މާ ބޮޑު ފިކުރަކާނުލާ ދޮރު ހުޅުވާލި ނުހާގެ ދެލޯ ބޮޑުވެގެން ދިޔައީ ލިބުނު ސިހުމަކުންނެވެ. ކުރިމަތީގައި ހުރި ސޫރަ އަކީ އޭނާ ދެން ދުވަހަކުވެސް ފެންނާނެ ކަމަށް އުންމީދު ކޮށްގެން ހުރި މީހެއް ނޫނެވެ. ލިބުނު ސިހުމާއި އެކު، އަނގަމަތީގައި އަތް އަޅައިލެވުނު އިރު، އެ ހިތް ދިޔައީ ނެގިނެގިފައި ޖެހެމުންނެވެ. ކުރިމަތިވާން މި އުޅެނީ ކޮންފަދަ މުޞީބާތެއް ބާވައޭ އޭނާގެ ހިތަށް އެރި ނަމަވެސް، ހިތުގެ ކަނެއްގައި ކުޑަކުޑަ އުފާވެރިކަމުގެ ހުޅުކޮޅެއް ރޮއެވެފައި ވިއެވެ. އޭނާގެ ދަރިފުޅަށް ލިބެންވާ ޙަޤީގީ ލޯތްބާއި އުފާ ލިބެން އުޅޭ ކަމުގެ އިޙުސާސްތަކެވެ. ނަމަވެސް، އެ އުފާވެރި ޝުޢޫރުތައް މިވަގުތު ހާމަ ނުކުރެވުނީ ލިބުނު ސިހުމުގެ ސަބަބުންނެވެ. ވައި އަޑުން އެ ނަން ކިޔައިލެވުނީ އިޚްތިޔާރަކާ ނުލައެވެ.
“މާއިޝް……”
ކުރިމަތީގައި ހުރި މާނާ ހިފަހައްޓައިލައިގެން ހުރި ދުއްވާ ގޮނޑީގައި އިން މާއިޝް ފެނިފައި ނުހާއަށް ކުރެވުނީ ބަޔާން ކުރަން ނޭނގޭ ފަދަ އިޙުސާސް ތަކެކެވެ. ވާންވީ އުފާކަމެއް ނުވަތަ ދެރަކަމެއްވެސް ނުހާއަކަށް ނޭނގުނެވެ. ވަގުތާއި ޙާލަތުގެ ގޮތުން ނުހާގެ ސިކުނޑިއަށް ކަންތައް ކުރަންވީ ގޮތެއް ނުވިސްނުނެވެ. އެއްފަހަރު ރިޔާޒްއާއި ދިމާއަށް، އަނެއް ފަހަރު މާއިޝްއާއި ދިމާއަށް ބަލައިލަމުން ނުހާއަށް ހިންދިރުވައިލެވުނެވެ.
މާއިޝްގެ ޙާލަކީތޯއެވެ؟ ދެވަނަ މަންމަ ކަމަށް ދެކިގެން އުޅުނު ފަރާތް މިހާ ދުވަސް ކޮށްފައި ފެނުމުން އެ ހިތަށް ލިބިފައިވަނީ ހިތްހަމަ ޖެހުމެވެ. ނަމަވެސް، ނުހާގެ މޫނުމަތީގައި ވީ ކުލަވަރު ދެނެގަންނަން މާއިޝްއަށް ނުހަނު އުނދަގޫ ވިއެވެ. އެއްބައި ފަހަރު އުފާވެފައި ހުރިހެން ހީވާ އިރު، ދެވަނަ ސިކުންތުގައި ނުތަނަވަސްކަން އެ މޫނުމަތީގައި ރަސްކަން ކުރަން ފަށައެވެ. އެތެރްއަށް ވަންނާށޭ ބުނަން އުޅޭހެން ވެސް ހީވެއެވެ. އަދި އެނބުރި ދާށޭ ބުނަން އުޅޭހެން ހީވާ ފަހަރުވެސް އާދެއެވެ. ހަދަންވީ ގޮތެއް މާއިޝްއަކަށް ނޭނގުނެވެ. މާނާއަށްވެސް މެއެވެ. ނަމަވެސް، ދެން ފަހަތަށް ޖެހެވޭކަށް ނެތެވެ. މި އޮތީ މިހާ ހިސާބަށް އާދެވިފައެވެ. ދެން މިކަމާއި ކުރިމަތިލާން ނުކެރިގެން ދިޔުން ވާނީ ފިނޑި ޢަމަލަކަށެވެ. މިއީ އޭނާއަށް ރައިޝާ ޙާސިލް ކުރެވެން އޮތް ހަމައެކަނި ފުރުޞަތެވެ. މި ފުރުޞަތުގެ ބޭނުން އޭނާ ހިފާނެއެވެ. ދެން ރައިޝާ އޭނާގެ އަތުތެރެއިން ދޫވިޔަކަ ނުދޭނެއެވެ. ވަރަށް ހިތްވަރު ކޮށްފައި މާއިޝް ނުހާއަށް ގޮވައިލިއެވެ. ގޮވީ، އެތެރޭގައި ތިބި ރިޔާޒްމެންނަށްވެސް އަޑު އިވޭނޭ ވަރަށެވެ.
“މަންމާ…” ނުހާ ދައްތާއޭ ބުނަން އުޅެފައިވެސް އެގޮތަށް ބުނާކަށް މާއިޝްގެ ހިތެއް ނޭދުނެވެ. އެއީ އޭނާގެ މަންމަގެ މަޤާމު ހޯދާފައިވާ މީހެކެވެ. އެ ނޫން ލަޤަބަކުން ނުހާއަށް ގޮވާކަށް މާއިޝްގެ ހިތެއް ނޭދުނެވެ. މާހީން ދެކެ ވާ ލޯބި ހަމަ އެވަރަށް ނުހާ ދެކެވެސް ވާތީއެވެ.
ނުހާއަށް ކެތްވީ ހިނދުކޮޅަކަށެވެ. އަމިއްލަ ދަރިއެއް ކަމަށް ދެކިގެން އުޅުނު މި ކުށެއް ނެތް މަޢުސޫމު ކުއްޖާ އެވަގުތު ނުހާއަށް ފެނުނީ ތުއްތު ތުއްތު ކުއްޖެއްގެ ގޮތުގައެވެ. މަންމާއޭ ކިޔައި، ގޮވައިލުމުން އެ މައިލަގޮނޑިއަށް ކެތެއް ނުވިއެވެ. މާއިޝްގެ ގައިގައި އޮޅުލައިގަތީ އެހެންނެއް ނޫނެވެ. ބައްދާލި ގޮތަށް ބާރު ބާރަށް ރޯން ފެށިއެވެ. މާއިޝްގެ ލޮލުންވެސް ކަރުނަ އައެވެ. ނުހާގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ، ކަރުނަތަކަށް މިނިވަންވާނޭ ފުރުޞަތު ދިނެވެ. އެ ފިރުމުންތަކާއި، ލޯތްބާއި އަޅާލުން އެތައް ދުވަހަކަށް ފަހު ލިބުމުން އެ ހިތަށް ލިބެމުން ދިޔައީ ހިތްހަމަޖެހުމެވެ. ނުހާ ކައިރި ހުއްޓާލާށޭ ބުނަމުން މާއިޝް އޭނާގެ ކަރުނަތައް ފޮހެދިނީ އަމިއްލަ ދަރިއެއް ފަދައިންނެވެ. މާއިޝްގެ ބަލި ޙާލަތު ފެނި ނުހާއަށް ދެންވެސް ކެތެއް ނުކުރެވުނެވެ. އަނެއްކާވެސް ރޯން ފެށުނެވެ. މި ނިކަމެތި ކުއްޖާއަށް މިހާ ޙާލު މި ޖެހުނީ އޭނާގެ ފިރިމީހާގެ ސަބަބުންނޭ ހިތަށް އެރުމުން އިތުރަށް ދެރަވިއެވެ. “ދަރިފުޅު ރަނގަޅުތަ..؟” މާއިޝްގެ ބޮލުން ފެށިގެން ފަޔަށް ބަލައިލަމުން ނުހާ އެހެން އަހާލި އިރު އެ ދެލޮލުގައި ވީ ހަމްދަރުދީއެވެ. މާއިޝް ހިނިތުންވެލާފައި ބޯ ޖަހާލީ ދެން ނުރޯށޭ ބުނަމުންނެވެ.
