ވީމޭ އިންތިޒާރުގައި – 27
ރީހާންމެން މުޅި ރަށުގައި ދުއްވި އިރުވެސް އެމީހުންނެއް ނުފެނުނެވެ. ރަށަށް އައި ގޮތަށް ރީހާން އެކުވެރިއެއް ހޯދައިލައިފިއެވެ.”ކާކު ހޯދަންތަ ތިވަރަށް ތިއުޅެނީ؟..” އެންމެފަހުން ރީހާންގެ އާ އެކުވެރިޔާ، އަރޫން އަށް ނުހުރެވިގެން އެހުނެވެ.”އަމް ސޯ.. މިރަށުގަ އުޅެއެއްނު އައިޝަތު ރީޝަމް ކިޔާ ކުއްޖެއް.. އޭނަ އުޅޭނީ ކޮންތާކު؟..” ކައިރީގައި ހުރި އެލީޒާއަށް ބަލާލާފައި ރީހާން އެހިއެވެ. އެއާއި އެކީ އަރޫން ފެށީ ހޭށެވެ.”ބްރޯ.. އިނގޭ ވަރަށް ސޭޑް ނިއުސް އެއްކަން.. ރީހު ލައިކް ވަނީ ދޯ؟..މަ ވެސް ލައިކް ވާ މަންޖެއެއް އެއީ.. އެކަމް އޭނާ މެރީ ކޮށްފި.. އެހެންވެ މަ ވެސް އެހިސާބުން އޭނައަށް ފްލާރޓް ކުރުން ހުއްޓާލައިފިން.. ވަރަށް ގިނައިން އިންނާނެ އޭނާގެ ކޮއްކޮ ގޮވައިގެން ހިނގާލަން ގޮސް..” އަރޫން ބުނި އެތިން ރީހާން އަށް ހީވީ ދުނިޔޭގެ އެނބުރުން ހުއްޓުނު ހެންނެވެ.
**27 ވަނަ ޕާޓު**
“އެމީހުން އުޅެނީ ވަރަށް ލޯބިންހެން އެންމެނަށް ހީވޭ.. މުޅި ރަށުގެ އެންމެން ދިޔަ ވިއްޔަ ޕާޓީ އަށްވެސް..ސިއްރެއް ބުނަންތަ؟ މަށެއް ނުބުނާނަން އެމީހުން އެއުޅެނީ ލޯބިންނެކޭ.. އެއީ ވަރަށް މަދުން ދެމީހުން އެކީ ފެންނާނީ ވެސް.. އަބަދު ކިޔާން އެކަނި ފެންނާނީ.. ނޫނީ ރީޝަމް ދޭތެރެ އަކުން ފެނިދާނެ..އެކަމް މިއަދު ކަލޭމެން މަގޭ ސައިކަލް ނަގައިގެން ދިޔަ ތަނުން ފެނުނު އެދެމީހުން ރީޝަމްގެ ކޮއްކޮ ގޮވައިގެން ދާތަން..” އަރޫން އެހުރިހާ ވާހަކައެއް ދެއްކި އިރު މިހުރެވުނީ ރީޝަމްގެ ބޭބެ ކައިރީގައޭ ހީވެސް ނުކުރެއެވެ. އެލީޒާ ހުރީ އަރޫންގެ ވާހަކަ އާއި މެދު ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭރުވެސް ރީހާން ހުރީ ހުއްޓުން އެރި ގޮތަށެވެ. އެއްފަހަރާ ގިނަ ވަރެއްގެ ސުވާލުތައް ބޮލުތެރޭގައި އެނބުރެން ފެށިއެވެ.
