ވީމޭ އިންތިޒާރުގައި – 21
ރީޝަމް ބަލަން ހުއްޓައި ކިޔާން ފޯނާއި ކުޅެމުން ދާން ހިނގައިގަތެވެ.”ކިޔާން..” ހިތްވަރު ކޮށްފައި ރީޝަމް ގޮވާލިއެވެ. ކިޔާން ހުއްޓިފައި ފަހަތަށް އެނބުރުނެވެ.”ހެޕީ ބާރތްޑޭ..” އިސްޖަހާލައިގެން ރީޝަމް ބުންޏެވެ. އެވަގުތު ކިޔާންއަށް ކަޑި ބަލާލެވުނެވެ. ބަރާބަރު އެގާރަ ގަޑި ފަންސާސް ނުވައެކެވެ. އުފަންދުވަހުގެ ތަހުނިޔާ ރީޝަމް އެ ކީ އެންމެ ފަހު މިނެޓްގައެވެ.”ތެންކްސް..” ޝުކުރު އަދާ ކޮށްފައި ކިޔާން ދިޔަ ދިމާއަށް ބަލަން ހުރި ރީޝަމްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.”ރީޝް!..”
**21 ވަނަ ޕާޓު**
ފަހަތުން މާއިލްގެ އަޑު އިވުމުން ރީޝަމް އެނބުރި ބަލާލި އެވެ. ގެއަށް ވަދެ ވަދެ ހުރި ކިޔާންއަށް ވެސް އެއަޑު އިވުނެވެ. އެމީހުން ދައްކާ ވާހަކައެއް އިނގެން ބޭނުންވުމުން ނުފެންނާނެހެން އަޑު އިވޭ ހިސާބުގައި ކިޔާން މަޑުކޮށްލިއެވެ.”މާއިލް ވެސް ނުނިދަންތަ؟..” ރީޝަމް ކުޑަ ހިނިތުންވުމަކާ އެކު އެހިއެވެ.”ހޫމ.. ރީޝް ވެސް ނުނިދަން ދޯ؟ މިތަނަށް އަންނާށޭ ބުނަން އުޅެނިކޮށް ތި އައީ..” މާއިލް ނޫން ކަމަށް ހަދާފައި ބުންޏެވެ.”އެހެންތަ؟ އަނެއްކާ ކީއްކުރަންބާ؟..” ޖެއްސުމެއް ކަމަށް ހީކޮށް ރީޝަމް ހީނގަތެވެ.”ވަރަށް މުހިންމު ވާހަކައެއް ދައްކަން.. އަޑު އަހަން ކެރޭނެ؟..” ސީރިއަސް ވެލާފައި މާއިލް އެހިއެވެ. ވަގުތުން ރީޝަމް ބޯ ޖަހާލިއެވެ.
“ސޯ އަމް.. އަހަރެންނަށް ނޭނގިގެން ކުއްޖެއް ދެކެ ލޯބި ވެވިއްޖެ..” ރީޝަމް އާއި ހަތަރު ކަޅި ހަމަކޮށްގެން ހުރެ މާއިލް ބުންޏެވެ.”އޯހ ލަކީ.. ކާކުތަ؟..” ރީޝަމް ހިނިތުންވިތަން ފެނިފައި މާއިލްއަށް އިތުރު ހިތްވަރެއް ލިބުނެވެ.”ނޭނގިދާނެ އަހަރެން ލޯބިވާ ވަރު.. އެކަމް އައި ލަވް ޔޫ ސޯ މަޗް ރީޝް..” ކުއްލިއަކަށް ހުރެފައި މާއިލް ހާމަކޮށްލި ވާހަކައިން ރީޝަމްގެ ދެފައި އޮޅުނެވެ.”ވަޓް ކީކޭ މާއިލް.. މިއޮށް ފަދަ ގަޑީގަ ކޮން ސަމާސާއެއް ތި ކުރަނީ..” ހިތްހަމަ ނުޖެހިފައި ރީޝަމް މާއިލް އަށް ބަލާލިއެވެ. ރީޝަމް ހީކޮށްގެން ހުރީ ކިޔާން މިހާރު މާއިލް ކައިރީގައި އޭނާ ލޯބިވާ ވާހަކަ ބުނާނެ ކަމަށެވެ.
