ޔާރާ ފެނުނީމާ 9
ފަރީދާ ދެއްކި ވާހަކައަޑުއިވުމުން އެލީޝާގެ ކަންފަތް ބީރުވެގެންދިޔަ ކަމުގެ އިހުސާސެއް އޭނާއަށް ކުރެވުނެވެ. ދެން އޭގެ ފަހުގައި ދެއްކި ވާހަކައެއް އޭނާއަށް އަޑުނީވޭ ކަހަލައެވެ. އަރައިގަތީ ފާޑެއްގެ ރުޅިއެކެވެ. ގޮސް ތިގޮތަށް ތިކަން ވިޔަކަ ނުދޭނަމޭ ބުނެ ބަވައިލަން އޭނާ ބޭނުންވިއެވެ. ނަމަވެސް މާމަގެ ކުރިމަތީގައި އެގޮތަށް އުޅެގަންނަން އޭނާ ޖެހިލުންވިއެވެ. ކައިރާއާމެދު ހިތުގައިވާ ނަފްރަތު އެތައް ގުނައަކަށް މައްޗަށް ޖެހިގެން ދިޔައެވެ. މިވަރުން ދަންޏާ އަޔާން ހޯދަން ގޯސް މަގެއް އިޚުތިޔާރު ކުރަން އޭނާ ޖެހިލުމެއް ނުވާނެއެވެ. ކޮޓަރިތެރޭގައި ފަރީދާއާ ރަމީޒް ދައްކަމުންދިޔަ ވާހަކަ އެލީޝާއަށް އަޑުއިވުނީ ހުޅުވިފައިވާ ދޮރުގެ ދޭތެރެއިންނެވެ.
**** *****
“ކައިރާ ކޮންތަނަކަށް ވަދެފަ؟”
ނުހަނުގާތުން އިވުނު އަޑު ކައިރާގެ ސަމާލުކަން އަތުލިއެވެ. އެއީ އެގެޔަށް ވަންނަން އުޅުނުއިރު މަގުމަތިން ފެނިފައި އޭނާއަށް ގެއްލުނު މީހާގެ އަޑެވެ. ބެހޭ ކަމެއްހެއްޔޭ ބުނެލަން އޭނާގެ ހިތް ހާސްފަހަރު އެދުނެވެ. އެމީހަކަށް ވާހަކަ ދައްކަން އެނގުނީވެސް އެންމެ ނުވަގުތުގައެވެ. ފަހަތަށް އެނބުރުނުއިރު އެތާ ހުރި އަޔާން ފެނުމުން ކައިރާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.
” ކީއްވެ ޖަވާބެއް ނުދީ ތިހުންނަނީ؟ މައެބަ ކުރަމޭ ސުވާލެއް ކައިރާއާ. ” ކައިރާއާ އެއްހަމައެއްގައި ހުއްޓިލަމުން އަޔާން ބުނެލިއެވެ. ސުވާލެއް ކުރިކަން ނޭނގިގެން ކައިރާވެސް ނޫޅެއެވެ. ނޭނގުނީ ދޭނެ ޖަވާބެކެވެ. އަޔާންގެ މޫނުމަތިން ފާޅުވަމުންދިޔަ ސީރިޔަސްކަން ފެނި ހިނިތުންވެލަންވެސް އޭނާއަކަށް ނޭނގުނެވެ.
“(ރައްޓެހި ކުއްޖެއް އުޅޭނެ މިތާ. އެގެޔަށް ވަދެފަ.) ” އަތުން ހަރަކާތްކޮށްލަމުން ކައިރާ އިސްޖަހާލިއެވެ.
“އެކަނިތަ އައީ؟” ދެންވެސް އަޔާންގެ ސުވާލުކުރުންތައް ހުއްޓުމަކަށްނައެވެ. އެކަނި ނޫނިއްޔާ ދެން އޭނާ އަންނަންވީ ރައްޔިތު އެންމެން ގޮވައިގެން ހެއްޔެވެ؟ ހިމޭންކަން އިޚުތިޔާރު ކުރަމުން ކައިރާ ހަމައެކަނި ބޯޖަހާލީއޭވެ.
