” އެނގޭތަ ދުއާގެ ބޯއިފްރެންޑްވެސް އެއީ ޑޮކްޓަރެއް… ހަމަ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާނީ.. މިވަގުތު ހުރީ އެހެން ރަށެއްގައި.. ޑރ ލޫކަން އޭނާއަށް ކިޔާނީ.. ” ތާރާގެ ފަހު ޖުމްލައާއެކު ރާނީ ހުއްޓުން އެރިއެވެ. ހިތް ތެޅިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ރާނީ ހުއްޓުމުން ތާރާ ބަލައިލިއެވެ. ކިހިނެއްވީތޯ ސުވާލުކޮށްލިއެވެ.
” ތިބުނީ ދުއާގެ ބޯއި ފްރެންޑަށް ކިޔަނީ ލޫކަންއޭ ތަ؟ ” އިތުރަށް ޔަގީންކޮށްލުމުގެ ގޮތުން ރާނީ އަހައިލިއެވެ.
” ހްމްމް ލޫކަން.. ކިހިނެއްވީ؟” ތާރާ އަހައިލިއެވެ. ޖަވާބެއް ދޭން ނޭނގިފައި ރާނީއަށް ހުރެވުނެވެ. އެއީ އޭނާގެ ލޫކަންއަށް ވެދާނެބާއޭ ހިތަށް އަރާފައެވެ.
” ރާނީ ދަންނަންތަ ލޫކަން…” ތާރާ އަހައިލިއެވެ. ތާރާއަށް ލޫކަންގެ ވާހަކަ ކިޔައިދޭން ރާނީގެ ހިތަށް އެރިއެވެ. އެހެނަސް އެއީ ރަނގަޅު ކަމަކަށް ނުވާނެތީ އެހިޔާލު ދޫކޮށްލިއެވެ. މޫނުމަތިން ހަމަޖެހޭގޮތް ދައްކަމުން ދެފަރާތަށް ބޯހޫރާލުމަށްފަހު ކުރިއަށް ހިނގައިގަތެވެ.
އެދުވަހު ހަތަރުދަމު ރާނީއަށް ހަމަޖެހުމެއް ނުލިބުނެވެ. ލޫކަންއާ މެދު ވިސްނެނީއެވެ. ދުއާގެ ހަޔާތުގެ ބައިވެރިއަކީ އޭނާގެ ލޫކަންއަށް ވެއްޖެނަމަ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ ލޫކަން އެހާ އަވަހަށް އޭނާ މަތިން ހަނދާން ނައްތާލީ ހެއްޔެވެ؟ ފޯނު ނަމްބަރު ހިއްސާ ނުކޮށް ހަބަރެއް ނުވީ އެހެންވެގެން ބާއެވެ.؟ އެކަމަކު ކޮންމެ ގޮތެއް މެދުވެރިވިނަމަވެސް ވަފާތެރިކަން މަތީ ދެމިހުންނާނެ ކަމުގެ ވަޢުދު ލޫކަން ވިއެވެ. ހަބަރެއް ނުވެ ކިތަންމެ ގިނަ ދުވަހެއްވީނަމަވެސް ދެގޮތެއް ނުވެ ރާނީދެކެ ލޯބިވާނެ ކަމުގައިވެސް ބުންޏެވެ. ރާނީ ލޫކަންއަށް އިތުބާރު ކުރީ ދުވަހަކު މީހަކު އެހެންމީހަކަށް އިތުބާރު ނުކުރާހާ ބޮޑަށެވެ. ޒޯއީ ބުނީ ރަނގަޅު ވާހަކައެއް ބާއެވެ. ލޫކަން އޭނާގެ ފަރާތުން ބޭނުންވެގެން އުޅުނީ ވަގުތީ އުފަލެއް ހެއްޔެވެ؟
