“އޯހް ގޯޑް.. ސްޓޮޕް އިޓް ޔޫ ބޯތް.. ޕްލީޒް..” ފަހަތުން ޔައިނާގެ އަޑު އިވުމުން ޒާރާއާއި އަފާން އެކީ ފަހަތް ބަލައިލިއެވެ. އޭރި ޔައިނާ އިނީ އެމީހުން ކުރަމުން ދިޔަ ޒުވާބުން ހީހީ ބަލިވެފައެވެ. އަފާންއާއި ޒާރާއަށް އެތާ އެހެން މީހުންވެސް ތިބިކަން ރޭކާލީ ޔައިނާ ގޮވައިލުމުންނެވެ. އެއާއެ ޒާރާޢަށް އިސްޖަހައިލެވުނެވެ. އަފާންއަށް ބޯ ކަހައިލެވުނެވެ. އެދެމީހުންގެ ޢަމަލުތަކުން ޔައިނާއަށް ނުހީ ނުހުރެވުނެވެ.
“ތި ދެމީހުންނަށް ވާ ހަމަ ސާބަސް އިނގޭ.. ދެމީހުން ދެމީހުންނާ ދިމާވެއްޖެއްޔާ އަބަދު ތި ތިބެނީ އެކަކު އަނެކަކު ގަޔަށް އަރާ ވަރު ވެފަ..” ޔައިނާ ބުނެލިއެވެ. “އަފާންއޭ ފުރަތަމަ ފެށީ..” ޒާރާ ބަލައިލީ އަފާންއާ ދިމާލަށެވެ. “އާނ ވަރަށް ރީތި.. މަގޭ ބޮލަކަންނު އެންމެ ފަހުން އެ ޖަހާލީ.. މަ ހަމަ ކުޑަ ކަމެއް ކޮށްލާ އިރަށް ޒާރާވެސް ނުޖެހެ ދޯ ކޮންމެހެން މަށާ ދިމާލަށް ބަވައިގަންނާކަށް..” އަފާންވެސް ވަކި ދޫކުރާ ޚިޔާލެއް ނުކުރިއެވެ.
“ހޫމް ހޫމް.. ދެން ހެވޭ.. ތި ހުއްޓާލަބަލަ ދެން.. ވާ ވަރު ވެއްޖެ އެއްނު ދެމީހުންނަށް.. ބަލަ އެތާ އެބަ ތިބި މީހުން ބަލަންވެސް..” ޔައިނާ އިނީ އަދިވެސް ހިނި އައިސްފައެވެ. “ހެވޭ.. މަށެއް ނޫޅެން ކޮންމެހެން އަފާންގަނޑާ ވާހަކަ ދައްކާކަށްވެސް..” އަފާންއާ ދިމާލަށް ލޯ އަޅާލަމުން ޒާރާ ހަށަން ބަނދެލިއެވެ. “މަށެއްވެސް ނޫޅެމޭ ކޮންމެހެން ޒާރާއާ ވާހަކަ ދައްކާ ހިތަކުން.. މަށާ ވާހަކަ ދައްކާނެ މީހުން މަދު ވެގެން ނޫނޭ މި އުޅެނީކީ..” އަފާން ދޫ ނެރެލާފައި ޒާރާއާ ދިމާލަށް ވައްތަރެއް ޖައްސާލިއެެވެ. “ދެންންން ޔައީ ބަލާބަލަ އާނ އެ އަފާން ގަނޑެއް..” ތުންކޮޅު އޫކޮށްލަމުން ޒާރާ ޔައިނާގެ އަތުގައި އޮޅުލައިގަތީ ކުޑަ ކުއްޖެއް ފަދައިންނެވެ. “އައްދެ އައްދެ ބަލާބަލަ މިހާރު އެއޮށް ބޭބީއަކަށް ވަނީ.. އަޅެ ޒާރާ ރުޅި އަރުވަން މަށަށް ހާދަ މަޖަލޭ..” ޒާރާ އުޅެމުން ދިޔަ ގޮތުން އަފާންއަށް ނުހީ ނުހުރެވުނެވެ. އަފާން އެހެން ބުނުމުން ޒާރާ އިތުރަށް ތުން ދަމާލި ގޮތުން ޔައިނާއަށްވެސް ހެވެވުނެވެ.
“ދެން ތިދެމީހުން އަޅެ ހުއްޓާލަބަލަ.. ޒުވާބު ކުރަން ވެއްޖެއްޔާ ގެއެއް ސްކޫލެއް މަގުމައްޗެއް ނޯވޭ ތި މީހުންނަކަށް..” ޔައިނާ ދެފަރާތަށް ބޯ ހޫރުވާލިއެވެ. “މި އަފާންގަނޑުގެ ކަންތަކޭ.. އާހްގް އައި ޖަސްޓް ހޭޓް ހިމް ހޭޓް ހިމް ހޭޓް ހިމް!!” ޒާރާ ބިންމަތީގައި ދެފައި އަޅާލިއެވެ. “އައި ހޭޓް ޔޫ ޓޫ ޕޮޓޭޓޯ..” އަފާންވެސް ބުނެލިއެވެ. އެއާއެކު ޒާރާ އަފާންއާ ދިމާލަށް ބަލައިލި ގޮތުން ހީވީ އެ ދެލޮލުން އަފާން އަންދާ އަޅިއަށް ހަދާލަފާނެ ހެންނެވެ. ޒާރާގެ އެ ރުޅިވެރި ނަޒަރުން އަފާންވެސް ފާޑަކަށް ޖެހިލުން ވިއެވެ. މަޑުމަޑުން ހިންދިރުވައިލެވުނީ ޒާރާ އޭނާއަށް އަނިޔާ ކުރަންވެސް ފަސްނުޖެހޭނެކަން އެނގޭތީއެވެ.