“އާދޭ! ގެޔަށް ލައިދޭނަން.” އަޔާން އެހެން ބުނެ ހިނގައިގަތުމުން ކައިރާވެސް ދެކޮޅުހެދުމެއްނެތި ކުރިޔަށް ހިނގައިގަތެވެ.
****** ****
“ހޫމް…ކޮބާ ބޭނުމަކީ؟”
އަނގައިގެ ދެމިޔަކަނުން ރަތް ކުލައިގެ ކުޅުތަކެއް ފެންނަން ހުރިއިރު އެމީހާ އެއިނީ ދުފައިގެން އަނގަ ރަތްކޮށްގެންކަން އެނގޭހާވެއެވެ. ވާހަކަދެއްކިއިރު ކުޅުތައް ދިޔައީ ބުރަ ބުރައިގެންނެވެ. އޭމީހާގެ ކުރިމަތީގައި އިން އެލީޝާއަށް ދެލޯ މަރާލެވުނީ ގަތް ފަކުރެއްގެ ބޮޑުކަމުންނެވެ. އޭނާގެ މޫނަށްވެސް އޭގެ ހަމަލާތަކެއް އެރީއެވެ. އަތުގައި އޮތް ޓިޝޫއިން މޫނު ފޮހެލީވެސް އޭނާގެ ކުރިމަތީގައި އިނދެއެވެ. އެތަން ފެނި އެމީހާވެސް ވައްތަރަކަށް ހިނިތުންވެލިއެވެ.
” އޭއި. ވާހަކަދައްބަލަ” އެލީޝާގެ ގާތުގައިން އިން އޭނާގެ އެކުވެރި ޒީނާ ބުނެލިއެވެ.” މީމީ.އަނެއް .. ޔާން. އައި ވޯންޓް ހިމް..” ވާހަކަފަށަން އުޅެފައިވެސް އެލީޝާ ހުއްޓާލިއެވެ. އަދި ޒީނާގާތު އެވާހަކަ ކުރިޔަށް ގެންދިޔުމަށް އެދުނެވެ. ޒީނާ ކުރުކޮށް ފޮނިކޮށް އެމީހުން އައި ބޭނުން އެމީހާގާތު ބުނެލިއެވެ.
” ހައްހަހާ. ތީ އެއްވެސް ކަމެއް ނޫން. އެކަމު މަށަށް ވާވަރަށް ފައިސާ ދޭންވާނެ. މަދުވެގެން ފަސްހާސްރުފިޔާ.” އެއް އަތް މައްޗަށް އުފުލާލަމުން އެއަތުގެ ފަސް އިނގިލި އޭނާ ތަޅުވައިލިއެވެ.
“ތީ މަކޮށްކޮށް ބާވެފައި ހުރިކަމެއްނު. ކިތައް މީހުން މީހުނާއި ހިތް ޖައްސުވައިފައި ހުންނާނެ. ތިހާ ރީތި ޖިންސުއްލަތީފަށްވެސް ލޯބިވާ ކުއްޖާ ނުލިބި މިކަމުގެ އެހީ ހޯދަން އައީތީވެ ހައިރާންވަން.ހަހަ…” އެލީޝާގެ ގަޔަށް ނުގޮތަކަށް ނަޒަރު ހިންގާލަމުން އެމީހާ ބުނެލިއެވެ. އެއީ ކަޅުކޮށް ހުރި މެދުއުމުރުފުރައިގެ ފިރިހެނެކެވެ. ލޮލުގެ އޮފުކަމާއި ހުދުކަން ކެނޑި، ރަތް ކުލައިގެ ކުދިކުދި ނާރުތައް އެބޮޑު ދެލޮލުން ފެންނަން ހުއްޓެވެ. ބޮލުގައި އެންމެ އިސްތަށްޓެއްވެސް ނެތެވެ. ފުޅި ބައްތިއެއްގެ އަލިކަން ފިޔަވައި އިތުރު އަލިކަމެއް އެތާނގައި ނުވެއެވެ. އެމީހާ އެހެން ބުނެލުމުން ދެކޮޅަށް އެއްޗެއް ބުނެލަން އެލީޝާގެ އަނގަ ހުޅުވައިލި ނަމަވެސް އެކަން ހާސިލްނުވީ ޒީނާ މަޑުން އިނުމަށް އިޝާރާތްކުރުމުންނެވެ.