” ރާނީ ބުނެބަލަ އަޅެ.. އެހުރިހާ ދުވަހު ލޫކަން އެމެރިކާގަ ކިޔެވިއިރު މަހަކު އެއްފަހަރު އޭނާ ރާނީ ކައިރިއަށް އައިސް ބައްދަލުކޮށް ހަދާ.. ދެން ކުއްލިއަކަށް މޯލްޑިވްސްއަށް ދިޔަފަހުން ކުއްލިއަކަށް ބަދަލުވާންވީ ކީއްވެ؟ ސޯޝަލް މީޑިއާއިން ރާނި ބްލޮކް ކުރީ.. އެންމެ ކުޑަމިނުން އޭނާއަށް ގުޅޭނެ ނަމްބަރެއްވެސް ނުދިން.. ކޮބާތަ އޭގެ މާނައަކީ.. ވިސްނާލަބަލަ ރާނީ.. އެ ވާނީ އެތަނުން ކަމުދާ ކަހަލަ ކުއްޖެއް އޭނާއަށް ލިބުނީ ކަމަށް.. އޭނާ ރާނީގެ ކިބައިން ބޭނުންވީ ވަގުތީ އުފަލެއް.. ” ޒޯއީ އެތައް ފަހަރަކު ބުނެފައިވެއެވެ. އެހެނަސް އެވާހަކަ ޤަބޫލުކުރަން ރާނީއަށް ދައްޗެވެ. ލޫކަންގެ އަމަލުތަކުން އޭނާއަށް ކުރެވުނު އިހުސާސް މުޅިން ތަފާތެވެ. ލޫކަންގެ ކޮންމެ އަމަލެއްގައިވެސް ލޯތްބާއި ކުލުނު އަދި ތެދުވެރިކަން އެކުލެވިފައިވާކަން އޭނާގެ ލޮލުން ސާބިތުވެއެވެ. ލޫކަންގެ ލޮލުން ރާނީއަށް ފެނުނު ޖަޒުބާތަކީ ދޮގަކަށް ނޫނީ ހީވި ހީވުމަކަށް ވެއްޖެނަމަ ލޯތްބަށް އޮތް އިތުބާރު ޔަގީނުންވެސް ގެއްލޭނެއެވެ. މިފަދަ ހިޔާލުތަކުން ރާނީގެ ހިތާއި ސިކުނޑި ނުތަނަވަސް ކުރުވަމުން ދިޔައެވެ. ކޮންމެހެނެއްވެސް މާދަމާ އޮންނަ ޕާޓީއަށް ދިއުމަކީ މަޖުބޫރުކަމެއް ކަމުގައި ވެއްޖެއެވެ. ޒޯއީ ބުނިހެން ރާއްޖެ އައުމަށްފަހު ލޫކަން އޭނާއާ ގުޅުން ކަނޑާލި ކޮންމެވެސް ސަބަބެއް އޮންނާނެއެވެ. ނަމަވެސް އެސަބަބަކީ ބޭވަފާތެރިވުން ކަމުގައި ރާނީއަށް ޤަބޫލުކުރަން ދަތިވެއެވެ.
*************
ހުރިހާ ޕޭޝަންޓުން ބަލާ ނިންމަލުމަށްފަހު ދުއާ އަވަހަށް ގެއަށް ދާން ތައްޔާރުވެލިއެވެ. ޕާޓީ އޮތީ އެގޭގައި ކަމުން ކުރަން ޖެހޭ ތައްޔާރީތައް ހުރީމައެވެ. ނަމަވެސް ކޮންޒަލްޓޭޝަން ރޫމުން ނުނިކުމެވެނިސް ފޯނެއް އަންނަން ފެށިއެވެ. ދެހިޔާލެއްގައި ހުރީ ނަގައިފިނަމަ ގެއަށް ދިއުން ލަސްވެދާނެތީއެވެ. އެހެންނަމަވެސް އެމަރޖެންސީއަކަށް ވެދާނެތީ ފޯނު ނަގަން މަޖުބޫރުވިއެވެ. ފޯނު ނެގުމަށްފަހު އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް އެންމެ ފުރަތަމަވެސް އިވުނީ ޒިލާލް ހަރުކަށި އަޑެވެ. ރުންކުރުކަމާއެކު އަމުރުކުރީ އޭނާގެ ކެބިންއަށް އައުމަށެވެ. ފޯނުގެ އަތްގަނޑު ބޭއްވިއިރު ކޮންމެވެސް ވަރަކަށް ދުއާގެ އަތުގައި ތުރުތުރެއް ހުއްޓެވެ. ޒިލާލް ރުޅިއައިސްފިނަމަ އެއީ ދުއާއަށް ވާވަރެވެ. އަންނަ ރުޅީގައި ޒިލާލް ކޮންމެފަދަ ކަމެއް ކޮށްފާނެކަން އެނގޭތީއެވެ. ޒިލާލްއަކީ ރުޅިއައިސްފިނަމަ ކޮންޓްރޯލުން ނައްޓާ މީހެކެވެ.
