Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހޯދަން ނޭދެން ލޯތްބެއް ތިޔަ ނޯން… 6

Nayaa
Nayaa Level 1010 Stories100 Comments100 Login500 Comments100 Stories1K Comments
July 10, 2022 9 Mins Read
0 Comments

ާޒާރާގެ ޖަވާބުން ހިތްހަމަ ނުޖެހިފައި ހުރި އަފާން އިތުރު ދެ ފިޔަވަޅު ޒާރާއާ ގާތަށް އެޅިއެވެ. އަފާން އެހާ ގާތުގައި ހުރުމުން ޒާރާއަށް ފަހަތަށް ޖެހެވުނެވެ. ޒާރާ ފަހަތަށް އަޅާ ކޮންމެ ފިޔަވަޅަކ އެކީ އަފާންވެސް ދިޔައީ ކުރިޔަށް ފިޔަވަޅެއް އަޅަމުންނެވެ. ހިތަށް އުނދަގޫވެފައި ހުރި ޒާރާއަށް އެއްޗެއް ނުވެސް ބުނެވުނެވެ. ޒާރާ ގޮސް ފާރުގައި ޖެހުމުން ހާސްވިއެވެ. އެއާއެކު އަފާން ދެއަތް ޒާރާގެ ދެފަރާތުން ފާރުގައި ވިއްދާލާފައި، ނުދެވޭނެހެން ޒާރާ ހައްޔަރު ކޮށްލިއެވެ. އަފާންގެ އެ ޙަރަކާތުން ޒާރާއަށް ދެލޯ ބޮޑުކޮށްލެވުނު އިރު އެ ހިތް ދިޔައީ ނޭނގޭ ބާރުމިނެއްގައި ތެޅެމުންނެވެ. އަފާންގެ ނަޒަރު އޭނައަށް ހުއްޓިފައިވީތީ ޒާރާއަށް އުނދަގޫވެސް ވިއެވެ. އޭރުވެސް އަފާން ދިޔައީ ކަޅި ޖަހާ ނުލައި ޒާރާއަށް ބަލަމުންނެވެ. “އަ.. އަފާން… ކީއް ތި ކުރަނީ..؟” އުނދަގުލުން ނަމަވެސް ޒާރާއަށް ބުނެވުނެވެ. އޭރު އަފާންގެ ދެލޮލުން ފެންނަމުން ދިޔަ އަސަރުތައް ދެނެގެންނަން ޒާރާއަކަށް ނޭނގުނެވެ.

“އަ.. އަފާން..” އަފާން މަޑުމަޑުން ހުރެ އޭނާގެ އަތް ޒާރާގެ މޫނާ ދިމާލަށް ގެންދަން ފެށުމުން ޒާރާގެ ދެލޯ ބޮޑުވިއެވެ. އަފާން ކުރަން އެ އުޅޭ ކަމެއް ނޭނގުމުން އެ ހިތް ތެޅިލިއެވެ. އަފާންގެ އަތް އައިސް އޭނާގެ ކޯތާފަތުފައި ޖެހުމުން ޒާރާއަށް ދެލޯ މަރާ ތަގުޅި ކޮށްލެވުނެވެ.

ޒާރާގެ މައުސޫމް ޙަރަކާތްތަކުން އަފާންއަށް ހީލެވުނެވެ. އަފާންގެ އެއް އަތް ޒާރާގެ ކޯތާފަތުގައި ޖައްސާލާފައި ވީ ހިނދު އަނެއް އަތުން އަދިވެސް ވަނީ ފާރުގައި ހިފަހައްޓާލާފެވެ. މަޑުމަޑުން އަފާން ޒާރާގެ ކޯތާފަތުގައި ވީ އޭނާގެ އަތުގެ ބޮޑުވާ އިނގިލިން ޒާރާގެ ތުންފަތް ފުހެލިއެވެ. އެއަށްފަހު، އަފާން ޒާރާއާ ދުރުވެލުމުން ޒާރާއަށް ހައިރާންވެފައި އަފާންއާ ދިމާލަށް ބަލައިލެވުނެވެ.

“އޯހ ގޯޑް.. ސްޓޮޕް ގިވިން މީ ދެޓް ލުކް.. ޒާރާގެ ތުންފަތުގަ އެއްޗެއް ހޭކިފަ ހުރީމައޭ އަހަރެން މި ފުހެލައިދިނީ..” އަފާން ޖީބަށް އަތް ޖަހައިލަމުން ވަރަށް ނުވާ ކަމަށް ހެދުނެވެ. “އޯހ…” ޒާރާއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. ދެންމެ ވެދިޔަ ކަންތަކުން ޒާރާ އަދިވެސް ހުރީ ވާނުވާގައެވެ. ޒާރާގެ އެ ހަމަހިމޭންކަން އަފާންއަކަށް ކަމަކު ނުދިޔައެވެ.

“ކަމޯން ޕޮޓޭޓޯ.. އަދިވެސް ބުއްތަށިތަ ބޮނީ..؟ ދުވަހަކުވެސް ބޮޑެއް ނުވޭ ދޯ.. އަދި ނިންމާފަ ތުން ދޮންނާކަށްވެސް ނޭނގެއޭ..” އަފާން ހިނިގަނޑެއް ޖަހާލަމުން ޒާރާއާ ދިމާކޮށްލިއެވެ. އެއާއެކު ޒާރާގެ މޫނުމަތިން ލަދުވެތި ކަމުގެ އަސަރު ކެނޑި، ރުޅިވެރިކަން އެ ރީތި މޫނުމަތީގައި ރަސްކަން ކުރަން ފަށައިފިއެވެ. “އޯހ ޕްލީޒް.. އަހަރެން ބުއްތަށި ބޮއުނަސް ކޮފީ ބޮއުނަސް ސައި ބޮއުނަސް ކޮންމެ ގޮތަކަށް ކޮންމެ ކަމެއް ކުރިޔަސް އެއީކީ އަފާންއާ ބެހޭ ކަމެއް ނޫނޭ..” ދެ އަރިކަށީގައި އަތް ވިއްދާލަމުން ޒާރާ ބުނެލީ ރުޅި އައިސްފައި ހުރެއެވެ. “އޯކޭ އޯކޭ އޯކޭއޭ.. މަ ހަމަ އެއްޗެއް ބުނެލާ އިރަށް މި ޒާރާ ގަނޑު ހީވަނީ ފަޓާހެއް ގޮއްވާހެން..” އަފާން އެހެން ބުނި ނަމަވެސް ޒާރާގެ ސަމާލުކަމެއް ނުލިބުނެވެ. އޭރު ޒާރާގެ ނަޒަރު ހުއްޓިފައިވަނީ އަތުކުރީގައި އަޅާފައި އޮތް ގަޑިއަށެވެ.

