Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 7

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
July 14, 2022 9 Mins Read
1 Comment

ޓީޗަރު ކިޔަވައިދޭން ފެއްޓުމުން ހުރިހާ ކުދިން އެކީ ހިމޭން ވިއެވެ. މުޅި ކްލާސްތެރެ އެކީ ހިމޭންވުމުން ޒާރާއަށް އަފާންއާ ދިމާލަށް ބަލައިލެވުނެވެ. އިއްތިފާޤުން އެވަގުތުވީ އަފާންވެސް ޒާރާއާ ދިމާލަށް ބަލައިލި ވަގުތަށެވެ. ދެމީހުންގެ ނަޒަރު ސީދާ ވުމުން ހީވީ ގައިގައި ކަރަންޓު ޖެހުނުހެންނެވެ. ޒާރާ ވަގުތުން ބޯޑަށް ސަމާލުކަން ދިން އިރު އަފާންވެސް ފޮތުގައި ގަލަން ޖައްސައި، ލިޔާ ކަމަށް ހެދުނެވެ.

*** ** ***

ގެއަށް ވަދެ އެންމެ ފުރަތަމަވެސް ޔައިނާ ފާޚާނާއަށް ވަދެ ފެންވަރާލިއެވެ. ފެންވަރައިގެން ނުކުމެ، މެންދުރު ނަމާދު ކުރަން ޔައިނާ އަވަސްވެގަތެވެ. މެންދުރު ނަމާދު ކޮށްލުމަށްފަހު، ކުޑަ ގޮތަކަށް ރީތި ވެލައިގެން ޔައިނާ ނުކުތީ ކާށެވެ. މިއަދު ޔާސިރު އޮފީހުގައި އުޅޭ ދުވަހެއް ކަމުން މެންދުރަށް އެއްޗެއް ކައްކާފަކާ ނެތެވެ. އެހެންކަމުން ޔައިނާ ކަބަޑުން ނޫޑްލްސް ޕެކެޓެއް ނަގައި، ކުޑަ ގޮތެއް ހަދާލިއެވެ. ކައި ނިންމާލުމަށްފަހު، ޔައިނާ އިރުކޮޅަކު އަރާމު ކުރަން ޖައްސާލިއެވެ. ހުދު ކުލައިގެ ކުއީން ސައިޒްގެ އެނދުގައި އޮވެ، ޔައިނާ މިއަދު ސްކޫލުގައި ވީ ކަންތައްތަކާ ދޭތެރޭ ވިސްނައިލިއެވެ.

އެންމެ ފުރަތަމަ ޚިޔާލަށް އައީ އަފާންއާއި ޒާރާގެ މެދުގައި ހިނގި ހާދިސާއެވެ. އެކަން ހަނދާންވުމުން ޔައިނާއަށް ނުހީ ނުހުރެވުނެވެ. އެވަރަށް ޒުވާބު ކުރަންޏާ އެދެމީހުންނަށް އަދި އެކަކު އަނެކަކު ދެކެ ލޯބިވެވިދާނެ ކަމާއި މެދު އެއްވެސް ޝައްކެއް ނެތެވެ.

އެ ޚިޔާލުތަކުގައި އޮތް ޔައިނާއަށް ކުއްލިއަކަށް ސިފަވީ މިއަދު އަފާންއާއި ޒާރާއާއި ދިމާކުރުމަށް މިލާން ކިޔައިލި ލަވައިގެ ބައެވެ. ހާދަ ފުރިހަމަ އަޑެކޭ ޔައިނާގެ ހިތަށް އެރިއެވެ. މިލާން ކިޔައިލީ ލަވައިގެ ކިތަންމެ ކުޑަ ބައެއް ނަމަވެސް، އެ ރީތި، ފިރިހެންވަންތަ އަޑަކީ ތަފާތު އަޑެއްކަން ޔައިނާއަށް ފާހަގަ ވިއެވެ. މިލާންގެ އެ ހިތްގައިމު އަޑު ގިނަގިނައިން އޭނާއަށް އިވޭނެ ނަމައޭ ޔައިނާގެ ހިތަށް އެރިއެވެ. ހަމަ އެ ލަފްޒުތައް މިލާންގެ ދުލުން އޭނަ ކައިރި ބުނާނެ ނަމައޭ ހިތަށް އެރުމުން ޔައިނާއަށް ހީލެވުނެވެ. އެއާއެކު ޔައިނާގެ ހަނދާނަށް އައީ މިއަދު ހެނދުނު މިލާން ބުނަން އުޅެފައި، ހުއްޓާލި ވާހކައިގެ މަތިންނެވެ. “ހަމަ އަސްލަށްވެސް… މިލާން ބުނަން އުޅުނީ…” ޔައިނާއަށް ދިޔައީ ވިސްނެމުންނެވެ. ވިސްނި ވަރަކަށް ޔައިނާގެ ތުންފަތުގައިވީ ހިނިތުންވުން ދިޔައީ އިތުރަށް ފުޅާވަމުންނެވެ. އޭނާގެ ފުރަތަމަ ލޯބި ޙާސިލްކުރެވޭނެ ކަމުގެ އުންމީދީ ހުޅުކޮޅު އާވެގެން ދިޔައެވެ.

*** ** ***

އެނދުމަތީގައި އޮށޯވެގެން އޮތް ލައުރާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. އިރުއިރުކޮޅާ ނޭފަތް ދަމާލާ އިރު، ދެލޯވެސް ފުހެލައެވެ. މިލާންއާއި ޔައިނާގެ ދެމެދުގައިވީ ގާތްކަން ލޮލަށް ސިފަވާ ކޮންމެ ފަހަރަކު ލައުރާގެ ހިތް ހީވަނީ ކުދިކުދި ވެދާނެ ހެންނެވެ. ހިތާހިތުން ލައުރާއަށް ދިޔައީ ޝަކުވާ ކުރެވެމުންނެވެ.

