“އެކަމަކު މަންމަމެން ބޭނުން ނުވިޔަސް ރީހު އާ މީޓް ވުމަށްފަހު އަހަރެންނަށް ނޭނގޭ އިހުސާސްތަކެއް ކުރެވެން ފެށީ.. ޒާން އާއި ވެސް ދުރު ވެވުނު.. ހިތުގައި އަބަދުހެން ހުސްކަމެއް އޮވޭ.. އެކަން އެމީހުންނަށް ޝައްކު ވެގެން އަހަރެން ލައްވާ އެކި ކަންކަން ކޮށްގެން ހަނދާން ނެތޭތޯ އުޅުނީ.. އެކަމަކު އެއަށްވުރެ އަހަރެން ރީހު ދެކެ ލޯބިވޭ މާ ބޮޑަށް..” ލިއީޝްގެ ވާހަކައިން ރީހާންއަށް އައު ދިރުމެއް ލިބުން އިރު އެލީޒާއަށް ލިބުނީ ޝޮކެކެވެ.”ޕްލީޒް ރީހޫ.. އައި ލަވް ޔޫ..” މަޑު ފިޔަވަޅުތަކެއްގައި ލިއީޝް ރީހާންގެ ކުރިމަތީގައި ހުއްޓުނެވެ.”އައި ލަވް ޔޫ ޓޫ ލިޝް..” ރީހާން ކިތަންމެ ފޮރުވަން އުޅުނަސް ކެތެއް ނުކުރެވުނެވެ. އެވަގުތު ދުރުގައި ހުރި އެލީޒާގެ ލޮލުން އޮހެން ފެށި ކަރުނަތައް ބޯކޮށްލި ވާރޭ އާއި އެކުވެގެން ދިޔައެވެ. ރީހާން ބަލާލީ އެގަޑީގައެވެ.
**31 ވަނަ ޕާޓު**
އެލީޒާ ހިނިތުންވެލިއެވެ.”އޯހ އަނެއް މީ އެލީ އިނގޭ މައި ބެސްޓް ފްރެންޑް.. އޭނަ ނެތް ނަމަ މިހާރު ލިޝް އެއް ނުފެނުނީސް..” ފަޚުރުވެރި ކަމާއި އެކު ރީހާން އެލީޒާ ތަޢާރަފް ކޮށްދިނެވެ. ލިއީޝް ޝުކުރު އަދާ ކޮށްފައި އެލީޒާގެ ގައިގައި ކުޑަކޮށް ބައްދާލިއެވެ. އެބަ އަންނަމޭ ބުނެފައި ރީހާން ލިއީޝް ގޮވައިގެން ހިނގައިގަތެވެ. އެލީޒާ އެހުރި ގޮތަށް ހުރީއެވެ. އިހުސާސް ވަމުން ދިޔައީ ރީހާން އޭނާއަށް ގެއްލުނު ހެންނެވެ. ވާރޭ އާއި ތެމިގެން ދެމީހުން ދާތަން ބަލަން ހުރި އެލީޒާ އަށް ވެސް ކުރިއަށް ފިޔަވަޅެއް އަޅާލެވުނެވެ. އެހެނަސް އެއީ ބޭކާރު ކަމެއްހެން ހީވެގެން އެލީޒާ މިސްރާބު ޖެހީ ގެސްޓް ހައުސް އާއި ދިމާއަށެވެ.
ކޮޓަރިއަށް ވަތް ގޮތަށް އެލީޒާ އަށް ރޮވުނެވެ. އޭނަ އެ ބޭނުން ކުރީ ލިއީޝް އާއި ހިސާބަށް ވާސިލް ނުވެވޭނެތީ އެކަން ކުރުމަށްޓަކައި ކަން އިނގުނީ އަދި ކިރިޔާއެވެ. އެހިނދު ހިތަށް ވި ގޮތް ދެނެވޮޑިގެންވާނީ މާތް ﷲ އެވެ. މި ދިޔަ ފަސް އަހަރު ތެރޭގައި ދެމީހުން އުޅެމުން އައި އުފާވެރި ދިރިއުޅުން ހަނދާންވުމުން އިތުރަށް ހިތްދަތި ވުން ނޫން ކަމެއް ނުވިއެވެ. އޭނައަށް ރޭގައި ހީވީ ރަނގަޅަށެވެ. ކޮންމެވެސް ކަމަކާއި މެދު ހިތް ބިރު ގަނެފައި ވުމުން އޭނާގެ ޤައުމަށް ދާން ބުނެވުނީއެވެ. އެ ބިރާއި މިއޮތީ ކުރިމަތިލާ ވަގުތު އައިސް ޖެހިފައެވެ. މިއަދު ހިތްވަރު ކުރާނެ ހަކަތަ ވެސް ގައިގައި ނެތް ފަދައެވެ.