“އެމީހުން އެދިޔައީ ކޮންތާކަށް ކަން އިނގޭތަ އަރޫން.. އިނގެންޏާ ބުނެދީ..” ރީހާން ކެތްތެރިކަން ކުޑަވެފައި އަރޫންގެ ގިރުވާނުގައި ހިފާ ތަޅުވައިގަތެވެ.”ހަމަޖެހޭ.. ހީވަނީ ބީޗަށްހެން..” އަރޫން ހެމުން ޖަވާބު ދިނެވެ. އެވަގުތު އޭނާގެ މަންމަ ގޮވަން ފެށުމުން އެބަ އަންނަމޭ ކިޔާފައި އެތެރެއަށް ވަނެވެ. އެ ބީޗް އޮންނަނީ ގެއާއި މާ ދުރުނޫން ހިސާބެއްގައި ކަމުން ރީހާން އަރޫންގެ ސައިކަލަށް އަރައިގެން އެލީޒާ ގޮވައިގެން މިސްރާބު ޖަހައިފިއެވެ. ދެތިން މިނެޓް ނުވަނީސް އެހިސާބަށް ދެވިއްޖެއެވެ. ފުދޭވަރަކަށް މީހުން އުޅޭތީ ރީހާންމެންނަށް އުނދަގޫވިއެވެ. އެކަމަކުވެސް ވަށައިގެން ދެމީހުންވެސް ހޯދީ ރީޝަމް ފެނޭތޯއެވެ.
“އިޒް ދެޓް ހަރ ރީހޫ..” ކުއްލިއަކަށް ރީހާންގެ އަތުގައި އެލީޒާ ވިކައިގަތެވެ. ރީހާން ކުއްލިއަކަށް ބަލައިލީ އެލީޒާ ބުނި ދިމާއަށެވެ. އެވަގުތު ރީހާންއަށް ހީވީ ބޮލުން ބޮޑު ބަރެއް ނެގިހެންނެވެ. ކިޔާން އާއި ރީޝަމް ދުރުދުރުގައި ތިބި އިރު މެދުގައި ލޯބި ލޯބި ހަތަރު ފަސް ވަރަކަށް އަހަރުގެ ކުޑަ ކުއްޖެއް އިނެވެ.”އޯހ މައި ލޯރޑް..” ރީހާން އުފާވީ ވަކި ވަރަކަށް ނޫނެވެ. އޭނާގެ ކުޑަ ކުޑަ ކޮއްކޮ ބޮޑުވެއްޖެ ކަމުގެ އިހުސާސް ކުރެވުމުން ދެރަވެސް ވިއެވެ. އެކަމަކު ވެފައިވާ އުފާ އެއްވަރު ދެގުނަ ބޮޑެވެ.”އެލީ އަހަންނަކަށް ނުކެރޭނެ ދާކަށް..” ރީހާން ޖެހިލުންވެފައި ބުންޏެވެ.”މަންމަ އެހެން މީހަކާ މެރީ ކުރީބާ އަނެއްކާ؟ ނޫނީ އެއީ ލިހުވާންގެ ދަރިއެއްތަ؟..” ރީހާން އަމިއްލަ ނަފްސާއި ސުވާލު ކޮށްލެވުނެވެ.
ރީހާން އާއި އެލީޒާ ތިބީ ވެސް ރީޝަމްމެންގެ ފަހަތުގައި ތިބި ބައެއްގެ ކައިރީގައެވެ. ކުއްލިއަކަށް އެ ލޯބި ކުޑަކުއްޖާ އެނބުރި ބަލާލީ ގޮތުން ރީހާންގެ ހިތް ހީވީ ހުއްޓުނު ހެންނެވެ. ޔަޤީނެވެ. ރީޝަމް އެއޮތީ އެކުއްޖާ ކައިރީގައި ރީހާންގެ ފޮޓޯ ދައްކާ އެއީ ދޮންބެ ކަމަށް ބުނެދީފައެވެ.”ދޮންތީ އެކޮޅަށް ދަނީ އިނގޭ.. ދޮންތިބެ ދޮންތި ރަނގަޅަށް ބަލާތި އޯރ މާހީ ދޮންތިބެއަށް އަދަބު ދޭނަން!..” ރާޅުތަކާއި ދިމާއަށް ދަމުން މާހީ ބުނި އަޑު ރީހާންގެ އިތުރުން އެލީޒާއަށް ވެސް އިވުނެވެ.”އޯވވނ.. ހާދަ ކިއުޓް އޭ.. މާހީ ދޯ ކިޔަނީ؟ މާހީ ހާދަ ލޯބިވެއޭ ދޮންތި ދެކެ..” އެލީޒާ އުފާވެރި އަޑަކުން ރީހާން ކައިރީގައި އެހިއެވެ.”މާހީ..” ރީހާން ކިޔާލިއެވެ. ލޯބި ނަމެކެވެ.
