ޔާރާ ފެނުނީމާ 8
” އަހަރެން ކިހިނެއް ހަދާނީ.؟” އޭނާގެ ހިތުގެ ހާލަތު އެމީހަކާއި ހިއްސާކުރުމަށްފަހު އެންމެ ފަހުން އެލީޝާ ބުނެލީ އެހެންނެވެ. އަޔާންއާއި އޭނާއާ ދެމެދުގައި ޖެހިފައިވާ މައްސަލަތަކުގެ ވާހަކައާއި އެކަން ހައްލުކުރާނެ ގޮތެއް ބުނެދިނުމަށް އޭނާ އެދުނެވެ.
” ވަޓް؟ ބްލެކް މެޖިކް.” އެލީޝާގެ އަޑު ބާރުވެގެން ދިޔައެވެ. ދެލޯ ބޮޑުކޮށްލެވުނީވެސް ޤަބޫލުކުރަން ދަތިވި ވަރުންނެވެ. އެކުވެރިޔާ އެފަދަ ހިރާސް ބޮޑު ކަމެއްކުރަން ލަފާދޭނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ.
“އާ. ވީހާވެސް ފަސޭހަގޮތަކަށް ތިކަން ހާސިލްކުރެވޭނެ ގޮތެއްމީ. އެކަމަކު އެލީ ބޭނުންނަމަ.” ފޯނުން ވާހަކަދެއްކި މީހާގެ އަޑުޖެހުމުން އެލީޝާ ހަމަޖެހިލިއެވެ.
” އޯކޭ.. އަދި ވިސްނާލާފަ އިނގޭނީ.” އެހެން ބުނެލުމަށްފަހު އޭނާ ފޯނު ކަނޑާލިއެވެ. އެހާ ބޮޑުކަމެއް އެއްވެސް ވިސްނުމަކާ ނުލައި ކުރަން އެލީޝާގެ ހިތެއް ނުރުހުނެވެ.
***** ****
“ކައިރާ!”
ފިހާރައިން ނުކުމެގެން ކުރިޔަށް ހިނގައިގަތް ކައިރާއަށް މަޑުޖެހިލެވުނީ މަގުގެ އެއްފަރާތެއްގައި ހުއްޓި ހުރި އަންހެނެއް އޭނާއަށް ގޮވައިލުމުންނެވެ. ދެލޯ ހަނިކޮށްލަމުން އޭނާ އެދިމާލަށް ހިނގައިގަތީ އެމީހަކީ ކާކުކަން އެނގުމުންނެވެ. އެއީ ރަށުގައި އުޅުނުއިރު އޭނާއާ ނިކަން ވާހަކަދައްކާ އުޅުނު ދެކެފަރިތަ އަންހެން މީހެކެވެ.
” ކައިރާ! ކިހިނެއް ހާލު؟ ވަރަށް ދުވަސްވެއްޖެއެއްނު ނުފެންނަތާ.” ފުޅާ ހިނިތުންވުމެއް މޫނަށްވެރިކޮށްލަމުން ނާހިދާ ވާހަކަދެއްކިއެވެ. އޭނާގެ ވާހަކަ ފެށީވެސް ދުރު ދުރުންނެވެ. ފުރަތަމަވެސް ސީދާ ޕޮއިންޓަށް ދިޔުމުގެ ބަދަލުގައި ހާލުއަހުވާލު އަހައި އޮޅުންފިލުވުން ރަނގަޅުވާނެއެވެ. ރިވެތި ގޮތަކީވެސް އެއީތާއެވެ.
“(ރަނގަޅު. ދައްތަ ކިހިނެއް؟)” ކައިރާ އަތުން ހަރަކާތްކޮށްލަމުން ނާހިދާގެ ގާތުގައި ހުއްޓި ހުރި އަންހެންމީހާއަށް ބަލާލިއެވެ. ނާހިދާއާ ޚިލާފަށް އެއަންހެންމީހާ ހުރީ ވަރުގެ ކޮޅަށް ނަލަ ހެދިލައިގެންނެވެ. ހަށިގަނޑުން ބިޔަ އެއަންހެން މީހާއަކީ ދޮންކޮށް ފަލަކޮށް ހުރި މީހެކެވެ. މޫނުމައްޗަށް ވެރިކޮށްފައި ހުރި ހިނިތުންވުން ހީވަނީ ގަދަކަމުން ވެރިކޮށްފައި ހުރި ހިނިތުންވުމެއް ހެންނެވެ. ކޮންމެވެސް ވަރެއްގެ ނުރުހުންތެރިކަމެއް އެމޫނުމަތިން ކައިރާއަށް ފެންނަމުން ދިޔައެވެ.