ތެޅި ތެޅި އޮތް ހިތަކާއެކު ދުއާ ގޮސް ޒިލާލްގެ ކެބިންގައި ޓަކި ޖަހައިލިއެވެ. ވަނުމަށް ބުނުމާއެކު މަޑުމަޑުން ދޮރު ހުޅުވާލާފައި އެތެރެއަށް ވަނެވެ. ގޮނޑީގައި އިން ޒިލާލްގެ ރުޅިވެރި ދެލޯ ފެނި ދުއާ ގައިން ހީބިހި ނަގައިގަތެވެ. ޒިލާލް ހިތްހަމަނުޖެހޭ ގޮތަށް ދުއާއަށް ކުރެވުނީ ކޮންކަމެއް ބާއޭ ހިތަށް އެރިއެވެ.
” ކިހިނެއްވީ ބައްޕާ… ” ޖެހިލުންވެފައި ހުރެ ދުއާއަށް އަހައިލެވުނެވެ.
” ފުރަތަމަ ކަމަކަށް މިތަނުގައި އަހަރެންނަށް ބައްޕަ ނުކިޔާށޭ ބުނީމެއްނު.. މިތަނުގައި ދުއާއަކީ އެހެން ޑޮކްޓަރުން ފަދަ އާދައިގެ ޑޮކްޓަރެއް.. ދުއާގެ ކާފައަދި އަހަރެންނަކީ މިތަނުގެ ބޮޑުންނަށްވިޔަސް ދުއާއަށް އަދި އެފަދަ ބާރެއް ނެތްކަން ހަނދާން ނެތެނީތަ ނޫނީ މީހުންނަށް ތީ ކިހާވަރެއްގެ މީހެއްކަން ދައްކަން ބޭނުންވަނީތަ؟” ޒިލާލް އަހައިލިއެވެ.
” އަހަރެ.. ސޮރީ އަޅުގަނޑަށް ގޯސްކޮށް ކަމެއް ކުރެވުނީތަ؟ ” ހިންދިރުވައިލަމުން ދުއާ އަހައިލިއެވެ.
” މާބޮޑު މީހަކަށް ވެގެން މިތަނުގެ މުވައްޒަފުންނަށް އިންޒާރު ކުރުމާއި އެމީހުން ވަޒީފާއިން ކެނޑުން އެއީ ދުއާއަށް ލިބިފައިވާ ބާެއް ނޫން.. އަނެއްކޮޅުން ހުއްދައެއް ނެތި އަހަރެންގެ ސްޓަޑީއަށް ވަދެ ހޭވުމުގެ އެއްވެސް ހައްޤެއް ދުއާއަށް ލިބިގެނެއްނުވޭ..” ޒިލާލް ހިތްހަމަނުޖެހިފައި ބުންޏެވެ. ވަގުތުން ދުއާގެ ހިތަށް އައިސް ވަނީ އާރަވްގެ ނަމެވެ. ޒިލާލް ކައިރީ އެވާހަކަ ބުނީ އާރަވް ނޫން މީހަކު ނޫންކަން ޔަގީނެވެ.
