އެ ހުވަފެން – 9
އެމީހާގެ ފަހަތުން ނުކުތް މީހާގެ މޫނުމަތިން ފެނުނީ ރުޅިވެރިކަމާއި ނަފްރަތެވެ.
މާއިޝްގެ ނަޒަރުން
ކަޅު ވިލާތަކުން ހަތަރު އުދަރެސް ބައްދާލައިފައި ވީއިރު ދެންމެ ދެންމެ ވާރޭ އޮއްސާލަފާނެހެން ހީވެއެވެ. ވައި ގަދަކަމުން މަގުގައި ހައްދާފައި ހުރި ގަސްތަށް ވެސް ހީވަނީ މުލުން ލުއްސައިގެން ހިނގައިދާނެހެންނެވެ. މަގުމަތީގައި އަހަރެން ހިނގަމުން ދިޔައީ ވަކި މިސްރާބަކަށް ނޫނެވެ. ހިމަ ގޯޅިގަނޑެއްގެ ތެރެއަށް އަހަންނަށް ވަދެވުމާއެކު ފެނުނު މަންޒަރަކުން މޭގަނޑު އަނގަޔަށް ނައީ ކިރިޔާއެވެ. ކައިޒާންގެ މޫނުމަތީގައި ފޮތިގަނޑެއް އަޅާފައި އޮތް އިރު އޭނަ އޮތީ ބިންމަތީގައި އެވެ. އޭނަ ކައިރީގައި ދެބުމަ ގޮށް ޖަހައިގެން ހުރި ޖާނުން ވަރުގަދަ ފިރިހެނެއްގެ ރުޅިވެރިކަމުގެ ނަޒަރު ހުއްޓިފައިވަނީ ޒުވާން ފުރައިގެ ފިރިހެން ކުއްޖަކަށެވެ. ހަދާނެ ގޮތެއް ނޭނގިފައި އަހަންނަށް ހުރެވުނެވެ. އަހަންނަށް ހުރެވުނީ އެގޯޅިގަނޑުގެ މެދުގައެވެ. އެ ފިރިހެން މީހާ އެއްލި ކަޅިއަކުން އަހަރެން ފެނުނެވެ. އެމީހާ އަވަސް ފިޔަވަޅުތަކެއްގައި މިސްރާބު ޖެހީ އަހަންނާއި ދިމާލަށް ކަންނޭނގެއެވެ. އަހަރެން ދެފަޔަށް ލެވުނުހާ ބާރެއްލައިފައި ދުއްވައިގަތީމެވެ. ފަސް އެނބުރި ނުބަލައި އަހަރެން ދުވީމެވެ. ވަރަށް ދުރަށް ދުވުމަށްފަހު މާނޭވާލަމުން އަހަރެން ގުދުވީމެވެ. އެހެން އޮވެފައި ބަލައިލިއިރު އަދިވެސް އެމީހާ އަހަރެން ފަހަތުން އާދެއެވެ. އަހަރެން އަނެއްކާވެސް ދުއްވައިގަތީމެވެ. ކައިޒާންމެންގެ ހުންނަ ގޯޅިގަނޑަށް އެރުމާއެކު އަހަރެން އެގެއަށް ނަޒަރު ހުއްޓާލެވުނީ އުލްވީ ފާރުމަތީގައި ނަމަވެސް އިންތޯއެވެ. އަހަރެން ގޮސް ވަނީ އުލްވީ މެންގެ އެތެރެއަށެވެ. އުލްވީ ފާރުމަތިން ފުންމާލަމުން އަހަރެން ކައިރީ ކީތްވީތޯ ސުވާލު ކުރަންފެށިއެވެ. އަހަރެން ފުރުތަމަ ކަމަކަށް ގޭގެ ބޮޑު ދޮރާށި ލެއްޕީމެވެ. ދެން އުލްވީ ކައިރީ އެނދުނީ ފެންތައްޓެއް ގެނެސް ދިނުމަށެވެ. ފެން ބޮއެގެން އަހަރެން މާނޭވާލަމުން އުލްވީ އަށް އަހަންނަށް ފެނުނު މަންޒަރު އަލިފުން ޔާ އަށް ކިޔައިދިނީމެވެ. “މާއިޝް އަށް ވާ ސާބަސް! ދޮންބެ އަށް އެމީހުން ކޮންމެ ގޮތެއްވެސް ހަދާފާނެ ، ހިނގަދާން މިހާރު!” އުލްވީ އަވަސް ފިޔަވަޅު ތަކެއްގައި މިސްރާބުޖެހީ ބޭރަށެވެ. އަހަރެންވެސް އުލްވީ ފަހަތުން ހިނގައިގަތީމެވެ. “ހުސްއަތާ ދިޔައިމަޔޯ؟” އުލްވީ އެތެރެއަށް ވަދެ ކޮތަޅަކަށް އެއްޗެހިތަކެއް އަޅައިގެން ނުކުތެވެ. “އޭނ އިނގޭތަ އެމީހުން އުޅޭތަން، ދޮންބެއަށް ގުޅާބެ” އުލްވީ އެދުމުން އަހަރެން ކައިޒާން އަށް ގުޅާލީމެވެ.
