އަބަދަށް އެކުގައި 2
*ހީވާގޮތުން އެއީ އެދެމީހުންގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހެވެ. ހީވާ ގޮތަކުން ނޫނެވެ. ހަގީގަތުގައި ވެސް އެއީ އާނިޝްއާ އެކު ހޭދަކުރެވުނު އެންމެ އުފާވެރި ދުވަހެވެ. ނަމަވެސް އެއުފާވެރިކަން ދެމިގެން ދިޔައީ އެދުވަހު އިރުއޮއްސުމާ ހަަމަޔަށެވެ. މޭގައި ފޮޓޯ ފްރޭމް ޖައްސާލައިގެން އިން ހަނާއަށް ހޭވެރިކަމެއްވީ ފޯނުރިންގުވީ އަޑަށެވެ.*
ގުޅަނީ ހަނާގެ އެންމެ ގާތްއެކުވެރިޔާ ކަމުގައިވާ ޔައިޝާއެވެ. ދެލޯފޮހެލަމުން ފޯނުނަގާ ހަލޯއޭ ބުނެލިއެވެ.
“ހަނާ ކިހިނެތްވީ؟ އަނެއްކާ ރޮނީތަ؟” ޔައިޝާ ހާސްވެފައި އަހާލިއެވެ.
“ނޫނޭ. ތީ ޔައިއަށް ހީވާގޮތް. އަހަރެން ހަމަ އޯކޭޔޭ” ހަނާ ވެސް އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވާލަމުން ވާހަކަދެއްކިއެވެ.
“އެހެންތަ؟ އަސްލު މިގުޅީ ވާހަކައެއް ބުނަންށޭ. މިއަދު ހަވީރު ދާން ޖެހޭ ސުކޫލަށް. އިންޓަރވިއު އަށް.” ޔައިޝާ އުފަލުން ހުރެ ވާހަކަދެއްކިއެވެ.
“ހުމމމ. އެެންމެ ފަހުން އެކަންވެސް ވެއްޖެދޯ. ޕްރިންސިޕަލް ކައިރިއަށް ނޫނީ ވަޒީފާއަށް ނުދާންދޯ ތިހުރީ. ހެހެހެ.” ވަގުތުގެ ބޭނުން ހިފާ ހަނާ ދިމާކުރަން ފެށިއެވެ.
“ދެން ހަނާގަނޑާ. މަށާ ދިމާކުރާނެ ކަމެއްނެތް އިނގޭ.. ހަނާޔަށް އިނގޭދޯ އަހަރެން އަބަދުވެސް ވާން ބޭނުމީ ޓީޗަރަކަށް ކަން” ޔައިޝާ ކުޑަ ކުއްޖެއް ފަދައިން ވާހަކަ ދެއްކިއެވެ.
“ހޫން.. ދެން ހެވޭ. އެކަމު ދެން ހަވީރު އަތިރި މައްޗަކަށްވެސް ނުދެވޭނެދޯ” ހަނާ ކަންބޮޑުވީ އަތިރި މައްޗަށް ނުދެވޭތީއެވެ.
“ސާބަސް މިއަދު ފުރަތަމަ ދުވަސް ވީމައޭ ހަވީރު ދާން ޖެހެނީ. ދެން ކޮންމެ ދުވަހަކުވެސް ޖެހޭނީ ހެނދުނުދާން. އޭތް ދެން ބާއްވަނީ އިނގޭ. އަދި ޖެހޭނެ މިއަދު ހަވީރުދާން ވާއިރަށް ހެދުމެއްވެސް އިސްތިރި ކުުރަން” ޔައިޝާ ބުނެލިއެވެ.
“އޭތް. ޕްރިންސިޕަލްއަށް ރީތީ ފެހިކުލަ އިނގޭ” ހަނާ ބެލީ ޔައިޝާއަށް ޖެއްސުމެއްކޮއްލެވޭތޯއެވެ.