އެތެރޭގެ ޙާލަކީތޯއެވެ؟ މާއިޝްގެ އެ އަޑު ޖެހުމާއި އެކު ރިޔާޒްއަށް ފުންމައިގެން ތެދުވެވުނީ ލިބުނު ހައިރާން ކަމެއްގެ ސަބަބުންނެވެ. ދެލޯ މުދުނަށް އަރާފައި ހުރި އިރު، ދެން ކުރާނޭ އެއްވެސް ކަމެއް އޭނާގެ ސިކުނޑި އަކަށް ނައެވެ. އޭނާގެ ސިކުނޑި ފުރި ބާރުވަމުން ދިޔައީ ސުވާލުތަކުންނެވެ. މާއިޝް މިތާނގައި އެ ކުރަނީ ކީއް ބާވައެވެ؟ އޭނާ މިތަނަށް އަންނަން ޖެހުމުގު މަޤްސަދަކީ ކޮބައިބާވައެވެ؟ މާއިޝް އައުމުން ދެން ރައިޝާއާއި އަރޫންގެ ގުޅުމަށް ވާނީ ކިހިނެތް ހެއްޔެވެ؟ މިފަދަ ސުވާލުތަކުން ރިޔާޒްގެ ސިކުނޑި ތޮއްޖެހެމުން ދިޔައެވެ. ހުއްޓުން އަރާފައި ހުރެވުނު އިރު ވަށައިގެންވީ މާޙައުލުގައި ހިނގާ އެއްވެސް ކަމެއް ރޭކާނުލާ ފަދައެވެ.
“ބައްޕާ..” ބަސް ހުއްޓިފައި ހުރި ރިޔާޒްއަށް ހޭވެރިކަންވީ ރައިޝާ އޭނާގެ އަތުގައި ހިފައި، ކުޑަކޮށް ތަޅުވާލުމުންނެވެ. އޭރު، އައިސް ތިބި، ރިޔާޒްއާއި ޢަދީލްގެ ރަޙުމަތްތެރިން ދިޔައީ އެތަނުން ނުކުންނަމުންނެވެ. މިހާރު އެތަނުގައި ތިބީ ހަމައެކަނި ރިޔާޒްއާއި އަދީލްގެ ޢާއިލާއާއި މާއިޝްއާއި މާނާ އެކަންޏެވެ.
ހާސްވެފައިވާ މޫނަކާއެކު ރިޔާޒް ރައިޝާއާއި ދިމާއަށް ބަލައިލިއެވެ. ނަމަވެސް ރައިޝާގެ މޫނުމަތިން ފެނުނު އަސަރުތަކުން ރިޔާޒްއަށް ލިބުނީ ހައިރާންކަމެކެވެ. ރައިޝާ އެއްވެސް ވަރަކަށް ހައިރާންވެ، ދެރަވެފައި ހުރި ކަމުގެ ކުލަވަރުވެސް މުނުމަތިން ފެންނަން ނެތުމުންނެވެ. އެއާއެކު ދެން ބަލައިލެވުނީ އަރޫންއާއި ދިމާއަށެވެ. އަރޫންގެ ދެލޯވެސް ހީވަނީ މުދުނަށް އަރައިގެން ދާނެ ހެންނެވެ.
ހައިރާންވެފައި ތިބީ ހަމަ އެކަނި ރިޔާޒްއާއި އަރޫންއެއް ނޫނެވެ. ރިއާޝްގެ ދެމަފިރިންނާއި، ޔާޝްގެ ދެމަފިރިންވެސް ތިބީ މިއީ ޙަޤީގަތެއްކަން ޤަބޫލުކުރުމަށް ނުކުޅެދިފައެވެ. ނަމަވެސް، ހިތާހިތުން އެ އެންމެންނަށްވެސް ޝުކުރު ކޮށްލެވުނީ ރައިޝާގެ ޙަޔާތް ބަރުބާދު ވެގެން ދިޔުމުގެ ކުރިން އެކަމުން ސަލާމަތްވާނޭ ކަމުގެ އުންމީދީ ހުޅުކޮޅު ރޮއެވުމުންނެވެ. އެއާއެކު، އެންމެންގެ ތުންފަތަށްވެސް ވެރިވީ އުފާވެރި ހިނިތުންވުމެކެވެ. ރިޔާޒްއާއި އަރޫން ފިޔަވައެވެ.
ކުއްލިއަކަށް މިވީ ކިީއްކަން ނޭނގިފައި އަދީލްއާއި އާލިޔާވެސް ތިބީ ބަސްހުއްޓިފައެވެ. މިއިން އެއްވެސް ޙަޤީގަތެއް އެމީހުންނަށް ނޭނގޭކަމީ އެމީހުންގެ މޫނުމަތީގައިވާ ހައިރާންކަން ދޭހަކޮށްދޭ ޙަޤީގަތެކެވެ.
“ރިޔާޒްބޭ…” އިރުކޮޅަކު ހުއްޓުން އަރާފައި ހުރުމަށްފަހު އަރޫން އައިސް ރިޔާޒްގެ ކުރިމަތީގައި ހުއްޓިލިއެވެ. ލިބިފައި ހުރި ޝޮކެއްގެ ބޮޑުކަމުން ރިޔާޒްއަށް އަޑު އިވުނީވެސް އަރޫން ދެތިން ފަހަރު ގޮވައިލުމުންނެވެ. “ދެން ކިހިނެތް ހަދާނީ..؟” ހާސްވެފައި އަރޫން އެހެން އަހާލި އިރު، ރިޔާޒްގެ ދުލުގައި ތަޅެއް ލެވިފައިވީ ކަހަލައެވެ. ވަކި ކުރާނޭ ކަމެއް އޭނާގެ ސިކުނޑިއަކަށްވެސް ނައެވެ.
“ހައިރާންވެއްޖެ ދޯ..؟ ވަރަށް ހައިރާންވެއްޖެ ދޯ..؟” ފަހަތުން ރައިޝާ އެހެން ބުނި އަޑު އިވުމުން ރިޔާޒްއަށް ބަލައިލެވުނެވެ. އޭރު ރައިޝާގެ އެ ދެލޮލުން ފައިބަމުން ދިޔައީ ހިތާމައާއި ރުޅީގެ ކަރުނައެވެ. ދަރިފުޅުގެ އެ ދެލޯ ފެނިފައި ރިޔާޒްގެ ހިތަށް ނުހަނު އަސަރު ކުރިއެވެ.