” މީގެ ފަހުން މިތަނުގެ އެއްވެސް ކަމަކާ ދުއާ ބެހުނުކަން އެނގިއްޖެ ނަމަ އަޅަންޖެހޭ ފިޔަވަޅު އަޅާކަށް އަހަރެން ފަހެއް ނުޖެހޭނަން.. އަމިއްލަ ފެންވަރު އޮޅިފައިވާނަމަ އަހަރެން ބުނެދީފާނަން.. ތީ މިތަނުގެ އެއްވެސް މީހެއް ނޫން.. މިތަނުގައި މުސާރަ ދީގެން މަސައްކަތްކުރާ އެހެން ޑޮކްޓަރުން ފަދަ ޑޮކްޓަރެއް.. މިތަނުން ކަލެއަށް ވަޒީފާ ލިބި ތި ޑިޕާޓްމެންޓްގެ ހެޑްކަން ދިނީ އަހަރެންގެ ބައްޕަ.. އެހެންނޫންނަމަ ކަލޭ މިތަނަށް ވައި އެޅުމަކީވެސް އަހަރެން ބޭނުންވާކަމެއް ނޫން.. މީގެ ފަހުން އެއްވެސް މުވައްޒަފަކަށް އެފަދަ ގޮތަކަށް ވާހަކަ ދައްކާ ފުރައްސާރަ ކޮށްފިނަމަ ވަޒީފާއިން ވަކި ކުރަން އަހަރެން ފަހެއް ނުޖެހޭނަން…”
ދުއާގެ ލޮލަށް ކަރުނަތައް ބޮނޑިވެގަތީ އެއްވެސް އިޙްތިޔާރަކާ ނުލައެވެ. ޒިލާލްގެ ވިހަގަދަ ބަސްތަކުން އޭނާގެ ހިތަށް ފުންއަސަރުތަކެއް ކުރުވައިފިއެވެ. ބައްޕައެއްގެ ފަރާތުން އެއްވެސް ދަރިއަކު އެފަދަ ބަސްތަކެއް އަޑުއަހަން ބޭނުންނުވާނެކަން ޔަގީނެވެ. އޭނައަކީ ޒިލާލްގެ އުފަންދަރިއެއްކަމާމެދު ޝައްކުވާ ފަހަރުވެސް މަދެއް ނޫނެވެ. އެތައް ގޮތަކުން ޒިލާލްއަށް ރައްދުދޭން ދުއާގެ ހިތަށް އެރިއެވެ. އެހެންނަމަވެސް ބައްޕައަށްވީތީ ހިމޭނުން ހުއްޓެވެ. ޒިލާލްއާ ޒުވާބުކުރުމަކީ ރިޒާ ބޭނުންވާނެ ގޮތެއް ނޫންނަކަން އެނގޭތީވެސްމެއެވެ. މަޑުމަޑުން ބޯޖަހައިލުމަށްފަހު އެތަނުން ނިކުންނަން ދުއާ ހިނގައިގަތެވެ. ކެބިންއިން ނިކުމެވުމާއެކު ބޮނޑިވެފައިވާ ކަރުނަތައް އޮހި ކޯތާފަތް ތެންމާލައިފިއެވެ. މަޑުމަޑު ގިސްލުމެއްގެ ދުއާގެ އަނގައިން ބޭރުވި ހިނދު އަނގަމަތީގައި އަތް އަޅައިލެވުނެވެ. މީހަކަށް ފެނުމުގެ ކުރިން އަވަސް އަވަހަށް މޫނު ފޮހެލިއެވެ. ކުޑަދޮރުކައިރީގައި އޭނާއަށް ދިމާލަށް ބަލަހައްޓައިގެން ހުރި އާރަވް ދުއާގެ ލޮލުގައި އަޅައިގަތެވެ. ދުއާ ބަލައިލުމާއެކު އާރަވްގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ. ދުއާގެ ދެބުމަ ގޮށްޖެހިގެން ދިއުމާއެކު ދަތްކުޑިވިކައިލެވުނެވެ. ދުމެއްޖެހިހެން ދުއާގޮސް ހުރީ އާރަވްގެ ކުރިމަތީގައެވެ.
