ވީމޭ އިންތިޒާރުގައި – 20
އެދުވަސްތައް ރީޝަމް ވޭތު ކުރީ ގޭތެރޭގައެވެ. އާނިޔާއަށް ޝައްކެއް ވެދާނެތީ ކުޑަކޮށް ބޭރަށް ނިކުމެލިޔަސް ނުލާހިކު އަވަހަށް އެތެރެއަށް ވަދެއެވެ. ކިޔާންގެ ޚިޔާލުތަކުން މިންޖު ވުމަށް ރީޝަމް ގިނަވަގުތު މާހީ އާ އެކީ އުޅެން ފެށިއެވެ. ހާނިމް އެގޭގައި އުޅޭ ދޭތެރެއަކުން ބަސް ބުނަން އުޅޭތީ ރީޝަމް ހިތްހަމަ ނުޖެހެއެވެ. އޭނާ ބަލަނީ ހާނިމް ނޫޅޭ ގަޑިއަކު ނިކުމެ އުޅެވޭތޯއެވެ.”ރީޝް.. ދޭބަލަ ފިހާރައަށް..” އެވަގުތު ހެނދުނު ސައި ހަދަން ހުރެފައި އާނިޔާ އެދުނެވެ. އަބަދުވެސް ކޮންމެސް އެއްޗެއް މަދުވެގެން އުޅޭތީ ރީޝަމް ހުންނަނީ ފޫހިވެފައެވެ. ފިހާރައަށް ވެސް ދާންޖެހޭނީ އޭނައަށް ވިއްޔާއެވެ. ކުޑަ ގޮތަކަށް ރީތި ވެލައިގެން ރީޝަމް ބޭރަށް ނިކުތެވެ. ކައިރި ހިސާބެއްގައި ފިހާރައެއް ހުންނަ ކަމަށްވެސް އަދި ނުވެއެވެ. ހިތާއި ހިތުން އެއްޗެހި ގޮވަމުން ރީޝަމް ފިހާރައަށް ވަންނަން އުޅެނިކޮށް މީހެއްގެ ކޮނޑުގައި ޖެހިލެވުނެވެ.
**20 ވަނަ ޕާޓު**
މަޢާފަށް އެދިފައި ކުރިމަތި ބަލާލި އިރު މާއިލް ހުރީ ދެބުމަ ގޮށްޖަހާލައިގެންނެވެ. ކޮނޑުގައި ދަބަހެއް އަޅުވާފައި ވުމާއެކު އަދި ރަށަށް އައިސް އެއުޅެނީ ގެއަށް ނުގޮސްކަން ޔަޤީންވިއެވެ. ކުޑަ ހިނިތުންވުމެއް ދީފައި މާއިލް އެތަނުން ނުކުމެގެން ދިޔައެވެ. އާނިޔާ ބުނި އެއްޗެއް ގަނެގެން ނިކުތް އިރުވެސް ރީޝަމްއަށް ވިސްނެނީ އެކަމާއި މެދުއެވެ. ކުއްލިއަކަށް އެއްޗެއް ހަނދާންވި ފަދައިން ރީޝަމްއަށް ތާރީޚު ބަލާލެވުނެވެ.”އޯހ ޝިޓް…” މިއަދު މީ ކިޔާންގެ އުފަންދުވަހެވެ. އަތުގައި އޮތް ކޮތަޅަށް ވާންވި އިރު ހިތް ބާރު ބާރަށް ތެޅެންފެށިއެވެ. އުފަންދުވަހުގެ ތަހުނިޔާ ކިޔަންވީ ބާއެވެ؟ ނުވަތަ ކިޔާން އޭނާގެ ހިތަށް ދިން އަނިޔާގެ ބަދަލުގައި ނޭނގޭ ކަމަށް ހަދައިގެން ހުންނަން ވީ ހެއްޔެވެ؟