“ކީއްވެ މިލާން..؟ އަހަރެން ކައިރި ދޮގު ނުހެދި ނަމަވެސް މިލާންއަކަށް އެއްވެސް ގެއްލުމެއް ނުލިބޭނޭ.. އަހަރެންގެ ސަބަބުން މިލާންއާއި ޔައިނާގެ ގުޅުމަށް އެއްވެސް ހުރަހެއް ކުރިމައްޗެއް ނުވާނޭ.. މިލާންއަށް މިހާރު އެވަރު ކަމެއް އަހަރެން ކައިރިވެސް ނުބުނެވޭ ވަރަށް އަހަރެން ދުރުކޮށްލީތަ..؟ ކީއްވެ މިލާން..؟ ކީއްވެ…” ލައުރާ ގިސްލާ އަޑު އެތާ ހުރި މީހަކަށް އިވިއްޖެ ނަމަ އެމީހެއްގެ ހިތްވެސް ފަޅައިގެން ދާހާ އެ އަޑު ވަނީ ވޭނުން ފުރިފައެވެ. ކަން ކުރަންވީ ގޮތެއް ލައުރާއަކަށް ނޭނގުނެވެ. އިތުރަށް އެކަމާ ދޭތެރޭގައި ވިސްނި ވަރަކަށް ލައުރާގެ ބޯ ހީވަނީ ފަޅައިގެން ގޮސްދާނެ ހެންނެވެ. ލައުރާއަށް ނިދުނީވެސް އެގޮތުގައި އެތައް އިރަކު އޮތް ފަހުންނެވެ.

*** ** ***

ލައުރާއަށް ގުޅުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔަ މިލާންގެ މޫނުމަތި ވަނީ ބަނަވެފައެވެ. އޭނާ މިހާރު ލައުރާއަށް އެ ގުޅީ ފަސް ވަނަ ފަހަރަށެވެ. އެއިން ކޮންމެ ފަހަރަކުވެސް ބުނަނީ ފޯނު ނިވާލާފައިވާ ކަމުގައެވެ. އެކަމުން މިލާންގެ ހިތް މާޔޫސްވީ، މިއީ ޔައިނާއަށްޓަކައި އެ ހިތުގައި އުފެދިފައިވާ އިޙްސާސްތައް ލައުރާއަށް ކިޔައިދިނުމަށް އޮތް ފުރުސަތު ކަމަށް ވީތީއެވެ. ނަމަވެސް، މިވަގުތު ލައުރާގެ ޚަބަރެއް ނުވުމުން މެސެޖު ކޮށްލާފައި މިލާން ވަރަށް ބޮޑު ވާހަކައެއް ބުނަން ބޭނުން ކަމުގައި ބުނެލިއެވެ. އެއަށްފަހު ފަސްވަރަކަށް މިނެޓު ލައުރާގެ ޖަވާބަކަށް އިންތިޒާރު ކުރުމަށްފަހު، ކުޅެންދާ ގަޑި ޖެހޭތީ މިލާން އަވަސްވީ ކުޅެން ދިޔުމަށެވެ.

*** ** ***

މުޅިން އާ ދުވަހަކަށް އިރު އެރީ މިލާންގެ އަތުގައި އޮތް ގިޓާއިން ކުޅެވެމުން ދިޔަ ރީތި ރާގުންނެވެ. ފަތިހުގެ އެ ހިތްގައިމު ވަގުތު ބެލްކަނީގައި ހުރި އުނދޯލީގައި އިށީނދެގެން އިނދެ މިލާން ދިޔައީ އޭނާގެ ރަން އަޑުން ރީތި ލަވައެއް ކިޔަމުންނެވެ.