“ދަރިފުޅާ.. ރައިޝާ.. ބައްޕައަށް އިތުބާރު ކުރޭ.. ބައްޕަ-” “ދެން ހުއްޓާލާ.. ބައްޕާ ޕްލީޒް.. ދެން ހުއްޓާލާ.. އަޅުގަނޑަށް ހުރިހާ ކަމެއްވެސް އެނގި ހާމަވެއްޖެ.. ބައްޕަ މިއޮށް ހުރިހާ ދުހުކު ތި އުޅެނީ ހާޑަ ބޮޑޭތި ދޮގުތަކެއް ހަދައިގެންނޭ.. ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ޙަޔާތް ބަރުބާދު ކޮށްލެވުނު އިރު ބައްޕަގެ ހިތުގަ އަޅުގަނޑާ ދޭތެރޭގައި ހަމަ އެއްވެސް ވަރަކަށް ލޯތްބާއި، ކުލުނު ނެތީތަ..؟” އެހެން ބުނެ ނިމުނު ހަމަ ރަނގަޅަށްވެސް ރައިޝާއަށް ރޮވިއްޖެއެވެ. ރައިޝާގެ ވާހަކަތަކުން އެތާ ތިބި އެހެން އެންމެންގެ ދެލޯވެސް ވަނީ ފެންކަޅި ވެފައެވެ.
“އަޅުގަނޑަށްވެސް އެނގޭ ބައްޕަ ކުރީ ކުށެއްކަން.. އަދި އެކަން ކުރީ ގަސްތުގައި ނޫންކަންވެސް.. އެކަމަކު އެހާ ބޮޑެތި ދޮގުތަކެއް ހަދައި، އަޅުގަނޑަށް އޮޅުވާލާ ހެދުމުގެ ބޭނުމަކީ ކޮބައިތަ..؟ މާއިޝްއަށް ބައްޕަ އެހާ ގިނަ ގެއްލުންތަކެއް ދިން އިރުވެސް އޭނާގެ ހިތް އަދިވެސް ބައްޕައާއި މެދުގައި ސާފު.. ބައްޕަ ކުރި ހުރިހާ ކަމަކަށްފަހު ވެސް، މިއަދު އަޅުގަނޑު މިހާ ރީތިކޮށް ބައްޕައާއި ވާހަކަ ދެކެވުމުގެ އަސްލަކީވެސް ހަމަ މާއިޝް.. އަޅުގަނޑުމެން ދުރުކުރަން ބައްޕަ ކުޅުނު ހުރިހާ ކުޅީވަރެއް އެނގުމަށް ފަހުވެސް، މާއިޝް ބައްޕައާއި މެދު އެއްވެސް ބަދު ބަހެއް ނުބުނެ.. އެނގޭތަ އެއީ ކީއްވެކަން..؟ އެއީ މާއިޝް ބައްޕައާއި ދޭތެރޭގައި ދެކެމުން އައީ އުފަން ބައްޕައެއް ގޮތަށް ކަމަށް ވާތީ.. އޭނާ އެ ގުޅުމަށް އިޙްތިރާމް ކުރި.. އެކަމް ބައްޕައަށް އެކަން ކުރެވުނުތަ..؟” ރައިޝާގެ ވާހަކަތަކުން ރިޔާޒްގެ ހިތް ހުއްޓުނު ކަހަލައެވެ. އެ ޅަ ހިތުގައި އަޅަމުން އައި ވޭން އިޙުސާސްވި ކަހަލައެވެ. ނަމަވެސް، ފަހަރުގައިވެސް ރައިޝާ އޭނާ ދެކެ ނަފްރަތު ކުރުމަކީ ރިޔާޒްއަށް ބަރުދާސްތު ކުރޭވޭނޭ ކަމެއް ނޫނެވެ. އަމިއްލަ ދިފާޢުގައި ވާހަކަ ދައްކަން ނިންމުނީވެސް އެހެންވެއެވެ.
“ދަރިފުޅާ.. ދަރިފުޅަށް ހީވެދާނެ ބައްޕަ މިގޮތަށް ކަންތައް ކުރީ ބައްޕަގެ ކުށް ފޮރުވުމަށޭ.. އެކަމަކު އެހެންނެއް ނޫން.. ބައްޕަ މިކަން ކުރީ ހަމަ ދަރިފުޅަށް ރަނގަޅަށް.. މާއިޝްއަކީ މިހާރު ނުކުޅެދޭ މީހެއް.. އެކަހަލަ މީހަކާއި އެކު ދަރިފުޅު ކިހިނެއް އުޅޭނީ.. އެއްވެސް ބައްޕަޔަކު ބޭނުމެއް ނުވާނެ އޭނާގެ ހުރި ހަމަ އެކަނި އަންހެން ދަރިފުޅު ނުކުޅެދޭ މީހަކާ ދެވާކަށް.. ދަރިފުޅަށް އެއަށް ވުރެ މާ ރަނގަޅު މީހުން ލިބޭނެ.. ނިކަން ބަލައިބަލަ އަރޫން.. އަރޫންއަކީ ކިޔަވައިގެން ހުރި ރަނގަޅު ކުއްޖެއް.. މާއިޝްއަށްވުރެ ހުރިހާ ގޮތަކުންވެސް ދަރިފުޅަށް އަރޫން މާ އެކަށީގެންވޭ.. އަޅެ ނޫންތަ..؟” ރިޔާޒްގެ ވާހަކަތައް ހުރި ގޮތުން ރައިޝާއަށް ކެތްވީ ހިނދުކޮޅަކަށެވެ. އަތް އުފުލައިލާ ހުއްޓާށޭ ބުނެވުނީ ރިޔާޒް އިތުރަށް އެއްޗެއް ބުނެފި ނަމަ، އޭނާއަށް ރިޔާޒްގެ ކުރިމަތީގައި ބާރަށް އެއްޗެކޭ ބުނެވިދާނެތީއެވެ. ބައްޕަ އޭނާއާއި މެދު ކޮންމެ ގޮތަކަށް ކަންތައް ކުރި ނަމަވެސް، ރައިޝާ އަދިވެސް ކުރިމަތީގައި މި ހުރީ އޭނާގެ ބައްޕަކަން ދަނެއެވެ. ރިޔާޒް އެކަން ނުދެކުނަސް، ރައިޝާ އެެކަން ދަނެއެވެ. ބައްޕައަށް ކުރަން ޖެހޭ އިޙްތިރާމް މިއަދުވެސް ކުރަން ޖެހޭނެކަން ދަނެއެވެ.
“ބައްޕާ.. އަދިވެސް ބައްޕަގެ ކުށް ޤަބޫލު ކުރާކަށް ނުވޭތަ..؟ މާއިޝް ބޭނުން ނަމަ މިއަދުވެސް ބައްޕަ ފުލުހުންނާއި ޙަވާލު ކުރެވިދާނެ.. އެކަމަކު އޭނަ އެގޮތަށް ކަންތައް ނުކުރީ ބައްޕަ ދެކެ ހާދަ ލޯބިވާތީއޭ.. ބައްޕައަށް ހާދަ އިޙްތިރާމެއް ކުރާތީއޭ.. ކީއްވެތަ ބައްޕަ އެކަން ނުދަންނަނީ..؟” ރައިޝާގެ ވާހަކަތަކުން މިފަހަރު ރިޔާޒްއަށް ޙަޤީގަތުގައިވެސް އަސަރު ކުރިއެވެ. މާއިޝްއާއި ދިމާޢަށް ބަލައިލެވުނީ ޝުކުރުވެރި ނަޒަރަކުންނެވެ.