ކިޔާން އަށް ހޭލެވުނީ ދޮރުގައި ތަޅާ އަޑަށެވެ. ކަންނެތް ގޮތަކަށް ދޮރު ހުޅުވާލި އިރު ހެވިފައި މާއިލް ހުއްޓެވެ.”ހެޕީ ބާރތްޑޭ..” އަވިއައިނު ދެލޮލުން ވަކި ކޮށްލަމުން މާއިލް އެތެރެއަށް ވަނެވެ.”ރެޑީތަ ދަތުރު ދާން.. ޝަލީ މެން އަންނާނެ އިރުކޮޅަކުން..” މާއިލް ހީކޮށްގެން ހުރީ މިހާއިރު ވާއިރު ކިޔާން ދާން ބޭނުންވާނެ ކަމަށެވެ.”އަޅެ ފަހެ ދެރަކަމެއް.. ނުބުނަންތަ ބޭނުމެއް ނޫނޭ ދާކަށް..” ކިޔާން ގޮސް ސޯފާއަށް ވެއްޓިގަތެވެ.”ދާން ޖެހޭނީ ހަމަ..” މާއިލް ދެލޯ ހަނިކޮށްލިއެވެ.”ދަތުރު ނިންމާފަ ދާންތަ ތުއްތަ މެން ކައިރިއަށް އަލުން؟..” ކިޔާން ކުޑަކޮށް ބޯ ހިތްލާ ލިއެވެ. އެ ސުވާލު މާއިލް ކުޑަކޮށް ކަރު ކެހިލިއެވެ.”އަސްލު ދާ ގޮތަށް ހުރީ.. އެކަމް މިހާރު ޚިޔާލު ބަދަލު ވެއްޖެ..” މާއިލް ރީޝަމް މަތިން ހަނދާން ކޮށްލަމުން ބުންޏެވެ.
ފިހާރައިގެ ކުރިމަތީގައި ހެދިފައި ހުރި ގަސްތަކު ތެރެއިން ފުރޭނިގެން އައިސްފައި ހުރި ތާޒާ އަވިން ރީޝަމްގެ މޫނުގެ ދޮންކަން މާއިލްއަށް ފާހަގަވިއެވެ. އެ މަޑު ބްރައުން ކުލައިގެ ކަޅި ހުރީ އަވީގެ ސަބަބުން ފާޑަކަށް ފެހި ވެފައެވެ. އެ މަންޒަރުން މާއިލްގެ ހިތް ބަދަލު ވީއެވެ.”ވީ ގޮތަކީ.. އަހަރެން ރަށަށް އައިސް ފިހާރައަށް ފެންފުޅިއެއް ގަންނަން ވަނީ.. ދެން އެގަޑީގަ އޭނަ ވެސް އައިސް ވަންނަނިކޮށް ދިމާވި.. ކިޔާން.. އަހަރެންނަށް ރީޝް މަތިން ހަނދާން ނައްތައެއް ނުލެވުނު.. ޚާއްޞަކޮށް މިއަދު ރީޝަމް ފެނުމުން ދާ ހިތް ވެސް ނެތިއްޖެ..” މާއިލް މާޔޫސްކަން އެކުލެވޭ އަޑަކުން ބުންޏެވެ. ކިޔާންގެ ހިތުގައި ހީވީ މާއިލް ވިކައިގަތް ހެންނެވެ.”ބުނީމެއްނު.. އެކަމުން ވެސް ގެއްލުން ލިބޭނީ އަމިއްލަ ހިތަށް ކަން..” ކިޔާން ދުރު ބަލަން އިނެވެ.