“ޕިސް ޕިސް.. ތި ދެމީހުން އެކަކު އަނެކަކަށް ތިހާ ވަރަށް ނަފްރަތު ކުރަންޏާ އަދި އެއް ދުހުކުން ތިއަށްވުރެ ބޮޑަށް އެކަކު އަނެކަކު ދެކެ ލޯބިވެސް ވެވިދާނެ އިނގޭ..” ޔައިނާ ބުނެލި އެތިން އަފާންއާއި ޒާރާއަށް ޔައިނާއާ ދިމާލަށް ބަލައިލާފައި އަނގަޔަށް ވައްތަރެއް ޖައްސާލެވުނެވެ. “ޗީޑި.. ނެވަރ އެވަރ!! ދުވަހަކުވެސް މި މީހާގަނޑު ދެކެ ލޯތްބެއް ނުވާނަން..” ދެމީހުން އެއްފަހަރާ އެހެން ބުނެލި ގޮތުން ޔައިނާއަށް އަނެއްކާވެސް ހީލެވުނެވެ. “އަޅެ ބަލައްޗޭ އަހަރެން ބުނީތީވެސް..” އެހެން ބުނުމަށްފަހު ޔައިނާ ފަހަތަށް އެނބުރުނެވެ. އެއާއެކު ޒާރާއާއި އަފާން ދެމީހުން ދެމީހުންނަށް ނަޒަރެއް ދިން އިރު، ޔައިނާ އެ ބުނި ވާހަކައާ ދޭތެރޭ ވިސްނައިލެވުނެވެ.
ހަމަ ޙަޤީގަތުގައިވެސް އެހެން ވެދާނެ ބާވައެވެ؟ ވެއްޖެއްޔާ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ މި ސުވާލުތައް ދިޔައީ ދެމީހުންގެ ބޯތެރޭވެސް އެނބުރެމުންނެވެ. “ނޫން.. އެހެންނެއް ނުވާނެ.. ދެޓް ވިލް ނެވަރ ހެޕަން..” އެކަކު އަނެކަކާ ދިމާލަށް ބަލަހައްޓައިގެން ހުރެ ދެމީހުންވެސް ހިތާހިތުން އެހެން ބުނެލިއެވެ. އެއާއެކު ޒާރާ އަފާންއާ ދިމާލަށް ލޯ އަޅާލިއެވެ. އަފާންވެސް ދޫ ނެރެލީ ޒާރާއަށްވުރެ ވަކި ދެރަ ނުވާން ވެގެންނެވެ. އިތުރަށް ޒުވާބު ނުކުރަން ވެގެން އަފާން ގޮސް ތަންކޮޅެއް ދުރުގައި ހުރި އޭނާގެ ބައިސްކަލަށް އެރިއެވެ. ބައިސްކަލު ދުއްވައިލަމުން އަފާން ޒާރާއާ ދިމާލަށް ބަލައިލާފާ ވައްތަރެއް ޖައްސާލިއެވެ. ޒާރާއަށްވެސް ވައްތަރެއް ޖައްސާލެވުނެވެ. އަފާން ދިޔުމުން ޒާރާ އައިސް އަނެއްކާވެސް ޔައިނާ ކައިރީގައި އިށީނެވެ.
“ހުވާ މި ބުނީ އަހަރެން ހާދަ ފޫހިވާ މީހެކޭ އެއީ..” އަފާން ދިޔަ ދިމާލަށް ބަލަން އިނދެ ޒާރާ ދަތްކުނޑި ވިކާލިއެވެ. “ހަހާ.. އެކަމެއް ނޭނގެ.. އޭނައާ ނުލާ ޒާގެ ދުވަސްވެސް ފުރިހަމަ ވަނީކީ ނޫން.. މިހާރު ތި ދެމީހުންގެ ޒުވާބަކީ ޒާގެ ޑެއިލީ ރޮޓީންގެ ބައެއްހެން އަހަންނަށް ހީވަނީ..” ޔައިނާ ބުނި ވާހަކައިން ޒާރާގެ ރުޅިގަނޑު ވީ އިތުރެވެ. “އިއޫ ދެން ޔައިގަނޑާ.. އަހަރެން ހާދަ ފޫހިވާ މީހެކޭ އެއީ.. އޭނައަށް ހަމަ އަހަންނާ ނުބެހި ނުހުރެވެނީއޭ.. ދެން އަހަރެން ދެކެ ރުޅި އަންނަން އަހަރެން ނުވެސް ކުރަން ވިއްޔަ އޭނައަށް ކަމެއް..” ޒާރާ ލޯ އަޅާލިއެވެ. “ހެހެ.. އެއީ އަފާން ރުޅި އައިސްގެން ކުރާ ކަމެއް ނޫނޭ.. ހަމަ މަޖަލަކަށް.. އަފާން ކަމެއް ކޮށްލާ އިރަށް ޒާ މާ އަވަހަށް ރުޅީ ގަދަ ވާތީއޭ އަފާން ގިނަގިނައިން އެހެން