“އެންމެ ރަނގަޅު. ދެން ދޭ. ވަގުތެއް ނެތް އަހަންނަކަށް މިއަދު. ތިން ދުވަސްފަހުން އަންނާތި މަ ދޭއެއްޗެއް ބަލާ. އޭރުން ކަންކުރަންވީގޮތް ކިޔައިދޭނަން. ”
އެމީހާ އެހެން ބުނެލުމާއެކު އެލީޝާ ކޮޅަށް ތެދުވިއެވެ. އެތާ ތެރޭގައި ހޭދަކުރި ކޮންމެ މިނުޓެއްވެސް އެލީޝާއަށް ހީވީ އެއް ޤަރުނުހެންނެވެ. ހޫނުކަމުންނާއި، ދުވަމުންދިޔަ ތަތްމުޑު ވަހެއްގެ ސަބަބުން ނޯށް ދަމާލުމަކީ ވޭންހުރި ކަމަކަށްވިއެވެ. އަވަހަށް އެތަނުން ނުކުންނަން ހިނގައިގަތުމާއެކު އެލީޝާގެ ފައި ކޮންމެވެސް އެއްޗެއްގައި އަޅައިގަނެފައި އޭނާ ބަނޑުވަތަށް ވެއްޓުނެވެ. ވޭނީ އާހްގެ އަޑެއް އޭލީޝާގެ އަނގައިން ނުކުތީ ތަޅުންގަނޑުމަތީގައި އޭނާގެ ކަކޫ ޖެހުނުލެއް ބާރުކަމުން ތަދުވި ވަރުންނެވެ. އެވަގުތު ޒީނާ އަވަސްއަވަހަށް އެލީޝާއަށް އެހީވެދޭން އުޅުމުގެ ތެރޭގައި ތަޅުންގަނޑުމަތީގައި ހުދު ކުލައިގެ ކުނޑިތަކަކުން ކުރަހާފައިވާ ވަށް ބުރުގެ ތެރެއަށް ނުވަދެވި އިނީ ކިރިޔަ ކިރިޔާއެވެ.
“ޒީނާ.”
މުޅިތަން ގުގުމައިގެން ދިޔައީ ފަންޑިތަ ހަދާ މީހާގެ އަޑުންނެވެ. އެއަޑު ކަންފަތުގައި ޖެހުމާއެކު ދެމީހުންވެސް ގަނޑުވި ކަހަލައެވެ.
“ޒީނާ. ތި ބުރުގެ ތެރެއަށް ކުޑަމިނުން ކަލޭގެ ހިޔަނިވެސް އެޅިޔަ ދީގެން ނުވާނެ. ދުރަށްދޭ ތިތަނުން. މީ ކަލޭމެން ކުޅިވަރު ކުޅެން އައި ތަނެއްނޫން.” އެތަނުން ދާން ބުނުމުންވެސް އެލީޝާމެން ނުގޮސް ލަސްވަމުންދާތީ އޭނާގާތަށް ރުޅި އަންނަ ގޮތްވިއެވެ. ނުވިތާކަށް އެވަށް ބުރަކީ މަސައްކަތެއް ކުރުމަށް އޭނާ ބޭނުންކުރާނެ އެއްޗެކެވެ. އެއްވެސް މީހަކު އެތަނަށް ވަދެ އެބޭނުންކުރުމުގެ އަސްލު މަޤްސަދު ގެއްލޭކަށް އޭނާ ނޭދެއެވެ.
“އަހަރެމެންވެސް ނޫޅެން ކޮންމެހެން….” ތެދުވަގެންނަމުން އެލީޝާ ވާހަކަދައްކަން އުޅުނެވެ. ނަމަވެސް މިފަހަރުވެސް ހުއްޓާލަން ޖެހުނީ ޒީނާ އެކަމަށް ހުރަސް އެޅުމުންނެވެ.
” ހޫން. މިދަނީ. ތިން ދުވަސްފަހުން އަންނާނަން ބަލާ.” އެލީޝާ ގޮވައިގެން ޒީނާ ނުކުންނަން ހިނގައިގަތެވެ.
