ވީމޭ އިންތިޒާރުގައި – 14
އަވަސް އަވަހަށް ރީހާން ކޮފީތަށީގައި ތުން ޖަހާ ކޯވަރެއް ބޯލިއެވެ. އެހެނަސް ކަރަށް އަރައިގެން ދިޔަ ތޫނު ތަދާއި އެކީ އަނގައި ތެރޭގައި ލި ބޯ އަނބުރާ ކަހަލަ ރަހައަކުން ރީހާން މޭނުބައި ކުރިއެވެ. ކޮފީ ތައްޓާއި ދިމަ ބަލާލެވުނީ ދެނެވެ.”ނުބައީތަ؟ އެކަމް ހީކުރީ މީ ކަމަށް މި ހިސާބުގަ ހުންނަ ބެސްޓް ތަނަކީ.. އެހެން ތާކަށް ދަމާ؟..” ހަނާ އެހިއެވެ.”ނޯ އޯކޭ ވާނެ..” މާ ކުރިން ހަނާ ރުފިޔާ ދައްކާފައި ވުމުން ރީހާން އަށް އެބަސް ވާކަށް ނުކެރުނެވެ. އެކަމަކު ވެސް އެ ތޫނު ތަދުގެ ސަބަބުން އަނގައިގައި ލޭ ރަހަ ލީ ހެން ރީހާންއަށް ހީވިއެވެ.
**14 ވަނަ ޕާޓު**
“ދެން އެވާހަކަ ބާއްވަމާ.. އަހަންނަށް ހީވަނީ އެވާހަކަ ދެއްކީމަ ރީހާން ނާވަސް ވަނީހެން ދޯ؟.. އިޓްސް އޯކޭ.. އަހަރެންނަކަށް ވެސް ނުލިބުނޭ އަހަރެން ލައިކް ވާ މީހެއް.. އަހަރެން ވެސް މީ ރީހާން ކަހަލަ ބަދުނަސީބު ވެރިއެއް..” ހަނާ ބުންޏެވެ. ރީހާން އިނީ ހަނާގެ ވާހަކައަށް އިތުރު އެއްޗެއް ބުނެވޭ ފަދަ ހާލަތެއްގައެއް ނޫނެވެ. ހިތްވަރު ކޮށްފައި ދެވަނަ ކޯ ވަރު ވެސް ކަރުތެރެއަށް ދިރުވާލި އެވެ. ކުރިން ފަހަރަށް ވުރެ މިފަހަރު ވޭން މާ ބޮޑެވެ. ދެލޮލަށް ކަރުނަ އެއްވުމާއެކު ނިއްކުރިމަތިން ދާތިކި ބަބުޅަމުން ދިޔަ އެވެ. ނެތް ހިތްވަރާއެކު ވެސް އެ ކޮފީތަށި ހުސްކުރި އިރު ރީހާންގެ ކަރުގައި ކުރާނެ ކަމެއް ނެތެވެ. ހީވަނީ ކަރު ކަފަކަފައިގެން ގޮސްފައި ވާހެންނެވެ.”ސޯ ފްރެންޑްސް؟..” ރީހާން އިސްޖަހައިގެން އިނުމުން ހަނާ ސަލާމް ކުރަން އަތް ދިއްކުރިއެވެ. އެއްޗެއް ނުބުނެ ރީހާން ބޯ ޖަހާލަމުން ހަނާ އާއި ސަލާމް ކުރިއެވެ.”ދަނީ އިނގޭ.. ވަރަށް ބޮޑަށް ތެންކިއު އައިސް ދިނީމަ.. އަދި ވާނެ ދޯ މީޓް ވާން..” ހިތްހެޔޮ ކަމާއެކު ހަނާ އެހެން ބުނުމަށްފަހު ދާން ނިކުތެވެ. ދަމުން ދަމުން މީހަކަށް ގުޅިތަން ރީހާންއަށް ނުފެނުނީ ހަނާގެ ހަރަކާތްތަކަށް ފާރަލާން ބޭނުން ނުވުމުންނެވެ.