މާހީ ދިޔަ ވަގުތު ރީޝަމް އާއި ކިޔާން ދުރަށް ޖެހިލި މަންޒަރު ދެމީހުންގެ ލޮލަށް ފެނުނެވެ. ރީޝަމް ސިއްރު ސިއްރުން ކިޔާންއަށް ބަލާލި މަންޒަރު ވެސް ފެނުނެވެ. ރީޝަމް ބެލިޔަސް ކިޔާން އިނީ ދުރު ބަލަހައްޓައިގެންނެވެ.”ރީޝަމް..” އިރުކޮޅެއްފަހުން ރީހާން ދެމީހުންނަށް ބަލާލީ ކިޔާން ގޮވާލި އަޑަށެވެ.”އަހަރެން އަސްލު އުޅުނީ އެމީހުން ކައިރިން ދުރަށް ދެވުމުން އަހަރެން ވެސް މާއިލް ކައިރިއަށް ދާންވެގެން.. މާހީ އެހާ އުފަލުން ހުރީމަ ނުކެރުނީ ދާން.. މިހާ ގިނަ މީހުންގެ ކުރިމަތީގަ ނުވާނެ ދޯ އެހެން ހަދާކަށް ވެސް..” ކިޔާންގެ އަސަރެއް ނެތް އަޑުން ރީހާން ހިތްހަމަ ނުޖެހުނެވެ. އެހެން އިން ވަގުތު ރީޝަމްގެ ދެލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އެލީޒާއަށް ފެނުނެވެ.”ރީހު ލުކް.. ރީޝަމް ރޮނީ..” އެލީޒާ ދެރަވެފައި ބުންޏެވެ.
ކިޔާން އާއި މެދު ރީހާންގެ ހިތުގައި ފޫހިކަން އުފެދުނެވެ. ކޮއްކޮ އެ ރޮނީ ކިޔާން އާއި ހެދިކަން އިނގުމުންނެވެ. މައްސަލައެއް އޮތަސް ހައްލު ކުރުމަކީ އޮންނަ ކަމެކެވެ.”ތިހެން ރޯތަން މީހަކަށް ފެނިއްޖެއްޔާ މާއިލްގެ ކަންފަތާއި ހަމައަށް ފޯރާނެ.. އޭރުން ހުރިހާ ރޯޅިއެއް އޮންނާނީ މަށަށް..” ކިޔާން ހިތަށް ވަމުން ދިޔަ ތަދު ފޮރުވާލަމުން ބުންޏެވެ.”މާހީ ހިނގާ ދޯ ދާން.. މަންމަ ރުޅި އަންނާނެ އެހާ ލަހުން ދަންޏާ.. ދޮންތިބެ ވެސް ބިޒީ ވާނެ..” ކިޔާން ވާހަކަ ދެއްކުމުން ކަރުނަތައް ފުހެލާފައި ރީޝަމް މާހީ އާއި ވާހަކަ ދެއްކިއެވެ. ދެކޮޅު ހަދާފައި މާހީ ބުނީ ދޮންތި މިސްވާނެ ކަމަށެވެ. ކިޔާން އާއި ދެމީހުން ކޮންމެވެސް އެއްޗެކޭ ކިޔުމުން މާހީ ކުޑަކޮށް ބޮޑާހާކާލައިފައި ދިޔައެވެ.
އަނބުރާ އަރޫން މެންގެއަށް ދިޔައިރު އަރޫން އިނީ ފޫހިވެފައެވެ.”މަ އެތެރެއަށް ވަތް ގަޑި ބަލާފަ ބެޗީ ދޯ.. ނުވިތާކަށް މަގޭ ސައިކަލް ވެސް ހިފައިގެން..” އަރޫން ސަމާސާ ކޮށްލިއެވެ.”ރީޝަމް އާއި ބެހޭގޮތުން އިތުރު އެއްޗެއް އިނގޭތަ؟..” ރީހާން ހުރީ މާ ސީރިއަސް ވެފައެވެ.”ނޫން ނޭނގެ..” އަރޫން ވެސް ސީރިއަސް ވެލައިފިއެވެ.”ހޯދޭނެތަ؟..” ހާސްވެފައި ރީހާން އެހިއެވެ.”މްމްމް.. ވެދާނެ.. ރީޝަމްގެ ވަރަށް ގާތް އެކުވެރިއެއް އެއީ ލައުރާ.. މަގޭ ވެސް ފްރެންޑެއް.. އަހާލެވިދާނެ..” އަރޫން ވިސްނާލިއެވެ.”މިގަޑީގަ އެހިދާނެތަ؟.” ރީހާން އަރޫންގެ ކައިރީގައި އިށީނެވެ. ހޫމް ލައްވަމުން އަރޫން ލައުރާއަށް ގުޅީ ސްޕީކަރ އަށް ލާފައެވެ.