” ދައްތަ ރަނގަޅު. މިއީ ދައްތަގެ އެކުވެރިއެއް. އަސްލު ކައިރާއާ މިބައްދަލުކޮށްލީ ވާހަކައެއް ދައްކާލަންވެގެން.” ނާހިދާ އެހެން ބުނުމުން ކައިރާ ބޯޖަހާލީ އެވާހަކަ ކުރިޔަށް ގެންދާށޭ ބުނެލާފަދަ ގޮތަކަށެވެ. ފުން ނޭވާއެއްލުމަށްފަހު ނާހިދާ ބަލައިލީ ދުންޔާއަށެވެ. ކައިރާއަށް ދެބުމަ ކައިރިކޮށްލެވުނީ ދުންޔާގެ އިޝާރާތަކަށް ނާހިދާ އިންތިޒާރުކުރަމުން ދާތަން ފެނުމުންނެވެ.
” މީ އެންމެ ރަނގަޅު ވަގުތު ނޫންކަން ނޭނގެ މިވާހަކަ ދައްކަން. އަދި ފަހުން ހަމަޖެހިލައިގެން ތިބެ މިވާހަކަ ދެއްކޭނީ. އަން. މިއޮތީ އެޑްރެސް. މީ ދައްތަ އުޅޭ ގެ. މިއަދު ހަވީރު 4ޖަހާއިރު އަންނާތި. އައިސް މީގަ އޮތް ނަންބަރަށް މެސެޖްކޮށްލާތި. އޭރުން ދައްތަ މީހަކު ބަލާ ފޮނުވާނަން ތިރިޔަށް.”
މަގުމަތީގެ ހަލަބޮލި މާހައުލަށް ބަލާލަމުން ދުންޔާ އޭނާގެ އަތްދަބަހުން ނެނގި ގަނޑުކޮޅެއް ކައިރާއަށް ދިއްކޮށްލިއެވެ. އަމިއްލަ އުފަން ދަރިފުޅާއި އެތައް ދުވަހަކަށްފަހު ބައްދަލުވުމުން އޭނާގެ ހިތަށް އަރައި ފައިބަމުން ދިޔަ އިހުސާސްތައް މަތަކުރުންވީ ހީކުރި ވަރަށްވުރެ ކުރަން އުނދަގޫވި ކަމަކަށެވެ. ޖަޒުބާތުތައް އުތުރި އަރަން ފެށީ އޭނާގެ އަމިއްލަ އިޚުތިޔާރުން ބޭރުގައެވެ. ނަމަވެސް އަފީފްގެ މަތިން ހަނދާންވުމާއެކު އޭނާގެ ގޮތުގައި ހިފަހައްޓަން ދުންޔާއަށް ފަސޭހަވިއެވެ.
ކައިރާ ދެން ބަލާލީ ނާހިދާގެ މޫނަށެވެ. ނާހިދާ ބޯޖަހާލަމުން އެދުނީ އެގަނޑުކޮޅުގައި ހިފުމަށެވެ. ދުންޔާގެ މޫނަށް ބަލައިލަމުން ކައިރާ ކުޑަ ހިނިތުންވުމަކާއެކު އެގަނޑުކޮޅުގައި ހިފިއެވެ. އަދި ބޯޖަހާލީ އެގޮތަށް އެކަން ކުރާނެ ކަމުގެ ޔަޤީންކަން ދެމުންނެވެ.
