ވީމޭ އިންތިޒާރުގައި – 15
އެތަން ބަލަން ހުރި ރީހާންގެ ހިތުގައި ރިއްސާލި ވަރަށް އެލީޒާ ފެނިފައި ލިއީޝްގެ ހިތުގައި ވެސް ރިއްސާލިއެވެ. ޒާން ހިންގަން އުޅުނު ޖަރީމާ ލިއީޝްއަށް ނުފެނުނީ އެވަގުތު އޭނާ ފިހާރަ ތެރޭގައި ހުރުމުންނެވެ. ހަމައެކަނި ފެނުނު މަންޒަރަކީ ޒާންއަށް ރީހާން އަނިޔާކުރި މަންޒަރެވެ. މީގެ ދުވަސްތަކެއް ކުރިން ރީހާން ފެނުމުން ހިތަށް ކުރި އުނދަގޫތައް ނެތި ދިޔައީ ރީހާން އަކީ ގޮތެއް ފޮތެއް ނެތް މީހެއް ކަމަށް ހީވުމުންނެވެ. ހިތުގައި ރިއްސާލި ނަމަވެސް އެއީ މާ ބޮޑު ކަމަކަށް ލިއީޝް ނުހެދިއެވެ. ލިއީޝްގެ ރުޅިވެރި ދެލޯ ފެނުމުން ރީހާންގެ ހިތް ހީވީ ފޮތިފޮތި ކޮށްލި ހެންނެވެ. އެތާ ހުންނަން ކެތް ނުވުމުން އަޑު ނުލައްވާ ރޮމުން ދިޔަ އެލީޒާގެ އަތުގައި ހިފައިގެން ރީހާން ކާރާއި ދިމާއަށް ހިނގައިގަތެވެ. އެތަން ފެނިފައި ލިއީޝްގެ ހިތް ފެންނަ ނަމަ އެ ހިތަށް ވީގޮތް ޒާންއަށް އިނގުނީހެވެ.
**15 ވަނަ ޕާޓު**
“އެލީ އޭނާ ކީއްކުރީ؟ ކިހާ އިރަކު އޭނާ އެލީ ކިޑްނެޕް ކުރީ؟ ޕްލީޒް ބުނެބަލަ..” ކާރަށް އަރާފައި ރީހާން ސުވާލު ކުރަން ފެށިއެވެ. އެކަހަލަ ކަމެއް ފުރަތަމަ ދިމާވުމުން އެލީޒާގެ ހިތަށް ވަނީ އިންތިހާއަށް ބިރުވެރިކަން ވަދެފައެވެ. ރީހާން އެންމެ މިނެޓަކަށް ލަސްވި ނަމަވެސް ޒާން އެލީޒާއާ ބެހޭނެކަން ޔަޤީނެވެ. “އަ..އަ.. އަހަރެން..ރީހު..މެން..” އެލީޒާއަށް ވާހަކަ ދައްކަން އުނދަގޫ ވިއެވެ. އައި ރުޅިން ކާރުގައި ރީހާން ތަޅައިގަތެވެ. ފުލުހުންނަށް އަންގަން އުޅެފައި ވެސް ޚިޔާލު ބަދަލުވީ ހެއްކެއް ބޭނުންވާނެކަން އިނގޭތީއެވެ.”އައިމް ސޮރީ..” ދެއަތުން މޭގައި އަތް އަޅައިގެން އިން އެލީޒާގެ ދެލޮލަށް ބަލާލަމުން ރީހާން މަޢާފަށް އެދުނެވެ.
