“ސަރ.. އަޅުގަނޑު ވަރަށް ބޮޑަށް ފާޚާނާއަށް ދާން ވެއްޖެ..” މިލާން ބުނެލި މަޖާ ގޮތުން ހުރިހާ ކުދިންނަށާއި ޓީޗަރަށްވެސް ހެވުނު އިރު، ލައުރާ އިނީ ނެގިމަޑުވެފައެވެ. މިލާން ކުރަން އެ އުޅޭ ކަމެއް ދެނެގަންނާކަށް ލައުރާއަށް މާކަ އުނދަގުލެއް ނުވިއެވެ. “މިލާން.. އަހަރުމެން އެންމެންނަށްވެސް އިނގޭ މިލާން ދާނީ ފާޚާނާއަށް ނޫންކަން.. މިދިޔަ ހަފްތާގަވެސް ސަރ ފާޚާނާޢަށް ފޮނުވާލީމަ ޖެހިގެން ހުރި ކްލާސް ކުއްޖަކާ އެއްކޮށް މިލާން ކޮމްޕިޔުޓަރ ލެބަށް ވަދެ، ސަކަރާތް ޖެހީ.. ދެން ނުފޮނުވާނަން..” ޓީޗަރު ބުނެލީ މިލާންގެ ޢަމަލުތަކުން ހިތްހަމަ ނުޖެހި ހުރެއެވެ. ޓީޗަރުގެ ޖަވާބުން މިލާންގެ ދެބުމަ ގޮށްޖެހިގެން ދިޔަ އިރު، އެހެން ހުރިހާ ކުދިންގެ ހިނިގަނޑު ފަޅައިގެން ދިޔައީ މިދިޔަ ހަފްތާގެ ޙާދިސާ މަތިން ހަނދާން ވުމުންނެވެ. ގިނަ ކުދިން ހީކުރީ މިލާން ހިތްހަމަނުޖެހުނީ ޓީޗަރު ބޭރަށް ނުފޮނުވުމުން ކަމަށެވެ. ނަމަވެސް، ޙަޤީގަތް އެނގުނީ ހަމައެކަނި ލައުރާއަށެވެ. އެއާއެކު އިސްދަށަށް ޖަހާލާ، ތިރީ ތުންފަތުގައި ދަތް އަޅާލެވުނީ ރޮވެން އޮޅޭހެން ހީވުމުންނެވެ.
ފާޚާނާގެ ލޯގަނޑު ކުރިމަތީގައި ހުރި ޔައިނާގެ ދެލޯ ވަނީ ފެންކަޅި ވެފައެވެ. އެ ހިތަށް ދިޔައީ ނޭނގޭ އުނދަގޫތަކެއް ވަމުންނެވެ. މިލާންއާއި ލައުރާގެ ދެމެދުގައި އޮތް ގުޅުމާއި ދޭތެރޭގައި ވިސްނެމުން ދިޔަ އިރު، ކްލާސް ގަޑި ޖެހިފައިވާ ކަންވެސް އޭނާގެ ހަނދާނަކު ނެތެވެ. ލޯގަނޑުން އަމިއްލަ ސޫރައަށް ބަލަން ހުރި ޔައިނާ އަމިއްލަ ނަފްސާ ވާހަކަ ދައްކަން ފެށިއެވެ.
“ކީއްވެތަ އަހަރެން މިލާންއާ ލައުރާގެ ގުޅުން ފެނި ދެރަވަނީ..؟ މިލާންގެ ދުލުން އަހަންނަކީ އޭނާއަށް ޚާއްސަ އެއްވެސް މީހެއް ނޫނޭ ބުނީމަ ދެރަވަނީ ކީއްވެތަ..؟ މި ހިތަށް އުނދަގޫ ވަނީ ކީއްވެތަ..؟ އަހަންނާ މިލާންއާ ދެމެދުގަ އޮންނަނީ ހަމައެކަނި އެކުވެރިކަން.. އެވެސް ކުޑަ މިންވަރެއް.. އަހަންނާ މިލާންއާ ވާހަކަ ދައްކަން ފެށީވެސް މީގެ އަހަރެއްހާ ދުވަސް ކުރިން.. އެކަމް ލައުރާއާ މިލާންއަކީ އެންމެ ކުޑަ އިރުއްސުރެ ފަށައިގެންވެސް ދެ އެކުވެރިން.. އަހަންނަށް މިހެން ވަނީ ހަމައެކަނި މިލާން ފެނިގެން ނޫންކަން ޔަޤީން.. އެހާ ރީތި އެހެން ފިރިހެން ކުދިން އަދި އަހަންނަށް ނުފެންނާތީ.. އެހެން ފިރިހެން ކުދިން ފެނުނީމަވެސް އަހަންނަށް މި ގޮތް ގޮތް ވާނެކަން ޔަގީން.. އެހެންނޫނަސް، ލައުރާއާ މިލާންއާ މާ ގުޅޭ.. މިލާން ލައުރާއަށް އެހާ ކެއަރ ކުރެ.. ވާހަކަ ދައްކަނީވެސް އެހާ ލޯބިން.. އެހެން ފިރިހެން ކުއްޖަކު ލައުރާއާ ދޭތެރޭ ޚާއްސަ ގޮތެއް ބެހެއްޓިޔަސް މިލާން ވަގުތުން އެ ކުއްޖަކަށް އިންޒާރު ދެނީ ލައުރާ ދެކެ ލޯބިވާތީ ނޫންތަ..؟ ދެން އެކަމުގެ ދޭތެރެއަށް ވަންނަން އަހަރެން މީ ކާކު..؟” އެ ސުވާލު އަމިއްލަ ހިތާ ކޮށްލެވުނު އިރަށް ޔައިނާ ހަނދާންވީ މިއަދު އަތިރިމަތީގައި ހިނގިހާދިސާ މަތިންނެވެ.