މަހި ނޫރެއްހާ ލޯބިކަމޭ

ކޮހި ނޫރެއްހާ ޗާލުކަމޭ

އިހި ކަނދުރާގެ ރީތިކަމޭ

ލޮލުގައިވާ ތި ތޫނުކަމޭ

މަގެ ދުނިޔެހެން ހީވެޔޭ

ތީ މަގެ ހިތުގެ ދިރުމޭ އިނގޭ

ކުރަން ސިފަ ގަލަމަކަށް ނޭނގޭ

ތީ ފަރި ލޯބިވާ މަގޭ

ތީ މަގެ ދުނިޔެހެން ހީވެޔޭ

ތީ މަގެ ހިތުގެ ދިރުމޭ އިނގޭ

ކުރަން ސިފަ މި ދުލަކަށް ނޭނގޭ

ތީ ފަރި ލޯބިވާ މަގޭ

މަލްމަލްގެ ނަލަކަން ފެންނަނީ

ސުންދުސްގެ ފޭރާން ޖާދުވީ

މާތައް ލަދުން ގޮސް މޯޅިވީ

ގާތަށް އުދުހި ދާން ބޭނުމީ

ތީ މަގެ ރޫޙުހެން ހީވެޔޭ

ތީ މަގެ ހިތުގެ ދިރުމޭ އިނގޭ

ކުރަން ސިފަ ގަލަކަމަށް ނޭނގޭ

ތީ ފަރި ލޯބިވާ މަގޭ

ތީ މަގެ ދުނިޔެހެން ހީވެޔޭ

ތީ މަގެ ހިތުގެ ދިރުމޭ އިނގޭ

ކުރަން ސިފަ މިދުލަކަށް ނޭނގޭ

ތީ ފަރި ލޯބިވާ މަގޭ

އެދެމޭ ކަލާޔާ ގާތުގައި ވުމަށް

ފެންނާތީ ޔާރާގެ މޫނު

ތެދެކޭ ތިއީ ހޫރެއްހޭ

ފެނުނީއޭ ޖާދޫވީ މޫނު

އެ ލަވަ ކިޔައި ނިންމައިލުމަށްފަހު އަރައިގެން އައި އިރުގެ ރަން ދޯދިތަކަށް ބަލަން މިލާނަށް އިނދެވުނެވެ. މިލާންގެ ކޮޓަރީގެ ބެލްކަނިން އަތިރިމަތީގެ ރީތި ޤުދުރަތީ މަންޒަރު ވަރަށް ރީތިކޮށް ފެނެއެވެ. އިރު އަރާ މަންޒަރާއި އިރު އޮއްސޭ މަންޒަރު ފެންނާތީ މިލާން ކޮންމެ ދުވަހަކުހެން އެ ދެވަގުތު ހޭދަކުރަނީ ބެކްކަނީގައެވެ. ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި އޮތް ފޯނު ނަގައި، މިލާން ލައުރާ ޖަވާބު ދީފައި އޮތްތޯ ބަލައިލިއެވެ. އޭރު ލައުރާ ޖަވާބު ދީފައި އޮތެވެ. ހަވީރުން ބައްދަލު ކުރަން ހިނގާށޭ ބުނެ މިލާން ތަނާއި ވަގުތު މެސެޖެއްގެ ގޮތުގައި ފޮނުވައިލިއެވެ. އެއަށްފަހު، ދެން މިލާން ފޯނު ހާވަމުން ބަލައިލީ ޔައިނާގެ މެސެޖުތަކަށެވެ. ރޭގައި އޭނާ ފޮނުވާފައި އޮތް ރޭގަނޑުގެ ތަހުނިޔާގެ މެސެޖު ކިޔާފައި ވުމުން އެ ހިތް އުފާވިއެވެ. ނަމަވެސް، ދެވަނަ ސިކުންތުގައި، އެ ހިތް މިލާ މޯޅިވީ ޔައިނާގެ ފަރާތުން އެއްވެސް ޖަވާބެއް ލިބިފައި ނެތުމުންނެވެ. އެހާ ވަރަށް ޔައިނާ އޭނާ ދެކެ ހިތްހަމަ ނުޖެހުނީބާވައޭ މިލާންގެ ހިތަށް އެރިއެވެ.

“ދޮންބޭ…” ބެލްކަނިން ވަދެގެން އައި މަނާލްގެ އަތުގައި އާވި އަރަ އަރާ ހުރި ހޫނު ކޮފީ މަގެއް ހުއްޓެވެ. “އަން.. މަންމަ ބުނީ ދޮންބެއަށް މި ކޮފީ ދޭށޭ..” މަނާލް ދިއްކޮއްލި ކޮފީ މަގުގައި ހިފާލަމުން މިލާން ޝުކުރު އަދާކުރިއެވެ. އެވަގުތު މަނާލްއަށް މިލާން ކޮންމެވެސް ކަމަކާ ދޭތެރޭ ވިސްނާކަން އެނގުނެވެ. މިލާންގެ މޫނުމަތިން ފެންނަމުން ދިޔަ މާޔޫސްކަން މަނާލްއަށް ސިއްރެއް ނުވިއެވެ. ލޯބިވާ ބޭބެ ދެރަވެފައި ހުންނަ ތަން ބެލުމަކީ މަނާލްއަށް އެއްވެސް ޙާލެއްގައި ކުރަން ފަސޭހަ ކަމެއް ނޫނެވެ.

“ދޮންބޭ.. ކަމެއް ވެފަތަ..؟” މިލާން ކައިރި އުނދޯލީގައި އިށީނދެލަމުން މަނާލް މިލާންގެ ކޮނޑުގައި އަތް ބާއްވާލިއެވެ. “ނޫނޭ.. ނުވެ އެއްވެސް ކަމެއް..” ކޮފީމަގުން އެތިފޮދެއް ބޯލާފައި މިލާން ޖަވާބު ދިނެވެ. “ނޫން.. ކޮންމެސް ކަމެއް ވެއްޖެ.. ނާލްއަށް އިނގޭ ކަމެއް ނުވަންޏާ ދޮންބެ ތިހާ ދެރަވެފަ ނުހުންނާނެކަން..” މަނާލް ދޫކުރާކަށް ބޭނުމެއް ނުވިއެވެ. “ނާލް.. ދޮންބެ އޯކޭއޭ.. ނާލް ދޭ އަވަހަށް އެކްސްޓްރާއަށް ދާން ރެޑީ ވާން.. އިނގޭ..؟” ހިނިތުންވެލާފައި، މިލާން މަނާލްގެ ކޮލުގައި މަޑުމަޑުން ހިފައިލީ، މަނާލް ހާސްކުރަން ބޭނުން ނުވާތީއެވެ.

“ދޮންބެ ތި ވިސްނަނީ ޔައި ދައްތައާ ދޭތެރޭގަތަ..؟” މަނާލްގެ ސުވާލުން މިލާންގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އަނގައިގަ ހުރި ކޮފީ ކޮޅު މަނާލްގެ މޫނަސް ބުރުއްސައިނުލެވުނީވެސް ކިރިޔާއެވެ. “ކި.. ކިހިނެއް ނާލްއަށް އެނގުނީ..؟” ދެލޯ ބޮޑުކޮށްލަމުން ހައިރާންވެފައިވާ އަޑަކުން މިލާންއަށް އަހައިލެވުނެވެ. އެއާއެކު މަނާލްގެ ލުއި ހުނުމުގެ އަޑު މިލާނަށް އިވިގެން ދިޔައެވެ.

“ދޮންބޭ.. ނާލްއަށް ރޭގަ ފެނުނީ ދޮންބެގެ ފޯނުގެ ވޯލްޕޭޕަރ.. އޭގަ އިނީ ޔައި ދައްތަގެ ފޮޓޮއެއް.. އޭގެ ތިރީގަ މައި ލަވްއޭ ވެސް ޖަހާފަ އިން.. ދެން އެނގިއްޖެ ދޮންބެ ޔައި ދައްތަ ދެކެ ލޯބި ވާކަން.. އެހެންމަ ދޮންބެ ދެން މިހާރު ދެރަވެފަ ހުންނާނީ އެކަމާ ނޫން ދެން އެހެން ކޮން ކަމަކާ..؟ އެހެންވެ..” މަނާލްގެ ވާހަކައިން މިލާންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. “ދޮންބޭ.. ތި ދެމީހުން ދޭތެރޭ ކަމެއް ހިނގީތަ..؟” މަނާލް އަހައިލިއެވެ. މިލާންވެސް މަނާލްއަށް ހުރިހާ ވާހަކައެއް ކިޔައިދޭން ނިންމީ ކޮއްކޮއަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުންނެވެ.