ރީހާންއަށް ގެއަށް އާދެވޭ ވަރު ވީ ދަންވަރު އެގާރައިގެ ފަހުންނެވެ. އަހަރުގަނޑަކަށް ފަހު އާ ލޯބިވެރިޔެއް ލިބުމުން ވާހާ އުފާ މިއަދު ރީހާން ވިއެވެ. އެ އުފަލުގައި އެލީޒާ މަތިން ހަނދާން ނެތޭ ގޮތް ވިއެވެ. އެހެންކަމުން އެރޭ އަމިއްލަ ޚިޔާލުތަކެއްގައި އޮވެ ރީހާން ކޮޓަރިއަށް ވަތް ގޮތަށް އެނދުގައި އޮށޯތެވެ. ދެލޯ މަރާލެވުނީ ހިތްހަމަ ޖެހުމާއި އެކީއެވެ. ނަމަވެސް އެ ރީތި މަންޒަރުގެ ތެރެއަށް ރީޝަމް އާއި ރޭޝްމާގެ ސޫރަ ސިފަވުމުން ރީހާންގެ ހިނިތުންވުން ފޭދުނެވެ. ރީޝަމްގެ ދުރުކަމުން ރީހާން ވަރަށް ދެރަވިއެވެ. ހަމައެކަނި ނޭނގުނީ ރީޝަމްއަށް އޭރު ދިމާވެފައިވާ ބަލިހާލަތެވެ.
އެލީޒާ މަތިން ހަނދާން ވީ އަނެއް ދުވަހު ހެނދުނު ކެފޭ އެއްގައި އެކަނި އިންތަން ފެނުމުންނެވެ. ހިސާބަކަށް ދެރަވިއެވެ.”ހެއި އެލީ!..” ރީހާން ގޮސް އެލީޒާގެ ކުރިމަތީގައި އިށީނެވެ.”ހައި..” އެލީޒާ ބުނެލި ގޮތުންނާއި ކާން އިން އައިސްކްރީމް ތަށި ފެނުމުން ރީހާން ބަލާލީ ފަރުވާތެރިކަމާއި އެކުގައެވެ. ރޭގައި ނުނިދާ އުޅުނު ކަމުގެ ކުލަވަރު މޫނުމަތިން ފެނެއެވެ.”ކިހިނެއް ވީ؟..” ރީހާން ސީރިއަސް ވެފައި އެހިއެވެ.”ކަމެއް ނުވޭ.. ރޭގަ ކުޑަކޮށް ބޮލުގަ ރިއްސާތީ ނުނިދުން..” އެލީޒާ ގަދަކަމުން ބުނި ތެދެއް އެކުލެވޭ ޖަވާބެކެވެ. އަދިވެސް އެ ބޮލުގަ ރިހުން އެއްކޮށް ރަނގަޅެއް ނުވެއެވެ.”އެހެންތަ.. ކީއްވެގެން ބޮލުގަ ރިއްސަންވީ؟ ތި ކަނީ ވެސް އައިސްކްރީމް ދޯ؟.. ފެނުން ޑަސްޓްބިން އަށް އެއްޗެއް ލާން އުޅެނިކޮށް އޮތް ޗޮކްލެޓް ކަރުދާސް ތަކެއް ވެސް.. އެއީ އެލީ ކުރާ ކަންތައް..” ރީހާން ވަރަށް ރަނގަޅަށް ހޯދާލައިފިއެވެ.
