އާދައިގެމަތިން ދުވަސްފެށުނެވެ.ހެނދުނު ސައިބޮއެގެން އާތިފް އޮފީހަށް ދިއުމުން، ގޭތެރޭގެ މަސައްކަތުގައި ފަރީޝާ އަވަދިވިއެވެ.
ވަގުތުތައް ހިނގަމުން ގޮސް އާތިފްގެ ބުރޭކު ވަގުތު ޖެހުނެވެ.އެހެންކަމުން މިއަދުވެސް އާދައިގެމަތިން ފަރީޝާގެ މޫނު ބަލާލުމުގެ ނިޔަތުގައި، އާތިފް ކެމެރާ ފުޓޭޖް ބަލާލިއެވެ.އެވަގުތު ސިޓިންރޫމުތެރެ ފޮޅަމުންދިޔަ ފަރީޝާ އާތިފަށް ފެނުނެވެ.ފަރީޝާ ފެނުމުން އޭނާގެ ހިތަށް ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް ލިބުނެވެ.އެއީ އޭނާއަށް ކުރިން ކުރެވުނު އިހުސާސެއް ނޫނެވެ.އައިލީންގެ މަންމައާއެކު އުޅުނުއިރުވެސް ނުވާހާ ގޮތްތަކެއް ފަރީޝާ ފެނުމުން އޭނާއަށް މިހާރު އެބަވަމުންދެއެވެ.
ފަރީޝާއަށް ބަލަން ފޯނު ހިފައިގެން އާތިފް އިންދާ މީހަކު ޓަކިޖެހުމަށްފަހު ވަނެވެ. “ބިޒީތަ؟” އޮފީހުގައި މަސައްކަތް ކުރާ އޭނާގެ އެކުވެރި ހަމްދީ ވަނުމަށްފަހު އަހާލިއެވެ. “ނޫނޭ ކަމަކުތަ؟..ރަނގަޅު ކަމަކު އިނގޭ އަންނާނީ” އާދައިގެމަތިން އޭނާ އަންނަ ބޭނުން އިނގޭތީ އާތިފް ބުނެލިއެވެ. “މިހެން އަންނަން މިޖެހެނީވެސް އާތިފްގެ ފަރާތުން އެކަހަލަކަމެއް ނުފެންނާތީ ވިއްޔާ…މިފަހަރުވެސް ރަނގަޅުކަމެއްގައެއްނޫނޭ ބުނެވޭނީ އެކަމަކު އެމަންޖެ ގާތު ވައުދުވެފަވާތީ” ހަމްދީ ބުނެލިއެވެ.
“ޖެހިގެން މިއިންނަ ސެކްޝަންގަ އަލަށް ވަނެއްނު ލުބުނާ ކިޔާ މަންޖެއެއް…އޭނައަށް އާތިފް ކަމުގޮސްގެން ނަންބަރު ލިބިދާނެތޯ އެހީމަ މަބުނިން ކައޭ ކައިރި އަހާފައޭ ލިބޭނީ އެހެންނޫނީ މަ ނޮޅާކާނޭ…އެހެންވެ މަކައިރި ކައޭ ގާތު އަހާބަލާށޭ އޭނަ ބުނީމަ މިއައީ…އެކަމް ބުނަން މިފަހަރު ވިސްނާފަ ޖަވާބެއް ދޭތި އަބަދު ނޫނެކޭ އާތިފް ބުނަނީ..މިހާރު ކިތައް ކުދިން ބުނެގެން މިހެން އާދެވިއްޖެ..އަބަދު އެކުދިން ރިޖެކްޓް އާތިފް ކުރަނީ..ލުބުނާ ކިހާ ސަޅިތަ؟..މަ ނަމަ ވަގުތުން އާނއެކޭ ބުނާނީ” ހަމްދީ ބުނެލިއެވެ.