“މީ ސަމާސާއެއް ނޫނޭ ރީޝް.. މަގޭ ދެލޯ ބަލާބަލަ… ސަމާސާ އެބަ ފެނޭތަ؟..” ރީޝަމްގެ ކޮނޑުގައި ހިފާ މާއިލް އަނބުރާލިއެވެ. ދުރުގައި ބަލަން ހުރި ކިޔާންގެ އަތް މުއްކެވުނެވެ.”އައިމް ސޮރީ..” މާއިލްގެ މޫނު މަތީގައި ވާ ކުލަވަރުން ރީޝަމް ނުތަނަވަސް ވެގެން ދުރަށް ޖެހުނެވެ.”މާއިލް ކީއްވެ ތިހެން ތި ހަދަނީ؟.. އަހަރެންގެ ހިތަށް ތަދު ކުރަންތަ؟..” ރީޝަމް ފަހަތަށް އެނބުރުން އިރު ދެ ލޮލުގައި ކަރުނައިގެ މުތީތައް ބަބުޅަން ފަށައިފިއެވެ.”ކީކޭ؟ އަހަރެން ކީއްވެ ރީޝްގެ ހިތަށް ތަދު ކުރަންވީ.. އެއްވެސް މީހަކު ބޭނުމެއް ނުވާނެ އެމީހަކު އެންމެ ލޯބިވާ މީހާގެ ހިތަށް ގެއްލުން ދޭކަށް..” މާއިލްގެ ވާހަކަ އަޑު އަހަން ހުރި ކިޔާންއަށް ގަހުގައި ގޮށްމުށުން ޖެހުނެވެ. އިތުރަށް އެތާ ހުންނަން ކެތް ނުވެގެން ބާރު ބާރަށް ހިނގާފައި ގޮސް އެތެރެއަށް ވަނެވެ.
“އަހަރެންގެ ހިތް ދެވުނީ މާއިލްގެ އެންމެ ގާތް އެކުވެރިޔާ އަށްކަން ނޭނގެނީތަ ހަމަ؟ އިނގި ހުރެ އަހަރެންގެ ހިތަށް ގަސްތުގަ ގެއްލުން ދެނީ ލޯބި ވާތީ؟ ޤަބޫލެއް ނުކުރެވުނު މާއިލް.. ކިޔާން އަހަރެންގެ ލޯބީގަ ކޮޅުފައިން ޖެހީ.. އަހަރެން ލޯބިވާ ވާހަކަ ބުނީމަ ވެސް ރިޖެކްޓް ކުރީ.. އަނެއްކާ މާއިލް ވެސް އެކުވެރިޔާގެ ކޮޅަށް އަރައިގެން ތި އައީ ކީއްކުރަން؟ އަހަރެން ހުވާ ވެސް ކޮށްފާނަން މާއިލް.. ކިޔާން ނޫން މީހެއް ދެކެ އަހަންނަށް ލޯބި ނުވެވޭނެ..” ރީޝަމްގެ ލޮލުން ކަރުނަތައް ފައިބައިގަތެވެ. މާއިލް ހުއްޓުން އެރިއެވެ.”ވަޓް..” އަޑު އިވުނު ވާހަކަ ޤަބޫލު ނުކުރެވިގެން ހުއްޓައި ރީޝަމް ހިނގާފައި ގޮސް އެތެރެއަށް ވަނުމުން މާއިލް އަށް އިށީނދެވުނެވެ. އެ ދެއްކި ވާހަކަތަކަކީ ތެދުކަން މާއިލްއަށް ޤަބޫލު ކުރެވުނީ ރީޝަމްގެ ލޮލުގައި ވާ ކަރުނަ ތަކެވެ. އެވަރު ކަމެއް ވާއިރު ކިޔާން އޭނައަށް އަންގާ ވެސް ނުލިއެވެ. ޝަކުވާއަކަށް ފަހު ޝަކުވާއެއް ހިތުގައި އުފެދެމުން ދިޔައިރު މާއިލް ކިޔާން ދެކެ ނުރުހުންވިއެވެ.