“އޯހ ޝިޓް!! އަފާން އަހަރުން ގަޑި ޖެހެނީ.. މިހާރު އުޅޭނެ ގޭޓު ލައްޕަން..” ޒާރާގެ ވާހަކައިން އަފާން މާ ބޮޑަށް ހާސްވެފައި ހުރި ހެންނެއް ހިޔެއް ނުވެއެވެ. “ސްޓޮޕް ވޮރީންގ.. ބޭނުންތަ މެޖިކް ޓްރިކްއެއް ބަލަން..؟” އަފާން އަހައިލިއެވެ. “އަފާން ކުރާ ތިކަހަލަ ކޫސަނި ކަންތައްތަކަކަށް ނެތް ވަގުތެއް..” ޒާރާ ލޯ އަޅައިލިއެވެ. “އޯހ ކަމޯން.. އަހަރުންނަށް ގަޑި ނުޖެހި ސްކޫލަށް ދެވޭ ގޮތެކޭ.. ފަހުން ޒާރާ މަށަށް ތެންކްފުލް ވާނެ..” އަފާން ބުނި ވާހަކައިން ޒާރާއަށް އެއްބުމަ އަރުވައިލެވުނީ އެއީ ކޮން ގޮތެއްހޭ އަހައިލާ ފަދައިންނެވެ. އެވަގުތު ޒާރާ ސިހުނީ އަފާން އޭނާގެ މަޑު އަތްތިލައިގައި ހިފައި، އެ އަތަށް ބާރުކޮށްލުމުންނެވެ. ޒާރާއަށް އަފާންއާ ދިމާލަށް ބަލައިލެވުނު އިރު އަފާންގެ ނަޒަރު ހުއްޓިފައިވަނީ މަގުމައްޗަށެވެ. “ތްރީ.. ޓޫ.. ވަން.. ގޯ!” އެހެން ބުނުމަށްފަހު، އަފާން ޒާރާގެ އަތުގައި ހިފައިގެން ގައި ހުރި ބާރެއްލައި ދުއްވައިގަތެވެ. ލިބުނު ޝޮކުގައި ޒާރާއަށް މާ ބާރަށް ނުދުވެވުނު ނަމަވެސް، އަފާން ޒާރާގެ އަތުގައި ހިފައި، ޒާރާ ދަމަމުން ކަހަލަ ގޮތަކަށް ގެންދިޔައެވެ. ދެމީހުންނަށް ސްކޫލްގެ ގޭޓާ ހަމައަށް ފޯރުނު އިރު ގޭޓް ޑިޔުޓީގައި ތިބި ދެ ޕްރިފެކްޓުން ގޭޓް ލައްޕަނީއެވެ. އަފާން އަވަސްއަވަހަށް ޒާރާގެ އަތުގައި ހިފައިގެން ދިޔަ ގޮތަށް ދެ ގޭޓްގެ ތެރެއިން ދެމިގަތެވެ.

ކިރިޔާ ގަޑި ނުޖެހި ސްކޫލަށް ވަދެވުމުން ޒާރާ ހުރީ ހިތްހަމަޖެހިފައެވެ. އޭރު މާ ބާރަށް ދުވެފައި އައުމުގެ ސަބަބުން ދެމީހުންނަށްވެސް ދިޔައީ މާނޭވާ ލެވެމުންނެވެ. އެދެމީހުންނަށް ފާޑަކަށް ބަލަން ތިބެފައި އެތާ ތިބި ދެ ޕްރިފެކްޓް ކުދިންވެސް އެސެމްބްލީއަށް ދާން ހިނގައިގަތެވެ. އިރުކޮޅަކަށްފަހު ހަމައަކަށް އެޅުމުން އަފާންއަށް ޒާރާއާ ދިމާލަށް ބަލައިލެވުނެވެ. “ޒާރާ.. އޯކޭތަ..؟” އޭރުވެސް ޒާރާ މާނޭވާ ލަމުން ދާތީ އަފާން ކުޑަކޮށް ހާސްވިއެވެ. އޭނާ ގޮސް ޒާރާގެ ދެކޮނޑުގައި ހިފަހައްޓާލާފައި ބުރަކަށީގައި މަޑުމަޑުން ޖަހައިލިއެވެ. އިރުކޮޅަކަށްފަހު ހަމައަކަށް އެޅުމުން ޒާރާއަށް އަފާންއާ ދިމާލަށް ބަލައިލެވުނެވެ. އޭރު އަފާންގެ އެ ތޫނު ނަޒަރު އޭނާއަށް ހުއްޓިފައި ވުމުން ކުޑަކޮށް ލަދު ގަތް ނަމަވެސް، ޝުކުރިއްޔާއޭ ބުނެލިއެވެ. އެއާއެކު ޒާރާގެ ލޮލުގައި އަޅައިގަތީ އަފާންގެ އުޅަނބޮއްޓެވެ. ލައިގެން ހުރި މަޑު ނޫކުލައިގެ އަތް ދިގު ޔުނީފޯމް ވަނީ އުޅަނބޮއްޓާއި ދިމާލުން ރަތް ވެފައެވެ. އަފާންގެ އުޅަނބޮށިން ލޭ އަންނަނީކަން އެނގުމުން ޒާރާއަށް ދެލޯ ބޮޑު ކޮށްލެވުނެވެ.

