ނުވާނަމޭ ބަދަލެއް ހުވާ ޔާރާ – 6
މިޝްޔަލް ހޭއެރިއިރު ބޮލަށް އެނބުރުމެއް އަރާފައި ހުއްޓެވެ. ހުރެވުނު ތަނަށް ބަލައިލެވުނެވެ. އެއްޗެއް ފެންނަ ވަރެއް ނޫނެވެ. ކަޅު އަނދިރި ގަނޑެކެވެ. މުޅި ގަޔަށް ހުރީ އެހެން ކަހަލަ ތަދެއް އަރާފައެވެ. ތެދުވަން އުޅުނު އިރު އަތް ހުރީ ފަހަތަށް ބަނދެފައެވެ. އަނގަމަތީ ފޮތިގަނޑެއް އައްސާފަ އޮތް އިޙްސާސް ވެސްވީ ދެނެވެ. މީހައަށް ހޭވަރިކަންވިއެވެ. މަގުމަތި ވިކަންތައް ވެސް ހަނދާންވިއެވެ. ހަޅޭއް ލަވައިގަންނަން އުޅެއުޅެ ވެސް އަރުން އަޑެއް ނުނިކުތެވެ. ހުރެވުނު ތަނެއް ވެސް ނޭނގުނެވެ. މިޝްޔަލް ބިރުން ދާހިއްލަން ފެށިއެވެ. ހިތް ނުހުއްޓި ތެޅެމުން ދިޔައެވެ.
* ހަވަނަ ބައި *
އަފްޝާ ގަޑި ބަލާލިއިރު ބާރަ ގަޑި ދިހައެއް ވެއްޖެއެވެ. އެހާއިރު ވަންދެން މަޑު ކުރިއިރު ވެސް އެމީހާ ނައީމަ ރުޅި އާދެވުނެވެ. ކައިރީގައި އިން ޔައިޝްއަށް ބަލާލި އިރު އޭނާ އިނީ ނިދިއައިސްގެން ތާއްޔާ ޖެހިޖެހިއެވެ. ” އޭއި.. މިތާ ނުނިދާ ހިނގާ ގެއަށް ދާން. ” އަފްޝާ ތެދުވުމުން ޔައިޝް ވެސް ހިނގައިގަތެވެ. ގެއަށް ދެވެންދެން ވެސް އެ ދެމެދުގައި ވާހަކައެއް ނުދެކެވެއެވެ. އެއަށްވުރެ ދެމީހުންގެ ވެސް ނިދީގެ އަސަރު މާ ބޮޑެވެ. އަފްޝާ ގެއަށް ވަނުމުން ޔައިޝް ނުހުރެ ހިނގައިގަތެވެ. ނަމަވެސް އަފްޝާ ގޮވާލި އަޑަށް އެނބުރިލިއެވެ. ” ޔައިޝް މަޑުކޮށްބަ.” އަފްޝާ ފޯނުނަގައި ނަންބަރަކަށް ޑައެލް ކޮށްލިއެވެ.
” މިޝްޔަލް ބޭރަށް ގޮއްސަ އަދިވެސް ނާދެ. ފޯނުވެސް އޮތީ ނިއްވާލާފަ. ކަމެއް ވީ ކަންނޭނގެ؟ ” އަފްޝާ ހުރީ ހާސްވެފައެވެ. ވިޝާން ކަމެއް ކޮށްފާނެތީއެވެ. ” ވަޓް؟ ކޮންތާކަށް ދިޔައީ؟ ” ޔައިޝް ކަންބޮޑުވެފަ ހުރެ އަހާލިއެވެ. ” އެކްސް ބީއެފްއާއި މީޓް ކުރާށޭ ކިޔާފަ ރެސްޓޯރެންޓައް ދިޔައީ. ” އަފްޝާ ކިޔައިދިނެވެ. ” މިހާރު އެތަން ބަންދުކޮށްފައެއްނު ހުންނާނީ. އެބަ އަންނަން އެދިމަ ބަލައިލާފަ. ” ޔައިޝް އެހެން ބުނުމަށްފަހު ބާރަށް ހިނގައިގަތެވެ.