“ދެން ހަމްދީ ސެޓުވެބަލަ..ވިސްނާކަށް ނެތިން…އަހަރެންގެ ނަންބަރު ނުލިބޭނެ..ބުނޭ ނޯ އިންޓަރެސްޓޭ…އަހަރެންގެ ނަންބަރު ނުދޭތި” ކުރީ ފަހަރުތަކާ އެއްގޮތަށް މިފަހަރުވެސް އާތިފް ޖަވާބުގައި ބުނެލިއެވެ.
“މަ ކައިރި ސެޓުވާން އެހިނަމަތާ އެކަމަކު އެމަންޖެ އެހީ ކައޭ ގާތުގައޭ…މަ ބުނިން އެމަންޖެ ގާތު ޕޮޒިޓިވް ޖަވާބެއް ލިބުން އެއީ ވަރަށް ނުވާނެކަމެކޭ..ކުރީ ފަހަރުތަގަވެސް ލިބުނީ ހުސް ނެގެޓިވް ޖަވާބޭ..ތިގޮލާ ނަންބަރެއް މަ ނުދެން” ހަމްދީ ބުނެލިއެވެ.
“ރަނގަޅު މަ ނަންބަރު ނުދޭތި” އާތިފް ބުނެލިއެެވެ. “ބުރޯ ދެން ތިހެން ހުންނަނީތަ އުމުރުދުވަހު؟…އޯކޭ މަ ގަބޫލުކުރަން ދެން އަންހެނަކަށް އިތުބާރުކުރަން އުދަނގޫވާނެކަން…ބުރޯއާ މަށާމީ ގާތް ދެމީހުންނަށް ވީތީ އަހަންނަށް ފެނިފަ ހުރީވެސް ލީނާ އުޅުނުގޮތް..އޭނައާ ވަކިވިފަހުން ބުރޯ ކުރި ހިތާމަތައްވެސް..އެކަމަކު އަބަދު ރަނގަޅު މީހުނެއް ނުތިބޭނޭ ކިޔާފަ ހުންނަނީތަ؟” ހަމްދީ އަހާލިއެވެ.
“ހުރިހާ އެންމެން އެއްގޮތެއް ނުވާނެ…ރަނގަޅު މީހުންވެސް އުޅޭ” އާތިފް އެހެންބުނެލީ ފޯނުން ފެންނަން ހުރި ވީޑިއޯ ފުޓޭޖުން ފަރީޝާއަށް ބަލަން އިނދެއެެވެ. “އާނ ތީއޭ މިބުނާ ވާހަކައަކީ އަބަދު…” ހަމްދީ ބުނަން އުޅުނުނަމަވެސް އާތިފް އޭނާ ހުއްޓުވިއެވެ.
“މިހާރު ޖަވާބު ލިބިއްޖެއެއްނު…ދެން ދޭ” އާތިފް އެހެންބުނުމުން ހަމްދީވެސް އޭނާގެ ވާހަކަ ކުރުކޮށްލުމަށްފަހު އެތަނުން ނިކުތެވެ.
*********
ހަމްދީ ދިއުމުން ފަރީޝާއަށް އަނެއްކާވެސް އާތިފް ބަލައިލިއެވެ.އެވަގުތު އައިލީންނާއެކު ސަކަރާތްޖަހަން ފަރީޝާ އިނެވެ.ފަރީޝާ ހިނިތުންވާތަން ފެނުމުން އާތިފަށްވެސް ހިނިތުންވެވުނެވެ.ކުޑަވަގުތުކޮޅަކު ވީޑިއޯ ބަލަން އިނުމަށްފަހު، އެއަޑު އަހާލުމުގެ ނިޔަތުގައި ފަރީޝާއަށް އާތިފް ގުޅާލިއެވެ.