” ދެން ގޮސްލީއޭ ކައިރާ. މާމަޔަށް ސަލާމް ބުނާތި. ހަނދާންކޮށް ހަވީރު އަންނާތި އިނގޭ.” ދަމުންވެސް ނާހިދާ އެންމެފަހުން އެދުނީ ހަވީރު އެބުނި ތަނަކަށް އައުމަށެވެ.
” މޮޔަވީތަ؟ ކީއްވެ ގެޔަށް އަންނަން ބުނީ؟ ނާއިކްވެސް އުޅޭނެއެއްނު. މަ ހީކުރީ އަދި އެވާހަކަ ދައްކަން އުޅުނީ ކަމަށޭ. އޭނަ އަންނާނެހެން ހިއެއްވެސް ނުވޭ.” ދެމީހުން އެކީގައި ހިނގަމުން ކުޑަ ތަންކޮޅަކަށް ދެވުނުތަނާ ނާހިދާ ވާހަކަދެއްކިއެވެ.
” ހަމަޖެހިބަލަ. ނާއިކް ނޫޅޭނެއޭ ގޭގަ އެގަޑިއަކު. އޭނާގެ ރައްޓެހިންނާއެކު ކޮންމެވެސް ދަަތުރަކު ދާން ރާވައިގެން އުޅުނު މިއަދު. ދެން އެހެންނޫނަސް މިމަގުމަތީގަ ވާހަކަ ދެއްކޭ ވަރެއްތަ؟. ” ދެފަރާތަށް ބޯހޫރާލަމުން ދުންޔާ ބުނެލިއެވެ.
***** ****
” އަޔާން ދަނީތަ؟” ދަބަހެއް ކޮނޑުގައި އަޅުވައިގެން ގެއިން ނުކުންނަމުން ދިޔަ އަޔާންއަށް ބަލައިލަމުން ފަރީދާ އަހާލިއެވެ.
” އާ. އަޔާންގެ މަންމަމެން މިރޭ ރާއްޖެ އަންނާނެ. އެހެންވެ އެދަނީ.” އަޔާންއަށް ފަސްއެނބުރިލާފައި ފަރީދާގެ ސުވާލަށް ޖަވާބު ނުދެވެނީސް އާސިފާ ބުނެލިއެވެ.
ދުރުގައި މަންޒަރު ބަލަން ހުރި އެލީޝާ އިސްޖަހައިލީ ކުށްވެރިއަކު ފަދައިންނެވެ. އޭނާދެކެ އައި ރުޅިން އަޔާން އެގެއިންވެސް ނުކުމެގެން ދިޔައީއެވެ. މަންމަމެން ރާއްޖެ އަންނަން އުޅޭ ކަމުގެ ބަހަނާ ދައްކަމުންނެވެ. ނަމަވެސް އެއީ މުޅިއަކުން ދޮގެއްވެސް ނޫނެވެ. އޭނާގެ މަންމައާއި އަޔާންގެ މަންމަ ޖީޒާއަކީ އެއް އުރައަކަށް ލައިފައި އޮންނަ ދެކަނޑިއެވެ. އެހާވެސް އެކަކު އަނެކަކާ ގާތްކޮށް އުޅޭނެވެ. އެކުވެރިކަމުގެ އިންތިހާއެވެ. އަޔާން އެގޭގައި ބެހެއްޓީވެސް ޖީޒާގެ އެދުމުގެ މަތިންނެވެ. އަޔާން ހިތުން ގުޅުން ކަނޑާލާފައި ދިޔަޔަސް އަދި އެހާ ފަސޭހައިން އޭނާގެ ގާތުން މިންޖުނުވެވޭނެއެވެ. އެލީޝާގެ ސިކުނޑީގައި މޮޅެތި ރޭވުންތަކެއް ރާވައިލީ ކާމިޔާބީގެ ފޮނި ހިނިތުންވުމެއް ތުންފަތަށް ވެރި ކޮށްލަމުންނެވެ. ކާމިޔާބީއެއް ލިބުނުނަމަ އެވައްތަރު ޖައްސަން އެންމެ ރަނގަޅެވެ. އޭނާގެ މަޤުސަދު ހާސިލްވާނެކަމުގެ ޔަޤީންކަން އޭނާއަށް އޮތީތާއެވެ.