“ހަނާ. ހަނާ” “ކީކޭ މަންމާ. އަހަރެން މިހިރީއޭ. މަންމަ ވެސް ހީވާނީ ގޮވާފަންޏެންހެން. އަބަދު ނުުގޮވަބަލަ” ކޮޓަރިން ނުކުމެ ބަދިގެއާ ދިމާއަށް ހިނގައި ގަންްނަމުން ހަނާ ބުނެލިއެވެ.
“ގޮވާނެއްނު. އަބަދު ކޮޓަރީގަ ވިއްޔަ އޮންނަންވަނީ. މިގޮވަނީ އެއުޅޭ ލަތީފާ ގޯތި ދޮށީ މަންޖެ ލިމްނާ.. އުހު… ލިމްހާ ތޯއްޗެ.. ހުމމ އޭނާ އައި ވާހަކަ ބުނަން.” ގަނެގެން ގެނައި ސާމާނު މޭޒު މަތީގައި ބަހައްޓަމުން ހުސްނާ ޖަވާބު ދިނެވެ.
“ކީކޭ. ލިމްހާއޭ. އަޅެ އެ ލާރާވެސް ނުވެސް ބުނޭ އަންނަން އުޅޭ ވާހަކައެއް.” ހަނާ ދުވަމުން ފުމެމުން ކަހަލަ ގޮތަކަށް ގެއިން ނުކުމެ ދުއްވައިގަންއިރު ދެންމެ ވީ ކަމެއް ހަނދާން ވެސް ނެތެވެ. ޒިވްޔަން ވެސް ހުރީ ހަނާ އުޅުނު ގޮތުން ހިނިއައިސް ފައެވެ.
……………………..
އެނދުގެ ހެޑްބޯޑުގައި ބޯ ޖައްސާލައިގެން އޮތް އާނިޝްއަށް ވިސްނެމުން ދިޔައީ ހަނާ މިއަދު ދެއްކި ވާހަަކަތަކާ މެދުގައެވެެ. “އަހަރެން އާނިޝް މަތިން މިހާރު ހަނދާން ނައްތާލައިފިން. އެހެންނޫނަސް އެއްވެސް މައެއް އެމީހެއްގެ ދަރިއެށް ތިކަހަލަ މީހުންނާ އެކު އުޅޭކަށް ގަބޫލެއްނުވާނެ. އަހަރެންވެސް ބޭނުމެއްނޫން ތިކަހަލަ ގޮތެއްނެތް މީހަކާ އެއްކޮށް އުޅޭކަށް. އާނިޝް އަށް އިނގޭނެ އަހަރެން މަންމަ ނުގަބޫލު އެއްވެސް ކަމެއް ނުކުރާނެކަން”
އާނިޝްގެ ސިކުނޑީ ގައި އެނބުރެމުން ދިޔައެވެ. އަސްލުވެސް ހަނާ އާނިޝް މަތިން ހަނދާން ނައްތާލީ ހެއްޔެވެ؟ ނޫނީ ހަނާ އާނިޝްއާ ދުރުވާން މަސައްކަތް ކުރަނީ އޭނާ މަންމަ ގަބޫލުނޫން ވީމަހެއްޔެވެ؟ އާނިޝްގެ ބޯ ހީވަނީ ފަޅައިގެން ގޮސްދާނެހެންނެވެ. އެނދުން ތެދުވެ ގަޔަށް ދޫ ޓީޝާޓެއްލައިގެން އޭނާ ހިނގައިގަތީ ރައްޓެހިންގެ ގާތަށެވެ.
“ލިމްހާ” ދުވަމުން ގެއަށް ވަން ހަނާއަށް ލިމްހާ ފެނުމުން އަޑުގެ ނެތް ތަނަށް ލިމްހާއޭ ކިޔަމުން އައިސް ބައްދައިގަތެވެ. އެހާ ދުވަސް ކޮއްފައި ގާތްއެކުވެރިއެއް ފެނުމުން ކޮންމެ މީހަކަށް ވިޔަސް ވާނީ މިކަހަލަ ގޮތެކެވެ.
