ފަތިހުގެ ހަމަހިމޭންކަން ފޫދުއްވާލަމުން އިރުގެ ރަންދޯދިތަށް ދުނިޔެއަށް މަރުހަބާ ކިޔަމުން ދިޔަަވަގުތެވެ. ޖެހެމުން ދިޔަ ފިނިފިނި ވައިރޯޅިތަކުން ކޮންމެ މީހެއްގެ ހިތަށް ވެސް ހަމަޖެހުން ގެނެސްދޭނެއެވެ. ކުރިމަތިން ފެންނަން އޮތް ގަދަ ނޫ މާކަނޑު އޮތީ އިރުގެ ދޯދިތަށް އެޅެމުން ދާތީ މުތީ ފަދައިން ވިދަވިދައެވެ. ހުދު ހުދު ދޮންވެލިގަނޑު މައްޗަށް ރާޅު ބީއްސާލާ ހިނދު އެއިވޭ ހިތްގައިމު އަޑު މީހަކު އަހާއަހާ ފޫހިނުވާނެއެވެ. ދުރުދުރުން އިވެމުން ދިޔަ ކޮވެލިކާޅުގެ މިއުޒިކީ އަޑު ދިޔައީ މާހައުލުގެ ހަމަހިމޭންކަން ނަގާލަމުންނެވެ.
އެ ހިތްގައިމު ވަގުތުގެ އިސްތިގުބާލުގައި ތިބި މަދު މީހުންގެ ތެރެއިން، ގިނަމީހުންގެ ލޯތަށް އަމާޒު ވެފައި ވަނީ އެކަނިމައި އެކަނި ގޮނޑުދޮށުގައި އިށީންދެލައިގެން އިން ޔައިޝާ އަށެވެ. ނަމަވެސް ޔައިޝާގެ ސަމާލުކަމެއް މި އެއްވެސް ކަމަކަށް ވެސް ނެތެވެ.
ބަލާބެލުމަށް ވިއްސަކަށް އަހަރުގެ ޔައިޝާގެ ނަޒަރު ހުއްޓިފައި ވަނީ އޮމާންކޮށް އޮތް ލޮނުގަނޑު ކަފަމުން ބާރު ދުވެލީގައި ދުއްވާފައި އަންނަ ހުދު ކުލައިގެ ލާންޗާދިމާއަށެވެ. ލާންޗުގެ މިސްރާބު ހުރީ ޔައިޝާއާ މާ ދުރު ނޫން ހިސާބެއްގައި ހުރި ޖެޓީއާ ދިމާއަށެވެ.
ރަށުގައި ބޮޑު ބަނދަރެއް އޮތްވާ ޖެޓީއަށް ބަޔަކު ލަފާނީ ވަރަށް މަދުންނެވެ. އެހެންކަމުން ޔައިޝާހުރީ ލާންޗުން ފައިބަނީ ކޮންބައެއްތޯ ބަލާލާ ހިތުންނެވެ. ލާންޗާ ދިމާއަށް ނަޒަރު ހުއްޓާލައިގެން ޔައިޝާ އިންދާ ލާންޗުން ފޭބީ ސުކޫލުގެ ޕްރިންސިޕަލެވެ. ޕްރިންސިޕަލް އަކީ ޔައިޝާ މާ ރުޅިއެއްއަންނަ މީހެކެވެ. ވީފޫހިން މޫނުއަނބުރާލަން އުޅުނު ޔައިޝާ އަށް ދެވަނަ ފަހަރަށް އެދިމާ ބަލައިލަން މަޖުބޫރު ކުރުވީ ޕްރިންސިޕަލް ފަހަތުން ފޭބި ޒުވާނާއެވެ.
ބަލާބެލުމަށް އޭނާއަށް ވެސް އަދި ވާނީ ވިއްސަކަށް އަހަރެވެ. ހޭންޑްސަމް ކަމުން ހޮލީވުޑްގެ ސްޓާރަކަށް ދޫނުކުރާނެކަން ގައިމެވެ. އަޅައިގަންނަ ސިފަތަށް އެހާ ވެސް ގިނައެވެ. ކަޅުކަޅުު ރާޅު ބާނީ އިސްތަށިގަނޑެކެވެ. ލާފައިވާ ނޫ ކުލައިގެ އަތްދިގު ގަމީހާއެކު ކަޅު ފަޓުލޫނުގައި ހުރި އިރު ރަސްމީ ގޮތްގަނޑު ދައްކައެވެ. އަޅާލައިފާވާ ކަޅު ކުލައިގެ ޓައީއާ އަރާލާފައިވާ ކަޅު ކުލައިގެ ބޫޓު އޭނާއާ ނުހަނު ގުޅެއެވެ.