“ދެން ތި ބުނީ މާއިޝްއަށް ވުރެ މާ ރަނގަޅު މީހުންވެސް ލިބޭނޭ.. ނޫން ބައްޕާ.. މާއިޝްހާ ރަނގަޅު މީހަކު ދުވަހަކުވެސް އަޅުގަނޑަކަށް ނުލިބޭނެ.. ދުވަހަކުވެސް ނުލިބޭނެ.. މިއަދު މާއިޝްއަކީ ނުކުޅެދޭ މީހަކަށް ވިޔަސް، އަޅުގަނޑު އޭނަ ދެކެ ވާ ލޯތްބަކަށް އެއްވެސް ބަދަލެއް ނާންނާނެ.. އެކަމަކު ބައްޕަ އަޅުގޑު ބުންޏޭ ކިޔާފަ، މާއިޗްގ ކައިރީގައި ވާހަކަ ދެއްކީ އަޅުގަނޑުގެ ޤަދަރު ވެއްޓޭ ގޮތަށް.. އެކަން އަޅުގަނޑު ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ.. ދެމް މިހިރި އަރޫން…” ރައިޝާ އަރޫންއާއި ދިމާޢަށް އިނގިލި ދިއްކޮށްލިއެވެ. އެއާއެކު އެންމެންގެ ލޯތައް އަރޫންއަށް އަމާޒުވެގެން ދިޔައެވެ. ޚުދު އަރޫންއަށްވެސް ހިންދިރުވާލެވުނީ ރައިޝާ އޭނާއޭ ކިޔައިގެން ރަނގަޅު އެއްޗެއް ނުކިޔާނޭކަން އެނގުމުންނެވެ. އެންމެންގެ ކުރިމަތީގައި އޭނާގެ ޤަދަރު ވެއްޓިގެން ދާކަށް އަރޫންއެއް ނޭދެއެވެ.
“މިއީތަ ބައްޕަ ތިބުނާ ރަނގަޅު މީހަކީ..؟ ބައްޕައަށް އިނގޭތަ މިއީ ކިހިނެއް އުޅޭ މީހެއްކަން..؟ އިނގޭނަމަ ބައްޕަ ހަމަ ޔަޤީނުންވެސް މީނައާ އަޅުގަނޑުގެ ކައިވެނި ހަމަނުޖައްސާނެކަން ޔަޤީން.. ކިތަންމެ މޮޅަށް ކިތަންމެ މައްޗަކަށް ކިޔަވައިގެން ހުއްޓަސް” ރައިޝާ އަރޫންއާއި ދިމާއަށް ބަލަމުން ދިޔައީ ނަފްރަތުން ފުރިގެންވީ ދެލޮލުންނެވެ. އެއާއެކު މަޑުން ނުހުރެވުނީ އާލިޔާއަށެވެ.
“ރައިޝާ ކީކޭ ކިޔަން ތި އުޅެނީ..؟ އަހަރެންގެ ދަރިފުޅަކީ ތި ބުުނާހާ ވަރުގެ ގޯސް ކަމެއް ދުވަހަކުވެސް ކުުރާނޭ ކުއްޖެއް ނޫން..” އޭރު އާލިޔާގެ އަޑުން ނުރުހިފައި ހުރިކަން ފާހަގަ ވަމުން ދިޔައެވެ. “ދައްތާ.. އިނގޭ ޤަބޫލުކުރަން ދަތިވާނެކަން.. އެކަމަކު މިއީ ޙަޤީގަތް..” ރައިޝާ ދެރަވީ އޭނާ ހާމަ ކުރަން މި އުޅޭ ޙަޤީގަތުގެ ސަބަބުން މައެއްގެ ހިތަށް ކުރާނޭ އަސަރު އިޙުސާސް ކުރެވުމުންނެވެ. ނަމަވެސް، ކުރިން ބުނިހެން، މިއީ އާލިޔާމެންނަށްވެސް ކޮންމެހެން އެނގެން ޖެހޭ ކަމެއްކަންވެސް ރައިޝާ ޤަބޫލު ކުރެއެވެ. “ރައިޝާ ކީކޭތަ ކިޔަން ތި އުޅެނީ..؟” އާލިޔާގެ އަޑުގައި މަޑު ތުރުތުރެއް ވިއެވެ. އޭރު އަރޫން ހުރީ ހިސާބަކަށް ހާސްވެ ބިރުވެސް ގަނެފައެވެ.
އާލިޔާގެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ރައިޝާ ފޯނުން މީހަކަށް ގުޅާފައި، ދެން އެތެރެއަށް ވަންނާށޭ ބުނެލިއެވެ. އޭގެފަހުން ވީ ދެތިން މިނެޓެވެ. އެތެރެއަށް ވަދެގެން އައީ ހިމަތޮޅިކޮށް ހުރި ދޮން އަންހެން ކުއްޖެކެވެ. އިސްކޮޅުން ކުރުކޮށް ހުރި އެ އަންހެން ކުއްޖާ ލައިގެން ހުރީ ދެމޭފޮތީގެ ކަކުލާ ހަމައަށް އަރާ ރަތް ހެދުމަކާއި ކަޅު ހަރުވާޅެވެ. ކޮނޑަށްވުރެ ތަންކޮޅެއް ތިރިއަށް އަރާ ކަޅު ކުލައިގެ ފަން އިސްތަށިކޮޅު ވަނީ ސާދާ ގޮތަކަށް ފަހަތަށް އައްސައިލެވިފައެވެ. ބަލާބެލުމަށް ލަފާކުރެވެނީ އެކުއްޖާއަށް ވާނީ ފަންސަވީހަކަށް އަހަރު ކަމަށެވެ. ނިކަމެތި ގޮތަކަށް ހުރި އެ ޒުވާން އަންހެން ކުއްޖާގެ އަތުގައި އަށް މަހަށްދާ ކުޑަކުޑަ ކުއްޖެއް އޮތެވެ. އެވަގުތު އެތާ ތިބި އެންމެންގެ ނަޒަރުވެސް ހުއްޓިފައިވަނީ އޭނާގެ އަތުގައި އޮތް ކުޑަ ކުއްޖާއަށެވެ.
ވަދެގެން އެ އައި އަންހެން ކުއްޖާ ފެނިފައި އަރޫންގެ ދެލޯ ދިޔައީ ބޮޑު ވެގެންނެވެ. “އަލައިނާ…” މަޑުމަޑުން އެ ނަން އަރޫންގެ ދުލުން ބޭރުވި ގޮތުން އެއީ އަރޫން ދަންނަ ފަރާތެއްކަން ދޭހަވިއެވެ. އޭނާގެ އަތުތެރޭގައި ލޯބިކޮށް ނިދާލާފައި އޮތް ތުއްތު ކުއްޖާ ފެނިފައި އެހެން މީހުންގެ ހިތް ލޯބިން ފުރިގެން ދިޔަ ނަމަވެސް، އަރޫންގެ ހިތް ހީވަނީ މޭ ފަޅާފައި ނުކުންނަން އުޅޭ ހެންނެވެ. އެންމެންގެ ލޯތައް މިވަގުތު އޭނާއަށް އަމާޒުވެފައި ހުރުމުން ވަގުތުން އެތަނުން ދުވެފައި ދާންވެސް އަރޫންގެ ހިތަށް އެރިއެވެ. ނަމަވެސް، އޭނާގެ ފައި ހީވީ ބިންމަތީގައި ތަތްލާފައި ހުރި ހެންނެވެ. ފިޔަވަޅެއް އަޅާނޭހާ ހިތްވަރުވެސް ނެތް ފަދައެވެ.
