ނޭދެމޭ ވަކިވުމެއް…ހާދަހާ ލޯބިވޭ 25
ސިޓިންރޫމުގައި ދެކޮޅަށް ހިނގާލަ ހިނގާލަ އިން ސައުދިއްޔާ އިނީ މި ދަނޑިވަޅަށް ވަރަށް ތައްޔާރު ވެގެންނެވެ. މިއީ އޭނާ ކުރިމަތިލާން ޖެހޭނެ ވަގުތުކޮޅެއްކަން ކިތަންމެ ކުރިން އެނގިފައިވި ނަމަވެސް ވަގުތު ޖެހުނު އިރު މުޅި މީހާގެ އަތްފައި ފިނިވެ ބާރުބާރަށް ހިތް ތެޅެމުން ދަނީއެވެ.
އާއިޒު އައިސް ސައުދިއްޔާ ކުރިމައްޗަށް ހުއްޓުނު އިރު އެދެލޮލުން އަލިފާން ކަނި ބުރާފަދައެވެ. ސައުދިއްޔާ އަވަސް އަވަހަށް ވާހަކަ ދައްކަން ފެށިއެވެ.
“ދަރިފުޅު، މަންމަ ދައްކާ ވާހަކަ ރަނގަޅަށް އަޑު އަހައްޗޭ! މިއީ ހަމަ ދަރިފުޅަށް ރަނގަޅަކަށް މަންމަ ކުރާ ކަމެއް.” ސައުދިއްޔާގެ ވާހަކަ މެދު ކަނޑާލީ އާއިޒުގެ ރުޅިވެރި ބަސްތަކެވެ. “މަންމައަށް އެނޫން މީހެއް ނުލިބުނީތަ މި ބޮޑު ދުނިޔޭންވެސް. އޭނަ ނޫން ކޮންމެ މީހެއްވެސް އަހަންނަށް ވަރިހަމަ. އެކަމަކު އޭނަޔަކާ ނީންނާނަން.”
ސައުދިއްޔާ ހިތްވަރުކޮށްފައި އާއިޒު ހަމައަކަށް އެޅުވޭތޯ މަސައްކަތް ކުރަން ފެށިއެވެ. ނަމަވެސް އާއިޒު މައިތިރި ވާގޮތެއް ނުވިއެވެ.
“އެންމެ ރަނގަޅު، ދަރިފުޅުގެ ނިންމުމަށް މަންމަ އިޚްތިރާމް ކުރަން. އެކަމަކު ދަރިފުޅު ނިކަން ވިސްނާލަބަލަ. މަންމަވެސް އެކުއްޖާޔާ ދަރިފުޅުގެ ކައިވެނި ހަމަ ޖައްސާނީ ކޮންމެވެސް ސަބަބެއް އޮވެގެނެއްނު. މަންމައަށް އެނގޭ އޭނަ ދަރިފުޅާ މެދު ކަންކުރި ގޮތް. އެންމެން ކުރިމަތީ ދަރިފުޅުގެ އަގު ވައްޓާލީ އޭނައެއްނު. ބޭނުމެއް ނުވޭތަ އެކަމުގެ ބަދަލު ހިފަން؟” ސައުދިއްޔާގެ މި ލަފުޒުތަކުން އާއިޒުގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ. އޭނާގެ މަންމައަކީ ދުވަހަކުވެސް މީހަކަށް ދެރައެއް އެދުނު މީހެއް ނޫނެވެ. ޔާނާ އާއި ކައިވެނި ރޫޅުމުންވެސް ސައުދިއްޔާ ކުށްވެރިކުރީ އާއިޒު އެވެ. އާއިޒު ސައުދިއްޔާއަށް ބަލަން ހުރިއިރު ސައުދިއްޔާވެސް އިނީ އާއިޒުއަށް ބަލަހައްޓައިގެންނެވެ.
ސައުދިއްޔާގެ ވިސްނުން އާއިޒުއަށް ކަމުދިޔައެވެ. އަދި ހަމަޖެހިލަމުން ސައުދިއްޔާގެ ގައިގައި ބައްދާލާފައި ބޭރަށް ނިކުމެގެން ދިޔައެވެ. އާއިޒު ނިކުމެގެން ދިޔަ ތަން ބަލަން ހުރެފައި ފުންނޭވާއެއް ބޭރުކޮށްލަމުން ސައުދިއްޔާ އެނބުރިލީ ކޮޓަރިއަށް ދިޔުމަށެވެ. ނަމަވެސް ކޮޓަރީ ދޮރުކުރިމަތީގައި ހުރި ޖާހަތު ފެނި ސައުދިއްޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ.