ފިރިހެންވަންތަ ހިނގުމެއްގައި ޖެޓީއިން ފައިބައިގެން ދިޔައިރު ޔައިޝާ ހުރީ އާޝޯހުވެފައެވެ. އެހެންޏާ ފިރިހެން ކުއްޖަކާ ދިމާއަށް ލޮލުގެ ހިމަ ކޮޅުން ބަލާ ނުލާ ޔައިޝާ މިއަދު އެހުރީ އެސްފިޔަ ޖަހާލަންވެސް ހަނދާންނެތިފައެވެ.
މިކަމާ ހުދު ޔައިޝާވެސް ހުރީ ހައިރާން ވެފައެވެ. މިއީ ދުވަހަކު ވެސް ޔައިޝާއަށް ވީ ގޮތެއްނޫނެވެ. ޔައިޝާ އަށް ހޭވެރިކަމެއްވީ އެޒުވާނާ ގޮސް ލޮލުކޮޅަށް އޮބާލުމުންނެވެ.
ޖީބުން ފޯނު ނަގާ ހުޅުވާލީ ގަޑި ބަލާލުމުގެ ނިޔަތުގައެވެ. އެވަގުތު ޔައިޝާއަށް ދެލޯ ބޮޑު ކޮއްލެވުނެވެ. ވާނީވެސް އެހެންތާއެވެ. އެހެންޏާ އިރުއަރާ ތަނުން ގެއަށްދާ ޔައިޝާ މިއަދު ހަތްގަޑިބައި ވިއިރު ވެސް ގެއަށް ނުދެވުނު ވިއްޔާއެވެ. އަވަސް އަވަހަށް ގެއާ ދިމާއަށް ހިނގައިގަތީ، މިއަދު ލަސްވުމުން މަންމަގެ ސުވާލާ ކުރިމަތި ވާނެކަން އިނގިހުރެއެވެ.
…………………..
“ހަނާ… ދަރިފުޅާ ހަނާ. ދެން ހޭލަބަލަ.. މިހާރު ކިހާ އިރެއް ގޮވާތާ.. މިހާރު އަށާރަ އަހަރުވީ… އަދިވެސް މަންމައަށް މިޖެހެނީ ހޭލައްވަން.. ދަރިފުޅު މިހާރު ތަންކޮޅެއް ހަރުދަނާ ވާން ޖެހެއެއްނު… ގައިމު ކުޑަ ކުއްޖެއް ނޫނިއްޔަ” އާދައިގެ މަތިން މިއަދު ވެސް ހަނާގެ މަންމަ ހުސްނާ ‘ގުޑްމޯނިންގ’ ފަތިވަރު ކިޔާލިއެވެ.
“ދެން މަންމާ.. އިރުކޮޅަކުން މިތެދު ވަނީއޭ. ދެން މަންމަ ދޭބަ.” ހަނާ ނިދި އަޑަކުން ވާހަކަ ދެއްްކިއެވެ.
“މަންމަ ދިޔައްޔާ މިއަދު އިރު ހުއްޓަކަ ހަނާ އެއް ނުތެދުވާނެ. ހަނާ ތެދުވަތީމަ ނޫނީ މަންމަައެށް ނުދާނަން” އެންމެ ފަހުން ހަނާ އަށް ޖެހުނީ ތެދުވާށެވެ. އޭނާގެ މަންމަ ގޮތްދޫ ނުކުރާނެކަން އިނގޭތީއެވެ.