ރީހާން އުނދަގުލުން ތެދުވެ ހިނގާފައި ގެއަށް ދާން މިސްރާބު ޖެހިއެވެ. އެހާ ކައިރިއަށް ކާރުގައި އަންނަން ބޭނުން ނުވުމުން ރީހާން އައީ ކާރު ގަރާޖުގައި ބާއްވާފައެވެ. ގެއާއި އަރާ ހަމަވިއިރު ކެތްކުރަން ރީހާންއަށް އުނދަގޫވިއެވެ. އަނގަމަތީގައި އަތް އަޅައިގެން ގެއަށް ވަތް އިރު ބަނޑުގައި ވެސް ފާޑެއްގެ ތަދެއް ހުއްޓެވެ. ދުވެފައި ގޮސް ފާޚާނާއަށް ވަދެވުނީ ކިރިޔާއެވެ. އަތް ފޫއަޅުވާލައި ހޫނު އެއްޗެހިތަކެއް ފައިބައިގަތެވެ. ހޮޑުހެން ހީ ނުވުމުން ރީހާން ދެލޯ ހުޅުވާ ބަލާލިއިރު ކަމަކުދާކަށް ނެތެވެ. ފާޚާނާ ތެރޭގައި ވަނީ ލެޔެވެ. ދެވަނަ ފަހަރަށް ލޭލެވެން އުޅޭހެން ހީވުމުން ރީހާން ފާޚާނާގެ ދޮރު ލައްޕާ ލާފައި މޫނު ދޮންނަން ފެށިއެވެ. އަދި ފެން ޖަހާފައި ލޭތައް ސާފުކޮށްލާފައި ނިކުތް އިރު ވެސް ފާޑަކަށް މޭ ނުބައި ކުރެއެވެ.”ރީހާން އައީ ދޯ؟..” ކާގެއިން ނުކުމެގެން އައި އެލީޒާގެ އަޑަށް ރީހާން ކޮޓަރިން ނިކުތެވެ.
“ދަނީ އިނގޭ ގެއަށް.. ގުޑް ނައިޓް..” ހިނިތުންވެލާފައި އެލީޒާ ގެއަށް ދާން ނިކުންނަން އުޅުނެވެ.”ރީހާން؟..” އެކަމަކުވެސް ވަކި ހިސާބަކުން އެލީޒާ ބާރަށް ގޮވާލިއެވެ. ކަރަށް ތަދުވެފައި ވާ ވަރުން ރީހާންއަށް ޖަވާބެއް ނުދެވުނެވެ.”ކޮން ލޭ ތިކިތަކެއް..” ދެލޯ ހަނި ކޮށްގެން ހުރެ އެލީޒާ އެހިއެވެ. އޭރުން ވަރު ދައްކާލާފައި ރީހާން އައިސް ފެން ބޮނީ އެވެ.”އެ އެއްކަލަ ލޭ ތަކެއް ނޫންތަ؟..” ގަދަކަމުން ރީހާން ޖަވާބު ދިން އިރު ކަރުން ހީވަނީ ދުން އަރާ ހެންނެވެ.”ނޫނެކޭ.. އަހަރެން ސާފު ކޮށްފައޭ މި އައީ.. އެހެން ނޫނަސް ބަލާބަލަ.. އަދިވެސް ނުހިކޭ..” އެލީޒާ ރީހާންގެ އަތުގައި ހިފައިގެން ގެންގޮސް އެތަން ދެއްކިއެވެ.”އަމް.. ނޭނގެ..” އެގަޑީގައި އަތުން ތިކި ޖެހިކަމެއް ރީހާންއަކަށް ނޭނގެއެވެ.
