ވީމޭ އިންތިޒާރުގައި – 24
“ރީޝަމް ދިޔައީ ތި ގެއަށް ދޯ؟..” ކިޔާން އެހެން އެހުމުން އާނިޔާ ދެބުމަ ކައިރިވިއެވެ.”ހްމްމް.. ރުޅި އައިސްގެން؟..” އާނިޔާ އެހިއެވެ.”ނޫނޭ.. ހެހެ.. އޯކޭ ވާނެ ރީޝަމްގެ ޗޮއިސް އެއް އެއީ.. އަހަރެން މަޖުބޫރެއް ނުކުރާނަން އިނގޭ ގެއަށް ގެންނާކަށް.. ފަހަރެއްގާ ނާވަސް ވެސް ވެދާނެ..” ކިޔާންގެ އަޑުން އާނިޔާއަށް މާޔޫސްކަން ފާހަގަވިއެވެ. އިތުރު އެއްޗެއް ނުބުނެ ކިޔާން ފޯނު ކަނޑާލިއެވެ. މަޑުމަޑުން ހުރިހާކަމެއް ހަމައަކަށް އެޅޭނެކަމަށް ނިންމަމުން އާނިޔާ ކޮޓަރިއަށް ވަނެވެ. ކޮޓަރިއަށް ވަތް އިރު ހާނިމް ދައްކަން ފެށި ވާހަކަ އިވުމުން އަނިޔާއަށް މަޑުޖެހެވުނެވެ.
**24 ވަނަ ޕާޓު**
މާހީއޭ ކިޔައިގެން ކިޔަން ފެށުމުން އާނިޔާ ގާތަށް ރުޅި އައިސްގެން ގޮސް ހާނިމް އަތުގައި އޮތް ފޯނު ނަގާ ހޫރާލިއެވެ.”އޭރުވެސް އިނގެއޭ ހާނިމްގެ ނިޔަތް ރަނގަޅު ނުވާނެކަން!..” އާނިޔާގެ ހަރަކާތްތަކަށް ބަލަން ހުރެފައި ހާނިމް ވެސް ރުޅި އަތުވިއެވެ. އަތް އިސްކުރާ ހިސާބަށް ގޮސްގެން އަނިޔާ ވީ އާނިޔާ އަށެވެ.”އަހަރެން ނޫޅެން މާހީއަށް ދެރަގޮތެއް ހަދާކަށް..” ހާނިމްގެ ދުލުން އިވުނު ވާހަކަ ޤަބޫލު ނުކުރެވިފައި އާނިޔާ ބަލާލިއެވެ.”އޭރު އުޅުނަސް މިހާރު ނޫޅެން.. އެކަމަކު އަހަރެންގެ ހިތަކު އެކުއްޖާއަށް ލޯތްބެއް ނެތް..،” ހާނިމްގެ ވާހަކައިން އަންގަން ބޭނުންވީ އެތި ބުންޏެވެ. އާނިޔާ ހުއްޓުން އަރާފައި ހުރުމުން އިތުރު އެއްޗެއް ނުބުނެ ހާނިމް ނިކުމެގެން ދިޔައެވެ.
ހެނދުނު މާއިލް ކިޔާން މެންގެއަށް ދިޔައިރު ދޮރު ހުރީ ތަޅުލާފައެވެ. ވަރަކަށް ބެލް އެޅި އިރުވެސް ދޮރެއް ނުހުޅުވިއެވެ.”ރީޝް ވެސް ނިދަނީ ކަންނޭނގެ.. ކިޔާން އަށް ވިއްޔާ އެކުއްޖާ ވެސް ހަލާކު ކޮށްފި ކަންނޭނގެ..” މާއިލް އަމިއްލަ ނަފްސަށް ބުންޏެވެ. އެހެން ހިތަށް އެރުމުން ހިނި އައެވެ.”މާއިލް؟..” ކަންނެތް ގޮތަކަށް އައިސް ކިޔާން ދޮރު ހުޅުވާލިއެވެ.”ހޫމް.. އަދިވެސް ނިދަނީ ދޯ..” މާއިލް ވަތް ގޮތަށް އެހިއެވެ.”ރީޝަމް ކޮބާ؟..” ރީޝަމް ނުފެނުމުން މާއިލް ދެބުމަ ކައިރި ކޮށްލިއެވެ.”ގޭގަ..” ކިޔާން ފަރުވާކުޑަ ރާގަކަށް ބުންޏެވެ. ހިތްހަމަ ނުޖެހިފައި މާއިލް ދެލޯ އަޅާލިއެވެ.”ކީއްވެ؟ ގެނޭ މިގެއަށް.. މި ދަނީ އޭނަ ބަލާ..” މާއިލް ކިޔާންގެ ޖަވާބަކަށް ވިސްނުމެއް ނެތި ގެއިން ނުކުމެގެން ދިޔައެވެ.”ޝިޓް..” އަމިއްލަ ނިތްމަތީގައި ކިޔާން ޖަހާލިއެވެ.