ކަންނެތް ހިނގުމެއްގައި ތުވާލި ހިފައިގެން ހަނާ ފާހާނާ އަށް ވަނުމުން ހުސްނާ އެކޮޓަރިން ނުކުތެވެ. އޭރު ސިޓިންގ ރޫމުގައި އޮތް ހުސްނާގެ ފޯނު އޮތީ ރޮއެރޮއެ ގޮސް ހަލާކުވެފައެވެ. “ކާުކުތަ މިހާވަރަށް މިގުޅަނީ.. ހުހް.. މި ހިލްޔާންދޯ. ފޯނުނަގަން ދެން ހުރެގެން ގުޅާނެ” އަމިއްލަ އަމިއްލަ އަށް ކުދި ކިޔަމުން ފޯނު ނަގާ ހަލޯއޭ ބުނެލިއެވެ.
“ހެލޯ މަންމާ. ވަރަށް މިސްވޭ އިނގޭ، މިގުޅާލީ އަހަރެން ރަށަށް ދާން އުޅޭ ވާހަކަ ބުނަން. މިހާރު ދިހައެއް ނިމުނީނު. ދެން ސްކޫލަށް ދާން ޖެހޭނީވެސް ތަންކޮޅެއް ލަހުންނެއްނު. އެހެންވެ ދާންކަމަށް…” އެކޮޅުން ހިލްޔާން ވާހަކަ ދެއްކިއެވެ.
“ހުވާތަ؟ އަޅޭ ދޮންތަ މޮޔަވާނެ ހިލްޔާން އަންނަ ވާހަކަ ބުނާއިރަށް. މިހާރުވެސް އަބަދު ލަވައެއްހެން ފޫހިވަނީ ފޫހިވަނީ ކިޔަކިޔާ ހުންނަނީ.” ހުސްނާ ހުރީ ދުވަސްތަކެއްފަހުން ހަގު ދަރިފުޅުވެސް ރަށައް އަންނާތީ ނުހަނު އުފާވެފައެވެ.
“ޔައިޝާ ދައްތަ ނޫޅެނީތަ ދޮންތަ ފޫހިވަނީ؟”
“ނޫނޭ. އޭނަވެސް އެބައުޅޭ. ދެން ދޮންތަ ގޮތް ދަރިފުޅައްވެސް އިނގެއެއްނުދޯ.” ހުސްނާ ހިލްޔާންއަށް ދޯ ޖަހާލިއެވެ.
“އޭނ. ދެން ބާއްވަނީއޭ ކުޑަކޮށް ބިޒީ ވެއްޖެ. ފަހުން ގުޅާނަން އިނގޭ. ދޮންތަ އަށް ސަލާމް ބުނައްޗޭ” މިހެން ބުނެ ހިލްޔާން ފޯނު ކަނޑާލިއެވެ. ހުސްނާ ވެސް ބަދިގެއަށް ދިޔައީ ހަނާ ނުކުންނަން ވާއިރަށް ސައި ތައްޔާރު ކުރާށެވެ.
ގެއަށްވަން އިރު ވެސް ޔައިޝާގެ ތުންފަތުގައި ވަނީ ރީތި ހިނިތުން ވުމެކެވެ. “ދަރިފުޅާ ހާދަ އުފާވެފަ” ސިޓިންގ ރޫމުގައި މުރަނގަ ފަތް ނޮޅަން އިން ޔައިޝާގެ މަންމަ ޔުސްރާސުވާލު ކޮއްލިއެވެ.
“ނު.. ނޫނޭ ނޫނޭ ތިއީ ހަމަ މަންމަ އަށް ހީވާ ގޮތް” ޔައިޝާ އަވަސް އަވަހަށް ބުނެލިއެވެ.
“އަނެއްކާ މަންމަ އަށް ކަމެއް ސިއްރު ކުރަނީތަ؟ ހެޔޮ މިއަދު ނުބުންޏަސް. އެކަމު ބުނަން… ކޮންމެސްދުވަހަކުން ފަޅާއަރާނެކަން ހަނދާން ކުރާތި” ޔުސްރާ ޔައިޝާ އަށް ބަލާލަމުން ލާނެތް ފާޑަކަށް އަހާލިއެވެ.
“ދެން މަންމަވެސް ދޯ. އަހަރެެން މަންމަ އަށް ކޮންކަމެއް ސިއްރު ކުރާނީ. ތީ އަހަރެންގެ ލޯބި ލޯބި މަންމައެއްނު.” ޔައިޝާ އޭނަގެ މަންމަ ކޮލުގައި ހިފާލަމުން ބުނެލިއެވެ.