” ތިވަރުގެ ނުލަފާ މީހަކު އަހަރެން މިއުޅޭ އުޅުމުގައިވެސް ނުދެކެން.. އަހަރެން ރެވްއަށް ކީއްކުރީ.؟ އަހަރެންގެ ބައްޕައަކީ ކޮންކަހަލަ މީހެއްކަން ރެވްއަށް އޮޅިފައެއް ނޯންނާނެ.. އެނގޭތަ ބައްޕަ އަހަރެންނާ ދިމާލަށް އެއްޗެތި ގޮވާލިވަރު.. އެބައްޕަގެ ވިހަގަދަ ބަސްތައް އިވި ގިނަ ފަހަރަށް އަހަރެންގެ ކަރުނަ އޮއްސާ ތެމިފައި ހުންނާނީވެސް ރެވްގެ ގަމީސް.. ކިތައް ދުވަހު ރެވްގެ ކޮނޑުގައި ބޯއަޅައިގެން އޮވެ އަހަރެން ރުއީ.. ބައްޕައެއްގެ ލޯބިން މަޙުރޫމްވުމަކީ ކިހާ ބޮޑު ވޭނެއްކަން މިހާރު ރެވްއަށް އިހުސާސްވާނެކަން ޔަގީން.. އަހަރެން ކުރި ކަމެއް ކޮށްފަ ހުންނާނީ ހަމަ ރެވްއަށް ރަނގަޅަކަށް ރެވްއަށް ހެޔޮ އެދިގެން.. އެކަމަކު ރެވް ބޭނުންވީ އެއާ މުޅިން އިދިކޮޅު.. ރެވް ދެކެން ބޭނުންވާ މަންޒަރު އެބަ ފެނެއެއްނު.. އެބަފެނެއެއްނު އަހަރެން ރޯތަން.. މިހާރު ހިތްހަމަޖެހިއްޖެ ދޯ…” މިހެން ބުނެ އެތަނުން ދިއުމަށް ދުއާ ހިނގައިގަތެވެ. ފަހަތުގައި މަންޒަރު ބަލަން ހުރި ރާނީ ހުރީ ހައިރާންވެފައެވެ. ޒިލާލްއަކީ ދުއާގެ ބައްޕަކަން އެނގުނީ އަދި ކިރިޔާއެވެ. ރާނީއަށް އާރަވްއާ ދިމާލަށް ބަލައިލެވުނެވެ. އެމޫނުމަތިން ވެދިޔަ ކަންތަކުން ދެރަވެއްޖެކަން ހާމަކޮށްދެއެވެ. އާރަވް އެތަނުން ހިނގައިގަންނަން އުޅުނު ވަގުތު އޭނާއާ ދިމާލަށް ބަލަހައްޓައިގެން ހުރި ރާނީ ފެނުނެވެ. ވަގުތުން އާރަވް މޫނުމަތީގެ ކުލަވަރު ބަދަލުކޮށްލިއެވެ. ރާނީއާ ދިމާލަށް ދެލޯ ހަނިކޮށްލުމަށްފަހު އާރަވް ގޮސް ލިފްޓަށް އެރިއެވެ. ދެފަރާތަކަށް ބޯހޫރާލުމަށްފަހު ރާނީ ގޮސް ހިއުމަން ރިސްސް ޑިޕާޓްމެންޓަށް ވަނެވެ.
