްގަމަށް އާދެވުމުން މިޝަލްގެ އަތުތެރެއިން ދެމިގަނެ ރަށުތެރެއަށް އަރައިގެން ދުއްވައިގަނެވުނެވެ.
ޒިވާ މެންގެ މިސްރާބު ހުރީ ރަށުގެ މެދެއްހާ ހަމައިގަ ހުރި ގެ ގަނޑަށެވެ. އެ ރަށަކީ ވަރަށް ގިނައިން މީހުން ޕިކްނިކަށާއި ރޭ ކުރަން ދާ ދަތުރުތަކަށް ދާ ރަށަކަށް ވުމުން އެރަށުގައި ކޮޓަރި އާއި ފާހާނަ އަދި ހަމަ އެއާއިއެކު ކަރަންޓުލައިގެން ގެއެއް އަޅާފައި ވެއެވެ. ލަކުނޑިން ހަދާފައި ވީ ގެސްޓް ހައުސް އެއް ފަދަ އެ ގޭގައި ޖުމުލަ ހަތަރު ކޮޓަރި އާއި ދެ ފާހާނަ އަދި ބަދިގެއަކާއި ސިޓިންރޫމެއް ހިމެނެއެވެ. އެހެންނަމަވެސް އުނދުން އަވަން ޓީވީ ފަދަ އާންމު ގޭގޭގައި ހުންނަ އެއްޗިއްސެއް ނުހުރެއެވެ.
އެންމެންނަށް ގެއާއި ހަމައަށް ދެވުނު އިރު ވިޝާމް ޒީހާން އަޔާޝް އަދި އިޔާޝް ގެނައި އެއްޗިހި ގެއަށް ވައްދައިފިއެވެ. އެންމެން ހަމަވުމުން ކޮޓަރިތަކަށް މީހުން ބެހިލަން އިޔާޝް ބުނުމުން އެންމެންވެސް ސިޓިންގ ރޫމަށް އެއްވިއެވެ. އަޔާނީ، އީވާ، ޒިވާ އަދި މަލަކާ އެއްކޮޓަރިއަކަށް ލާފައި ދެން އިން ކޮޓަރިއަށް ނައިރާ، މިޝްކާ، ޒައިހާ، އަދި މާހީ އަނެއް ތިން ކޮޓަރިން އެއް ކޮޓަރި ނެގިއެވެ. ޒައްޔާން، އިޔާޝް، އިއަން، އަދި ނާއިފް، ބާކީ އިން ދެ ކޮޓަރިން އެއް ކޮޓަރި ނެގުމުން ފަހަށް އިން ކޮޓަރި އަޔާޝް، މިޝަލް، ޒީހާން، އަދި ވިޝާމް ނެގިއެވެ.
ގޭތެރޭގެ އެކި ތަންތަން ބަލަމުން ދިޔަ އިޔާޝް އަށް ބެލްކަންޏަށް ނުކުތް ވަގުތު އެދިމާލުން އޮޑިފަހަރު ކައިރިކުރަން ފާލަމެއް އިން ތަން ފެނުނެވެ. ލިބުނު ހައިރާން ކަމުން އިޔާޝް އަށް ޒިވާ އަށް ގޮވާ ލެވުނެވެ. އަދި ޒިވާ އައުމުން އެ ފާލަން ދައްކާފައި އެއީ ކުރިން ހުރި އެއްޗެއް ހެއްޔޭ އަހާލިއެވެ. އެ ފާލަން ފެނުމާއި އެކު ޒިވާ އަށް ވެސް ހައިރާން ކަން އިތުރުވިއެވެ. އެއީ އެމީހުންނަށް އެއީ ކުރިން އެތާންގައި ހުރި ފާލަމެއް ކަން ނޭގޭތީ އެވެ. އަޔާޝް އަށް ގޮވުމުން އަޔާޝް ވެސް އައިސް އެއަށް ބަލާފައި ފަހުން ހަދާފައި އިން އެއްޗަކަށް ވެސް ވެދާނެ އެއްނޫންހެއްޔޭ ބުނެލިއެވެ. ޒިވާވެސް ކޮނޑު އަރުވާލިއެވެ.
” ވެލް، ތި ތިތާ އިންނަ ކަމެއް ނޭނގެ ކުރިއަކުންނެއް… އަހަރުން އެންމެ ފަހުން މިރަށަށް އައީ މީގެ އަހަރެއްހާ ދުވަސް ކުރިން ތިއްތި ކައިވެނި އޮތް ދުވަހާ ޖެހިގެން އޮތް ދުވަހު… އޭރަކު ނެތް ތިއެއް… ދެން އެހެން ނޫނަސް އަހަރުން މުޅިންވެސް އަންނަނީ އެފަޅިން… މިތަނުން ރަށަށް އަރަން ވިއްޔާ ޖެހޭނީ ފަރު ފަޅާލަން…” ޒިވާ ވަހަކަ ދައްކަމުން ގޮސް މާހީ އޭނާ އަށް ގޮވާލުމުން އަވަހަށް ކޮޓަރި އަށް ދާން ހިނގައި ގަތެވެ.
ހެނދުނުގެ ސަޔަށް ފަހު އެންމެންވެސް ނިންމީ ރަށުތެރެ ބަލައިލަން ދާށެވެ. ފަޅުރަށަކަށް ވުމުން އީވާގެ އެދުމަށް ‘އެކްސްޕްލޯރ’ ކުރާށެވެ.