“އަފާން.. އުޅަނބޮށި މަށައިގެން ގޮއްސައެއްނު ތި ހިރީ..” ޒާރާ އެހެން ބުނުމުން އަފާންއަށް އޭނާގެ އުޅަނބޮއްޓަށް ބަލައިލެވުނެވެ. “އެއީ ގޭޓުން ދެމިގަތް އިރު އަތް ގޭޓުގަ އުޅަނބޮށި ގޭނުނީ ކަންނޭނގެ.. އެ ރަނގަޅުވާނެ ދޮވެލީމަ..” އަފާން އެހެން ބުނުމުން ޒާރާ ވަގުތުން ދެކޮޅު ހެދިއެވެ. “ނޯ.. މަޑުކުރޭ އެތާ ބެންޗްގަ.. އެބަ އަންނަން ވަރަށް އަވަހަށް.. ދެން އަހަރުން ކްލާހަށް ދާނީ އެސެމްބްލީ ނިމުނީމަ.. އަފާން މަޑުކުރައްޗޭ އެތާ… ވަރަށް އަވަހަށް އެބަ އަންނަން..” އެހެން ބުނުމަށްފަހު، މަޑުނުކޮށް ޒާރާ ދުއްވައިގަތީ ހެލްތްރޫމާއި ދިމާލަށެވެ. އެސެމްބްލީ ވަގުތު ކަމުން ހެލްތް ރޫމްގައި މިވަގުތު އެއްވެސް މީހަކު ނެތެވެ. އެހެންކަމުން ޒާރާ ފަރސްޓް އެއިޑް ބޮކްސް ހިފައިގެން ދުވެފައި ދިޔައީ އަފާން ގާތު މަޑު ކުރަން ބުނި ތަނަށެވެ. އޭރު ބަސްއަހާ ކުއްޖެއް ފަދައިން އަފާން އޭނާ ބުނި ތާނގާ އިނުމުން ޒާރާއަށް ހީލެވުނެވެ.

“ދައްކާ އަތް..” އަފާން ކައިރި އިށީންނަމުން ޒާރާ އޭނާގެ އަތް އަފާންއަށް ދިއްކޮށްލިއެވެ. އަފާންއަށް ޒާރާއާ ދިމާލަށް ބަލައިލެވުނީ ޤަބޫލު ނުކުރެވިފައި ހުރެއެވެ. “ސާބަސް.. އަތުގައި ބޭސް އަޅައިދޭންށޭ.. މަވެސް އަބަދު އަފާންއަށް އަނިޔާ ކުރާކަށް ނޫޅޭނެ.. ސީރިޔަސް ގަޑިތަކުގަ ޖެހޭނެ ސީރިޔަސް ވާންވެސް..” އަފާން ފާޑަކަށް ބަލަހައްޓައިގެން އިނުމުން ޒާރާ ބުނެލިއެވެ. އެއާއެކު އަފާންގެ ލުއި، ފިރިހެންވަންތަ އަޑު އެތަނުގައި ގުގުމާލިއެވެ. ޒާރާއަށް އޭނާގެ އަތް ދިއްކޮށްލަމުން އަފާން މަޑުމަޑުން އިނެވެ.

އަފާންގެ އަތުގައި ހިފައި، ޒާރާ އަފާންގެ އަތުކުރީ ގޮށް ނައްޓާލިއެވެ. އެއަށްފަހު، އުޅަނބޮއްޓާ ހަމައަށް އަތް އޮޅާލަދިނެވެ. ޓިޝޫއަކުން އައިސްފައި ހުރި ލޭތައް ސާފްކޮށްލާފައި، ކަފަކޮޅަކަށް އެންޓިބަޔޮޓިކް ކޮޅެއް އަޅާލިއެވެ. މަޑުމަޑުން ކަފަކޮޅު ގެންގޮސް މަށައިގެން ގޮސް ހުރި ތަނުގައި ޖައްސާލުމާ އެކު އަފާންގެ އަނގައިން މަޑު އާހެއް ނުކުތެވެ. އެއާއެކު ޒާރާ ކަންބޮޑުވެފައި އަފާންއާ ދިމާލަށް ބަލައިލިއެވެ. “ސޮރީ ސޮރީ.. ވަރަށް ތަދުވިތަ..؟” ކަންބޮޑުވުން އެކުލެވިފައިވީ އަޑަކުން ޒާރާ އަހައިލި ގޮތުން އަފާންއަށް ހީލެވުނެވެ. ކީއްވެ ކަމެއް ނޭނގުނެވެ. އަފާންއަށް ތަދުވެދާނެތީ ޒާރާ އޭނާގެ މޫނު އަފާންގެ އުޅަނބޮއްޓާ ކައިރިކޮށްލިއެވެ. އަދި ކަފަކޮޅު ޖައްސަމުން މަޑުމަޑުން އަފާންގެ އުޅަނބޮއްޓަށް ފުމެމުން ދިޔައީ އަފާންއަށް ވާނޭ ތަދު ކުޑަ ކުރުމަށެވެ. ޒާރާގެ މި ޢަމަލުން އަފާންއަށް ޒާރާއާ ދިމާލަށް ބަލަން އިނދެވުނެވެ. ޒާރާގެ ހޫނު ނޭވާ އޭނާގެ އުޅަނބޮއްޓަށް އެޅެމުން ދިޔަ ގޮތުން ގައިން ހީބިހި ނަގައިގަތެވެ. ފުރަތަމަ ފަހަރަށް ޒާރާގެ ރީތިކަމަށް އަފާންއަށް ތަޢުރީފު ކޮށްލެވުނެވެ. އެ ރީތިކަން އަފާންގެ ހިތުގައި ބިންވަޅު ނެގުނީ ކިހިނެއް ކަމެއްވެސް ނޭނގުނެވެ.