“ނޫން.. އެއީވެސް މިލާންއަށް ނޭނގިގެން ވީ ކަމެއް.. ކޮންމެހެން އަހަރެން ދެކެ ލޯބިވާތީ ނުވަތަ އަހަންނާ ގަޔާވާތީ ކުރި ކަމެއް ނޫން.. މިލާންގެ މަޤާމުގައި އެހެން ފިރިހެން ކުއްޖެއް ހުރި ނަމަވެސް، އެ ވަގުތާއި ޙާލާތުގެ ފައިދާ ނަގާނީ އެގޮތަށްކަން ޔަޤީން.. އެއީކީ ކޮންމެހެން މިލާން އަހަރެން ދެކެ ލޯބިވާތީ ކުރި ކަމެއް ނޫން.. މިލާންގެ ހިތުގައިވަނީ ލައުރާގެ ނަން.. ޔައިނާ ކީއްވެތަ އެދެމީހުންގެ ދޭތެރެއަށް ވަންނަންވެގެން ތި އުޅެނީ..؟ ހަމަ ދެތިން ދުވަހު މިލާންއާ ވާހަކަ ދައްކާލެވޭ އިރަށް ލޯބިވެވޭތަ..؟ ތީ ގަޔާވުން.. އެކަހަލަ ކިތަންމެ ކުއްޖެއް އަދި ޔައިނާއަށް ފެންނާނެ.. ތިކަހަލަ ކޫސަނި ޚިޔާލުތަކާ ދުރުވެފަ ކިޔެވުމަށް ވަގުތު ހުސްކުރޭ.. ޔައިނާ މިލާން ދެކެ ލޯތްބެއް ނުވެ.. މިލާންއާ ލައުރާގެ ދޭތެރެއަށް ވަންނަން މަސައްކަތް ނުކުރޭ..” އެކަނިމާއެކަނި ހުރެގެން ޔައިނާ އަމިއްލަ ނަފްސަށް އެ ހުރިހާ ކަމެއް ވިސްނައިދިނީ ހިތާ ދެކޮޅަށެވެ. އޭނާގެ ހިތް އެ ވާހަކަތަކާ ދެކޮޅު ހެދިޔަސް، ސިކުނޑި ދިޔައީ އެއްބަސް ވަމުންނެވެ. މިފަހަރުވެސް ޔައިނާއަށް އިސްކަންދެވުނީ އޭނާގެ ސިކުނޑީގެ ގޮވައިލުމަށެވެ. ދެން މިކަހަލަ ކަމެއްގައި ދުވަހަކުވެސް ނުރޮއުމަށް އަމިއްލަ ނަފްސަށް ވަޢުދު ވަމުން ޔައިނާ މޫނު ދޮވެލިއެވެ.
މޫނު ރީތިކޮށްލުމަށްފަހު، ޔައިނާ ލައިގެން ހުރި ނޫކުލައިގެ ޔުނީފޯރމުގެ ފަސްބައިވެސް ރީތިކޮށްލިއެވެ. ނުފޯރާ އިސްތަށިތައް ކަންފަތް ކައިރިއަށް ވައްދާލުމަށްފަހު، އައިނު އަޅައިގެން ޔައިނާ ފާޚާނާއިން ނުކުތެވެ. މިހާރު ކްލާސް ފެށުނު ފަހުން ފަނަރަވަރަކަށް މިނެޓު ހިނގާފައި ހުރިކަންވެސް ޔައިނާއަށް އެނގުނީ އަތުކުރީ ގަޑިއަށް ބަލައިލެވުނުމުންނެވެ. އަވަސް ފިޔަވަޅުތަކެއްގައި ޔައިނާ ގޮސް ކްލާސްރޫމްގެ ދޮރުމައްޗަށް އަރާފައި ސަލާމް ގޮވައިލިއެވެ. ވަނުމުގެ ހުއްދަ ލިބުމުން ކުދި ފިޔަވަޅުތަކެއްގައި ޔައިނާ ގޮސް އޭނާއަށް ޚާއްސަކުރެވިފައިވީ ގޮނޑީގައި އިށީނީ އެއްވެސް ކުއްޖަކަށް ނަޒަރެއް ނުދީއެވެ.
ޔައިނާ ކްލާހަށް ވަނީއްސުރެ މިލާންގެ ނަޒަރު ހުއްޓިފައިވަނީ ޔައިނާއަށެވެ. އެ ފުން ދެލޮލުގައިވީ އަސަރުތައް ދެނެގަންނާކަށް މިލާންއަކަށް ނޭނގުނެވެ. ކްލާހަށް އައިސް ކައިރީގައި އިން ކުއްޖާ ކައިރި ދެންމެ ކިޔަވައިދިން ބައިގެ ނޯޓްސް ދޭށޭ ބުނި އިރު ޔައިނާގެ ތުންފަތުގައިވީ ސާދާ ހިނިތުންވުމެކެވެ. އޭނާގެ އެ ހިނިތުންވުން ފެނުމުން އެއްވެސް ކަމަކާ ފިކުރު ކޮށް، ނުވަތަ ދެރަވެފައި ހުރި ހެންނެއްވެސް ހިޔެއް ނުވެއެވެ.