“އޯއި ހިނގާ ދާން..” ކުއްލިއަކަށް ދުވެފައި އައިސް އެތެރެއަށް ވަތް ލައުރާ އާއި ޝަލީން ފެނިފައި ކިޔާން އަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.”އަވަސް ކުރޭ.. ދޯނި އެބަ އޮތް ލަސްވެފަ..” ކިޔާން އެ އިންގޮތަށް އިންނަން ފެށުމުން ލައުރާ ބުންޏެވެ. ކުޑައިރުކޮޅަކު އެއް ތަނަކަށް ނަޒަރު ހުއްޓާލައިގެން އިނުމަށްފަހު މާއިލްމެންގެ އެދުމަށް ފުރަގަސް ދޭ ހިތެއް ނުވިއެވެ. އިރުކޮޅެއް ނުވެ ފެންވަރާ ތާޒާ ވެލައިގެން ކިޔާން ނިކުތް އިރު މާއިލް ހުރީ ހެވިފައެވެ.”ޝަލީ ގޮއްސި ރީޝް ބަލާ..” މާއިލް މާ ހެވިފައި ހުންނަ ސަބަބު ކިޔާންއަށް އިނގުމުން ފާޑަކަށް އުނދަގޫވިއެވެ. އެ ކުށެއްނެތް އަންހެން ކުއްޖާގެ ގައިގައި އޭނާއާއި ކުރިމަތިލާނެ ހިތްވަރު ހުންނާނެ ބާއޭ ކިޔާންގެ ހިތަށް އެރިއެވެ.
“ރީޝް ހިނގާބަލަ ދާން ދޯ ދައްތާ؟..” ރީޝަމް ދެކޮޅު ހެދުމުން ޝަލީން އާނިޔާއަށް ބަލާލިއެވެ. އެހާ ވަރަކުން ރީޝަމް ދެކޮޅު ހެދީ ކިޔާން ދާތީއެވެ.”އެ ތެދެއް.. ޝަލީ އަށް ނޭނގުނަސް ރީޝް ވަރަށް މަދުންނޭ ނިކުންނަނީ ވެސް ގެއިން.. ފަހަކަށް އައިސް މަޖުބޫރުން ނިކުމެލަނީ.. އެހެންވެ ދައްތަ ވެސް ނޫޅެން ހުއްދަ ނުދޭކަށް..” އާނިޔާ ބުންޏެވެ.”ނޯ..” ދެފަރާތަށް ބޯ ހޫރާލާފައި ރީޝަމް އަނެއްކާވެސް ނޫނެކޭ ކިޔަން ފެށިއެވެ. އެހެނަސް ރީޝަމްގެ އަތުގައި ގަދަކަމުން ހިފައިގެން ޝަލީން މަގުމައްޗަށް ނިކުތެވެ. މީހުންތައް ތިބުމުން ބޮޑާހާކާކަށް ނުކެރުނެވެ. އަތުގައި އޮތް ފޯނަށް ބާރުކޮށްލާފައި ރީޝަމް އިސްޖަހާލިއިރު ދެލޯ ތެމިއްޖެއެވެ.
ކިޔާން އާއި ލައުރާ އަދި މާއިލް ބޭރުގައި ތިއްބައި ރީޝަމްގެ އަތުގައި ހިފައިގެން ޝަލީން އަންނަތަން ފެނުނެވެ.”ގަދަ ކަމުން މި އައީ ގޮވައިގެން.. އާނިޔާ ދައްތަ ވެސް ބުނި ފަހަކަށް އައިސް މަޖުބޫރުންނޭ ބޭރަށް ނިކުންނަނީ ވެސް.. އެހެންވެ މިފަހަރު ވަރަށް ފަސޭހައިން ހުއްދަ ދިން..” ޝަލީން އެންމެނާ ކުރިމަތީ އެވާހަކަ ކިޔާލުމުން ކުއްލިއަކަށް ރީޝަމް އިސް އުފުލާ ކިޔާންއަށް ބަލާލި އެވެ. ޝަލީން އެވާހަކަ ބުނުމުން ކިޔާންވެސް އެގަޑީގައި ރީޝަމް އާއި ދިމަ ބަލާލިއެވެ. އެ ދެލޮލުގައި ވިދަމުން ދިޔަ ކަރުނަ ތިކިތައް ކިޔާންއަށް ސިއްރެއް ނުވިއެވެ.”އެ ކީއްވެ؟ ބަލީތަ ރީޝް؟..” ލައުރާ ރީޝަމްގެ ނިއްކުރީގައި އަތް ބާއްވާލިއެވެ. ދެފަރާތަށް ބޯ ހޫރާލަމުން ރީޝަމް އިސްޖެހިއެވެ.”ހިނގާ ދާން.. މިހާރު މާ ލަސް ވެއްޖެ..” އެ ކަރުނަތަކުން ކިޔާންއަށް ކުރި އަސަރު ފޮރުވާލަމުން ކުރިއަށް ހިނގައިގަތެވެ. ރީޝަމް އިތުރަށް ވީ ދެރައެވެ. އޭނާގެ ހާލަތާއި މެދު ވިސްނާ ވެސް ނުލައޭ ހިތަށް އަރާފައެވެ.