“ހައި ދައްތާ. މި އައީ ރީޝް ބަލާ ކިޔާން މެންގެއަށް ދާން..” ގެއަށް ވަތް ތަނުން އާނިޔާ ފެނުމުން މާއިލް ހީނލިއެވެ.”އެހެންތަ. ނުވެސް ބުނެ މިއަދު ދާ ވާހަކައެއް..” ހިނިތުންވެގެން ހުރެ އާނިޔާ ރީޝަމްގެ ކޮޓަރިއަށް ވަނެވެ. ބަންޑުން އޮށޯވެ އޮތް ރީޝަމް ބޯ ހިއްލާލިއެވެ.”އަދިވެސް އޮންނަނީތަ.. މާއިލް އައިސްގެން އެބަ ހުރި..” ރީޝަމްގެ އަންނައުނުތައް އަޅާފައި ހުރި ލަގެޖް ގައި ހިފާފައި ރީޝަމްއަށް އާނިޔާ ބަލާލިއެވެ.”ކިޔާން މެންގެއަށް ދާން.. ޔަގީންވިއްޔާ ކިޔާން ފޮނުވައިގެން މާއިލް އެ އައީ..” އާނިޔާ ބުންޏެވެ. ދެލޯ ބޮޑުކޮށްލާފައި ރީޝަމް ތެދުވީ ގަބޫލު ނުކުރެވިފައެވެ.
“ހިނގާ ރީޝް..” އާނިޔާ ފަހަތުން ރީޝަމް ނިކުތް އިރު މާއިލް ހުރީ އިންތިޒާރުގައެވެ. މާއިލް ހިނގައިގަތުމުން ވެސް ރީޝަމް ހުރީ ގުޑިވެސް ނުލައެވެ. ކިޔާން އެފަދަ ކަމެއް ކުރާނެއޭ ބުނަން ރީޝަމްއަށް ދަތިވި ނަމަވެސް މާއިލް ފަހަތުން ރީޝަމް ގެއިން ނިކުތެވެ. ލަގެޖް މީހަކާއި ހަވާލު ކުރީ ގެންދަން އުނދަގޫ ވެދާނެތީއެވެ.”ކީއްވެ ގޭގަ އުޅެނީ..” މާއިލް އެހިއެވެ. އެއްޗެއް ނުބުނެ ރީޝަމް އިސްޖަހާލިއެވެ.”ކިޔާން ހިތްހަމަ ނުޖެހުނީތަ؟..” ޖަވާބު ނުލިބުމުން މާއިލް އަނެއްކާ ވެސް އެހިއެވެ.”ނޯ.. އަހަރެން އަމިއްލައަށް އައީ..” ރީޝަމް މަޑުމަޑުން ބުންޏެވެ. އެހެނަސް މާއިލް އަށް ވިސްނުނީ ކިޔާން ދިފާއު ކުރުމަށް ބުނި އެއްޗެއް ކަމަށެވެ.