އެ ހަދަނީ.. ހީ ޖަސްޓް ވޯންޓްސް ޓު ސީ ޔުއަރ އެނޯޔިޑް ފޭސް..” ޔައިނާ އޭނައަށް ހީވާ ގޮތް ބުންޏެވެ. “އެކަމްވެސް ހެވޭ.. ނުޖެހެ ކޮންމެހެން އަހަންނަށް އުނދަގޫ ކުރާކަށް.. އޭނަ ފަހަތުން ދުވާ އަންހެން ކުދިންނަށް އުނދަގޫ ކުރަން ދާންވީނު.. ކީއްވެ ކޮންމެހެން މަށަށް..” ޒާރާގެ ރުޅިގަނޑު ހުރީ އަދިވެސް ސަތޭކައިގައެވެ “އޯހް އެހެންމަ ޒާ ޖެލަސް ވަނީތަ އަފާންގެ ފަހަތުން އެހާ ގިނަ ކުދިން އުޅޭތީ..” އެއްބުމަ އަރުވާލަމުން ޔައިނާ އެހި އިރު އެ އަޑުގައި ވަނީ ލާނެތްކަމެވެ. “އިއޫ.. އަހަރެން؟ ޖެލަސް..؟ އަދި އެވެސް އެ އުޅޭ އަފާންއާ ހަދާ..؟ ޗީ.. ނެވަރ!!” އަނގަޔަށް ފާޑެއްގެ ވައްތަރެއް ޖައްސާލަމުން ޒާރާ ބުންޏެވެ. ޒާރާއަށް ވީ ގޮތުން ޔައިނާއަށް ނުހީ ހުރެވުނީ ކިރިޔާއެވެ. އިތުރަށް އެވާހަކަ ދައްކަން ބޭނުންވި ނަމަވެސް، ޔައިނާ ނުދެއްކީ، ޒާރާ އިތުރަށް ރުޅި ނާރުވަން ވެގެންނެވެ.
*** ** ***
ޔައިނާއަށް ގެއަށް ވަދެވުނު އިރު މަޣްރިބް ނަމާދަށް ބަންގި ގޮވަނީއެވެ. ގޭގައި ޔާސިރުވެސް ނޫޅޭތީއާ އެކީ ޔައިނާ އަވަހަށް ގޮސް ކޮޓަރިއަށް ވަނެވެ. އޭރު ޔާސިރު މެސެޖު ކޮށްފައި މިރޭ ގެއަށް އާދެވޭނީ ތަންކޮޅެއް ލަހުން ކަމުގައި ބުނެފައި އޮތެވެ. ޔައިނާ ގާތު ރަނގަޅަށް ކައިގެން ނިދުމަށް ބުނެފައި އޮތުމުން ޔައިނާއަށް ހިނިތުން ވެވުނީ ބައްޕަ އޭނައާއި ދޭތެރޭގައި ވިސްނާ ވަރު އެނގުމުންނެވެ.
ބަންގި ގޮވާފައި ވުމުން ޔައިނާ އަވަސްވެގަތީ ނަމާދު ކުރުމަށެވެ. ކޮޓަރީގެ ވައަތް ފަރާތުގައި ހުރި ހުދުކުލައިގެ ޑްރެސިން ޓޭބަލް ކައިރި ހުރެ ޔައިނާ އޭނާގެ ކަންފަތުލާ އެތިކޮޅު ނަގާ، ކޮށްފައި ހުރި މޭކަޕްތައް ފިލުވައިލިއެވެ. އެއަށްފަހު ކޮޓަރީގެ ކަނާތްފަރާތުގައި ހުރި ހުދު ކުލައިގެ ބޮޑު އަލާމި ކައިރީގައި ހުރި ހަރުގައި އަޅުވާފައި ހުރި ހުދު ކުލައިގެ ތުވާލި ހިފައިގެން ޔައިނާ ގޮސް ފާޚާނައަށް ވަނެވެ. ގައި ދޮވެލައިގެން ޔައިނާ ވުޟޫކޮށްލިއެވެ. އެއަށްފަހު، ފާޚާނާއިން ނުކުމެގެން ގޮސް އަލަމާރިން ގޭތެރޭގައި އާއްމުކޮށް ލައި އުޅޭ ކަހަލަ ރަތް ކުލައިގެ އަތްކުރު ޓީޝާޓަކާއި ހުދު ކުލައިގެ ބޮޑު ހަރުވާޅެއް ނަގައި، ލިއެވެ. ކުޑަގޮތަކަށް ރީތިވެލައި، ފުނާ އެޅުމަށްފަހު، އެ އިސްތަށިގަނޑު ހައްޔަރު ކޮށްލީ ހެއަރ ކްލިޕެއްގެ އެހީގައެވެ. އެއަށްފަހު މަޣްރިބު ނަމާދު ކޮށްލައިގެން ޔައިނާ ބައިގަޑިއެއްހާ އިރު ޤުރުއާން ކިޔެވުމުގައި ހޭދަކޮށްލިއެވެ. އެއަށްފަހު އޭނާ އަވަސްވެގަތީ މިއަދު ދީފައި ހުރި ފިލާވަޅުތައް މުޠާލިއާ ކުރުމަށެވެ.