“އެއްޗެއް ކާލާނަންތަ؟.. ގެއަށް ތަ ދާންވީ؟؟.” ރީހާން ކާރު ދުއްވަމުން އެހިއެވެ.”ގެއަށް..” އިސްޖަހައިގެން އިނދެ ރީހާން އަށް އެލީޒާ ޖަވާބު ދިނެވެ. ގަރާޖަށް ކާރު ލާފައި ފޭބި ވަގުތު އެލީޒާގެ މޫނުމަތި ކުޑަކޮށް ފުހެލިއެވެ. އޭނާގެ މަންމައަށް އެކަމުގެ ހިލަން ވާކަށް ނޭދެއެވެ. އެލީޒާ އާއި އެކީގައި ގެއާ ހަމައަށް ގޮސްފައި އަލުން ރީހާން ދިޔައީ ލުއިކާނާ ގަތުމަށެވެ. ދެރަވެ ކަންބޮޑުވާ ގަޑީގައި ކެއުމަކީ ދެމީހުންގެ ކަށީގައި ވެސް ހިފާފައި ހުންނަ އާދައެކެވެ. ދެމީހުންނަށް ވާވަރަށް އައިސްކްރީމް އާއި ޗޮކޮލެޓް، ކޭއެފްސީ އިން ބައެއް އެއްޗެއްސާއި އައިސް ކޮފީ ފަދަ ކާތަކެތި ގަނެގެން އެލީޒާ މެންގެއަށް ދިޔައެވެ. އެލީޒާގެ މަންމަގެ ހުއްދަ ހޯދާފައި ކޮޓަރިއަށް ވަތް އިރު ވެސް އެލީޒާ ސޯފާގައި އިށީނދެ އިން ގޮތަށް އިނީއެވެ.”ހިނގާ ކާން.. ދެމީހުންނަށް ކާ އެއްޗެހި ގަނެގެންނޭ މި އައީ.. ފެންވަރައިގެން އައީމަ އެކަމް ކެވޭނީ..” އެލީޒާގެ މޫޑް ރަނގަޅު ކުރުމަށް ރީހާން ކިޔެވެ. ކުޑަކޮށް ހީނލާފައި އެލީޒާ ފާޚާނާއަށް ވަނުމުން ރީހާން ކޮޓަރިން ނިކުތެވެ.
ފެންވަރާ ނިމޭ ހާއިރު ކޮށްފައި ރީހާން ކޮޓަރިއަށް ވަތް އިރު އެލީޒާ އިނީ އިސްތަށިގަނޑު ހިއްކަންށެވެ.”ހިނގާ ކާން ފަށަން.. ވަރަށް ބަނޑުހައި..” އެއް އައިސްކްރީމް ތަށި އެލީޒާއަށް ދެމުން ރީހާން އަނެއް އައިސްކްރީމް ނެގިއެވެ. ޝުކުރު އަދާ ކޮށްފައި އެލީޒާ އެތީގައި ހިފިއެވެ.”މިހާރު އޯކޭތަ؟..” އެލީޒާ ހީނލާފައި ކާން ފެށުމުން ރީހާން އެހިއެވެ. ކުޑަކޮށް އެލީޒާ ބޯ ޖަހާލިއެވެ.”ސޯ.. ޖަވާބު ދެވެންޏާ އިނގޭ ދޭނީ.. އަސްލު ކިހިނެއް އެލީ ކިޑްނެޕް ވީ؟؟ ޒާންތަ ކުރީ؟؟..” ރީހާން ސުވާލު ކުރިއެވެ.”އަސްލު.. ވީގޮތަކީ އަހަރެން ރީހާންމެން ގެއަށް ވަންނަން އުޅެނިކޮށް ފާޑެއްގެ ފިރިހެނެއް އައިސް މޫނުމަތީގައި ފާޑެއްގެ އެއްޗެއް އެޅީމާ ހޭނެތުނީ.. ދެން ހޭލެވުނު އިރު އޮވެވުނީ އެއްކަލަ ގޯޅިތެރޭގަ.. އޭރު އެ ފިރިހެންމީހާ އާ އެކީ ރީހު ތި ބުނި ޒާން ވެސް ހުރި.. ޒާން އާ އެކީ ހުރި ލިއީޝް ކަންނޭނގެ ފިހާރައަށް ވަނީ.. އެ ގަޑީގަ.. އޭނަ.. އަހަރެން ހެދުން.. ދަމައިގަންނަން އުޅުނި.. އެކަމް ގަދަހެދީމަ އެކަން ނުވި..” އެލީޒާ ކިޔާދިނެވެ.