“ހުމމ. މި ހަނާ ދައްތައަށް ވެސް ދޮންތި އަައީމަ މިގެއަށް އާދެވިއްޖެދޯ. ހުމް އެހެންޏާ އަހަރަމެން މަތިން ހަނދާނެއް ވެސް ނުހުންނާނެ” ލިމްހާގެ ކޮއްކޮ ލާމިއު ތުން އަނބުރާލަމުން ބުނެލިއެވެ.
ލާމިއު އަކީ އުމުރުން ބާރަ އަހަރުގެ ކުއްޖެކެވެ. ނަމަވެސް މީހުން އެއީ ބާރަ އަހަރުގެ ކުއްޖެކޭ ނުބުނާނީ ދައްކާ ވާހަކަ ތަކުންނެވެ. އުޅޭ މަޖާގޮތުންނެވެ.
“ހެހެ. ނޫނޭ. މިގެއަށް ނަޔަސް އަހަރަމެން ދިމާވެއެއްނު. ދެން އެވީނު. މިހާރު މާ ބިޒީވެ ނާދެވެނީއޭ. ކުރިން ދުވަހަކުވެސް އައިން މިގެއަށް. ލާމިއު ގޭގަ ނޫޅެންޏާ ނުފެންނާނެއްނު ދޯ ލާރާ” ހަނާ ދޯ ޖަހާލީ ކައިރީގައި ހުރި ލާރާއަށެވެ.
ލާރާ އަކީ ވެސް ލިމްހާގެ ކޮއްކޮ އެކެވެ. ނަމަވެސް ލާމިއުއާ ހިލާފައް އެހާ ބަސް ގިނަ ކުއްޖެއްނޫނެވެ. ހިތްހެޔޮ މިޒާޖެއްގެ މަޑު މައިތިރި ކުއްޖެކެވެ. މައިންބަފައިންގެ ބަސްއަހާ ކިޔަމަންތެރި ކުއްޖެކެވެ.
………………
ހަވީރުއަތަށް އެޅި އިރު ޔައިޝާ ލޯގަނޑު ކުރިމަތީ ފަރި ބަލަމުންގެންދިޔައެވެ. ޔައިޝާގެ ކަޅުފޮއި ރޭނގަނޑެއްފަދަ ކަޅުކުލައިގެ ފަންފަން އިސްތަށިގަނޑުގައި ރީތި ގޮތަކަށް ފުނާ އަޅާފައި ވާއިރު އަޅާފައިވާ ނަމްބަރު އައިނު އެ ވަށް މޫނާ ނުހަނުގުޅެއެވެ. ގަދަރަތް ކުލައިގެ ލިޕްސްޓިކަކުން އެެ ކުޑަކުޑަ ތުންފަތް ފަވާާލެވިފައި ވާއިރު ހީވަނީ ރަތްފިނިފެން މަލެއްހެންނެވެ. ކަޅު ކުލައިގެ ސްކިނީއަކާ މެރޫންކުލައިގެ އަތްދިގު ޓޮޕް ކޮޅެއްގައި ޔައިޝާ ފެންނަނީ ހޫރެއްފަދައިންނެވެ. ކަޅު ކުލައިގެ ސްނިކާރސްއަކަށް އަރާފައި ވާއިރު ހަމަ އެ ކުލައިގެ ކުޑަކުޑަ ހޭންޑްބޭގެއް ޔައިޝާގެ އަތުގައި އޮތެވެ. އަތުގައި އަޅާފައި އޮތް ގަޑި ބަލާލަމުން ފަރި ހިނގުމެއްގައި ގެއިންނުކުމަތް އިރު މަގު މަތީ ހިނގާފައިދިޔަ ގިނަ ފިރިހެން ކުދިންގެ ލޯތަށް އަމާޒުވެފައި ވަނީ ޔައިޝާއަށެވެ.
………………..
“ޒިވްޔަން ކޮންތާކަށް؟” ޓީވީ ބަލަން އިން ހަނާ ޒިވްޔަން ބޭރަށް ދާތީ އަހާލިއެވެ.