“ކީކޭ އަރޫ؟..” ފޯނު ނެގި ގޮތަށް ލައުރާ އެހިއެވެ.”އެއްޗެކޭ ހީ ނުކުރާތި އިނގޭ އަނެއްކާ.. ރީޝް އާ ބެހޭ ކުޑަ އިންފޯއެއް ލިބިދާނެތަ.. އޯކޭ ވިއްޔާ ލައުއަށް އިނގޭ މިންވަރެއް ބުނެދޭންވީ އިނގޭ..” އަރޫން ބުންޏެވެ.”ހޫމް.. ސޯ މަށާ ރީޝް އާ ފްރެންޑް ވީ ކޮލެޖުން.. އަނެއްހެން މާ ބޮޑަކަށް ނޭނގޭ.. ކޮލެޖުން ކެނޑުން ފަހުން މީޓް ނުވަން ވަރަށް.. ފޯނުން ވާހަކަ ދެއްކެނީ.. ރީތި ހަޒްބެންޑްއެއް ލިބުނީމަ ބިޒީ ވާނެތާ..” ފަހު ޖުމްލަ ލައުރާ ބުނީ ލާނެއް ކޮންނެވެ. “އެމީހުންގެ ކައިވެންޏާ ގުޅޭ އެއްޗެއް އިނގޭތަ؟..” އަރޫން އަށް ވެސް ހެވުނެވެ.”ނޯޕް.. ހަމަ ކުއްލިއަކަށް ހުރެފަ މެރީ ކުރަން އުޅުނީ ވެސް.. މާއިލް ޕްލޭން ކުރީ ހުރިހާ ކަމެއް.. މެރީ ކުރާ ދެމީހުންތިބީ ގެއިން ނުނިކުންނަ ބަލި ޖެހިފަ ކަންނޭނގެ..އިތުރު އެއްޗެއް ނޭނގެ.. ކުރީގެ ލައިފް އާ ބެހޭ ގޮތުން ވާހަކަ ނުދައްކާ ވަރަށް.. މިހާރުގެ ވާހަކަތައް ޝެއަރ ކުރަނީ..” ލައުރާ ބުންޏެވެ.
“އޯހ ޝުކުރިއްޔާ އިނގޭ މަޢުލޫމާތަށް.. ފަހުން ހަބަރެއް ވާނަން..” އަރޫން ބުންޏެވެ. އޯކޭ ބުނެފައި ލައުރާ ކޯލް ނިންމާލިއެވެ.”ވާއު..” އެލީޒާއަށް ބުނެވުނެވެ.”ހޯދިދާނެތަ އިތުރު އެއްޗެއް..” ރީހާން ހުރީ ކެތްތެރިކަން ކުޑަ ވެފައެވެ.”އޭނަ ވަރަށް ފޮރުވައިގެން ގެންގުޅެނީ.. މަޢުލޫމާތު އެއްކުރަން އުޅުނީމޭ އެކަމް އެގޮލާ ޕޭރެންޓު ވަރަށް ސްޓްރިކްޓް ކަމަށް ވަނީ.. މާ ބޮޑަށް ލޯބިވަނީ އޯ..އެހެންވެ ކަމެއް ނުވެގެން މިއުޅެނީ..މިހާ ސަޅި ބިޓެއް ލިބޭ އިރުވެސް ކީއްކުރަން ރީޝަމް ފަހަތުން ތިއުޅެނީ..” އަރޫން ޗޮކެއް ކަނޑާލި އެވެ.”ރީޝަމް ދެކެ އިޝްގީ ލޯބި ވެގެނެއް ނޫނޭ މޮޔަޔާ.. މީ މަގޭ ބެސްޓް ފްރެންޑް.. އަރޫން ވެސް ދައްކާ ވާހަކަ..” ރީހާން ދެފަރާތަށް ބޯ ހޫރާލިއެވެ.