ފޮތުގައި ނޯޓްސްތައް ލިޔަމުން ދިޔަ ޔައިނާއަށް ދިޔައީ މިލާންގެ އެ ތޫނު ނަޒަރުން އުނދަގޫ ވަމުންނެވެ. އެކަމާ ހަދާ ލިޔުމަށް އުނދަގޫ ވުމުން ޔައިނާ މިލާންއާ ދިމާލަށް ބަލައިލާ އެއްބުމަ އަރުވައިލިއެވެ. ސިހިފައި މިލާނަށް ދެފަރާތަށް ބޯހޫރުވާލެވުނެވެ. އަދި ރީތި ހިނިތުންވުމެއް ޔައިނާއަށް ހަދިޔާ ކޮށްލިއެވެ. ބަދަލުގައި ޔައިނާވެސް ހިނިތުންވުމެއް ރައްދު ކޮށްލަމުން އޭނާގެ މަސައްކަތަށް އެނބުރި ދިޔައެވެ.
ޔައިނާގެ އެ ޢަމަލުން މިލާނަށް ލިބުނު ހިތްހަމަޖެހުމާ އެއްވަރަށް ދެރަވެސް ވިއެވެ. ހިތްހަމަ ޖެހުނީ ޔައިނާ ނުރުހިފައި ނުވަތަ ހިތްހަމަ ނުޖެހިފައި ހުރިހެން އޭނާއަށް ހީނުވާތީއެވެ. ދެރަވީ އޭނާގެ ބަސްތަކުންނާއި، ލައުރާއާއި އޭނާގެ ދެމެދުގައިވާ ގާތް ގުޅުމުން ޔައިނާއަށް އެއްވެސް އަސަރެއް ނުކުރާކަން އެނގުމުންނެވެ. ޔައިނާ އޭނައާއި ގަޔާވާ ނަމަ، އެކަމުން އެ ހިތަށް ކޮންމެވެސް އަސަރެއް ކުރާނެކަން ޔަޤީނެވެ. ނަމަވެސް، އެހެން ނުވުމުން މިލާންގެ ހިތަށް ލިބުނީ ފަޅު ކަމެކެވެ. ދެއަތް މުއްކަވާލެވުނު އިރު އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލުމުގެ ގޮތުން ފުންކޮށް ދެތިން ނޭވާ ދޫކޮށްލަން ޖެހުނެވެ
މިލާންގެ ކައިރީގައި އިން ލައުރާ ދިޔައީ މި ހުރިހާ މަންޒަރެއްވެސް ބަލަމުންނެވެ. ލައުރާއާއި މިލާންއާ ދެމެދުގައި ބަދަލު ކުރެވެމުން ދިޔަ ނަޒަރުތަކުންއެ ހިތް ޝައްކާއި ވަހުމުން ފުރިގެން ދިޔަ ނަމަވެސް، ހިތް ހަމަ ޖައްސާލީ މިލާން އޭނާގެ ހިތުގައި ޔައިނާއާ ދޭތެރޭގައި އެއްވެސް ޚާއްސަ ކަމެއް ނުބަހައްޓަމޭ ބުނި ހަނދާން ވުމުންނެވެ. މިލާންއަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުން އެ ހަނދާންތައް އެއްފަރާތް ކޮށްލުމަށްފަހު، ލައުރާ ފިލާވަޅަށް ސަމާލުކަން ދިނެވެ.
*** ** ***
ސްކޫލުން ނުކުމެގެން އައި އިރު މިލާން ހުރީ އާދަޔާޚިލާފަށް މަޑުންނެވެ. މިކަން ލައުރާއަށް ފާހަގަ ވުމުން އޭނާ ބެލީ މިލާންގެ ސަމާލުކަން ދަމައިގަނެވޭތޯއެވެ. ވީ ކީއްކަން އޭނާއަށް މާ ރަނގަޅަކަށް ނޭނގެއެވެ. އެހެން ކަމުން މިލާންގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުމަށް ލައުރާ ދިޔައީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
“މިއްލޫ.. ހިނގާބަ މިއަދު ހަވީރު ތުނޑިއަށް ދާން.. ޕްލީޒް ޕްލީޒް ޕްލީޒް.. އަޅެ ނޫނެކޭ ނުބުނައްޗެ.. ޕްލީޒް..” މިލާންގެ ކުރިމައްޗަށް އަރާ، ދެއަތް ދެއަތާ ޖޯޑުކޮށްލަމުން ލައުރާ ބުނެލީ އާދޭހުގެ ރާގެއްގައެވެ. ލައުރާ އެހާ އާދޭހުގައި ބުނުމުން މިލާނަށް އިންކާރު ކުރަން އުނދަގޫވިޔަސް، ނޫނެކޭ ބުނީ ކުޅެން ދާން ޖެހޭނެތީއެވެ. “ލައު.. އަހަރެމެންގެ ފުޓްބޯލް ޕްރެކްޓިސް އޮވޭ މިއަދު.. އިންޓަރހައުސް މިހާ ކައިރިވެފައި އޮއްވަ ޕްރެކްޓިސް ކަޓުވާލީމަ ވާނީ ކިހިނެއް..؟” މިލާން ބެލީ ލައުރާއަށް ވިސްނައިދެވޭތޯއެވެ. ނަމަވެސް، ލައުރާގެ ހުންނަ ގޮތްދޫނުކުރުމެއްގެ ސަބަބުން އެކަން ކުރުމަކީ އުނދަގޫ ކަމެއްކަން މިލާނަށް އެނގެއެވެ.
