ސަލްމާން ފާރިސީ 1
ސަލްމާން ފާރިސިއަކީ ފާރިސްކަރައިގެ ސޮފާންގެ ދައްޔުއޭ ކިޔޭ ރަށެއްގެ މީހެކެވެ. ބައެއް ރިވާޔަތުގައި އަހުވާޒުގެ ބައްރިޔާތަކުގެ ތެރެއިން ޝާމްގެ ބައްރިޔާއެއްގެ މީހެއްކަމުގައި ވެއެވެ. ސަލްމާން ފާރިސީގެ ބައްޕައަކީ ސޮފާންގެ މާތްމީހެކެވެ. އެ ރަށުގެ ވެރިމީހާއެވެ. ސަލްމާންގެފާނުގެ ބައްޕަ ސަލްމާންގެފާނުދެކެވައި ލޯތްބަކުން އެސްފީނާއެއްޖެހިދާނެތީ އެއްގޮތަކަށްވެސް ގެއިން ބޭރަކަށް ދިޔަކަ ނުދެއްވައެވެ.އެއްގޮތަކަށްވެސް މީހުންނާއި މައްސުނިވެ އުޅުއްވިޔަކަ ނުދެއްވައެވެ. ސަލްމާންގެފާނުއަކީ އަލިފާނަށް އަޅުކަންކުރަމުން އައި މީހެކެވެ. އަޅުކަންކުރާ އަލިފާންގަނޑުގެ ކައިރީ އަބަދު އުޅެ އުޅެ އެކަމަށް ސަލްމާންގެފާނަށް ލޯބިޖެހިއްޖެއެވެ. ސަލްމާންގެފާނުގެ ބައްޕަ ބޮޑުބަގީޗާއެއް ރަށުގެ ރަށްބޭރުގައިވިއެވެ.އެއްދުވަހަކު ސަލްމާންގެފާނުގެ ބައްޕައަށް ވަރަށް ގިނަ ކަންތައް ކުރާންޖެހިގެން ސަލްމާންގެފާނުގެ ގާތަށްއައިސް ބުނުއްވިއެވެ. ” ދަރިފުޅާއޭ ދަރިފުޅު ބަގީޗާއަށްގޮސް މިވެނި އެވެނިކަމެއް ކޮށްފައި ލަސްނުވެ އަންނާށެވެ. ލަސްވެއްޖިއްޔާ އެކަންތައް ބައްޕަޔަށް ބޮޑުވާނެކަން ދަންނާށެވެ. ދެން ސަލްމާންގެފާނު ބަގީޗާއަށް ދަނިކޮށް އީސާއިންގެ ފައްޅިއެއް ދެކެފިއެވެ. އެ ފައްޅީގައި އޭރު މީސްތަކުން ނަމާދުކޮށް ދަނޑޫރާތައް ޖަހައިއުޅެއެވެ. މި އަޑުއަޑުތައް ސަލްމާންގެފާނަށް އިވި ފައްޅިތެރެއަށްވަދެ އެކުރާކަމެއް ބަލައިލިއެވެ. އެ ހިނދު ސަލްމާންގެފާނުގެ ދީނަކީ ގޯސްދީނެއްކަމުގައި ސަލްމާންގެފާނަށްދެކެވުނެވެ. އަދި އެމީހުންގެދީނަށް ހިތްލެނބިގެންދިޔައެވެ. ދެން އެ ދީން ދަސްކުރާން އެތާނގައި މަޑުކުރިއެވެ. އަދި ސަލްމާންގެފާނު އެހިއެވެ”ތި ދީނުގެ އެންމެ ބޮޑު ޢިލްމްވެރިއެއްހުރީ ކޮންތާކުހެއްޔެވެ؟ އެމީހުން ޝާމްކަރައިގައިކަމަށް ބުނެ ޖަވާބުދިނެވެ.