ޖާހަތުއަށް ކަންފަތަށް އެއިވުނު އަޑުތައް ޤަބޫލުކުރަން ދަތިވެފައި ހުރެވުނީއެވެ. އޭނާގެ ހިތް ކުދި ކުދި ވެއްޖެއެވެ. ސައުދިއްޔާގެ ފަރާތުން ފެނުނު އޯގާތެރިކަމަކީ މައިވަންތަކަމުގެ ލޯބީގެ އަވައިގައި އޭނާ ފަދަ ޔަތީމު ކުއްޖަކު ޖެއްސުމަށްފަހު ރޭވި ރޭވުން ގަނޑެކޭ ހިތްބުނުމުން ހޯސްލާފައި ކަރުނަ ފައިބައި ގަތެވެ. އަދިވެސް ލަހެއް ނުވެއެވެ. ޖާހަތު އިތުރަށް އެންމެ ސިކުންތެއްވެސް ލަސްކުރާކަށް ބޭނުމެއް ނުވިއެވެ. އޭނާ އުޅޭ ކޮޓަރިއާ ދިމާއަށް ހިނގައިގަތީ ދެފަޔަށް ލެވުނުހާ ބާރެއް ލާފައެވެ. ސައުދިއްޔާ ހަލުވި ހިނގުމެއްގައި ޖާހަތުގެ ފަހަތުން އާދެއެވެ.
ޖާހަތު ކޮޓަރިއަށް ވަނުމާއެކީ އަލަމާރި ކައިރީގައި ހުރި ފޮށި ނަގާ އެނދުމައްޗަށް ހޫރާލުމަށްފަހު އަލަމާރީގައި ހުރި ހެދުންތައް ނަގައި ފޮށްޓަށް އަޅަންފެށިއެވެ. ސައުދިއްޔާ ކޮޓަރިއަށް ވަދެވުމާއެކީގައި އަވަސް އަވަހަށް އައިސް ޖާހަތުގެ އަތުގައި ހިފެހެއްޓިއެވެ. ޖާހަތު ބަލައިލިއެވެ. ސައުދިއްޔާ ރޮވިފައި ހުރެ ދެފަރާތަށް ބޯ ހޫރާލީ ނުދާށޭ ބުނާފަދަ ގޮތަކަށެވެ. ޖާހަތުގެ މޫނަށްވެރިވި ހަރުކަށި ކަމަކާއެކީ ސައުދިއްޔާގެ އަތް ނައްޓުވާލިއެވެ. އަދި އެއްޗެހިތައް އަޅަންފެށިއެވެ.
“ދަރިފުޅާ. ހެޔޮނުވާނެ. ދަރިފުޅު ހީކޮށްގެން ތިޔަ އުޅެނީ އަދި ރަނގަޅަކަށް ނޫން. މަންމަ މި ދައްކާ ވާހަކަ އަޑު އަހާބަލަ.” ސައުދިއްޔާ ރޮއެގަންނަމުން އާދޭސްކުރިއެވެ. ނަމަވެސް ޖާހަތު އެއްވެސް އެއްޗެކޭ ނުބުނެއެވެ.
“ދަރިފުޅަށް ދެރައެއް ދޭކަށް ދުވަހަކުވެސް މި މަންމައެއް ނޭދޭނަން. ތީ ހަމަ މަންމަގެ ދަރިއެއް ފަދަ.” ޖާހަތު ފޮށި ހިފައިގެން ދޮރާ ދިމާއަށް ހިނގައިގަތުމާއެކު ސައުދިއްޔާގެ އަރު ބެދުނުފަދައެވެ. ޖާހަތު އެނބުރި ބަލައިލިއެވެ. އެމޫނުމަތިން އިންތިހާ ދަރަޖައިގެ ހިތްދަތިކަން ފެންނަމުން ދިޔައެވެ.
“ރަނގަޅަށް ތިބުނީ. ތިއީ އަހަރެންގެ މަންމައެއްފަދަ މީހެއް. ހަޤީޤީ މަންމައެއް ނޫން. އެހެންނޫންނަމަ ތިހާ ބޮޑު އޮޅުވާލުންގަނޑެއް ނުރާވާނެ. މިއަދު ހުރިހާ މަންޒަރުތަކެއް އަހަންނަށް ނުފެނުނު ނަމަ ރޭކާވެސް ނުލީސް. އަހަރެން ކުޑައިރުއްސުރެ ހޯދަމުން އައި މައިވަންތަ ކަމުގެ ލޯބީގެ ދަޅާގައި ޖައްސައި ކިތަން ރީއްޗަކަށްވެސް ތި މަޅީގަ ޖައްސައިފި. އެކަމަކު ކާމިޔާބެއް ނުވިއެއްނު. ހަނދާންކޮށްބަލަ، އަހަރުމެންނަށް ވުރެ މާ މަތީ ފަރާތެއް ވޮޑިގެންވާކަން. އެކަލާނގެ އެއްވެސް އަޅަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ. ވަގުތު ފާއިތުވުމުގެ ކުރިން އަހަންނަށް ހުރިހާ ކަމެއް އެނގި ސާފުވިކަމަށް ޓަކައި ޝުކުރުވެރިވަން.” ޖާހަތު ބޭރަށް ހިނގައިގަތެވެ.