ގެއަށް ވަތް އިރު ކިޔާން ހުރީ ފެންވަރައިގެންނެވެ. ސިޓިން ރޫމް ސޯފާގައި އިށީނދެ އިން އިރު މޫނުމަތިން ހިތްހަމަނުޖެހުން ފެންނަން ހުއްޓެވެ. މާއިލް ވަތް އިރަށް ކިޔާން މާއިލް ގޮވައިގެން ދުރަށް ޖެހިލިއެވެ.”ކަލޭ މޮޔަވީތަ؟ މިގޭގަ ހުންނަނީ އެންމެ ރޫމް އެކޭ.. ގެންދޭ އޭނާގެ ގެއަށް..” ރީޝަމްއަށް އަޑު ނީވޭ ވަރަށް ކިޔާން ބުންޏެވެ.”އޭ މައްސަލަ އެއްތަ؟ ދެމީހުންނަށް އެއް ރޫމް ޝެއަރ ކުރެވޭނެ ދޯ؟ ރީޝް ހުންނާނީ މިގޭގަ..” މާއިލް ހަމަޖެހިލަމުން އާދައިގެ ވަރަކަށް ބުންޏެވެ. ރީޝަމްއަށް ކިޔާންގެ އަޑު ނީވުނަސް މާއިލް ބުނި އެތިން ކިޔާން ޖެއްސި މައްސަލަ ފަހުމް ވިއެވެ. ހިތަށް ކުރި އަސަރެއްގެ ބޮޑުކަމުން ރީޝަމްގެ ދެލޮލުން ދިލަ ނަގައިގަތެވެ. ކިޔާން ހާސްވެފައި އެނބުރި ބަލާލި އިރު ރީޝަމް އިނީ ބޭރަށް ނަޒަރު ހުއްޓާލައިގެންނެވެ.
“ވެލް.. ބާއި..” މޭޒުމަތީގައި އޮތް ގޭގެ ތަޅުދަނޑި ހިފައިގެން މާއިލް ގެއިން ނިކުންނަން ހިނގައިގަތެވެ. މާއިލް ނިކުންނަން އުޅެނިކޮށް ކިޔާންއަށް މާއިލްގެ މަޤްޞަދު އިނގުނެވެ.”ނޯ..މާއިލް..” ކިޔާން ދެބުމަ ކައިރިކޮށްލަމުން ދާން ބެލި އިރު މާއިލް ބޭރުން ތަޅުލައިފިއެވެ. އޭރު ނަސީބަކުން ރީޝަމްގެ ލަގެޖް ވެސް ގޭތެރޭގައި ހުއްޓެވެ. އެއް އަތުން ނިއްކުރީގައި ހިފަހައްޓާލައިގެން އަނެއް އަތް އުނަގަނޑުގައި އަޅުވާލިއެވެ. މާއިލްގެ ބޯ ބޮޑުކަމުން ކިޔާން ސިކުނޑި ސުމަކަށް ދާގޮތް ވިއެވެ. ޑަބްލް ކީ ވެސް ހަވާލު ކޮށްފައި އޮންނާނީ މާއިލް އާއެވެ. މާއިލް އެހެން އެ ހެދީ ރީޝަމް އެ ގެއިން ނިކުމެގެން ހިނގައިދާނެތީއެވެ. އެވަގުތު ހިތަށް އެރި އެއްޗަކުން ކިޔާންއަށް ކޮޓަރިއާއި ދިމާއަށް ދެވުނެވެ. ބޭރަށް ނިކުމެވެން ނެތް ނަމަވެސް ރީޝަމް އާއި ކޮޓަރި ހިއްސާ ނުކޮށް ވާނެގޮތެއް އިނގުނީއެވެ.
ރީޝަމް ބަލަން ހުއްޓައި ކިޔާން ކޮޓަރީގައި ޕާޓިޝަން ޖަހާ ވަކި ކޮށްފިއެވެ. ކޮޓަރި އަކީ ފުދޭވަރަކަށް ބޮޑު ކޮޓަރިއެއް ކަމުން ނުލާހިކު ފަސޭހައިން ދެބަޔަށް ބެހުނެވެ. ރީޝަމް އުޅެން ވަކިބައެއް ކިޔާން ތައްޔާރު ކޮށްފިއެވެ. އެ ބައިގައި ކިޔާންގެ އެނދާއި އަލަމާރި ހުއްޓެވެ. ކިޔާން އަށް ވީ ބައިގައި ކޮޓަރީގައި ހުރި ދިގު ސޯފާ ހުރީ ބަހައްޓާލާފައެވެ. ފާޚާނާ ހުރީ ރީޝަމްއަށް ދިން ފަރާތުގައެވެ. ޕާޓިޝަންގެ އުސްމިނަށް ރީޝަމްގެ ބައިގައި ފަރުދާއެއް ދަމާފައި ވެއެވެ. ހައިރާންވެ އަންތަރީސްވެފައި ހުރި ރީޝަމްގެ ހިތް ހީވީ ފަޅައިގެން ދިޔަ ހެންނެވެ. ރީޝަމް އާއި ވަކިން އުޅެން ކިޔާން އުފުލި ބުރަ އެކަނި ވެސް ކިޔާން އޭނަ ދެކެ ވާ ފޫހި އިނގިއްޖެއެވެ.