“ކިހިނެތްވީ..؟ ހައިރާންވެއްޖެ ދޯ އަހަރެން ފެނުނީމަ..؟” އެ އަންހެން ކުއްޖާ ގޮސް އަރޫންގެ ކުރިމަތީގައި ހުއްޓުނެވެ. އެ ދެލޮލުގައި ކަރުނަތައް ވިދަމުން ދިޔަ ނަމަވެސް، އަޑުގައި ވަނީ ރުޅިވެރިކަމާއި، ނަފްރަތެވެ. އަރޫންއަށް އެއްފަހަރު އެ އަންހެން ކުއްޖާއާ ދިމާއަށް، އަނެއް ފަހަރު އޭނާގެ އަތުގައި އޮތް ކުޑަ ދަރިފުޅާ ދިމާއަށް ބަލައިލެވުނެވެ. އޭރު އަރޫންއާއި ދިމާއަށް ބަލައިލި ކޮންމެ މީހަކަށްވެސް އަރޫން އެ ހުރީ ބިރުންކަން އެނގޭހާ ވެއެވެ. “އަލައިނާ…” އަނެއްކާވެސް އަރޫންގެ ދުލުން ބޭރުވީ ހަމަ އެ ނަމެވެ. އެއާއެކު އަލައިނާ ހީލިއެވެ. އަދި އަތުގައި އޮތް ތުއްތު ކުއްޖާގެ މޫނު އަރޫންއަށް ރީތިކޮށް ދައްކާލިއެވެ.
“ބަލަ.. އަހަރުމެންގެ ދަރިފުޅު ކިހާ ލޯބި.. ހަމަ އަރޫންއާ ދޯ ވައްތަރީ..؟ އިނގޭތަ ބޭބީގެ ނަން..؟ އައިމިނަތް އަމާނީ..” ދެން އަލައިނާގެ ދުލުން އެ ބޭރުވި ލަފްޒުތަކާއި އެކު، އެންމެންނަށް ލިބުނީ ހައިރާން ކަމެކެވެ. އާލިޔާއަށް ކޮޅަށް ހުންނަން ދަތިވެގެން ގޮނޑިއަށް ވެއްޓުނެވެ. އަދީލްވެސް ހުރީ އާލިޔާގެ ކޮނޑުގައި ހިފަހައްޓާލި ގޮތަށް ޖެހި ބުދެއްހެން ހުއްޓިފައެވެ. އެމީހުންގެ ހުރ ހަމައެކަނި ދަރިފުޅު މިފަދަ ކަމެއް ކޮށްފާނެ ބާވައެވެ؟ ދެލޮލުގެ ނޫރު ފަދަ ދަރިފުޅު މިފަދަ ހަޑި ހުތުރު ފާފައަކަށް އަރައިގެންފާނެ ބާވައެވެ؟
“ނު- ނޫން.. އެއީ އަހަރެން ދަރިއެއް ނޫން.. އޭނާ އަހަރެންގެ ބޮލަށް އެ ހުރިހާ ކަމެއް ޖަހަނީ.. ހަމަ ރަނގަޅަށް މި ބުނީ.. ކޮބާ ހެކި..؟” އަރޫން އަމިއްލަ ނަފްސު ދިފާޢު ކުރިއެވެ. ނަމަވެސް، ދެން އަލައިނާގެ ދަބަހުގެ ތެރެއިން ރައިޝާ ނެގި ގަނޑުތައް ފެނިފައި އަރޫން މުޅިން ހުއްޓުން އެރިއެވެ. “ޑީއެންއޭ ޓެސްޓް ރިޒަލްޓްސް.. ހެއްކަކަށް މިވަރު ފުދޭނެ..” އެ ގަނޑުތައް ރައިޝާ އަރޫންގެ މޫނުމައްޗަށް ޖެހިއެވެ. “ކިހިނެއް؟ ކޮންއިރަކު..؟” އަރޫންއަކަށް ޤަބޫލެއް ނުކުރެވުނެވެ. އެއީ ދޮގަކަށް ވީތީކީ ނޫނެވެ. އޭނާ ޤަބޫލު ކުރަން ބޭނުން ނުވާތީއެވެ.
“ޑީއެންއޭ ޓެސްޓް ހަދަން އިސްތަށްޓެއް ލިބުނަސް ފުދޭނެ.. އަރޫންއާ އެކު ހޭދަވި ދުވަސްކޮޅުގެ ތެރޭގައި އެއީ މާ ބޮޑު ކަމަކަށް ނުވި.. ދެން ހިތަށް އަރާފާނެ އަހަންނާ އަލައިނާއާ ދިމާވީ ކިހިނެއް ބާވައޭ.. ޓަރންސް އައުޓް، އަލައިނާ އަކީ އަހަންނާ އެއްކޮށް އޭލެވެލް ހެދި ކުއްޖެއް.. އޭނާއާ ދިމާވީ ކޯއިންސިޑެންސަކުން.. އެކަމް މިހާރު ޝުކުރު ކުރަން ދިމާވީތީ..” ރައިޝާ އަލައިނާގެ ކޮނޑުގައި އަތް ބާވާލިއެވެ.
“އަރޫން.. އަހަރެން ދުވަހަކުވެސް ހަނދާނެއް ނުނެތޭނެ އަރޫން އަހަންނަށް ހެދި ގޮތެއް.. އަހަންނާ ރަށްޓެހި ވެގެން ލޯބީގެ ފޮނި ހުވަފެންތައް ދައްކާފައި، އެއްކޮށް އުޅެއުޅެފައި އަރޫން… އަރޫން…” އަލައިނާއަށް ކުރިއަށް ގެންދިޔުމަށް އުނދަގޫވިއެވެ. މާ ބޮޑަށް ރޮވެން ފެށުމުން ރައިޝާ އަލައިނާގެ އަތުން އަމާނީ އަތްލާފައި ބުރަކަށީގައި ފިރުމާލިއެވެ. އެއާއެކު އަލައިނާއަށް ހިތްވަރު ލިބުނެވެ.