***** ****
ކައިރާ މަގުން ކުރިޔަށް ހިނގައިގަތީ ނާހިދާމެން ދައްކަން އުޅޭ ވާހަކައަކާމެދު ވިސްނަމުންނެވެ. އަނެއްކާ އޭނާގާތު ދައްކަން އެއުޅެނީ ކޮންފަދަ ވާހަކައެއް ހެއްޔެވެ؟ ދައްކަން އޮންނާނީވެސް ވަކި ކޮން ވާހަކައެއް ހެއްޔެވެ؟ އެވާހަކައާއި އޭނާ ނުވެސް ދަންނަ ނާހިދާގެ ސޯ ކޯލްޑް އެކުވެރި ދައްތައާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟ ނާހިދާމެން ބުނިގޮތަށް އެތަނަށް ދާންވީ ހެއްޔެވެ؟ ދެފިކުރެއްގައި ހުރެގެން ގޮސް ކައިރާ ގެޔަށް ވަންއިރު އަޔާން ތިރިއަށް ފައިބަނީއެވެ. ވަގުތުން ކައިރާގެ ފިޔަވަޅުތަކަށް ހުއްޓުމެއްއަޔެވެ. އޭރު އޭނާއާ އަޔާންއާ ދެމެދު ހުރީ ފަސްވަރަކަށް ފޫޓުގެ ދުރުމިނެވެ. ކައިރާ އެހުރިގޮތަށް ހުއްޓި ހުއްޓާ އަޔާން އިސްއުފުލާ ބަލާވެސްނުލާ ދިޔައީއެވެ. ކޮންކަހަލަ މީހެއް ހެއްޔެވެ؟ އޭނާ އެތާނގަ ހުރިކަމެއް އެނގޭކަމަށް ހަދާނުލާ ދާން އަޅެ އަޔާންއަށް އޭނާއަކީ ބީރައްޓެއްސެއް ހެއްޔެވެ؟އަނގައިން ނުބުންޏެއް ކަމަކު ކުޑަމިނުން އިސްއުފުލާ ބަލާލެވިދާނެ ނޫންހެއްޔެވެ؟ ދެން ބެލުން ތިރިކޮށްގެން އުޅެންޏާ އެއީ ހާދަހާވާ ރަނގަޅު ފިރިހެނެކެވެ. ތަޢުރީފު ހައްޤެވެ. ކައިރާއަށް ހިތާހިތުން ކުދިކިޔަން ފެށުނީ އަޔާން އަޅާވެސްނުލައި ދިޔުމުން ފާޑަކަށް ދެރަވި ވަރުންނެވެ. ފަސްއެނބުރި ބަލާލިއިރު ޖެހުނުތާ އަޔާންގެ ލަކުނެއްވެސް ނެތެވެ. ކަރު އެލުވައިލަމުން ކުރިޔަށް ހިނގައިގަތުމާއެކު ރޭގެ ހާދިސާ ލޯ ކުރިމައްޗަށް ސިފަވެގެން ދިޔައެވެ. އަދިވެސް އެހައިޖާނުގަނޑު ނުނިމެނީތާއެވެ. އަނެއްކާ އަޔާން މާބާރު ބާރަށް ދަބަހެއް ކޮނޑުގައި އަޅުވައިގެން ގެއިން ނުކުމެގެން ދިޔައީ ހެއްޔެވެ؟