ހާސްވެ ދެލޯބޮޑުވެފައިވާ ސައުދިއްޔާގެ ދެލޮލަށް އަނދިރިކަން ވެރިވެ ވާނުވާ ނޭގޭ ހެން ހީވާން ފެށުމުން އެނދުގައި އަތް އަޅާލިއެވެ. ނަމަވެސް އެ ބިޔަ ބޮޑު ހަށިގަނޑު ކޮންޓްރޯލުން ނެއްޓި ތަޅުން ގަނޑު މައްޗަށް ވެއްޓުނެވެ.
ފަހަތުން އިވުނު އަޑަށް ޖާހަތު ސިހި އެނބުރި ބަލައިލިއެވެ. ވެއްޓިފައި އޮތް ސައުދިއްޔާ ފެނުމާއި އެކީ ފޮށި އަތުން ދޫވެ އެދިމާއަށް ހިނގައިގަނެވުނީ ކަން ބޮޑުވުމާއެކުއެވެ. ނަމަވެސް ވަކި ވަރަކަށް ކައިރި ވެވުމާއެކު ފިޔަވަޅުތަކަށް ހުއްޓުމެއް އައީ ސައުދިއްޔާއާ އާއިޒުގެ ނިޔަތް ހަނދާން ވުމުންނެވެ. އެމީހުންގެ ބޭނުން ފުއްދުމަށްޓަކައި ކޮންމެ ފަދަ ޑްރާމާއެއްވެސް ކުޅެފާނެ ނޫންހެއްޔޭ ހިތަށް އެރިއެވެ. އެނބުރި ދާން ހިނގައި ގަތް ނަމަވެސް ހިތްހަމަ ޖެހޭ ގޮތެއް ނުވިއެވެ. އޭނާ މިގޭގައި މަޑުކުރާކަށް ބޭނުމެއް ނޫނެވެ. އަދި ހަމަ އެހެންމެ ސައުދިއްޔާ އެ ހާލުގައި ބާއްވާންވެސް ބޭނުމެއް ނޫނެވެ.
ގެއަށް ވަދެގެން އައިސް އައިސް ހުރި ޝަކީބު ޖާހަތުއަށް ފެނުނެވެ. އޭނާ މިސްރާބު ޖެހީ ބަދިގެއާ ދިމާއަށެވެ. ޖާހަތު ދޮރާ ނިވާވެލިއެވެ. އަދި ކައިރީ ހުރި މޭޒުމަތީގައި އިން ބިއްލޫރި ވާސް ނަގާ ކޮޓަރި ތެރެއަށް އެއްލާލުމާއެކީ ތަޅައިގެން ދިޔަ އަޑުފަށްގަނޑުން މުޅި ގޭތެރެ ދިޔައީ ގުގުމައިގެންނެވެ. ބަދިގޭ އައިސްއަލަމާރި ކައިރީގައި ހުރި ޝަކީބުގެ މިސްރާބު ބަދަލުވީ ކޮޓަރިއާ ދިމާއަށެވެ. ތަޅުންގަނޑު މަތީގައި އޮތް ސައުދިއްޔާ ފެނުމާއެކު ޝަކީބަށް ދުއްވައިގަނެވުނެވެ.
ފުރުސަތުގެ ބޭނުންކޮށް، ދޮރު ފަހަތުގައި ނިވާ ވެގެން ހުރި ޖާހަތު އަވަސް އަވަހަށް ބޭރަށް ނިކުތެވެ. މި ގޮތްނޭގޭ ތަނުން އޭނާ ބޭނުމީ އަވަހަށް ސަލާމަތްވާށެވެ. ބޭރުދޮރުން ނިކުމެވުމާއެކު ހަމަ ޖެހުމުގެ ނޭވާއެއް ލެވުނެވެ. މިސްރާބު ޖެހީ ގެއާ ދިމާއަށެވެ. ވީ އެންމެ އަވަހަކަށް ޔާނާއަށް ގުޅުމަށްފަހު މެލޭޝިޔާއަށް ދިޔުމަށް ނިންމިއެވެ.