ސަލްމާންގެފާނުގެ ބައްޕަ ސަލްމާން ނައިސްގެން ކަންބޮޑުވެގެން އޭރު އުޅެތެވެ. އަދި އެކިފަރާތްފަރާތަށް ސަލްމާންގެފާނު ހޯއްދެވުމަށް މީހުން ފޮނުވިއެވެ. ސަލްމާންގެފާނު ގެޔަށް އަތުވެއްޖެއެވެ. ގެޔަށް އައުމުން ބައްޕަ އަވަހަށް ސަލްމާންގެފާނުއާއި ސުވާލުކުރިއެވެ. ” ދަރިފުޅު ތިޔައީ ކޮންތާކަށް ގޮސްފައި ؟ ކުރާން ދިޔަ ކަންތައް ކޮބައި ؟ ތިހައި ލަސްތިވީ ކީއްވެ ؟”
ސަލްމާންގެފާނު ބައްޕައަށް ދެންނެވިއެވެ” ބައްޕާ” ވީގޮތަކީ ބަގީޗާއަށް ދަނިކޮށް އީސާއީންގެ ބޮޑު ފައްޅިއެއް ފެނިފައި އެތާ ދީން އުނގެނެން ހުރެވުނީ”
” ދަރިފުޅާ އެބައިމީހުންގެ ދީނަށްވުރެ ރަގަޅުވާނީ އަހަރެމެންގެދީން. މި ދީނަކީ އަހަރެމެންގެ ކާބަފައިންގެ ދީން. އެދީނަކީ މާފަހަކުން އުފެދުނު އާވައްތަރެއްގެ ދީނެއް . އެއީކީ ހަރުދަނާކަމެއްހުރި ދީނެއްނޫން” ސަލްމާންގެފާނުގެ ބައްޕަ ބުންޏެވެ. ސަލްމާންގެފާނު ބުންޏެވެ. ނޫނެކެވެ. އެ ދީނަކީ ބުއްދީގެ މައްޗަށް އަލިކުރާ ރަގަޅު ދީނެއްކަމުގައި އަޅުގަނޑަށް ފެނެއެވެ. ސަލްމާންގެފާނު ބައްޕަ މިއަޑުއަހައި ވަރަށް ކޯފާވެ ސަލްމާންގެފާނު ފިލައިގެންގޮސް އެ ދީނަށް ވަދެދާނެތީ ދެފައިގައި ކަސްތޮޅުއަޅުވައިފައި ގޭގައި ހައްޔަރުކުރިއެވެ. ސަލްމާންގެފާނުގެ ބައްޕަ މިހެން ކަންތައް ކުރެއްވުމުން ސަލްމާންގެފާނު ވަރަށް ދެރަވިއެވެ. އެގޮތަށް ބައްޕަ ކަންކުރައްވާނެކަމަށް ސަލްމާންގެފާނު ހިތްޕުޅަކަށް ނާރަތެވެ. ދެން ކޮންމެއަކަސް ކޮންމެވެސްގޮތަކުން އެކުވެރި އީސާއީންނަށް ޙަބަރުކޮށްލައިގެން ޝާމްކަރައިން ޤާފިލާއެއް އަތުވެއްޖެނަމަ އެބައިމީހުން ސަލްމާންގެފާނުއަށް އެކަން އެންގުން ހަމަޖެއްސިއެވެ. މާކަ ގިނަދުވަހެއްނުވެ ޝާމްކަރައިން ޤާފިލާއެއް އައެވެ. ސަލްމާންގެފާނުގެ އެކުވެރި އީސާއީން އޭގައި ސަލްމާންގެފާނު ފިލައިގެން ދެވޭނެގޮތް ހަމަޖެއްސިއެވެ. ޝާމްކަރަޔަށް އާދެވުމުން އެތަނުން އެންމެ ދީންވެރީ ކާކުތޯ ބަލައި އެމީހަކީ މިވެނި ފައްޅިއެއްގައި ހުރި އުސްގުއްބު ކަމަށް އެންމެން އިޢްތިފާޤްވެއްޖެއެވެ. ސަލްމާންގެފާނު އެ ފައްޅީގައި އެ އުސްގުއްބުގެ ގާތު ދީން ދަސްކުރާށާއި ފައްޅީގެ ޙިދުމަތްކުރަން އެތާ މަޑުކުރިއެވެ. މި މީހަކީ އީސާއީންގެ އެންމެންވެސް ވަރަށް އިޙްތިރާމްކުރައި މީހެކެވެ. އެހެންނަމަވެސް މިމީހަކީ ކިތަންމެ ޢިލްމްވެރި ބޭކަލަކަސް ނުބައި މީހެކެވެ. ސޮދަޤާތްކުރަން މީހުންނަށް ނަސޭހަތްދީ އުޅެއެވެ. ނަމަވެސް އަމިއްލަމީހާ މިހުންނަނީ އެކަކަށް އެކައްޗެއްވެސް ނުދީ ހުރިހާ މުދާތައް ފޮރުވައިފައެވެ. ކަންތައް މިހެންއޮތަސް މި މީހާގެ ފަރާތުން ލިބޭ އިލްމީ ފައިދާއަށްޓަކައި ސަލްމާން ގަސްތުކުޅައީ އެމީހާ ކައިރީ މަޑުކުރާށެވެ. ދުވަސްތަކެއްފަހުން މިކަލޭގެ ނިޔާވުމުން އީސާއީން މީނަގެ ޖަނާޡާއަށް އެއްވެއްޖެއެވެ. ސަލްމާންގެފާނު މި މީހުންގެ ގާތަށް ގޮސް އެ އުސްގުއްބުގެ އަސްލުސިފައަކީ ކޮބައިކަން ކިޔައިދެއްވައި ފޮރުވައިފައި ހުރި މުދާތައް ދެއްކިއެވެ. އެހިނދުން އެ އެންމެން އެމީހާދެކެ އައިރުޅީގައި އެ އުސްގުއްބު ވަޅުވެސް ނުލައި ތާކު އެލުވައިފައި މިބައިމީހުން ހިނގައްޖެއެވެ. މި މީހާގެ މަރަށްފަހު އީސާއީން އެ ފައްޅީގެ ވެރިޔަކަށް އެހެންމީހަކު ޢައްޔަނުކުރިއެވެ. މިމީހާވީ ވަރަށް ރަގަޅު ހެޔޮލަފާ މީހަކަށެވެ. ޒާހިދު އަޅުވެރިއެކެވެ. މިބޭކަލެއްގެ ފަޜަތުން ވަރަށް ގިނަ އިލްމީ ފައިދާތައް ސަލްމާންގެފާނަށް ލިބުނެވެ.