” ހަހަހާ.. މަންޖޭ ހާދަ ބިރެއް ގަނެފަ. ” ބަރު ފިރިހެނެއްގެ އަޑު އިވުމުން އެމީހާގެ މޫނާ ދިމައަށް މިޝްޔަލް ބަލާލިއެވެ. ގިނައިރު އެތާހުރުމުން ލޯ ހޭނިފައި ވީނަމަވެސް އެމީހާ މާސްކު އަޅައިގެން ހުރުމުން އެއީ ކާކު ކަމެއް އިނގޭވަރެއް ނުވިއެވެ. އިރުކޮޅެއް ވަންދެން ބަލަން ހުރެފައި ތިރިވެ މިޝްޔަލް އަނގަމަތީ އައްސާފަ އޮތް ފޮތިގަނޑު މޮހާލިއެވެ. ” ހާދަ ސަޅިއޭ. ” މިޝްޔަލް ދަތްދޮޅީގައި ހިފާ އެމީހާ މޫނާ ކައިރި ކޮށްލިއެވެ. ” ދޫކޮށްލާ..” މިޝްޔަލް މޫނު އަނބުރާލިއެވެ. މިޝްޔަލް އިނީ ދެލޯ މަރާ ބާރުކޮށްލައިގެނެވެ. ” މަ ނޫޅެމޭ ކަމެއް ކުރާކަށް. ހަމަޖެހިބަލަ. ” މިޝްޔަލް މޫނު ފެނުމުން އެމީހާ ބުނެލިއެވެ. ” ދެން އެހެންވިއްޔާ ކަމަކާ ނުލާ ކީއްކުރަންތަ މަ މިތަނަށް ގެންނަނީ؟ ” މިޝްޔަލް ރުޅިވެރިކަމާއެކު ބުނެލިއެވެ. ” އަހަރެން ބޭނުންވެގެނެއް ނޫނޭ. އަހަރެން ބުނާ ގޮތުގެ މަތިން ކަންތައް ކުރާނަމަ ދޫކޮށްލާނަން. ” އެމީހާ ކޮޅަށް ތެދުވެ ތަންކޮޅެއް ދުރަށް ޖެހިލިއެވެ. ” ކޮންކަމެއް؟ ” އަޅާލުން ކުޑަ ގޮތަކަށް މިޝްޔަލް އެހިއެވެ.
” ނެތް އެތާކު. މުޅި އެ ހިސާބު ބަލާފަ މިއައީ. ނުނަގާތަ ފޯނެއް؟ ” ޔައިޝް އެހެން ބުނުމުން އަފްޝާ ބޮޑަށް ހާސްވިއެވެ. ” އަދިވެސް ނިއްވާލާފަ އޮތީ. ވަރަށް ގުޅައިފިން. ” އަފްޝާ ގަޑި ބަލާލިއެވެ. ވަރަށް ލަސްވެއްޖެއެވެ. ” މިޝްޔަލް އެކަނި ތަނަކަށް ދާނެހެން ހީވޭތަ؟ ” ޔައިޝް ވިސްނާލަމުން އަހާލިއެވެ. ” ނޫން. އޭނަ މިހާ ލަސްވަންދެން ބޭރަކު ނޫޅޭނެ.” އަފްޝާ ބުނެލިއެވެ. ” ކިހިނެއްތަ ހަނދަންވީ؟ ” ޔައިޝް ހުރީ ބޯގޮވާފައެވެ. ” އިލޫއަށް އެބަ ގުޅަން.” އަފްޝާ އައިލީންގެ ނަންބަރަށް ލުމަށްފަހު ކަންފަތުގައި ޖައްސާލިއެވެ. އުޅޭ ގޮތުން ހީވަނީ ފަޔަށް ހިނި އަރައިގެން އުޅޭހެނެވެ. ” ހަލޯ..” ނިދީގެ އަޑާއެކު އައިލީން ބުނެލިއެވެ. ” މިޝް ވިޝާންއާއި އެއްކޮށް ބޭރަށް ގޮއްސަކާ އަދިވެސް ނާދޭ. އިނގޭތަ ވީތަން.؟ ” އަފްޝާ އަހާލިއެވެ. ” ނޯން. ނުބުނޭ ދާވާހަކައެއް. ވެއިޓް ވިޝާންގެ ނަންބާރ އިންނާނެ. އެބަ ފޮނުވަން. ” އެހެން ބުނެ ފޯނު ކަނޑާލާފަ އިރުކޮޅެއްވި ތަނުން އަފްޝާއަށް ނޮޓިފިކޭޝަންއެއް އައެވެ. އަފްޝާ އަވަހަށް އެ ނަންބަރަށް ގުޅާލިއެވެ. ފަސްވަރަކަށް ފަހަރު ގުޅުމުން ވެސް ފޯނެއް ނުނެގިއެވެ. ” ޝީޝް. ނުނަގާ ފޯނެއް. ޔަޤީން އޭނަގެ ކަމެއް. ”
” މަ ނޫޅެމޭ ވިޝާންއާއި އެއްކޮށެއް… އަ.. ” މިޝްޔަލް ވާހަކަ ދައްކާ ނުނިމެނީސް އެމީހާ ވާހަކަ ދައްކަން ފެށިއެވެ. ” އެހެންތަ! ދެން ކޭއްވެއޯ މިރޭ ދެމީހުން މާ ފޯރި ހުރީ؟ “” ކަމެއް އިނގިގެން އުޅޭނަމައެއްނުން. ނުބެހޭ ކަންކަމާ ނުބެހިބަލަ. މިހާރު ބްރޭކް އަޕް ވެއްޖައީމޭ. ކާކު ބުނެގެން ތެޅޭ ވައްތަރެއްތަ؟ ” މިޝްޔަލް ވާހަކަ ދެއްކީ ވަރަށް ނުރުހިފަ ހުރެގެންނެވެ. ރުޅި ނައިސް ނުހުރެވޭނެ ހެއްޔެވެ؟ ” މާ މޮޅެތި ދޮގު ނަހަދާ! އިނގިގެން ދޯ މި ބުނަނީ. ” އެމީހާ ވާހަކަ ދެއްކި ގޮތުން މިޝްޔަލް ބޮޑަށް ރުޅި އަންނަ ގޮތްވިއެވެ. ” ޤަބޫލުކުރިޔަސް ނުކުރިޔަސް ހެޔޮ. މިހާރު ނޯންނާނެ ގުޅުމެއް. ” މިޝްޔަލް ބުނެލިއެވެ. ” ހެކި ކޮބާ؟ ” އެމީހާ ފައްސެހައިން ޤަބޫލު ނުކުރާނެކަން މިޝްޔަލްއަށް އިނގުނެވެ. ” އަތް މޮހާލާ. ” މިޝްޔަލް ބުނެލިއެވެ. ” ކޯއްޗެއް ހަދަން؟ ” ” ހެކި ދައްކާކަންނުން. ” މިޝްޔަލް ފާނޑަކަށް ހީނލަމުން ބުނެލިއެވެ. އެމީހާ ބަލަން ހުރެހުރެފަ ފަހުން މޮހާލިއެވެ. މިޝްޔަލް ތެދުވެ ޖީބުން ފޯނުނެގިއެވެ. ފޯނު އޮތީ ނިއްވާލަފައެވެ. އަވަސް އަވަހަށް ހުޅުވައިގެން ބަލައިލިއިރު އަފްޝާގެ ފަންސަވީސް ވަރަކަށް ކޯލް އިނެވެ. އެކަމަކު މިޝްޔަލް އެހަށް ވިޝާންގެ ޗެޓަށް ލުމަށްފަހު ވިޝާންގެ މެސެޖްތައް އެމީހާއަށް ދައްކާލިއެވެ. ނަމަވެސް އެމީހާ ކަންތައް ކުރި