އެންމެ އިރުކޮޅަކައްވެސް ވާރޭ މެދު ކެނޑުމެއްނެތި ބޯކޮށް ވެހެމުން ދާތީވެ މަގުތައްމަތީގައި މީހެއްގެ ހިލަމެއް ވާތަން މިރެއަކު ނެފެނެއެވެ. ހުޅަނގު މޫސުމުގެ ވިއްސާރަ ކުރަމުން ދާތީވެސްމެއެވެ. ފަޒާގައި ހަރުލާފައިވާ ފިނި ތެތްކަމާއިއެކު މުޅި ހިސާބަށް ފެތުރިފައިވަނީ ހަމަހިމޭން ކަމެވެ. ހުޅުވާފައިވާ ކުޑަދޮރު ކައިރީ ދަމައިފާވާ ފޮތިގަނޑު ދެކޮޅަށް ހެލެމުން ދާތީ ޒޯހާ އެ ފޮތިގަނޑު އެއް ފަރާތްކޮށް ގޮށެއް ޖަހާލިއެވެ. ކޮޓަރީގެ، ކުޑަދޮރު ކައިރީގައި ހުރި ސޯފާގޮނޑީގައި އިށީނދެލައިގެން ޒޯހާ އިނީ ވާރޭވެހޭ މަންޒަރު ބަލާށެވެ. ކުޑަދޮރާއި މާ ދުރު ނޫން ހިސާބެއްގައި ހުރި ބޮޑު އަނބުގަސް ހީވަނީ ވަޔާ ދެންމެ ދެންމެ ވިއްސާލަ ދާނެ ހެންނެވެ. ނިދީގެ އަސަރު އެކުލެވިފައި ވިޔަސް އެ ފިޔާތޮށި ކުޑަ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައީ އަބަދުވެސް ވިއްސާރައަށް ހިތުގައިވާ ޝައުގު ވެރިކަމުންނެވެ. އަތުގައިވާ (ހޮޓް މައިލޯ) ތަށިން ކޯވަރެއް ބޯލަމުން އިސް އުފުލާލި ވަގުތު، ކުއްލިއަކަށް ޖެހި ވަރުގަދަ ގުގުރިއާއެކު ބޭރުގައި ހުރި އަނބުގަހުން އަލިގަނޑެއް ދިލުނެވެ. އެއާއި އެކު ޒޯހާއަށް ވަރަށް ސާފުކޮށް ގަސް ކައިރިން ބޮޑު މީހެއްހެން ނުބައި ސިފައެއްގައި ހުރި އެއްޗެއް ފެނުނެވެ. އެ އެއްޗެއްގެ ދެލޮލުން ހީވަނީ ދެންމެ ދެންމެ އަލިފާން ކަނި ތަކެއް ބުރައިގެން ދާނެ ހެނެވެ. ދެލޯ ބޮޑު ކޮއްލާފައި ޒޯހާ އަށް ބާރު ބާރަށް ކުޑަދޮރު ލައްޕާލެވުނެވެ. ޒޯހާގެ ދިރިއުޅުމަށް މެދުވެރި ވެފައިވާ ނުރައްކަލުގެ އިންޒާރު ލިބުމުން އޭނާގެ ހިތް ނުހަނު ބާރަށް ތެޅެންފެށިއެވެ.
ގަތް ބިރާއިއެކު ވުޟޫ ކޮށްލައިގެން އައިސް ޒޯހާ އަވަސްވެގަތީ ނިދަން އޮށޯތުމަށެވެ. ނަމަވެސް ލޮލަކަށް ނިންޖެއް އަންނަ ގޮތެއް ނުވިއެވެ. ގަޑިން މެންދަމުން އަލިވެ ދޭއް ޖެހި އިރުވެސް ޒޯހާ ލޮލަށް ނިންޖެއް އަންނަ ގޮތެއް ނުވިއެވެ. ހިތަށް ވެރިވެގެންފައިވާ ބިރާއި ހަމަނުޖެހުމާއި އެކުވެސް ސިކުނޑިއަށް ހިޔާލަށް ގެނެވެމުން ދިޔައީ ހަމަ އެންމެ މަންޒަރެކެވެ. ޒޯހާގެ ކަރުގައި އޮތް ފަށާއި ކުޅެލަމުން ހިތާހިތުން ހިތުގެ ވެރިޔާގެ ނަން ކިޔާލެވުނެވެ. ކުއްލި އަކަށް ޒޯހާގެ ބޮލަށް ބަރުވާން ފެށިއެވެ. ކަޅުކަން ގަދަ ރީތި ދެލޮލުގައިވާ ދިގު އެސްފިޔަތަކަށް ބަރުވެ ލޮލަށް ނިދި ޖެހުނު ގޮތެއްވެސް ނޭގުނެވެ.