“ވެއިޓް.. އޯވަރ ނައިޓް އަކަށްތަ މި ދަނީ..” ރީޝަމް ޝަލީންގެ އަތުގައި ހިފާ ހުއްޓުވިއެވެ.”ހޫމް ކިހިނެއްވީ؟.. މި ކިޔާންގެ ބާރތްޑޭ ވީމަ އޭނަ އެންމެ ކުރާ ހިތްވާ ކަންތައް ކުރަން ވާންނު..” ޝަލީން ޖަވާބު ދިނެވެ.”އަހަރެންގެ އެއްޗެހި ނުލާތަ ދާނީ؟..” ރީޝަމް އެހިއެވެ.”އޯހ.. ކިޔާން ދޭބަލަ ރީޝް ގޮވައިގެން.. މާއިލް ވެސް ކޮބާތަ އަދި؟ ކިޔާންއަށް ވުރެ ފޯރި އަރައިގެން ކަންނޭނގެ އެއުޅެނީ..” ފެންނަން ހުރީ ކިޔާން އެކަނި ކަމުން ޝަލީން އެދުނެވެ. އޭރު މާއިލް އެ މަގުގައި ވެސް ފެންނާކަށް ނެތެވެ. އެވަގުތު އަނެއްކާ ވެސް ދެމީހުންގެ ކަޅި ބައްދަލުވިއެވެ.”ނޫން އޯކޭ ވާނެ.. އަހަރެން އެކަނި ގޮސްދާނަން..” ރީޝަމް ފަހަތަށް އެނބުރި ދާން ފެށިތަން ފެނުމުން ކިޔާންގެ ހިތަށް ހަމަޖެހުމެއް ނުލިބުނެވެ.
“ޝަލީ ދާންވީއެއްނު ރީޝް އާ އެކީ.. މަށާ ލައު މި ދަނީ..” ކައިރީގައި ހުރި ލައުރާ ގޮވައިގެން ކިޔާން ކުރިއަށް ހިނގައިގަތެވެ. އޭނާ އެހެން ބުނީ މަގުމަތީގައި އެއްކަލަ ފިރިހެން ގްރޫޕް ދިމާ ކޮށްލަފާނެތީއެވެ. މާއިލް ހުރީ ދޯނީގެ ކުރިމަތީގައެވެ. ފަނަރަ ވަރަކަށް މިނެޓް ފަހުން ޝަލީން އާއި ރީޝަމް އަންނަތަން ފެނެއެވެ. ލަސްތަކެއްނުވެ އެންމެން ދޯންޏަށް އެރުމުން ދޯނި އޭގެ މަންޒިލަށް ދިއުމަށް ދަތުރު ފެށިއެވެ. ކުރިއާއި ޚިލާފަށް އެންމެ ނެގިމަޑުވެފައި އިނީ ކިޔާން އާއި ރީޝަމް އެވެ.”ކިޔާން ހާދަ މަޑުންނޭ.. ނުނިދެނީތަ؟؟..” ޝަލީން މެންގެ މަޖަލުގައި ކިޔާން ބައިވެރި ނުވެ އިނުމުން އެހިއެވެ.”އެތެދެއް.. ރީޝް ވެސް..” ލައުރާ ޝަލީން އާއި އެއްބައި ވިއެވެ.