“ދެން.. އޭގެ ފަހުން.. އަރޫން އަހަރެންގެ ޢިއްފަތްތެރިކަން ފޭރިގަތީ… އަހަރެން.. އަހަރެން.. އަރޫންއަށް އިނގޭތަ އަރޫންއާ ހަދާ އަހަރެން އުޅެން ޖެހުނު ޙާލު..؟ އަހަރެންގެ ނުރުހުމުގަ އެރޭ އަރޫން އަހަރެންގެ ގަޔަށް އަރައިގަތީ ކިހިނެތް..؟ ވަލު ޖަނަވާރަކަށްވުރެ ވެސް ނުބައިކޮށް.. އެއީ އަހަރެންގެ ޙަޔާތުގައި އައި އެންމެ ބިރުވެރި ރޭ.. އަރޫން ހީކުރީ އަރޫން މުއްސަނދި ވީމަ ބޭނުންހާ ގޮތަކަށް އަހަރެމެން ނިކަމެތީންގެ އަބުރާ އިއްޒަތަށް އަރައިގަނެވޭނެ ކަމަށްތަ..؟ އަހަރެން ކިތަންމެ ނިކަމެތި ވިޔަސް، އަހަރެންގެ އަބުރާ އިއްޒަތާ ކުޑައެއް ނޫން.. އަހަރެންގެ ޢިއްފަތްތެރިކަމަށްވުރެ މުހިންމު އެއްވެސް އެއްޗެއް އަހަރެންގެ ނެތް.. އެކަމަކު އަރޫން އެވެސް އަހަރެންގެ އަތުން ޖަހައިގަތީ.. އަހަރެންގެ އަރޫންގެ ދަރިއަކަށް ބަލިވެ އިން ދުވަހު، އަރޫންއަށް އިނގޭތަ ވީ ގޮތް..؟ އަހަރެންގެ މަންމައަށް ހާރޓްއެޓޭކެއް ޖެހިގެން މަރުވީ. އެ ޚަބަރު އަޑު އަހަން ކުޅަދާނަ ނުވެގެން.. އަހަރެންގެ ހުރި ހަމަ އެކަނި މީހަކީ މަންމަ.. އެކަމަކު މަންމަވެސް އަހަރެންގެ ކައިރިން ދިޔައީ.. މުޅި އުމުރަށް.. ދެން އަރޫންއަށް އިނގޭތަ ރަށު މީހުން އަހަންނަށް ހެދި ގޮތް.. އަހަރެން ކުރީ ޒިނޭ ކަމަށް ބަލައި، ރަށު އެންމެންގެ ކުރިމަތީގަ އަހަންނަށް އަދަބު ދިން.. އެކަމަކު އަހަރެން އެއްވެސް ކުށެއް ނުކުރަން.. އެކަމް އަހަރެން ބުންޏޭ ކިޔާފަ ކާކު ދޯ ޤަބޫލު ކުރާނީ.. ތިކަހަލަ އަނިޔާވެރިއެއްގެ ދަރިއެއް އަހަރެން މި ދުނިޔެއަށް ދުވަހަކުވެސް އުފަން ކުރާކަށް ބޭނުމެއް ނޫން.. އެކަމަކު މިއީ ހަމައެކަނި އަރޫންގެ ދަރިއެއް ނޫން.. އަހަރެންގެވެސް ލޭ.. އިރާދަކުރެއްވިއްޔާ އަހަރެން މި ދަރިފުޅު ބަލާ ބޮޑު ކުރާނީ އަރޫންގެ އެއްވެސް އެހީއަކާ ނުލާ.. މާދަމާ އަމާނީ ބޮޑުވެގެން ބައްޕަ ކޮބައިހޭ އެހީމަ އަހަރެން އެއީ އަރޫންކަން ބުނެދޭނަން.. އަރޫން އަހަންނަށް ހެދި ގޮތްވެސް ކިޔައިދޭނަން.. އަދި އަރޫންއަށް ޙައްޤު އަދަބުވެސް ދޭނަން..” އަލައިނާގެ ވާހަކަތައް ނިމުނު އިރު އެތަނުގައި ތިބި އެންމެންގެ ދެލޯ ވެސް ވަނީ ފެންކަޅިވެފައެވެ. މި ނިކަމެތި އަންހެން ކުއްޖާއަށް އަރޫން އެ ޖައްސާލީ ކޮންފަދަ ނިކަމެތި ޙާލެއް ބާވައެވެ. އެއްވެސް ރަޙުމެއް، ހަމްދަރުދީއެއްވެސް އެ ހިތުގައި ނެތީ ބާވައެވެ؟ އެ ވާހަކަތަކުން އެންމެ ބޮޑު އަސަރެއް ކުރީ އަދީލްއާއި އާލިޔާއަށެވެ. ޤަބޫލު ކުރަން ކިތަންމެ ދަތި ނަމަވެސް، މިއީ ޙަޤީގަތެވެ. މި އޮތީ ލޯ ކުރިމަތީގައި ފެންނާށެވެ. ޤަބޫލު ކުރުން ނޫން އިތުރު ގޮތެއް ނެތެވެ.
“އެންމެ ރަނގަޅު.. އަހަރެން އެއްބަސްވަން.. ކަލެއަށް ކީއް ކުރެވޭނީ..؟ މަ ޕޮލިހަށް ގެންދާނީތަ..؟ ނޫނީ ކަލޭގެ ތި ދަރީގެ ހިތުގަ އަހަންނާ ދޭތެރޭގައި ނަފްރަތު އުފައްދާނީތަ..؟ މައްސަލައެއް ނެތް.. އެއްވެސް މައްސަލައެއް ނެތް.. އެކަމް ބުނަން.. ތި ދަރި މަށާ ދުރުގަ ގެންގުޅޭ..” އައި ރުޅީގައި އަރޫން ހިތުގައިވާ ހުރިހާ އެއްޗެއް ބޭރުކޮށްލިއެވެ. އަމިއްލަ ދަރިފުޅާއި ދިމާއަށް އެހެން ބުނި އިރު އެއީ އެ ހިތުގައި އެ ކުށެއް ނެތް މައުސޫމް ކުއްޖާއާ ދޭތެރޭގައި ބަފައިވަންތަ ކަމުގެ އެއްވެސް ލޯތްބެއް އަދި ކުލުނެއް ނުވާ ކަމުގެ ހެއްކެކެވެ. “ކަލޭ ތީ އިންސާނެއް ނޫން.. ތި ހިތުގަ އެއްވެސް ރަޙުމެއްހަމްދަރުދީއެއް ނެތް.. ކޮންމެ މީހަކަށް ކޮންމެ ފަދަ ޙާލެއް ޖެހުނަސް ކަލޭގެ އެއްވެސް ފަރުވާލެއް ނެތް.. ކަލޭ ތީ ޖަނަވާރަކަށް ވުރެ ވެސް ނުބައި-” އަލައިނާއަށް އެހިސާބަށް ބުނެވުނުތަނާހެން އަރޫން ހަޅޭލަވައިގަނެފައި އަލައިނާގެ ކޯމަތީގައި ޖަހަން އަތް މަޅާލި ވަގުތަކީ ފުލުހުން އައިސް އެތެރެއަށް ވަތް ވަގުތެވެ.
ހާސްވެފައި، އަރޫންއަށް ބަލައިލެވުނީ އަދީލްއާއި ދިމާއަށެވެ. “ބައްޕާ.. އަހަރެން ސަލާމަތް ކޮށްދީ.. މަންމާ..” އަރޫންއަށް ބުނެވުނެވެ. “ކަލޭ މީގެ ފަހުން މަށާ ދިމާއަށް ބައްޕައޭ ކިޔައިގެން ނުވާނެ.. މިއަދުގެ ފަހުން މަގޭ ދަރިއެއް ނުހުންނާނެ.. އެކަން ކަލޭ ހަނދާން ކުރާތި.. މަގޭ ދަރި ވީ މަށަށް މަރުވެފަ..” އަދީލްގެ އެ އަނިޔާވެރި ބަސްތަކުން މިފަހަރު އަރޫންގެ ހިލަ ހިތަށްވެސް އަސަރު ކުރިއެވެ. އެ ދެލޮލުން ކަރުނަތައް ފައިބަން ފެށިއެވެ. ފުލުހުން އައިސް ބިޑި އަޅުވައިގެން އަރޫން ގެންދިޔައެވެ. “ރައިޝާ.. ކަލޭ ހަނދާން ކުރާތި.. އަހަންނަށް މި ހާލު ޖެހުނީ ކަލެއާ ހަދާ.. އަލައިނާ.. ކަލޭވެސް..!!” ވެފައި ހުރި ދެރައާއި އެކުވެސް އަރޫން ދިޔައީ ރައިޝާއާއި އަލައިނާ ކުށްވެރި ކުރަމުންނެވެ.
އަރޫން ގެންދިޔުމުން އިތުރަށް އެެތާ ހުންނާނެހާ ހިތްވަރެއް އަދީލްއާއި އާލިޔާގެ ނެތެވެ. ގަނެފައިވާ ލަދެއްގެ ބޮޑުކަމުން އިތުރަށް އެތާ ހުންނަ ނުކެރި، އެމީހުން ނުކުމެގެން ދިޔައީ އެއްވެސް މީހަކާއި އަނގައިންވެސް ނުބުނެއެވެ. އާލިޔާއާއި އަދީލްގެ ޙާލަތު ފެނިފައި ރައިޝާ ނުހަނު ދެރަވިއެވެ. ނަމަވެސް، ރައިޝާ ވާހަކަ ދައްކާނޭ ފުރުސަތުވެސް ނުދީ އެމީހުން ނުކުމެގެން ދިޔައީއެވެ.