“އައި ވޯޒް ސޯ.. އައި މީން.. އަދި ދުވަހަކު ވެސް ނުވޭ މިކަހަލަ ކަމެއް.. ވަރަށް ބިރުގަތް.. ކުޑައިރު ދައްތައެއް ވެސް ރޭޕް ވެގެން އެއިޓީން އިޔަރސްގަ ވިހީ.. އަހަރެން ހުރީ އެހެން ވެދާނެތީ ވަރަށް ބިރުން.. ތެންކިއު ރީހު.. ރީހު ނައި ނަމަ އަހަރެން..” އެލީޒާ ބުނަން އުޅުން ޖުމްލަ ރީހާން ހުއްޓުވިއެވެ.”ތިކަހަލަ ވާހަކަ ނުދައްކާ.. އެލީ ސަލާމަތް ވެއްޖެ.. އަހަންނަށް އެވަރުން ފުދޭ… އެލީ އަށް ދެރަގޮތެއް ދިމާވިނަމަ އެ ހުރިހާ ކަމެއްގެ ޒިންމާ އަހަރެން ނަގާނަން.. އެއީ ފަހަރެއްގާ ވެދާނެ އެލީއަށް ތިހެން ދިމާވާން މެދުވެރިވި ސަބަބަކީ އަހަރެން ކަމަށް.. އެމީހުންނާ އަހަރެންނާ ކޮންމެވެސް ގޮތަކުން ގުޅުން ހުރޭ.. އެހެންވީމަ ވެދާނެ ހަމަ.. އަހަރެން މިހެން ބުނީމަ އެކީ އަހަރެން މަތިން ބިރުގަނެދާނެ ދޯ؟.. ވަރަށް ބޮޑަށް ސޮރީ އަދިވެސް އެއްފަހަރު.. އެކަހަލަ ކަމެއް ދެން ނުވާނެ އިނގޭ އެލީ.. އެލީ ތިގޮތަށް ކިޑްނެޕް ވިޔަސް އަބަދުވެސް ހިތަށް އަރުވާލާ އިރާދަކުރައްވައިފިނަމަ އަހަރެން ދާނެ.. ގޮސް އެލީއަށް އޮތް ނުރައްކަލުން ސަލާމަތް ކުރާނެ..” ރީހާން ދެރަވެފައި އިނދެ ބުންޏެވެ.
“އިޓްސް އޮކޭ؟.. އެކަމް ކޮންގޮތަކުން ގުޅުން ހުންނަނީ.. ފެމެލީ ކުއްޖެއްތަ؟..” އެލީޒާ ޝައުޤުވެރިވިއެވެ.”ނޯވ.. ކުޑައިރު އެކީގަ އުޅުނީ..ދެން ހީވަނީ ރުޅި އައިސްގެންހެން އެ އުޅެނީ..” ލިއީޝް އާއި ރައްޓެހި ވެގެން އުޅުނު ވާހަކަ ނުބުނަން ވެގެން ވެސް ރީހާން ބުނީ ދޮގެއް ނޫނެވެ.”އަހަރެންނަށް ކުރާ ކަމެއް ކުރަން ވީއެއްނު.. އެލީއަށް ކީއްކުރަންތަ..” ރީހާންގެ ހިތުގައި އޮތް ޝަކުވާ ބޭރުކޮށްލިއެވެ.”ރީހުގެ އަސްލު ވަރަށް ގިނަ ހޭޓާރސް އޮވޭ ދޯ؟..” ވިސްނާލާފައި އެލީޒާ އެހިއެވެ.”ގޮތަކަށް ބުނާނަމަ ޔެސް.. ނޭނގެ އަމިއްލަ ރަށުގެ އެންމެން ފޫހިވާނެ މީހަކު އަހަރެން ނޫނީ އުޅޭނެ ކަމެއް..” މާޒީގެ ތެރެއަށް އޮޔާ ދާން އުޅޭހެން ހީވާތީ ރީހާން ކަރުކެހިލިއެވެ.”ވަރަށް މީރު ދޯ؟..” ޚިޔާލުތަކުގައި އެލީޒާ ގެއްލެމުން ދާތީ ރީހާން ވާހަކަ ބަދަލު ކޮށްލިއެވެ.