“އާނ އެކޭ.. ކުރިން އެހީމަ ވެސް ބުނީ ދާ ހިތެއް ނެތޭ.. ހެއްވާ ކަމެއްނު؟ ކިޔާން ދުވަހަކު ވެސް ކުރިކަމެއް ނޫނޭ އެއީކީ އުޒުރަކާ ނުލާ.. މިފަހަރު ދެއްކީވެސް އަދި ފާޑެއްގެ އުޒުރެކޭ.. ބުނީ ތިމަންނައަށް ފޫހި އޯ ދާން..ކަމެއް ވީހޭ އެހީމަ ވެސް ނޫނެކޭ ބުނީ..” މާއިލް ވާހަކަ ދައްކަން ފެށިގޮތަށް ނުނިންމާނެކަން އިނގޭތީ ކިޔާން ލޯ އަޅައިގަތެވެ. ކަކުލުގައި ބޯ ޖަހައިގެން އިން ރީޝަމް ވެސް ބޯ ހިއްލާލި އެވެ. ކިޔާން އެކަހަލަ ކަންކަމާ ވެސް ދުރުވީ އޭނަ ލޯބިވާ ވާހަކަ ބުނުމުން ހެއްޔެވެ؟”އެ ތެދެއްތަ؟.. އެކަމަކު..” ލައުރާ ވެސް އަނގަ ހަދާލިއެވެ.”މީހަކު ކުރާ ހިތް ނުވާ ކަމެއް ކީއްކުރަންތަ ކުރުވަނީ؟..” ފޫހިވެފައި ކިޔާން އެހިއެވެ. އެއާއިއެކު އެންމެން އެންމެނަށް ބަލާލިއެވެ. މާއިލް ނޭނގޭ ކަމަށް ހަދާފައި ދުރަށް ހިނގައިގަތެވެ. ލައުރާ އާއި ޝަލީން ވެސް ރީޝަމްމެން ކައިރީގައި އިށީން ވަގުތު މާއިލް ކިޔާންއަށް ގޮވާލިއެވެ. ތުންފަތް ފިއްތާލަމުން ކިޔާން ތެދުވެފައި މާއިލް ކައިރިއަށް ދިޔައެވެ.
“ތެދައް ބުނެބަލަ..” މާއިލް އެދުނެވެ.”ކަމެއް ނުވެއޭ.. ޤަބޫލު ކޮށްބަލަ..” ހިތްހަމަ ނުޖެހިފައި ކިޔާން ޖަވާބު ދިނެވެ.”ރުޅި އަޔަސް ބުނީމަ ދެވޭނީ.. ތިހެން ބުންޏަސް ބަހާ ޢަމަލާ ދިމައެއް ނުވޭ..” މާއިލްވެސް ދެބުމަ ކައިރި ކޮށްލިއެވެ. ކިޔާން ދުރުގައި އިން ރީޝަމް އާއި ދިމަ ބަލާލާފައި ނޭނގޭ ކަމަށް ހެދުނެވެ.”އަހަރެން އަލުން ޖޫލީއާ ގުޅެން ނިންމައިގެން މިހިރީ..” ކިޔާން ދުރަށް ނަޒަރު ހުއްޓާލިއެވެ.”އަނެއްކާ އަނެއް ކަންތައް.. ކީއްކުރަން؟ ބޭނުމަކީ ކޮބާ؟ ކިޔާން.. ދެރަވިޔަސް ތިހެން ބުނީމަ އަހަރެން ބުނެފާނަން ވާހަކައެއް..” މާއިލް ޖީބަށް އަތް ޖަހާލައިގެން ހުރެ ބަލާލިއެވެ.”ކިޔާބަލަ..” ޝައުގުވެރިކަމެއް ނެތް ގޮތަކަށް ކިޔާން ހުއްޓެވެ.”ޖޫލީ އެބަ އުޅޭ އެހެން މީހެއް ގޮވައިގެން.. މަށަށް ފެނުން..” މާއިލް ބުނި ވާހަކައިން ކިޔާން ގާތަށް އަންނަން އުޅުނީ ހިންޏެވެ.