“މިދަނީ ޝާފިއު ސަރ ބުނެގެން. އަދި ސުކޫލައްށޯ ދާންވީ. އެއީ މިރަށު ޕްރިންސިޕަލް ދޯ” ޒިވްޔަން އަހާލިއެވެ. ޖަވާބުގައި ހަނާ “ހުމމ” އަޅުވާލީ ޓީވީއަށް ގެއްލިއިނދެއެވެ. އޭރު ޓީވީއިން އަންނަމުން ދިޔައީ ހިންދީ ޑްރާމާއެކެވެ. ޒިވްޔަން ހަނާއަށް ޖެއްސުމެއް ކޮއްލާ ހިއްވިއެވެ. އެހެން ކަމުންސޯފާގައި އޮތް ކުޝަން ނަގާ ހަނާގެ މޫނު މައްޗައް ޖެހިއެވެ. ހަނާއިނީ މިކަހަލަ ކަމަަށް ނުވިސްނާ ކަމުން އޭނަ ދިޔައީ ސިއްސައިގެންނެވެ. ބާރަށް އަޑުގަދަ ކޮއްލަފައި ސޯފާ ކައިިރީ ހުރި ކުޑަކުޑަ މޭޒު މަތީގައި ހުރި ވާރސްގަ އިން މާ ބޮނޑި ނަގާ ޒިވްޔަންއާ ދިމާއަށް ހޫރާލިއެވެ. އެއީ ވަރަށް ފަސޭހައިން ހެދުމުގައި ތަތްލާ މާތަކެކެވެ. އެގަޑީގައި ދުވެފައި ޒިވްޔަން ނިކުންނަން ދިޔަ ނަމަވެސް އޭގެން ކުޑަކުޑަ ފަތެއް ޒިވްޔަންގެ ގަމީހުގައި ތަތް ވިއެވެ. ނަމަވެސް ޒިވްޔަން އަކަށް ނޭގެއެވެ.
ގަދަފެހި ކުލައިގެ އަތްދިގު ގަމީހާއެކު ކަޅުފަޓުލޫނުގައި ސުކޫލުގެ ގޯތިތެރެޔަށް ވަދެގެންއައި ޒިވްޔަން ފެންނަނީ ހިތްގައިމު ގޮތަކަށެވެ. ގަމީހުގެ ކަރު ގޮށް އަޅުވާފައި ހުރުމުން ބަލާބެލުމަށް ހީވަނީ ތަނެއްގެ ‘ބޮސް’ އެއް ހެންނެވެ. އަރާފައިވާ ކަޅު ކުލައިގެ ކެޝުއަލް ބޫޓުން އޭނާގެ ހެދުމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ސުކޫލުގައި އެވަގުތު މަސައްކަތް ކުރަން އުޅުނު ޓީޗަރުން ކަޅިޖަހާނުލާ ބަލަންތިބުމުން ފިރިހެނަކަށްވެ ހުރެ ފުރަތަމަ ފަހަރަށް ޒިވްޔަން ލަދުގަންނަން ޖެހުނެވެ. މީހުންގެ ބެލުން ތަކުން ސަލާމަތްވާން ޒިވްޔަން ދިޔައީ ދުވަމުން ކަހަލަ ގޮތަކަށެވެ.
ޕްރިންސިޕަލް ކިޔައިދިން ގޮތަށް ސުކޫލުގެ ތެރޭގައި ހިނގަމުންގޮސް ޒިވްޔަން މަޑު ޖެހުނީ ސިޑިއެއް ފެނުމުންނެވެ. އަނެއްކާ ސިޑިން އެރޭޭނެހެއްޔެވެ؟ މިހާރު ވެސް އެހުރީ ދާހިއްލާ ފޯވެފަ ވިއްޔާއެވެ. ކައިރި ހިސާބެއް ބަލާލީ ލިފްޓެއް އިންތޯ އެވެ. އެންމެފަހުން ސިޑި ކައިރިޔަށް ހުއްޓިލުމަށް ފަހު ގަމީސް ރީތިކޮއްލިތަނާ ގަމީހުގައި އިން ފަތް ފެނުނެވެ. ފެހިކުލައިގެ ގަމީހެއް ލައިގެން އަދެވުނުކަން ނަސީބެކޭ އެވަގުތު ޒިވްޔަންގެ ހިތަށް އެރިއެވެ. ފަތް ނައްޓާލުމަށްފަހު ގަޑިއަށް ބަލާލިއިރު ހީިވަނީ އަންހެން ކުއްޖަކާ ބައްދަލު ކުރަން ގަޑިއެއް ކިޔައިން އައި މީހެއްހެންނެެވެ.