ކިޔަވާ މޭޒުދޮށުގައި އިނދެގެން ޔައިނާ ދިޔައީ ފަންސޫރު ހަފަމުންނެވެ. ހިސާބުން ދިން ނަމްބަރެއް ހަދަން އުނދަގޫވުމުން ޔައިނާ ދިޔައީ އަމިއްލަ ނަފްސަށް ކުދި ކިޔަމުންނެވެ. މިއަދު އެގަޑީގައި ފާޚާނާގައި ހުރެވުމުން އަމިއްލަ ނަފްސަށް ކުދި ކިޔާލިއެވެ. އެ ހަނދާން އާވުމާއެކު ޔައިނާގެ ލޯމައްޗަށް ސިފަވީ މިލާންގެ އެ ފިރިހެންވަންތަ ސޫރައެވެ. ވަގުތުން ހިނިތުންވެވުނު އިރު ފިލާވަޅު މަތިންވެސް ޔައިނާ ހަނދާން ނެތުނެވެ. މިލާންއާއި ލައުރާގެ ދެމެދުގައިވާ ގުޅުމުން ޔައިނާއަށް އުނދަގޫވީ ނަމަވެސް، މިއަދު ހަވީރު ޒާރާ ދެއްކި ވާހަކައިން ވަނީ ކުޑަކޮށް ނަމަވެސް ހިތް ހަމަޖެހިފައެވެ. އެ ޚިޔާލުތައް މިވަގުތު އިހަށް އެއްފަރާތް ކޮށްލުމަށްފަހު ޔައިނާ ފިލާވަޅަށް ސަމާލުކަން ދެވޭތޯ ބެއްޔެވެ.
*** ** ***
އެނދުގައި އޮށޯވެގެން ވާހަކައެއް ކިޔަމުން ދިޔަ ލައުރާ އޮތީ ވާހަކައަށް ގެއްލި ހުސްވެފައެވެ. އެ ވާހަކައިގައި އުޅޭ ދެ ލޯބިވެރިން އޭނާއަށް ސިފަ ކުރެވެމުން ދަނީ އޭނާއާއި މިލާންގެ ގޮތުގައެވެ. މިއަދު މިލާން ބުނި ވާހަކައަށްފަހު، މިލާން އޭނާގެ ޙައްޤަކަށް ވާނެކަމަށް އަނެއްކާވެސް އުއްމީދު ކުރެވުނެވެ. އެއާއެކު އޭނާގެ ތުންފަތަށް ވެރިވީ ރިތި ހިނިތުންވުމެކެވެ. ވާހަކަ ފޮތް ލައްޕައިލުމަށްފަހު، ލައުރާ އެ ކުއީން ސައިޒްގެ ބޮޑު އެނދުން ތެދުވެލިއެވެ. ހުރިހާ ފަރުނީޗަރެއްވެސް ދަނބު ކުލައިން ހުރި އެ ބޮޑު ތަނަވަސް ކޮޓަރި ތެރޭގައި ލައުރާ އެނބުރެލިއެވެ. “އޯހ މިލާން.. މިލާން އަހަރެންގެ ޙައްޤަކަށް ވާނެ ނަމަ…” ދެލޯ މަރާލަމުން ލައުރާ ބުނެލި އިރު އެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. ނަމަވެސް، ލައުރާއަށް ނޭނގުނު ކަމަކީ ކުރެވެމުން ދިޔަ އުންމީދުތަކަކީ ފުރިހަމަ ނުވާނޭ ކަމެއް ކަމެވެ. ދެކެމުން އަންނަ ފޮނި ހުވަފެންތައް ބިލާހަކަށް ވާނެ ކަމެވެ. ފުރަތަމަ ލޯތްބަކީ އެންމެންނަށް ޙާސިލް ކުރެވޭނޭ އެއްޗެއް ނޫންކަމެވެ. ތަޤުދީރުގެ ނިޔާ ނިމިފައިވަނީ އެންމެ އިންސާފުވެރިކޮށް ކަމެވެ.
“ދަރިފުޅާ ލައުރާ..” ޚިޔާލީ ދުނިޔެއިން ލައުރާއަށް ނުކުމެވުނީ އޭނާގެ މަންމަ ގޮވާ އަޑު އިވުމުންނެވެ. “ލައްބައޭ ބުނެ ލައުރާ ގޮސް ދޮރު ހުޅުވައިލިއެވެ. “ނަމާދު ކޮށްފިން..؟” ލައުރާގެ މަންމަ ލިއުޝާ އަހައިލިއެވެ. އިޝާ ނަމާދަށް ބަންގި ގޮވައިފި ކަންވެސް ލައުރާ ހަނދާންވީ އެވަގުތުއެވެ. “އަދި ނުކުރަން..” ލައުރާ ޖަވާބު ދިނެވެ. “އަވަހަށް ނަމާދު ކޮށްގެން އާދޭ ކާން.. ކައިގެން ފިލާވަޅުތައް ކިޔައްޗެ..” ފިލާވަޅުތައް ކިޔާށޭ ބުނުމުން ލައުރާގެ މޫނުމަތިން ފެނުނު ކުލަވަރު ލިއުޝާއަށް ކިތަންމެ ރީއްޗަށްވެސް ފެނުނެވެ. އެއާއެކު ހިނިގަނޑެއް ޖަހާލާފައި ލައުރާގެ ބޮލުގައި ފިރުމައިލިއެވެ. “ކައިގެން އައިސް ކުޑަ އިރުކޮޅަކު ނަމަވެސް ކިޔައްޗެ އިނގޭ..” ލޯބިން ލައުރާގެ ބޮލުގައި ފިރުމައިލުމަށްފަހު ލިއުޝާ ދިޔައެވެ. ލިއުޝާ ދިޔުމުން ލައުރާ އިރުކޮޅަކު އަރާމު ކޮށްލާފައި އިޝާ ނަމާދު ކޮށްލިއެވެ.