“މާއިލް އައީތަ..” އެނދުގައި ދެފައި ދަމާލައިގެން އޮތް ކިޔާން ދެލޯ މަރައިގެން އޮވެ އެހިއެވެ. އެއްޗެއް ނުބުނެ މާއިލް ގޮސް ތަންކޮޅެއް ދުރުގައި އިށީނެވެ.”ރީޝް ކައިރީ ބުނިންތަ ލޯބިވާ ވާހަކަ..” ނޭނގޭ ކަމަށް ހަދާފައި ކިޔާން އެހިއެވެ. ކުޑަކޮށް ބޯ ޖަހާލާފައި މާއިލް ދުރު ބަލަން ފެށިއެވެ.”ކީކޭ ބުނީ..” ކިޔާން އެހިއެވެ.”ކިޔާން ކީއްވެ މަ ކައިރި ނުބުނީ؟..” ކިޔާން ކުރި ސުވާލަކަށް ޖަވާބު ނުދީ މާއިލް ވެސް ކުރީ ސުވާލެކެވެ. “ކޮން އެއްޗެއްތަ؟..” މާއިލްގެ އަޑުގައި ހިތްހަމަ ނުޖެހޭ ރާގެއް ހުރުމުން ކިޔާން ދެބުމަ ކައިރިވިއެވެ.”ރީޝް ލޯބިވަނީ ކާކު ދެކެކަން.. ނުވިސްނުނު.. އެވަރު ކަމެއް އަހަރެން ކައިރީ ބުނެވޭ ވަރަށް ވުރެ މިހާރު އަހަރެން ދުރު ކޮށްލީތަ؟..” މާއިލް އަސަރެއް ނެތް ގޮތަކަށް އެހިއެވެ. ވަގުތުން ކިޔާން ފުންމައިގެން ތެދުވިއެވެ. ރީޝަމް އެ ވާހަކަ ބުނެފާނެއޭ ކިޔާން ހިތަކަށް ނާރައެވެ.
“އޯހ ރީޝަމް ދޯ ބުނީ؟.. އަހަރެން ނުބުނަން އުޅުނީ މާއިލް ދެރަވާނެކަން އިނގޭތީ.. ސޮރީ..” ކިޔާން މާއިލްގެ ކޮނޑުގައި އަތް ބާއްވާލިއެވެ.”ދުވަހަކު ވެސް ހިއެއް ނުކުރަން ރީޝަމް ކިޔާން ލައިކް ވެދާނެއޭ..” ކިޔާންގެ އަތް ކޮނޑުން ވަކި ކޮށްލާފައި މާއިލް ދުރު ބަލަން ފެށިއެވެ. އަދި ކިޔާން އެއްޗެއް ބުނުމުގެ ކުރިން ނިކުމެގެން ދިޔައެވެ. އަމިއްލަ ނަފްސު ދެކެ ރުޅި އައިސްފައި ކިޔާން ދެލޯ މަރާލިއެވެ.
ރީޝަމް އަށް ލޯ ހުޅުވާލެވުނީ ލައުރާ އައިސް ގޮވުމުންނެވެ.”ވަރަށް ކަޑަ ކަމެއް މި ކިޔާންމެން ކޮށްގެން އެބަ އުޅޭ.. ހިތަށް އަރާ ނާދެވުނު ނަމައޭ..” ޝަލީން އެއްޗެހިތައް ޕެކް ކުރަމުން ބުންޏެވެ.”ކޮން ކަމެއް؟..” ރީޝަމް ދެބުމަ ކައިރިކޮށްލިއެވެ.”މާއިލް ބުނީ ފުރަން ތައްޔާރު ވާށޭ.. ދޯންޏަށް ގުޅައިފީމޭ..” ލައުރާ ބޭރަށް ނިކުންނަމުން ޖަވާބު ދިނެވެ. ހައިރާންވެފައި ރީޝަމް ވެސް ތާޒާ ވެލައިގެން އައިސް ރަށަށް ދާން ތައްޔާރު ވެލައިގެން ނިކުތެވެ. ކިޔާން އާއި މާއިލްގެ ދެމެދުގައި ވާ ނުރުހުމުގެ ފަރުދާ ފެނުނީ ހަމައެކަނި ރީޝަމް އަށެވެ. އެދެމީހުން ވާހަކަ ދައްކާއިރު ހުންނަ ރުޅިވެރިކަމާއި ބަދަލު ކުރާ ނަޒަރު ތަކުގައި ހުރި ނަފްރަތު ރީޝަމްއަށް އިހުސާސް ކުރެވުނެވެ. ދެ ތުންފަތް ފިއްތާލައިގެން ހުއްޓައި ކިޔާން އައިސް ރީޝަމްގެ ކައިރީގައި ހުއްޓުނެވެ.