“ރީޝަމް.. އަލަމާރީގަ އަހަރެންގެ އެއްޗެހި ހުންނާނެ ސައިޑް އެއްގަ.. ރީޝަމްގެ އެއްޗެހި އަނެއް ސައިޑްއަށް އެޅިޔަސް އޯކޭ.. ޓޮއިލެޓް ޔޫޒް ކުރަން އަހަރެން ދާންޖެހޭނީ ތިކޮޅަށް ސޯ ބަލައިގެން އުޅެއްޗޭ..” ކިޔާން ކިޔައިދިނެވެ. މަޑުމަޑުން ރީޝަމް ބޯ ޖަހާލިއެވެ.”ހޫނު ވަންޏާ އޯކޭ ވާނެ ކާރޓަން ކަހާލައިގެން އޮތަސް.. ރީޝަމް ފާޚާނާއަށް ވަންނަ ނަމަ އެކަމް އެ ދަމާލައްޗޭ.. އޯރ އަހަރެން ޓޮއިލެޓަށް ދާ ގަޑީގަ ރީޝަމް ޓޮއިލެޓް ގަ އުޅެދާނެ..” އާދައިގެ ގޮތަކަށް ކިޔާން ހިނިތުންވެލިއެވެ. ދެލޮލަށް ކަރުނަތައް އެއްވާން ފެށުމުން ރީޝަމް އަވަސް އަވަހަށް އެތެރެއަށް ވަނެވެ. އެވަގުތު ކިޔާންއަށް މާއިލް އާއި މެދު ވިސްނާ ލެވުނެވެ. މާއިލްއަށް މިހެން ހެދިކަން އިނގިއްޖެ ނަމަ ގެސްޓް ހައުސް އަކަށް ވެސް ގެންގޮސްފާނެއެވެ.”އެންޑް.. މާއިލް މި ރޫމްއަށް ނުވައްދާތި އިނގޭ ރީޝަމް.. މާއިލް އަންނަ ނަމަ ރޫމް ލައްޕާފަ ބަހައްޓައްޗޭ..”
މާއިލް އައީ ރޭގަނޑެވެ.”މަޢާފު.. މިހާރު މައްސަލައެއް އޮތް ނަމަ ހައްލު ވާނެ.. ސޯ ކިޔާން.. އިތުބާރު ކޮށްފަ މި ހަވާލު ކުރަނީ..” މާއިލް ކިޔާންގެ އަތަށް ތަޅުދަނޑި ދިނެވެ. އެވަގުތު ގޭގެ ބެލް އަޅާލިއެވެ. ކިޔާން އަށްވުރެ ކުރިން މާއިލް ގޮސް ދޮރު ހުޅުވާލިއެވެ. ކުރިމަތީގައި ހުރީ ޕިއްޒާ ޑެލިވަރީ ކުރާ މީހެކެވެ. ފައިސާ ދައްކާފައި މާއިލް އައިސް އަތުގައި އޮތް ތިން ފޮށި ޕިއްޒާ އާއި ތިން ކޯލާ ފުޅި މޭޒު މަތީގައި ބެހެއްޓިއެވެ.”ބަނޑުހައިވެފަ ހުންނާނެއޭ ހީވީމަ މި ގެނައީ..” ހިތްހަމަޖެހިގެން ހުރެ މާއިލް ބުންޏެވެ.
ކައި ނިމިގެން މާއިލް ދިއުމުން ރީޝަމް ލަސްނުކޮށް ވަނީ ކޮޓަރިއަށެވެ. ފިރިހެން ކުއްޖަކު އުޅޭ ތަނަކާއި ބަލާފައި އެތަން ކިތަންމެހާ ވެސް ސާފުތާހިރެވެ. އަލަމާރިން ނިދާ އަންނައުނު ނަގައިގެން ރީޝަމް ފާޚާނާއަށް ވަނީ ފަރުދާ ދަމާލާފައެވެ. ފާޚާނާއިން ނިކުމެ ރީޝަމް އަލުން ފަރުދާ ކަހާލާފައި އެނދުގައި އިށީނެވެ. އިތުރު މީހަކު ފެންނަ ހިސާބުގައި ނެތި ނިދަން ރީޝަމް ހުރީ ހިސާބަކަށް ބިރުންނެވެ.”އޯކޭތަ ލައިޓް ނިވާލިޔަސް.. އަނދިރި ވަންޏާ ބުނައްޗޭ..” ބޭރުގައި ހުރެ ކިޔާން އެހިއެވެ.”ޓޮއިލެޓްގަ އުޅެނީތަ؟..” އެއްޗެއް ނުބުނެވިފައި އިންދާ ކިޔާން އަނެއްކާ ވެސް ވާހަކަ ދެއްކިއެވެ. ޖަވާބެއް ނުލިބުމުން މަޑުމަޑުން ކިޔާން ބޯ ދިއްކޮށްލިއެވެ.