“އަސްލު ވީ ގޮތަކީ އިއްޔެ ލައު ދައްތަ ރުޅި އައިއްސަ ހުރީ ލައު ދައްތަ ކައިރި ހުރެގެން ދޮންބެ ޔައި ދައްތައާ ދިމާލަށް ބެލީމަ.. ނާލްއަށްވެސް އިނގޭނު ލައު ދައްތަގެ ގޮތްދޫނުކުރާ މިޒާޖު.. އެއްފަހަރުން ދޮންބެގެ އެޓެންޝަން އަބަދުވެސް ބޭނުންވާނެ.. ދެން އެހެންވެ ލައުދައްތަ ހިތްހަމަ ޖައްސައިދޭން ވެގެން ދޮންބެ ބުނީ ޔައި ދައްތައަކީ ދޮންބެއަށް އެއްވެސް ގޮތަކުން މުހިންމު މީހެއް ނޫނޭ.. އެހެން ބުނި އަޑު ޔައި ދައްތައަށް އިވިގެން އެ ހުރީ ހިތްހަމަ ނުޖެހިފަ.. ދޮންބެ ގުޅީމަ ވާހަކަ ދައްކަނީކީ ނޫން.. ކުރާ މެސެޖަކަށް ރިޕްލައި ކުރަނީކީ ނޫން.. ގޮވީމަ އަޑެއް އަހަނީކީ ނޫން..” މިލާން އެ ހުރިހާ އެއްޗެއް ބުނެ ނިންމައިލި އިރު މަނާލް އިނީ އަޑު އަހާށެވެ. “ރައްޓެހިވެގެންތަ ތި އުޅެނީ..؟” މަނާލްގެ އެ ސުވާލަށް މިލާން ވަގުތުން ނޫނެކޭ ބުންޏެވެ. އެއާއެކު މިލާން ހީކުރި ގޮތާ ޚިލާފަށް މަނާލްގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ.

“ނާލް އަދިވެސް ހެނީތަ..؟” މިލާންއަށް ދެބުމަ ގޮށް ޖަހައިލެވުނެވެ. “އަޅޭ ދޮންބޭ.. ދޮންބެ ކޮންއިރަކުތަ ތިހާ ގަޅިވީ..؟ އެހެންވީރު ތި ހާދިސާއިން ތި އެނގުނީ ޔައިދައްތަ ދޮންބެ ދެކެ ލޯބިވާ ކަމެއްނު.. ޝީ ގޮޓް ޖެލަސް ވެން ޔޫ ވަރ ވިތް ލައު.. އެންޑް ޝީ ގޮޓް ހަރޓް ބައި ޔުއަރ ވޯރޑްސް.. ދޮންބެ ދެކެ ލޯބި ނުވާ ނަމަ، ޔައި ދައްތައަސް އެ ހުރިހާ ކަމެއް ނުވާނެއްނު.. ވިސްނަބަލަ ދޮންބޭ.. ދިސް އިޒް އަ ގުޑް ޗާންސް ޓު ޕްރޮޕޯޒް..” މަނާލް ދެއްކި ވާހަކައާ ދޭތެރޭގައި މިލާނަށް ފުންކޮށް ވިސްނައިލެވުނެވެ. އެ ބުނީވެސް ތެދެކެވެ. އޭނާއަށް ކުރިން މި ހުރިހާ ކަމެއް ނުވިސްނުނީ ކީއްވެހެއްޔެވެ؟ ލޯބީގައި އޭނާއަށްވުރެ އޭނާގެ ކޮއްކޮގެ ތަޖުރިބާ ގިނަވެފައި މަޢުލޫމާތު މުއްސަނދީތާއެވެ.

“ވާއު.. ޔޫ އާރ އަ ޖީނިއަސް ނާލޫ..” ވަގުތުން މަނާލްއާ އަތާއަތް ޖަހައިލަމުން މިލާން ބުނެލިއެވެ. “ހަހާ. އައި ނޯވ..” މަނާލް އޭނާގެ އިސްތަށިގަނޑު ކުރިއަށް ގެނެސް، ފަހަތަށް އެއްލަމުން ބުނެލި ގޮތުން މިލާންއަށް ހީލެވުނެވެ. “ތެންކްޔޫ ނާލް.. ވަރަށް ބޮޑަށް..” މަނާލްގެ ނިތުގައި ބޮސް ދެމުން މިލާން ބުނެލިއެވެ. “އެނީތިންގ ފޯރ މައި ޑިއަރެސްޓް ބްރަދަރ.. އައިމް އޯލްވޭޒް ހިއަރ ފޯރ ޔޫ އިނގޭ..” މަނާލްވެސް މިލާންގެ ގައިގައި ބައްދާލަމުން ހިނިތުންވެލިއެވެ. ކިހާ ލޯބި މަންޒަރެއްތޯއެވެ؟ އެއްބަނޑު އެއްބަފާވަންތަކަމުގެ މަތިވެރި ގުޅުމުގެ ލާމަސީލު މިސާލެކެވެ.

“އެކަމް ވެއިޓް.. ނާލުގެ އިންފޮމޭޝަން ހާދަ ގިނައޭ މި ޓޮޕިކްގަ..؟ އެއީ ކީއްވެ..؟” ކުއްލިއަކަށް މަނާލްއާ ދުރުވަމުން މިލާން އަހައިލިއެވެ. “އާނ އެއީ ދޮ.. މީ.. މީ.. އަނޭ.. އެއީ..” މަނާލްއަށް ހިންދިރުވާ ލެވުނެވެ. “ނުބުނާތި ލަވް ސްޓޯރީ ކިޔައިގެންނޭ.. ނޫނީ ފިލްމް ބަލައިގެންނޭ.. ތި ހުރީ ހަމަ އެކަހަލަ ކަމެއް ތަޖްރިބާ ކޮށްފަ..” މިލާން ޔަޤީންކަމާއެކީ ބުނެލި ގޮތުން މަނާލް ހާސްވިއެވެ. ބުޅާ ގޯނިން ބޭރުވަނީތާއޭ އޭނާގެ ހިތަށް އެރިއެވެ. “އެހެންމަ ނާލް އަސްލަށްވެސް ދޯ..؟ ކޮން އިރަކު..؟” މަނާލްގެ މޫނުމަތީގެ ކުލަވަރުން މިލާނަށް ޔަޤީންވިއެވެ. “މީ.. އެއީ..” އެހާ ހިސާބަށް ބުނެފައި މަނާލް ބޭރަށް ދުއްވައިގަތެވެ. “ނާލް.. މަޑުކުރޭ.. އެހެނޫނީ މަންމަ ކައިރި ބުނާނަން..!!” މަނާލްގެ ފަހަތުން މިލާންވެސް ދުއްވައިގަތެވެ. “ނާލޫ!!!!!!!”