ޒޯހާއަށް ދެ ލޯ ހުޅުވާލެވުނީ ކުޑަ ދޮރުގައި ބާރު އެއްޗެއް އައިސް ޖެހުން އަޑަށެވެ. މޯޅިއަކަށް ދެމެމުން ކުޑަދޮރާއި ދިމާލަށް ބޯދިއްކޮއްލި އިރު ވާރޭވެސް ވަނީ ހުއްޓާފައެވެ. އެނދުގެ ހެޑްބޯރޑް މަތީގައި ޗާރޖަށް ޖަހާފައިވާ ފޯނު ނަގާ ގަޑި ބަލާލި އިރު ގަޑިން ފަހެއް ޖަހަނީ އެވެ. ޒޯހާއަށް ރޭގައި ކަންތައް ދިމާވި ގޮތް ހަނދާން ވުމަށްފަހު ވެސް ހިތްވަރު ކޮށްލުމަށްފަހު އެނދުން ތެދުވެ ފާހާނަ އާއި ދިމާލަށް ހިނގައިގަތީ ފަތިސް ނަމާދު ކުރުމަށް ވުޟޫ ކުރުމަށްޓަކައެވެ. އެއީ އާންމު ކަމެކެވެ. އޭނާގެ ހަޔާތުގައި ހިނގަމުން ދާ ކަންތައްތަކެއް އެއްވެސް މީހަކަށް ނޭގޭނެއެވެ. ބިރުވެރި އެތަށް ކަމަކާ ހިތްވަރާއިއެކު ކުރިމަތި ލަމުން އެ ގެންދަނީ އެންމެ ސަބަބަކަށްޓަކައެވެ. ނަމާދު ކޮށް އަވަދި ވެގެން ޒޯހާގެ ކަމަކީ ތުނޑި އަށް އިރުއަރާ މަންޒަރު ބަލަން ދިޔުމެވެ. ޤުދުރަތީ ކަންކަން ބަލާލުމަށް ހިތަށް ދެވިފައިވާ ލޯއްބަކުންނެވެ. ރީތި ވެގެން ސިޓިންރޫމަށް ނިކުތް އިރު ޒޯހާގެ މަންމަ ނަޒީރާ އުޅުނީ ހެނދުނަށް ނާސްތާ ތައްޔާރު ކޮށެވެ. ” މަންމާ، އަޅުގަނޑު އެބަ އަންނަން ސަނާ އާއި އެއްކޮށް ތުނޑިއށް ގޮސްލާފަ” ފައިވާން ބަހައްޓާ ހަރުގައި ހުރި ބޫއްޓަށް އަރަމުން ޒޯހާ ބުނެލި އެވެ.
“ޒޯ ކައިރީގަ މަންމަ ބުނީމެއްނު އެސަރަހައްދަށް ދިޔުން އެއީ އެހާ ރަނގަޅު ކަމެއް ނޫނޭ” އުނދުން މަތީގައި ހުރި ތެއްޔަށް ބިސްތައް އަޅާލަމުން ނަޒީރާ އަބަދުހެން ބުނެލާ އެއްޗެއް ބުނެލި އެވެ. “ވައި ނޮޓް މަންމާ، އަޅުގަނޑައް ކަމެއް ވާކަށެއް ނޫޅެޔޭ. އެހެން ނޫނަސް ސަނާ ވެސް އަޅުގަނޑު ކައިރީގަ ހުންނާނެއްނު” ނަޒީރާ ކައިރީގައި ގޮސް ހުއްޓިފައި ޒޯހާ ބުނެލި އެވެ.