ދުވަސްތަކެއްފަހުން މި ބޭކަލަކު މަރުބަލީގައިޖެހިއްޖެއެވެ. ދެން ފަހެ މި ބޭކަލެއްގެ އަޖަލުގާތްވެއްޖެކަން އެނގުމުން ސަލްމާންގެފަނު އެމީހާ ކައިރީ ދެންނެވިއެވެ. ” އަހަރެންނަށް ކަލޭގެފާނު ޙިދުމަތުގައި ލައްކަދުވަހު އުޅެވިއްޖެއެވެ. އަޅުގަނޑުގެ ހިތުގައި ކަލޭގެފާނަށް ވަރަށް ލޯބިބޮޑުމެއެވެ. މިހާރު އަޅުގަނޑަށް ހީވާގޮތުން މާތްކަލާނގެ އަމުރުފުޅު ކަލޭގެފާނާއި ގާތްވަނީއެވެ. އަޅުގަނޑު ބޭނުންފުޅުވަނީ މަރުދުވަހަށްދާންދެން ކަލޭގެފާނުފަދަ ދީންވެރި، އަޅުވެރި ޒާހިދު މީހުންނާއި އެކުގައިވެ ކަލާނގެކިބަޔަށް އަޅުކަންކުޅައުމެވެ. ވީމައި ދެން އަޅުގަނޑު އެކުގައިއުޅެން ކަލޭގެފާނު ވަސިއްޔަތް ކުރައްވާނީ ކާކުގެ މައްޗަށްތޯއެވެ؟”
ސަލްމާންގެފާނު މިހެން ނަންގަތުމުން އެ ބޭކަލަކު ކަރުނައެއް އޮހޮރައިލައި ބުނުއްވިއެވެ.” ކޮއިފުޅާއޭ އަހުރެން އުޅޭގޮތަށް އުޅޭ ދީންވެރި ޒާހިދުމީހުން ދާދި މަދުވެއްޖެއެވެ. މީސްތަކުން ގެއްލިހަލާކުވެ ދީނުގެކަންތައްތައް އެމީހުންގެ އަމިއްލައެދުމުގެ މައްޗަށް ބަދަލުކޮށްގެންފޫއެވެ. މިއޮތީ ފަތުރަތުގެ ޒަމާނެވެ. އެހެންނަމަވެސް އަހުރެން އުޅޭ ގޮތަށް އުޅޭ މީހަކު ހޯދަންޏާ މުޢުސިލްގައި އެހެރަ ފައްޅިގެ ފާދިރީ އަރިހަށް ދާށެވެ. އެއީ މިވެނި ނަމެއް ކިޔޭ މީހެކެވެ. އޭނަޔާއި ބައްދަލުވިއްޔާ އަހަރެންގެ ސަލާން ނަންގަނެދެއްޗެވެ.”