*** ** ***

މިލާން ފޮނުވާފައި އޮތް މެސެޖު ކިޔައިލަމުން ލައުރާ އޯކޭއޭ ބުނެފައި ފޯނު ބާއްވާލިއެވެ. މިލާން ބުނަން އެ އުޅޭ ބޮޑު ވާހަކައެއް އަޑު އެހުމަށް އޭނަ މިހާރު އެ ހުރީ ކެތް މަދު ވެފައެވެ. އިއްޔެ ކަންތައް ވީ ގޮތުން އަދިވެސް ލައުރާގެ ހިތް ނުތަނަވަސް ވެފައި ވީ ނަމަވެސް، ރުޅި އައުމުގެ އެއްވެސް ޙައްޤެއް އެނާއަށް ނެތް ކަމަށް ޤަބޫލު ކުރަން ޖެހުނެވެ. މިލާންގެ ދިރިއުޅުމުގައި މިލާން ބޭނުންވާ ގޮތަށް ކޮންމެ ކަމެއްވެސް ކުރެވެން ވާނެކަމަށް ލައުރާއަށް ޤަބޫލު ކުރެވުނެވެ.

*** ** ***

“ކަމޯން ދޮންބެގަނޑާ.. ތި އަވަހަށް މެސެޖު ކޮށްބަލަ..” ޔައިނާއަށް މެސެޖު ކުރާނެ އެއްޗެއް ނޭނގިގެން މިލާން އުޅޭތާ މިހާރު ބައިގަޑި އިރު ވަނީއެވެ. “އަޅެ މަޑުކޮށްބަލަ ނާލު.. ކީކޭތަ ލިޔަންވީ..؟” މިލާން އިނީ ނިޔަފަތި ހަފާލަހަފާލައެވެ. އެންމެފަހުން މަނާލް ގާތަށް ރުޅި އައިސްގެން މިލާންގެ އަތުން ފޯނު ޖަހައިގަތެވެ. އަދި އެއަށްފަހު ޔައިނާއަށް މެސެޖުކުރީ މިލާން ކަމަށް ހެދެމުންނެވެ.

މިލާން އަވަސްއަވަހަށް މަނާލްގެ އަތުން ފޯނު ޖަހައިގަތީ މަނާލް ކޮންމެ ފަދަ އެއްޗެކޭވެސް ބުނެފާނެތީއެވެ. ފޯނު އަތުލައި، އޭގައިވާ މެސެޖު ކިޔައިލިއެވެ. “ހޭ.. މިއަދު ހަވީރު ތުނޑިން މީޓް ކުރެވޭނެތަ..؟ ހަތަރުގަޑި ބަޔަށް.. އަހަރެން އިންތިޒާރު ކުރާނަން.. އަންނާނެ ކަމަށް އުންމީދު ކުރަން..” މިލާން އެ މެސެޖު ބާރަށް ކިޔައިލިއެވެ. “ވާއު.. ނޮޓް ބޭޑް އެކްޗުލީ.. ނާލް މޮޅޭ މިކަހަލަ ކަންކަމަށް..” މިލާން އެހެން ބުނުމުން މަނާލް ފޮނިވެލިއެވެ. “ހޯން ދެން އެތަނަށް ދާންވާ އިރަށް ރީތި ގަމީހެއް ލާތި.. ޓީޝާޓުގަނޑަކާ ސޯޓަކާ ލައިގެން ނޫން ދާނީ..” މިލާންގެ ކޮޓަރިން ނުކުންނަމުން މަނާލް ބުނެލިއެވެ. އެއާއެކު މިލާން އަނގަޔަށް ފާޑެއްގެ ވައްތަރެއް ޖައްސައިލިއެވެ. މަނާލް ދިޔުމުން އަވަހަށް އަލަމާރި ހުޅުވައި، ލާނޭ އެއްޗެއް ހޯދަން ފެށިއެވެ.

ޔައިނާއާ ބައްދަލު ކޮށް، އެ ހިތުގެ ޙާލު އިއްވައިލުމަށް އުފާވެފައި ހުރި މިލާން، އެވަގުތު ލައުރާ ކައިރިވެސް އެތަނަށް ހަމަ އެގަޑިއަށް އަންނަން ބުނެވުނުކަން ހަނދާނެއް ނެތެވެ. ކުރިއަށް ވެދާނެ ގޮތަކާ ދޭތެރޭ އެއްވެސް ވިސްނުމެއް ނެތި،  މިލާން ގޮސް ފާޚާނާއަށް ވަނެވެ. ދުވަހަކީ ހުކުރު ދުވަސްކަމުން، ހުކުރަށް ދާންވާ އިރަށް މޫދަށް އެރިލަން މިލާން ބޭނުންވިއެވެ.

*** ** ***

ހެނދުނު ތެދުވި ގޮތަށް ޔައިނާ ފަތިސް ނަމާދު ކޮށްލައިގެން ތިރިއަށް ފޭބިއެވެ. އޭރު ޔާސިރުވެސް އޮފީހަށް ދާން ނުޖެހޭ ދުވަހެއް ކަމުން ތެދުވެ އުޅެއެވެ. އެންމެ ފުރަތަމަވެސް ޔައިނާ ދެ ކޮފީތަށި ހަދައިލުމަށްފަހު ޔާސިރުއަށް އެއް ތަށި ގެންގޮސްދިނެވެ. ދެބަފައިން އެއްކޮށް ކޮފީއަށް އިންސާފު ކުރުމަށްފަހު، ޔައިނާ އަވަސްވެގަތީ ހެނދުނު ސައި ހެދުމަށެވެ. ޔައިނާއާ އެކީ ޔާސިރުވެސް ބަދިގެއަށް ވަނެވެ. ޔައިނާ ފުއް މޮޑެ، ރޮށި ދެމުމުން ޔާސިރު ރޮށި ފިހަމުން ދިޔައެވެ. ޔައިނާ އެންމެ ކުޑަ އިރުއްސުރެވެސް ޔާސިރު ޔައިނާއަށް ދަސްކޮށްދީފައިވަނީ ކޮންމެ ކަމެއްގައިވެސް އަންހެނުންނާއި ފިރިހެނުން ހަމަހަމަވާނޭ ކަމެވެ. އޭނާ ހުރި ހަމައެކަނި ދަރިފުޅަށް ކައްކަން ދަސްކޮށްދީ، ގޭތެރޭގެ މަސައްކަތްތައް ކުރަން ދަސްކޮށްދިނީ މީހަކާ އިނދެގެން ފިރިމީހާގެ ގެއަށް ގޮސް ކައްކަން ޖެހޭނެތީކީ ނޫނެވެ. އޭނާ ޔައިނާއަށް އެކަންކަން ކުރަން ދަސްކޮށްދިނީ މާދަމާވެސް ކިޔަވަން ދުރަށް ގޮސް، އެހެން މީހަކަށް ބަރޯސާ ނުވެ، ޔައިނާގެ ހުރިހާ ކަމެއް ޔައިނާ އަމިއްލައަށް ކުރަން ދަސްކޮށްދިނުމަށެވެ. ޔާސިރު މުސްކުޅިވެ، ގައިބާރު ދެރަވާ ދުވަހަކުންވެސް އަޅާލަން ހުންނާނީ ހަމައެކަނި ޔައިނާކަމަށްވީ ހިނދު، ދިރިއުޅުމުގައި ދިމާވާނެ ކޮންމެ ޙާލަތަކަށްވެސް ކެތް ކުރުމަށް ޔައިނާއަށް ދަސްކޮށްދިނުމަށެވެ.