“ދެން ސާބަހޭ ދަރިފުޅާ.. މި ޔައިޝާ އަދިވެސް ބޮޑެއް ނުވެޔޭ ދޯ” ޔުސްރާ ވެސް ސަމާސާ ރާގަކަށް ބުނެލިއެވެ.
“ދަރިފުޅާ މިހާރު ވަޒީފާ ކަންތަށް ކިހިނެތް ވަނީ؟ ހަބަރެއްވިތަ ފަހުން؟”
“އާނ އާނ މަންމަ ކައިރީ ބުނަން ހަނދާ ނެތިފަ އަދި މިހުރީ މިއަދު ދާން ޖެހޭ އިންޓަރވިއު އަށް. އެކަމު އެ ޕްރިންސިޕަލްގަނޑު ދޯ” ޔައިޝާ ތުން އޫ ކޮއްލާ ވާހަކަ ދެއްކި ގޮތުން ޔުސްރާ އިނީ މަޖާވެފައެވެ. “މަންމާ… ކޮބާތަ ބައްޕަ؟”
“މިހުރީނު. މަންމަ ބުނީ މިރުހެއް ނުހުންނާނޭ. އެކަމު މިހުރީ ހޯދާފައެއްނު.. އެކަމު މަންމަ ބުނާނެ އަހަރެން ބަދިގެއަށް ނުވަންނަ ވާހަކަ.. އެކަމު މަންމަ ގިނައިން ބަދިގެއަށް ވަންނަ މީހާއަށް ވުރެ އަހަރެން މޮޅޭންނު” ހަނާ ފޮނިވެލާފާ ވާހަކަ ދައްކަމުން ދިޔައެވެ. “ދެން ސާބަހޭ ދަރިފުޅާ. ދަރިފުޅު އެއްޗެހި ފޮރުވައިގެން އުޅެންޏާ މަންމައަށް ފެނޭތަ؟” ހުސްނާ ވެެސް ހަނާ ކައިރިން ދެރަނުވާން ރައްދުުދެމުން ގެންދިޔައެވެ.
“އަސްލުވެސް ހަނާ ވެއްޖޭ މިހާރު ގިނަގިނައިން ބަދިގެއަށް ވަންނަން. މަންމައަށް ފަނަރަ އަހަރު ވީ އިރު އިނގޭނެ ރޮށި ފިހެ ރިހަކައްކާ މަސްހުނި ހަދާ ހުރިހާ ކަމެއްކުރަން. އެކަމަކު ބަލާބަލަ، މިހާރު ދަރިފުޅަށް އަށާރަ އަހަރުވީ. އަަދިވެސް ވަށްކޮށް ރޮއްޓެއް ދަމަން ނޭނގެ. ހަމަ މަންމަޔާ ދިމާ އިދިކޮޅު” ރޮށި ދަމަން ހުރެގެން ހުސްނާ ވާހަކަ ދައްކަމުން ގެންދިޔައެވެ.
“ދެން ހަމަ އެކަނި އަހަރެންގެ ކުށެކޭ ނުބުނެވޭނެ އިނގޭ. މަންމަވެސް އަހަރެން ކުޑަ އިރު ބަދިގެއަކަށް ނުއެއްވައްދަވިއްޔަ. މާމަ މަންމަ ކުޑައިރު ބަދިގެއަށް ވައްދަންޏާ އިނގޭނެއްނު. އަހަރެން ކުޑަ އިރު އެހާ ވަންނަ ހިތުން ބުނާއިރުވެސް މަންމަ އަބަދު އަހަރެން ބައިންދަން ވަނީ ފިލާވަޅު ދަސްކުރަން. ދެން ވަކި އަޅުގަނޑަށް ކައްކަން ދަސްވޭތަ؟” ހަނާވެސް އަމިއްލަ ދިފާއުގައި ވާހަކަ ދެއްކިއެވެ. “ހުހް. އެއްމެފަހުން މަންމަ އެއްނު މި ގޯސްވީ.” ހުސްނާ ވެސް ތުން އަނބުރާލަމުން ބުނެލިއެވެ.