އެރޭ އުޅެ އުޅެ ވެސް ރީހާންއަކަށް ނުނިދުނެވެ. ކިޔާން އާއި ކައިވެނި ކޮށްގެން ރީޝަމް އުފަލުގައި ނެތީ ކީއްވެ ހެއްޔެވެ؟ މާހީ އަކީ ރޭޝްމާގެ ދަރިއެއް ހެއްޔެވެ؟ އެމީހުން ދިރިއުޅުން މިރަށަށް ބަދަލު ކުރީ ކިޔާން އާއި ކައިވެނި ކުރަން ހެއްޔެވެ؟ ރީޝަމް ކިޔާން ދެކެ ލޯބިވޭ ހެއްޔެވެ؟ ނޫނީ ކިޔާން ރީޝަމްއަށް އަނިޔާ ކުރަނީ ބާއެވެ؟ އެކަމަކު އެއީ ކީއްވެ ހެއްޔެވެ؟ އަރޫން ބުނި ގޮތުންނަމަ ރޭޝްމާ މާ ހަރުކައްޓެވެ. އެކަމަކުވެސް ލޯބިވެއެވެ. އެހެން ވިއްޔާ ކިޔާން ކަހަލަ އަނިޔާ ކުރާ މީހެއްގެ ތެރެއަށް ރީޝަމް ދޫކޮށްލާނެ ސަބަބެއް ނެތެވެ. ރީޝަމް ރޮނީ އެހެން ކަމެއް ވީމަ ކަމަށް ވެދާނެއެވެ.
ރީހާން އަށް އެރަށުގައި އުޅެވުނީ ވަރަށް އުނދަގުލުންނެވެ. ގިނަދުވަހު ބެރު ގައުމެއްގައި އުޅެފައި އައުމުން ކަންނޭނގެއެވެ. އެހާ ހޫނުވެއެވެ. އަމިއްލަ ކާރު ގަނޑު ވެސް އާދެވުނީ ބާއްވާފައެވެ. އެތަނުން ލިބޭ ކަހަލަ ކެއުންތައް ވެސް އެރަށުގައި ނެތެވެ. މާލޭގައި އެކަހަލަ ގިނަ ކޮމްޕެނީ ތަކުގެ ބްރާންޗްތައް އޮންނަކަން އިނގެއެވެ. އެކަމަކުވެސް މި އައީ މާލެއަކަށް ނޫން ވިއްޔާއެވެ.
ގިނަ ވަގުތު ކިޔާން އަށް ފާރަލައިގެން އެދެމީހުން ދިރިއުޅޭގެ ރީހާން ހޯދައިފިއެވެ. ބައެއް ދުވަސް ދުވަހު ހަވީރު މާހީ އާއި ކިޔާން އަދި ރީޝަމް ހިނގާލަން ދެއެވެ. އެންމެ ގިނައިން ފާހަގަވަނީ ކިޔާން ރީޝަމް އާއި މެދު ބަހައްޓާ ދުރުމިނެވެ. މައްސަލައެއް އުފެދިގެން އުޅޭ ނަމަ ހައްލު ކުރަން މަސައްކަތް ނުކުރަނީ ބާއޭ ކިތަންމެ ފަހަރަކު އެލީޒާ އާއި ރީހާންގެ ހިތަށް އެރިއެވެ. އަރޫން އާއި ވާހަކަ ދައްކައިގެން ހޯދުނު އެއްޗެހި ގިނަ ނޫނަސް އެވަރުން ފުދޭވަރެއް ވެއެވެ.ކިޔާން އެންމެ ގިނައިން ދަނީ އޭނާގެ އެކުވެރިއެއް ކަމަށްވާ މާއިލްގެ ގެއަށެވެ. ރީހާން އެމީހުންނަށް ވެސް ފާރަލިއެވެ.