މުޖުތަމަޢުގައި މިއަދު މަދުވަނީ މިކަހަލަ ވިސްނުންތައް ގެންގުޅޭ މީހުންނެވެ. މި ވިސްނުން އެންމެންވެސް ގެންގުޅޭނެ ނަމަ، މިއަދު މުޖުތަމަޢުގައި އަންހެނުންނާއި، ފިރިހެނުން ހަމަހަމަވެފައިވާ މިންވަރު ކިހާ ބޮޑަކަށް ފެންނާނެތޯއެވެ؟

ރޮށި ފިހެ، މަސްހުނި މޮޑެ، ދެބަފައިން އެކި ވާހަކަތަކުގައި ތިބެ ސައިބޮއެ ނިންމައިލިއެވެ. ސައި ބޮއެ ނިންމައިލި ގޮތަށް ދެބަފައިން އަވަސްވެގަތީ ގޭތެރެ ސާފު ކުރުމަށެވެ. މިކަހަލަ ކަންކަމަށް ވަގުތު އޮންނަނީ ހަމައެކަނި ހުކުރު ހޮނިހިރުކަމަށް ވީތީ ދެބަފައިންވެސް ބެލީ އަވަހަށް ނިންމާލެވޭތޯއެވެ. ޔާސިރު ގޭތެރެ ފޮޅަން ފެށުމުން ޔައިނާ ގޮސް އެއްޗެހި ދޮންނަން މެޝިނަށް އެޅިއެވެ. އެއަށްފަހު އައިސް އޭނާގެ އަމިއްލަ ކޮޓަރި ރީތިކުރަން ފެށިއެވެ. އެނދުގެ ބެޑްޝީޓް ބަދަލުކޮށް، ފޮތް ހަރުގަނޑާއި، ސްޓަޑީ ޓޭބަލްވެސް ރީތިކޮށް، ތަރުތީބު ކޮށްލިއެވެ. އެއަށްފަހު، ޑްރެސިން ޓޭބަލް ރީތިކޮށްލައި، އަލަމާރި ތެރެވެސް ސާފުކޮށްލިއެވެ. އެންމެ ފަހު ކަމަކަށް ޔައިނާ ގޮސް ކޮޓަރީގެ އެންމެ ބިއްދޮށުގައި ބަހައްޓާފައި ހުރި ބޮޑު ޕިއާނޯވެސް ފޮޅާލިއެވެ. ޕިއާނޯ ކުޅުމަކީ ޔައިނާ ކުޑައިރުއްސުރެވެސް ވަރަށް ޝައުގުވެރިވާ ކަމެކެވެ. އުމުރުން އެންމެ ފަސް އަހަރުން ފަށައިގެން ޔައިނާ އައީ ޕިއާނޯ ލެސަން ނަގަމުންނެވެ. އެ ލެސަންތައް ނެގުން ހުއްޓުނީ ޔައިނާގެ އުމުރުން ސާދަ އަހަރުގައި ބައްޕަ ޔައިނާ ގޮވައިގެން މި ރަށަށް ބަދަލުވުމުންނެވެ. އެހެނަސް، އަދިވެސް ޔައިނާ އަންނަނީ ވީ ވަރަކުން އޭނާގެ ހުނަރު ތަރައްޤީ ކުރެވޭތޯ ބަލަމުންނެވެ.

ކޮޓަރި ތެރެ ފޮޅައިލުމަށްފަހު، ޔައިނާ ކުނި ކަހައި، މޮޕުލިއެވެ. އެއަށްފަހު ޔައިނާ ގޮސް ޔާސިރުގެ ކޮޓަރިވެސް ފޮޅައި، ސާފުކޮށްލިއެވެ. ދޮވުނު އެއްޗެހިތައް ހިއްކަން އެޅުމަށްފަހު، ޔައިނާ އައިސް ދެ ފާޚާނާވެސް ދޮވެލިއެވެ. އޭރު ޔާސިރުވެސް ގޭތެެރެ ސާފުކޮށް ނިމިއްޖެއެވެ. ކިތަންމެ ވަރުބަލިވެފައި ހުރި ނަމަވެސް، ޔައިނާ ގޮސް މެންދުރަށް ކޮންމެސް އެއްޗެއް ހަދާލަން ނިންމިއެވެ. އޭރު ހުކުރު ވަގުތު ކައިރިވެފައި ހުރުމުން ޔާސިރު ފެންވަރަން ވަނެވެ. ހުކުރު ދުވަސްކަމުން ޔާސިރަށް އެންމެ މީރު ކުކުޅު ރިހަ ކެއްކުމަށްފަހު، މުރަނގަފަތުން ސަޓަނި ހެދިއެވެ. ބަތް ކެއްކުމަށްފަހު، އަނބުގައި ފަނި ގިރިއެވެ. ހުރިހާ ކަމެއް ނިމުމުން ޔައިނާ ބަދިގެތެރެވެސް ސާފުކޮށްލާފައި، މޭޒުމަތި ތައްޔާރުކޮށްލިއެވެ. އޭރު އޭނާ ހުރީ ހަމަ ރަނގަޅަށްވެސް ވަރުބަލި ވެފައެވެ. އެހެންކަމުން އަވަހަށް ކޮޓަރިއަށް ގޮސް ފެންވަރަން ވަނެވެ.