“އަޅެ ދެން.. ޕްލީޒް މިއްލު.. ޕްރެކްޓިސްއަށް އާދެވިދާނު މާދަންވެސް..” ލައުރާ ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ. “އެކަމް ލައު..” މިލާން ދެކޮޅު ހަދަން އުޅުނެވެ. “އެހެންވީރު މިހެން ހަދާ.. މިއްލު އާދޭ ކުޅެން ދާން ރެޑީ ވެގެން.. އަހަރެންނާ އެއްކޮށް ހިނގާލަން ގޮއްސަ އެހާ ގިނަ އިރު ނުވެ މިއްލު ދާނީ ދަނޑަށް.. އަހަންނަށް އޯކޭ ފޯ ތަރޓީގަ މިއްލު ކުޅެން ދިޔަސް..” ލައުރާ ޚިޔާލެއް ދިނެވެ. “އަޅެ ދެން ލައޫ..” މިލާން ދިޔައީ އެކި ގޮތްގޮތުން ލައުރާ އެއްބަސް ކުރެވޭތޯ ބަލަމުންނެވެ.
ލައުރާއާ ވާހަކަ ދައްކަމުން ދިޔަ އިރު މަގުގެ އަނެއް ފަރާތުން ހިނގާފައި ދިޔަ ޔައިނާ މިލާންގެ ލޮލުގައި އަޅައިގަތެވެ. އަތުގައި އޮތް ފޯނުން ކޮންމެސް މީހަކާ ގުޅައިގެން ވާހަކަ ދައްކަމުން ދިޔަ ޔައިނާގެ މިސްރާބަކަށްވީ މާ ދުރު ނޫން ހިސާބެއްގައި ހުރި އޭނާގެ ގެއެވެ. “އޯކޭ ޒާ.. އަހަރެން ހުންނާނަން ފޯގަ ރެޑީ ވެގެން.. ހަނދާންކޮށް ގަޑިއަށް އަންނައްޗޭ އިނގޭ.. އެތާ ތުނޑިއަށް ދޯ ދާނީ..؟” ފޯނުން ގުޅައިގެން ހުރެ ޔައިނާ އޭނާގެ އެކުވެރިއެއް ކަމަށްވާ ޒާރާއާ ދައްކަމުން ދިޔަ ވާހަކަ މިލާނަށް ވަރަށް ސާފުކޮށް އަޑު އިވުނެވެ. އެއާއެކު އޭނާގެ ޚިޔާލު ބަދަލުވީ ކުއްލިއަކަށެވެ.
“އޯކޭ ލައޫ.. އަހަރެން ދާނަން ތުނޑިއަށް.. އެކަމް ފޯ ތަރޓީގަ ދާނަން ޕްރެކްޓިސްއަށް.. އޯކޭ..؟” މިލާންގެ ޖަވާބު އިވިފައި ލައުރާއަށް މިލާންގެ ކަރުގައި އޮޅުލައިގަނެވުނެވެ. ބަދަލުގައި މިލާންވެސް ލައުރާގެ ހަށިގަނޑުގައި އޭނާގެ ދެއަތް ވަށާލިއެވެ. “ތެންކިއު މިއްލޫ.. އަހަންނަށް އޭރުވެސް އިނގޭ މިއްލު އަހަރެން ބުނާ ގޮތް ހަދާނެކަން..” ލައުރާއަށް ހީވީ މިލާން ދާން އެއްބަސްވީ އޭނާއާ އެކީ ވަގުތު ހޭދަކުރުމަށް ކަމަށެވެ. ނަމަވެސް، ޙަޤީގަތުގައި މިލާން ދާން އެއްބަސްވީ ޔައިނާވެސް ހަވީރު ތުނޑިއަށް ދާނެކަން އެނގުމުންނެވެ. އެ ސޫރަ ހިނދުކޮޅަކަށް ފެނުނަސް އޭނާގެ ހިތަށް ލިބޭ ހިތްހަމަޖެހުން ހޯދުމަށެވެ.
ނަމަވެސް، މިލާންއާއި ލައުރާ އެކަކު އަނެކަކުގެ ގައިގައި ބައްދާލި މަންޒަރު ފެނި ޔައިނާގެ ލޮލަށް ކަރުނަތައް ބޮނޑިވެގަތެވެ. އަތުގައި އޮތް ފޯނަށް ބާރުކޮށްލަމުން ޔައިނާ އިސްދަށަށް ޖަހާލިއެވެ. ރޮވެން އުޅޭހެން ހީވުމުން އަވަސްއަވަހަށް ގެއަށް ދާން ހިނގައިގަތެވެ.