“ޖާސޫސް ކުރަނީ ދޯ މިހާރު..” އެލީޒާ ހޭންފެށިއެވެ.”ނޫނޭ ދެން ތެދަށް ބުނެބަލަ.. މަޖަލެއް ނޫން..” ރީހާން އެހިއެވެ. އެވަގުތު އެލީޒާ ހިތްހަމަ ނުޖެހުނެވެ. އަމިއްލައަށް ދެރަ ކޮށްފައި އަހަން ކެރޭ ބާއޭ ހިތަށް އެރިއެވެ.”ނުވޭ ކަމެއް..” ފޫހިގޮތަކަށް އެލީޒާ ބުނީ ރީހާންއަށް ނުބަލައެވެ. ރީހާން ދެލޯ ހަނިކޮށްލިތަން ބަލަން އިނދެފައި އެލީޒާ ފައިސާ ދެއްކީ ކައުންޓަރަށް ގޮސްގެންނެވެ. އަވަހަށް އެތަނުން ދާން ބޭނުންވީ ކަންނޭނގެއެވެ. އެލީޒާ ފަހަތުން މައްޗަށް އެރި އިރު ރޫމަށް ވަދެ ދޮރު ތަޅުލައިފިއެވެ. ލިއީޝް އައީ އެގަޑީގައެވެ. ހެނދުނު ސަޔަށް ދާން ދެމީހުން ވަނީ ރޭގައި ރާވަފައެވެ. ހިނިތުންވެލާފައި ރީހާން ލިއީޝްގެ އަތުގައި ހިފައިގެން ސިޑިން ފޭބިއެވެ.
★★★
ހޮސްޕިޓަލުން ދޫކޮށްލި ގޮތަށް ރީޝަމް އުޅުނީ ރީހާންމެންނާ ބައްދަލު ކުރަންވެގެންނެވެ. އެކަމަކު ކިޔާން ހުއްދަ އެއް ނުދިނެވެ. އެރޭ ދެމީހުން ރީތި ވެގެން ނިކުތީ ވަކި ކަމެއް ކުރާކަށް ނޫނެވެ. މީހުން ނޫޅޭ ދިމާއިން ހިނގާލަފައި ހިތަށް ހަމަޖެހުމެއް ހޯދުމަށެވެ.”ކީއްވެތަ ރީޝްއަށް ރީތި ސިފައެއް ދެއްވީ؟ ގޯޑް!!..ހުރިހާ ބޯއިސް ބަލާނޭ ..” ކިޔާން ހުރީ ހަސަދަވެރި ވެފައެވެ. ރީޝަމް ގާތަށް ހިނި އައެވެ.”އެކަމް ތިހާ ވަރަށް ޝަކުވާ ކުރާކަށް ނުވާނެ މި ރީތި އަންހެން ކުއްޖާ އަކީ ކިޔާންގެ ވައިފް ކަން ހަނދާން ނެތުނީތަ؟..” ރީޝަމް ވަރަށް ލޯބިން ކިޔާންގެ ކޯތާފަތުގައި ބޮސްދިނެވެ. ހަނދާންތައް އައި ފަހުން ރީޝަމްގެ ހުންނަނީ ކުރީގެ ކުޑަކުދީންގެ މިޒާޖެވެ.”އަލްހަމްދުލިﷲ..” ކިޔާން ހީނލިއެވެ.
އެވަގުތު ވެލިގަނޑު މަތީގައި އޮށޯވެލައިގެން އޮތް އަންހެން ކުއްޖަކު ރީޝަމްގެ ލޮލުގައި އަޅައިގަތެވެ. ހަނދުވަރުގެ އަލިން އެކުއްޖާގެ ހުދު ދޮން ހަންގަނޑާއި ބްލޯންޑް އިސްތަށިގަނޑު ފެނުމުން ރީޝަމްއަށް ވާއު އޭ ބުނެވުނެވެ. އެއީ ބީޗަށް ވެފައި ރޭގަނޑު ކަމުން މީހަކު އެދިމާއިން ނުފެނެއެވެ.”އަމް ކޮން ކުއްޖެއް؟..” ރީޝަމް ކިޔާންގެ އަތުން ދޫކޮށްލާފައި އެކުއްޖާ ކައިރިއަށް ހިނގައިގަތެވެ. ސިހިފައި އެކުއްޖާ ކޮޅަށް ތެދުވިއެވެ.”ވާއު ބޭރު ކުއްޖެއްތަ؟..” ރީޝަމްއަށް އެހުނެވެ. އެވަގުތު ކޮންމެވެސް ތާކުން ފެނުން ހަނދާނެއް ވިއެވެ.”އޯހ ތީ ދޮންބެ އާއި އެކީ ހުރި ކުއްޖާ ދޯ؟ ދޮންބެގެ ގާރލް ފްރެންޑް؟؟! އޯހ މައި..މިހާ ރީތި ކުއްޖެއްތަ އަހަރެންގެ ފަހަރިއަށް ވަނީ؟!..” ރީޝަމް ވާހަކަ ދެއްކީ ލިއީޝް އާއި ރީހާން ގުޅުނުކަން ނޭނގިއެވެ.