“ރީޝަމް ކައިރީ އަހަންނަށް ބުނެވުންތަ އިތުރު މީހެއް ކައިރީ އެ ވާހަކަ ބުނަން؟ ރީޝަމް އާއި ހެދި މާއިލް އަހަންނަށް ނަފްރަތު ކުރޭ.. މިހާރު މިވާހަކަ ބުނުމުގެ ބޭނުމެއް ވެސް ނެތް.. ވަރަށް ފޫހިވާ ސިފައެއް އެއީ މީހުންނާއި ދެމެދު ހިނގާ މައްސަލަތައް ބޭނުން މީހެއް ކައިރީ ކިޔާ އިރު.. އެއްފަހަރު ވެސް އަހަރެންނާއި މާއިލް އަށް ވާނެ ގޮތް ވިސްނާ ނުލެވުނު ދޯ؟ އެދުން ބޮޑު މީހުންނަށް އެވަރު ނުވާނެ؟..” ނަފްރަތު އެކުލެވޭ އަޑަކުން ކިޔާން ބުންޏެވެ. ރީޝަމް ހުރީ ދެލޯ ބޮޑުވެފައެވެ.”ވަޓް؟ ކީއްވެ ނަފްރަތު ކުރަންވީ؟..” ހައިރާންވެފައި ރީޝަމް އެއްސެވެ.”އިނގޭ ރީޝަމްކަން ބުނީ މާއިލް ކައިރީގަ ރީޝަމް ލޯބިވަނީ އަހަރެން ދެކެއޭ.. ދެންވެސް ވާހަކަ އެއް ބުނުމުގެ ކުރިން އެހެން މީހުންގެ ދިރިއުޅުމާ މެދު ވެސް ވިސްނާތި! އަހަރެންގެ ދިރިއުޅުމުގަ މާއިލް އަކީ ކިހާ މުހިންމު މީހެއްކަން ރީޝަމް އަކަށް ނޭނގޭނެ!..” ކިޔާން އެހުރި ގޮތަށް ހުރެ އެއްޗިހި ކިޔެވެ.
“އައިމް ސޯ ސޮރީ ކިޔާން… އަހަރެން ހީކުރީ ކިޔާން ބުނެފި ކަމަށް މާއިލް ކައިރީގަ..” އަނގަ މަތީގައި އަތް އަޅާލަމުން ރީޝަމް ބުންޏެވެ. ދެލޮލުން އަލިފާންކަނި ބުރަމުންދާ ކަހަލަ ބެލުމެއް ބަލާލާފައި ކިޔާން ހިނގައިގަތެވެ. ކިޔާން ދިޔަ ދިމާއަށް ރީޝަމް ބަލަން ހުރެފައި އިސް ޖަހާލިއެވެ. ހަޤީޤަތުގައި ވެސް އޭނާއަށް ކިޔާން އާއި މާއިލްގެ ދިރިއުޅުމަށް ވަދެވިއްޖެ ހެއްޔެވެ؟ އެހެން ހެދީ ހަމަ ގައިމުވެސް ގަސްތުގައި އެއް ނޫނެވެ.”ރީޝް..” ޝަލީން ގޮވާލި އަޑަށް ރީޝަމް ސިހިފައި ބަލާލިއެވެ.”ދޯނި..” ރަނގަޅަށް ބަލާލި އިރު އެންމެން އަރާ ނިމިއްޖެ އެވެ. ޝަލީން ފަހަތުން ރީޝަމް ވެސް އެރިއެވެ.ރަށަށް ފޭބި ގޮތަށް މާއިލް އާއި ކިޔާން ބަލާލުމެއްނެތި އެމީހުންގެ ގެއަށް ދާން މިސްރާބު ޖެހިއެވެ. ލައުރާ އާއި ޝަލީން ވެސް ދިއުމުން ރީޝަމް ދެލޯ ފެންކަޅިވިއެވެ. ކިޔާން ބުނި ބަސްތައް ހަނދާންވާ ކޮންމެ ފަހަރަކު އެކަހަލަ ގޮތެއް ވަނީއެވެ. ކިޔާން ދިޔަ ދިމާއަށް ބަލަން ހުރި ރީޝަމްދެ ދެލޮލުން ކަރުނަތައް ފައިބަން ފެށިއެވެ.