އަތް މޮޑެ މޮޑެ އިން ރީޝަމްގެ މޫނުމަތިން ފެނުނު ޖެހިލުންވުމުން ކިޔާންގެ ހިތް ކަފަކޮޅެއްހާ މަޑުވިއެވެ. ލޯބިން ގޮސް ބައްދާލާފައި ކިހިނެއް ވީތޯ އަހަން އެވަގުތުން އެވަގުތަށް ބޭނުންވިއެވެ. ނަމަވެސް އެކަން ކުރަން ކިޔާންގެ ސިކުނޑި ތަނެއް ނުދިނެވެ.”އޯކޭ ރީޝަމް ނިދަން ވީމަ ނިވާލައްޗޭ.. އަހަރެން މިއުޅެނީ ނިދަން..” ރީޝަމްގެ ހާލު ނޭނގޭ ކަމަށް ހަދާފައި ކިޔާން ހިނިތުންވެލިއެވެ. ކުއްލިއަކަށް އިސްއުފުލާލަމުން ރީޝަމް ކިޔާންއަށް ބަލާލިއެވެ. އެ ދެލޮލުން ފެނުނު ނުތަނަވަސްކަމުގެ ސަބަބުން ކިޔާންއަށް ވެސް އުނދަގޫތަކެއް ވިއެވެ. އެކަން ފޮރުވާލަމުން ކިޔާން ފާޚާނާއަށް ވަނެވެ.
ނިކުތް އިރު ރީޝަމް އޮތީ ލައިޓްތައް ނިވާލައިގެން އޮށޯވެއެވެ. އާންމުކޮށް ރީޝަމް ނިދަން ލަނީ ކުރު ޓީޝާޓްކަން ކިޔާންއަށް އިނގުނީ އެރެއެވެ. ކިޔާން ނިކުތް ވަގުތު ތެޅިގަނެފައި ބެލްންކެޓް އިން މުޅި ގައި ފޮރުވާލިއެވެ. ދެލޮލުގައި އަތް ހުރަސް ކޮށްލާފައި ކިޔާން އެތަނުން ނިކުތެވެ. އަރިއަކަށް އޮށޯވެ އޮތް އިރު އަތް އޮތް ގޮތަކުން ގައިގެ ތަންކޮޅެއް ފެންނަން އޮތީއެވެ. މިކަހަލަ ކިތަށް މަންޒަރު ފެންނާނެއޭ ހިތަށް އެރުމުން ކިޔާންގެ ހިތުގެ ހިނގުން މަޑުޖެހުނު ކަމުގެ އިހުސާސް ކުރެވުނެވެ. އެހެނަސް އަވަހަށް ޚިޔާލުތަކުން ބޭރުވެ ސޯފާގައި ހަމަޖެހިލައިގެން އޮށޯވެ ދެލޯ މަރާލިއެވެ.