ބޭސް އަޅައި ނިންމައިލުމަށްފަހު ޒާރާ ފެންފޮދަކުން އަފާންގެ ޔުނީފޯމްގައި ލޭ ފޭދިފައިވާ ތަން ދޮވެލިއެވެ. އެއްކޮށް ނުފިލި ނަމަވެސް، ކޮންމެސް ވަރެއް ވުމުން ކުރިންވެސް ހުރި ގޮތަށް ޔުނީފޯމުގެ އަތުކުރި ރީތިކޮށްލާ، ގޮށް އަޅުވައިދިނެވެ. “ނިމުނީ..” ފަރސްޓް އެއިޑް ބޮކްސް ލައްޕާލަމުން ޒާރާ އަފާންއަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އެއާއެކު އަފާންގެ އެ ތޫނު ނަޒަރު އޭނާއަށް ހުއްޓިފައި ވުމުން ޒާރާގެ ހަރަކާތްތައް މަޑު ޖެހުނެވެ. އަފާންއަށް ޒާރާއާ ކައިރިއަށް ޖެހިލެވުނީ އިޚްތިޔާރަކާ ނުލައެވެ. އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި ތިބި ޒާރާއާއި އަފާންއަށް ހޭވެރިކަންވީ އެސެމްބްލީ ނިމޭ ބެލް އެޅުމުންނެވެ. ތިބެވުނު ކައިރިކަން ރޭކާލާ އެކަކު އަނެކަކާ ދުރަށް ޖެހިލީ އެސްފިޔައެއް ޖަހާލާހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. “އެހެމް.. ޒާރާ.. މަގޭ އަތް…” އަފާން އެހެން ބުނުމުން ޒާރާއަށް ބަލައިލެވުނެވެ. ތެދެކެވެ. އަފާންގެ އަތް އޭރުވެސްވީ އޭނާގެ އަތުތެރޭގައެވެ. އަވަސްއަވަހަށް އެ އަތުން ދޫކޮށްލަމުން ޒާރާ ތެދުވިއެވެ. “އަމް.. ސޮރީ.. އެބަ އަންނަން މި ފޮށި އެކޮޅަށް ލާފަ..” އެހެން ބުނުމަށްފަހު ޒާރާ ތެދުވެ، ހިނގައިގަތް ނަމަވެސް ހުއްޓެވުނީ އަފާން އޭނާގެ އަތުގައި ހިފުމުންނެވެ. ސުވާލުގެ ނަޒަރަކުން އަފާންއަށް ބަލައިލެވުނު އިރު ޒާރާގެ ހިތް ތެޅިލިއެވެ. “މީ.. އަނޭ.. ތެންކްސް.. ބޭސް އަޅައިދިނީމަ..” އުޅަނބޮށްޓަށް ޢިޝާރާތް ކުރަމުން އަފާން ޝުކުރު އަދާކުރީ ފާޑަކަށް ލަދުން ހުރެއެވެ. “އެއީ އެވަރު ކަމެއް ނޫން..” ޒާރާ އޭނާއަށް ރިތި ހިނިތުންވުމެއް ހަދިޔާ ކޮށްލާފައި ދިޔުމުން އަފާން ވަރަށް ބޮޑަށް އުފާވިއެވެ. އެއީ ޒާރާ އޭނައާ ދިމާލަށް ހިނިތުންވެލި ފުރަތަމަ ފަހަރު ކަންނޭނގެއޭ ހިތަށް އެރުމުން ލުއިކޮށް ހީލެވުނެވެ. އަތުގައި ބޭސް އަޅައިދީފައިވާ ތަނުގައި މަޑުމަޑުން ފިރުމައިލަމުން އަފާން ކްލާހަށް ދިޔުމަށް ހިނގައިގަތެވެ.

*** ** ***

އެސެމްބްލީ ނިމުނު ގޮތަށް ކްލާހަށް ވަތް ޔައިނާ ސިހުނީ މިލާން އޭނާއަށް ގޮވައިލުމުންނެވެ. “އިނާ…” އަބަދުވެސް މިލާން އޭނާއަށް ގޮވައި އުޅޭ ނަމުން ގޮވުމުން ޔައިނާއަށް އޭނާގެ ފިޔަވަޅުތައް މަޑު ޖައްސާލިއެވެ. ހިންދިރުވާލައިފައި ފަސް އެނބުރި ބަލައިލި ވަގުތު މިލާންގެ ސޫރަ ލިބުމުން ލިބުނު ހިތްހަމަޖެހުމާއި އެއްވަރަށް ބިރުވެސް ގަތެވެ. ޔައިނާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުމުން މިލާން ޔައިނާއާ ގާތަށް ފިޔަވަޅު އަޅަން ފެށިއެވެ. ހިތްބިރުގަނެފައި ހުރި ޔައިނާވެސް މިލާން އަޅާ ކޮންމެ ފިޔަވަޅަކަށް ފިޔަވަޅެއް އަޅަމުން ދިޔައެވެ. ފަހަތަށް ފިޔަވަޅު އަޅަމުން ދިޔަ ޔައިނާ ގޮސް މޭޒުގައި ޖެހުނެވެ. ވަގުތުން އެހެން ދިމާއަކަށް ދާން އުޅުނު ނަމަވެސް އެކަން ކާމިޔާބު ނުވީ މިލާން ހުށިޔާރުކަމާއެކީ އައިސް ދެފަރާތުން މޭޒުގައި ހިފަހައްޓާލާފައި ޔައިނާ ހައްޔަރު ކޮށްލަމުންނެވެ.