ދެން ސަލްމާންގެފާނު އެ ފާދިރީ އަރިހަށް ގޮސް ޙަބަރުތައް ނަންގަތެވެ. މި ފާދިރީ ވަރަށް އުފާކޮށްފައި ސަލްމާންގެފާނު ފައްޅީގައި ބެހެއްޓިއެވެ. މި ބޭކަލަކީވެސް ލަފާ އަޅުވެރި އަދި ޒާހިދު ބޭކަލެކެވެ. މާ ގިނަދުވަސްތަކެއްނުވަނީސް މި ބޭކަލަކުވެސް މަރުބަލީގައި ޖެހިއްޖެއެވެ. ސަލްމާންގެފާނު ހަމަ އިހު ވާހަކަފުޅު ދެއްކެވި ބީދައިން ވާހަކަފުޅު ދެއްކިއެވެ. އަދި އެއަށްފަހު ނަންގަތެވެ” އަޅުގަނޑު ކަލޭގެފާނު އަރިހަށް އައީ ކުރިން އެކުގައިހުރި ބޭކަލެއްގެ ވަސިއްޔަތަކާއިގެންނެވެ. އަދު ކަލޭގެފާނު ވަސިއްޔަތްކުރާނީ އަޅުގަނޑު ކާކުގެ ގާތަށް ދިއުމަށްތޯއޭ؟ މި ފާދިރީވެސް ރޮއިލައްވައިފައި ބުންޏެވެ. އޭ ދަރިފުޅާއޭ . ލަފާ މީހުން އަދު ދާދި މަދުވެއްޖެއެވެ. އެހެންނަމަވެސް ދަރިފުޅު ލަފާމީހާކާއި އެކުގައިވާން އެދެންޏާ ނަސީބީން ކިޔޭ ރަށުގައި އެހެރަ ފައްޅީގެ ފާދިރީ އަރިހަށް ދާށެވެ. އަދި އަހަރެންގެ ސަލާމް ނަންގަންނައްޗެވެ.” ދެން މި ފާދިރީ ކަލޭގެފާނު ނިޔާވުމުން ސަލްމާންގެފާނު ނަސީބީންއަށް ގޮސް އެ ފައްޅިއަކަށްވަދެ އެފާދިރީއާއި ބައްދަލުކޮށް މިޙަބަރުތައް ދެންނެވިއެވެ. އެ ކަލޭގެފާނު ވަރަށް އުފާކޮށްފައި ދެންނެވިއެވެ. “ކަލޭގެ މިތަނަށް އަންނާނެކަމީ މަށަށް ކުރިން އެނގިފައިވައި ކަމެކެވެ. އޭ މިތުރާއޭ. ދީން އެއީ ކޮންއެއްޗެއްކަން ދަންނަ ކަލާނގެ މަޢުރިފާކޮށްދެނެގަންނަ މީހުން މިހާރު ދާދި މަދެވެ. ދެން އެގޮތުގައި ހުރިކަން އަހަރެން ދަންނަނީ ގުމޫރިއްޔަތުގައި ހުންނަ ފައްޅީގައި އެހުންނަ ފާދިރީއެވެ. އަހަރެ އަހަރެމެންނީ ދާދި ގާތުގައި މަރުވާނެ ބައެކެވެ. މީހުންގެ މަރުބަލާ ޙިދުމަތްކޮށް އުޅޭނީ ކަލޭގެއެވެ. އަހަރެން މަރުވެއްޖެނަމަ އަވަހަށް ގުމޫރިއްޔަތަށް ދާށެވެ. އަދި އަހަރެންގެ ސަލާމް ނަންގަންނާށެވެ.”
މިބަސްތައްވީ ހަމަ ތެދަށެވެ. މާގިނަދުވަހެއްނުވެ އެ ފާދިރީ ނިޔާވެއްޖެއެވެ. ސަލްމާންގެފާނު ވަރަށް ހިތާމަކޮށް އަވަހަށް ގުމޫރިއްޔަތަށް ދަތުރުކުރިއެވެ. ދެން އެރަށުގެ ފައްޅިއަށް ވަދެ މި ވާހަކަތައް އެތާނގެ ފާދިރީއަށް އިއްވިއެވެ. މި ފާދިރީވެސް ވަރަށް އުފާކުރައްވައި ސަލްމާންގެފާނު އެތާ ބެހެއްޓެވިއެވެ. މިއީވެސް ވަރަށް ލަފާ މީހެކެވެ.
ގިނަދުވަސްތަކެއްނުވެ މި ފާދިރީ ކަލޭގެވެސް މަރުބަލީގައި ޖެހިއްޖެއެވެ. ގަދަނުވާނެކަން އެނގުމުން ސަލްމާންގެފާނު ފާދިރީއަށް ދެންނެވިއެވެ.” ކަލޭގެފާނަށްވެސް އެނގިވަޑައިގަންނަވާނެހެން އަޅުގަނޑު މިތަނަށް އައީ ކުރިން ހުރި ބޭކަލެއްގެ ވަސިއްޔަތަކާއިގެންގެންނެވެ. ކަލޭގެފާނު ނިޔާވުމުން އަޅުގަނޑު ދާނީ ކޮންތާކަށްތޯއޭ؟ “
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