*** ** ***
ރޭގަނޑު ކައިގެން އައިސް މިލާން އާދައިގެ މަތިން އޭނާގެ ގިޓާ ނެގިއެވެ. އެއަށްފަހު ގިޓާ ހިފައިގެން ނުކުތީ ބެލްކަންޏަށެވެ. ބެލްކަނީގައި ވާ ފެހިކަން ގަދަ ގަސްތައް ޖެހޭ ލުއި ވައިރޯޅިތަކަށް ނަށަމުން ދިޔަ މަންޒަރު ބަލަން މިލާނަށް ހުރެވުނެވެ. އެއާއެކު، މިއަދުވީ ހުރިހާ ކަމެއް މިލާންގެ ދެލޮލަށް ސިފަވެގެން ދިޔައެވެ. ފުން ނޭވާއެއް ދޫކޮށްލެވުނީ ޔައިނާގެ ޢަމަލުތަކުން ނަގަންވީ މާނައެއް ނޭނގުމުންނެވެ. އޭނާ ޔައިނާއާ ގަޔާވެއެވެ. އެ ސޫރަ ދުށުމަށް އެ ހިތް އަބަދުވެސް އެދެއެވެ. ޔައިނާއާ ކައިރީގައި ހުރެވިއްޖެ ނަމަ، އެ ހިތް ތެޅޭ ވަރުން ބައެއް ފަހަރު މިލާން ބިރުވެސް ގަނެއެވެ. އޭނާގެ އެންމެ ކުދިކުދި ސަމާސާތަކުންވެސް ޔައިނާއަށް ވާ ގޮތް ފެނި މިލާންގެ ހިތަށް ލިބެނީ ހިތްހަމަޖެހުމެވެ. މިއަދު އޭނާއަށް ބުނެވުނު ލަފްޒުތަކާއި މެދު އަނެއްކާވެސް ވިސްނައިލެވުނެވެ. އެހެން ބުނެވުނީތީ ހިތާހިތުން އަމިއްލަ ނަފްސަށް ކުދި ކިޔުނެވެ. އެހެން ބުނި އަޑު ޔައިނާއަށް އިވުނަސް ނީވުނަސް، އެހެން ބުނެގެން ނުވާނޭކަން މިލާންއަށް އެނގުނެވެ. މި އިޙްސާސަކީ ކޮބައިބާވައެވެ؟ ޔައިނާ ފެންނަ ކޮންމެ ފަހަރަކު އެ ހިތް އުފަލުން ނަށަނީ ކީއްވެބާވައެވެ؟ ޔައިނާއާ ދުރުގައި ހުރުމުން އެ ހިތަށް ހަމަޖެހުމެއް ނުލިބެނީ ކީއްވެބާއެވެ؟
“ލޯބި…” ވައި އަޑުން މިލާންއަށް ބުނެވުނެވެ. “މި އިޙްސާސަކީ ލޯބިތަ..؟” އަނެއްކާވެސް މިލާންއަށް އަމިއްލަ ނަފްސާ ސުވާލު ކުރެވުނެވެ. އެއާއެކު، ޖަވާބު ދިނީ އޭނާގެ ހިތެވެ. އެ ސުވާލު ކުރެވުނު އިރަށް އެ ހިތުގެ ތެޅުން އަވަސް ވިއެވެ. “އަހަންނަށް… ޔައިނާ ދެކެ ލޯބި ވެވިއްޖެ…” މިލާންގެ އެ ބަރު، ފިރިހެންވަންތަ އަޑުން އެހެން ބުނެވުނު އިރު އެ ތުންފަތުގައިވަނީ ނުފިލާނޭ ފަދަ ޖާދޫވީ ހިނިތުންވުމެކެވެ. ހިތުގައި މިއޮށް ހުރިހާ ދުވަހަކު އުފެދިފައިވާ ސުވާލަށް ޖަވާބު ލިބުމުން އެ ހިތް އުފަލުން ނަށާލިއެވެ. ވަގުތުން ގިޓާ ނަގައި، ހަމަޖެހިލީ އެނާގެ ހިތުގެ އެދުން ލަވައެއްގެ ސިފައިގައި ބޭރުކޮށްލުމަށެވެ.