************
ޕާޓީގެ ވަގުތު ކައިރިވަމުން ދިޔަ ވަރަކަށް ރާނީގެ ހިތްއަވަސް ވަމުން ދިޔައެވެ. ހިތާހިތުން ދުއާ ކުރެވެމުން ދިޔައީ އެއީ އޭނާގެ ލޫކަންއަށް ނުވޭތޯއެވެ. ކަޅުކުލައިގެ އަތްދިގު ކަކުލާ ހިސާބަށް ހުރި ހެދުމުގައި ރާނީ ފެންނަލެއް ރީއްޗެވެ. ކަޅުކަން ގަދަ އިސްތަށިގަނޑު ވަނީ ހުޅިއެއް ޖަހާލެވިފައެވެ. މޭޒުމަތީގައި އޮތް ކްލަޗް ހިފައިގެން ރާނީ އޭނާގެ ކޮޓަރިން ނިކުތެވެ. ތާރާގެ ކޮޓަރީ ޓަކި ޖަހާލުމާއެކު ތާރާވެސް ތައްޔާރުވެގެން ނިކުތެވެ. ކަޅުރަތް ކުލައިގެ ހެދުމުގައި ތާރާވެސް ފެންނަލެއް ނަލައެވެ. ދެކުދިން އެކީގައި ނިކުންނަން ހިނގައިގަނެފައި ހުއްޓުނީ ތައްޔާރުވެގެން ނިކުތް އާރަވް ފެނިފައެވެ.
” ޕާޓީއަށް ދަންތަ ރެވް ވެސް…؟ ” ޤަބޫލުނުކުރެވިފައި ހުރެ ތާރާ އަހައިލިއެވެ.
” ކިހިނެއްވީ.. އަހަރެން ޕާޓީއަށް މިދަނީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާ ލޫކް ބުނެގެން.. އޭނާގެ މަންމަގެ އުފަންދުވަހު ޕާޓީއަށް އަހަރެން ނުދިޔައިއްޔާ އޭނަ ދެރަވާނެ… ” އާރަވް ބުނެލިއެވެ. އެއަށްފަހު މަޑުނުކޮށް އެމީހުންގެ ކުރިމަތިން ގޮސް ގޭ ދޮރު ހުޅުވާލާފައި ނިކުތެވެ. ލޫކަންގެ ނަން އިވުމާއެކު ރާނީގެ ހިތުގެ ހިނގުން އަވަސްވެލިއެވެ. މާގިނައިރެއް ނުވެ ހުރިހާ ކަމެއް އެނގިދާނެއެވެ.
ކޭޓަރާއިންނަށް އިރުޝާދު ދޭން ހުރި ދުއާއަށް ތާރާއާއި ރާނީ ފެނުމާއެކު އެދިމާލަށް ހިނގައިގަތެވެ. އޭރު މަދުމަދުން މެހެމާނުން އަންނަން ފަށައިފިއެވެ. ދުއާ ހިނިތުންވެފައި ހުރިތަން ފެނި ރާނީވެސް ހިނިތުންވެލިއެވެ. މިއަދު ދުއާ ރޯތަން ފެނުމުން ރާނީ ހީކުރީ ދުއާ ހުންނާނީ މޫނުގެ ކުލަ އޮއްސިފައި ކަމަށެވެ. ނަމަވެސް އޭރުގެ އެއްވެސް އަސަރެއް މިހާރު ދުއާގެ މޫނުމަތިން ފެންނާކަށް ނެތެވެ.
” މާޝާﷲ ރާނީ.. ހާދަ ނަލައޭ.. މިރޭ ހީވޭ ބައެއް ފިރިހެނުންގެ ހިތްތައް ކަތިލެވޭނެހެން…” ދުއާ ބުނެލިއެވެ. އެއާއެކު ރާނީ ހިނިތުންވެލިއެވެ.
” ކޮބާ ލޫކް.. އައިއްސިއްތަ؟.. ” ހުރިހާ ދިމާލަކަށް ނަޒަރު ހިންގާލަމުން ތާރާ އަހައިލިއެވެ. އެހިނދު ރާނީވެސް ހިތް އަވަސްވެފައިވާ ހާލު ތަންތަން ހޯދައިލިއެވެ.