އުފަލުން ރީޝަމް އެނާގެ ގައިގައި ބައްދާލިއެވެ. ނުރޯން ކުރި ހިތްވަރު ފެނަށް ވީ އެވަގުތެވެ.”ރޮނީތަ؟..” ރީޝަމް އަށް އޭނާގެ ކަރުނަތައް އިހުސާސް ވުމުން އެހުނެވެ. “އަހަރެންނަކީ ދޮންބެ ބެސްޓް ފްރެންޑް.. އެލީޒާ..” އުންމީދު އާވުމުން އެލީޒާ ކަރުނަތައް ފުހެލިއެވެ.”ކީއްވެ ރުއީ؟..” ރީޝަމް އެހިއެވެ.”ދެން އިނގެ އެއްނު.. ލައިފްގަ މައްސަލަ ހުންނާނެކަން.. އެނީވޭސް ދޮންބެ ވަރަށް އުޅުން ރީޝް މިސްވާތީ..” ރީހާންއަށް ފޯރު ނުކޮށްދެވުނު މެސެޖް އެލީޒާ ބޭނުންވީ ބުނަންށެވެ.”ދޮގު ނުހަދާ..” ފަހަތުން ކިޔާންގެ އަޑު އިވުމުން ރީޝަމް ތުން ދަމާލާފައި ނުކިޔުމަށް އާދޭސް ކުރިއެވެ.”ޔަޤީން އެލީޒާ ވެސް އެ ރޮނީ ރީހާން އާ ހެދިކަން.. އެލީޒާ ގޮސް ރީހާން ކައިރީގަ ބުނޭ ރީޝަމް ވެސް އޭނާގެ ސަބަބުން އެއް އަހަރު ކޯމާއެއްގަ އޮތޭ..” ކިޔާން ހުރީ ރުޅި އައިސްފައެވެ.
އެލީޒާގެ ދެލޯ ބޮޑު ވެއްޖެއެވެ. އެވަގުތު ބަލާލެވުނީ ރީޝަމްއަށެވެ.”އޭނަ ގެންގުޅޭ އަންހެން ކުއްޖަކު ނުރޯ ދުވަހެއް ނުދާނެ..” ވާހަކަތައް ހުރިގޮތުން ކިޔާން ރީހާން ދެކެ ކުރާ ނަފްރަތު ސާފުވާން ހުއްޓެވެ.”ތިހެން ނުބުނޭ ކިޔާން.. ރީހު ތިމީހުން ދޫކޮށް ދިޔައީ.. އޭނަ ލޯބިވާ އަންހެން ކުއްޖާއަށް ޓަކައި.. އެއްގޮތަކަށްވެސް ގެއްލުމެއް ދިނުމުގެ ބޭނުމަކު ނޫން.. ފަސް އަހަރުގެ އިންތިޒާރު ކުރި.. ލިއީޝްގެ ހުރިހާ ހަނދާންތައް ސިކުނޑިން ފުހެވިގެން ނުދިޔަ ނަމަ..” އެލީޒާ ފަހު ދެ ޖުމްލަ ބުނި އިރު ލޮލަށް އެއްވަމުން ދިޔަ ކަރުނަތައް ރީޝަމްއަށް ފެނުނެވެ.”ވާޓް.. ދެން..” ރީޝަމް ބަލާލީ ކިޔާން އަށެވެ.