ފެންވަރައިގެން ނުކުމެ ޔައިނާ މެންދުރު ނަމާދުކޮށް ނިމިގެން ޚުތުބާ އަޑު އަހައިލިއެވެ. އެއަށްފަހު، ކަހަފް ސޫރަތް ކިޔެވުމުގައި ވަގުތު ހޭދަ ކުރިއެވެ. ޔާސިރު ގެއަށް އައުމުން ދެބަފައިން އެކީ ކެއުމަށް އިންސާފު ކުރަން ފެށިއެވެ. ކެއްކި އެއްޗެއްސަށް ޔާސިރު ތަޢުރީފް ކޮށްލީ މީރުކަމުނެނެވެ.

“ދަރިފުޅު ހާދަ މީރޭ ދޯ ކައްކާފަ ހުރިލެއް..” ޔާސިރު އެހެން ބުނުމުން ޔައިނާ ހީލިއެވެ. “ބައްޕަ އަޅުގަނޑަށް ދަސްކޮށްނުދިން ނަމަ ނޭނގުނީސް ތިހާ މީރުކޮށް ކައްކާކަށް..” ޔައިނާގެ ޖަވާބުން ޔާސިރު ހިތްހަމަޖެހުނެވެ. “ބައްޕަ އަބަދުވެސް ފަޚުރުވެރިވަން ދަރިފުޅާ ދޭތެރޭ.. ތިފަދަ ރަނގަޅު ދަރިއެއް ލިބުނީތީ..” ޔާސިރުގެ ދެލޯ ފެންކަޅިވީ މަންމައަކާ ނުލައި އެކަނިމާއެކަނި ޔައިނާ ގޮވައިގެން އުޅުނު ހިތްދަތި ދުވަސްތަކުގެ މަތިން ހަނދާން ވުމުންނެވެ. “އަޅުގަނޑުވެސް ވަރަށް އުފާވޭ ތިފަދަ ރަނގަޅު ބައްޕައެއް އަޅުގަނޑަށް ލިބުނީތީ..” ޔައިނާގެ ކޮންމެ ޖަވާބަކުން ޔާސިރުގެ ހިތަށް ހަމަޖެހުން ލިބެމުން ދިޔައެވެ. އެކަހަލަ އެތައް ވާހަކައެއްގައި ތިބެ ދެބަފައިން ކެއުން ނިންމައިލިއެވެ. ތަށިތައް ދޮވެ، މޭޒުމަތި ރީތިކޮށްލުމަށްފަހު، ޔައިނާ އައިސް އެނދުގައި އޮށޯވެލައި، ފޯނު ހުޅުވައިލިއެވެ. އެވަގުތު މިލާންގެ މެސެޖެއް އޮތްތަން ފެނުމުން އަވަހަށް މެސެޖު ހުޅުވައިލެވުނެވެ.

މިލާންގެ މެސެޖު ކިޔައިލި ޔައިނާގެ ތުންފަތުގައި ވަނީ ވަރަށް ރީތި ހިނިތުންވުމެކެވެ. މިލާން ކުރަން އެ އުޅެނީ އޭނާގެ ހިތް އެދޭ ފަދަ ކަމެއްކަމަށް އެވަގުތު އެ ހިތް ބުނެލިއެވެ. ވީ އުފަލުގައި އޯކޭއޭ ޖަހައި، މިލާނަށް ޖަވާބު ދިނުމަށްފަހު، ޔައިނާ ފޯނު ނިވާލިއެވެ. އެއަށްފަހު ބޭރަށް ނުކުމެ، ހިއްކަން އަޅާފައި ހުރި އެއްޗެހިތައް ނަގައި، އިސްތިރިކުރުމަށް އަވަސްވެގަތެވެ.

*** ** ***

ޔައިނާގެ ޖަވާބު މިލާނަށް ފެނުނީ ތިންގަޑި ފަނަރަ ވެފައި ހުއްޓައެވެ. އަވަހަށް އަލަމާރިން ފަހަރަކު ގަމީހެއް ނަގައި ގައިގައި ޖައްސަމުން ދިޔައެވެ. ގަމީސް ވަރުކުރަމުން ގޮސް ކަމުނުދާ ކޮންމެ ގަމީހެއްވެސް މިލާން އެނދުމައްޗަށް އެއްލައިލިއެވެ. މިލާން އުޅެމުން ދިޔަ ގޮތުން ހީވަނީ އަންހެން ކުއްޖެއް އޭނާގެ ލޯބިވެރިޔާއާ ބައްދަލު ކުރަން ދާން ތައްޔާރުވާ ހެންނެވެ. އެތައް ގަމީހެއް ވަރުކުރުމަށްފަހު، މިލާން އޭނާއަށް އެންމެ ކަމުދިޔަ ހުދުކުލައިގެ ޕްލެއިން އަތް ދިގު ގަމީހާއި، އައިސްބްލޫ ކުލައިގެ ޖިންސެއް ނެގިއެވެ.

ފެންވަރާލައިގެން ނުކުތް  މިލާންގެ ގައިން ދުވަމުން ދިޔަ ތާޒާ ޝަވަރ ޖެލްގެ ވަހުން މުޅި ކޮޓަރި ވަނީ އެއްވަސް ވެފައެވެ. މުޅީ ގަޔަށް ބޮޑީ ސްޕްރޭ ޖަހައިލުމަށްފަހު މިލާން ގަމީހާއި ޖިންސް ލިއެވެ. މޫނު ރީތިކޮށްލުމަށްފަހު، އިސްތަށިގަނޑުވެސް ރީތި ގޮތަކަށް ޖެލް ލައި، ސްޓައިލް ކޮށްލިއެވެ. ގަމީހުގެ އަތުކުރި އުޅަނބޮއްޓާ ހަމައަށް އޮޅާލުމަށްފަހު، އަތުގައި ގަޑިއެއް އަޅައިލުމުން އެ ފިރިހެންވަންތަކަން ވަނީ އިތުރުވެފައެވެ. ހިތްހަމަޖެހޭ ވަރު ވުމުން މިލާން ހިނގައިގަތީ މިސްކިތަށް ދިޔުމަށެވެ. މިސްކިތަށް ގޮސް، ތުނޑިއަށް ދާން ނިންމަމުން މިލާން ގެއިން ނުކުތެވެ.