އިރުގެ ދޯދިތަކުން މުޅި ދުނިޔެ ޖަރީވަމުން ދިޔައިރު ނިދިފައި އޮތް ޔާނާއަށް ހޭލެވުނީ ކޮޓަރީގެ ދޮރުގައި ޓަކި ދޭ އަޑަށެވެ. ރޭ އެތައް އިރެއް ވީފަހުން ނިދުމުގެ ސަބަބުން މުޅި ހަށިގަނޑަށް ވަނީ ލޮޑުކަމެއް ވެރިވެފައެވެ. އަވަސްއަވަހަށް ތެދުވެގެން ގޮސް ދޮރު ހުޅުވާލިއިރު ކުރިމަތީގައި ހުރީ އަންހެނެކެވެ. ހަމުގެ ކުލަ އަލިވެފައި އިސްކޮޅުން ދިގުކޮށް ބިޔަކޮށް ހުރުމުން އެއީ ރާއްޖޭ މީހެއް ނޫންކަން އެނގުނެވެ. ލައިގެން ހުރި ހުދާއި ކަޅުކުލައިގެ ޔުނިފޯރމް ވައްތަރު ހެދުމުން އެގޭގައި ގެންގުޅޭ މީހެއްކަން އެނގުނެވެ.
“ހެނދުނުގެ ސަޔަށް ތައްޔާރުކުރަންވީ އެއްޗެއްސާއި އެ ތައްޔާރުކުރަންވީ ގޮތް ބުނެލަދޭން ބަދިގެއަށް އާދެވިދާނެތަ؟” އެމީހާ ވާހަކަ ދެއްކީ އިނގިރޭސި ބަހުންނެވެ. ޝެފުންގެ ގޮތުގައި އުޅެނީ ހުސް ބޭރު މީހުންނަށް ވުމުން ދިވެހި ކެއުން ތައްޔާރުކުރުމަށް ވަރަށް އުނދަގޫވެއެވެ. ރެސިޕީތައް ބަލައިގެން ތައްޔާރުކުރިއަސް ދިވެހި ވަންތަ ރަހަ ގަނޑެއް ނުހުރެއެވެ. މަރީނާ ގެންނަން ބޭނުންވާ އެންމެ ބޮޑު އެއް ސަބަބަކީ އެއީއެވެ. ރާއްޖޭގައި ހުރެ އޭނާ ފޮނުވާ ހަވާދާއި ފާޑުފާޑުގެ ހެދިކާތަކުގެ ރަހައަށް ކިތަންމެ ފަރިތަވެފައި ވީނަމަވެސް އެއްވެސް މީހަކަށް އަދި މަރީނާއެއް ނުފެނެއެވެ.
ޔާނާ ކުޑަވަގުތު ކޮޅަކަށް އެދިލަމުން ކޮޓަރީގެ ދޮރު ލައްޕާލިއެވެ. ދެންވާނީ ކިހިނެއްބާއޭ ހިތަށް އެރިއެވެ. ރޭ އީމަން ދެއްކި ވާހަކަ ތައް އަދިވެސް ކަންފަތުގައި ގުގުމަމުން އެބަދެއެވެ.
ނާސްތާ ތައްޔާރުކޮށް ނިމި ކާމޭޒުމައްޗަށް އަރުވަމުން ދިޔައެވެ. ޝަކީލާ ދެބައި އުމުރަށް ވުރެ ތަންކޮޅެއް ދުވަސްވީ މީހަކާއި އެކީގައި ކާމޭޒު ދޮށުގައި އައިސް އިށީންނިއެވެ. ބަދިގޭގެ ކުޑަ ދޮރުން ބޭރު ބަލައިގެން އިން ޔާނާގެ ދެލޯ ހޯދަމުން ދިޔައީ އީމަންއެވެ. އިރުކޮޅެއްނުވެ އީމަން ތިރިއަށް އަންނަތަން ފެނުނެވެ. އީމަން އައިސް މޭޒު ކައިރީގައި އިށީނދެ މާގިނަ އިރުތަކެއް ނުވެ ރީމް ވަރަށް ހަލުވި ކަމާއެކީގައި އައިސް އީމަން ކައިރީގައި އިށީންނިއެވެ. މޫނު މަތިން ހިތްހަމަ ނުޖެހުމުގެ އަސަރު ފާޅުވާން ހުއްޓެވެ.
“ދަރިފުޅު ކިހިނެއްވީ؟” ރީމްގެ ހިތްހަމަ ނުޖެހުން ފާހަގަ ކުރެވި ޝަކީލާ ސުވާކޮށްލިއެވެ.
“ކަމެއްނުވޭ.” ރީމް ދެފަރާތަށް ބޯ ހޫރާލަމުން ބުންޏެވެ. އަދި އީމަންއަށް ބަލައިލިއެވެ. އީމަން އިނީ ކެއުމާއިގެން މަޝްޢޫލުވެގެންނެވެ.
ރީމް ހިތްހަމަ ނުޖެހިފައި އެހުރީ އީމަން އާ ހެދި ހެއްޔެވެ. ޔާނާގެ ހިތުތެރެއިން ސުވާލު ކޮށްލެވުނެވެ. ކީއްވެގެން ހެއްޔެވެ؟ ރީމް މިގޮތަށް މިއުޅެނީ ކީއްވެގެން ހެއްޔެވެ. ހީވަނީ ދެލޯބިވެރިންހެނެވެ. ކޮންމެ ގޮތެއް ވިޔަސް ހެވެވެ. އަހަރެންނަކީ އީމަންގެ އަނބިމީހާއެވެ. މިގޮތަށް އެހެން މީހެއްގެ ސިފައިގައި އުޅޭކަށް ބޭނުމެއް ނޫނެވެ. ބޭނުމީ ހަޤީޤަތާ ކުރިމަތިލާށެވެ.