**** ****
ހަވީރުގެ މަރިޔާދު ވަގުތެވެ. މަގުމަތީގައި ޓެކްސީއެއް ލިބޭތޯ ކައިރާ ހުންނަތާ އިރުގަނޑެއް ވެއްޖެއެވެ. އެވަރުންވެސް ޓެކްސީއެއް ލިބޭގޮތެއް ނުވިއެވެ. ކާރޫބާރޫ ބޮޑު މަގުމަތިން އޭނާއަށް ޖާގަ ދެވޭވަރުގެ އެއްވެސް އުޅަނދެއް ނެތީ ހެއްޔެވެ؟ އުއްމީދު ކަނޑާލިތަނާ އެންމެ ފަހުން ކާޅެއް ހިފިއްޖެއެވެ. އުފަލުން ގޮސް ކާރަށް އަރައި އިށީނދެލިތަނާ ޑުރައިވަރު ދާންވީ ކޮންތާކަށްތޯ ސުވާލުކުރިއެވެ. ކައިރާ ދައްކާލީ އެއްކަލަ ގަނޑުކޮޅެވެ.” މިއީ ހެންވޭރުގަ ހުންނަ ތަނެއް ދޯ. އެކަމަކު ކޮން ދިމާލަކަށް ހުންނަނީ؟” ކާރު ދުއްވާލަމުން ޑުރައިވަރު ސުވާލުކޮށްލިއެވެ. މީނާއަށް މިއީ ކޮންތަނެއްކަން ނޭނގެންޏާ އެނގޭނީ ވަކިކާކަށް ހެއްޔެވެ؟ ޚުދު ކައިރާއަކަށްވެސް ނޭނގެއެވެ. އޭނާއަށް އެނގޭ އެއްކަމަކީ އެމީހާ ބުނިގޮތަށް އެތަން ހުންނަނީ ހެންވޭރުގައި ކަމެވެ. އެގޮތަށް ލިޔެފައި އެބައޮތެވެ. ދެކޮނޑު އަރުވާލަމުން ކައިރާ އަނެއްކާވެސް އެގަނޑުކޮޅު ދައްކާލިއެވެ. ތަންކޮޅެއް ފަރުވާތެރިކަމާއެކު ޑުރައިވަރު އެއަށް ބަލާލީ ދެނެވެ. ވަގުތުން ބޯޖަހާލަމުން އޭނާ މަންޒިލަށް ދަތުރު ފެށިއެވެ. ވާހަކަދައްކާއިރު އަނގައިން ނުބުނެ އިންނަނީ ކީއްވެތޯ އޭނާ ސުވާލުކުރިއެވެ. ކައިރާ އަތުގެ ހަރަކާތުން އިޝާރާތް ކުރަން ފެށުމާއެކު އޭނާ ހިމޭން ވެލިއެވެ.
” އާމިރުގެ ގެ ދޯ. ވަރަށް މުއްސަނދި ވިޔަފާރި ވެރިއެއްނު އެއީ….” ފައިސާ ދެއްކުމަށްފަހު ކާރުން ފައިބަން ދިމާކޮށްލިތަނާ ޑުރައިވަރު ބުނެލިއެވެ. ކައިރާއަށް އާމިރުއަކީ ކާކު ކަމެއް ނޭނގެއެވެ. ޑުރައިވަރު ދެއްކި ވާހަކަ އަޑުނީވޭ ކަމަށް ހާދާފައި ކައިރާ ކާރުން ފޭބިއެވެ. އެކަނި ނުވެސް އެނގޭ ގެއަކަށް އާދެވުނީތީ އޭނާއަށް ހައިރާންކަމެއް ލިބުނެވެ. މީހަކު ބުނާހާއިރަށް އެމީހަކު ބުނި ތަނަކަށް ދިޔުމުގެ ހިތްވަރު އޭނާއަށް ލިބުނީ ކިހިނެއް ހެއްޔެވެ؟ ނާހިދައްތައަށް ކުރި އިތުބާރެއްގެ ސަބަބުން ކޮންމެއަކަސް މިއޮތީ އާދެވިފައެވެ. އަނބުރައި އައިކޮޅަށް ހިނގައްޖެނަމަ ދަތުރެއްކޮށްފައި އައި އައުންވާނީ ފޫނެއް ފަޔަށް ފެންފުރުން ކަހަލަ ކަމަކަށެވެ.