ކޮންމެ މީހަކުވެސް އެމީހެއްގެ ފޯނާއި ކެމެރާ، އައިނާއި ތޮފި ނަގައި، ގައިގައި މަދިރި ލޯޝަން އުނގުޅުމަށްފަހު ވަލުތެރެއަށް ވަންނަން ދިޔައެވެ. ވަލަށް ވަނުމުގެ ކުރިން އަޔާޝް އެންމެންވެސް އެކަތިގަނޑެއްގައި ތިބުމަށް އެންގިއެވެ. އެހެން ކަމަށް ވުމުން ޒައްޔާން މީހަކަށް މީހެއް ނަގަން ބުންޏެވެ. އަށް ފިރިހެން ކުދިންނާއި އަށް އަންހެން ކުދިން ތިބުމުން ވަރަށް ފަސޭހައިން ބަހާލެވޭނެ ތީއެވެ.
” އެހެން ވީމަ މީހަކަށް މީހެއް… މޭން ޓު މޭން.. އެކަމް، ފިރިހެނަކާ އަންހެނަކާ… އަހަރުން މީ ޕްރޮޓެކްޓާރސް އެއްނުން… އެހެން ވީމަ މަ ނަގާނީ އަޔާނީ…” ޒައްޔާން އޭނާގެ ހިޔާލު ފާޅުކުރުމަށްފަހު އަޔާނީ އޭނާގެ ގަޔާ ކައިރިކޮށްލާ އަޔާނީގެ ކޮނޑަށް އަތް ވައްޓާލިއެވެ. އެންމެންނަށްވެސް އެ ޚިޔާލު ކަމުދިޔަ އިރު އެކަމާ ނުރުހިފަ ތިބީ މިޝްކާ އާއި ނައިރާ އެވެ. ޔަގީނެއް ނޫން ހެއްޔެވެ. އެމީހުންގެ ހިތް އެދޭ ބައިވެރިޔާ އާއި އެކު ޖެހުމަކީ ނާދިރު ކަމަކަށް ވާނެތީ އެވެ.
” އެހް… އޯކެ އަހަންނާ… ޑާލިން އާ.. ސޮރީ ޑަމީ އާ…” އަޔާޝް އީވާގެ އުނަގަޑުގައި އަތް އަޅުވާލަމުން އެއް ލޯ މަރާލާފައި ބުނެލިއެވެ.
“މަށާ މާހީ އާ..” ޒިހާން އަވހަށް މާހިގެ އަތުގައި ހިފާ އެދެމީހުން އެއްކޮށްނޭ ބުނެލިއެވެ. ޒީހާން އުޅުނު ގޮތުން އެންމެންގެ ކައިރިއަށް ވެސް ހިނިއައެވެ. މާހީ ލަދު ގަތީ މިޝަލް އޭނާ އަށް ބަލައިލާ ސްމަރކް އެއް ކޮށްލުމަށް ފަހު ދެތިންފަހަރު ބުމަ އަރުވާލުމުންނެވެ.
” މިޝް… ޔޫ އެންޑް މީ؟…” ވިޝާމް ދުރުގައި އެކަހެރިކޮށް ނައިރާ ކައިރި ހުރި މިޝްކާ އަށް ގޮވާ އޭނާ އާއި އެކޮށް ދާން އޯކޭ ހެއްޔޭ އަހާލިއެވެ. މިޝްކާގެ ހިތް އުފަލުން ނަށައިގަތީ ތިޔަހެންނެއް ބަލާފަކާއި އެއް ނޫނެވެ. އަވަހަށް ބޯ ޖަހާލެވުނީ އެ ފުރުސަތު ގެއްލުވާލަން ބޭނުން ނުވާތީ އެވެ. ނައިރާ އަށް ވެސް މިޝްކާ އަށް ބަލައިލެވުމަށް ފަހު ނުލަފާ ފާޑަކަށް ހީ ލެވުނެވެ. އެހެން މީހަކަށް ނުފެންނަ ގޮތަކަށް ގުޑް ލަކް އޭވެސް ބުނެލިއެވެ.
ވިޝާމްގެ މި އަމަލުން އެހެން އެންމެންނަށް ލިބުނީ ހައިރާން ކަމެކެވެ. ވަކިން ހާއްސަކޮށް ޒިވާ އަށެވެ. އޭނާ އަށް ކުރެވުނު ހާވެސް ކަމަކީ ވިޝާމް އަށް ސުވާލުވެރި ނަޒަރެއް ދިނުމެވެ. މިޝްކާ އައިސް ވިޝާމް ކައިރި ހުއްޓުމުން ޒިވާ އަށް ދުރަށް ބަލައިލެވުނެވެ. އޭރު އެ ދެލޮލުގައި ކަރުނަ ގިނަވެފައި ވިއެވެ. ޒިޥާ އޭނާގެ ތުންފަތުގައި ދަތް އަޅާލުމަށް ފަހު އަވަސް އަވަހަށް އެސްފިޔަ ޖަހާލިއެވެ. އެ ކަރުނަތަށް ހިންދާލުމުގެ ބޭނުމުގައެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.