“އަހަރެން މިތަނަށް މިރޭ މި އައީ ރާއްޖޭގައި ހޭދަ ކުރާ އެންމެ ފަހު ދުވަހުގެ ހަނދާންތައް މިކަހަލަ ރީތި ތަނަކާއި ގުޅުވަން ބޭނުންވެގެން.. އަހަރެން ރީހާން ކައިރީގަ ހުރެގެން ދެން އޭނައަށް އުނދަގޫ ވާނެ ދޯ..” އެލީޒާ ކަނޑުގެ ލޮނުގަނޑާއި ދިމާއަށް ބަލަން އިނދެ ބުންޏެވެ.”ނޫން ކީއްވެ ތިހެން ތި ބުނީ..” ރީޝަމް އެލީޒާގެ ކޮނޑުގައި އަތް ބާއްވާލިއެވެ.”ވާން ނެތް ކަމަކަށް އުންމީދު ކުރުމަކީ މާ ވޭން ހުރި ކަމެއް.. އެހެންވެ ރީހާންގެ ދިރިއުޅުމުން ދުރަށް ދާން މިއުޅެނީ..” އެލީޒާ އިސްޖަހާލިއެވެ. ރީޝަމް ހާސްވިއެވެ.”ވަޓް؟.. ގެޓެއް ނުވި އެލީޒާ..” ޝައުޤުވެރި ވެފައި ރީޝަމް އެހިއެވެ.
“އެލީ.. ކީއްކުރަން މިތަނަށް އައިސްގެން ތީނީ..” އެވަގުތު ރީހާންގެ އަޑު ޖެހުމުން އެލީޒާ މޫނުމަތި ރަނގަޅު ކޮށްލިއެވެ.”ނޭނގޭ ކަމަށް ހަދާތި ރީޝް..ޕްލީޒް..” ކިޔާން ރީޝަމްގެ ކުރިމައްޗަށް އެރިއެވެ.”ކަމެއް ނުވޭ ހަމަ އައީ.. ދޯ ކިޔާން..” އެލީޒާ ހިނިތުންވެލިއެވެ. ކިޔާންގެ ފަހަތުގައި މީހެއް ހުރިހެން ހީވެގެން ރީހާން ބޯ ދިއްކޮށްލިއެވެ.”ރީޝް؟!..” ފަހަތުގައި ފިލާ ހުރި ރީޝަމް ފެނުމުން ރީހާންގެ މޫނުމަތި އުޖާލާ ވިއެވެ. ތުން ފިއްތާލަމުން ރީޝަމް ދުރު ބަލާލިއެވެ. ހަޤީޤަތުގައި އޭނަ ބޭނުންވީ ދުވެފައި ގޮސް ދޮންބެގެ ގައިގައި ބައްދާލަންށެވެ. މިހުރިހާ ދުވަހު އޭނަ ދޫކޮށްފައި ދިއުމުން އެކަމުގެ ޝަކުވާ ކުރަންށެވެ. ނަމަވެސް ކިޔާން ރީހާންގެ ކުރިމައްޗަށް އެރިއެވެ.
“ރީޝަމްއަށް ބޭބެއެއްގެ ލޯބި އެންމެ ބޭނުންވި ދުވަހު ކައިރީގަ ނުހުރެފަ މިއަދު ކީއްކުރަން ތި އައީ؟ ނުވިތާކަށް އެ ކުށެއް ނެތް އަންހެން ކުއްޖާ ވެސް ކަލޭގެ ސަބަބުން ކަރުނަ އަޅަން ޖެހިއްޖެ.. އަހަރެން ކަލެއަށް ނަފްރަތު ކުރަން..” ކިޔާންގެ ކޮންމެ ބަހަކުން ރީހާންގެ ހިތަށް ސުވާލުތައް ވަނެވެ. އެއްފަހަރު ރީޝަމްއަށް ބަލާލާފައި އެލީޒާއަށް ބަލާލި އިރު ދެމީހުން ވެސް ތިބީ ފެންކަޅިވެފައެވެ.”ފަހަރި ވަރަށް ދެރަ ވެފަ ހުރީ..” އެންމެ ފަހަރަކު ވެސް ރީހާން އާއި ވާހަކަ ދައްކާލަން ބޭނުން ވެގެން ރީޝަމް ބުންޏެވެ.”ފަހަރި؟..” ރީހާންގެ ދެބުމަ ކައިރިވިތަން ފެނުމުން އެލީޒާ ދެފަރާތަށް ބޯ ހޫރާލިއެވެ.”ރީޝް ހީކުރީ އަހަރެން މީ ރީހުގެ ލޯބިވެރިޔާ ކަމަށް..”