އަދީލްގެ ޢާއިލާވެސް ދިޔުމުން ރައިޝާ ގޮސް އަލައިނާގެ ގައިގައި ބައްދާލީ ތުއްތު އަމާނީ މާއިޝްގެ އަތަށް ލައިދިނުމަށް ފަހުއެވެ. އޭރު އަލައިނާއަށް ރޮވެމުން ދިޔަ ނަމަވެސް، އެ އަނިޔާވެރިޔާއަށް ޙައްޤު އަދަބު ލިބުމުން އޭނާގެ ހިތަށް ވަނީ ބަޔާން ކުރަން ދަތި އުފަލަކާއި، ހަމަޖެހުމެއް ލިފައެވެ. ރައިޝާގެ ގައިގައި އަތް ވަށާލަމުން ޝުކުރިއްޔާއޭ ބުނެވުނު އިރު އަލައިނާގެ ދެލޮލުން ހޯސްލާފައި ކަރުނަ އާދެއެވެ. ޢިއްފަތްތެރިކަމަކީ އަންހެނަކަށް އެންމެ މުހިންމު އެއްޗަށް ވީ ހިނދު، އެ އިއްފަތްތެރިކަން އަލައިނާގެ ކިބައިން ފޭރިގަތް އަނިޔާވެރިޔާއަށް މިއަދު އެކަމުގެ ޙައްޤު އަދަބު އެ ލިބުނީ ރައިޝާގެ ސަބަބުންނެވެ. ރައިޝާގެ ކޮނޑުގައި ބޯ އަޅައިގެން އޮވެ، އަލައިނާ ރައިޝާއަށް ޝުކުރު އަދާކުރީ އެތައް ފަހަރަކުއެވެ. އަލައިނާގެ ޙަރަކާތްތަކުން ރައިޝާގެ ދެލޯވެސް ފެންކަޅިވެގެން ދިޔައެވެ. އަދި އަލައިނާގެ ބުރަކަށީގައި ފިރުމައިލަމުން އެތައް ފަހަރަކު އެއީ އެވަރު ކަމެއް ނޫން ކަމުގައި ބުނަމުން ދިޔައެވެ.
ހިނދުކޮޅަކަށްފަހު، އަލައިނާ ހަމައަކަށް އެޅުނެވެ. އަދިވެސް އެއްފަހަރު ރައިޝާއަށް ޝުކުރު އަދާކޮށްފައި އަލައިނާ އަމާނީ ގޮވައިގެން ނުކުންނަށް ހިނގައިގަތެވެ. ނަމަވެސް، އަލައިނާ ހުއްޓުނީ ރައިޝާ ގޮވައިލުމުންނެވެ. ފަހަތަށް އެނބުރި ބަލައިލި އިރު، ރައިޝާގެ އަތުގައި ތަޅުދަނޑިއެއް އޮތެވެ. އަލައިނާގެ މޫނުމަތީގައިވީ ސުވާލު މާކެކެވެ. އެއާއެކު، ރައިޝާ ހިނިތުންވެލާފައި އައިސް އަލައިނާގެ އަތު ތެރެއަށް އެ ތަޅުދަނޑި ލައިދިނުމުން އަލައިނާ މީ ކޯޗެއްހެއްޔޭ އަހާލިއެވެ.
“އަލައިނާ.. ތުއްތު ތުއްތު ކުއްޖެއް އެކަނި ބެލުމަކީ ފަސޭހަ ކަމެއް ނޫން.. މިއޮށްހާ ދުވަހު އަލައިނާ ތި އުޅުނީ ވަރަށް ހާލުގަ.. އެ ނުބައި އަނިޔާވެރިޔާގެ ސަބަބުން އަލައިނާގެ މުޅި ހަޔާތް ބަރުބާދުވެގެން ދިޔައީ.. އެކަމަކު މިއަދުވެސް، ތި ތުއްތު ދަރިފުޅު އެކަނިމާއެކަނި ބަލާ ބޮޑުކުރަމުންދާ މަންޒަރުން ދޭހަވަނީ ތީ ކިހާ ކެތްތެރި، ހިތްވަރު ގަދަ އަންހެނެއްކަން.. އައި ރިއަލީ އެޑްމަޔަރ ޔޫ ފޯރ ބީންގ ސޯ ސްޓްރޯނގ.. އެހެންވީމަ މިއީ އަލައިނާއަށް އަހަރެންގެ ފަރާތުން ދޭ ކުޑަ ހަދިޔާއެއް ކަމުގައި ބަލާ.. މިއީ އަހަރެންގެ ބައްޕަ ކުއްޔަށް ދޫކުރާ އެޕާރޓްމެންޓަތަކުގެ ތެރެއިން އެޕާރޓްމެންޓެއްގެ ތަޅުދަނޑި.. އެތަން މި ގެއާ މާ ދުރެއްވެސް ނުވާނެ.. މީގެ ފަހުން އަލައިނާއާއި އަމާނީއާ އުޅޭނީ އެ އެޕާރޓްމެންޓްގަ.. އެތަނުގައި އެއްވެސް އެއްޗަކަށް ދައްޗެއް ނުވާނެ.. ދެ ކޮޓަރިއާއި، ބަދިގެއާއި، ދެމައިންނަށް ބޭނުންވާނެ ހުރިހާ ސާމާނެއް ހުންނާނެ.. އެހެންވީމަ އަލައިނާ ވީ އެންމެ އަވަހަކަށް އެތަނަށް ބަދަލުވޭ.. އަދި އެއް ވާހަކަ.. އަހަރެމެންގެ ކޮމްޕެނީގެ ރިސެޕްޝަނިސްޓެއްގެ ވަޒީފާ ވާނީ އަލައިނާއަށް ހަމަޖެހިފަ.. ސެލެރީވެސް ބާރަހާހަށް ވުރެ ކުޑައެއް ނުވާނެ.. އަލައިނާގެ މަސައްކަތް ރަނގަޅުވެއްޖެ ނަމަ ޕްރޮމޯޝަންތައް ލިބި އަދި މިއަށްވުރެވެސް ރަނގަޅު ދިރިއުޅުމެއް ފެންނާނެ، އިންޝާﷲ..” ރައިޝާގެ ވާހަކަތައް އަޑު އަހަން ހުރި އަލައިނާއަށް ހުރީ ޤަބޫލުވެސް ނުކުރެވިފައެވެ.