“މި.. މިލާން..” ވައިއަޑުން ޔައިނާއަށް މިލާންގެ ނަން ކިޔައިލެވުނެވެ. “ކީއްވެ އަހަރެން އިއްޔެ ގުޅީމަ ފޯނު ނުނެގީ..؟” މޭޒުން އަތް ދޫކޮށްލަމުން ދެޖީބަށް އަތް ޖަހާލަމުން ހިތްހަމަނުޖެހިފައިވާ ރާގެއްގައި މިލާން އަހައިލިއެވެ. “ނޭނގެ.. އިއްޔެ.. ގުޅިކަމެއް…” އަޅައަޅައިގަންނަމުން ޔައިނާއަށް ބުނެވުނެވެ “ރޭގަ މަޣްރިބް ނަމާދު ކޮށްގެން މަ ގުޅިން ޔައިނާއަށް.. ޔައިނާގެ ބައްޕަ ގޭގަ ނޫޅޭތީ މަށަށް އިނގޭ ޔައިނާ އެކަނިކަން ގޭގަ އުޅޭނީ.. އެހެންވެ ހުރިހާ ކަމެއް ރަނގަޅުތޯ ބަލައިލަންވެގެން ގުޅީ.. ތިންހަތަރު ފަހަރު ގުޅައިގެންވެސް ފޯނެއް ނުނެގި.. އަހަރެން ހާދަ ހާސްވިޔޭ ޔައިނާއަށް ކަމެއް ވީ ކަމަށް ހީކޮށް.. އެންމެ ފަހުން ޒާރާއަށް ގުޅާފަ ޔައިނާގެ ބައްޕަ ގެއަށް ދިޔަކަން ޔަގީންވީމަ މަށަށް ހަމަޖެހިލެވުނީވެސް..” އެއްނޭވާއިން ހުރިހާ ވާހަކަތަކެއް ކިޔައިލި ގޮތަށް މިލާން ހުރީއެވެ. “އަހަންނަށް ކޮންމެ ގޮތަކަށް ކަންތައް ދިމާވިޔަކަސް އެއީ މިލާން ކަންބޮޑުވާން ޖެހޭ ކަމެއް ނޫން.. މިލާން އަހަންނާ ދޭތެރޭ ތިވަރަށް ކޮންސަރން ވާނެ ކަމެއް ނެތް. އަހަރެން ރަނގަޅޭ.. ރޭގަ އެގަޑީގަ ފޯނު ނުނެގުނީ ސައިލެންޓަށް ލާފަ އޮތީމަ.. އެގަޑީގަ އަހަރެން ސްޓަޑީޒްގެ ކަންކަމާ ކުޑަކޮށް ބިޒީކޮށް އުޅުނީމަ ފޯނު ނުނެގުނީ.. މިއަދު ފަތިހު މިލާން ގުޅާފަ އޮތްތަން ފެނުނީވެސް.. އެގަޑީގަ ސްކޫލްއަށް ދާން ރެޑީވާން ހުރީމަ ގުޅާ ނުލެވުނީ..” ޔައިނާގެ ވާހަކައަށް ފަހު މިލާންއަށް ބުނާނެ އެއްޗެއް ނޭނގުނެވެ. “އޯހ.. ދެން ފަހަރަކުން ގުޅާފަ އޮތްތަން ފެނިއްޖެއްޔާ މެސެޖެއް ނަމަވެސް ކޮށްލައްޗޭ.. ޕްލީޒް..” އާދޭހުގެ ރާގެއްގައި މިލާން ބުނެލި ގޮތުން ޔައިނާ އުފާވީ މިލާން އޭނައާ ދޭތެރޭގައި ވިސްނާވަރު އެނގުމުންނެވެ. ނަމަވެސް، އެކަން ފޭދުނީ އިއްޔެ މިލާންއާއި ލައުރާގެ ދެމެދުގައި ދެކެވުނު ވާހަކައިގެ މަތިން ހަނދާން ވުމުންނެވެ. “އެއީ..؟ ކީއްކުރަން ކޮންމެހެން މިލާންއަށް ކޯލްބެކް ދޭންވީ..؟” ޔައިނާގެ ސުވާލުންް މިލާންގެ ހިތް ކުޑަކޮށް ނަމަވެސް މާޔޫސްވިއެވެ. ދޭނެ ޖަވާބަކާ ދޭތެރޭ ހިނދުކޮޅަކަށް ވިސްނައިލެވުނެވެ. “ބިކޯޒް އައި ކެއަރ އެބައުޓް ޔޫ.. އޮބްވިއަސްލީ..” އެނެމް އަވަހަށް ހިތަށް އައި އެތި މިލާން ބުނެލިއެވެ. “އެހެންވީރު މިލާން އަހަންނަށް އެވަރަށް ކެއަރ ކުރަނީ ކީއްވެ..؟ އަހަންނަކީ މިލާނަށް އެއްވެސް ވަރަކަށް ޚާއްސަ މީހެއް ނޫނެއްނު.. މިލާންއަށް އެއްވެސް ގޮތަކުން މުހިންމު ނޫން މީހަކާ ދޭތެރޭ މިލާން އެހާ ވަރަށް ވިސްނާކަށް ނުޖެހޭނެހެން އަހަންނަށް ހީވަނީ..” ޔައިނާގެ ދުލުން ނުކުތް ލަފްޒުތަކާއެކި މިލާންއަށް ހީވީ އޭނާގެ މުޅި ދުނިޔެވެސް ހުއްޓުނު ހެންނެވެ. އިއްޔެ އޭނައާއި ލައުރާގެ ދެމެދުގައި ދެކެވުނު ވާހަކަ ޔައިނާއަށް އަޑު އިވުނީކަން ޔަޤީންވިއެވެ. ބުނާނެ އެއްޗެއް ނޭނގި މިލާންއަށް އިސްދަށަށް ޖަހައިލެވުނެވެ. “ކީއްވެހޭ..؟ ކީއްވެހޭ އަހަންނަށް ކަމެއް ވެދާނެތީ މިލާން އެހާ ބިރު ގަތީ..؟” މިފަހަރު ޔައިނާގެ އަޑު ކުޑަކޮށް ބާރުވިއެވެ. “މިލާން.. އަހަރެން މި ސުވާލު ކުރަނީ މިލާންއާއޭ.. ކީއްވެހޭ މިލާން އަހަންނަށް އެވަރަށް ކެއަރ ކުރަނީ..؟” ދެންވެސް މިލާން އެއްޗެއް ނުބުނުމުން ޔައިނާ ހިތްހަމަނުޖެހުނެވެ. މިލާނަށް ކެތްވީ އެހިސާބަށެވެ. އެ ހިތުގައި ޔައިނާއަށް ދެވިފައިވާ މަޤާމު އިއްވާލުމަށް އެ ހިތް ކެނޑިނޭޅި ބާރުއަޅަމުން ދިޔައެވެ. އިތުރަށް ކެތް ނުވުމުން މިލާން އޭނާގެ ހިތުގެ ޙާލު ޔައިނާއަށް އިއްވާލުމަށް ނިންމިއެވެ. “އެއީ.. އެއީ އަހަރެން ޔައިނާ ދެކެ-”

