ތި ލޯބި-11
ގޭ ޖޯލިފަތީގައި އަހަރެން އިށީނދެލައިގެން އިނީ އަނީމްގެ ފޯނަކަށެވެ. މާގިނަ އިރުތަކެއް ނުވެ މޫސުން ބަދަލުވާން ފެށިއެވެ. އަހަރެންގެ ހިތް ނުތަނަވާސް ވެގެން ދިޔައީ އަނީމްގެ ޚަބަރެއް އަދިވެސް ނުވާތީއެވެ. އެހެން ހުއްޓާ މަޢްރިބް ނަމާދުގެ ބަންގީގެ އަޑުން މުޅި ހިސާބުގަނޑުގެ ހިމޭންކަން ނައްތާލިއެވެ. އެ ވަގުތުވީ އަހަރެންގެ ފޯނުވެސް ރިންގުވި ވަގުތަށެވެ. ހިތުގެ ވިންދު އަވަސް ވެގެން ދިޔައީ އިންތިހާ ދަރަޖައަށެވެ. ފޯނު ނަގާ ބަލައިލީމެވެ. ފޯނަށް ގުޅަމުން ދަނީ ނުދަންނަ ނަމްބަރަކުންނެވެ. “ހަލޯ” އަހަރެން ފޯނު ނަގާ ޖަވާބު ދާރީވީމެވެ. ހަމަ އެއާއެކު އެކޮޅުންވެސް “ހަލޯ” އޭ ބުނެލިއެވެ. އެ ވާހަކަ ދައްކާ އަޑު އަހަރެންގެ ކަންފަތް އަހަރެންގެ ހިތަށް ބުނެދިން ކަހަލައެވެ. އަހަރެންނަށް އެއީ ކާކުކަން އެނގިއްޖެއެވެ. “އަނީމް… ކީއްވެ ލަސްވީ؟ ތިކަހަލަ ސަމާސާ ކުރާކަށް ނުވާނެ އޭނުން ދެން…” އެމީހަކީ އަނީމް ކަން ޔަގީންވެސް ނުކޮށް އަހަރެން، އަހަރެންގެ ހިތަށް އިތުބާރުކޮށް އަހަރެންގެ އިހުސާސްތައް ދޫކޮށްލެވުނީ ވޭނާއި އެކުގައެވެ. އެހާވެސް އަހަރެންގެ ހިތަށް އުނދަގޫވެގެން ދިޔައެވެ. “ސޮރީ ޝައީ… ހިއެއް ނުކުރަން ތިވަރު ވާނެ ކަމަކަށް.. އަސްލު ވީ ގޮތަކީ ކަނޑު ގަދަވާން ފެށިމަ ކައިރީގައި އޮތް ރަށަކަށް ބަނދަރު ކުރީ… ގޮއްސަ ގުޅަންވެގެން ބެލިއިރު ފޯނު އޮތީ ނިވިފަ، އެހެންވެ ރަށަށް ގޮއްސަ ގުޅަން ހުރީ.. ދެން އެހެން ނުހަދާނަމޭ…. ހުރިހާ ކަމެއްވެެސް އޯކޭ އޭ.. ދެނަ ހަމަ ޖެހިލަބަލަ ޕްލީޒް” އަނީމް ބުނެލިއެވެ. އާއެކެވެ. އަހަރެންގެ ހިތް އަހަރެންނަށް އޮޅުވައެއް ނުލިއެވެ. އެއީ ހަމަ އަނީމެވެ. އަލްޙަމްދުﷲ، އަނީމް ހުރީ އަނީމްގެ ރަށުގައިކަން އެނގުމުން ހިތާ ހިތުން ޝުކުރު ކޮށްލެވުނެވެ. ނަމާދު ނުކޮށް ހުރުމުން އަހަރެން ނަމާދަށް ދިއުމަށް އަހަރެން ފަހުން އަނީމަށް ގުޅާނަން ކަމަށްބުނެ ފޯނު ކަނޑާޅުމަށްފަހު އަހަރެން ދިޔައީ ނަމާދަށް އަރާށެވެ.