ވަށައިގެންވި މާހައުލަށް ބަލާލަމުން އެއިމާރާތަށް ވަންނަ ދިމާލުގައި ކައިރާ ހުއްޓިލިއެވެ. ފޯނު އަތަށް ނަގާލުމަށްފަހު ދުންޔާ ދިން ނަންބަރަށް މެސެޖު ފޮނުވާލީ ތިރީގައި އައިސް ހުރި ކަމަށް ބުނަމުންނެވެ. ގޭގެ މީހުންގާތު ނުބުނެ އައިސް ދުންޔާގެ ޖަވާބަކަށް އިންތިޒާރުކުރުމުގައި، މަގުމަތީގައި އިޝްތިހާރުވެފައި ހުންނަން ކައިރާ ޖެހިލުންވީ އަދި ތިޔަހެނަކުން ނޫނެވެ. ދެކޮޅު ދެކޮޅަށް ނަޒަރު ހިންގަން ހުއްޓާ އެތަނުން ފެނިދާނެކަމުގެ އުއްމީދުވެސް ނުކުރާ މީހަކު ފެނުމުން ކައިރާއަށް ދެލޯ ބޮޑު ކޮށްލެވިއްޖެއެވެ. ހިންދިރުވާލަމުން އަނެއްކޮޅަށް އެނބުރުނީ އެމީހަކަށް އޭނާ ފެންނަން ނޭދޭތީއެވެ. ނޫނެކެވެ. ކޮންކަމަކާ ހާސްވާކަށް ހެއްޔެވެ؟ ގައިގައި ޖެހޭ ނުޖެހޭ ހިސާބުގައި ހުއްޓާ އަނގައިން ނުބުނި މީހަކު، އޭނާ ދުރުން ފެނުމުން، ދުވެމުން ފުމެމުން ގާތަށް އަންނާނެކަމަށް ހީކުރެވުމަކީ މޮޔަކަމެކެވެ.
***** ****
“އޭ ކޮބާ؟ މިހާރު ގަޑިން 4:45 ހިނގައިފި. މަ ބުނީމެއްނު އޭނަ ނާންނާނެއޭ.” ފެންޑާތެރެއިން އިވިގެން އެދިޔައީ ނާހިދާގެ އަޑެވެ. ތެޅިގަނެފައި ދުންޔާ ފޯނު ބަލައިލިއިރު ކައިރާ މެސެޖް ފޮނުވިތާ 10 ވަރަކަށް މިނުޓް ވެއްޖެއެވެ. ސަހަރޯއެވެ. އޮލަ ވާހަކައިގައި ތިއްބާ ގަޑި ފަހަނައަޅައި ދިޔައީއެވެ.
” ހުއް. ނާހިދާ ބޮޑު ތަކުރުފާނު ވާހަކަ އަޅުވާލީމަ މިހެނެއްނު ވާނީ. ރަނގަޅު. ހަތް ބަޑީގެ ސަލާމުން ސަލާމް އަރުވަން ޖެހޭނެ މިއަދު. ހުރިހާ ކަމެއް ފަނި ވެއްޖެއެއްނު. އޭނަ ދެން ހުންނާނެތަ މިތާ؟” ދުންޔާ އަދި ކުދިކިޔަން ފަށައިގަތީ ނާހިދާއާ ދިމާލަށެވެ. ވީފޫހިން ނާހިދާއަށް ދޭނެ ޖަވާބެއްވެސް ނޭނގުނެވެ. އެހެންޏާފަހެ މިތާނގައި ވާހަކަ ކުރި ފަޅުވައި އާރޯކޮށް، ތާޒާކުރަމުން ކުރިޔަށް ގެންދިޔައީ އޭނާ އެކަނި ގިނިކަންޏާ އިނދެގެން ވިއްޔާއެވެ.
ދުންޔާ އެގޭގައި ގެންގުޅޭ މަސައްކަތު މީހަކަށް ގޮވާފައި ތިރީގައި ހުރި އަންހެންކުއްޖާ ގެންނަން އެދުނެވެ. އަދި އެހެން ބުނުމުން އެއަންހެން ކުއްޖަކީ ކާކުކަން އެމީހާއަށް އެނގޭނެ ހެއްޔެވެ؟ އޮޅިގެން ނުބައި މީހެއް ގޮވައިގެން ނައިއްޔާ ރަނގަޅެވެ. އޮޅުންފިލުވަން ވިޔަސް އެމީހާ އެއްޗެކޭ އަހައިފިނަމަ ދުންޔާގެ ޒީލަގަދަ އަޑުން ފެންޑާތެރެ ގުގުމައިގެންދާނެކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. ކުއްޅަވައްފަރު ރަނިންނަށް ވެވުނީމަ މީހުން އެބޮޑާވާ ގޮތެކެވެ.