ގޮތުން ހައިރާންވިއެވެ. ފޯނުން އެ ލިޔުންތަކުގެ ފޮޓޯއެއް ނަގާފައި ދިނީއެވެ. މިޝްޔަލް ހުރީ ވާނުވާގައެވެ. ދެން މީހަކަށް ގުޅައިގެން ފޯނުނުނެގީ ތޯއްޗެކެވެ. އައިސް ހުރެލާފަ ދާން ބުނުމުން އިތުރަށް ހެއްވާ ކަމަކަށް ވިއެވެ. މިހާރުގެ މީހުން ތެޅޭހާ ވައްތަރެވެ. ” އޭތް! މި ވާހަކަ އެކެއް ކައިރިވެސް ނުބުނާތި.” ‘ ނޫނޭ! ޚަބަރުގަ ވެސް ގޮވާލާނަން.’ ހިތާ ހިތުން ބުނެލަމުން ހީނލަފަ ސޭކެއްހެން ބޯ ޖަހާލިއެވެ. އެކަން ވެސް އޭނާ މާ ބޮޑު ކަމަކަށް ނުހެދިއެވެ.
މިޝްޔަލް ވަޅޯ ހިނގުމެއްގައި ގެއާއި ދިމާއަށް ދިޔައެވެ. އިރު އިރުކޮޅާ އާފުރިލައެވެ. ތިރިއަށް ބަލަހައްޓައިގެން ހިނގަމުން އައިރު ބޮލަށް ބަރުކަމެއް ހުއްޓެވެ. އަލަށް މިހާ ލަސްވަންދެން ނުނިދާ ހުރުމުން ކަމަށް ވާގޮތެއް ކަމަށް ނިންމައިގެން ގެ ހުންނަ މަގަށް އަޅުވާލިއެވެ. ހީވީ ބޮމެއް ގޮވައިގެން އުޅުނު ހެންނެވެ. އަފްޝާއަށް މިޝްޔަލް ފެނުމާއެކު ދުވެ ބަޑިބަޑި ޖަހާފަ އަރާ ހަމަކޮށްފިއެވެ. ދެން ތިބި އެންމެނަށް ވެސް ވީ އެވަރެވެ. ” ކޮންތާކުން؟ ކިހިނެއްވީ؟ ކާކު؟ ކީއްކުރަން؟ ރަނގަޅުތަ؟ ” އަފްޝާ އެއްފަހަރާ ހުރިހާ ސުވާލެއް ކޮށްލިއެވެ. ހަމަ ހުރީ އެހާވެސް ހާސްވެފައެވެ. ” އޭއި ވީގޮތް ކިޔައިދީބަލަ.. ” އެއްޗެކޭ ނުބުނެ ހުންނާތީ އަފްޝާ މިޝްޔަލް ކޮނޑުގައި ހިފާ ކުޑަކޮށް ތަޅުވާލިއެވެ. ” ވީގޮތަކީ ވިޝާންއާއި މީޓް ކޮށްފަ އަންނަނިކޮށް މީހަކު އައިސް އަނގަމަތީ އަތް އެޅި ތަނުން ފެއިންޓް ވީ. ދެން ހޭއެރިއިރު ހުރީ އައްސާފަ. ބުނީ ވިޝާންއާއި ދުރުގަ ހުންނާށޭ. ކިޔައިދިނީމަ ފާނޑަކަށް ފޮނުވާލައިފި.” ބޮޑު ނޭވާއެއް ލަމުން މިޝްޔަލް ކިޔައިދިނެވެ. ” ކޮން މޮޔައެއް ކުރި ކަމެއް؟ ނަސީބެއްނު މިޝް ސަލާމަތުން ހުރިކަން. ދެން ރޭގަނޑު އެކަނި ބޭރަށް ނުދައްޗޭ.” ޔައިޝް އެހެން ބުނުމުން އަފްޝާ ކުއްލިއަކަށް ވިޝާން މަތިން ހަނދާންވިއެވެ. ” ކޮބާ ވިޝާން؟ އޭނަ ކުރި ކަމެއް ނޫން ދޯ؟” އަފްޝާ އަހާލިއެވެ. ” އަހަންނަކަށް ނޭނގެ އޭނަ ވީތަނެއް. އައި ތިންކް އެއުޅޭ ނިޝްފާ ވިޝާން ދަމައިގަންނަން ކުރި ކަމެއް ހެން. ނާހާތި ދެން އެ ކާކުހޭ! ދެން ހިނގާ ނިދަން.” އަފްޝާ ބުނާނެ އެތި މިޝްޔަލްގެ ސިނކުޑިއަށް ނަގައިގަނެވުމުން މިޝްޔަލް ބުނެލިއެވެ. ” ދެން ދަނީ. ހަނދާންކޮށް ދޮރުތައް ތަޅުލާތި. ނޫނީ ދެމިގަނެ ދާނެ. ގުޑް ނައިޓް.” ޔައިޝް އެނބުރި ހިނގައިގަތެވެ. މިޝްޔަލްމެން ވެސް މަޑު ނުކޮށް ގެއަށް ވަނެވެ.
މިޝްޔަލް ފެންވަރާލައިގެން އައިސް އެނދަށް ވެއްޓިގަތެވެ. ފެންވަރާލުމުން ބޯމަތިން ގާގަނޑެއް ނެގުނުހާ ފަސޭހަވެލިއެވެ. އިރުކޮޅެއް ނުވެ ލޮލަށް ބަރުވެގެން ނިދިއްޖެވެ. އަފްޝާއަށް ވެސްވީ އެވަރެވެ.
ހެނދުނު އެރި އިރާއެއްކޮށް ވިޝާން ފިޒާންގެ ލޯންޗް ހަމަޖައްސައިގެން އެރަށުން ދިޔައެވެ. ލޯންޗްގަ އިން އިރުވެސް އެހެން ކަހަލަ އުނދަގުލެއް ވިއެވެ. ހިތް ބުނަމުން ދިޔައީ މިޝްޔަލް ކައިރިއަށް ދިއުމަށެވެ. ދުރުދުރުން މިޝްޔަލްގެ ހިތް އަލުން ކާމިޔާބު ކުރެވޭތޯ ބަލާށެވެ. ނަމަވެސް ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް މިޝްޔަލްގެ ހިތް ބަދަލު ކުރެވޭނުކުރެވޭނެ ކަން ހިތަށް ވިސްނަދެމުން ދިޔައެވެ. ވިޝާން މިޝްޔަލް ދެކެ ވިވަރަށް އެހެން ކުއްޖެއް ދެކެ ލޯބިވުމަކީ ނުވާނެ ކަމެކެވެ. ކިތަންމެ ދުރުގައި ހުންނަން ޖެހުނަސް މިޝްޔަލްގެ ނަން އެހިތަކުން ނުފޮހެވޭނެއެވެ. މިޝްޔަލްއާއި މެދު ވިސްނަ ވިސްނާ ބޮލަށް އުނދަގޫވާން ފެށުމުން ފޯނު ނަގައި ހުޅުވާލިއެވެ. ނުދަންނަ ނަންބަރަކުން ވިއްސަކަށް މިސްކޯލް އިނެވެ. އައިއްސަ ހުރި މެސެޖްތައް ހުޅުވާ ބަލައިލިއިރު ކަމަކު ދާކަށްނެތެވެ. ‘ ވިޝާން ކޮބާ މިޝްޔަލް؟ އަދިވެސް ގެއަކަށް ނާދެ. ވިޝާނު އާއި އެއްކޮށް ތަ ހުރީ؟