ނަމާދުކޮށްގެން އަހަރެން އަނީމަށް ގުޅާލީ މާދަމާގެ ދަތުރަށް އަހަރެން ފޮށި ތައްޔާރުކުރާ ވާހަކަ ބުނުމަށެވެ. “އަނީމް، އެހެންވެ މިރޭ ތަންކޮޅެއް ލަހުން ކަންނޭނގެ ވާހަކަ ދެއްކޭނީ… ސޮރީ” އަހަރެން އަނީމަށް ގުޅައިގެން ހުރެ ދެރަވެފައި އެހެން ބުނެލުމުން އަނީމް “އެންމެ ރަނގަޅު” އޭ ބުނެ ފޯނު ކަނޑާލިއެވެ. އަހަރެން ވަރަށް ހަނދާން ކޮށްގެން ބޭނުންވާ ހުރިހާ ތަކެއްޗެއް ފޮށްޓަށް އަޅާ ފޮށި ބަރު ކުރީމެވެ. އަދި ދަތުރުގެ ފޮށި ތައްޔާރުކޮށް ނިމުމުން އަހަރެން މާދަން ފުރާއިރުން ލާނެ ހެދުމެއް ހޯދާލީމެވެ. އަހަރެންގެ ލޮލުގައި އަޅައިގަތީ އަހަރެންގެ އަލަމާރީގައި އިން އަހަރެންގެ ރަތްކަން ގަދަ ދިގު ހެދުމެވެ. އެ ހެދުން އިސްތިރި ކުރަން ފެށުމުގެ ކުރިން އަނީމަށް ގުޅީމެވެ. އަދި އެ ހެދުމާއެކު އަޅާ ކުރީމް ކުލައިގެ ޝޯލް ނެގީމެވެ. ހެދުމާއި ޝޯލް އިސްތިރި ކުރުމައިގެން ކުރިއަށް ދިޔައީ އަނީމަށް ވާހަކަ ދައްކަމުންނެވެ. އަނީމް އަހަރެންނަށް އެތަށް ފަހަރެއްގެ މަތިން ނަސޭހަތް ދެމުން ދިޔައެވެ. ލޯބީގެ ގޮތުންނާ އަދި ޚާއްސަކޮށް ކިޔެވުމާ ގުޅޭގޮތުންނެވެ. އަހަރެން ކިޔަވަގެން ޑަކުޓަރަކަށް ވުމަކީ މިހާރު އަނީމްގެ ވެސް ހުވަފެނެކެވެ. އަހަރެންނަށް ރޮވުނެވެ. ނަމަވެސް ލޮލުން އަންނަނީ އުފާވެރި ކަމުގެ ކަރުނައެވެ. އާއެކެވެ. އަނީމް އަހަރެން ދެކެވާ ލޯބި އެނގި ހާމަވެގެން ދާތީއެވެ. ލޯބީގެ އެކި މާތަށް ފޮޅުވުމަށްފަހު އަހަރެމެން ފޯނު ބޭއްވީ ނުދުމަށެވެ. އަހަރެން އެއްޗިހި ބަދަލުކޮށްގެން އޮށޯވެފަ މާގިނަ އިރުތަކެއް ނުވަނީސް އަހަރެންނަށް ނިދުނެވެ.
ފަތިހު 4 ޖަހަނިކޮށް އަހަރެން ހޭލީމެވެ. އަދި ފޮށްޓަށް ނުލެވިހުރީ ކޮއްޗިއްސެއްތޯ އަހަރެން ބަލާ ޔަގީން ކޮށްލީމެވެ. އަހަރެން ފެން ވަރަން ވަނީމެވެ. އަދި ވަރަށް އަވަހަށް ތައްޔާރުވެލީމެވެ. އަނީމަށް ވަގުތުކޮޅެއް ދިނުމަށްޓަކައެވެ. “ސައިކޯ… ހޯދަން އަހިއްސަ އެބަހުރި.. ވަރަށް އަވަހަށް ނުކުމެބަލަ!” އަހަރެން ޝޯލް އަޅަން ހުއްޓާ މައީ އަހަރެންނަށް ބުނެލިއެވެ. އަހަރެން ބޮލުން އާއެކޭ ބުނެ އަވަސް ކޮށްލީމެވެ.
ބޭރަށް ނުކުތް ނުކުތް ވަގުތު އަހަރެންގެ ރައްޓެހިން އަހަރެންނާއެކީ ބަނދަރަށް އަހަރެން ފުރުވާލުމަށް އަހިސް ހުއްޓެވެ. އަހަރެންނަށް އުފަލުންގޮސް ކަރުނައެޅުނެވެ. އެންމެން އެއްކޮށް އަތިރިއަށް ދިއުމަށް މިސްރާބުޖެހީ 05:30 ވެ ބޮޑުވީމައެވެ. އަނީމަށް ވަގުތު ކޮޅެއް ނުދެވުމުން އަހަރެންގެ ހިތަށް އުނދަގޫވެގެން ދިޔައެވެ. ވަގުތު ނުދެވުމުން އަހަރެން ނިންމީ މެސެޖަކުން މަޢާފަށް އެދި ފުރަން ބަނދަރަށް ދާވަހަކަ ބުނުމަށެވެ. އަހަރެންގެ އާއިލާ އެންމެނާއި އެކުވެރިން އަހަރެންގެ ދަތުރަށް ފޮނުވާދިނުމަށް އަހިސް ތިއްބެވެ. އަހަރެން އެ އެންމެނަށް ސަލާން ގަލާން ކުރުމަށްފަހު ލާންޗަށް އަރަން ދިޔައީމެވެ. އަހަރެން ބޭނުންވި ސޫރައެއް އަހަރެންނަކަށް ނުފެނެއެވެ. އަހަރެންނަށް އެ ސޫރަ ނުފެންނާނެކަން އެނގި ހުރެ ނަމަވެސް އަހަރެންގެ ހިތަށް ޝާކުވާ ކުރެވެމުން ދިޔައެވެ. އަހަރެން ލާންޗަށް އެރުމަށްފަހު ހަމަޖެހިލީމެވެ.