އަވަސްއަވަހަށް ކައިރީގައި އޮތް ފޯނު ނަގައި އީމަންއަށް މެސެޖް ކޮށްލިއެވެ. މިއީ ކޮން ކަންތައް ގަނޑެއްކަން އޮޅުންފިލުވައި ދިނުމަށެވެ.
“ކޮބާތަ މަރީނާ؟” ޝަކީލާ ބަދިގެއާ ދިމާއަށް ބޯދިއްކޮށްލަމުން ސުވާލު ކޮށްލިއެވެ. ކައިކައި އިން އީމަންގެ ހަރަކާތް ހުއްޓުނެވެ. މެސެޖް ޗެކްކޮށްލުމަށްފަހު އިސް އުފުލާ ބަލައިލެވުނެވެ. ޔާނާ މިތަނުގައި އެބަ ހުރި ހެއްޔެވެ؟
ޔާނާ ބަދިގެ ތެރެއިން ނިކުމެގެން އައެވެ. ޝަކީލާ ދައްކަން ފެށީ ހެނދުނަށް ތައްޔާރުކޮށްފައި ހުރި ކުޅިމަހުގެ މީރު ވާހަކައެވެ. ޔާނާ މަޑު މަޑުން ހިނިތުން ވެލިޔަސް އޭނާގެ ނަޒަރު ދެފަހަރުން އެއްފަހަރު އީމަންއަށް އަމާޒުވެއެވެ.
އީމަން ސައިބޮއި ނިންމާލުމަށްފަހު ކޮޅަށް ތެދުވެލިއެވެ. ރީމް ހިތްހަމަ ނުޖެހި ހުރިކަން އެނގޭ އިރުވެސް އީމަން އެއްވެސް އެއްޗެކޭ ނުކިޔާ ތެދުވެގެން ދާން ފެށުމުން ރީމްގެ ރުޅި ކޮންޓްރޯލުން ނެއްޓޭގޮތްވިއެވެ. ކުއްލިއަކަށް ކޮޅަށް ތެދުވުމާއެކީގައި އިށީނދެގެން އިން ގޮނޑިވެސް ފަހަތަށް ވެއްޓުނެވެ. އެންމެންގެ ނަޒަރު އެދިމާއަށް ހުއްޓުނެވެ.
“މި ދެން ބޮޑުވަރު. މާން އަށް ހަމަ ނޭނގެނީތަ އަހަރެން ކަމަކާ ހިތްހަމަ ނުޖެހިފަ ހުރިކަން.” ރީމް ހަރުކަށި ރާގަކަށް ބުނެލިއެވެ.
އީމަން ފަހަތަށް އެނބުރި ބަލައިލިއެވެ. ނަމަވެސް އެއްވެސް އެއްޗެކޭ ނުބުނެއެވެ.
“ވާހަކަ ދައްކަބަލަ. އަހަރެން މިއީ މާންގެ އަންހެނުންނޭ. ރޭއްސުރެ މާން އަހަރެން އިގްނޯރ ކުރާކަން އެބަ އެނގޭ” ރީމްގެ އަނގައިން ނިކުތް ޖުމުލަތައް ވެގެން ދިޔައީ ޔާނާގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަ ފަދަ އިހުސާސްތައް ކުރެވިގެން ދިޔަ ލަފުޒުތަކަކަށެވެ. ދެލޯ ބޮޑުވެގެން ދިޔައެވެ. އީމަންއަށް ބޭއިޚްތިޔާރުގައި ޔާނާއަށް ބަލައިލެވުނެވެ.
ޔާނާއަށް ކޮށްފައިވާ އަސަރު އެމޫނު މަތިން ފާޅުވޭވޭ ހުއްޓެވެ. އީމަން އިސް ޖަހާލިއެވެ. ކުށްވެރިއެއް ފަދައިންނެވެ.
ޔާނާ ކުރިއަށް ފިޔަވަޅުތައް އަޅަންފެށިއެވެ. އަދި ގޮސް އީމަންގެ ކުރިމަތީގައި މަޑުކޮށްލިއެވެ. ރީމް އެ ދައްކަނީ ތެދު ވާހަކަ ތަކެއްކަން އީމަންގެ މޫނު މަތިން ސާފުކޮށް ފާޅުވާން ހުއްޓެވެ.