ބުނަން އުޅުނު ވާހަކަ މިލާންއަށް ފުރިހަމަ ނުކުރެވުނީ ކްލާހަށް ކުދިންތައް ވަދެގެން އައުމުންނެވެ. މިލާންގެ ދުލުން ދެން އިވޭނެ ލަފްޒުތަކަށް އިންތިޒާރުކޮށްގެން ހުރި ޔައިނާގެ މޫނުގެ ކުލަވެސް އޮއްސުނީ ކްލާސްތެރެ ހަލަބޮލި ވެގެން ދިޔުމުންނެވެ. ދެމީހުން ދެމީހުންނަށް ބަލައިލެވުނު ޔައިނާއާއި މިލާންގެ މޫނުމަތިވެސް ވީ ބަނަވެފައެވެ. “ލޭޓަރ…” ހަމައެކަނި އެހެން ބުނުމަށްފަހު މިލާން ގޮސް އޭނާއަށް ޚާއްސަކުރެވިފައިވީ ގޮނޑީގައި އިށީނެވެ. މިލާން ދިޔުމުން ޔައިނާވެސް ގޮސް ޒާރާގެ ކައިރީގައި ހުރި ގޮނޑީގައި އިށީން އިރު އެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. މިލާންގެ ދުލުން ބޭރުވާން އުޅުނު ލަފްޒަކީ އޭނާ އަޑުއަހަން ބޭޤަރާރުވެފައިވާ ލަފްޒެއްކަމަށް އެ ހިތް ތަކުރާރުކޮށް ބުނަމުން ދިޔައެވެ.

ކްލާހަށް ވަދެގެން އައި ލައުރާއަށް މިލާންއާއި ޔައިނާގެ ދެމެދުގައިވީ ގާތްކަން ނަގައިގަންނާކަށް ސިކުންތެއްވެސް ނުނެގިއެވެ. ކްލާސްތެރެ ކިތަންމެ ހަލަބޮލިވެފައިވީ ނަމަވެސް، އެއިން އެއްވެސް ކަމަކަށް ލައުރާގެ ސަމާލުކަމެއް ނެތެވެ. އޭނާއަސް ވިސްނެމުން ދިޔައީ މިލާންއާއި ޔައިނާގެ ދެމެދުގައިވީ ގާތްކަމާ ދޭތެރޭގައެވެ. މިލާންއާ ދޭތެރޭގައި އެ ހިތުގައި ޝަކުވާ އުފެދުނެވެ. އިލާން ޔައިނާއާ ގާތްވީތީކީ ނޫނެވެ. އިއްޔެ ޔައިނާއަކީ އޭނާއަށް އެއްވެސް މީހެއް ނޫނޭ ބުނެ މިލާން އޭނާއަށް ދޮގު ހެދީތީއެވެ. އެ ދެމެދުގައި އެކަހަލަ އެއްވެސް ގުޅުމެއް ނުވާ ނަމަ، ދެންމެ އެދެމެދުގައިވީ ގާތްކަން އެތާ އޮވެގެން ނުވާނެއެވެ. އާދެވުނު ރުޅިއާއެކީ ލައުރާއަށް ކޮންޓްރޯލް ކުރުން ވީ ނުހަނު ދަތި ކަމަކަށެވެ. ނަސީބަކުން ދެން އޮތް ކްލާސް އޮތީ މިލާންއާ ވަކިންނެވެ. އެހެންކަމުން އިތުރަށް އެންމެ ސިކުންތެއްވެސް ބޭކާރު ނުކޮށް ލައުރާ ކްލާހަށް ބޭނުންވާ އެއްޗެހި ހިފައިގެން ނުކުތެވެ.

ގޮނޑީގައި އިށީން މިލާންއަށް ކްލާސްތެރެ ހޯދައިލެވުނީ ލައުރާ ނުފެނުމުންނެވެ. ލައުރާ އޭނާގެ ކްލާހަށް ދިޔައީއޭ ހިތަށް އެރުމުން މިލާން ހަމަޖެހިލިއެވެ. އެވަގުތު އައިސް އޭނާގެ ކަނާތް ފަރާތުގައި އިށީން އަފާންއަށް އަވަސް ނަޒަރެއް ދިނެވެ.

“ބްރޯ.. އުޅަނބޮއްޓަށް ކަމެއް ވެފަތަ..؟” އަފާންގެ އުޅަނބޮއްޓަށް އިޝާރާތް ކޮށްލަމުން މިލާން އަހައިލިއެވެ. އެއާއެކު އަފާންއަށް ހިނިތުންވެލާފައި ޒާރާއާ ދިމާލަށް ބަލައިލެވުނީ މިއަދު އެ ދެމެދުގައި ވީ ކަންތައް ހިތަށް އަރުވައިލމުންނެވެ. “އަފާން.. އަފާން އޭ.. އަތަށް ކިހިނެއް ވެފަ ހެއްޔޭ..؟” އަފާންގެ ކޮނޑުގައި ހިފައި ކުޑަކޮށް ތަޅުވައިލަމުން މިލާން އަނެއްކާވެސް އަހައިލިއެވެ. “އެ ކީކޭ..؟” ކުއްލިއަކަށް މިލާން އަހައިލުމުން އަފާންއަށް ލިބުނީ ސިހުމެކެވެ. “އަޅެ ދެން ދޯ.. ކިހިނެއްވެފަތަ ކައެ ތި އިނީ..؟ މަ މި އަހަނީ އަތަށް ކިހިނެއް ވެފަ ހެއްޔޭ ތި ހުރީ..؟” އަފާންގެ ޙަރަކާތްތަކުން މިލާން ހުރީ ހިސާބަކަށް ހައިރާންވެސް ވެފައެވެ.