“ނޫން ނޫން.. އައި ކާންޓް އެކްސެޕްޓް ދިސް.. ދިސް އިޒް ޓޫ މަޗް.. އަހަންނަކަށް ނުވާނެ… ނުކެރޭނެ.. ރައިޝާ މިހާރުވެސް އަރޫން ހައްޔަރު ކުރަން އަހަންނަށް އެހީވެދީފި.. ދެން އިތުރު އެއްޗަކަށް ކިޔާކަށް އަހަންނެއް ބޭނުމެއް ނޫން..” އަލައިނާ ވަގުތުން ދެކޮޅު ހެދިއެވެ. “އަލައިނާ.. މީކީ އަލައިނާ ކިޔައިގެން ކޮށްދޭ ކަމެއް ނޫނޭ.. އަހަރެން އަމިއްލައަށް ބޭނުންވެގެން ކޮށްދޭ ކަމެއް.. ވިސްނާލަބަލަ.. އަލައިނާގެ ލައިފް ސްޓޭބަލް ކުރަން ވަކި މިއަށްވުރެ ރަނގަޅު ފުރުޞަތެއް ލިބޭނެތަ..؟ މިއީ ހަމައެކަނި އަހަރެން އަލައިނާއަށް ކޮށްދޭ ކަމެއް ނޫނޭ.. ތުއްތު ތުއްތު އަމާނީއަށްޓަކައި ނަމަވެސް އެއްބަސްވޭ.. ޕްލީޒް.” އާދޭހުގެ ރާގެއްގައި ރައިޝާ ބުނެލިއެވެ. އަލައިނާ އޭނާގެ އަތުތެރޭގައި އޮތް މައުސޫމް ދަރިފުޅަށް ބަލައިލިއެވެ. ރައިޝާ އެ ބުނީވެސް ތެދެކެވެ. އޭނާގެ ދަރިފުޅަށްޓަކައި ނަމަވެސް، އޭނާ ރައިޝާ ވެދިން އެހީ ޤަބޫލު ކުރާނެއެވެ. އިރާދަކުރެއްވިއްޔާ، ކޮންމެވެސް ދުވަހަކުން އެ ވެދިން އެހީގެ ބަދަލު އޭނާ ރައިޝާއަށް ދޭނެއެވެ. އަބަދުވެސް އެ އެހީގެ މަތިން ހަނދާން ކުރާނެއެވެ.
އަނެއްކާވެސް ރައިޝާގެ ގައިގައި އެއް އަތުން މަޑުމަޑުން ބައްދާލަމުން އަމާނީ ޝުކުރު އަދާކުރިއެވެ. އެތައް ފަހަރަކުއެވެ. އޭގެ ބަދަލު ކޮންމެވެސް ދުވަހަކުން ދޭނެ ކަމުގައިވެސް ބުންޏެވެ. “އަހަރެންނަށް މިކަމުގެ ބަދަލެއް ދެންޏާ އަމާނީ ރަނގަޅު ގޮތުގަ ބަލާ ބޮޑުކުރޭ.. އަމާނީ ކިޔަވައިގެން މޮޅު ކުއްޖަކަށް ވާތަން ދުށުމަކީ އަހަރެން ދެކެން އެންމެ ބޭނުންވާ ދުވަސް.. އަލައިނާ އަހަންނަށް ކޮށްދޭންވީ ހަމައެކަނި ކަމަކީ އެއީ..” ރައިޝާ އެހެން ބުނުމުން އަލައިނާ ވަގުތުން ބޯ ޖަހާލާފައި އެ ޔަޤީންކަން ރައިޝާއަށް ދިނެވެ. އަދިވެސް އެއްފަހަރު ޝުކުރު އަދާކޮށްފައި އަލައިނާ އެ ގެއިން ނުކުމެގެން ދިޔައެވެ.
ކޮންފަދަ ރީތި މަންޒަރެއްތޯއެވެ؟ މި މުޖުތަމަޢުއިން މިއަދު ފެންނަން އެންމެ ބޭނުންވާ މަންޒަރަކީ މިއެވެ. އަންހެނަކަށް އެހެން އަންހެނެއްގެ ފަރާތުން ލިބޭ އެހީތެރިކަމާއި ހިތްވަރަކީ އެހެން ހުރިހާ އެއްޗަކަށްވުރެ މާ މުހިންމު، މާ ބޭނުންތެރި އެއްޗެކެވެ. ފިލްމުތަކާއި ޑްރާމާތަކުގައި ވާ ފަދައިން ކަމެއް ދިމާވާ އިރަށް، ފިރިހެނަކު އައިސް، އެ މުޞީބާތުން ސަލަމާތް ކޮށްދެންދެން މަޑު ކުރުމަށްވުރެ، އަޅުގަނޑުމެން އަންހެނުންނަށް އަޅުގަނޑުމެންގެ އަމިއްލަ ނަފްސާއި، އެހެން މީހުން ސަލާމަތް ކުރުމުގެ ބާރު ލިބިގެންވުން މާ ބޭނުންތެރިއެވެ. އުންމީދަކީ ރައިޝާ އަލައިނާއަށް އެ ވެދިން އެހީގެ މިސާލު މިއަދުވެސް، މާދަމާވެސް، އަދި ދުރު މުސްތަޤުބަލުގައިވެސް މި މުޖުތަމަޢުއިން ފެނުމެވެ.
އަލައިނާ ނުކުމެގެން ދިޔުމުން ރައިޝާ ދޮރު ޖަހާލާފައި އައިސް އެންމެންގެ ކުރިމައްޗަށް ވާ ގޮތަށް ހުއްޓުނެވެ. އޭރު އެންމެންގެ މޫނުވެސް ވަނީ އިސްދަށަށް ޖެހިފައެވެ. ރިޔާޒްގެވެސް މެއެވެ. އޭނާއަށް ހެދުނީ ކިހާ ބޮޑު ގޯހެއްކަން މިއަދު އޭނާއަށް ވިސްނިއްޖެއެވެ. އަމިއްލަ ދަރިފުޅުގެ ކުރިމަތީގައި ލަދުން އިސް ޖަހައިގެން ހުންނަން ޖެހުމުން ވީ ދެރައާއި އެކު، ވަގުތުން މަޢާފަށް އެދެންވެސް ބޭނުންވިއެވެ. ރައިޝާއާއި މާއިޝް އެކަކު އަނެކަކު ދެކެ އިންތިހާއަށް ލޯބިވާ އިރު، އެ ދެމީހުން ދުރު ކުރުވުމުގެ އެއްވެސް ބޭނުމެއް ނެތްކަން ރިޔާޒްއަށް ވިސްނެން ފެށިއެވެ. ރިޔާޒްގެ އިތުރުން ދެން ތިބި މީހުންވެސް ތިބީ ދެރަވެފައެވެ. ޙަޤީގަތް އެނގި ތިބެ، ރައިޝާއަށް ކިޔައިދިނުމުގެ ހިތްވަރު ނުލިބުނީތީއެވެ.
“އެންމެ ސުވާލެއް.. ހަމަ އެންމެ ސުވާލެއް.. ކީއްވެ އަހަންނަށް ސިއްރު ކުރީ..؟” ހިތާމަވެރިކަން އެކުލެވިގެންވާ އަޑަކުން އެހެން އަހާލި އިރު، ރައިޝާގެ ދެ އަތް ވަނީ މުއްކެވިފައެވެ. ލިބޭނެ ޖަވާބަކަށް އިންތިޒާރު ކުރަމުން ދިޔަ ރައިޝާއަށް ފެނުނީ އިސްޖެހިފައިވާ މޫނުތައް އެކަންޏެވެ. ޖަވާބު ދޭނެހާ ހިތްވަރު އެކެއްގެވެސް ނެތީ ބާވައެވެ؟
ނުނިމޭ…
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.







Hello my dearest readers ♥️..
Hope y’all are doing fine?..
Here’s the 36th part.. Hope y’all liked this part as well ♥️..
And alhugandu vaany mihaaru 37 & 38 vx submit kohfa.. Site in upload kohdhin haa avahakah kiyaalan libeyne, insha’Allah ♥️..
Love y’all ♥️..
Stay safe & Take care all♥️..
Vaahaka v reethi ❤️keep it up!!
Aaaaaaaaaawn ???…….. Varah varah reethi ?❤️
I was Curiously waiting for this part☺️☺️☺️.. And it’s here ???????
In reply to @laisha hawwa
Awwwwn thankiu sooooooo much darlinggg ?.. it really means a lot to me inge♥️..
Hehe yesss it’s finally here dhww ?.. Enjoy reading!?♥️
☺️☺️☺️