“ބޮޑުބެ ކުރިމަތީގައި އެގޮތަށް ވާހަކަދައްކަން އުޅެންޏާ އޭނަ ވަރަށް ރުޅިއަންނާނެ. އޭނަ އެކަހަލަ އެއްޗެހި ބުނާނެ. އެއީ އަޅާލާ ކަންތަކެއް ނޫން. އެކަމު އޭނަ އެކަން ނުކޮށްފިއްޔާ މާދެރައެއްނު”
މަގުމައްޗަށް ނުކުމެވުމާއެކު ޒީނާ ވާހަކަދައްކަން ފެށިއެވެ.
” ބޮ..ޑު.ބެ..އޭ؟” އަކުރުތަކަށް ދަމާލަމުން އަނގަޔަށް ގޮތެއް ހާދާލުމަށްފަހު އެލީޝާ ބުނެލިއެވެ.
” އާނ” ބޯޖަހާލަމުން ޒީނާ އިސްޖަހާލިއެވެ.
” ވަޓް؟ އެ “ލޯރަތްބެ” އެއީ ޒީގެ ބޮޑުބެއޭ؟ ކިހިނެއް؟” ހައިރާންކަން އެކުލެވިގެންވާފަދަ ބެލުމަކުން އެލީޝާ ޒީނާއަށް ބަލަމުން ދިޔައެވެ.
“ޔެސް. ޒީގެ ބައްޕަގެ ބޭބެއެއީ. ބޮޑުބެ އެކަހަލަ ކަންތައްކުރާތީވެ ޢާއިލާއާ މިހާރު އެއްވެސް ވަރަކަށް ގުޅުމެއް ނޯވޭ. އެކަމުވެސް މިކަން ކުރީމަ ވާގޮތެއް ބަލައިލަން އެލީއަށް މިއައިޑިއާ ދިނީ.”
ޒިނާ އިތުރަށް އޮޅުންފިލުވައި ދިނެވެ. ނަމަވެސް ޒީނާއަށް ނުވިސްނުނީ އޭނާ އެދިން “އައިޑިއާ”އަކީ އޭގެ ޒާތުގައި އެއްވެސް ބުރަދަނެއް އެކުލެވިގެންނުވާ އަދި ދާއިމީ ފައިދާއެއް ލިބިދޭނެ ކަމެއް ނޫންކަމެވެ.
“އާނ. ކައިރާއާއި ޔާންގެ ކައިވެނި ހުއްޓުވެން އޮއްގޮތަކަށް ހުއްޓުވާނަން. ޔާންގެ ލޯތްބާއި ރުހުންވެސް ލިބެން އޮއްގޮތަކަށް ހޯދާނަން.” އެލީޝާގެ އަޑުގައިވީ ޔަޤީންކަމެވެ.
“އެއަންހެނާއަށް އެންމެ ފުރަތަމަ ދުވަހުވެސް އެނގޭނެ މައުޅުނީ ޔާންއާ ރައްޓެހިވެގެންކަން. ދެން އޭނާ ނުޖެހެއެއްނު ދެމީހުންގެ ދޭތެރެއަށް ވަދެގަންނާކަށް މާމަ ބޭނުންކޮށްގެން. ވަސިއްޔަތޯ ކިޔާފަ. ހާދަ ފޫއްސެއްވެޔޭ. މާ މާތް މީހަކަށް ހެދިގެން އުޅުނަސް އޭނަ ބޭނުންވާނީ އެހެން މީހުންގެ ދިރިއުޅުމަށް ވިހަލާން. ” އެލީޝާ ދެދަތްޕިލަ ޖައްސައި ބާރުކޮށްލަމުން ވާހަކަދެއްކިއިރު އޭނާ އައިސްފައިހުރި ރުޅި ކޮންމެ މީހަކަށްވެސް އަންދާޒާކޮށް ލެވޭނެއެވެ. އަޔާންގެ ކައިވެނި ކައިރާއާ ކުރެވިގެންދާނެ ކަމުގެ ޚަބަރު ލިބުނު ދުވަހުން ފެށިގެން އެލީޝާގެ ހިތަކަށް ހަމަޖެހުމެއް ނުލިބެއެވެ. ނުވިތާކަށް އަޔާންވެސް އޭނާ ދުރުކޮށްލީއެވެ. ހުރިހާކަމެއްގެ އަސްލުކަމުގައި އެލީޝާ ދެކުނީ ކައިރާއެވެ. ދިރިއުޅުމުގައި ބޭނުންވާ ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް ލިބިލިބި ހުރި އެލީޝާއަށް އޭނާގެ ފުރަތަމަ ލޯބި ނުލިބުން ވެގެންދިޔައީ ބަރުދާސްތު ކުރަން އުނދަގޫވި ކަމަކަށެވެ. އެފަދަ ހާލަތްތަކުގައި ކެތްތެރިވެ، މިންވަރަށް ޝުކުރުކުރުމާއި، ހިތްވަރާއެކު ރަނގަޅު ގޮތުގައި އެއެއްޗެއް ހޯދުމަށް މަސައްކަތްކުރުމަކީ އޭނާގެ ފިޠުރަތުގައި ނެތްކަމެއް ކަހަލައެވެ. އޭގެ ބަދަލުގައި އޭނާ ބޭނުންވީ އެއެއްޗެއް ފޭރިގަންނާށެވެ. ލޫޓުވާލާށެވެ. އެއީ ލޯބިކަމުގައިވިޔަސް މެއެވެ.