*** ** ***

ލޯގަނޑު ކުރިމަތީ ހުރެ ޔައިނާ އެންމެ ފަހު ފަހަރަށް އެ ސޫރައަށް ބަލައިލިއެވެ. ލައިގެން ހުރި އަތް ދިގު ލޭސްފޮތީގެ ހުދުކުލައިގެ ޓޮޕް ޔައިނާއާ ނުހަނު ގުޅެއެވެ. ތިރިން ލާފައި ހުރި ގަދަނޫ ކުލައިގެ ފިޓްކޮށް ހުރި ޖިންސާއި އެކީ އަރައިގެން ހުރީ ކަޅު ކުލައިގެ ތިރި ފައިވާނަކަށެވެ. އިސްތަށިގަނޑު ފަހަތަށް ގެނެސް ދޫކޮށްލާފައި ހުރުމުން ވަރަށް ރީއްޗެވެ. ތުންފަތުގައި މަޑު ފިޔާތޮށިކުލައިގެ ލިޕްބާމެއް ޖައްސައިލުން ފިޔަވާ އިތުރު މޭކަޕެއް ކޮށްފައި ނެތުމުން ވަރަށް ސާދާ ކަމަށް ދައްކައެވެ. ތައްޔާރުވެ ނިމުމުން ޢަސުރު ނަމާދު ކޮށްލުމަށްފަހު ޔައިނާ ގެއިން ނުކުތެވެ. ތުނޑި އޮންނަނީ ރަށުގެ އަނެއްކޮޅުގައި ކަމުން އެ ހިސާބަށް ދާން އިރުކޮޅެއް ނަގާނެތީ ޔައިނާ ބޭނުންވީ އަވަހަށް ދާށެވެ.

*** ** ***

ތުނޑިމަތީގައި މޫދަށް ނަޒަރު ހުއްޓާލައިގެން ހުރި މިލާންއަށް އޭނާގެ ކޮނޑުގައި ފިނި އަތްތިލައެއް ބާއްވާލިކަމުގެ އިޙްސާސް ކުރެވުނުނެވެ. ވަގުތުން އެ ތުންފަތަށް ހިނިތުންވުމެއް ވެރިވި އިރު، އެއީ ޔައިނާ ކަމުގައި ޔަޤީން ކުރެވުނެވެ. ކުއްލިއަކަށް މިލާންގެ ހިތް ބިރުގަތެވެ. ޔައިނާއާ ކުރިމަތިލާން އުނދަގޫ ވިއެވެ. އަތްފައި ފިނިވެ، މީހާ ތުރުތުރު އަޅާހެން ހީވިއެވެ. އެހެންނަމަވެސް، ދެން ފަސްޖެހެވޭކަށް ނެތެވެ. އެހެންކަމުން އެ ހުރިގޮތަށް ޔައިނާއަށް ފަސްދީގެން ހުރެ އޭނާގެ ހިތުގެ ޙާލު އިއްވާލުމަށް ނިންމުނެވެ.

“އަހަރެންނަކަށް ދެން ކެތެއް ނުވާނެ މި ވާހަކަ ނުބުނެއެއް.. މިހާރު ބުނަން ވީމަ ބިރުވެސް ގަނޭ އެބަ.. ތި ރީތި ސޫރައިގެ ކުރިމައްޗަށް އަރާފައި ބުނާނެހާ ހިތްވަރެއް އަހަރެންގެ ނެތް ކަންނޭނގެ.. އުންމީދު ކުރަން އަހަރެންގެ އިޙްސާސްތައް ޤަބޫލު ކުރާނެކަމަށް.. އަހަރެން… އަހަރެން ވަރަށް ލޯބިވޭ.. ވަރަށް ވަރަށް ބޮޑަށް ލޯބިވޭ.. ތީ އަހަރެންގެ ފުރަތަމަ ލޯބި.. އަދި އެންމެ ފަހުގެވެސް ލޯބި.. ތި ލޯތްބާ ދުރަށް ދާކަށް އަހަރެންގެ ހިތް އެއްވެސް ޙާލެއްގައި ނޭދެ.. ތި ލޯތްބާ ދުރުގަ ހުރުމަކީ އަހަންނަށް ކުރެވޭނެ ކަމެއް ނޫން.. އެހެންވީމަ ވަރަށް އުންމީދާއެކީ މި އަހަނީ.. އަހަރެންގެ މި ލޯބި ޤަބޫލު ކުރާނަންތަ..؟ އަހަންނަށް ތި ހަޔާތުގެ ހިއްސާދާރަކަށް ވުމުގެ ނަސީބު ލިބިދާނެތަ..؟” އެވަގުތު ހިތަށް އައި ގޮތަށް ހުރިހާ އެއްޗެއް ބުނުމަށްފަހު، މިލާން ފުން ނޭވައެއް ދޫކޮށްލިއެވެ. ޔައިނާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން މިލާންގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ. ވަރަށް ހިތްވަރުކޮށްފައި، މިލާން ޔައިނާގެ ކުރިމައްޗަށް އެނބުރުނެވެ. އެވަގުތު ފެނުނު މަންޒަރަކުން ހީވީ މިލާންގެ މުޅި ދުނިޔެވެސް ހުއްޓުނު ހެންނެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

ޔަލާ 1

Next

ނިޢުމަތް

Next
July 15, 2022

ނިޢުމަތް

Previews
July 13, 2022

ޔަލާ 1

One Comment

  1. Ryyn says:
    July 16, 2022 at 10:07 am

    Hellw? Hws you dear?
    Vrh vrh rythi mi prt ves 🥰 Masha allah.. assu manaal ah ves kujjeh dheke lwbi vevunee kanneyge dhw? Heh.. pis mi milaan eh. Lau ah gadi kiyunukan handhaan nahthaaly ey.. aslu lau dhw e hury fahathuga.. 🤦‍♀️ e hurihaa ehcheh kiyaafa enburunu iru fahathuga laura huryma kadavaane eyna.. dhn e vhk thah adu ahan yainaa huriyyaa? Adhi maa kanthah boduvaane.. vhk eh ves nudhahkaane kanneyge? 😄 waitin 4 nxt prt..
    Stay safe..
    Take care.. lyysm ❤😘

Comments are closed.

Next Episodeހޯދަން ނޭދެން ލޯތްބެއް ތިޔަ ނޫން… 8←


All Right Reserved!