ވިޔާމް އެހެންބުނުމުން ފަރީޝާ ކައިރިއަށް ރުޅިއައެވެ. “އަހަންނަކީ ކިތަންމެ ނިކަމެއްޗަކަށް ވިޔަސް އަހަންނަށް ބޭވަފާތެރިވުން ވިޔާމަކަށް ހައްގެއް ނުވާނެ” ފަރީޝާ ބުނެލިއެވެ. “އެހެންތަ ހީކުރަނީ؟…އަހަންނާ ޖަދަލުކުރަންތަ ތިއުޅެނީ؟…އަހަރެން މިހާރުވެސް ކަލޭ މިގެއިން ނެރެލާފިއްޔާ ކަލޭ ވަންނާނެ ތަނެއް ނޯންނާނެ…ޖެހޭނީ މަގުމަތިވާން” ވިޔާމް ބުނެލިއެވެ.
“އަނެއްކޮޅުން ކަލެއާ އިންނާނެ މީހަކުވެސް ނުވާނެ….އިންނާނެ މީހަކު ލިބުނަސް މާގިނަދުވަހެއްނުވެ ކަލޭ ވަރިކޮށްލަފާނެ…އާނ ކާކުތަ ބޭނުންވާނީ ކަލޭ ކަހަލަ އެއްވެސް ބޭނުމެއް ނުހިފޭ މީހަކު…ތާހިރު ސިފައެއް ޖަހަނީކީ ނޫން ދަރިއަކު ލިބެނީކީ ނޫން….އެއްވެސް މީހަކު ބޭނުމެއްނުވާނެ ނުކުޅެދޭ މީހެއް” ވިޔާމް ބުނެލިއެވެ.
ވިޔާމްގެ އެބަސްތަކުން ހީވީ ފަރީޝާގެ ހިތަށް ތޫނު ވަޅިއެއް ހަރާލިހެންނެވެ.އޭނާއަށް ދަރިން ނުލިބޭތީ ނުކުޅެދޭ މީހަކަށްވެސް މިރޭ ވިޔާމް ހަދާލައިފިއެވެ.އެކަމާ ފަރީޝާ ވަރަށް ދެރަވިއެވެ.ވޭނީ ކަރުނަތައް އޭނާގެ ދެކޯތާފަތްމަތިން އޮހޮރިގެންދިޔައީ އެޔެއްމިޔެއް ބަލައިލުމެއް ނެތިއެވެ.
“ދަރިންނުލިބުން އެއީ އަހަރެން ކުރާނެ ކަމެއްތަ؟” ފަރީޝާ އޭނަާގެ ދިފާއުގައި އެހެންބުނެލިއިރު އޭނާއަށް ވަނީ ވަރަށް ބޮޑަށް ރޮވިފައެވެ. “އާނ އެއީ ކަލޭ ގަސްތުގަ ކުރާކަމެއް” އެއާ ވިއްދައިގެން ވިޔާމް ބުނެލިއެވެ.ފަރީޝާއަށް އޭނާގެ ދިފާއުގައި އެންމެ އެއްޗެއްވެސް ބުނެ ނުލެވެއެވެ.އެޔާ ވިއްދައިގެން ވިޔާމް ފަސް ހައެތި ބުނާތީއެވެ.އެހެންނަމަވެސް ފަރީޝާވެސް އެކަތި ދޫނުކޮށް މިރޭ ވިޔާމާ ޖަދަލުކުރަމުން ދިޔައެވެ.ފަރީޝާ ވަނީ ދުވަހަކުވެސް ނާންނަ ވަރަށް ރުޅިއާއި ދެރަވެފައެވެ.