**** ***
“ދައްތާ. ދައްތާ” މާވަރަކަށް މީހަކު އޭނާއަށް ބަލަހައްޓައިގެން ހުރެ އެހެން ގޮވަން ފެށުމުން ކައިރާގެ ސަމާލުކަން އެމީހާއަށް ހުއްޓުނެވެ. އެމީހަކަށް ފެނިދާނެތީ ކައިރާ ހާސްވެގެން އުޅުނު މީހާ މިހާރު ވީތަނެއް ބަޚަބަރެވެ. އެކޮޅަށް އެނބުރިފައި ދެން ފަހަތަށް ބަލައިލިއިރު ފެންނަން ނެތް ވިއްޔާއެވެ. ހަމަޖެހުމުގެ ނޭވާއެއްލަމަށްފަހު އޭނާއަށް ގޮވަމުންދާ މީހާގެ ކުރިމަތީގައި ހުއްޓިލަމުން ކިހިނެއްވީހޭ އަހާލާފަދަ ގޮތަކަށް ނިތް އަރުވާލިއެވެ.
” މަތީ ހުރެގެން ދައްތަ ބުނަނީ ތި ދައްތަގާތު އަންނާށޭ ބުނަނީ. އަވަސް އަންނަނީ.” އެމީހާ އެބުނަނީ ކީކޭކަން ކައިރާއަށް ނަނގައިގަނެވުނެވެ. ހީވާގޮތުން އެބިދޭސީ މީހާ އޭނާއަށްވުރެ ދޮށީވާނެއެވެ. އެކަމަކުވެސް އެކިޔަނީ ދައްތައެވެ. އެމީހާގެ ފަހަތުން ކައިރާ ހިނގައިގަތީ ހިތުގެ ތެޅުން އަވަސްވެފައިވާ ހާލުގައެވެ. އޭނާގެ ހިތް މިހާވަރަށް ތެޅެމުން ދިޔުމުގެ ހިކުމަތަކީ ކޮބައިހެއްޔެވެ؟ ހިތް ބާރުބާރަށް ތެޅެން މެދުވެރިވާފަދަ ހާލަތެއް ދިމާވެއްޖެ ހެއްޔެވެ؟
ފެންޑާތެރެއަށް ވަދެގެން އައި ކައިރާއަށް ބަލައިލަމުން ކުރިމަތީގައި ހުރި ގޮނޑީގައި އިށީނދެލުމަށް ދުންޔާ ބުނެލިއެވެ. ބަސްއަހާ ކުއްޖަކު ފަދައިން ކައިރާ ގޮނޑީގައި އިށީނދެލީ އެތާ ތިބި ނާހިދާއާއި ދުންޔާގެ މޫނަށް ވަކިވަކިން ބަލަމުންނެވެ.
” ނާއިކް އެނގޭތަ؟ ކައިރާއާ ނާއިކްއާ އޮތީ ކޮން ގުޅުމެއް؟” ދުންޔާކުރި ސުވާލުތަކުން ކައިރާގެ ނިތަށް އެރި ރޫތަށް ގިނަވެގެން ދިޔައެވެ.
” މީއީ ނާއިކްގެ މަންމަ. ކައިރާއާ ނާއިކްއާ އޮތް ގުޅުން ވަރަށް ރަނގަޅަށް ދައްތައަށް އެނގޭ. ދައްތަ ކައިރާ ގާތުން މިއެދެނީ ނާއިކްއާ އޮތް ގުޅުން ކަނޑާލުމަށް. މަންމައެއްގެ ހައިސިއްޔަތުން މިފިޔަވަޅު މިގޮތަށް އަޅަން ދައްތައަށް މަޖުބޫރު. އެނގޭ ވަރަށް ގިނަ ސުވާލުތައް ކައިރާގެ ހިތުގައި އުފެދޭނެކަން.”
ނުނިމޭ…..
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