★★★
“އާދެބަލަ.. ޓްރަސްޓް މީ..” ރީޝަމްއަށް ފަތަން ހަނދާން ނެތިފައި ވުމުން މާއިލް އާއި ކިޔާން އުޅުނީ ދަސްކޮށްދިނުމުގައެވެ. އެކަމަކުވެސް ރީޝަމް ގަންނަ ބިރެއްގެ ސަބަބުން އެކަން ކާމިޔާބު ވާގޮތެއް ނުވިއެވެ.”އެންމެ ފަހަރަކު..” މާއިލް އާދޭސް ކުރުމުން ދުރުގައި ނޭނގެ ކަމަށް ހަދައިގެން ހުރި ކިޔާންއަށް ރީޝަމް ބަލާލިއެވެ. ފާޑަކަށް ހީނލާފައި ދާށޭ ބުނީ ރީޝަމް ހެއްވާލުމަށެވެ. ކިޔާން ބުނުމުން ދާހިތުން ރީޝަމް ފައިން ކޮއްޓާލާފައި ފުނަށް ފަތައިގަތެވެ. ފަހަތުން މާއިލް ރީޝަމް އާއި އެއްވަރަށް ފަތާފައި އަންނަން ފެށުމުން ރީޝަމްގެ ހިތަށް ހަމަޖެހުން ލިބުނެވެ.ވަކި ހިސާބަކުން ނޭވައި ހާސްވެގެން ފެތުން ހުއްޓާލި އިރު އޮވެވުނީ ކިޔާންގެ ކައިރީގައެވެ. ފައި ނުޖެހޭ ހިސާބެއްކަން އިނގުމުން ރީޝަމް ހަޅޭއްލަވައި ގަނެފައި ކިޔާންގެ ކަރުގައި އެލިގަތެވެ.
“އޭ ހަމަޖެހޭ.. މަރެއް ނުވާނެ..” ކިޔާން ރީޝަމް ގަޔާއި ދުރު ކޮށްލުމުން ވެސް އެ އަތުގައި ބާރަށް ހިފަހައްޓައިގެން ހުއްޓެވެ. އެ އަމަލުން ވެސް އެ ނިޔަނެތި އަންހެން ކުއްޖާގެ މައުސޫމްކަން ކިޔާންއަށް ފާހަގަވިއެވެ.”އަހަރެން ފައެއް ނުޖެހޭ…” ދެލޯ ބޮޑުވެފައި ހުރި ރީޝަމް ތިރި ބަލާލި އެވެ.”ވަން ޓޫ ތްރީ.. މާއިލް ކައިރިއަށް.. އަވަސް..” ކިޔާން ރީޝަމް އަތުން ދޫކޮށްލަމުން ބުންޏެވެ. އެންމެ ފަހުވަގުތޭ ހިތަށް އެރި ވަގުތު ހަޅޭއްލަވައި ގަންނަން ހުޅުވާލި އަނގައަށް ފެންވަދެ ލޮނު ބޮވެން ފެށިއެވެ. ކަންބޮޑުވެފައި މާއިލް ފަތާފައި އައިސް ރީޝަމް އަތްދަނޑި މައްޗަށް އުފުލާލައިގެން އެއްގަމަށް ދުއްވައިގަތެވެ. ހިތަށް ވީ އިނދަގުލާއެކު ކިޔާންއަށް ހުރެވުނީ ދާ ހިތް ނުވެފައެވެ. އެހެނަސް ދާން ހިނގައިގެތެވެ.
“ވަރަށް ޓްރަސްޓް ކުރެވިއްޖެ އެއްނު..” ކެއްސަމުން ރީޝަމް ތުން ދަމާލިއެވެ.”ދެން ނޫޅެން ދުވަހަކު ވެސް މޫދަށް އެރޭކަށް.. ނިމުނީ..” ބޮޑާ ހާކާ ކަހަލަ ގޮތަކަށް ރީޝަމް ތެދުވެ ހިނގައިގަތެވެ. އޭރުވެސް ކިޔާން ދުރަށް ނަޒަރު ހުއްޓާލައިގެން އިން އިރު އެމޫނުމަތިން ފެންނަނީ ސީރިއަސް ކަމެވެ.”އޭ ގެއަށް ދާން ހިނގާ.. ރީޝް އެކަނި ގޮސްދާނެ..” މާއިލް ބުންޏެވެ. ކުޑަކޮށް ބޯ ޖަހާލާފައި ކިޔާން ރީޝަމް އާއި މާއިލްގެ ފަހަތުން ހިނގައިގަތެވެ. ގެއަށް ދެވުނު އިރު އާނިޔާ ފެންނާކަށް ނެތެވެ. މާހީ ގޭތެރޭގައި އެކަނި އިންތަން ފެނުމުން ރީޝަމް ދެބުމަ ކައިރިވިއެވެ.”މަންމި ކޮބާ؟..” ގޭތެރެއަށް ވަދެ ރީޝަމް އެހިއެވެ.”ކޮޓަރީގަ.. ޑެޑީ ވެސް އެބަ އުޅެ..” މާހީ ޓީވީ ބަލަން ފެށިއެވެ. ހާނިމް އުޅޭކަން އިނގުމުން ރީޝަމް ވީ ފޫއްސެވެ.