އެހެންވެއްޖެނަމަ ދެން އަހަރެންނާ ކައިވެނި ކުރީ ކީއްވެގެން ހެއްޔެވެ؟ ހިތުގައި އުތުރެމުން ދިޔަ ސުވާލުތައް އަޑު ވީއްލައި އީމަންގެ ކުރިމައްޗަށް ބަންޑުންކޮށްލަން ބޭނުންވިއެވެ.
“މަރީނާ، އެންމެ ރަނގަޅުވާނީ އަހަރުމެން އެދެމީހުންގެ ދެމެދަށް ނުވަނިއްޔާ.” ޔާނާގެ ހަރަކާތަށް ބަލަން އިން ޝަކީލާ ބުނެލިއެވެ.
“އަހަރެންނަކީ މަރީނާ އެއް ނޫން.” ޔާނާ ޝަކީލާއަށް ބަލައިލަމުން ބުނެލިއެވެ. އެދެލޮލުން ފެންނަމުން ދަނީ ހަޤީޤަތާ ކުރިމަތިލުމުގެ ރޫހެވެ. އީމަންއާ ޔާނާގެ ހަތަރުކަޅި ހަމަވެގެން ދިޔައެވެ. އީމަން ޔާނާގެ ގާތުގައި އެއްވެސް އެއްޗެކޭ ނުބުނުމަށް އެދި އާދޭސްކުރަމުން ދާފަދައެވެ. ނަމަވެސް ޔާނާ އެއަޑު އަހާކަށް ބޭނުމެއް ނޫނެވެ. މިހާ ބޮޑު އޮޅުވާލުންގަނޑެއްގައި ޔާނާ ގެންގުޅުނު ކަމީ އީމަން ކުރި ވަރަށް ބޮޑު ކުށެކެވެ.
“މަރީނާއެއް ނޫނޭ؟ ދެން ތީ ކާކު؟” ޝަކީލާ ސުވާލުކޮށްލަމުން އީމަންއަށް ނަޒަރު ހުއްޓުވާލީ ޖަވާބު ބޭނުންވާތީއެވެ.
“މަރީނާގެ ކޮއްކޮއެއް.” ޔާނާއަށް އެއްޗެކޭ ބުނެވުމުގެ ކުރިން އީމަން އަވަސް އަވަހަށް ބުނެލިއެވެ. ޔާނާ ހަޤީޤަތް ހާމަކޮށްފިނަމަ ދެން ވެގެން ދާނެ ގޮތް އީމަންއަށް ވަރަށް ސާފުކޮށް އެނގެއެވެ. ޔާނާ ރުޅި އައުން ހައްޤުކަން އީމަންއަށް ވިސްނެއެވެ. ނަމަވެސް މިކަންތައް ޔާނާއަށް ވިސްނައިދޭނެ ގޮތެއް ނުވިސްނުނެވެ.
ޔާނާ އީމަންއަށް ބަލައިލި ހިނދު އީމަން އާދޭހުގެ ނަޒަރަކުން ބަލައިލިއެވެ. ޔާނާ އިތުރު އެއްޗެކޭ ބުނަން ގަސްދު ނުކުރި ނަމަވެސް އީމަން ކަންތައް ކުރި ގޮތުން ދެރަވެ ހިތްހަމަ ނުޖެހުނެވެ. މަޑުމަޑުން ހިނގާލާފައި ބޭރަށް ނުކުތެވެ. އޭނާ އިތުރަށް އެތަނުގައި ހުންނާކަށް ބޭނުމެއް ނުވިއެވެ.
ދޮރުގައި ޓަކިދޭ އަޑަށް ޖާހަތު އަވަސްއަވަހަށް ގޮސް ދޮރު ހުޅުވާލިއެވެ. ހައިރާންކަން ވެރިވެގެން ދިޔައީ ކުރިމަތީގައި ހުރި ޝަކީބު ފެނުމުންނެވެ. ޖާހަތަށް ބުނާނެ އެއްޗެއް ނޭނގިފައި މާގިނައިރަކު އިންނާކަށް ނުޖެހުނެވެ. އެދެމެދަށް ވެރިވެފައިވާ ހަމަހިމޭންކަން ނަގައިލީ ޝަކީބުގެ ވާހަކަ ތަކެވެ.
“ކަންތައްތައް ވެގެން ދިޔައީ އެއްގޮތަކަށްވެސް ރަނގަޅަކަށް ނޫން. އަހަރެން ކޮންމެހެން ބޯދަމައިގަންނަން މަސައްކަތް ކުރަނީކީ އެއްނޫން. ހަޤީޤަތަކީ ކަންތައްވީގޮތް ޚުދު އަހަރެންނަށްވެސް ނޭނގުނުކަން. ކޮންމެ ގޮތެއްވިނަމަވެސް އެންމެ ފަހުގެ ނިންމުން ނިންމާނީ ހަމަ ދަރިފުޅު. ނަމަވެސް އެންމެ ފަހަރަކު ނަމަވެސް ސައުދިއްޔާއާ ބައްދަލުކޮށްލާ.” ހިތްދަތި ރާގެއްގައި ޝަކީބު ދައްކަމުން ދިޔަ ވާހަކަތަކަކީ ތެދު ހަޤީޤަތެއްކަން އެދެލޮލުން ހާމަވެގެން ދެއެވެ.