“ރީޝްގެ ފަހަރި އަކަށް ވާނީ ލިޝް އިނގޭ.. އިނގެއެއްނު އެކަން..” ރީހާން ޖަވާބު ދިނެވެ. އެމީހުންގެ ކުރިމަތީގައި އެލީޒާއަށް ޖެހުނީ ކަރުނަތައް ހިފަހައްޓާލަންށެވެ. ރީޝަމް އާއި ރީހާން ވާހަކަ ދައްކަން ފެށުމުން ކިޔާން ހިތްހަމަ ނުޖެހިގެން ރީޝަމް ގޮވައިގެން އެތަނުން ދުރަށް ހިނގައިގަތެވެ.”ހީވިއޭ ކަމެއް ގޯސް ވީހެން.. ކީއްވެ ރުއީ؟ އަހަރެންގެ ސަބަބުންނޭ ކީއްވެ ކިޔާން އެބުނީ..” އެމީހުން ދިއުމުން ރީހާން އެލީޒާ އާއި ކުރިމަތިލިއެވެ.”ރީހު މަތިން ވަރަށް މިސްވާނެ އިނގޭ.. އުޅުނީ ސިއްރުން އެކަން ކުރަން އެކަމް.. ސޮރީ ރީހު.. އަހަރެން ރީހުގެ ދިރިއުޅުމުން ދުރަށް ދާން ވިސްނައިގެން މިހުރީ.. އުނދަގޫ ވެދާނެ ދޯ އަންހެން ބެސްޓްފްރެންޑެއް ހުރީމަ. ހެހެ..” މޫނުމައްޗަށް އާދައިގެ ގޮތެއް ހަދާލަމުން އެލީޒާ ބުންޏެވެ.
“ވަޓް އެލީ މޮޔަވީތަ؟.. އަހަރެން ކިހިނެއް އެލީ އާ ނުލާ އުޅޭނީ؟ އެލީގެ ސަބަބުން ނޫންނަމަ އަހަރެން ލިއީޝް އާއި އަލުން ދިމައެއް ނުވީސް..” ރީހާންއަށް ލިބުނު ޝޮކްގައި ތަންކޮޅެއް ބާރަށް ބުނެވުނެވެ.”އަހަރެންނަކަށް ނޭނގެ އެހެން މީހުންގެ އިހުސާސްތަކާއި މެދު ރީހާން ނުވިސްނަން ފެށީ ކޮންއިރަކު ކަމެއް..” އެލީޒާގެ އަޑުގައިވާ ވޭނުން ރީހާން ވެސް ދެރަވިއެވެ.”އަހަރެން އަބަދު ވެސް އެލީ އާއި މެދު ވިސްނަން.. ދެން ކާކުގެ ވާހަކައެއްތަ ތި ބުނީ؟..” ރީހާން އެލީޒާގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ.”އަހަރެންގެ އިހުސާސްތައް ރީހާންއަށް ނޭންގެންވީ ކީއްވެ ރީހާން؟!..” ހިތުގައިވާ ހަމަނުޖެހުން ކަރުނައިގެ ސިފައިގައި އެލީޒާއަށް ބޭރުކޮށްލެވުނެވެ.”ކީކޭ ތި ކިޔަނީ އެލީ!..” ވާނުވާ ނޭނގިގެން ރީހާންގެ ބޯ ހާސްވިއެވެ.