“ކިޔާން..” މަގުމަތީގައި ހިނގާފައި ދަމުން މާއިލް މަޑުމަޑުން ގޮވާލިއެވެ. ކިޔާން ހޫމް ލައްވަމުން ދުރު ބަލާލިއެވެ.”އަހަރެން ބޭނުން ރީޝަމްގެ މަތިން ހަނދާން ނައްތާލަން.. ހީވޭ އެބަ އެ ފުރުސަތު ލިބޭހެން ވެސް..އެބަ ކިޔާ ތުއްތަ ވިހަން ވާއިރަށް ރަށަކަށް ދާން.. ކިޔާންއަށް ހީވޭތަ އެކަން ވާނެހެން؟..” މާއިލް ބުންޏެވެ.”އެއީ؟ ކީއްވެ ހަނދާން ނައްތާލަންވީ؟؟..” ކިޔާން ދެބުމަ ކައިރި ކޮށްލިއެވެ.”އަހަންނަށް ހީވޭ ރީޝަމް އެހެން ކުއްޖެއް ދެކެ ލޯބިވާ ހެން.. ސީދާ އެކަހަލަ ވާހަކައެއް ނުދެއްކިޔަސް ވަރަށް ޔަޤީން..” ދެރަވެފައި މާއިލް ބުނި ޖުމްލައިން ކިޔާންގެ ހިތުގައި ކޫރެއް އެޅުނެވެ.”އަހަރެންނަށް ވުރެ ކިޔާން ރީޝްއާ ގާތްކޮށް އުޅޭތި އިނގޭ..” ހިތާއި ދެކޮޅަށް މާއިލް ވާހަކަ ދައްކަމުން ދިޔަތަން ފެށި ކިޔާންގެ ހިތުގައި ހަމްދަރުދީ އުފެދުނެވެ.
“މާއިލް އޭރުން އަމިއްލަ ހިތަކަށްނު ގެއްލުން ލިބޭނީ..” ކިޔާންގެ ހިތް މަތީގައި ބަރު އެއްޗެއް ބޭއްވިހެން ހީވިއެވެ.”އެއަށްވުރެ ގެއްލުން ލިބޭނެ ކަންނޭނގެ ރީޝް އެހެން މީހެއް ދެކެ ލޯބިވާތީ..” ތެމިފައި އޮތް އިސްތަށިގަނޑުގައި މާއިލް އަތް ހިންގާލިއެވެ.”އެކަމް ވެސް..އޭނަ އަނގައިން ނުބުނާ އިރު ކިހިނެއްތަ އިނގެނީ..” ކިޔާން އެހިއެވެ.”މަށަށް ރީޝަމް އިނގެއޭ.. ލޯބިވާ ކުއްޖާ ނޭނގުނަސް ލޯބިވާ މީހެއް ހުރޭ. އިރާދަކުރެއްވިޔާ ރީޝަމް ލޯބިވާ މީހަކު އޭނާއަށް އަހަރެން ހޯދަދޭނަން.. އަހަރެންގެ ހިތުން ރީޝަމްއަށް އޮތް ލޯބި ފުހެވެންދެން އަހަރެން އެހާ ގާތެއް ނުވާނަން އިނގޭ..” އެގޮތަށް ވާހަކަ ދެއްކުމުން ކިޔާންގެ ހިތަށް ހަމަޖެހުމެއް ލިބުމުން އަމިއްލައަށް ޝަކުވާ ކުރިއެވެ. އެންމެ ގާތް އެކުވެރިޔާގެ ހިތަށް ޒަޚަމް ލިބޭ އިރު ހެވިފައި ބަލަން ހުންނާނީ ކޮންފަދަ އިންސާނެއް ހެއްޔެވެ؟
މާއިލް ގެއަށް ދެވޭނީ އެހެން މަގަކުން ގޮސްގެން ކަމުން ދެމީހުން ވަކި ހިސާބަކުން ވަކިވިއެވެ. ކިޔާންގެ ހިތުގައި ހައިޖާނުގަނޑެއް އުފެދުނީ މާއިލް ދެއްކި ވާހަކައެއްގެ ސަބަބުންނެވެ. ރީޝަމް އާއި އެކީ ގިނައިން ވަގުތު ހޭދަކުރި ވަރަކަށް ރީޝަމްއަށްޓަކައި ވާ ލޯބި ކިޔާންގެ ހިތުގައި ވާނީ ގަދައެވެ. އެކަމުން މާއިލް އާއި ކިޔާންގެ ހިތަށް ލިބޭނެ ހަމަޖެހުމެއް ނެތެވެ. މިހުރިހާ ވެސް މައްސަލަ އަކީ ކިޔާން ދެކޭ ގޮތުގައި އޭނާ ރީޝަމް ދެކެ ލޯބިވުމެވެ. އެއީ މާއިލްގެ މީހެކެވެ. ކިޔާންގެ މީހެއް ނޫނެވެ.