★★★
އެދުވަހު ހެނދުނު ކިޔާން ބޭރަށް ނިކުތީ ރީޝަމް ހޭލަން ވާއިރަށް ޖިމް އަށް ދެވޭތޯއެވެ. ފަހަކަށްއައިސް އެއީ ކިޔާންގެ އާދައެވެ. ހެނދުނާއި ރޭގަނޑު ތިރީސް ނޫނީ ވިހި ވަރަކަށް މިނެޓް ވަންދެން ޖިމް އަށް ގޮސް ކަސްރަތު ކުރަނީ ކުރާނެ އިތުރު ކަމެއް ނޭންގިގެންނެވެ. ދަމުން ފިހާރައަކަށް ވަދެ ފިނި ފެންފުޅިއެއް ގަނެލައިގެން ކިޔާންއަށް ނިކުމެވުނީ ޒުވާނެއްގެ ކުރިމައްޗަށެވެ. އޭނަ އެހުރީ ކިޔާންގެ އިންތިޒާރުގައި ކަހަލައެވެ. ދެ އަތް އުރާލައިގެން ހުރެ އެ ޒުވާނާ ކިޔާން އާއި ދިމާއަށް ފިޔަވަޅެއް އަޅާލިއެވެ. ކިޔާންއަށް ހުރެވުނީ ދެބުމަ ކައިރިކޮށްލައިގެންނެވެ. އޭނާ ބަލަހައްޓައިގެން ހުރި ގޮތުން ކިޔާން ފާޑަކަށް ޖެހިލުން ވެސް ވިއެވެ.
“އަހަންނަށް އިނގޭ ކިޔާން ރީޝަމް އާއި ކައިވެނި ކޮށްގެން އުޅުނަސް ތި އުޅެނީ ލޯބިން ނޫންކަން.. ރަށު އެންމެންނަށް ސިއްރު ކުރިޔަސް އިނގޭ.. ފެނޭ ކިޔާން އާއި ހެދި ރީޝަމް ރޯން އިންނަ ވަރު.. ފުރަތަމަ ބައްދަލުވުން ވީމަ ހަރުކަށި ވާކަށް ބޭނުމެއް ނޫން އެކަމަކު ރީޝަމް ދެރަ ނުކުރާތި!..” ކިޔާން އާއި އެއް ފޫޓު ދުރުގައި ހުއްޓުމުން އޭނާ ބުންޏެވެ.”ކާކު ބުނީ ތިހެން؟..” ކިޔާން ހާސްވީ އެހުރިހާ އެއްޗެއް މި ނުދަންނަ މީހާއަށް އިނގުމުންނެވެ.”އަހަރެން އަމިއްލައަށް ހޯދީ..” އޭނާ ފަހަތަށް އެނބުރި ދާން ހިނގައިގަތުމުން ކިޔާންއަށް އޭނާގެ ކޮނޑުގައި ހިފާ ހުއްޓުވާލިއެވެ.”އަހަންނަކަށް ނޭނގެ ތީ ކާކު ކަމެއް..” އޭނާގެ ނަން އިނގެން ކިޔާން ބޭނުންވިއެވެ.”އިނގޭކަށް ނުޖެހޭ ކަންނޭނގެ ދޯ؟..” އޭނާ ބުންޏެވެ.”ނަން އެކަނި ކަމަކު ބުނެވިދާނެތަ؟..” ކިޔާން ހުރީ އިނގެން ބޭނުންވެފައެވެ.
“ރީހާން..” ނަން އެކަނި ބުނެފައި ރީހާން ހިނގައިގަތީ ދާންށެވެ. އިތުރު ސުވާލެއް ކުރިމަތި ވެދާނެތީ ކަންނޭނގެއެވެ.”ރީހާން؟..” މަޑުމަޑުން ކިޔާން ފާޑަކަށް ބުންޏެވެ. ޖިމަށް ގޮސް ނިމިގެން އައި އިރުވެސް ކިޔާންގެ ސިކުނޑީގައި ވަނީ ރީހާން ދެއްކި ވާހަކަތަކެވެ. ރީޝަމްގެ ކައިރީގައި އެހުމުން ފަހަރެއްގާ އިނގިދާނެ ކަމަށް ހީކޮށްގެން ކިޔާން ހިނގުން އަވަސް ކޮށްލިއެވެ. ގެއާއި ހިސާބަށް ފޯރި އިރު ކިޔާންގެ މޫނުމަތީގައި ދާތިކިތައް ވިދަން ހުއްޓެވެ. އެތެރެއަށް ވަދެ ބަލާލި އިރު ރީޝަމް އިނީ ކާންށެވެ. އަހަން ވިސްނާލާފައި ވެސް ކިޔާން ފެންވަރައިގެން އައިސް އަހަން ލަސްކޮށްލީ ދިގު ޖަވާބަކަށް ވެދާނެތީއެވެ. އެހެން ވެއްޖެ ނަމަ ރީޝަމްގެ ކެއުން ޚަރާބު ވެދާނެއެވެ.