… އޭނ! އޭނައަށް ގޮތެއް ނަހަދާ ފޮނުވާ. ކޮންތާކު ތިހިރީ؟ މިޝްއަށް ގޮތެއް ނަހަދާތި؟ ‘ އެ މެސެޖްތައް ފޮނުވާފަ ހުރީ ބާރަ ޖަހާ ބޮޑުވެގެން ދިޔަ ވެސް ފަހުންނެވެ. އެކަމަކު ވިޝާން މިޝްޔަލްއާއި ވަކިވި އިރު ވެސް ގާތްގަނޑަކަށް 11:30 ވެދާނެއެވެ. ވިޝާން ހާސްވިއެވެ. މިޝްޔަލްގެ ހާލު ބަލަން ބޭނުންވި ވަރުން މިޝްޔަލްއަށް ގުޅާލިއެވެ. ހަތަރު ވަރަކަށް ފަހަރު ގުޅައިގެން ވެސް ފޯނެއް ނުނަގައެވެ. ދެން ވިޝާން ގުޅީ އެ ނަންބަރަށެވެ. ނަމަވެސް އެއަކުން ވެސް ފައިދާއެއް ނުކުރިއެވެ.
އައިލީން ހެނދުނު ހޭލައިގެން ރީތި ވެލައިގެން ބަދިގެއަށް ނިކުތެވެ. އެހެން ދުވަސްތަކާއި ބާލާފައި މިއަދު ހުރީ ވަރަށް ފޫހިވެފައެވެ. އެއްޗެއް ގެއްލުމުންވާ އިޚްސާސް ކުރެވެން ފެށިއެވެ. ލަސްލަހުން ސައި ކައްކާ ނިންމާލިއެވެ. މިއަދު މާ ބަނޑުހައި ވެފައި ހުރީމާއާއި އެއްކޮށް އަޔާޝްއާއި ނުލައި ކާން ފެށިއެވެ. ކައި ނިންމާލާފަ ކޮޓަރިއަށް ދަނިކޮށް އަޔާޝްއަށް ނިކުމެވުނީ އައިލީން ކުރިމައްޗަށެވެ. އައިލީންގެ މޫނުގެ ކުލަވަރު ރަނގަޅަށް ވެސް އަޔާޝްއަށް ފެނުނެވެ. އަނގައިން ވެސް ނުބުނެ ކޮޓަރިއަށް ވަނުމުން އަޔާޝް ކަންބޮޑުވިއެވެ. އަޔާޝް ވީގޮތް އޮޅުން ފިލުވަން އައިލީން ފަހަތުން ދިޔައެވެ. ދޮރުގަ ޓަކި ޖަހާލަމުން އައިލީން ހޮޅުވާފައޭ ބުނި އަޑު އިވުނެވެ. އޭރު އައިލީން އެނދުގައި އިށީނދެ ލައިގެންއިނެވެ. އަޔާޝް ވެސް ގޮސް އައިލީން ކައިރި އިށީނދެލިއެވެ. ” ކަމެއްވީތަ؟ ” އަޔާޝް މަޑުމަޑުން އަހާލިއެވެ. ” ނޫން. ކިހިނެއްވީ؟” އައިލީން އަޔާޝް މޫނަށް ބަލާލިއެވެ. ” ދެން ކިހިނެއްވެ މިއަދު މާ މޫޑު ކަޓާފަ ތިހިރީ؟.” އަޔާޝް އަނިއްކާ ވެސް އަހާލިއެވެ. ” އަޅެ ކަމެއް ނުވެޔޭ.” އައިލީން ގަދަ ހަދާލާފައި ބުނެލިއެވެ. ” އޯކޭ. އެކަމް ކަމެއް ވެއްޖިއްޔާ ދޮންބެ ކައިރީ ބުނާތި.. ދެން ހިނގާބަ މަ ކަންދެން. މިހާރު އަޔާން ވެސް