އަނެއް ދުވަހު މާއިލް ބުނިހެން އޭނަ އުޅުނީ ރީޝަމް އާއި ވީހާ ވެސް ދުރުންނެވެ. ކިޔާން ބޭނުން ނުވިޔަސް ކިޔާންގެ ހިތުގައި އުފާވެރިކަމެއް ވިއެވެ.”މާއިލް..” މާހީ ގޮވައިގެން ކައިރި ހިސާބަކަށް ގޮސް އުޅެނިކޮށް މާއިލް ރީޝަމްގެ ލޮލުގައި އަޅައިގަތެވެ.”ހޫމް؟..” ހިނިތުންވުމަކާ އެކު މާއިލް ރީޝަމް އާއި ބައްދަލު ކުރިއެވެ.”މިއަދު ޚަބަރެއް ވެސް ނުވޭ..” ރީޝަމް އެހި ސުވާލުން މާއިލްގެ މޫނުމަތިން ހައިރާންކަން ފެނިގެނެއް ނުދިޔަ އެވެ.”ކުޑަކޮށް ބިޒީކޮށް މިއުޅެނީ.. ދަނީއޭ..” ދެފަޔަށް ހިނި އަރައިގެން އުޅޭ ފަދައިން މާއިލް ދިޔަ ގޮތުން ރީޝަމް ގާތަށް ހިނި އައެވެ.”ދޮންތި ލައިކް ވޭ ދޯ..” އާދައިގެ ރާގަކަށް މާހީ އެހިއެވެ.”އެހ؟ ކާކު؟..” މާހީ ބޮޑެތި ވާހަކަ ދައްކަން ފެށުމުން ރީޝަމް ދެލޯ ބޮޑުވިއެވެ.”އެ ބޭބެ..ދޮންތިގެ ފްރެންޑެއްނު އެއީ؟..” މާހީ އެ ބުނި އެތި ނަގައުގަނެވުނީ ދެނެވެ.”އޯހ.. ލައިކް ނުކިޔާނެ.. ފްރެންޑް..” ރީޝަމް ކުޑަ ހިނިގަނޑެއް ޖަހާލިއެވެ.
ގެއަށް ވަތް ގޮތަށް ރީޝަމް ކޮޓަރިއަށް ވަނީ ހާނިމް ހަޅޭއްލަވާ އަޑު އިވޭތީ އެވެ. ހާނިމް ގެއަށް ބަދަލުވި ފަހުން މާހީ ބިރުން ވިރިވިރި ހުންނަ ތަން ފެންނާތީ ރީޝަމް ހުންނަނީ ހިތްހަމަ ނުޖެހިފައެވެ. އާނިޔާ އަށް އަނިޔާ ކުރާއިރުވެސް އާނިޔާ ހާނިމްއާއި ކައިވެނި ކުރުމުން ޝަކުވާ ކުރަން ބޭނުންވިއެވެ. މާހީ ބަނޑުހައި ވާކަމަށް ބުނުމުން ރީޝަމް މާހީ ގޮވައިގެން ކާގެއަށް ވަނެވެ. މާހީ އަން ކާން އަޅާފައި ރީޝަމް އޭނާގެ ކޮޓަރިއަށް ވަންނަން އުޅުނީ އެއްޗެއް ނުލާ އާދެވުމުން އެވެ. އެހެނަސް އާނިޔާގެ ކޮޓަރިން ރީޝަމްއޭ ކިޔައިގެން ވާހަކަ ދައްކަން ފެށުމުން އަޑުއަހަން މަޑުކޮށްލެވުނެވެ.”ހާނިމް.. އޭނަގެ ވާހަކަ ނުދައްކާ ބާރަށް..” އާނިޔާގެ އަޑު ކުޑަކޮށް ހުޅުވިފައި ހުރި ދޮރުން ރީޝަމްގެ ކަންފަތާއި ހިސާބަށް ފޯރިއެވެ. ހާނިމް ވެސް ވާހަކަ ދެއްކިއެވެ.”ދައްކާނަން.. އާނިޔާ ކީއްވެހޭ އޭނަ ގެއަށް ގެންނަން ޖެހުނީ.. މަ ހިތްހަމައެއް ނުޖެހެއޭ ރީޝަމް ގެންނާކަށް..”