“އޯކޭ…. ބާއި ރީހު..” އެލީޒާ ރީހާންގެ އަތް ދުރުކޮށްލާފައި ހިނގައިގަތެވެ.”ބުނެބަލަ ޕްލީޒް.. އަހަރެން ހާސްކޮށްލަފަ ކީއްވެ ތި ދަނީ؟..” ރީހާން ދުވެފައި ގޮސް އެލީޒާގެ ކުރިމައްޗަށް އެރިއެވެ. އަސަރެއް ނެތް ގޮތަކަށް އެލީޒާ ބަލަން ހުރެފައި ކުޑަކޮށް ހީނލިއެވެ. ކެތްކުރަން އުޅެ އުޅެ ވެސް ނުވިއެވެ.”އަހަރެން ރީހާން ދެކެ ލޯބިވޭ..” އެލީޒާގެ ޖުމްލަ ރީހާންގެ ކަންފަތާއި ހަމައަށް ފޯރީ ހޮނު ގުގުރީގެ އަޑުހެންނެވެ. ބުނެވުނު އެތި ރޭކާލުމުން އެލީޒާއަށް އެއްފިޔަވަޅު ފަހަތަށް އަޅާލެވުން އިރު އަނގަމަތީގައި އަތް ވެސް އެޅިއްޖެއެވެ. ރީހާންއަށް އެއްޗެއް ބުނެވުމުގެ ކުރިން ފަޔަށް ލެވުނުހާ ބާރެއް ލާފައި އެލީޒާ މޫދާއި ދިމާއަށް ދުއްވައިގަތެވެ. ހަޔާތުގައި އެންމެ ދެފަހަރުގެ މަތިން މޫދަށް ގޮސްފައިވާއިރު ފަތަން އެލީޒާއަކަށް ނޭނގެއެވެ.
އެލީޒާ ކުރަން އުޅޭކަމެއް އިނގުމުން ރީހާން އަށް ނޫނެކޭ ކިޔާ ހަޅޭއްލަވައި ގަނެވުނެވެ. މޫދާއި ދިމާއަށް ފުންމައިލި އެލީޒާ ފައި ނުޖެހޭ ހިސާބާއި ހަމައަށް ދިޔައީ ހިތާމަކުރަމުން ދިޔަ ހާލުގައެވެ. ފައި ނުޖެހޭ ހިސާބަށް ދެވުމުން އެލީޒާގެ ހަށިގަނޑު ބެލެންސް ނުކުރެވިގެން އަޑިއަށްދާން ފެށިއެވެ. މި ކުރެވެނީ ކިހާ ބޮޑު ފާފައެކަން ހަނދާންވުމާއި އެކު ތެޅިފޮޅިގެންފާނެ އެލީޒާ ހަޅޭއްލަވައި ގަންނަން އަނގަ ހުޅުވާލިއެވެ. ނަމަވެސް ނޭފަތަށާއި އަނގައަށް ފެންވަދެ ނޭވާ ނުލެވިގެން ދެލޯ މެރެމުން ދިޔަ ވަގުތު އޭނާ އާއި ދިމާއަށް ފަތާފައި އައި ރީހާންގެ ސޫރަ ހިތުގައި ކުރެހުނެވެ. އެންމެ ފަހު ވަގުތު އެސޫރަ ފެނުމުން ހިތަށް ލިބުނު އުފަލަށް ވުރެ މާތް ﷲ މަތިން ހަނދުމަކޮށްގެން ލިބުނު ބިރު ބޮޑުވިއެވެ.
ރީހާންއަށް ދެވުން އިރު އެލީޒާގެ ހޭ ނެތެވެ. ހޮސްޕިޓަލަށް ގެންގޮސް އަވަސް ފަރުވާދޭ ކޮޓަރިއަށް ވެއްދި އިރު ހާލު ވަރަށް ގޯހެވެ. ލިއީޝް ދުވެފައި ހޮސްޕިޓަލަށް ވަނީ އެވަގުތެވެ.”ލިޝް.. އެލީ ސުސައިޑް ވާން އުޅެނިކޮށް ކިރިޔާ ސަލާމަތްވީ..” ގޮތްހުސްވެފައި ރީހާން ލިއީޝް ކައިރީގައި ބުންޏެވެ.”ޕޮލިހުން ރީހާން ސަސްޕެކްޓް ކުރޭ އެބަ..” ލިއީޝް ދިން ޚަބަރުން ރީހާންގެ ދެލޯ ބޮޑުވިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Masha Allah
Vrh rythi mi part vx
Waiting for the next episode
Lysm Mysm tc
Thank youu anonymous <33
Lym tgc ?