★★★
“ރީހާން..” ފަހަތުން މީހަކު ގޮވާލި އަޑަށް ރީހާން އަށް ހުއްޓެން މަޖުބޫރު ވިއެވެ.”އަހަރެންގެ ދަރިއަކަށް ކޮންމެ ދުވަހަކު މަލާ އެއްޗެހި ފޮނުވަނީ ކީއްކުރަން؟ އޭނަ ލޯބިވެރިއެއް ހުންނަކަން ހަމަ ރަނގަޅަށް އިނގޭނެ.. މިތާ އެތެރޭ މާ ބަލާ ބޮޑު ނުކުރައްޗޭ އިނގޭ.. މުޅި އުމުރަށް ހިތާމަ ކުރަން ޖެހިދާނެ..” ފަހަތް ބަލާލި އިރު ލަހުމާ ހުއްޓެވެ. ރުޅިއައިސްގެން ގޮސް ރަތްވެފަ އެވެ. އެއްޗެއް ބުނަން އުޅެފައި ވެސް ރީހާން މަޑުކުރީ ލަހުމާއަށް އިހުތިރާމް ކުރުމުގެ ގޮތުންނެވެ.”ލިއީޝް ދެން އެނބުރާ ރީހާންގެ ކައިރިއަށް ނާންނާނެ.. އޭނަ މާ ބޮޑަށް ޒާން ދެކެ ލޯބިވޭ.. ދެންވެސް ދޭ..” ލަހުމާ ރުންކުރު ވެފައި ހިނގައިގަތުމުން ރީހާން ހިތަށް ތަދުވިއެވެ.
ޒާން ބަލިވީފަހުން ލިއީޝް އަބަދާއި އަބަދު ހޮސްޕިޓަލުގައި އިންނާތީ ރީހާން ކޮންމެ ދުވަހަކު ހަދިޔާ ގެންދެއެވެ. އެހެނަސް ލިއީޝް އޭތި ބަލައިނުގަނެ ޑަސްބިނަށް އަޅަނީއެވެ. ލަހުމާ ބުނި ޖުމްލަ އެހާ ވަރަކުން ޤަބޫލު ކުރެވުނީ އެހެންވެ ކަންނޭނގެއެވެ. އަނބުރާ އައި ކޮޅަށް ރީހާން ހިނގައިގަތީ މާޔޫސް ވެގެންނެވެ. ގެއަށް ދާން ދިޔައީ ވެސް އެ މާޔޫސްކަން މަތީގައި ހުރެގެންނެވެ.”ކީއްވެތަ ލިޝް؟؟.. އަހަރެން ލިޝް ދެކެ ލޯބިވާ ވަރު ލިޝް އަށް ނޭނގެނީ ކީއްވެ؟ އަހަރެންގެ ވެސް ހިތެއް އޮވޭ ލިއީޝް.. ތިހެން ދެރަކޮށް ނުލާ.. އަހަރެންގެ މި ހިތަށް ހާދަ ތަދެއް ވެޔޭ..” ރީހާންގެ ހިތް ހަޅޭއްލެވިއެވެ. ކާރުގެ ދޮރުފަތް ހުޅުވާފައި އެތެރެއަށް ވަދެ ރީހާން އެ މާބޮނޑި ޖެހިގެން އިން ސީޓަށް އެއްލާލިއެވެ. ލިއީޝް އެކޭ އެއްގޮތަށް ލަހުމާގެ ބަސްތައް ވެސް ވިހަ ތީރުތަކެއް ފަދައިން ރީހާންގެ ހިތަށް ހެރި ނިމިއްޖެއެވެ.