“ހަލޯ ކޮބާ އައިލީން؟” އާތިފް އޭނާގެ އަމިއްލަ ފޯނުން ގޭގެ ވީޑިއޯ ފުޓޭޖް އަޅުވައިގެން އެއަަށް ބަލަން އިނދެ، ފަރީޝާއާ ވާހަކަދެއްކީ އޮފީސް ފޯނުންނެވެ.ފަރީޝާއާ ވާހަކަދެއްކުމަށް އޭނާ އަބަދުވެސް ގެންގުޅޭ އުކުޅަކީ އައިލީންނެވެ.ހަގީގަތުގައި އާތިފް ގުޅަނީ ފަރީޝާގެ އަޑުއަހާށެވެ.އެކަމަކު އެކަމެއް ފަރީޝާއަކަށް ރެއަކާނުލައެވެ. ފަރީޝާއަށް ހީކުރެވިފައިވަނީ އާތިފް ގުޅަނީ އޭނާ ބުނާ ފަދައިން އައިލީން ކޮބާތޯ ބަލަން ކަމަށެވެ.
އައިލީންނާ ބެހޭގޮތުން ފަރީޝާއާ ކުޑަކޮށް ވާހަކަދައްކާލުމަށްފަހު އާތިފް ފޯނު ބޭއްވިއެވެ.އަދި ކުޑަކޮށް ވިސްނާލިއެވެ.ފަރީޝާގެ ވަފާތެރިކަމާ ތެދުވެރިކަން އާތިފަށް މިހާރު އެނގެއެވެ.އެހެންކަމުން މިގޮތަށް އޭނައަށް ނޭނގި އޭނާގެ ވީޑިއޯ ބެލުމަކީ ރަނގަޅުކަމެއް ނޫންކަން އާތިފް ގަބޫލުކުރެއެވެ.އެހެންކަމުން ވަރަށް ވިސްނުމަށްފަހު ފަރީޝާގާތު އެވާހަކަ ބުނަން އާތިފް ނިންމިއެވެ.
*****
ރޭގަނޑު ދިހައެއް ޖެހުމުން އޮފީސް ނިންމާލުމަށްފަހު އާތިފް ގެއަށް އައެވެ. “މިރޭ އޮފީހުގަ މާ ބުރައީތަ؟ އެހެންރޭރޭ ނުވައެއްގަ ނިމިފަ މިރޭ ލަސްވީމަ އަހާލީ” އާތިފް ކާން އިށީނުމުން ފަރީޝާ އަހާލިއެވެ. “އާނ” ހަގީގަތް ފޮރުވަމުން އާތިފް ބުނެލިއެވެ.އަސްލުގައި އާތިފް މިރޭ ލަސްވީ ވީޑިއޯގެ ވާހަކަ ފަރީޝާ ގާތު ބުނާނެ ގޮތަކާމެދު ވިސްނަން ހަދައިގެންނެވެ.ފަރީޝާ ބުނާނެ އެއްޗެއްވެސް ނޭނގޭތީއާއެކު އެކަމާވެސް އޭނާ ވިސްނިއެވެ.
“ފަރީޝާ ވާހަކައެއް ބުނަންވެފަ އެބައޮތް” ވަރަށް ވިސްނުމަށްފަހު، ވެފައިވާ ހާސްކަން އެއްފަރާތްކޮށްލަމުން އާތިފް ބުނެލިއެވެ. “ބުނޭ” ފަރީޝާ ބުނެލިއެވެ.ފަރީޝާއަށް ބަލާލުމަށް ފަހު އާތިފް ކަރުކެހިލިއެވެ.އަދި ވީޑިއޯގެ ވާހަކަ އޭނާ ގާތު އާތިފް ބުންޏެވެ.
“އަސްލު އައިލީންގެ ރައްކާތެރިކަމަށް ހަރުކުރީ…އެފަހަރު ލީނާ އާތިފްގެ ފުރަގަހުގަ ކަންތައްކުރިފަހުން އައި ހިޔާލެއްގެ މައްޗަށް…ކަންބޮޑުނުވޭ ހަމައެކަނި އައިލީންގެ ކޮޓަރިއާ މިތާނގަ ކެމެރާ ހުންނާނީ..އެކަމަކު ފަރީޝާވެސް ކެމެރާއަށް އަރާތީވެގެން ރަނގަޅު ކަމެއްނޫންތާ އެއީ ހުއްދައަކާނުލާ ވީޑިއޯ ކުރުން އަސްލުގަ” އާތިފް ބުނެލިއެވެ.