“އާނ މީ ދޯ.. މީ އެ އުޅޭ ޕޮޓޭޓޯ ކަންތަކޭ..” ޒާރާއާ ދިމާލަށް ބަލައިލަމުން އަފާން ބުނެލި އަޑު ޒާރާއަށް ކިތަންމެހާވެސް ރީތިކޮށް އިވުނެވެ. ވަގުތުން އެ ދެލޯ ކުޑަކޮށްލާފައި އަފާންއާ ދިމާލަށް ބަލައިލިއެވެ. “އަހަންނޭ..؟ ވަރަށް ރީއްޗެއްނު.. ހަމަ ކަމެއްވާ އިރަށް މަގޭ މައްޗަށް ޖަހާލާތި އިނގޭ..” ޒާރާގެ ޖަވާބުން މުޅި ކްލާސްތެރެ އެއްކޮށް ހިމޭންވިއެވެ. ޒާރާއާއި އަފާންގެ ޒުވާބަށް މުޅި ކްލާސް އެކީހެން ތައްޔާރުވީ ކަހަލައެވެ. “ބަލަ ޒާރާ އަވަހަށް ތައްޔާރު ނުވީމަ ގަޑި ޖެހުމުގެ ކުރިން ސްކޫލަށް ގެނެސްދޭން އުޅެން ހަދައިގެން ވީ ކަމެއް ދޯ މީ.. އެހެންމަ މީ ޒާރާ ފެށި ކަމެއް..” އަފާން އެއްލީ ވަރުގަދަ ބޮމެކެވެ. “ބަލަ އަހަރެން އެއްފަހަރުވެސް ބުނިންތަ އަފާން ކައިރި އަހަރެން ގަޑި ޖެހުމުގެ ކުރިން ސްކޫލަށް ލައިދޭށޭ..؟ ނުބުނަމެއްނު.. ސޯ ދިސް އިޒް އޯލް ޔުއަރ ފޯލްޓް..” ޒާރާވެސް ހުރީ ވަކި ދޫކުރާ ގޮތަކަށް ނޫނެވެ. އޭރު ޒާރާއާއި އަފާންގެ ޒުވާބުން ކްލާސް ހުރިހާ ކުދިން ތިބީ ހިނިގަނޑު ހިފަހައްޓާލައިގެންނެވެ. ހޭން ފަށައިފިއްޔާ ދެން ރޯޅި އަންނާނީ އެމީހުންނަށްކަން އެނގޭތީއެވެ.

“ބަލަ ދެން ކާކުތަ ގަޑި ޖެހޭތީ ހާސްވެޔޭ ކިޔާފަ މަގޭ ކައިރި ފުއްވީ..؟ ޒާރާއެއްނު.. ސޯ ދިސް އިޒް ޔުއަރ ފޯލްޓް..” އަފާން އަދިވެސް ބަލި ގަބޫލު ކުރާކަށް ނޫޅުނެވެ. “ދެން އެހެންވީރު ކާކުތަ މަގުމަތިން އައިސް މަގޭ ގައިގަ ޖެހިގަތީ..؟ އަފާން އެއްނު..؟ އެހެންވެއޭ އެހާ ލަސްވީވެސް.. އެހެންމަ މިފަހަރު މީ އަފާން ކުރި ކަމެއް..” ޒާރާ ވަކި ބަލި ޤަބޫލުކުރާނެ ހެއްޔެވެ؟ “އޯހ ހެލޯ.. ކާކުތަ މަގުމަތިން ދުވެފަ އައީ..؟ ޒާރާ އެއްނު..؟ ޒާރާވެސް ތަންކޮޅެއް ބަލައިލައިގެން އައިނަމަ އަހަރެން ގަޔަކު ނުޖެހުނީސް ދޯ..” އަފާންވެސް ހުރީ ވަލުގައި ގަދަޔަށް ހިފަހައްޓައިގެންނެވެ. “ހެވޭ.. އަފާންގެ އަތް މަށައިގެން ދިޔައީމަ މަ ދޯ ބޭސް އަޅައިދިނީވެސް.. ޝުކުރު ކޮށްބަލަ.. ސޯ އަންގްރޭޓްފުލް!!” ދެން ޒާރާ ބުނި ވާހަކައިން ކްލާސް އެއްކޮށް ހިމޭންވިއެވެ. އަފާންވެސް ދެލޯ ބޮޑުކޮށްލި ގޮތަށް ބުނާނެ އެއްޗެއް ނޭނގިފައި ހުރީއެވެ. ޒާރާ ބުނެވުނު ބަސް ރޭކާލުމާ އެއްކޮށް އަނގަމަތީގައި އަތް އަޅާލެވުނެވެ.

“ނޯ ނޯ.. އިޓްސް ނޮޓް ވަޓް ޔޫ ގައިސް ތިންކް..” ކްލާސް ހުރިހާ ކުދިންގެ ނަޒަރު އެ ދެމީހުންނަށް އަމާޒުވެފައި ހުރުމުން ޒާރާއާއި އަފާން އިންތިހާއަށް ލަދު ގަތެވެ. އެއާއެކު ހިމޭންވެފައި އޮތް ކްލާސްތެރޭން ކުދީންގެ ހޯބޯ ލެއްވުމުގެ އަޑު އިވެން ފެށިއެވެ.