***** ****”ކީކޭ؟ ކޮން އެއްޗެއް ހިތަށް އަރައިގެން ތިއުޅެނީ؟ އޭނ؟ ކައިރާ އިންނަންޖެހޭނީ މި ނާއިކްއާ. މިނޫން މިހާކާއެކު އުޅެން ހިތަށްވެސް ނާރުވާތި! ކުޑަމިނުން އެކަހަލަ ހުވަފެނެއްވެސް ބަލައިގެން ނުވާނެ. ޚިޔާލުވެސް ކޮށްގެން ނުވާނެ. މަ މަމަ..މަ ކައިރާދެކެ ވާ ލޯބި ކައިރާއަށް ނޭނގެނީތަ؟ އަންދާޒާ ނުކުރެވެނީތަ؟ ދެން މިހިތަށް ތިގޮތަށް އަނިޔާ ތިދެނީ ކީއްވެ؟ ލޯބިވެޔޭ އިންނާނަމޭ ކިޔާފަ އަހަންނަށް ބޭވަފާތެރިވާން ތިއުޅެނީ ކީއްވެހޭ؟ ކީއްވެހޭ؟.. ހަލޯ..ހަލޯ.ހަލޯ…” ފޯނު ކަންފަތާއި ދުރުކޮށްލަމުން ނާއިކް އެޔަށް ބަލާލިއެވެ. ހީވީ ރަނގަޅަށެވެ. ކައިރާ ފޯނު ކަނޑާލީއެވެ.
“ކައިރާ……”
އަތުގައި އޮތް ފޯނު ފާރާއި ދިމާލަށް ހޫރާލަމުން ނާއިކް ހަޅޭލަވައިގަތެވެ. ތަޅުންގަނޑު މަތީގައި ފޯނުޖެހުމާއެކު އަނެއްކާވެސް ފޯނު ނަގައި އޭތި ބިމާއި އެއްކޮށް ޖަހާލިއެވެ. ފޯނު ހަލަކުވަންދެކަށް އޭނާ އެހަރަކާތް ތަކުރާރު ކުރިއެވެ. އައިސްފައިވާ ރުޅި ކޮންޓްރޯލް ކުރުމަށް ހަދާނެ ނުހަދާނެ ގޮތެއް ނެނގޭ ހާލު ނާއިކް ބޮލުގެ ތެރެއަށް އަތް ހިންގައިލުމަށްފަހު އިސްތަށިތަކުގައި ހިފާ ބާރަކަށް ދަމާލިއެވެ. އިސްތަށިތައް އުފުރާލަން އުޅުނު ކަހަލައެވެ. ގޮށް މުށުން ހިތާއި ދިމާލުގައި ދެތިން ބޮނޑިވެސް އަޅާލިއެވެ. ތަދުވި ނަމަވެސް ފަރުވާލެއް ނެތެވެ. މޭގެ ތެރޭގައިވާ ހިތް ހަލާކުވެ ފިސްވެއްޖެއެވެ. ދެން އިތުރަށް ހަލާކުވާނެ ތަނެއް ނެތް ކަހަލައެވެ. މީހަކު އެހިތުގެ އިހުސާސްތަކާއި ކުޅެލައިފިއެވެ. ރަހުމެއްނެތި އެހިތަށް އަނިޔާދީފިއެވެ.