ސައުދިއްޔާ އޮތީ ހޮސްޕިޓަލުގައި އެޑުމިޓްކޮށްފައިކަން އެނގުނު ސިކުންތުން ފެށިގެން ޖާހަތު އެންމެ ބޮޑު އިސްކަމެއް ދިނީ ސައުދިއްޔާއާ ބައްދަލުކޮށްލުމަށެވެ. ކޮންމެ ގޮތަކަށް ކަންތައް ވެގެން ގޮސްފައިވިނަމަވެސް ސައުދިއްޔާއަށް ޓަކައި އެހިތުގައި އުފެދިފައިވާ ފުން ލޯބީގެ ސަބަބުން ދުރުގައި ނުހުރެވުނީއެވެ.
ސައުދިއްޔާ އެޑްމިޓްކޮށްފައިވާ ކޮޓަރީގެ ދޮރު ހުޅުވާލުމާއެކު ޖާހަތުގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަތައް ފައިބައިގަތެވެ. ދުވެފައި ގޮސް ސައުދިއްޔާގެ ގައިގައި ބައްދައިގަނުމާއެކު ރޯން ބޭނުންވިއެވެ. އޮކްސިޖަނާއި ގުޅައިފައި އޮތް އިރު ސައުދިއްޔާ ފުންނޭވާތައް ލަމުން ދަނީއެވެ. ހީވަނީ ދެންމެ ދެންމެ އެ ހަޑިގަނޑުން ނޭވާ ހުސްވެދާނެހެނެވެ.
ޖާހަތު އެތެރެއަށް ވަނެވެ. އަދި މަޑުމަޑުންގޮސް ސައުދިއްޔާގެ އަތުގައި ހިފައިލިއެވެ. ލޯމެރިފައި އޮތް ސައުދިއްޔާގެ ދެލޯ ހުޅުވިގެން ދިޔައީ ޖާހަތުގެ ބީހިލުން އިހުސާސް ކުރެވުމުންނެވެ. ޖާހަތު ފެނުމުން އެދެލޮލުން ކަރުނަތައް އޮހިގަތެވެ. ބަޔާންކޮށްދޭން ދަތި އިހުސާސްތަކެއް ވެރިވެގެން ދިޔައެވެ. އޭނާ ދައްކަން ބޭނުން ވަރަށް ގިނަ ވާހަކަތައް އެބަ ތިއްބެވެ. ނަމަވެސް މިއަދު ހާލަތު ތަނެއް ނުދެއެވެ. ސައުދިއްޔާއަށް އަމިއްލަ ނުކުޅެދުންތެރިކަން އިހުސާސްކުރެވި އިތުރަށް ރޮވޭގޮތްވިއެވެ. އޭނާ ޖާހަތު ދެކެ ވަރަށް ލޯބިވެއެވެ. އަމިއްލަ ދަރިއެއްފަދައިންނެވެ.
ސައުދިއްޔާ ފުންނޭވާ ތަކެއްލަމުން ނޭވާތަކުގެ ތެރެއިން ޝަކީބުގެ ނަން ކިޔައިލިއެވެ. ޖާހަތު ގޮސް ޝަކީބަށް ގޮވައި ގެނައެވެ. ޝަކީބަށް ސައުދިއްޔާ ކޮންމެވެސް އެއްޗެކޭ ބުނަން ބޭނުންވެގެން އުޅޭކަން އެނގުމުން ކުޑަކޮށް ކުރިއަށް ގުދުވެލައި ކީކޭ ތޯ އެހިއެވެ.
ފުންނޭވާތަކުގެ ތެރެއިން އެތަށް މަސައްކަތަކާއެކީ ސައުދިއްޔާ ކިޔަމުން ދިޔަ އެއްޗެއް ޖާހަތަށް ސާފުވާގޮތެއް ނުވިއެވެ. ޝަކީބު ތެދުވެ ޖާހަތަށް ބަލައިލިއެވެ. އަދި ވާހަކަ ދައްކަން ފެށިއެވެ.
“ސައުދިއްޔާ ބޭނުންވަނީ ހުރިހާ ވާހަކަ ތަކެއް ދަރިފުޅަށް ސާފުކޮށް އޮޅުން ފިލުވައި ދޭން.” ޝަކީބު ފުންނޭވާއެއްލުމަށްފަހު ހުރިހާ ވާހަކަ ތަކެއް ކިޔައިދޭންފެށިއެވެ.