އަހަރެންގެ އުފަންރަށް ދޫކޮށް އަހަރެން މިދަނީ އަހަރެންގެ އުންމީދުތަށް އަހަރެންގެ އެންމެނަށްޓަކައި ނަމަވެސް ހާސިލްކުރާށެވެ. ލާންޗު، އޭގެ މަންޒިލަށް ބަނދަރު ކުރިއެވެ. އަހަރެން ލާންޗުން ފައިބައިގެން އަވަހަށް ޗެކް-އިން ވުމަށްއަވަސްވެގަތީމެވެ. ޗެކް-އިން ނިންމުމަށްފަހު އަހަރެން ނުކުތް ވަގުތު އަހަރެން ދިޔައީ ސިއްސައިގެންނެވެ. އުޑު ބޯމަށްޗަށް ވެއްޓެން އުޅޭފަދަ އިހުސާސެއް ކުރެވިގެން ދިޔައެވެ. އަހަރެން ދެކެން ބޭނުންވި ސޫރަހުރީ އަހަރެންގެ ކުރިމަތީގައެވެ. އާއެކެވެ. އަނީމް އެހުރީ އަހަރެން ފުރުވަން އެއާރޕޯޓަށް އަހިއްސައެވެ. އުފަލުންގޮސް އަހަރެންނަށް ވީގޮށްވެސް ވެސް ބުނެދޭން ދައްޗެވެ. އެހާވެސް އަހަރެން އުފާވިއެވެ. ހެނދުނު 6 ޖަހަނިކޮށް ހެނދުނުގެ ސައި އިންސާފުކުރީ ދެމީހުން އެކުގައެވެ. ހަނދާނަކަށް ފޮރުވުމަށް އެތަކެއް ފޮޓޮއެއް ނެގީމެވެ. 7 ޖަހާއިރު ފުލައިޓު ފުރާނެއެވެ. ވަގުތު ދިޔައީ ނުހަނު އަވަހަށް ކުޑަތަން ވަމުންނެވެ.
ފުރަން ވަންނަ ގަޑި ޖެހިއްޖެއެވެ. ބޭނުން ނުވި ނަމަވެސް ވަގުތު އަހިސް ޖެހިއްޖެއެވެ. އަނީމަށް ސަލާމްކޮށް އެކޮޅަށް ދެވުނުހާ އަވަހަަށް ވައިބަރުން މެސެޖު ކުރާނަމޭ ބުނެ ދިޔައީމެވެ. ދެމީހުންނަށް ރޮވުނެވެ. އެތަކެއް ލޯބީގެ ވައުދާ އަހުދެއް އުފަން ކުރި ތަން ދޫކޮށް އަހަރެން މިދަނީ އަހަރެންގެ ޒަވާޖީ ހަޔާތަށް ޓަކައެވެ. އަހަރެންގެ ދެން ކުރިއަށް އޮތް ހަޔާތަށް ޓަކައެވެ. މިއަދަކީ އުފަލުން ވެސް އަހަރެންނަށް އެންމެ ގިނައިން ރޮވުނު ދުވަހެވެ. އެހެން ގޮތުންވެސްމެއެވެ. ވާނީމެސް އެހެންތާއެވެ. އެންމެ ކުރިން ފެށިގެން އަހަރެންގެ ހުވަފެން ހާސިލް ވުމަށް މަގުފަހިވި ހިނދު އަހަރެން މިދާން ޖެހެނީ އަހަރެން އެންމެ ލޯބިވާ މީހުން މި ފަސްގަނޑަށް ދޫކޮށްލާފައެވެ. މީހުން އެ ކިޔަނީ ހަމަ ތެދެކެވެ. އެއްޗެއްގެ ނުވަތަ މީހެއްގެ މުހިންމުކަން އެނގޭނީ އެ އެއްޗެއް ނުވަތަ މީހެއް ގެއްލުނީމައެވެ. އަހަރެންނަކަށް ނުއެއް ގެއްލެއެވެ. ނަމަވެސް ގެއްލުން ފަދައެވެ. އެންމެން ދޫކޮށް އަހަރެން މިދަނީ އެތަށްހާސް މީޓަރު ދުރަށެވެ. މިފަދަ ދަނޑި ވަޅެއްގައި ދެރަ ނުވާނީ ކާކު ހެއްޔެވެ؟ އަހަރެންގެ މަންޒިލަށް ދަތުރު މި ފެށީއެވެ. “ބިސްމިއްލާޙް”
<ނުނިމޭ>
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Nice story