“ކާކަށް ގެނައި ފްލާވަރއެއް..” އެލީޒާއަށް ރީހާންގެ އަތުގައި އޮތް އެތި ފެނުމުން އަހާލެވުނެވެ.”އެލީއަށް.. ބާއްވާ..” ލުއި ހިނިތުންވުމަކާ އެކު ރީހާން އެލީޒާއަށް އޭތި
ދިނެވެ. ގަތް ލަދަށް ވުރެ ވީ އުފާ ބޮޑުވިއެވެ.”ތޭންކްސް..” ފޮނިވެލާފައި އެލީޒާ އެ މާ ތަކުގައި ވަސްބަލާލިއެވެ. އެލީޒާގެ ހަރަކާތްތަކަށް ބަލަން ހުރެފައި ރީހާން ހިނިތުންވިއެވެ. ދުނިޔޭގައި އޭނާގެ އާއިލާގެ މީހުން ތިބި ކަމެއް ނުވަތަ ނެތް ކަމެއް ވެސް ނޭނގެއެވެ. ލޯބިވެރިޔާ ދިރި ހުއްޓަސް ހިތަށް ދެނީ ކެތް ނުކުރެވޭނެ ފަދަ އަނިޔާއެވެ. ކިރިޔާ ވެސް އުންމީދުގެ ހުޅުކޮޅު ސަލާމަތުން ހުރި ސަބަބަކީ އެލީޒާ އެވެ. ލޭގެ ގޮތުން ގުޅުމެއް ނެތް ތަނުގައި އުފަން ނަސްލުގެ މީހެއް ވެސް ނޫނެވެ. ނުދަންނަ ކުއްޖެއްގެ ގޮތުގައި އޭނާގެ ދިރިއުޅުމަށް އައި ގާތް އެކުވެރިއެއްގެ ރޯލް އަދާ ކުރަން ފެށި އަންހެން ކުއްޖާއަށް ރީހާންގެ ހުރިހާ ޝުކުރެއް ހިތުގެ ފުންމިނުން އަދާކޮށްފިއެވެ. އެލީޒާ އާއި ދިމާ ނުވިނަމަ ރީހާން ދިރިއުޅުމުގެ އުންމީދު ކަނޑާލިތާ ކޮން ދުވަހެއް ހެއްޔެވެ؟
“ލިއީޝް!..” ޒާންގެ އަތުގައި ހިފާލައިގެން އިން ލިއީޝް ސިހުނީ ލަހުމާގެ އަޑަށެވެ.”ލައްބަ މަންމާ..” ލަހުމާއަށް ބަލާލާފައި ލިއީޝް އަކުން ނިދިފައި އޮތް ޒާންއަށް ނަޒަރު ހުއްޓާލިއެވެ.”ލިއީ އަށް ރަނގަޅަކަށް މި ބުނަނީ.. އޭނަ އާ ކައިރި ނުވާތި.. ކޮންމެ ދުވަހަކު މާތައް ގެނަސް ލިއީ އަށް ދީފަ އެ ދަނީ ލިއީގެ ހިތުން ޒާންގެ ލޯބި ފުހެވޭތޯ.. މަންމަ ބުނާނީ އެއަށް އަޅާ ނުލާށޭ.. ޒާން އާއި އެކީ އުމުރަށް ވެސް އުޅޭ.. އެކަހަލަ ރަނގަޅު ދެވަނަ ބައިވެރިއެއް މި ދުނިޔެމަތީން ނުލިބޭނެ.. ލިއީގެ ދިރިއުޅުމުގަ ލެއްވި ރަހުމަތެއް އެއީ ޒާން..” ލަހުމާ ބުންޏެވެ. މަންމަ އެހެން ބުންޏަސް އޭނާ ހިތަށް ވާ އުނދަގޫ އިނގޭނީ ހަމަ އޭނައަށެވެ. ލަހުމާގެ ވާހަކައާއި ހިތްހަމަ ނުޖެހުން ވަރުން ޒާންގެ އަތުން ލިއީޝްއަށް ދޫކޮށްލެވުނެވެ. އެވަގުތު ޒާންގެ ބޯ ކައިރީގައި ބާއްވާފައި އޮތް ޒާންގެ ފޯނަށް މެސެޖެއް އައެވެ.”ހަނާ” ކިޔާ ފަރާތެއް ފޮނުވާފައި އިން މެސެޖެކެވެ. ލިއީޝް ފާޑަކަށް ބަލަހައްޓައިގެން އިނެވެ.