ޒުވާބުކުރަމުންދިޔަ ފަރީޝާއާ ވިޔާމްގެ އަޑުގަދަވަމުން ދިޔައެވެ.އެއާއެކު ކޮޓަރިތަކުގައި ނިދަންތިބި އެންމެން، ފަހަރަކު މީހަކު ފަރީޝާމެންގެ ކޮޓަރިއަށް ޖަމާވަމުން ދިޔައެވެ. “ކިހިނެއްވެގެންތަ ތިއުޅެނީ؟ ކޮންޒުވާބެއްތަ ކަލޭމެން ތިކުރަނީ މިއޮށް ދަންވަރު މީހުން ނިދާފަ ތިބިކަމެއް ނޭނގޭތަ؟” ކޮޓަރިއަށް ވަތް މައިދައިތަ ފަރީޝާމެނަށް ބުނެލިއެވެ.
“ކުޑަކުއްޖަކު އޮތްކަމެއް ނޭނގޭތަ އަޑުގެކޮޅަށް ކަލޭމެން ތިހަޅޭއްލަވަނީ؟…ތަންގަނޑު މީހުން އެއްކުރަންތަ ތިއުޅެނީ؟” ވަސީމާ ދައްތަ ބުނެލިއެވެ. “ކިހިނެއް ވެގެންތަ ތިއުޅެނީ…މާ އަޑުގަދަކޮށްލައިގެން” ހަލުވި ހިނގުމުގައި އައި ބަފައިބެ ވިޔާމަށް ބުނެލިއެވެ.
“މިހިރަ ވިޔާމް ކައިރި އަހާބަލަ އޭނަ ކީއްކޮށްފަތޯ އެހުރީ؟” ދުވަހަކުވެސް ރުޅިއައިސްގެން ވިޔާމްގެ އާއިލާ ކުރިމަތީ ބަހެއް ބުނެފައިނުވާ ފަރީޝާ ބުނެލީ، ވަރަށް ހިތްހަމަ ނުޖެހިހުރެއެވެ.ފަރީޝާ އެހެންބުނުމުން އެންމެންވެސް ބަލައިލީ ވިޔާމާ ދިމާލަށެވެ.އެވަގުތު ފަރީޝާއާ ދިމާލަށް ރުޅިއައިސް ދެލޯއަޅައިގެން ބަލަން ވިޔާމް ހުރީ މާނޭވާ ލެވިލެވިއެވެ.
“ތެދެއް ދަރިފުޅާ ވިޔާމް ކިހިނެއްތަވީ؟” މައިދައިތަ އަހާލިއެެވެ.މައިދައިތަ އެހެން އެހުމުން ދޮރުމަތީގައި ތިބި ވިޔާމްގެ މައިންބަފައިންނާ ވަސީމާ ދައްތަ ހުރަސްކޮށް އެމީހުންގެ ތެރެއިން ލާފައި ވިޔާމް އެކޮޓަރިން ނިކުންނަން ހިނގައިގަތެވެެ.ކޮޓަރިން ނިކުތް ވިޔާމް ދިޔަގޮތަށްގޮސް ނަތާޝާގެ ކޮޓަރިދޮރު ހުޅުވާލިއެވެ.އަދި އެނދުގައި ހާސްވެ ދެއަތަށް ފިތަފިތާ އިން ނަތާޝާގެ އަތުގައި ހިފައިގެން ވިޔާމް އެންމެންގެ ކުރިމައްޗަށް ހުއްޓުނެވެ.
“އަހަންނާ ނަތާޝާއާ އުޅެނީ ލޯބީގެ ގޮތުން ގުޅިގެން..އަހަރެން ނަތާޝާދެކެ ލޯބިވޭ މިއީ ޖެހިގެން އުޅޭ މައްސަލައަކީ” ނަތާޝާގެ އަތުގައި ހިފައިގެން ހުރެ އެންމެނަށް ވިޔާމް ބުނެލިއެވެ.ވިޔާމްގެ އެއަމަލުން އެންމެނަށްވެސް ލިބުނީ ބޮޑު ހައިރާންކަމެކެވެ.އެންމެންވެސް ހައިރާންކަމާއެކު ވިޔާމަށާ ނަތާޝާއަށް ބަލަން ތިއްބެވެ.އެވަގުތު ނަތާޝާ ލަދުން އިސް ތިރިކޮށްލިއެވެ.