ސުކޫލަށް އައި ފުރަތަމަ ދުވަހުވެސް ޕްރިންސިޕަލްގެ ލެކްޗަރ އަޑު އަހަންޖެހުމުން ޔައިޝާ ހުރީ އިންތިހާއަށް ފޫހިވެފައެވެ. ތުންދަމާލައިގެން ހުރެ ބާރުބާރަށް ދުވެފައި ސިޑިންފޭބި ޔައިޝާ ކުއްލިއަކަށް އަރިއަޅާލިއެވެ. ވެއްޓެން ދިޔަ ޔައިޝާގެ އަނގައިން ނުުކުތީ ތޫލި ހަޅޭކެއްގެ އަޑެކެވެ.
ކުއްލި އަކަށް ބާރު ލަތްކެއް ޖަހާ މީހަކު ޔައިޝާ ވެއްޓުނަނުދީ ހިފަހައްޓައިދިނެވެ. އޭރު ޔައިޝާގެ ދެލޯމެރިފައިވީ ނަމަވެސް ލޯ ކައިރީގައި ކަރުނައިގެ އަސަރުފެންނަން ހުރުމުން ޔައިޝާ ބިރުގަންފައިވާ ވަރު ހާމަވެއެވެ. ޒިވްޔަން އެ މޫނަށް ބަލަހައްޓައިގެން ހުރި އިރު އެ މޫނު މަތިން ފެންނަމުން ދަނީ މައުސޫމް ކަމެވެ. ކަޅުކަޅު އެސްފިޔަ ތަކުގައި ކަރުނަތިކިތަށް ވިދަވިދާ ހުރި އިރު ޒިވްޔަންއަށް އެ ރީތި ކަމާމެދު ހިތާހިތުން ތައުރީފު ކޮއްލެވުނެވެ.
ލޯ ހުޅުވާލި ޔައިޝާ ސިއްސައިގެން ދިޔައީ ނޭވާ ޖެހޭ ނުޖެހޭ ހިސާބުގައި ހުރި ޒުވާނާ ފެނިފައެވެ. ގަތް ލަދުން ދުރަށް ޖެހިލާ ސޮރީއޭ ބުނެލިއެވެ. އަދި ޒިވްޔަންގެ ކޯ ދައްކާލުމަށް ފަހު ދުއްވައިގަންއިރު އެމޫނު ވަނީ ރަތް ޖަނބުރޯލެއްހެން ރަތް ވެފައެވެ. އޭނާގެ ކޮލުގައި އަތްކާއްތާ ލުމަށް ފަހު ކޮލުގައި ހޭކިފައި ހުރި ލިޕްސްޓިކް ކޮޅު ފޮހެލިއެވެ. އެވަގުތު ޒިވްޔަން އަށް ފެނުނީި ޔައިޝާގެ ބޮލުގައި އިން ޒިވްޔަންގެ އަަތުގައި އޮތް ފަތެވެ. ޒިވްޔަަންގެ ތުންފަތް މަތީގައި އެވަގުތު ދުވެލީ ފަނޑު ހިނިތުން ވުމެކެވެ. ދުވެފައި ދިޔަ ޔައިޝާ ސުކޫލު ހޯލުތެރޭން ނުކުންނަން ދެން، ޒިވްޔަންއަށް ހުރެވުނީ ހުވަފެނީ ގޮތަކަށް ބަލަހައްޓައިގެންނެވެ.