ރީހާން އެނދަށް ވެއްޓިގަނެގެން އޮންނަތާ ގަޑިއެއް ހާއިރު ވަނީއެވެ. ތެދުވާނެ އިރެއްގެ އިންތިޒާރުގައި އެލީޒާ ސޯފާގައި އިށީނދެ އިނެވެ. ފަހަކަށްއައިސް ރީހާންގެ މޫނުމަތީގައި ހުންނަ އުޖާލާކަން ގެއްލިފައި ހުންނަ ކަމަށް އެލީޒާއަށް ފާހަގަވެއެވެ.”ރީހު.. ތެދުވެބަލަ.. ވީގޮތް ކިޔާދީ..އަބަދު ދެރަވެފަ އޮތީމަ ރީހު އަކާ ނުގުޅޭ..” އެލީޒާ ދެރަވެގެން ރީހާންގެ ކައިރީގައި އިށީނެވެ.”އެލީ ދައްކާ ވާހަކަ.. ކާކު ބުނީ އަހަރެން ދެރަ ވެފައޭ..” ކަންނެތް ގޮތަކަށް ތެދަށް ޖެހެފައި ރީހާން ސަމާސާ ރާގެއް އަޅުވާލިއެވެ.”ދެން އަޅޭ.. މޮޅު އެކްޓްރެސް އެއް އިނގޭ ރީހު ތީ..” އެލީޒާ ތުން ދަމާލިއެވެ.”އޯކޭ އޯކޭ.. އަހަރެން މިއުޅެނީ ކުއްޖެއް މަތިން މިސްވާތީ..” ފޮނި ހުނުމެކާއެކު ރީހާން ބުންޏެވެ.”ކާކު؟..” އެލީޒާ ހިތަށް ފާޑެއްގެ ގޮތެއް ވިއެވެ.”އެލީ އެއްނު.. އެ ނޫން ކާކު؟.. މިސް ޔޫ..” ލިއީޝްގެ ވާހަކަ ބުނަން ރީހާންގެ ޞަމީރު ދެކޮޅު ހެދިއެވެ.
“ދޮގު..” ހިނދުކޮޅަކަށް ހިތަށް ވެރިވި އުފާވެރިކަން އެލީޒާ މޫނުމައްޗަށް ހިނިތުންވުން ގެނުވިއެވެ.”އަސްލު ވެސް.. ހިތަށް އަރާ އެލީ ހެން ލަކީ ވި ނަމައޭ..” ސަމާސާގެ ގޮތުގައި ރީހާން ހިތުގެ އުދާސް ބޭރުކޮށްލިއެވެ.”އަހަންނަށް ވުރެ ލަކީއޭ ރީހު މިހާރު ވެސް..” އެލީޒާ މޫނަށް ގޮތެއް ހަދާލިއެވެ.”އެލީ އެބަ ހުއްޓެއްނު ޕޭރެންޓްސް..” ރީހާންގެ އެ ޖުމްލަ އާއި އެކު އެލީޒާގެ މޫނުމަތިން ހިނިތުންވުން ގެއްލުނެވެ. ރީހާންއަށް ވެސް ވީ އެވަރެވެ.”ވަރަށް ދުވަސް ފަހުން ކުރިން ދުވަހަކު ރާއްޖޭގެ ނޫސް ބަލާލީމަ ޔަމާންގެ ވާހަކައެއް އޮތީ.. ދުނިޔޭގަ ހުރިކަން އިނގުނީމަ ވެސް ވީ ފޫހިން ހިތަށް އެރި ފޯނު ހަލާކު ކޮށްލަން ވެސް..” ރީހާން އަސަރެއް ނެތް ގޮތަކަށް ބުންޏެވެ.”އެލީ ބޭނުންތަ އަހަރެންގެ އަސްލު ބައްޕަ ހުންނަ ގޮތް ބަލާލަން..” ފޯނު ނަގާ ހުޅުވާލަމުން ރީހާން އެހިއެވެ. ބަލާލާ ހިތްވެގެން އެލީޒާ ރީހާންގެ ކައިރިއަށް ޖެހިލިއެވެ.