*** ** ***
“މަންމާ.. ހާދަ ވަރުބައްޔޭ..” ގެއަށް އައި ގޮތަށް އައިސް ސޯފާ މައްޗަށް ވެއްޓިގަންނަމުން މިލާން ބުނެލިއެވެ. އޭރި ފަހާފޮށި ދޮށުގައި އިން މިލްނާ ދިޔައީ ހެދުމެއް ފަހަމުންނެވެ. “ދެންވެސް ދޭބަލަ އަވަހަށް ފެންވަރައިގެން ނަމާދުކޮށްގެން ކާން އަންނަން.. ކައިގެން ގޮސް ޖައްސާލަބަލަ.. އޭރުންނެއްނު ވަރުބަލިކަން ފިލާނީވެސް..” މިލްނާ ބުނެލީ މިލާނަށް އަވަސް ނަޒަރެއް ދެމުންނެވެ. “ހްމްމް..” ކަންނެތްކަމާއެކީ އެހެން ބުނުމަށްފަހު މިލާން ސިޑިން އަރައިގެން ދިޔައީ އޭނާގެ ކޮޓަރިއާ ދިމާލަށެވެ. “ދަރިފުޅާ ނަމާދުކޮށްގެން އިނގޭ އަންނާނީ..” ކޮޓަރިއަށް ވަދެވަދެ ހުއްޓާ މިލްނާ ގޮވައިލި އަޑު އިވުމުން މިލާނަށް އަނގައަށް ވައްތަރެއް ޖައްސާލެވުނެވެ. އެހާ ވަރުބަލިވެފައި ހުރި އިރު ނަމާދު ކުރަން ޖެހުމުން ފޫހިވިއެވެ. ނަމަވެސް، އެއީ ކުރަން ޖެހޭނެ ކަމެއްކަން ހަނދާން ކޮށްލަމުން ކޮޓަރިއަށް ވަނެވެ.
ކޮޓަރިއަށް ވަނުމަށްފަހު ލައިގެން ހުރި މަޑު ނޫކުލައިގެ ޔުނީފޯމާއި ކަނޑު ނޫކުލައިގެ ފަޓުލޫނު ބާލާފައި ސޯފާ މައްޗަށް ގުޅައަކަށް ޖަހައިލިއެވެ. އަދި ނޫކުލައިގެ ތުވާލި ހިފައިގެން ގޮސް ފާޚާނާއަށް ވަދެ ފެންވަރާލިއެވެ. ފެންވަރައިގެން ވުޟޫކޮށްގެން ތުވާލި އަނދެގެން ނުކުތް އިރު އެ ހިކި ހަށިގަނޑު ވަނީ ހާމައަށެވެ. ކިތަންމެ ހިކި ކޮށް ހުއްޓަސް ފިރިހެންވަންތަކަމުގެ ސިފަތައް އެ ހަށިގަނޑުގައި ވުމުން ނުހަނު ރީއްޗެވެ. ތެތްކޮށް އޮތް ފަންފަން އިސްތަށިކޮޅުން ޖަހަމުން ދިޔަ ފެންތިކިތައް އެ ކޮނޑާއި، މޭމަތި ތެންމަމުން ދިޔަ އިރު، ފެންނަ ކޮންމެ އަންހެން ކުއްޖެއްގެ ހިތްވެސް ފިދާވާނެކަން ގައިމެވެ.
މަޑު ހިނގުމެއްގައި ގޮސް މިލާން ހުއްޓުނީ ކޮޓަރީގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ނޫކުލައިގެ ބޮޑު އަލަމާރި ކުރިމަތީގައެވެ. އަލަމާރި ހުޅުވާލުމަށްފަހު އެންމެ ފުރަތަމަ އަތުޖެހުނު ކަޅު ކުލައިގެ ހުޑީއާ ނޫކުލައިގެ ސްކިނީ ލިއެވެ. އެއަށްފަހު ލޯގަނޑު ކުރިމަތީގައި ހުރެ އެ އިސްތަށިކޮޅު ޖެލް ލައި ރީތި ގޮތަކަށް ސްޓައިލް ކޮށްލިއެވެ. އެއަށްފަހު މުޅި ގަޔަށް ބޮޑީ ސްޕްރޭ ޖަހާލުމަށްފަހު ތުވާލި ހުރިތަނުގައި އަޅުވާފައި، ސޯފާމަތީގައި އޮތް ޔުނީފޯމާއި ފަޓުލޫނު ދާވަށިގަނޑަށް ލިއެވެ. މެންދުރުނަމާދުގެ ހަތަރު ރަކްޢަތް ގޭގައި ކޮށްލީ މިސްކިތަށް ދާންޖެހޭ ވަގުތު ފަހަނައަޅާ ދިޔުމުންނެވެ. އެހެންނޫނަސް، ޖަމާޢަތުގައި ނަމާދުކުރަން ދިޔުމަކީ އޭނާ ވަރަށް މަދުން ނޫނީ ނުކުރާ ކަމެކެވެ. ކުޑަ އިރުއްސުރެ އާދަވެފައިވީ ގޮތް ބަދަލު ކުރަން އުނދަގޫ ވިޔަސް، މިލާން ރަނގަޅުވާން މަސައްކަތް ކުރެއެވެ.
އަވަސް ފިޔަވަޅުތަކެއްގައި ސިޑިން ފައިބައިގެން އައި މިލާން ދިޔައީ ކާގެއާ ދިމާލަށެވެ. އޭރު މަންމައާއި ބައްޕަގެ އިތުރުން މިލާންގެ ފަނަރަ އަހަރުގެ ކޮއްކޮ މަނާލްވެސް ކާން އިނެވެ. އެންމެންނަށް ހިތުންވުމެއް ރައްދު ކޮށްލަމުން މިލާން ކާގެއަށް ވަނެވެ. “ހެލޯ ދޮންބެގެ ޕްރިންސެސް.. ސްކޫލް ކިހިނެއް..؟” މަނާލްގެ ކޮލުގައި މަޑުމަޑުން ހިފާލަމުން މިލާން ހިނިތުންވެލިއެވެ. މިލާންގެ އުމުރުން މިހާރު އަށާރަ އަހަރުވެފައިވާ އެ ދެމެދުގައި އުމުރުގެ މާ ބޮޑު ފަރަޤެއް ނެތުމުން ދެކުދިން އުޅެނީ އަބަދުވެސް އެކީގައެވެ. އެ ދެމެދުގައިވާ ވަރުގަދަ ރަޙިމުގެ ގުޅުމަކީ އެއްވެސް މީހަކަށް އޮޅިފައިވާ ކަމެއް ނޫނެވެ.