ކައިޒާންގެ ނަޒަރުން
ދެތިންފަހަރު އެސްފިޔަތަށް ތަޅުވާލަމުން އަހަރެން ދެލޯ ހުޅުވާލީމެވެ. މަންޒަރު ފުހެވެ. އަނދިރިކަމަށް އަހަރެންގެ ދެލޯ ހޭނެން ވަގުތުކޮޅެއް ނެގިއެވެ. އަހަންނަށް އިނދެވުނީ ގޮނޑިއެއްގައެވެ. ހަތަރެސްފައި ވަނީ ޗޭނު ޖަހައި ބަދެފައެވެ. ސިކުނޑި މަސައްކަތް ކުރަން އިރުގަނޑެއް ނެގިއެވެ. ހަނދާނަށް ކަންކަން އަންނަމުން ގޮސް ވެގެން މިއުޅޭ ކަންތަށް ރެއަކާލާން ފެށިއެވެ. “އޭއި ، ބުރޯ ކައެ ހޭ އެރީ ދޯ” ފިރިހެނެއް އައިސް އަހަންނާއި ދިމާލަށް ގުދުވިއެވެ. އަހަރެން ރައްދުގައި އެއްވެސް އެއްޗެކޭ ނުބުނަމެވެ. “ބުނަން ، ކައެގެ ކޮއްކޮ މާ ފުއްޕަނީ، އެ މަންޖެ ކައެ ހުއްޓުވާ، ނޫނީ އަހަރުމެން ނަށް ޖެހޭނީ އެމަންޖެ އަރުތެރޭގައި ހިތިރަހަ ލައްވަން” ދެން ހުރި މީހާ އެހެން ބުނުމުން އަހަރެންގެ ބޮލުގައި އުފެދުނީ ހުސް ސުވާލެވެ. އުލްވީ މިހާރު ކީއްކުރީ ބާވައެވެ. އޭނާ މިހާރު ބޭރުގައި އުޅޭވަގުތުވެސް ގިނައެވެ. އަނެއްކާ މިމީހުންނާއި ޖައްސާލީ ކަންނޭނގެއެވެ. “އެ މަންޖެ ގައިގައި އިނގިލި ކުރި ޖައްސާލިޔަސް ، މަގޭގެ ހުރި ނުބައިކަން އަންގާލާނަން!” އަހަރެން ދެލޯ ހަނިކޮށްލަމުން ބުނެލީމެވެ. “ކަލެއަށް ކޯއްޗެއް އިނގޭނީ؟ އަދި އެއްފަހަރު ނިކަން ތިހެން ބުނެބަލަ!” އެމީހާ ނެގީ މިޔަ ތޫނު އޮފުއަރާ ވަޅިއެކެވެ. އަހަރެން ވަޅިއަކާއި ހެދި އަނގަ ބަންދެއް ނުކުރާނަމެވެ. “އަހަންނަށް ރަނގަޅަށް އިނގޭ ކަލޭމެން ތިއުޅެނީ ކީތްވެގެން ކަން! މަސްތުވާތަކެތީގެ އަވާގައި ޖެހި ތިމީހުން ތިއޮށް ނިމިދަނީ އެއްނު!” އަހަރެން އައި ރުޅިން ދެބުމަ ގޮށް ޖަހާލީމެވެ. ހަމަ ގައިމުވެސް ލާމިއު އަތުގައި އޮތީ މަސްތުވާތަކެތީގެ ޕެކެޓެކެވެ. އެމީހާ އެންމެ ހިނދުކޮޅަކަށްވެސް މަޑެއް ނުކުރެއެވެ. އެ ތޫނު ވަޅި ހަރާލީ އަހަރެންގެ ފަލަ މަސްގަނޑަށެވެ. އަހަރެން ހަޅޭއްލަވައިގަތީމެވެ. ބޮކި ބޮކި ޖަހައިފައި ލޭ ފައިބަން ފެށިއެވެ. އަހަރެންގެ ޙަބަރު ހުސްވީ އެހިސާބުންނެވެ.