“ވައި؟ ވައި؟ ކައިރާ؟ އަހަރެންގެ ހިތުގެ އިހުސާސްތަކާއި ކުޅެލީ ކީއްވެ؟ އެހައްޤު ކައިރާއަށް ދިނީ ކާކު؟ އާނ. އަހަރެން ދިނީ. އަހަރެން ދޯ ދިނީ. ހަހަ” މޮޔަވައްތަރަކަށް ހިނިތުންވެލަމުން ނާއިކް މޫނުމަތީގައި އަތް އަޅާލިއެވެ.
ފޯނު ކަނޑާލުމަށްފަހު ކައިރާ ކަންފަތާއި ފޯނު ދުރުކޮށްލަމުން ދެލޯ މަރާލިއެވެ. ނާއިކްއަށް އޮޅުވާލެވުނުކަން ވިސްނި އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ނާއިކްއަށް މިހާ އަސަރުކުރާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. ކޮންމެއަކަސް ނާއިކްގެ މަންމަގެ ގާތުވީ ވަޢުދު އޭނާއަށް ފުއްދައި ދެވިއްޖެއެވެ. ދެން އޮތީ އޭނާގެ އަމިއްލަ ވާހަކައެވެ. އޭނާގެ ކައިވެނި އަޔާންއާއި ކުރެވިގެންދާނެ ކަމަށް މާމަމެން ބުނެފައިވެއެވެ. އެއީ އޭނާގެ ބައްޕަގެ ބޮޑު އެދުމަކަށްވާތީއެވެ. އެކަމުން އޭނާއަށް ކުރުވަމުން ދިޔައީ މަސްހުނި އިހުސާސްތަކެކެވެ. އުފާވެސްވެއެވެ. ދެރަވެސްވެއެވެ. އުފާވަނީ އެއީ ހިތްއެދޭ ކަމަކަށްވާތީއެވެ. ދެރަވަނީ އެއީ އެލީޝާ ނުރުހޭކަމަކަށް ވެގެންދާތީއެވެ. ހީވަނީ އެލީޝާގެ ހައްޤެއް ޖަހައިގަންނަން އުޅެނީހެނެވެ. ނުވިތާކަށް އަޔާން އެކަމާމެދު ދެކޭ ގޮތެއްވެސް އަދި ނޭނގެއެވެ. އަޔާން އޭނާއަށް ޚާއްސަ ނަޒަރަކުން ދެކޭނެ ހެއްޔެވެ؟ ޚިޔާލުތަކުގެ ފުން ކަނޑަކަށް ކައިރާ ޢަރަޤުވެން ދިޔައީ އަޔާން ދެން ކަންތައް ކުރާނެ ގޮތަކާއިމެދު ވިސްނަމުން ދަނިކޮށެވެ. ފަހި ވިސްނުންތަކެއް އެކުލެވިގެންވާ ޚިޔާލުތަކެއް ސިކުނޑީގައި ދައުރުވަމުން ދިޔައިރު މާނަ ފުން ހިނިތުންވުމެއް އޭނާގެ ތުންފަތްމަތީގައި ދުވެލިއެވެ. ޚިޔާލީފޮލާ ކައްކަމުން ދިޔައީ ވާން އުޅޭ އެއްވެސް ގޮތެއް ނޭނގޭ ހާލުގައެވެ. ފޯން ރިންގްވާ އަޑު އިވުމާއެކު ކައިރާ ލޯ ހުޅުވާލިއެވެ. ސޭވްނުކޮށް އިން ނުދަންނަ ނަންބަރަކުން ގުޅަމުން ދިޔުމުން ދެކޮނޑު އަރުވާލުމަށްފަހު ފޯނު ނަގާލިއެވެ.