ސާދަވިލޭރޭ ހަނދު ފަދަ ޗާލު ރީތި މޫނު މިރޭ ފޮރުވުމުން
އެކަނިވެފައިވާ ތަރިތައް ގޮވަނީއޭ މިރޭ އަންނާށޭ
ސާދަވިލޭރޭ ހަނދު ފަދަ ޗާލު ރީތި މޫނު މިރޭ ފޮރުވުމުން
އެކަނިވެފައިވާ ތަރިތައް ގޮވަނިއްޔޭ މިރޭ އަންނާށޭ
ހިތްހަމަޖެހުމެއް ނުލިބޭ ނުފެނުމުން ތި ރީތި ސޫރަ
ހާދަހާ ހިތަށް ތަދުވޭ ނުފެނުމުން ކަލާގެ ސޫރަ
ހިތްހަމަޖެހުމެއް ނުލިބޭ ނުފެނުމުން ތި ރީތި ސޫރަ
ހާދަހާ ހިތަށް ތަދުވޭ ނުފެނުމުން ކަލާގެ ސޫރަ
ޗާލޭ، ޗާލޭ، ޗާލޭ މަގޭ ރަންކޮޅާ
ޗާލޭ މަގެ ދޫންޏާ
ޗާލޭ މަގޭ ރަންކޮޅާ
މާތަކުގެ ފިޔަތައް ފަދަ ރީތިކަން ލިބިފައިވެޔޭ
މާބުރާ ކޮކާތައް މާ ދޫކޮށްފައި އާދެޔޭ. ކަލާގެ ރީތިކަން ފެނުމުން
ހިތްހަމަޖެހުމެއް ނުލިބޭ ނުފެނުމުން ތި ރީތި ސޫރަ
ހާދަހާ ހިތަށް ތަދުވޭ ނުފެނުމުން ކަލާގެ ސޫރަ
ހިތްހަމަޖެހުމެއް ނުލިބޭ ނުފެނުމުން ތި ރީތި ސޫރަ
ހާދަހާ ހިތަށް ތަދުވޭ ނުފެނުމުން ކަލާގެ ސޫރަ
ޗާލޭ، ޗާލޭ، ޗާލޭ މަގޭ ރަންކޮޅާ
ޗާލޭ މަގެ ދޫންޏާ
ޗާލޭ މަގޭ ރަންކޮޅާ
ހަވީރު ދަޅަޔަށް ތުނޑި މައްޗަށް ދާނޭ
އިރު އޮއްސޭ މަންޒަރު ބަލަން އިންނާނޭ
ހިތުގެ ވިންދު އަވަސްވެޔޭ އޭނާ ފެނުމުން
އިންނަގޮތުން ހީވަނީ ފަސް އެނބުރި ބަލާހެންނޭ
ހިތްހަމަޖެހުމެއް ނުލިބޭ ނުފެނުމުން ތި ރީތި ސޫރަ
ހާދަހާ ހިތަށް ތަދުވޭ ނުފެނުމުން ކަލާގެ ސޫރަ
ހިތްހަމަޖެހުމެއް ނުލިބޭ ނުފެނުމުން ތި ރީތި ސޫރަ
ހާދަހާ ހިތަށް ތަދުވޭ ނުފެނުމުން ކަލާގެ ސޫރަ
ޗާލޭ، ޗާލޭ، ޗާލޭ މަގޭ ރަންކޮޅާ
ޗާލޭ މަގެ ދޫންޏާ
ޗާލޭ މަގޭ ރަންކޮޅާ
ޗާލޭ، ޗާލޭ، ޗާލޭ މަގޭ ރަންކޮޅާ
ޗާލޭ މަގެ ދޫންޏާ
ޗާލޭ މަގޭ ރަންކޮޅާ
ލަވަ އެއްކޮށް ކިޔާ ނިންމާލެވުނު އިރު މިލާންގެ މޫނުމަތި ވަނީ އުޖާލާވެފައެވެ.އެ ލަވައިގެ ކޮންމެ ކަޑިއެއް، ކޮންމެ ލަފްޒެއް، ކޮންމެ ރާގެއްވެސް ގުޅިފައިވަނީ އެ ހިތުގެ ރާނީއާއެވެ. “އާހް ޔައިނާ… ކިހިނެއްތަ އަހަންނަށް ތި ހެދީ..” ދީވާނާވެފައިވާ މީހެއް ފަދައިން މިލާނަށް ސުވާލު ކުރެވުނީ އެވަގުތު އެތަނުގައި ޔައިނާ އިން ފަދައިންނެވެ. އެހެންކަމުން އަމިއްލަ ނަފްސަށް މަލާމަތްވެސް ކުރެވުނެވެ. “ޔައިނާ ބަލައްޗޭ.. އަހަރެން ވަރަށް އަވަހަށް ޔައިނާއަށް ލޯބި ހުށައަޅާނަން.. ވަރަށް އަވަހަށް ޔައިނާ އަހަރެންގެ މިލްކަކަށް ހަދާނަން.. މިއީ އަހަރެން ވާ ވަޢުދެއް..” އުޑުގައި ޝާހީ ކަމާއެކި ބަބުޅަމުން ދިޔަ ތަރިތަކަށް ނަޒަރު ހުއްޓާލައިގެން މިލާން އިނީ ހިނިތުންވެފައެވެ. ހިތުގައިވީ އައު ޢަޒުމާއެކު މިލާން އެތެރެއަށް ވަނީ ނިދީގެ ފޮނިމީރުކަން އިޙްސާސް ކުރެވޭތޯއެވެ.