“ތިހެން ވީއިރު ޑޫ މީ އަ ފޭވާރ..” ހިނިގަނޑު އެއްފަރާތް ކޮށްލާފައި ކިޔާން އެދުނެވެ. މާއިލް އެއްބުމަ އަރުވާލީ ކޮން ކަމެއްހޭ އަހާ ފަދަ ގޮތަކަށެވެ.”އެއީ.. ޖޫލީ އުޅޭ މީހަކާ އެކީ އުޅުނަސް އެކްޓް ކޮށްދީ ޖޫލީ އާ ގުޅިގެން އަހަރެން އުޅޭކަން..” ކިޔާން އާދޭސް ކުރާ ކަހަލަ ގޮތަކަށް އެދުނެވެ. އިރުކޮޅަކު ހައިރާންކަމާ އެކީ ބަލަން ހުރެފައި މާއިލް އެއްބަސް ވިއެވެ. ކިޔާން ދެކޭ ގޮތުގައި ރީޝަމް އޭރުން ކިޔާން ދެކެ ފޫހި ވެދާނެއެވެ. އެހެނަސް ނޭނގުނު ކަމަކީ އެ ހިތަށް އިތުރު ގެއްލުމެއް ނޫނީ ނުލިބޭނެ ކަމެވެ. ޚުދު ކިޔާން ވެސް އެކަންތައް އެ ކުރަނީ މާއިލްއަށްޓަކައި ހިތް ޤުރުބާން ކޮށްގެންނެވެ.
އަނބުރާ އައި އިރު ރީޝަމް އޮތީ ލައުރާގެ ކޮނޑުގައި ބޯ އަޅައިގެންނެވެ.”ނުކައި ހުރީމަ ބޮލަށް އެނބުރުން އަރާ ގޮތް ވެފަ އޮތީ..” ލައުރާ ކިޔާދިނެވެ.”ރީޝް ދެން މާ ގިނައިރެއް ނެތް އިނގޭ ދެވޭކަށް.. ކީއްވެ އެއްޗެއް ނުކައި އައީ..” ޝަލީން ރީޝަމްގެ ކައިރީގައި އިށީނދެ އެހިއެވެ.”އަންނަން ބޭނުން ނުވާ މީހުން ނުލައި އައިމަ ނިމުނީއެއްނު؟ ނުކައި ވެސް ހުރެދާނެ ކަން އިނގެން ޖެހޭނެ.. އެމީހަކު ނުކެއީމަ އެކަމުގެ ޒިންމާ ނަގަން ޖެހޭނީ އަމިއްލައަށް ހެން ހީވަނީ..” ފަޅި ސިކުންތަކަށް ރީޝަމްއަށް ކިޔާން ބަލާލިއެވެ. ކިޔާންގެ ފަރުވާ ކުޑަ ޖަވާބުން ރީޝަމް ހިތުގައި ޖެހުނެވެ. އެހެނަސް ގަދަކަމުން ކަރުނަތައް ހިންދާލާފައި ދެލޯ މަރާލުމަށްފަހު ފުން ނޭވާއެއް ލިއެވެ.