ރަށުގެ އަވިގަދަ މަގުތަކުގައި ޒިވްޔަން ހިނގާފާ ދިޔައިރު އޭނާހުރީ ވަރުބަލިވެފައި ކަން ބަލައިލި ކޮންމެ މީހަކަށް އިނގޭނެއެވެ. ހޫނު ވާތީ އިރު އިރު ކޮޅާ ލޮލުގައި އިން އަވި އައިނު ނަގާ މޫނު ފޮހެލާއިރު އޭނާ ހުރީ ދާހިއްލާ ފޯވެފައެވެ. “މީ އެގެއަކީ” ކައިރީގައި ހުރި މީހާ ކުރިމަތީގައި ހުރި ގޭ ދައްކާލަމުން ބުނެލިއެވެ. ޒިވްޔަން ވެސް ޝުކުރިއްޔާއޭ ބުނެފައި އެގޭ ދޮރުމައްޗައް އަރާ ސަލާމް ގޮވާލިއެވެ.
“ވައަލައިކުމް ސަލާމް” ބަދިގޭގައި ތިބި ހަނާއަށާއި އޭނަގެ މަންމައަށް ސަލާމް ބަލައިގަނެވުނީ އެއްފަހަރާއެވެ.
“ހަނާ ދޭބަލަ ދޮރުހުޅުވަން.” ހަނާގޮސް ދޮރުހުޅުވާލިއިރު ކުރިމަތީގައިހުރީ ދުވަހަކު ވެސް ދެކެފައިވާ މީހެއްނޫނެވެ. ހަނާ އަށް ބަލަހައްޓައިގެން ހުރެވުނެވެ. ކާކު ކަމެއްނޭނގިފައެވެ. ޒިވްޔަން އަށް ވެސް ވީ ހަމައެވަރެވެ. އަނެއްކާ އެމީހާ އެދިޔައީ ޒިވްޔަން ނުބައި ގެއަކަށް ވައްދާފަބާއެވެ.
“ހަނާ..ކާކުތަ؟” ހަނާގެ މަންމަ ބޭރަށް ބޯ ދިއްކޮއްލަމުން ބުނެލިއެވެ. “އަނހާ ޒިވްޔަންދޯ. ދަރިފުޅާ މީ މަންމަގެ ރަހުމަތްތެރި ޒާހިދުގެ ދަރިފުޅު ޒިވްޔަން. ޒިވްޔަން މިރަށައް އެއައީ ވިޔަފާރި ކަމެއްގަ. ދެން މިއީ ހަނާ. އަހަރެންގެ ދޮށީ ދަރިފުޅު. ދެން ހުންނާނީ ހިލްޔާން. އޭނަވެސް އަންނާނެ ދުވަސްކޮޅެއް ފަހުން. ޒިވްޔަން ހިނގާ ސައިބޯން” ހުސްނާ ޒިވްޔަންގެ ބޮލުގައި ފިރުމާލަމުން އޭނާގެ އާއިލާ ތައާރަފް ކޮއްދިނެވެ.
“ނޫނޭ. އަހަރެން ސަައި ބޮއެފިން.. މިއައީ މިސްކިތާތަންތަން ބަލައިލާފަ” ޒިވްޔަންވެސް ހިނިތުން ވެލަމުން ވާހަކަދެއްކިއެވެ.
ސައިބޮވެގެން ކޮޓަރިއަށް ވަން ޔައިޝާގެ ސިނކުޑީގައި އެނބުރެމުން ދިޔައީ މިއަދު ހެނދުނު ފެނުނު ޒުވާނާއެވެ. ކާކުކަން ނޭނގޭ އިރުވެސް ޔައިޝާއަށް އޭނާޔާ މެދު ވިސްނޭތީ ހުދު ޔައިޝާވެސް ހުރީ ހައިރާން ވެފައެވެ. ކޮންމެ ގޮތެއްހަދާފައި ވިޔަސް ޔައިޝާ އެ ކާކު ކަން އިނގެން ބޭނުމެވެ. ނަމަވެސް ކިހިނެތް ހެއްޔެވެ؟ އެންމެ ކުޑަ މިނުން ކިޔާ ނަން ވެސް އިނގޭ ނަމަތާއެވެ.
“އަޅެ ގޭގަ ތިބޭކަށް ފޫއްސެއްނުވޭތަ؟ ހަނާ ދޭބަލަ ޒިވްޔަން ގޮވައިގެން ރަށުތެރެ ދައްކާލަން.” ހުސްނާ ސޯފާގައި ތިބި ހަނާޔާ ޒިވްޔަންއަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ.