*** ** ***
މުޅިން އާ ދުވަހަކަށް އިރު އެރީ އެކި މީހުންގެ ދިރިއުޅުމުގައި އެކި ކުލަތައް ޖައްސަމުންނެވެ. އެއްބައިމީހުންގެ ދިރިއުޅުން އުޖާލާކޮށްދީ، އަނެއްބައި މީހުންގެ ދިރިއުޅުން މާޔޫސް ކުރުވަމުންނެވެ. އެއީ ދުނިޔޭގެ އުސޫލެވެ. އެއްވެސް މީހަކީ އަބަދު އުފާވެރިކަމުގައި ދިރިއުޅެވޭނެ މީހެއް ނޫންވެ. ހަމަ އެގޮތަށް އެއްވެސް މީހަކީ އަބަދު ހިތާމައިގެ ކަނޑެއްގައި އުޅެން ޖެހޭނޭ މީހެއްވެސް ނޫނެވެ. އެކި މީހުންނަށް ދިމާވާނީ އެކި ކަންކަމެވެ. އޮތް ގޮތަކީ އެކަންކަމުން އަރައިގަތުމަށް ގަދައަޅާ މަސައްކަތް ކުރުމެވެ. ތިމާގެ ދިރިއުޅުން އުފާވެރި ކުރެވޭނީ ޚުދު ތިމާއަށެވެ. އެކަން ހަނދާން ބަހައްޓައިގެން ކުރިއަށް ދިޔުމަކީ ދުނިޔޭގައި ކާމިޔާބު ލިބޭނޭ ގޮތެވެ.
ގަޑި ޖެހޭތީ ތެޅި ފޮޅެމުން ދިޔަ ޒާރާ ހުރީ ނިކަން ހާސްވެފައެވެ. ކަނޑު ނޫކުލައިގެ ސްކޫލް ބުރުގާގައި އެންމެ ފަހު ޕިން ޖަހައިލުމަށްފަހު، އިސްޓާކީނަށް އެރިއެވެ. ބޫޓަށް އަރާ، ދަބަސް ހިފައިގެން ގޮސް ގެއިން ނުކުމެ ނުކުމެ ހުއްޓާ ޒައިނަބް ގޮވާ އަޑު އިވުނެވެ. “ދަރިފުޅާ.. ކިރުތަށި ބޮއެގެން ނޫނީ ގޮސްގެން ނުވާނެ..” ޒައިނަބް އަމުރު ކޮށްލިއެވެ. އިތުރަށް ބަހުސް ކުރާނޭ ވަގުތު ނެތުމުން ޒާރާ ބަދިގެއަށް ވަދެ މޭޒުމަތީގައި ހުރި ކިރުތަށި ތުމުގައި ޖަހާ، އެއްފަހަރުން ބޯލިއެވެ. އެއަށްފަހު ފެންވެސް ނުބޮއެ، ގެއިން ނުކުމެގެން ދުއްވައިގަތީ ގަޑި ޖެހެން ބާކީ މިނެޓެއްވެސް ނެތުމުންނެވެ.
ކޮނޑުގައި ދަބަސް އަޅުވައިގެން އަތުން ފޮތްތައް ހިފައިގެން މަޑުމަޑުން ދުވަމުން ކަހަލަ ގޮތަކަށް އައި ޒާރާ ކުރިމަތީގައި އޮތް ގޯޅިން ލަނބާލިއެވެ. އަވަސް އަރުވާލާފައި ހުރުމުން މަގަށް ނުބަލާ ނުކުތް ޒާރާ ކުއްލިއަކަށް މީހެއްގެ ގައިގައި ޖެހިފައި ވެއްޓުނެވެ. އެހާ ލަސްވެފައި ހުއްޓާ އެހެން ވުމުން ޒާރާއަށް އިސްކުރެވުނީ ރުޅިއެވެ. ރުޅި އައިސްފައި އެމީހަކާއި ދިމާލަށް ބަލައިލެވުނު އިރު ފެނުނު ސޫރައަކުން ރުޅިގަނޑު ވީ އިތުރެވެ.
“ކިހާ ދެރަ ކަމެއް ދެން މީ..؟ ހަމަ މަ ދާހާ ތަނަކުން ތި މޫނު ފެންނަން ޖެހޭތަ..؟” ކުރިމަތީގައި އިން އަފާންއާ ދިމާލަށް ޒާރާ އެއްޗެހި ގޮވައިގަތެވެ. “އަމައްޔާއި.. އެންމެ ފަހުން މަށެއްނު މި ގޯސްވީ.. މަ ވިއްޔަ ބާރުބާރަށް ދުވެފަ އައިއްސަ ޒާރާގެ ގައިގަ މި ޖެހިގަތީ.. ދެންވެސް މަޢާފަށް އެދިބަލަ..” އަފާން ތެދުވެ ގައިން ވެލި ފޮޅައިލިއެވެ. “އަހަންނެއް ނުޖެހޭނެ މަޢާފަށް އެދޭކަށް.. އަފާން ޖެހޭނީ ސޮރީއޭ ބުނަން..” ޒާރާ އޭރުވެސް އިން ގޮތަށް ތުން ދަމައިގެން އިނީއެވެ. ޒާރާގެ އެ މައުސޫމްކަމުން އަފާންގެ ހިތަށް ގޮތެއް ވެލިއެވެ. ނަމަވެސް، އެކަން އެއްފަރާތް ކޮށްލީ ދެފަރާތަށް ބޯ ހޫރާލަމުންނެވެ.