ލަސް ފިޔަވަޅު ތަކެއްގައި ގެއާ ދިމާއަށް ހިނގަމުން ދިޔަ ޔައިޝާގެ ހިތް އެދެމުން ދިޔައީ އަަދިވެސް އެ އަތުގެ ތެރޭގައި އޮވެލުމަށެވެ. އެ ޚިޔާލުގައި ހުރެ ގެއަށް ވުރެ ދުރަށް ދެވުނު އިރުވެސް ޔައިޝާ އަކަށް ނޭގުނެވެ.
“ޔައީ ކޮންތަކަށް؟” ޔައިޝާ ސިއްސައިގެން ދިޔައީ ބައިސްކަލެއްގައި އެމަގުން ދިޔަ އައިހަމް ވާހަކަ ދެއްކުމުންނެވެ.އައިހަމް އަކީ ޔައިޝާ ސުކޫލު ދައުރުގެ ރަހުމަތްތެރި އެކެވެ. މިހާރު ކައިރި ރިސޯޓެއްގައި މަސައްކަތް ކުރާތީ ދިމާވަނީ ހާލަކުން ފަހަރަކުއެވެ.
“އާނ.ގެއަށް މިދަނީ” ޔައިޝާ އެހެން ބުނެފައި ބަލައިލިއިރު ހުރެވުނި ގެއަށް ވުރެ ދުރު ގައެވެ. ދުވެފައި ގެއާ ދިމާ އަށް ދުއްވައި ގަތީ ޔައިޝާ ކުޑައިރުން ސުރެ ބޭނުންވި ވަޒީފާ ލިބުނު ވާހަކަ އޭނަގެ މަންމައާ ބައްޕަ ގާތު ބުނާށެވެ. ގޭތެރެއަށް ވަދެ ދޮރު ހުޅުވާލި ޔައިޝާއަށް މަންމާއޭ ކިޔާ ގޮވާލެވުނީ ކުރިމަން ފެނުނު މަންޒަރު ފެނިފައެވެ. އެވަގުތު އޭނަގެ ބައްޕަ ވެސް ގެއަށް ވަދެގެން އާދެއެވެ. ބައްޕަވެސް ހުރީ ފެނުނު މަންޒަރު ގަބޫލު ކުރަން ދަތި ވެފައެވެ. ސިޓިންރޫމުގެ މުށިތަށް މަތީ ލެޔާ ތަތްތެޅިފައި އެއޮތީ ޔައިޝާގެ ލޯބިވާ މަންމައެވެ.
“މަންމައަށް ކިހިނެތްވީ؟” ޔައިޝާގެ ބައްޕަ އަކުރަމް ހާސްވެފައިހުރެ އަހާލިއެވެ.
“ނޭ…ނޭނގެ.އަހަރެެން އައި އިރު މަންމަ…” ޔައިޝާ އަށް ފެށުނީ ރޯށެވެ. ބަލަން ނުހުރެ އަކުރަމް ގޮސް ޔުމާނާ ނެެނގޭތޯ އުޅުނެވެ. ޔުމާނާގެ ހާލު ވަރަށް ދެރައެވެ. އޭރު ޔައިޝާވެސް އެމްބިއުލާންސަށް ގުޅޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ. މާލަސްތަކެއްނުވެ އެމްބިއުލާންސް އައުމުން ޔުމާނާ ހޮސްޕިޓަލަށް ގެންދެވުނެވެ.
އެމެޖެންސީ ރޫމްގައި ފަރުވާ ދެމުން ދިޔައިރު ޔައިޝާޔާ އަކުރަމް ގޮނޑިބަރީގައި އިށީންދެލައިގެން ތިބީ ޑޮކްޓަރު ނުކުންނާނެ އިރެއްގެ އިނތިޒާރު ގައެވެ. ކުއްލިއަކަށް ޔައިޝާއަށާއި އޭނަގެ ބައްޕައަށް އެއްފަހަރާ ތެދުވެވުނީ ޑޮކްޓަރު އެދިމާޔަށް އަންނަތަން ފެނުމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Love it ❤ ?.. Maasha Allah…. miss you
thaqiuuu orchid girll