“ވިޔާމް ކީކޭ ތިކިޔަނީ؟” ވަަސީމާ ދައްތަ ހައިރާން ކަމާއެކު ބުނެލިއެވެ. “އާނ އަހަރެމެން ދެމީހުން އުޅެނީ ރައްޓެހިވެގެން..މިގުޅުމަށް އެންމެން ނުރުހުނަސް އަހަރެންގެ ފަރުވާލެއްނެތް…އެންމެން އެއްޗެހިކިޔަސް، މިގެއިން އަހަރެމެން ނިކުންނަން ޖެހުނަސް، އަހަރެން ނަތާ ދޫކޮށެއް ނުލާނަން…ނުވެސް ކުރެވޭނެ” ވިޔާމް އަޑަށް ބާރުލާފައި ބުނެލިއެވެ.
ވިޔާމް ކިޔަން އުޅެނީ ކީކޭކަން ނޭނގޭ ހާލުގައި އެންމެންވެސް ތިއްބެވެ. “ކީކޭތަ ދަރިފުޅާ ތިކިޔަނީ؟” މައިދައިތަ ބުނެލިއެވެ. “މިކިޔަނީ ނަތާޝާ މިހާރު އެއިނީ އަހަރެންގެ ދަރިއަކަށް ބަލިވެއޭ..އެހެންވީމަ އަހަންނަކަށް ނެތޭ ނަތާޝާ ދޫކުރެވޭކަށް” ވިޔާމް ބުނެލިއެވެ.
“ކީކޭ؟” ހައިރާންކަމާއެކު އެންމެނަށްވެސް އަހާލެެވުނެވެ. ވިޔާމް އެހެންބުނުމުން އެންމެ ބޮޑުވަރުވީ ފަރީޝާއަށެވެ.އޭނާއަށް ހީވީ ފައިދަށުން ބިންގަނޑު ދެމުނުހެންނެވެ.ކޮޅަށްހުރި ފަރީޝާ އަވަހަށް އެނދުގައި އިށީނެވެ. “އެ؟….ނަ…ނަ…ނަތާޝާ ބަނޑުބޮޑޭ؟” ފަރީޝާ ހައިރާންކަމާއެކު އެހެންއަހާލިއިރު، އޭނާގެ ލޮލުން އިޚްތިޔާރަކާނުލާ ކަރުނަތައް ފައިބަމުން ދިޔައެވެ.
“އާނ ނަތާޝާ ބަނޑުބޮޑު” ނަތާޝާގެ ބަނޑުގައި ފިރުމާލަމުން ވިޔާމް ބުނެލިއެވެ.އެނދުގައި އިން ފަރީޝާއަށް ދެން ފެނުނީ އޭނާ އުންމީދުނުކުރި މަންޒަރެކެވެ.ފަރީޝާ ހީކުރީ ނަތާޝާއާ ކައިވެނިން ބޭރުން ގުޅުންހިންގާ ދަރިއަކު ހޯދުމުން އެންމެންވެސް ވިޔާމާ ދިމާލަށް އެއްޗެހިކިޔާނެ ކަމަށެވެ.ނަމަވެސް އޭގެ ބަދަލުގައި، ހައިރާންވެފައި ތިބި އެންމެންގެ މޫނުމަތިން ފެނުނީ އުފާވެރިކަމެވެ.
“އަސްލުތަ އަހަރެމެންގެ އުންމީދު އެންމެފަހުން ހާސީލްވީތަ؟…ވިޔާމްގެ ފުށުން އަހަރެމެންނަށް މާމަ ދަރިއެއް ލިބެނީތަ؟” މައިދައިތަ އުފަލުންހުރެ އަހާލިިއެވެ. “އެމަންޖެ ކޮޅަށް ނުބަހައްޓާ ތަނެއްގަ ބައިންދާ” ބަފައިބެ ބުނެލިއެވެ.އެއާއެކު ވަސީމާ މަޑުމަޑުން ނަތާޝާގެ އަތުގައި ހިފާ އެނދުގައި ބޭންދިއެވެ. “ތަނަކަށް ތަދުވޭތަ؟ބަނޑުބޮޑުވީމަ ޖެހޭނީ ވަރަށް ބަލައިގެން އުޅެން ރަނގަޅުކާނާ ކާން” ނަތާޝާ ކައިރި އިނދެ އޭނާގެ ބުރަކަށީގައި ލޯބިން ފިރުމަމުން މައިދައިތަ ބުނެލިއެވެ.