އުލްވީގެ ނަޒަރުން
އެ އިމާރާތަށް ވަދެވުނު ވަގުތަކީ ކައިޒާންގެ ފަޔަށް އެމީހާ ވަޅި ހަރާލި ވަގުތެވެ. މާއިޝް އާއި އަހަރެން ހިތްވަރު ކޮށްފައި އެތެރެއަށް ވަނީމެވެ. ގެންގުޅުނު ވަޅި އެކި ގޮތްގޮތަށް ހޫރަމުން ދިޔައީމެވެ. ދެފިރިހެނުން ކައިރިން ސަލާމަތްވެވޭނެ އޭ ހިތައި ކުރިއަށް ހިނގައިގަތީމެވެ. ކައިޒާންގެ ވޭނީ ހަޅޭއް އަދިވެސް އަހަރެންގެ ކަންފަތް ކައިރި ގުގުމަމުން ދިޔަ ފަދައެވެ. މާއިޝް އެތާހުރި މީހެއްގެ ބަނޑަށް އެތިފަހަރެއް އަރުވާލިއެވެ. އަހަރެން ވެސް ކުރިއަށް ޖެހެލަމުން އެމީހާގެ ނޭފަތް މަތީގައި ޖެހީމެވެ. މިތަނަށް އަހަރުމެން އައީ މިކިޔާލް އަށް ގުޅާފައިކަމުން ހިނދުކޮޅެއްގެ ތެރޭގައި އޭނަވެސް އައިސް އަހަރުމެންނާއި ބައިވެރިވިއެވެ. މިކިޔާލް އާއި މާއިޝް އެދެމީހުންނާއި ތަޅާފޮޅަން ބަހައްޓަފައި އަހަރެން މިސްރާބުޖެހީ ކައިޒާން ކައިރިއަށެވެ. ހެނދުމުގެ ފަސްބައި އިރާލަމުން އަހަރެން ކައިޒާންގެ ފަލަ މަސްގަނޑުގައި އޮޅާލީމެވެ. އެތަށް ބުރަ މަސައްކަތަކަށްފަހު އަހަންނަށް އެ ޗޭނުތަށް މޮހާލެވުނެވެ. އަތުގެ އިނގިލަތަކުން ހަންވެސް ވަނީ ގޮއްސައެވެ. ޖިޒާލް އާއި މީކާލް ގެ އެހީގައި ކައިޒާން ނަގައިގެން ގެންގޮސް އެންބިއުލާންސް އަށް އެރުވީމެވެ. މާއިޝް އަށްވެސް ކުދިކުދި އަނިޔާތަށް ލިބިފައިވެއެވެ. މިކިޔާލްގެ އަތް މަށައިގެން ގޮސްފައި ވީއިރު އަހަރެންގެ ފައި ވަނީ މަށައިގެން ގޮސްފައެވެ. އަހަރުމެން ވެސް އެންބިއުލާންސަށް އަރައިގެން ހޮސްޕިޓަލަށް ގޮސް ޒަހަމްވި ތަންތަނުގައި ބޭސް އެޅީމެވެ. ކައިޒާން ހޭއެރުމާއެކު ގެއަށް ގެންދެވުނެވެ.