ރީޝަމް ދެބުމަ ކައިރިވިއެވެ.”ދުވަހަކު ވެސް ހާނިމްގެ ކައިރިން ރީޝަމްގެ ކަންތައްތަކުގައި ރުފިޔާ ނެގިންތަ؟.. އަހަރެން އަމިއްލައަށް އޮފީހަށް މަސައްކަތް ކުރަން ގޮސްގެން ހޯދާ އާމްދަނީއިން ރީޝަމް ވެސް މާހީ ވެސް އަހަރެންގެ ވެސް ހުރިހާ ކަމެއް ކުރެވޭ.. ކިރިޔާ ވެސް ގޮތެއް އިނިއްޔާ އަހަރެން ނުދާނަން ހާނިމް ކައިރިއަށް ރޮއިފައި ސަލާންޖަހާކަށް..ވީއިރު ހާނިމްއަށް ވާ ގެއްލުމެއް އަހަންނަކަށް ނުވިސްނޭ..” އާނިޔާ ވީހާ ވެސް މަޑުން ބުންޏެވެ.”އާނ.. ހެއްވާނުން؟ ދުރުހިލޭ މީހެއް ގެނެސް ހިލޭ ސާބަހަށް ގޭގަ ގެންގުޅެނީ ތިމާމީހާގެ މާތްކަން އަންގަންތަ؟ ރަނގަޅީ ވީހާވެސް އަވަހަކަށް އޭނަ ފޮނުވައިލިއްޔާ..” ހާނިމްގެ ވާހަކައިން ރީޝަމް ފެންކަޅިވަމުން ދިޔައެވެ.
“ނޫން.. ނުވާނެ.. އަހަންނަށް ހެވޭ ހާނިމް އަހަރެން ވަރި ކުރިޔަސް.. އަހަރެންނެއް ނޫނޭ އައީއެއް ހާނިމްގެ ފަހަތުން.. ހިތްހަމަނުޖެހޭ ނަމަ ގެއިން ދޭ.. ވަރިހަމަ..” ނުރުހުން ވިއެވެ. އެއްވެސް އިޚްތިޔާރަކާއި ނުލާ ރީޝަމްއަށް ރޮވުނެވެ. އޭނައާއި ހެދި ބަޔަކަށް އުނދަގޫވާކަން ޔަޤީންވުމުން ބޭނުންވީ އެތަނުން ދާންށެވެ. ރީޝަމްއަށް އިސްއުފުލާލަން މަޖުބޫރޫވީ ދޮރު ބޮޑަށް ހުޅުވާލާފައި ހާނިމް ނިކުންނަން ފެށުމުންނެވެ.”ރީޝް..” ހާނިމްގެ ފަހަތުގައި ކޮޅަށް ހުރި އާނިޔާގެ ދެލޯ ބޮޑުވިއެވެ. އާނިޔާ އާއި ދިމާއަށް ފާޑަކަށް ހީނލާފައި ހާނިމް ދިޔައީއެވެ.”އިޓްސް އޯކޭ ދައްތާ.. ރުޅި އަންނަނަމަ އަހަރެން ފޮނުވާލާ..” ފުރަގަސްދެމުން ރީޝަމް ވާހަކަ ދެއްކިއެވެ.”އަހަރެން ވެސް ޖޮބަކަށް ގޮސްގެން އުޅެދަނަމޭ..” ހިތަށް ކޮށްފައިވާ އަސަރުން ރީޝަމްއަށް ވާހަކަދެއްކުނީ އަމިއްލަ ނަފްސަށް ހަމްދަރުދީ ވާގޮތަށެވެ.