ފެންވަރައިގެން ނިކުތް އިރު ރީޝަމް އިނީ އެނދުމަތީގައި އިށީނދެލައިގެންނެވެ. ރީޝަމް އަށް ރޭގައި ހުވަފެނެއް ފެނިގެން ނިދީގައި ވާހަކަ ދެއްކިއްޖެކަން ހީވެގެން ނޭނގޭތީ އެވެ.”ރީޝަމް..” ޚިޔާލަކަށް ގެއްލިފައި އިން ރީޝަމް ސިހުނީ ކިޔާން އައިސް ރީޝަމްގެ ކައިރީގައި އިށީނުމުންނެވެ. އިސްއުފުލާ ބަލާލި އިރު ކިޔާން އިނީ ދުރު ބަލަހައްޓައިގެންނެވެ.”ރީހާން ކިޔާ މީހަކު އިނގޭދޯ؟..” ކިޔާން އެހި ސުވާލުން ރީޝަމް ހުއްޓުން އެރިއެވެ.”ނޭނގެ..” ޖަވާބު ދީފައި ރީޝަމް އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ. ބުނަން ބޭނުން ނުވަނީކަމަށް ކިޔާން ހީކުރިއެވެ.”އޯކޭ..”ކިޔާން ދެން ނިންމީ އާނިޔާ ކައިރީ އަހަންށެވެ.
ކިޔާން އާނިޔާ މެންގެ ދޮރުމައްޗަށް ހުއްޓި ސަލާމް ގޮވާލިއެވެ. ވަގުތުން އާނިޔާ ސަލާމް ބަލައިގަތެވެ.”ދައްތާ ސުވާލެއް އަހާލަންވެގެން މި އައީ.. އެންމެ ރަނގަޅުތަ އެހިޔަސް؟..ރީޝަމް ކައިރީ އަހައިގެން ނުބުނި..” ކިޔާން ހުއްދަ ހޯދިއެވެ. އާނިޔާ ދެބުމަ ކައިރިވިއެވެ.”ހޫމް އަހާބަލަ..” ކެތްތެރިކަމާއި އެކު އާނިޔާ އެހިއެވެ.”ދައްތައަށް އިނގޭތަ ރީހާން ކިޔާ ކުއްޖެއް؟..” ކިޔާން އެހި ސުވާލުން އާނިޔާއަށް ފުންމައިގެން ތެދުވެވުނެވެ.”ކިޔާން! ރީޝަމް ބުނީ ކީކޭ؟!؟!..” އާނިޔާގެ އަޑު ބާރުވިއެވެ. ދެލޯ ބޮޑުވެފައި ކިޔާން ބަލާލިއެވެ.”ނޭނގެއޭ ބުނީ.. ހީވަނީ ބުނަން ބޭނުން ނުވަނީހެން..” ހާސްކަން ފޮރުވާލަމުން ކިޔާން ޖަވާބު ދިނެވެ. އާނިޔާއަށް ފުން ނޭވާއެއް ލެވުނެވެ.
– ނުނިމޭ –
ސަލާމް ކިއުންތެރިން
ކުޑަ ދުވަސްކޮޅަކަށް އަޕްލޯޑް ކުރުން ލާސްވީތީ މަޢާފަށް އެދެން. އަދި ކުރިން ޕާރޓް ތަކަށް ކޮށްފަ ހުރި ކޮމެންޓްސް އަށް ރިޕްލައި ނުކުރެވުނީތީ ވެސް މަޢާފަށް އެދެން. ރިޕްލައި ވަކިން ނުދެވުނަސް ވަރަށް ބޮޑަށް ޝުކުރިއްޔާ، އަޅުގަނޑު އެހުރިހާ ކޮމެންޓެއް ކިޔާލާފިން.
އިން ޝާ ﷲ މިއަދުން ފަށައިގެން ޤަވާއިދުން ކޮންމެ ޕާރޓެއް ލިޔެފަ ސަބްމިޓް ކޮށްލެވޭތޯ ބަލާނަން.
ޓޭކް ކެއަރ ރީޑަރސް 33>
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