“މްމްމް… ހިލްޔާން އަންނަނީ ކޮންއިރަކުންތަ؟” ޒިވްޔަން އަހަން ނާހަން ކަހަލަ ގޮތަކަށް އިނދެފައި ބުނެލިއެވެ. “ކިހިނެތްވީ؟ އަންހެން ކުއްޖަކާ އެކު ބެރަށް ދާން ލަދު ގަންނަނީދޯ؟”
“ނޫނޭ.އަހަރެން ލަދަކުން ނޫން، އެކަމު ހަނާ ހީވަނީ ލަދުން ހުންނަހެން. އަހަންނާ ވާހަކަ ވެސް ނުދައްކަ ވިއްޔަ. ހިނގާބަ ބޭރަށްދާން. އަދި އަހަންނަށް ފިހާރަޔާ ތަންތަން ވެސް ނެނގޭ.” ޒިވްޔަން ކުޑަ ކޮށް ހީލަމުން ބުނެލިއެވެ. އެހެން ބުނުމުން ހަނާވެސް ތެދުވެގެން ޒިވްޔަންއާއެކު ބޭރަށް ދާން ހިނގައިގަތެވެ.
މަގުމަތީގައި ހިނގަމުން ދިޔައިރު ހިނގާފައި ދާ ގިނަ މީހުންގެ ލޯތަށް ޒިވްޔަންއަށާއި ހަނާއަށް އަމާޒު ވަމުން ދިޔައެވެ. މިކަމާ ހަނާ ހުރީ ނުހަނު ބިރުންނެވެ. އިސްދަށަށް ޖަހައިގެން ހިނގަމުން ދިޔައިރު ދެމީހުން ކުރެ އެކަކުވެސް އަނގައިންނެއް ނުބުނެއެވެ. ހީވަނީ ވާހަކަ ނުދައްކަން ހުވާކޮއްފައިވާ ދެމީހުންނެވެ.
“.ހަނާ އަށް ކިތަށް އިޔާޒް؟” ތަނުގެ ހިމޭންކަން ނަގާލީ ޒިވްޔަންއެވެ.
“ހަނާއަށްް އެއިޓީން.. ދެން ޒިވްޔަން އަށް؟” ހަނާ ވެސް ކޮއްލީ ސުވާލެކެވެ.
“ޓުވެންޓީ. އެކަމު މިއަހަރު އެކާވީހަށް އަރާނެ” ޒިވްޔަން ބުނެލިއެވެ. ޒިވްޔަން ހުއްޓުނީ ފިހާރައެއްގެ ކުރި މައްޗަށެވެ.
“ހިނގާ މިފިހާރަޔަށް ވަންނަން. ވަރަށް ހޫނެއްނު. ހަނާ ކޯއްޗެއް ބޭނުމީ.”
“ނޫން. އަހަރެން އެއްޗެއް ބޭނުމެއްނޫން. ދެންމެ އެއްނު މި ސައިބުއީ. ޒިވްޔަން ވަދޭ ފިހާރަޔަށް އަހަރެން ބޭރުގަ މަޑުކޮއްލާނަން.” ހަނާ އެހެން ބުނުމުން ޒިވްޔަން ފިހާރަޔަށް ވަނެވެ. އެވަގުތު ހަނާ އަށް ފަހަތް ބަލާލެވުނީ ހަނާއަށް މީހަކު ގޮވާލި އަޑުއިވުމުންނެވެ. ‘އާނިޝް..’ ހަނާ އަށް ހިތާހިތުން ބުނެލެވުނެވެ.
“ހަނާ ޕްލީޒް. ކީއްވެގެންތަ އަހަންނާ ފިލައިގެން ތިއުޅެނީ. އަހަރެން މިހާރު ހޯދާތާ ކިހާއިރެއް. ހަނާއަށް އިނގޭތަ ތިހެން ހެދީމަ އަހަރެން ހިތަށް ތަދުވާވަރު.” އާނިޝް އާދޭހުގެ ރާގެއްގައި ބުނެލިއެވެ.