“ހަލޯ. ކައިރާ! ތިރިޔަށް ފައިބާ! އެހެންނޫނީ ތިގެޔަށް މަ ވަންނަން ޖެހިދާނެ. އޭރުން މާ ރީއްޗެއް ނުވާނެ އިނގޭ. ” ފޯނު ކެނޑުމާއެކު ކައިރާއަށް ހުއްޓުން އަރާފައި ހުރެވުނީއެވެ. ނާއިކްގެ އަޑުއިވުމުން އަނެއްކާވެސް ހިތް ނުތަނަވަސްވާން ފެށިއެވެ.ނާއިކް މޮޔަވީ ހެއްޔެވެ؟ މިއީ އެކި ކަހަލަ ވައްތަރު ޖައްސައި ހަދަން ފިލްމެއް ނޫނެވެ. ޑުރާމާއެއް ނޫނެވެ. އަދި ލޯބީގައި ދީވާނާވެފައިވާ މޮޔައެއްހެން ތެޅެންވީ ވަގުތެއްވެސް ނޫނެވެ. މިއީ ހަޤީޤީ ދިރިއުޅުމެވެ. ދިރިއުޅުމުގައި ދިމާވާ ކަންކަމާއި ހިތްވަރާއި އެކު ކުރިމަތިލާން ޖެހޭނެއެވެ. ވެވޭ ކޮންމެ ލޯތްބަކީ ހާސިލްވާނެ ލޯތްބެއް ނޫންކަން ދަންނަން ޖެހޭނެއެވެ. މިކަން ނާއިކްއަށް ނުވިސްނިގެން އެއުޅެނީ ކީއްވެ ހެއްޔެވެ؟ މެސެޖަކުން އޭނާ ނާއިކްއާ ގުޅެން ބޭނުންނުވާ ކަމަށް ކައިރާވަނީ ބުނެފައެވެ. އަދި ވަރަށް އަވަހަށް މީހަކާ އިންނަން އުޅޭ ވާހަކަވެސް ކައިރާ އެންގިއެވެ. ސަބަބަކަށް ކައިރާ ބުނީ ނާއިކްދެކެ ލޯބިނުވަނީ ކަމުގައެވެ. ހިންދިރުވާލުމަށްފަހު ކުރިޔަށް ހިނގައިގަތީ ނާއިކްއާ ކުރިމަތިލާން ދިޔުމަށެވެ.
***** ****
1 މަސް ފަހުން.
” އަނބި ޤަބޫލުކޮށްފިން”
ހަމަހިމޭން މާހައުލުން އިވިގެން އެދިޔައީ ކައިވެނީގެ އަޤްދުގައި ކައިވެނި ޤަބޫލުކުރާ މީހާގެ އަޑެވެ. ނަމަވެސް އެއަޑުގައި އެއްވެސް ކަހަލަ ޖޯޝެއްނެތެވެ. އުފާވެރިކަމެއް ނެތެވެ. އެކުލެވިގެންވަނީ މާޔޫސީކަމާއި މަޖުބޫރީކަމެވެ. ހިތްހަމަނުޖެހުމާއި، ނުރުހުންތެރިކަަމާއި ރުންކުރުކަމެވެ. ކުރިމަތީގައި އިން ސާދަވިލޭރޭގެ ހަނދެއްފަދަ އެރީތި އަންހެންކުއްޖާ އޭނާގެ ހައްޤަކަށްވުމުންވެސް އޭނާ އުފަލެއްނުވިއެވެ. ކުޑަމިނުން އެމަޢުސޫމު އަންހެންކުއްޖާގެ މޫނަށްވެސް ބެލުމުގެ ޝައުޤުވެރިކަމެއް އޭނާގެ ނެތްކަހަލައެވެ. އެއާޚިލާފަށް ކަޅިޖަހައިނުލައި އެފިރިހެންކުއްޖާގެ ކުޑަނަމަވެސް އިޝާރާތަކަށް ބަލަމުންދިޔަ އަންހެންކުއްޖާގެ މޫނުމަތިން ފެންނަމުން ދިޔައީ އުއްމީދުން ފުރިގެންވާ އުފާވެރިކަމެވެ. ހުދު ވެޑިންގް ޑްރެސްގައި އިން އެކުއްޖާ ވަރުގެކޮޅަށް ނަލަ ހައްދާލެވިފައިވާއިރު ހީވަނީ އަސުރަށް ފޮޅެން ތައްޔާރުވެފައި އިން އަސުރު މަލެއްހެންނެވެ. ކައިވެނީގެ ޚުތުބާނިމި ކައިވެނި ކުރެވިއްޖެއެވެ. ދެން އޮތީ ވަލީމާއެވެ.