“މީ ދޯ މި ދެމީހުން މިއަދު އެސެމްބްލީއަށް ނައިސް ކުރި ކަމަކީ..” މަޖާވެފައި އިނދެ މިލާން އެހެން ބުނުމުން އަފާން މިލާންގެ ބުރަކަށީގައި ބޮނޑިއެއް އެޅިއެވެ. “އަސްލު އެހެންނެއް ނޫނޭ ވީކީ.. މީ އަނޭ..-” އަފާން ބުނަން އުޅުނު ވާހަކަ ފުރިހަމައެއް ނުކުރެވުނެވެ. “އޮހޯން.. ދެން ކޮންމެހެން އިތުރު ބަހަނާތަކެއް ދައްކާނެ ކަމެއް ނެތް.. މިހާރު ތި އޮތީ އަތުން ދެކި، ލޮލުން ހިފަ.. އޮހޯން ކޯޗެއްތަ.. ލޮލުން ދެކި އަތުން ހިފާފަ..” އެ ކްލާސް އެހެން ކުއްޖެއް ކަމަށްވާ ރަޔަންވެސް ލާނެތް ރާގަކަށް ބުނެލިއެވެ. “މަށަށް އޭރުވެސް އިނގޭ މި ދެމީހުން ދޭތެރޭގަ ސިއްރުން ކޮންމެސް ކަމެއް ހިނގާކަން..” ރަޔަންއާ އެއްބައިވަމުން އަރީންވެސް ބުނެލިއެވެ. އެންމެންގެ ދިމާކުރުންތައް އެދެމީހުންނަށް އަމާޒު ވުމުން ޒާރާއަށް މޫނުގައި އަތް އަޅައިލެވުނެވެ. އަފާންގެ ޙާލު ޒާރާއަށްވުރެ މާ ދެރައެވެ. ލަދުން ގޮސް ވިރޭ ވަރުވެސް ވީ އަފާންއަށެވެ.

މި ވާ ވަރު ބުނެދޭ ހިތްވޭ

ކަލާޔަށް އަންގާ ހިތްވޭ

ތި ލޯތްބަށް އެދިގެން ދާހިތްވޭ

އެހެން އިނދެފައި ލަވައެއްގެ ތަންކޮޅެއް މިލާން ކިޔައިލުމުން ޒާރާއާއި އަފާން ވަކިން ބޮޑަށް ލަދު ގަތެވެ. ޒާރާއަށް އިސްދަށަށް ޖަހައިލެވުނު އިރު އަފާންއަށް މޫނުގައި އަތް އަޅައިލެވުނީ އަންހެން ކުއްޖެއް ފަދައިންނެވެ. ޒާރާއަށްވުރެ އަފާން ހުރީ މާ ބޮޑަށްވެސް ލަދު ގަނެފައެވެ. ކީއްވެ ކަމެއް ނޭނގެއެވެ. މީގެ ކުރިންވެސް ކިތަންމެ ބަޔަކު އެމީހުންނާ ދިމާކޮށްފައި ވެއެވެ. އެއިން ކޮންމެ ފަހަރަކު ދެ ހިތަށްވެސް ވެރިވަނީ ފޫހި ކަމެކެވެ. ނަމަވެސް، މިއަދު ތަފާތެވެ. ވަރަށް ތަފާތެވެ. ކީއްވެކަމެއްވެސް އެމީހުންނަކަށް ނޭނގެއެވެ.

“އޯ ވާވް.. ބަލަ ދެމީހުން އެއޮށް ބްލަޝްވާ ވަރެއް.. އަދި މި އަފާން ހީވަނީ ޒާރާއަށްވުރެ ލަދުން އުޅޭހެން..” މިލާންއަށް އިނީ ވަރަށް މަޖާވެފައެވެ. އޭރުވެސް ކްލާސް ހުރިހާ ކުދިންހެން ދިޔައީ ހެމުންނެވެ. އަފާންގެ ފަހަތުން އުޅޭ ދެތިން އަންހެން ކުއްޖެއް ކުނި މޫނު ހަދައިގެން ތިއްބަސް އެހެން އެންމެން ކިޔަމުން ދިޔައީ އެކައްޗެކެވެ. ޔައިނާވެސް އިނީ ޒާރާއަށް ވީ ގޮތުން ހިނި އައިސްފައެވެ. އެމީހުންނަށް އެ ސަކަރާތް ހުއްޓާލަން ޖެހުނީ ޓީޗަރު އައިސް ކްލާހަށް ވަނުމުންނެވެ. އަދި ފަހުން މި ވާހަކަ ކުރިއަށް ގެންދަންވާނޭ ކިޔައި ނިންމައިލުމުގެ ކުރިންވެސް އެމީހުން އަފާންއާއި ޒާރާއާ ދިމާކުރިއެވެ.

ޓީޗަރު ކިޔަވައިދޭން ފެއްޓުމުން ހުރިހާ ކުދިން އެކީ ހިމޭން ވިއެވެ. މުޅި ކްލާސްތެރެ އެކީ ހިމޭންވުމުން ޒާރާއަށް އަފާންއާ ދިމާލަށް ބަލައިލެވުނެވެ. އިއްތިފާޤުން އެވަގުތުވީ އަފާންވެސް ޒާރާއާ ދިމާލަށް ބަލައިލި ވަގުތަށެވެ. ދެމީހުންގެ ނަޒަރު ސީދާ ވުމުން ހީވީ ގައިގައި ކަރަންޓު ޖެހުނުހެންނެވެ. ޒާރާ ވަގުތުން ބޯޑަށް ސަމާލުކަން ދިން އިރު އަފާންވެސް ފޮތުގައި ގަލަން ޖައްސައި، ލިޔާ ކަމަށް ހެދުނެވެ.

ނުނިމޭ…

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Nayaa
Follow Me Written By

Nayaa

Level 1010 Stories100 Comments100 Login500 Comments100 Stories1K Comments

I write for therapeutic reasons. Author of "Hithuge Shakuvaa", "Hoadhan Neydhen Loebbeh Thiya Noon", "Thiya Loebbah Edheveythee" and "Hiyy Edhey Manzilakee"

Other Articles

Previous

އޯގާވެދޭށޭ

Next

ލޯތްބައް އެދެމޭ 6

Next
July 10, 2022

ލޯތްބައް އެދެމޭ 6

Previews
July 10, 2022

އޯގާވެދޭށޭ



All Right Reserved!