އާދުވަހަކަށް އިރު ފެނުން ތޮޅެލުމާއެކު އަހަރެން ކޮފީތައްޓެއް ހިފައިގެން ގޮސްއިނީ ބެލްކަނީގައެވެ. އިއްޔެގެ ހާދިސާ ހިތަށް އައުމާއެކު އަހަރެން ދެލޯ ފެންކަޅިވިއެވެ. އެންމެ ފަހުން ކައިޒާން އާއި ވެސް އެދިމާ ކޮށްލީއެވެ. ކައިޒާން އަށް ދޭ އަނިޔާތަށް އަހަންނަށް ދިނަސް ހިތަށް މާ ފަސޭހަވާނެއެވެ. މިހުރި ކަމަކީވެސް އިކުވާން އާއި ގުޅިފައިވައި ކަންތައްތަކެއްކަން އަހަރެންގެ ސިކުނޑިއަށް ނަގައިގަނެވުނެވެ. މިއަދު ބޭސްގަނޑު ބަދަލު ކުރަން ދާން ޖެހޭނެކަން ހަނދާންވުމުން އަހަރެން ކަޅު ސްކިނީ އަކާއި ޕީޗްކުލައިގެ ޓޮޕެއްލީމެވެ. އިސްތަށިގަނޑުގައި ހުޅިއެއް ޖަހާލަމުން އަހަރެން މިސްރާބުޖެހީ ހޮސްޕިޓަލަށެވެ. ގޮނޑިއެއްގައި އިށީންދެގެން އިންއިރު އަހަރެން އިނީ އެމިލީން އާއި ޗެޓް ކުރާށެވެ. އަހަރެން އިސް އިފުލާ ބަލައިލީ މީހަކު އަހަރެންގެ ކައިރީގައި އިށީންދުމުންނެވެ. އަލީންކަން އިނގުމާއެކު އަހަރެން ތެދުވީ ހިތްހަމަނުޖެހި ހުރެއެވެ. ފެންނަހާ ތަނަކުން މިސޫރަ ދެލޯ ކުރިމަތީގައި އެނބުރޭތީ އަހަރެންގެ ބޯ ހީވަނީ ފަޅައިގެން ހިނގައިދާނެހެން ނެވެ. ދެބުމަ ގޮށް ޖަހާލަމުން އަހަރެން އިށީނީ ދުރުގައި ހުރި ސީޓެއްގައެވެ. ވަރަށް ނުވާކަމަށް ހަދާފައި އޭނަ އަނެއްކާވެސް އަހަރެން ކައިރީ އިށީނެވެ. އަހަރެން އަނެއްކާވެސް ތެދުވެ ގޮސް އިށީނީ އެހެން ތަނެއްގައެވެ. އަލީން އަހަރެންގެ ފަހަތުން އެނބުރޭތީ އަހަރެން ރުޅީގަދަވާން ފެށިއެވެ. އެންމެފަހުން ބޭސް އަޅަން ވަންނަން އަހަންނަށް ގޮވިއެވެ. ހިނދުކޮޅަކަށް ވެސް މަޑު ނުކޮށް އަހަރެން ވަނީމެވެ. ބޭސް ގަނޑު ބަދަލުކޮށްގެން ނުކުމެވުމާއެކު އަލީން ހުރީ ކުރިމަތީގައެވެ. ދެބުމަ ގޮށް ޖަހާލަމުން އަހަރެން ދުއްވައިގަތީމެވެ. ކާރެއް ލިބޭތޯ ހުރެ ހުރެ އެންމެ ފަހުން އަތުޖެހުނެވެ. އަލީންގެ އުނދަގުލާއި ހެދި ޕްރައިވެޓް ކާރެއްތޯވެސް އަހަންނެއް ނުބަލަމެވެ. ޑްރައިވަރު ފެނުމާއެކު އަހަރެން މޭގަނޑު ހީވީ އަނގަޔަށް އައިހެންނެވެ.
އެމިލީންގެ ނަޒަރުން
އުލްވީ ކައިރިއަށް ދާން އަހަރެން އަވަސް ފިޔަވަޅުތަކެއްގައި މިސްރާބު ޖެހީމެވެ. އުލްވީ އިއްޔެގެ ހާދިސާ އަހަންނަށް ނުކިޔާދިނުމުން އަހަރެން އެވަރަކުން ހޯދާކަށް ނޫޅެމެވެ. އަވަހަށް ދާން ބޭނުންވެފައި ހުރިވަރުން މަގުގެ ދެކޮޅު ނުބަލައި އަހަރެން ދުވަނިކޮށް މީހެއްގައިގައި ލައިގަތެވެ.
ނުނިމޭ..؟
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