ހަވީރުގެ ހިތްގައިމު ވަގުތުގައި “އޯކިޑް ބިލްޑިންގް”ގެ ތަނަވަސް ޓެރަސް ތޮއްޖެހިފައިވަނީ އެކި އުމުރުފުރައިގެ މީހުންތަކުގެ ސަަބަބުންނެވެ. ދެފަރާތުގެ ޢާއިލާ މީހުންނާއި އެކުވެރިންނެވެ. ގާތް ތިމާގެ މީހުންނާއި ރަހުމަތްތެރިންނެވެ. ދަނބުކުލައާއި ފިޔާތޮށި ކުލައިގެ އޯކިޑް މާގަސްތަކުގެ ސަބަބުން ތަނުގެ ރީތިކަމާއި ހިތްފަސޭހަކަން އިތުރުކޮށްދެއެވެ. އެއްފަރާތެއްގައި ހުރި ދިގު މޭޒުމަތީގައި ކަރުތެންމާލުމަށްޓަކައި މޭވާގެ އެކި ބުއިންތައް ބަހައްޓާފައިވާއިރު އޭގެ އަނެއްފަރާތުގައި ނަން ހުސްކޮށް އެކިބާވަތް ބާވަތުގެ ހެދިކާތައް އަތުރާފައި ހުއްޓެވެ. ދެމެފިރިންނަށް ޚާއްސަކޮށްފައިވާ ތަނުގައި ތިބެގެން އަންނަ މެހެމާނުންނަށް މަރުހަބާ ކިޔުމުގައި އެދެމީހުން މަސްޢޫލުވެގެން ތިއްބެވެ. މޫނުމައްޗަށް ޕްލާސްޓިކް ހިނިތުންވުމެއް ވެރިކުރުވަމުން ހިތުގައިވާ ނުތަނަވަސްކަން ވަންހަނާކުރެވޭތޯ އެފިރިހެން ކުއްޖާ ދިޔައީ ބަލަމުންނެވެ. އަވަހަށް އެކަން ނިންމާލެވޭތޯ އޭނާގެ ހިތާއިހިތުން ދުޢާކުރަމުންދިޔަ ކަހަލައެވެ.
ސިކުންތަކަށްފަހު މިނުޓެއް، މިނުޓަކަށްފަހު ގަޑިއިރެއް ފާއިތުވަމުން ގޮސް އެންމެފަހުން ދެގަޑިއިރު ހަމަވެއްޖެއެވެ. މުޅި އުދަރެހުގައި ރަތްކުލައާއި އޮރެންޖު ކުލައަށްދާ ކަހަލަ ކުލަވަރެއް ފެތުރިގަތީ އިރުއޮއްސެން އުޅޭ ކަމުގެ ނިޝާންތައް ދައްކަމުންނެވެ. މާގިނައިރުތަކެއް ނުވެ ރޭގަނޑުގެ އަނދިރިކަން ފެތުރިގަތެވެ. ތަނުގެ ހަލަބޮލިކަންނިމި، ހަމަހިމޭންވެ ވަލީމާވެސް ނިންމާލުމުގެ ވަގުތު ކުޑަތަންވަމުން ދިޔައެވެ.”ކޮންގްރާ! ކައިރާ އެންޑް އަޔާން. އޯއެމްޖީ. ކައިވެސް މެރީކުރީދޯ. ވަރަށް ވަރަށް ބޮޑަށް ސޮރީ ލަހުން އާދެވުނީމަ.” ކައިރާގެ އަތުގައި ހިފާލަމުން އީނާ އެހެން ބުނެލީ އަޔާންއަށްވެސް ނަޒަރު ދެމުންނެވެ. ގާތް އެކުވެރިޔާގެ ހަޔާތުގެ އެންމެ ޚާއްސަ އެއްދުވަހުގައި، އަދި އުފަލުގައި ބައިވެރިވުމަށް ލަހުން އާދެވުނީތީ އެކަމަށް މަޢާފަށް އެދެމުންނެވެ.
ނުނިމޭ……….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.


Vrh reethi mi vhk
Mashaa ﷲ