“އާނިޝް. ހެޔޮނުވާނެ. މިތަަނުންދޭ! މީހަކަށް ފެނިގެން މަންމަ ކައިރީ ބުނެދާނެ. ޕްލީސް އާނިޝް މިތަނުންދޭ” ހަނާ ބެލީ އަވަހަށް އާނިޝް ފޮނުވާލެވޭތޯ އެވެ.
“ނުދާނަން. މިފަހަރު ނުދާނަން. ހެޔޮ ކޮންމެ މީހަކަށް ފެނުނަސް. ހަނާ ބުނެބަލަ އަހަންނަށް ތިހެން ތިހަދާ ސަބަބެއް.” އާނިޝް ހަނާގެ ކުރިމައްޗަށް އަރާ އަނެއްކާ ވެސް އާދޭސް ކޮއްލިއެވެ.
“އަޅެ އާނިޝް މޮޔަވީތަ. ކިހިނެތްތަ ތިއުޅެނީ. އަހަރެން މިހާރު އާނިޝް މަތިންހަނދާން ނައްތާލިތާ ކޮންދުވަހެއް. އެހެން ނޫނަސް އެއްވެސް މައެއް ބޭނުމެއް ނުވާނެ ތިކަހަލަ މީހަކާ އެމީހެއްގެ ދަރިއެއް ގުޅޭކަށް. އާނިޝް އަށް ވެސް ހަމަ ރަނގަޅަށް އިނގޭނެ މަންމަ ނުގަބޫލު ކަމެއް އަހަރެން ނުކުރާނެކަން. އަހަރެންވެސް ބޭނުމެއް ނޫން ތި ކަހަލަ ގޮތްކުޑަ މީހަކާ އެކު އުޅޭކަށް” ހަނާ ހިތާ ދެކޮޅަށް އާނިޝްއާ ދިމާޔަށް އެތިވަރު ކިޔަލިއިރު އޭނާގެ ދެލޯ ހުރީ ފެންކަޅި ވެފައެވެ.
އެމަންޒަރު އާނިޝްްއަށް ނުދައްކަން ހަނާ އިސްޖަހާލާ، ކަރުނަތަށް ހިންދާލަން އުޅުނަސް ހަނާޔާ ދިމާއަށް ފަރުވާތެރި ކަމާއެކު ބަލަހައްޓައިގެން ހުރި އާނިޝްއަށް އެކަން ސިއްރެއްނުވިއެވެ. ނަމަވެސް އެއްވެސް މީހަކަށް ނޭނގޭ ކަމަކީ އަދިވެސް ހަނާ އާނިޝްދެކެ ލޯބިވާ ކަމެވެ. އެހިތުން އާނިޝްގެ ނަން ނުފޮހެވޭނެ ކަމެވެ.
އެވަގުތު އަތަށް އެކްސް އެލް ދަޅެއްލައިގެން ޒިވްޔަންވެސް ފިހާރައިން ނުކުތެވެ. ހަނާ އަށް ހިތާހިތުން ދުއާ ކޮއްލެވުނީ އާނިޝް ކައިރިން ސަލާމަތް ވެވުނީމައެވެ. ޒިވްޔަން އައިސް ހުއްޓުނީ ހަނާޔާ ދާދި ކައިރީގައެވެ. އަދި ހަނާއަށް ބުމައަރުވާލީ އެއީ ކާކުހޭ އަހާކަހަލަ ގޮތަކަށެވެ.
ކައިރީގައި ހުރި އާނިޝްއަށް އޭގެން ނެގުނީ އެހެން މާނަ އެކެވެ. ޒިވްޔަން ދިމާއަށް ލޯ އަޅާލުމަށް ފަހު ބާރުބާރަށް އެތަނުން ހިނގައިގަތީ ރުޅިއައިސް ރަތް ވެފައި ހުރެއެވެ. ހަނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަނެއްކާ ޒިވްޔަން ހިތަށް އަރާނީ ކީކޭ ހެއްޔެވެ؟
“ޕާޓޭ ގޮލައެއްތަ” ޒިވްޔަން އާނިޝްއާ ދިމާ ބަލައިން ހުރެ ބުނެލިއެވެ. އިސްދަށައް ޖަހައިގެން ހުރި ހަނާ މަޑު މަޑުން ބޯ ޖަހާލިއެވެ. އާއެކެވެ. މީހުން ކިޔާގޮތުން ނަމަ އާނިޝް އަކީ ޕާޓޭއެކެވެ. ރަށުގައި ނަން މަޝްހޫރު ގޭންގެއްެ މެމްބަރެކެވެ. ނަމަވެސް މި އެއްވެސް ކަމަކީ ހަނާ ގަބޫލު ކުރާ ކަންކަމެއްް ނޫނެވެ. ވާނީ ވެސް އެހެންތާއެވެ. ރުހުމުގެ ލޮލަކުން އައިބެއް ނުފެންނާނެތާއެވެ. ކަން މިހެން ވެފައި އޮތް ނަމަވެސް މީހެއްގެ ދުލުން އާނިޝްއާ ދިމާއަށް ބަދު ބަހެއް ބުނާކަށް ހަނާ ބޭނުމެއް ނޫނެވެ.