” ލޫކް އައީ މީގެ އިރުކޮޅެއް ކުރިން.. މަންމަ ގޮވައިގެން މިގެއަށް އަންނާނީ.. ޔަގީން މަންމަ ވަރަށް ސަޕްރައިޒްވާނެ..” ދުއާ ބުންޏެވެ. އެވަގުތު ދޮރުން ވަދެގެން އައި އާރަވް ދުއާގެ ލޮލުގައި އަޅައިގަތެވެ. ދުއާގެ މޫނުމަތީގެ ކުލަ އޮއްސުނު ހިނދު ދެބުމަ ގޮށްޖަހައިލިއެވެ. ދުއާއަށް އައި ކުއްލި ބަދަލާއެކު ރާނީ ދުއާ ބަލައިލި ދިމާލަށް ބަލައިލިއެވެ. ވީގޮތް އެނގުނީ ވަދެގެން އަންނަ އާރަވް ފެނުމުންނެވެ. އެވަގުތުވީ އާރަވްވެސް އެމީހުންނަށް ބަލައިލި ވަގުތަށެވެ. ބަހެއް ބުނުމެއްނެތި ފޮނި ހިނގުމެއްގައި އާރަވް އެމީހުން ހުރަސްކޮށް ގޮސް ހުއްޓުނީ އެކި ވައްތަރުގެ ބުއިންތައް ސާވްކޮށްދޭ ކައުންޓަރ ކައިރިއަށެވެ.
” ހާދަ ރުޅި އައިސްފައި.. ރެވް ދުއާ އާ ދިމާލަށް އެއްޗެކޭ ކީތަ؟” ތާރާވެސް އަހައިލިއެވެ.
” ފަހުން ދޯ.. މިރޭ މޫޑު ހަރާބުވާކަށް އަހަރެން ބޭނުމެއް ނޫން.. ހިނގާބަލަ އަހަރެންނާއެކު ކޭކު ބަލައިލަން.. ވަރަށް ސަޅި” ތާރާއާއި ރާނީގެ އަތުގައި ހިފާލަމުން ދުއާ އެދުނެވެ.
” ދުއާ އާއި ތާރާ ދާންވީނު.. އަހަރެން ވަރަށް ބޮޑަށް ކަރުހިއްކައިގަނެފަ މިހުރީ.. ފިނި ބުއިމެއް ބޯލަން ބޭނުންވަނީ..” ރާނީ ބުންޏެވެ. އެންމެރަނގަޅޭ ބުނުމަށްފަހު ދުއާ އާއި ތާރާ ބަދިގެއާ ދިމާލަށް ދިޔައެވެ. ދެކޮޅު ހޯދާ ބަލައިލުމަށްފަހު ރާނީ ބުއިންތައް ހުރިތަނާ ދިމާލަށް ހިނގައިގަތެވެ. ކައުންޓަރުގައި އަތް އަޅުވައިލުމަށްފަހު ފިނި ކޯކުތައްޓެއް ދިނުމަށް އެދުނެވެ. ކައުންޓަރުގައި އަތް އަޅުވާލައިގެން ދުރުބަލަން ހުރެ ކޯކު ބޮމުން ދިޔަ އާރަވްއަށް ފުންނަޒަރަކުން ބަލައިލިއެވެ. އެބަލައިލުން އާރަވްއަށް ސިއްރެއް ނުވިއެވެ.
” ކިހިނެއްވީ ތިބަލަނީ..؟ ” ރާނީއާ ދިމާލަށް ލޯ ހަނިކޮށްލަމުން އާރަވް އަހައިލިއެވެ. އެއަހައިލުމުގައި އެއްވެސް ކަހަލަ ގާތް ގޮތެއް ނެތެވެ. ކޯކުތަށި ހިފައިގެން ރާނީ އާރަވްއާ ތަންކޮޅެއް ގާތަށް ޖެހިލިއެވެ.
” ތި މޫނުމަތިން ކަމެއް ދެނެގަނެވޭތޯ ބަލައިލީ…” ރާނީ ބުނެލިއެވެ.