“ނޫން ރީޝް.. ދައްތަ ބަލާނަމޭ.. ހާނިމްބެ ކިޔާ އެއްޗެއްސަށް އަޅާ ނުލާތި.. ކޮބާ މާހީ..” އާނިޔާ ރީޝަމްގެ ކަރުނަތައް ފޮހެދިނެވެ.”ކާން އިނީ..” ރީޝަމް ޖަވާބު ދީފައި ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ. ރީޝަމްގެ ފަރާތުން މީހަކަށް އުނދަގޫވާން ރީޝަމް ބޭނުމެއް ނޫނެވެ. ހާނިމް ރުޅި އައިސްގެން ދާނަމަ އާނިޔާއަށް ވަނީ އުނދަގުލެވެ. އެހަށްވުރެ ރީޝަމް ދިއުން ވެސް މާ ރަނގަޅު ކަންނޭނގެއެވެ. އިރުކޮޅެއް ކޮށްފައި އާނިޔާ އަތުން ރުފިޔާ ހިފައިގެން ރީޝަމް ދިޔައީ ފިނި އެއްޗެއް ގަންނަން ކަމަށް ބުނެ އެވެ. ދެރަވެފައި ހުންނަ ގަޑިއަކަށް ރީޝަމް ކެއުމަކީ އާންމު ކަމަކަށް ވުމުން އާނިޔާ އެކަން ނުހުއްޓުވިއެވެ. ކައިރީގައި ހުރި ފިހާރައިން ލުއިކާނާތައް ގަނެގެން ރީޝަމް ފިހާރައިން ނިކުތެވެ. އޭރު ވާރޭ ވެހެން އުޅެނީއެވެ.
އަވަސް އަވަހަށް ދުއްވައި ގަންނަން އުޅުނު ވަގުތު ވާރޭ އޮއްސައިލީ ހަމަ ކުއްލިއަކަށެވެ. ވީ ދެރައިންނާއި ގަތް ބިރުން ރީޝަމް ގެ ލޯ އަނެއްކާވެސް ފެންކަޅިވިއެވެ. އެންމެ ކައިރީގައި ހުރި ހިޔާކޮޅަށް ރީޝަމް ވަނީ މީހަކު ހުރެދާނެ ކަމަށް ވިސްނާފައެއް ނޫނެވެ.”އޯހ ސޮރީ..” މީހެއްގެ ގައިގައި ޖެހުމުން ރީޝަމް މަޢާފަށް އެދުނެވެ. ދެބުމަ ކައިރި ކޮށްލައިގެން ބަލަން ހުރި ކިޔާން ފެނި ރީޝަމް ސިހުނެވެ.”ރީޝް؟ އެކަނިތަ؟..” ކިޔާން އެހިއެވެ.”ހޫމް..” އިތުރު ވާހަކައެއް ދައްކަން ރީޝަމް ބޭނުމެއް ނުވީ ދެރަވެފައި ހުރުމުންނެވެ.”އަދި ހަނދާން ނެތުނީއޭ.. މާއިލް ދޭ އެބަ ރަށަކަށް އޭނަ އާއިލާއާ އެކީ.. އެހެންވެ ހަބަރެއް ނުވެދާނެ..” ހަނދާން ކޮށްލާފައި ކިޔާން ބުންޏެވެ.”އޯހ..” ޝައުގުވެރި ވާކަމަށް ހެދެމުން ރީޝަމް ހެދުނެވެ.”ހޫމް.. ހާދަ ބައިވަރު ކާއެއްޗެހި.. އެކަނި ކެވޭނެ؟ ޝެއަރ ކުރަން ވީއެއްނު..” ކިޔާން ކޮތަޅަށް އިޝާރާތް ކުރިއެވެ.”އަމް.. ދެން..” ރީޝަމް ފާޑަކަށް ރަކިވިއެވެ. އެވަގުތު ވެފައި ހުރި ދެރަ މަތިން ވެސް ހަނދާން ނެތޭ ގޮތް ވިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