“ޔަމާން އަކީ ރާއްޖޭގެ އެންމެ މަޝްހޫރު ވިޔަފާރި ވެރިންގެ ތެރޭގަ ހިމެނޭ އެކަކު.. ރާއްޖޭގެ އެންމެންނަށް އޭނަ ހެޔޮކޮށް ހިތާ އިރު އަމިއްލަ އާއިލާ އަށް ދޭ ސަޒާ އިނގޭނެ މީހަކު ނެތް..” ރީހާން ނޫސް ހުޅުވާލާފައި އެ ދުވަހުގެ އާޓިކަލް ދައްކާލިއެވެ. އޭގައި ލިޔެފައި އޮތީ ވެސް ޔަމާންގެ ކޮންމެވެސް ވިޔަފާރިއެއް ކުރިއަރަމުން ދާ ވާހަކައެވެ.”ވާއު..” ފޮޓޯގައި ހުރި މެދުއުމުރުގެ ފިރިހެން މީހާ އާއި ރީހާން ހާދަ ވައްތަރެވެ. ހަމަ އެ އިސްކޮޅެވެ. އެކަހަލަ ހައިބަތު ހުރި ހަށިގަނޑެވެ. އެ ތޫނު ނަޒަރެވެ. ރީހާންއަށް ލިބިފައިވާ ސްމާޓް ކަމެވެ. ހަމަ އެ ފިރިހެންވަންތަ ސިފަތަކެވެ. ތަފާތަކީ ބޮލުގައި އެހުރި ބައެއް ނުރަތަކާއި ހަންގަނޑުގައި އޮތް ރޫ ތަކެވެ. އެލީޒާގެ އަނގަ ހުޅުވުނެވެ.
“އެލީ..” އެލީޒާއަށް ވީ ގޮތުން ރީހާން އަށް ހެވުނެވެ.”އެހެން ހުންނާނީ ރީހު އޯލްޑް ވާ ދުވަހުން ވެސް އައި ބެޓް..!!”ޔަޤީންކަން އެކުލެވޭ އަޑަކުން އެލީޒާ ބުންޏެވެ.”އެބަ ވިސްނަން ޕްލާސްޓިކް ސާޖަރީ އެއް ހަދަން..” އެލީޒާ ހުއްޓުމެއް ނެތި ތަޢުރީފު ކުރަން ފެށުމުން ރީހާން ބުންޏެވެ.”ނޯ ނޯ!..” ވަގުތުން އެލީޒާ ދެކޮޅު ހެދިއެވެ.”އެލީއަށް ޔަމާން އެހާ ކަމު ދަންޏާ މެރީ ކުރަން ވީއެއްނު..” ރީހާން އެއްލޯ މަރާލިއެވެ. އެ ލާނެއް ކަމާއި ހެދި އެލީޒާ މޫނު ބަނަވެގެން ދިޔައެވެ.”އިއު ރީހޫ!! އެ ހާދަ ބޮޑު މީހެކޭ!!..” ލަދުގަތް ވަރުން އެލީޒާގެ އަޑު ވެސް ބާރުވިއެވެ. އިތުރަށް ރީހާން ފެށީ ހޭންށެވެ. އެ ސަކަރާތެއްގައި އުޅެނިކޮށް ދެމީހުން ވެސް މަޑުޖެހުނީ ރީހާންގެ ފޯނު ރިންގްވާން ފެށުމުންނެވެ. އަރާފައި އިން ނަމަކުން ރީހާން ހިނިތުންވި ނަމަވެސް އެ ހިނިތުންވުމާއި ނަމުން އެލީޒާ ހިތް ހީވީ ހަލާކު ކޮށްލި ހެންނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



Nice story
Keep up the good work