ޒިވްޔަން އެހެން ބުނުމުން ހަނާ އިތުރަށް ހިތުގައިޖެހުނެވެ. މަގުމަތިން ހިނގާފާ ދިޔައިރު ހަނާ ދެރަވެފައި ހުރުމުން ޒިވްޔަންވެސް ހުރީ އަނގައިން ބުނަން ނުކެރިފައެވެ. އެކަމަކު ހަނާ ދެރަވާންވީ ކީއްވެގެން ހެއްޔެވެ؟ ޒިވްޔަންއަށް ހަނާ ދެރަވާވަރު އެއްޗެއް ބުނެވިއްޖެހެއްޔެވެ؟ ގެޔާއަރާ ހަމަ ވުމުން ހަނާ ބާރުބާރަށް އެތެރެއަށް ވަނީ ޒިވްޔަންގެ ކުރިމަތީގައި ނުރޯންވެގެންނެވެ.
ކޮޓަރިއަށް ވަނުމާއެކު ލޮލުގެ ތެރޭގައި ހުރި ކަރުނައިގެ ލަޝްކަރު ފައިބައިގަތެވެ. އެއޮތް ހާއިރު ލޮލުގެ ތެރޭގައި ބޮނޑިކޮއްގެން ހުރި ކަރުނަތަށް ހަނާގެ އަންހެންވަންތަ ކޯތާފަތުގައި ބޮސްދެމުން ދިޔައެވެ.
ކުއްލިއަކަށް ތެދުވެގެން ގޮސް ހަނާ ނެގީ ފްރޭމް ކޮއްފައިވާ ފޮޓޯ ގަނޑެކެވެ. އެއީ ހަނާއަށް ސޯޅަ އަހަރުވީ އުފަންދުވަހު ހަނާގެ މަންމަޔާ ސިއްރުން އެރަށުގެ އަތިރި މައްޗަށްގޮސް ނަގާފައިވާ ފޮޓޯ އެކެވެ. މަޑު ފިޔާތޮށިލުލައިގެ ހެދުމެއް ލާފާ ހުރިއިރު ހެދުމުގެ މަތީގައިވާ ލޭސް ގަނޑު ވައިގެ ތެރޭގައި ނަށަމުން ދިޔައެވެ. ކައިރީގައި އާނިޝް ވެސް ހުރީ ހިނިތުން ވެލައިގެންނެވެ.
ދެއަތް ގުޅުވާލައިގެން ތިބިއިރު އާނިޝް ހުރީ މާނަފުން ނަޒަރަކުން ހަނާޔާ ދިމާބަލަހައްޓައިގެންނެވެ. ހީވާގޮތުން އެއީ އެދެމީހުންގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހެވެ. ހީވާ ގޮތަކުން ނޫނެވެ. ހަގީގަތުގައި ވެސް އެއީ އާނިޝްއާ އެކު ހޭދަކުރެވުނު އެންމެ އުފާވެރި ދުވަހެވެ. ނަމަވެސް އެއުފާވެރިކަން ދެމިގެން ދިޔައީ އެދުވަހު އިރުއޮއްސުމާ ހަަމަޔަށެވެ. މޭގައި ފޮޓޯ ފްރޭމް ޖައްސާލައިގެން އިން ހަނާއަށް ހޭވެރިކަމެއްވީ ފޯނުރިންގުވީ އަޑަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



Wow cute story ❤️❤️❤️❤️waiting for the next part
thankyou …
Masha allah….varh reethi
Kon irakun aneh part
thankyou ..