ހުރިހާކަމެއް ސާފުވަމުން ދިޔަ ހިނދު ޖާހަތަށް އިނދެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ޤަބޫލުކުރަން ދަތި އެތައްކަމެއް ހިނގައި ދިޔައިރު އޭނާއަށް ރޭކާވެސް ނުލުމުން ހައިރާންކަން ވެރިވެގެން ދިޔައެވެ.
ޖާހަތުގެ ބޭބެ ހަމްދީ ޚުދު އައިސް ޖާހަތު އާއި އާއިޒުގެ ކައިވެންޏަށް އެދުނެވެ. ޖާހަތުވެސް ރުހޭކަމުގައި ބުނެއެވެ. ސައުދިއްޔާމެން މިކައިވެންޏަށް ޤަބޫލުވީ ޖާހަތުފަދަ ކުއްޖެއް އާއިޒުގެ ހަޔާތަށް އައިސްފިނަމަ އާއިޒުގެ ދިރިއުޅުމަށް ހެޔޮބަދަލުތަކެއް އަންނާނެކަމުގެ އުންމީދުގައެވެ. ނަމަވެސް ހަމްދީގެ ހަޤީޤަތް ސައުދިއްޔާއަށް އެނގުނީ ވަރަށް ފަހުންނެވެ. އެއިރު ސައުދިއްޔާގެ ހިތުގައި ޖާހަތަށްޓަކައި މައިވަންތަކަމުގެ މާތް ލޯބިވަނީ އުފެދިފައެވެ. އަދި ހަމަ އެހެންމެ ހަމްދީގެ ބެލުމުގެ ދަށަށް އަނެއްކާ ޖާހަތު ފޮނުވާލަން ބޭނުން ނުވީއެވެ.
“އާއިޒުގެ ކައިވެނި ކުރެވެނީ ދަރިފުޅާކަމެއް އާއިޒު އަކަށް ނާންގަން. އެއީ އާއިޒު ހުރީ އަހަރުމެން ބުނި ކޮންމެ ކުއްޖަކާވެސް ކައިވެނިކުރަން ތައްޔާރަށް. ނަމަވެސް އެއީ ޖާހަތުކަން އެނގުމުން އޭނާ ދެކޮޅުހެދި. އެދުވަހު ސައުދިއްޔާ އެގޮތަށް ވާހަކަ ދެއްކީ ހަމައެކަނި އާއިޒު ކައިވެންޏަށް އެއްބަސް ކުރުވުމަށް ޓަކައި. މަގުއޮޅިފައިވާ އެދަރިފުޅު ހަމަ މަގަށް އެޅުވޭތޯ ސައުދިއްޔާ ކުރަމުން އަންނަ މަސައްކަތުގައި ނޭނގިނަމަވެސް ކަތިފިޔަވަޅެއް މިވަނީ އެޅިފައި.”ޝަކީބު ހުރިހާ ވާހަކަ ތަކެއް ކިޔައިދީ ހުރިހާ ކަމެއް އޮޅުން ފިލުވައިދިނެވެ.
“ދަރި.. ފުޅު. މަންމައަށް.. މިކަން ކޮށް.. ދީ. މަން.. މަ ދޫކޮށް… ލާފަ ނުދޭ.. މަންމަ ވަރަށް… ލޯބިވޭ… ދަރިފުޅު.. ދެކެ” ސައުދިއްޔާ ހިތްވަރުކޮށްފައި ވާހަކަދައްކަން މަސައްކަތް ކުރަން ފެށިއެވެ. ޖާހަތު މަޑުމަޑުން ސައުދިއްޔާގެ ގާތަށް ޖެހި އަތުގައި ހިފައިލިއެވެ.
(ނުނިމޭ)
(ވާހަކަ މެދުކެނޑުނުކަމަށްޓަކައި އެންމެހާ ކިޔުންތެރިންގެ ފަރާތުން ނިހާޔަތަށް މަޢާފަށް އެދެން. އިރާދަކުރައްވައިގެން ކުރިންވެސްކުރިއަށް ދިޔަ ގޮތަށް ވާހަކަ ދެންވެސް ކުރިއަށް ދާނެ ވާހަކަ ދަންނަވަން. އަޅުގަނޑުގެ ވާހަކައަށް ތިޔަ ދެއްވާ ތަރުހީބަށް ވަރަށް ބޮޑަށް ޝުކުރިއްޔާ!)
3 Comments!
Comments are closed.
ތޭންކްސް ފޮ އަޕްޑޭޓިން. ނައިސް.
ވވވވވވވވވވވވވ ސަޅި. އަވަސް ކޮށްދޭތި އަނެއްބައި
ingeytha?? this is one of my fav story.. kee hurihaa vaahaka thakuge therein ves mi vaahakaiga vaa gotheh hama eh gothakah ves handhaaneh nunethey… i read it all… WOW!!!!!!!!!!