” ތިބުނީ؟ ”
” މިބުނީ ތިހަރުކަށި ކަމުގެ ފަހަތުގައި ފޮރުވިފައިވާ އަސްލު ސިފައަކީ ކޮބައިބާވައޭ.. ހަމަ ޔަގީނުންވެސް މީހުންނަށް ތިދައްކަނީ އަސްލު ސިފައެއް ނޫން.. ” ޖެހިލުމެއްނެތި ރާނީ ބުނެލިއެވެ. އާރަވް ހަށިގަނޑު ސީދާ ކޮށްލަމުން ކަރުކެހިލިއެވެ. މޫނުމަތިން ހަމަޖެހޭގޮތް ދައްކަން މަސައްކަތް ކުރަމުންނެވެ.
” މީ ހަމަ އަހަރެންގެ އަސްލު ސިފަ.. ވަރަށް ބޮޑު އޮޅުމެއްގައި ތިހުރެވެނީ… މޮޔައިން ކައިރީގައި އުޅެންޏާ ދެއްކޭނީވެސް ތިކަހަލަ މޮޔަ ވާހަކަ…” އެތަނުން ދުރަށް ހިނގައިގަތުމުގެ ކުރިން އާރަވް ބުނެލިއެވެ. ރާނީ ވަކި ޖަވާބެއް ނުދީ ހަމައެކަނި ހިނިތުންވެލީއެވެ.
ތާރާއާއި ދުއާ އާ ދެމީހުންވެގެން އައިސް ކޭކު ހޯލުގެ މެދެއްހާ ހިސާބުގައި ބަހައްޓައިލިއެވެ. ދުއާގެ ފޯނަށް މެސެޖެއް އައި ހިނދު ބަލައިލިއެވެ.
” ކޮބާ އަވަސްކޮށް ލައިޓްތައް ނިއްވާލާ… ލޫކް އެބަވަދޭ މަންމަ ގޮވައިގެން…” ދުއާ ބުނެލިއެވެ. އެވަގުތު ކޮންމެވެސް މީހަކު ގޮސް ގޭގެ ލައިޓްތައް ނިވައިލިއެވެ. އަވަސްވެފައިވާ ހިތަކާއެކު ރާނީ ގޮސް ތަނބެއްގެ ނިވަލުގައި ހުއްޓުނެވެ.
” ދަރިފުޅާ ލޫކް މިތަން ކީއްވެ މިހާ އަނދިރިކޮށް މިއޮތީ.. ކަރަންޓު ނެތީތަ..” އިވިގެން ދިޔައީ ލޫކަންއާ އެކު އެތެރެއަށް ވަން ދުންޔާގެ އަޑެވެ. މުޅިތަން އަލިވެގެން ދިޔައީ ކުއްލިއަކަށެވެ. އެންމެން އެއްފަހަރާ ތަރުހީބާ އެކު އުފަންދުވަހުގެ ތަހުނިޔާ ކިޔަންފެށިއެވެ. ދުންޔާގެ މޫނުމަތިން ހައިރާންކަން ފެންނަމުން ދިޔައިރު ލޫކަން ހުރީ ހެވިފައެވެ.
ރާނީ ލައި ލައި ހުރި ނޭވާ އެތެރޭގައި ތާށިވި ކަހަލައެވެ. ބޮޑުވެފައިވާ ދެލޮލަށް ކަރުނަތައް ބޮނޑިވެގަތީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ޖެހި ބުދެއްހެން ލޫކަންއާ ދިމާލަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ކުރިމަތިން ފެންނަން އެހެރަ އިންސާނާއަކީ އެމީހަކަށްޓަކައި މައިންބަފައިން ދޫކޮށް މިތަނަށް އައި ސަބަބެވެ. ލޫކަން ދުއާ ގެނެސް އޭނާ ގަޔާ ކައިރިކޮށްލިއެވެ. އެހިނދު ރާނީއަށް މޭގައި އަތްއަޅައިލެވުނީ ހިތަށް އިހުސާސް ކުރެވުނު ތަދަކުންނެވެ.
” ކީއްވެ؟ ލޫކް… ކީއްވެ؟ ” ރާނީއަށް ހިތާހިތުން ކިޔައިލެވުނެވެ.
-ނުނިމޭ-