“ސްކޫލް ރަނގަޅު ހަމަ.. ދެން މާ ގިނައިން ފިލާވަޅު ދެނީ…” ތުންކޮޅު އޫކޮށްލަމުން މަނާލް ބުނެލި ގޮތުން އެތާ ތިބި އެންމެންގެ ގާތަށްވެސް ހިނިއައެވެ. “ދަރިފުޅާ.. މަސައްކަތް ކޮށްލާ.. ނާލްގެ އެންމެ ފަހު އަހަރު ކުރިއަށް މި އޮތީ.. މި އަހަރު ރަނގަޅު ނަތީޖާއެއް ހޯދައިގެން ނޫނީ އަންނަ އަހަރު ކާމިޔާބެއް ނުވާނެ..” މަނާލްގެ ބޮލުގައި ފިރުމާލަމުން މާހިރު ބުނެލިއެވެ. “އެއާއެކު މަނާލް ހިނިތުންވެލާފައި ބޯ ޖަހައިލިއެވެ. މާހިރު މިލާންއަށްވެސް ހަމަ އެ ނަސޭޙަތް ދިނެވެ. ނަމަވެސް، މިލާންގެ ފަރާތުން މާ އެދެވޭ ޖަވާބެއް ނުލިބުނެވެ. އެކަމާ މާހިރުގެ ކަންބޮޑުވުމެއް ނެތެވެ. ކިޔެވުމުން ނޫނަސް، އެހެން ދާއިރާއަކުން ގޮސްގެންވެސް މިލާން އުފަލުގައި ހުރިއްޔާ އޭނާގެ ފަރުވާލެއް ނެތެވެ. ގޯސް މަގަކުން ނުދާ ހިނދު ދަރިފުޅުގެ އެއްވެސް އުފަލަކަށް އޭނާ ހުރަހެއް ނާޅާނެއެވެ. މިކަމާ މިލާން އުފާވަނީ އިންތިހާއަށެވެ. އެފަދަ މަންމައަކާއި ބައްޕައެއް އެންމެންނަށްވެސް މިންވަރުކޮށްދެއްވުން އެދި މިލާން އެވަގުތުވެސް ދުޢާ ކޮށްލިއެވެ.
ކައި ނިމިގެން މިލާން ގޮސް ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަތް ގޮތަށް މިލާން ސޯފާގައި ލައްކޮށްލާފައި ހުރި އޭނާގެ ގިޓާ ނެގިއެވެ. ސޯފާގައި އިށީނދެލާ، ހަމަޖެހިލުމަށްފަހު ގިޓާގެ ނަރުތަކާ ކުޅެލުމުން ރީތި މިޔުޒިކީ އަޑެއް މުޅި ކޮޓަރިތެރޭގައި ގުގުމައިގެން ދިޔައެވެ. ކަރުކެހިލުމަށްފަހު މިލާން އޭނާގެ ފިރިހެންވަންތަ އަޑުން ކިޔަން ފެށި ލަވަ ނޭނގި ނަމަވެސް ޚާއްސަ ކުރެވުނީ އެ ހިތުގެ މަލިކާއަށެވެ.
އިހުސާސް ވާ ގޮތް
ނޭނގޭ ބުނެދޭން
ޔާރަކީ ތީއޭ
ހަނދުހެން އަލިވާ
މޫނޭ ތިޔައީ
ހިތް މަގޭ އެދޭ
ދެލޯމަރާލައިގެން އިނދެ ލަވަ ކިޔަމުން ދިޔަ މިލާންގެ ހިތުގައި އެވަގުތު ކުރެހިފައިވަނީ ޔައިނާގެ ހަނދެއް ފަދަ ރީތި ސޫރައެވެ. އެ ސޫރަ ހިތަށް ސިފަވުމުން ލިބުނު ހިތްހަމަޖެހުމުގައި އެ އިންގޮތަށް އިނދެ ލަވައިގެ އަނެއްބައިވެސް ކިޔަން ފެށިއެވެ. މިލާންގެ އެ ބަރު، ފިރިހެންވަންތަ އަޑު އެ ތަނަވަސް ކޮޓަރިތެރޭގައި ގުގުމާލާފައިވާ އިރު އަޑުއަހާލަން ކިތަންމެހާވެސް ހިތްގައިމެވެ.