ހޭލަފާނެ.” އަޔާޝް އަޔާންއޭ ބުނުމުން ކުޑަކޮށް ފޫހިވިއެވެ. ނަމަވެސް ދެކޮޅު ނުހަދާ އަޔާޝް ފަހަތުން ނިކުތް އިރު އަޔާން އިނީ ސިޓިންރޫމްގައެވެ. ” މޭން އާދޭ ސައިބޯން. ” އަޔާޝް ފަހަތުން އައިލީން ގޮސް ބަދިގެއަށް ވަނެވެ. އަޔާން ވެސް ފަހަތުން އައިސް ގޮނޑިއެއްގައި ހަމަޖެހިލިއެވެ. އައިލީން އިށީންނީ އަޔާޝް ކައިރިއެވެ. ކުރިމަތީ އަޔާން އިންއިރު އައިލީން ބެލީ އަޔާންއަށް ނުބެލޭތޯއެވެ. ނަމަވެސް ވަގުވަގުން އައިލީންގެ ކަޅި އަޔާންއަށް އަމާޒުވެއެވެ. އަޔާޝް އައިލީންއަށް ބަލާލި އިރު އައިލީން އިނީ އަޔާންއަށް ބަލަންށެވެ. އެވަރުން ވެސް އަޔާންއަށް ހިލަމެއް ނުވެއެވެ. އަޔާޝް އައިލީންއަށް އާއި ބަދަލުގެ ސަބަބު އޮޅުން ފިލުނު ކަހަލައެވެ. އައިލީން އަޔާން ދެކެ ލޯބިވެވުނީ ބާއެވެ.
” ކަލޭ މޮޔަވީތަ؟ މަ ބުނި ގޮތައްތަ ކަންތައް ތިކޮށް ނިންމާލީ؟ ” ލިއުޝާ ރުޅި އައިސް ރަތްވެގެން ފޯނުން ހަޅޭއް ފަޅޭއް ޖަހަމުން ދިޔައެވެ. ” މަ ގުޅީމެއް ނުން ކަލެއަށް ހަދަންވީ ގޮތެއް ބަލަން. ފޯނު ނުނެގީމަ އޭ މަގޭ މައްސަލައެއް ނޫން ދޯ! މަ ހަދަންވީ ގޮތެއް ހަދާފަ އެއޮތީ. ކަލޭ ވެސް މީސްމީހުންގެ ދިރިއުޅުން ހަލާކުކުރަން ނޫޅި ދިރިއުޅުމެއް ފަށާބަލަ. މަށެއް ދެން ނޫޅެން ކަލޭ ތެޅޭހާ ވައްތަރަށް ތެޅޭކަށް. މި ނިމުނީ.. ” ބުނަންވި އެއްޗެއް ބުނެފަ ލިއުޝާ ވާހަކަ ދައްކަން އަނގަ ހޮޅުވަހޮޅުވާ ހުއްޓާ ފޯނު ކަނޑާލިއެވެ. ލިއުޝާ ގާތަށް އިތުރަށް ރުޅިއައެވެ. ‘ ކަލޭ މަށަށް އުޅެންވި ގޮތް ކިޔައިދޭނި ކަމެއް ނެތް. ‘ އައި ރުޅީގަ ފޯނު ބިންމައްޗަށް ނުޖެހުނީ ވެސް ކިރިޔާއެވެ. ހިނގާފަދަނިކޮށް ފެނުނު މަންޒަރަކުން ދެފައި ބިމުގައި ހަރުލިއެވެ. ދެފައެކޭ އެއްވަރަށް ހިތް ވެސް ހުއްޓުނެވެ.
( ނުނިމޭ )
One Comment
Comments are closed.


Vrh reethi mi vaahaka ❤️❤️
Waiting for the next part❤️?