ރަށަށް އައި ގޮތަށް ކިޔާންމެން ކުޑަ ޖިފުޓި ގަނޑެއްހެން ހުރި ރީތި ގެއަށް ވަދެ ހަމަޖެހިލިއެވެ. މިފަހަރު އައީ ކުރިން ދިޔަ ރަށަކަށް ނޫނެވެ. އެ ރަށާއި ދާދި ކައިރީގައި އޮންނަ ކުޑަ ވަރެއްގެ ރަށެކެވެ. މިފަހަރު އެތަނުގައި ތިން ކޮޓަރިއެއް ހުއްޓެވެ. ކިޔާން އާއި މާއިލް އެއް ކޮޓަރި ނެގުމަށްފަހު ތިން އަންހެން ކުދިން އަނެއް ކޮޓަރި ނެގިއެވެ. ދެން ހުރި ކޮޓަރި ހުހަށް ދޫކޮށްލީއެވެ. މެންދުރު ކެއުމަށްފަހު ކުޅިވަރު ކުޅެން ބޭރަށް އެންމެން ނިކުތުމުން ރީޝަމް ގޮސް މަޑުކޮށްލީ ރާޅުޖަހާ ހިސާބުގައެވެ. ފައިތިލަ އާއި ހިސާބަށް މޫދަށް އެރި ރީޝަމް އެކަނި ހިނގާތަން ފެނި މާއިލް އަށް އެދިމާއަށް ދެވުނެވެ.”ކޮން ކަމެއް ވެފަ ތި ހުންނަނީ..” މާ މަޑުމަޑުން ރީޝަމް ހުރުމުން މާއިލް އެހިއެވެ.”ނޭނގެ.. ބޮލަށް ތަދުވަނި..” ރީޝަމް ކުރު ޖަވާބެއް ދިނެވެ. މާއިލް ވެސް ވާހަކަ ދައްކަމުން ރީޝަމް އާއި އެއްވަރަކަށް ހިނގަން ފެށިއެވެ.
ދުރުގައި އެމަންޒަރު ބަލަން ހުރި ކިޔާން އަށް ދެލޯ ހަނިކޮށްލެވުނެވެ. ނަމަވެސް ނޭނގޭ ކަމަށް ހެދިފައި ބިންމަތީގައި އިށީނެވެ. އެހެން އިރުކޮޅަކު އިންދައި މާއިލް އައިސް ކައިރީގައި އިށީނެވެ.”ވާހަކައެއް ބުނަންތަ..” ނިކަން ހެވިފައި އިނދެ މާއިލް އެހިއެވެ. މިހާ އުފާވެފައި ދައްކާނީ ރީޝަމްގެ ވާހަކައެއްކަން އިނގުމުން ކިޔާން ފާޑަކަށް ނުރުހުންވިއެވެ.”ހޫމް ކިޔާބަލަ..” ފަރުވާކުޑަ ރާގަކަށް ކިޔާން އެހިއެވެ.”ސޯ.. މިރޭ މިއުޅެނީ ރީޝަމް ކައިރީގަ އަހަން ކަމަށް.. މީ އެންމެ ރަނގަޅު ޗާންސް ކަންނޭނގެ.. އޭނާ ހުރީ ވަރަށް ފްރެންޑްލީ ކޮށް..” މާއިލް ދަތްޕިލަ ފެންނަވަރަށް ހީނލިއެވެ. ކިޔާންގެ ހިތަށް ފާޑެއްގެ ގޮތެއް ވިއެވެ.”މާއިލް.. އަދި ތަންކޮޅެއް އަވަހެއްނު؟..” އަމިއްލަ އެދުމުގެ މައްޗަށް ކިޔާން އިސްކުރީ މާއިލްގެ އެދުމެވެ.
“ނޫނެކޭ.. ވަރަށް ހީވެއޭ އާނއެކޭ ބުނާނެހެން..” މާއިލް އިނީ ވަރަށް ހިތްހަމަ ޖެހިފައެވެ.”މަށަށް އަދި ތަންކޮޅެއް އަވަސް..” ކިޔާން އުޅުނީ މާއިލް ދެރަވާފަދަ ޖަވާބެއް ރީޝަމް ދީފާނެތީ އެވެ. އެވަރުންވެސް މާއިލް ބުނީ މިރޭ ކޮންމެހެން ވެސް ބުނާނެ ކަމުގައެވެ. އެންމެފަހުން ކިޔާންއަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. ދަނީ ކަމުގައި ބުނެ މާއިލް އެތެރެއަށް ގޮސް ގެއްލެންދެން ބަލަން އިނުމަށްފަހު ކިޔާން ފުން ނޭވާއެއް ލިއެވެ. އޭރު ރީޝަމް ވެސް ލައުރާ އާއި ވާހަކަ ދައްކަމުން އާދެއެވެ. ހަވީރު ގަޑީގައި ސައި ހެދުމަށް އުޅޭތީ ކިޔާން ވެސް އެމީހުންނާ އެހީވާން އެތެރެއަށް ވަނެވެ.