ލޯބިވާއޭ
ތީއޭ މި ހިތް އެދޭ މަންޒިލަކީ
ލޯބިވާއޭ
ތީއޭ ހިތަށް ލިބޭ ފިނި ކަމަކީ
ބޮޑުކޮށް ބޭނުން
ލޯބިން އުޅެލަން
އުފަލަކީ ތީއޭ
ހިތްދަތިވާ އިރު
ލުއިކަން ލިބެޔޭ
ސިއްރަކީ ތިޔޭ
ލޯބިވާއޭ
ތީއޭ މި ހިތް އެދޭ މަންޒިލަކީ
ލޯބިވާއޭ
ތީއޭ ހިތަށް ލިބޭ ފިނި ކަމަކީ
ބުނެދެން ހެއްޔޭ
ކުރެވޭ އިހުސާސް
މިވަގުތު މި ހިތަށް
ޔާރާ ލިބުމުން
ލިބުމުން ޔާރާ
އުފަލުން ފުރެޔޭ
އެދެނީ ހިނިތުން ވާށޭ، ހިނިތުން ވާށޭ އަބަދަށް
ދެހިތުން ރުހިގެން
އެކުގައި އުމުރަށް ވާށޭ، އުމުރަށް
ލޯބިވާއޭ
ތީއޭ މި ހިތް އެދޭ މަންޒިލަކީ
ލޯބިވާއޭ
ތީއޭ ހިތަށް ލިބޭ ފިނި ކަމަކީ
ލަވަ ކިޔައި ނިންމާލި އިރުވެސް މިލާންގެ މޫނުމަތީގައިވީ ފިރިހެންވަންތަ ހިނިތުންވުން ފުހެވިގެން ނުދެއެވެ. ލޯ މަރައިގެން އެ އިން ގޮތުގައި އިން މިލާން ސިހުނީ ކޮޓަރި ދޮރުމަތީން މީހަކު ކަރުކެހެލި އަޑެވެ. އަވަސްއަވަހަށް ބަލައިލި އިރު ދޮރުމަތީގައި ހުރި ލައުރާ ފެނި އެ ހިނިތުންވުން އިތުރަށް ފުޅާވިއެވެ.
“ހާދަ އަސަރުގަ.. އަނެއްކާ ކުއްޖަކަށް ޚާއްސަކޮށްތަ..؟” އައިސް މިލާންގެ އެނދުމަތީގައި އިށީންނަމުން ލައުރާ އަހާލި އިރު އެ ތުންފަތުގައި ވަނީ ހިނިތުންވުމެކެވެ. “ހެހެ.. ނޫނޭ މި ދެން ހަމަ.. ލަވައެއް ކިޔާލާހިތްވީ.. އެންމެ ފުރަތަމަ ހިތަށް އައި ލަވަ އެއީ.. ހެހެ..” ލައުރާއަށް ދޮގު ހަދަން ޖެހުމުން ކުޑަ ނުތަވަސްކަމެއް އެ އަޑުގައި އެކުލެވިފައި ވިޔެވެ. “އެހެން.. މިއްލު ބުންޏަސް އެކަމް އަހަންނަކަށް ގަބޫލެއް ނުކުރެވޭ.. އަހަންނަށް ވަރަށް ހީވޭ މިއްލު އަހަންނަށް ސިއްރުން ކަމެއް ހިންގާހެން.. އަހަންނަށް މި ހީވަނީ ރަނގަޅަށްތަ..؟” ސިރިޔަސްކަމާއެކީ ލައުރާ ފެށި ވާހަކައިން މިލާން ނުތަނަވަސް ވިޔެވެ. އަދި އޭނާ މި އުޅެނީ ހިތުގައިވާ އިޙްސާސްތައް ދެނެވެސް ނުގަނެވިގެންނެވެ. މި އިޙްސާސްތަކަށް ދޭނެ ނަމެއްވެސް ނޭނގިގެންނެވެ. އޭނާއަށް ވެފައިވަނީ ހަމައެކަނި ހީއެކެވެ. ވީ އިރު، އެއްވެސް މީހަކާ އެވާހަކަ ޙިއްސާކުރާކަށް އޭނާ އަދި ބޭނުމެއް ނުވެއެވެ.
“ނޫނޭ.. ދެން އަހަރެންގެ ލޯބިވާ ޑާލިންގެ ގާތު ބުނެފައެއްނު އަހަރެން އެކަހަލަ ކަމެއް ކުރަންޏާ ކުރާނީވެސް.. ޑާލިން ހާސް ނުވެބަލަ.. އެކަހަލަ ކަމެއް ވެއްޖެއްޔާ އެންމެ ފުރަތަމަވެސް ބުނާނީ ލައު ކައިރިއޭ.. އޯކޭނު..” އެއް ލޯ މަރާލަމުން މިލާން ބުނެލި ގޮތުން ލައުރާއަށް ލަދުވެތިކަން އިޙްސާސްވިއެވެ. ހަމަ އެފަދައިން އުފާވެސްވީ އިންތިހާއަށެވެ. ނަމަވެސް، މިވަގުތުވެސް މިލާންގެ ހިތުގައިވާ ނަން އިނގޭ ނަމަ، އޭނާގެ ހިތް ކުދިކުދިވާނެކަން ގައިމެވެ.