އެނދުގެ އެއްކަނުގައި ފަރީޝާ އިންއިރު، އަނެއްކަނުގައި ވިޔާމާ އޭނާގެ އާއިލާމީހުން ނަތާޝާ ކައިރިއަށް ލައިގެން ތިއްބެވެ.އެމީހުންގެ އެއަމަލުން ރޯން އިން ފަރީޝާގެ ދެލޮލުން ކަރުނަ ހިކި، ހައިރާންކަމާއެކު އެމީހުންނާ ދިމާލަށް ބަލަން އިނދެވުނެވެ.
“ހިނގާ ދޯ ކިރުތައްޓެއް ބޯލަންދާން” މައިދައިތަ ވަރަށް ލޯބިން ނަތާޝާގެ ބުރަކަށީގައި ފިރުމަމުން ބުނެލިއެވެ.އަދި އެންމެންވެސް ނަތާޝާ ގޮވައިގެން ކާގެއާ ދިމާލަށް ދިޔައެވެ.އެންމެން ނިކުތުމުން އެމީހުންގެ ފަހަތުން ވިޔާމްވެސް ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.އެވަގުތު އެނދުގައި އިން ފަރީޝާ ތެދުވެ ވިޔާމްގެ އަތުގައި ހިފާ ހުއްޓުވިއެވެ.
“ވިޔާމް ކީއްވެ ފަރީއަށް ތިހެންހެދީ؟” ފަރީޝާ ރޮމުން އަހާލިއެވެ.އެވަގުތު ވިޔާމް އޭނާގެ އަތް ފޮޅުވާލުމަށްފަހު ނިކުންނަން ހިނގައިގަތެވެ. “ކޮންއިރަކު ވިޔާމް އެކަންކުރީ؟” ފަރީޝާ އަހާލިއެވެ.އެވަގުތު ވިޔާމް ހުއްޓުނެވެ.އަދި ފަރީޝާއާ ދިމާލަށް އެނބުރުނެވެ. “ހަނދާންވޭތަ އަހަރެން އޮފީސް ދަތުރަކުއޭ ބުނެ މީގެ ދެހަފްތާއެއްހާ ކުރިން ރަށުން ފުރި ހަނދާން؟…އެދުވަހު ނަތާވެސް އޭނަގެ ބައްޕަ ބަލިވެގެންނޭ ކިޔާ ފުރިއެއްނު…އެދުވަހު އަހަރެމެން އެކުގަ މަޖާކޮށްލަން އަސްލު މިތާ ކައިރި ރަށަކަށް ދިޔައީ” އެހެންބުނެ އެދުވަހުގެ ހާދިސާ ވިޔާމް ފަރީޝާއަށް ކިޔައިދިނެވެ.
ވިޔާމްގެ ވާހަކަތަކުން ހައިރާންވެފައި ފަރީޝާއަށް ހުރެވުނެވެ. “ނަތާޝާާ ރަށަށް އައިދުވަހު އޭނަގެ ކަރުގަ އިން ރެޑްމާކް އެއީ..” ފަރީޝާ ބުނަން އުޅުނެވެ. “އާނ އެއީ އަހަރެންގެ ކަމެއް..މިގޭތެރޭގަ އުޅެންބޭނުންވަންޏާ މައިތިރިވެގެން އިނދޭ” އެހެންބުނެ ފަރީޝާ އެދަށް ކޮއްޕާލުމަށްފަހު ވިޔާމް ކޮޓަރިން ނިކުތެވެ.ެ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