“ދެންވެސް ތި އިންތަނުން ތެދުވެބަލަ..” ޒާރާ ތެދުވުމަށް އެހީވުމުގެ ގޮތުން އަފާން އޭނާގެ އަތް ޒާރާއަށް ދިއްކޮށްލިއެވެ. “އަހަންނެއް ނޫޅެން ކޮންމެހެން އަފާންގެ ތި ހެލްޕް ބޭނުން ވެގެންނެއް.. އަހަންނަށް އަފާންގެ އެހީތެރިކަމާ ނުލާ އުޅެވިދާނެއޭ..” އަފާންގެ އަތް ފޮޅުވާލުމަށްފަހު ޒާރާ ތެދުވިއެވެ. “ހޫން.. އެހީވާން އުޅުނު ކަމަށްޓަކައިވެސް މަށެއްނު މި ގޯސްވީ.. ނެތެއްނު ސަލާމަތެއް..” ޒާރާގެ ޢަމަލުތައް ހުރި ގޮތުން އަފާން ކުޑަކޮށް ހިތްހަމަވެސް ނުޖެހުނެވެ. “އަހަންނާ ވާހަކަ ނުދައްކާ ހުރެބަލަ.. އަހަރެން އަފާންއާ އެއްކޮށް ޒުވާބު ކުރާކަށްވެސް ނޫޅެން.. އަދި އަފާންގެ އެހީތެރިކަން ބޭނުންވެގެންނެއްވެސް ނޫޅެން.. އޭރުން ސަލާމަތް ވެވޭނު.. އަޑު އިވިއްޖެތަ..؟” އަފާންގެ މޫނުމަތީގައި އިނގިލި ހޫރާލަމުން ޒާރާ ވާހަކަ ދެއްކިއެވެ. ޒާރާގެ އެ ނުރުހުންތެރި ބަސްތަކުން އަފާންގެ ހިތަށް އުނދަގޫ ވެލިއެވެ. “ނުހުއްޓާނަން.. ޒާރާއަށް ޖެއްސުންވެސް ކުރާނަން.. އެހީވެސް ވާނަން.. ވާހަކަވެސް ދައްކާނަން.. ޒާރާއަށް އިނގޭތަ އަހަރެން ޒާރާއަށް މިދޭ އެޓެންޝަން ބޭނުންވެގެން ކިތައް އަންހެން ކުދިން އެބަ އުޅޭކަން..” އެއްފިޔަވަޅު ޒާރާއާ ގާތަށް އަޅާލަމުން އަފާން ވާހަކަ ދެއްކީ ހިތްހަމަ ނުޖެހިފައި ހުރެއެވެ. އަފާން އޭނާއާ ގާތްވުމުން ޒާރާގެ ހިތް ނޭނގޭ ގޮތަކަށް ތެޅިލިއެވެ. ނަމަވެސް، ކުޅަދާނަކަމާއެކީ އެ އިޙްސާސްގެ މައްޗަށް ބާރު ފޯރުވަމުން ޒާރާވެސް ވާހަކަ ދެއްކިއެވެ. “އަހަންނަށް ވަރިހަމަ އަފާން ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް.. މަށެއް ނޫޅެން ކޮންމެހެން ތި އެޓެންޝަން ބޭނުން ވެގެންނެއް.. އަފާންގެ ތި ސަމާލުކަން ބޭނުން ވެގެން އުޅޭ ކުދިންނަށް ގޮސް ދީބަލަ.. މަށެއް ނުބުނަމެއްނު ބޭނުމެކޭ..” ނުރުހެންތެރިކަމާއެކީ ޒާރާ ވާހަކަ ދެއްކީ ނުތަނަވަސްކަން ފޮރުވަމުންނެވެ.
ޒާރާގެ ޖަވާބުން ހިތްހަމަ ނުޖެހިފައި ހުރި އަފާން އިތުރު ދެ ފިޔަވަޅު ޒާރާއާ ގާތަށް އެޅިއެވެ. އަފާން އެހާ ގާތުގައި ހުރުމުން ޒާރާއަށް ފަހަތަށް ޖެހެވުނެވެ. ޒާރާ ފަހަތަށް އަޅާ ކޮންމެ ފިޔަވަޅަކާ އެކީ އަފާންވެސް ދިޔައީ ފަހަތަށް ފިޔަވަޅެއް އަޅަމުންނެވެ. ހިތަށް އުނދަގޫވެފައި ހުރި ޒާރާއަށް އެއްޗެއް ނުވެސް ބުނެވުނެވެ. ޒާރާ ގޮސް ފާރުގައި ޖެހުމުން ހާސްވިއެވެ. އެއާއެކު އަފާން ދެއަތް ޒާރާގެ ދެފަރާތުން ފާރުގައި ވިއްދާލާފައި، ނުދެވޭނެހެން ޒާރާ ހައްޔަރު ކޮށްލިއެވެ. އަފާންގެ އެ ޙަރަކާތުން ޒާރާއަށް ދެލޯ ބޮޑުކޮށްލެވުނު އިރު އެ ހިތް ދިޔައީ ނޭނގޭ ބާރުމިނެއްގައި ތެޅެމުންނެވެ. އަފާންގެ ނަޒަރު އޭނައަށް ހުއްޓިފައިވީތީ ޒާރާއަށް އުނދަގޫވެސް ވިއެވެ. އޭރުވެސް އަފާން ދިޔައީ ކަޅި ޖަހާ ނުލައި ޒާރާއަށް ބަލަމުންނެވެ. “އަ.. އަފާން… ކީއް ތި ކުރަނީ..؟” އުނދަގުލުން ނަމަވެސް ޒާރާއަށް ބުނެވުނެވެ. އޭރު އަފާންގެ ދެލޮލުން ފެންނަމުން ދިޔަ އަސަރުތައް ދެނެގެންނަން ޒާރާއަކަށް ނޭނގުނެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.