އުޅެ އުޅެ ވެސް ރީޝަމްއަށް ނިދޭގޮތެއް ނުވެއެވެ. އެންމެފަހުން ފޯނު ނަގައި އާނިޔާއަށް ގުޅިއެވެ. އެންމެ ރިންގަކަށް ފަހު އާނިޔާ ފޯނު ނެގިއެވެ.”ރީޝް؟ މިހާ އިރު ނުނިދާ؟ ކިހިނެއްވީ؟ ކަމެއް ދިމާވީތަ؟..” އެންމެ ރިންގަކަށް ފަހު އާނިޔާ ފޯނު ނަގައިފިއެވެ.”ނޫން ދައްތާ.. އަހަރެން.. އަހަރެން ބިރު ގަނޭ އެބަ..” އެހެން ބުނި އިރު ރީޝަމްގެ ދެލޮލުގައި އެއްވެފައި ހުރި ކަރުނަތައް ފައިބައިގެން ހިނގައްޖެއެވެ.”ކޮންކަމަކާތަ ރީޝް..” އާނިޔާ ވެސް ހާސް ވެއްޖެއެވެ.”ދައްތާ..އަހަރެން ބިރުގަނޭ އެބަ މީހަކު ނުލާ ނިދަން..” ރީޝަމް ނޭފަތް ދަމާލާފައި ބުންޏެވެ.”ހަމަޖެހޭ ރީޝް.. ރީޝް އެކަންޏެއް ނޫނެއްނު؟ ކިޔާން އެބަ އޮތެއްނު ކައިރީގަ؟ މާހީ ނެތަސް އެކަނި ވީއެއް ނޫނޭ އިނގޭ ރީޝް.. ކިޔާން އަތަށް ފޯނު ދީބަލަ..”
ރީޝަމް ވާހަކަ ދައްކާހެން ހީވެގެން ނުނިދިފައި އޮތް ކިޔާން ވެސް ދެލޮލާއި އެއްވަރަށް ކަންފަތް ވެސް ހުޅުވާލިއެވެ. ކޮޓަރީގައި ވާ ހިމޭންކަމުން ދައްކާ ވާހަކަ ހޯދުން މާ އުނދަގޫ ކަމަކަށް ނުވިއެވެ. ދައްތާއޭ ކިޔާ ވާހަކަ ދެއްކުމުން އެ ގުޅައިގެން އުޅެނީ އާނިޔާއަށް ކަން ކިޔާންއަށް އިނގުނެވެ. ބިރުން ހުރި ސަބަބު ވެސް އިނގިއްޖެއެވެ. އާނިޔާ ދައްކާ ވާހަކަ އަޑު ނީވުނަސް ރީޝަމް ކިޔާ އެއްޗެހި ސާފުކޮށް އިވެއެވެ.”ކިޔާން އަތަށް ފޯނު ދޭށޭ؟..މިހާރުތަ؟..” ރީޝަމް ބުނި އެތިން ކިޔާން ދެބުމަ ކައިރިވިއެވެ. އާނިޔާ އެބުނި އެއްޗެއް ބުނުމުން ރީޝަމް އެނދުން ތެދުވެގެން އަންނަހެން ހީވިއެވެ. އަވަސް އަވަހަށް ދެލޯ މަރާލައިގެން އަނެއް ފަރާތަށް ކިޔާން އެނބުރުނެވެ.
“ދައްތާ އޭނާ ނިދާފަ ކަންނޭނގެ އޮތީ..” ރީޝަމްގެ ޖަވާބުން އާނިޔާ ވެސް އެއްޗެކޭ ބުންޏެވެ.”އެކަމް ގޮވިއްޔާ އޭނާއަށް އުނދަގޫ ވެދާނެ..” ދެންވެސް ރީޝަމް ބެލީ ކިޔާންއަށް އުނދަގޫ ނުކޮށް ވޭތޯއެވެ. އިރުކޮޅެއް ފަހުން ރީޝަމްގެ ފިޔަވަޅުތައް ކައިރި ވާހެން ހީވިއެވެ.”ކިޔާން.. ދައްތަގެ ފޯނެއް.. ނިދާފަތަ؟..” ފޯނުން ގައިގައި ކޮއްޓާލުމުން ރީޝަމް އެހިއެވެ. ކިޔާން ދެލޯ ނުހުޅުވުމުން ދެވަނަ ފަހަރަށް ވެސް ރީޝަމް ގޮވާލިއެވެ.”ދައްތާ އޭނަ ނިދާފައޭ.. ދެން އޯކޭ ވާނެ.. ޓްރައި ކުރާނަން އިނގޭ.. އެކަނި އުޅެން ވެސް ދަސް ކުރަން ވާނެ ދޯ ހެހެ..” “އަހަރެން ހޭލާ މިއޮތީ..ދައްތާ..” ފަހަތަށް އެނބުރި ދާން ހިނގައިގަތް ރީޝަމް ހުއްޓުން އެރީ ކިޔާންގެ އަޑަށެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



love it ❤️
Dhn in part thankolheh avahah up kohdhehchey.. ??
Waiting for the next part ?❤️.. Mi part vs vrh salhi ??