“ކެމެރާއެކޭ ކޮންތާކުއިން ކެމެރާއެއް؟” ފަރީޝާ ހައިރާންކަމާއެކު އަހާލިއެވެ. “ސިއްރު ކެމެރާއެއް ވަރަށް ކުޑަވާނެ ގޮށެއްހެން އިންނާނީ…އެހެންބުނެ އެކެމެރާ އިންތަނުން ނެގުމަށްފަހު އޭތި އާތިފް ހަލާކުކޮށްލިއެވެ.
“ކީއްވެ ތި ހަލާކުކޮށްލީ؟…މިތަން މިއޮށްވަރަށް ސާފުކުރާއިރުވެސް ތިއެއް ނުފެނޭ އެހެންވެ ހައިރާންވެގެން އަހާލެވުނީ” ފަރީޝާ ބުނެލިއެވެ.އެވަގުތު އައިލީންގެ ކޮޓަރީގައި އިން ކެމެރާވެސް އާތިފް ނަގާ ހަލާކުކޮށްލިއެވެ.
“މީ މިހާރު ބޭނުންނެތް އެއްޗެހި..އަހަރެން ފަރީޝާއަށް އިތުބާރުކުރަން…އަހަރެން ގަބޫލުކުރަން މިހާރު ފަރީޝާ އައިލީންދެކެ އިންތިހާއަށް ލޯބިވާކަން..އެހެންވީމަ އޭނައަށް ގެއްލުންވާނެކަމެއް ފަރީޝާ ނުކުރާނެކަން އިނގޭ” އާތިފް ބުނެލިއެވެ.
“ކެމެރާ އިނަސް މައްސަލައެއް ނެތް…އާނ އައިލީންދެކެ އުފަންދަރިއެއް ފަދައިން ލޯބިވެވިއްޖެ…އޭނައަށް ދެރަވާނެ ފަދަ އެއްވެސްކަމެއް ނުކުރާނަން” ފަރީޝާ ބުނެލިއެވެ.
“އިނގޭތަ ފަރީޝާގެ ފަރާތުން ތިފެންނަނީ އާތިފް ލީނާގެ ފަރާތުން ދެކެން ބޭނުންވި ސިފަތައް…ގެވެހިކަމާ ސާފުތާހިރުކަމާ..އައިލީންނަށް އަޅާލާ އޯގާތެރިވުމާއި…ގޭތެރޭގެ ހުރިހާކަމެއްވެސް ވަރަށް ފުރިހަމަކޮށް ފަރީޝާކުރޭ…ފަރީޝާގެ އަމިއްލަ ކަންތަކަށްވުރެ އައިލީންގެ ކަންކަން އިސް ކުރާކަން ބެލި ވީޑިއޯތަކުން އާތިފަށް ދޭހަވި” އާތިފް އޭނާގެ ހިތުގައިވާ އެތި ބޭރުކޮށްލިއެވެ.
“ފަރީޝާ ކިޔައިދިނީމެއްނު ދޮންމަންމަގެ އަނިޔާވެރިކަމުގަ އުޅުނުގޮތް..ފަރީޝާއަށް ވަރަށް ރަނގަޅަށް އިނގޭ އޭގެ ހިތިކަން..އެހެންވެ ބޭނުމެއްނުވޭ އައިލީންނަށް އެކަހަލަ ތަޖުރިބާއެއް ކުރުވާކަށް…އެކަމަކު ދަރިފުޅުގެ ރައްކާތެރިކަމަށް ކެމެރާ ހަރުކުރުމަކުން އެއްވެސް މައްސަލައެއް ފަރީޝާގެ ނެތް” ފަރީޝާ ބުނެލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