“އޭ އާނ އަދި ހަނދާން ނެތިފައޭ މި ހުރީ.. ޓިއުޝަން ގަޑި ޖެހެނީނު.. ބާކީ ފަސް މިނެޓް.. ހިނގާ ދަމާ..” އެނދުން ތެދުވަމުން ލައުރާ ބުނެލިއެވެ. “އޯހ.. އަހަރެން ވަރުބަލިވެފަ ހުރި ވަރުން ހަނދާންވެސް ނެތް.. މި ނުކުންނަނީ..” އެހެން ބުނެ މިލާން ގޮސް ދަބަހަށް ފޮތްތައް އަޅައި، ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. އިސްތަށިކޮޅު ކުޑަކޮށް ތަރުތީބު ކޮށްލުމަށްފަހު ގަޔަށް ސްޕްރޭކޮޅެއް ޖެހިއެވެ. “ހޫމް ދެން ތިވަރު ނުކުރިޔަސް މިއްލު ރީއްޗޭ.. އަންހެން ކުދިން ލިބޭނެޔޭ މިއްލުއަށް.. މި ދަނީ ފެޝަން ޝޯވ އަކަށް ދާކަށް ނޫނިއްޔަ.. ދެންވެސް އަވަސްކުރޭ..” ލާނެތްކަމާއެކީ ލައުރާ ބުނެލި ގޮތުން މިލާންއަށް ނުހީ ނުހުރެވުނެވެ. “އަހަހަ.. އޯކޭ.. މަގޭ ޑާލިން ބޭނުން ގޮތެއް..” އަނެއްކާވެސް އެއްލޯ މަރާލަމުން މިލާން ލައުރާއަށް ނަޒަރެއް ދިނެވެ.
“އަހަ.. އަހަރެން މި ހުރީ ތިރީގަ.. މިއްލު ނިމިގެން އާދޭ އިނގޭ..” މިހެން ބުނެ ލައުރާ އަވަސް ފިޔަވަޅުތަކެއްގައި އެ ކޮޓަރިން ނުކުތެވެ. ނުކުތް ގޮތަށް ފާރުގައި ލެނގިލައިގެން ހުރެ ހިތާވީ ދިމާލުގައި އަތް އަޅާ ފުންކޮށް ދެތިން ނޭވާ ދޫކޮށްލަން ޖެހުނީ ހާސްވެފައިވީ ވަރުންނެވެ. މިލާންގެ އެފަދަ ކޮންމެ ލާނެތް ޢަމަލަކުން ލައުރާއަށް ވާ ވަރަކީ އެއީއެވެ. “ކޮބާ ހިނގާ ދާން..” ކުއްލިއަކަސް ކޮޓަރިން ނުކުތް މިލާން ފެނި ލައުރާއަށް ކުޑަ ސިހުމެއް ލިބުނެވެ. އެހެންނަމަވެސް އެކަން ފޮރުވާލުމަށް އަވަސްއަވަހަށް ސިޑިން ފައިބަން ފެށިއެވެ. ލައުރާއަށް ވީ ގޮތުން މިލާން ހުރީ އަނގަޔަށް ވައްތަރެއް ޖައްސައިގެންނެވެ. ލައުރާ ބަލީ ބާވައޭ ހިތަށް އެރުމުން ލައުރާއަށް ގޮވަމުން މިލާންވެސް އަވަސް ފިޔަވަޅުތަކެއްގައި ސިޑިން ފައިބަމުން ދިޔައީ ލައުރާއާ އަރާ ހަމަ ކުރުމަށެވެ.
މާ އަވަސް ފިޔަވަޅުތަކެއްގައި ފޭބުމުގެ ސަބަބުން ލައުރާގެ ފައި ކައްސާލިއެވެ. ވެއްޓެން ދިޔުމާއެކު ވާނެ ތަދު ހިތަށް އަރުވާލެވުމުން ކުޑަކޮށް ހަޅޭލަވައިނެވުނެވެ. މިލާނަށް އެހިސާބަށް އާދެވުނީ ހަމަ އެވަގުތުއެވެ. ވެއްޓެން ދިޔަ ލައުރާ ފެނުމުން ދިގު ފިޔަވަޅުތަކެއްގައި ހަރުފަތްތައް ގިރާކުރުމަށްފަހު ގޮސް ލައުރާގެ އުނަގަނޑުގައި ދެއަތް ވަށާލިއެވެ. ވެއްޓުމުގެ ކުރިން ބާރުގަދަ އަތަކުން އޭނާ ހިފެހެއްޓިކަން އެނގުމުން ލައުރާއަށް ލޯ ހުޅުވައިލެވުނު އިރު ފެނުނު މިލާންގެ ކަޅު ކުލައިގެ ފުން ދެލޮލަށް ގެއްލިގެން ސިޔައީ ސިކުންތެއްގެ ތެރޭގައެވެ. އެހެން އޮވެ އެ ވަގުތުކޮޅު މުޅި ޢުމުރަށްވެސް ދެމިގެން ދާނެ ނަމައޭ ލައުރާގެ ހިތަށް އެރި ނަމަވެސް، މިލާންއަށް ދިޔައީ ލައުރާގެ ބެލުމުން އުނދަގޫ ވަމުންނެވެ.
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.







Salaam dear readers..
Hope y’all loved this part as well..
Comment section is always welcomed for both positive and negative comments..
Thank you for always supporting me..
Next episode insha allah maadhamaa ge vaguthegga submit kohlaanan..
Keep waiting..
Love y’all <3
Hello nayooo
Mi part ves v salhi ingey kon irakuntha yainaa and milaan gulheynee….. Avahah gulhuvabala plss
Waiting for the next part ingey avahah genesdheebala
Love you soo much ????
In reply to @Princess
tyssssssm kudahthaaaaaa
yaina and milaan gulhuvaa prt mihaaru liye ninmaifin.. hehe.. maa dhuraku noon ebai othyky.. inthizaaru kohlaa.. adhi ebai vx annaane
next prt maadhamaa submit kohlaanan insha’allah
love ya mooooooreeeeee <333