ރޭގަނޑު ދެފަރާތަށް ފުރޮޅި ފުރޮޅި ރީޝަމް އަކަށް ނުނިދުނެވެ. ތެދުވެ ގަޑި ބަލާލި އިރު ބާރަ ޖަހަން އިނީ މަދު މިނެޓް ކޮޅެކެވެ. މީހަކު ނެތް މާޙައުލުގައި ހިތަށް އުފާވެރިކަން ހޯދަން ރީޝަމްގެ ހިތް އެދުނު ވަރުން ކޮޓަރިން ނިކުތެވެ. އޭރު ގޭތެރޭގައި ވެސް ވަނީ މަރުފަދަ ހިމޭންކަމެވެ. ލަސް ފިޔަވަޅު ތަކެއްގައި ރީޝަމް ގެއިން ނުކުތް އިރު މީހަކު ފެންނާކަށް ނެތެވެ. ލުއި ހިނިތުންވުމަކާ އެކު މޫދާއި ދިމާއަށް ރީޝަމް ހިނގައިގަތެވެ. ނަމަވެސް ކުރިމަތީގައި އިށީނދެ އިން މީހެއް ފެނުމުން ރީޝަމް ބިރުގަތެވެ. އަނބުރާ އައި ކޮޅަށް ދާން އުޅެނިކޮށް އެމީހަކު ފަހަތަށް އެނބުރި ބަލައިލިއެވެ.”ކިޔާން..” އަނދިރީގެ ތެރޭން ވެސް ކިޔާން ވަކިކުރަން ރީޝަމްއަށް އިނގުނެވެ. ހިނިތުންވުމެއް ވެސް ނުދީ ރީޝަމްކަން އިނގުމުން ކިޔާން ދުރު ބަލާލިއެވެ. އޭނާ އިނީ މާއިލްގެ އިންތިޒާރުގައެވެ.
ރީޝަމް ބަލަން ހުއްޓައި ކިޔާން ފޯނާއި ކުޅެމުން ދާން ހިނގައިގަތެވެ.”ކިޔާން..” ހިތްވަރު ކޮށްފައި ރީޝަމް ގޮވާލިއެވެ. ކިޔާން ހުއްޓިފައި ފަހަތަށް އެނބުރުނެވެ.”ހެޕީ ބާރތްޑޭ..” އިސްޖަހާލައިގެން ރީޝަމް ބުންޏެވެ. އެވަގުތު ކިޔާންއަށް ކަޑި ބަލާލެވުނެވެ. ބަރާބަރު އެގާރަ ގަޑި ފަންސާސް ނުވައެކެވެ. އުފަންދުވަހުގެ ތަހުނިޔާ ރީޝަމް އެ ކީ އެންމެ ފަހު މިނެޓްގައެވެ.”ތެންކްސް..” ޝުކުރު އަދާ ކޮށްފައި ކިޔާން ދިޔަ ދިމާއަށް ބަލަން ހުރި ރީޝަމްއަށް ފުން ނޭވާއެއް ދޫކޮށްލެވުނެވެ.”ރީޝް!..”
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Woooooow………. I just can’t tell you how happy I am to read this story after a long gap…… I just simply love this story ??❤️….. Keep it up☺️☺️☺️
Alheyyy mi vaahaka vrh reethi ??? next part avahah up kohla dhehchey ?