” އެކަމަކު ދަރިފުޅު މާ ގިނައިރު ނުވައްޗޭ” ޒޯހާ އާއި ދިމާލަށް މޫނު އަނބުރާލަމުން ނަޒީރާ ބުނެލިއެވެ. ނަޒީރާ، އޭނާގެ ދަރިފުޅު ބޭރަށް ނިކުންނަން އެއްބަސްވީ މިފަހަކަށް އައިސް ޒޯހާ މާ މަޑުމޮޅިކޮށް ހުންނާތީއެވެ. އޭނާގެ ދެލޮލުގެ ނޫރުފަދައިން ލޯބިވާ ދަރިފުޅުގެ ހިތްހަމަ ޖެހުމަށް އޭނާ އަބަދުވެސް މަސައްކަތް ކުރެއެވެ. ބޯޖަހާލަމުން ގެއިން ބޭރަށް ނިކުތް ވަގުތު ޒޯހާ ފޯނަށް މެސެޖެއް އައެވެ.
“ސޮރީ ޒޯ، މިއަދު އަހަރެން ބޮލުގަ ރިއްސާތީ މިއުޅެނީ، މާދަމާ ދާނަން ޒޯ އާއި އެކީގަ.” ޒޯހާ ފޯނަށް އައީ ސަނާގެ މެސެޖެކެވެ.
ސަނާގެ މެސެޖްއަށް ރައްދު ދިނުމަށްފަހު، ރީތި ވެގެން ނިކުމެވުނު ފަހުން ތުނޑި އަށް ގޮސް ނުލާ އަންނަން ޒޯހާގެ ހިތެއް ނޭދުނެވެ. އެހެންވެ ކަންފަތަށް ޖަހާފައިހުރި ހެޑްސެޓް އެއްވަރު ކޮއްލަމުން މިސްރާބު ޖެހީ ތުނޑީ ސަރަހައްދާ ދިމާލަށެވެ. މަޑު ރީތި ރާގެއްގެ ލަވައެއް ޖަހަމުން ލަސް ހިނގުމެއްގައި ޒޯހާ ގޮސް ހުއްޓުނީ ތުނޑިއާއި ދިމާލުގައި އޮންނަ ރީތި ހުދު ދޮންވެލިގަނޑު މަތީގައެވެ. ހެޑްސެޓް ނައްޓާލުމަށްފަހު ލައިގެން ހުރި ޖިންސްގެ ޖީބު ތެރެއަށް ލިޔެވެ.
އުމުރުން ބާވީސް އަހަރުގެ ޒޯހާ އެންމެ ކުޑަ އިރުއްސުރެންވެސް އުޅެ ބޮޑުވީ މާލޭގައި ކަމަށް ވާތީ ގުދުރަތުގެ ރީތި މަންޒަރުތައް ބަލާލާ ހިތްހަމަ ޖައްސާލަން މާ ގިނަ ފުރުސަތެއް ނުލިބެއެވެ.
ފަތިސް ގަޑި ވުމުން، އުޑުމަތީގައި މާ ބޮޑު އަލިކަމެއް ނުވެއެވެ. ފަޒާގައި ވަނީ ހަމަހިމޭން ކަމާއި ހިތްފަސޭހަ ކުރުވަނިވި ފިނި ކަމެކެވެ. އިވެމުން ދިޔައީ ރާޅު ބީއްސާލާ އަޑު އެކަންޔެވެ. ޒޯހާ ފުން ނޭވައެއްލާ ދެލޯ މަރާލިއެވެ.
“ނޫޙު” ދެ ނޭވައި ދޭތެރެއިން ކިޔާލެވުނީ އެ ނަމެވެ. އޭނާގެ ހިތުގެ ވިންދެވެ. އޭނާ އަބަދުވެސް ކުރަމުން އަންނަ އިންތިޒާރެވެ.
“އަބަދުވެސް އިންތިޒާރު ކުރާނަން، ތިޔަ ނޫން ފަރާތެއް މި ހިތުގަ ނުވޭ، ވަރަށް ލޯބިވޭ” ލޮލުން ވެއްޓުނު ކަރުނަތިކި ފުހެލަމުން ޒޯހާ ބުނެލި އެވެ. އެ ދޮން ވެލީގެ ފަސްގަނޑަކީ، ޒޯހާގެ ލޯބީގެ އެންމެ ޙާއްސަ އެއް މަޤާމެވެ. މަޑު އާހެއް ނިކުމެ ހިތްމަތީގައި އަތް އަޅާލެވުނީ ބޭއިޙުތިޔާރުގައެވެ. ލޯ ކުރިމަތިން ސިފަވާން ފެށީ އޭނާގެ މާޒީއެވެ……
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