ރީހާންގެ ނަސީބު ވެސް ދެރައީއެވެ. އެގަޑީގައި ބަނޑުގައި ރިއްސާފައި އަނެއްކާވެސް ބޮކި ޖަހާފައި ލޭތައް ލެވެން ފެށިއެވެ.”މަންމާތްތްތް!!..” ގަތް ބިރުން އެލީޒާގެ ހީވީ ހިތް ހުއްޓުނު ހެންނެވެ. ރީހާންގެ މޫނުމަތިން ވޭނަށް ކެތް ކުރަމުންދާ އަސަރުތައް ފެނުމުން އެލީޒާގެ އަނގަ ތަންމިނަށް ހުޅުވުނެވެ. ދެވަނަ ފަހަރަށް ހަޅޭއްލަވައި ގަންނަން އުޅެނިކޮށް ރީހާން އަތުން އިޝާރާތް ކުރީ އެހެން ނުހެދުމަށެވެ. އެހާ ގިނަ ލޭ އެއްފަހަރާ ބޭރުވުމުން ރީހާންގެ މޫނު ފާޑަކަށް ހުދުވިއެވެ.”ރީހާން..” ތުރުތުރު އަޅާފައިވާ އަޑަކުން އެލީޒާ ގޮވާލިއެވެ.”ހިނގާ ޑޮކްޓަރ އަށް ދާން..” ބިރުން ރޮވުން އިރުވެސް އެލީޒާއަކަށް ނޭނގުނެވެ. ދެންވެސް ރީހާން ބޯ ދެފަރާތަށް ހޫރާލީ ނޫނެކޭ ބުނުމަށެވެ. އަވަސް އަވަހަށް ދުވެފައި ގޮސް އެލީޒާ ފިނިފެން ފުޅިއެއް ހިފައިގެން އައެވެ. އަދި ލަސްނުކޮށް ރީހާންއަށް ބޯން ދިނެވެ.
“ކިހިނެއްތަ ވީ ރީހާން.. ޕްލީޒް ބުނެބަލަ.. ކީއްވެ އެހާ ބައިވަރު ލެއެއް .. އަޅެ ރީހާން..” ރޮވިފައި ހުރެ އެލީޒާ ވާހަކަ ދައްކަމުން ދިޔައެވެ.”އެއްވެސް ކަމެއް ނޫނޭ އެއި..” ހިތްވަރު ކޮށްފައި ވާހަކަ ދެއްކި ނަމަވެސް ތަދުވި ވަރުން ދެލޮލުން ފެން އަންނަން އުޅުނެވެ. ބަލާކަށް ނުހުރެ އެލީޒާ އަވަސް އަވަހަށް ހޮސްޕިޓަލަށް ގުޅާފައި ޑޮކްޓަރ އެއް ކައިރީ އައުމަށް އެދުނެވެ. ފަރުވާއެއް ބޭނުން ވެފައި ވާތީ ރީހާން ހުއްޓުވަން ނޫޅެއެވެ. ލޭތައް ސާފުކުރުމަށް އެލީޒާ އެއްފަރާތަށް ޖެހިލި ގަޑީގައި ރީހާންގެ ފޯނަށް މީހަކު ގުޅަން ފެށިއެވެ. ހަނާ ކަމަށް ހީކޮށް ބަލާލި އިރު ހަނާއެއް ނޫނެވެ.”ކުރިން ބުނިން ކަންނޭނގެ ދޯ ޒާންއާ ލިއީޝްގެ ދެމެދަށް ވަންނަން ނޫޅޭށޭ.. ރީތިކޮށް ބުނީމަ ނޭންގުން.. އެހެންނު؟.. ކެތް ކޮށްލާ ދެން..” އެއީ ކުރީގައި ދަންވަރު ގަޑީގައި އިންޒާރު ދިން މީހާކަން އެ ދެއްކި ވާހަކަ ތަކުން ރީހާންއަށް ޔަޤީންވިއެވެ. އެ ގެއްލުން ދިނީ އެމީހާކަން ވެސް ރީހާންއަށް އިނގުނެވެ.
އެމްބިއުލަންސްގައި ހޮސްޕިޓަލަށް ގެންދިޔަ އިރު ރީހާންގެ ލޭ ދަށަށް ގޮސްގެން ފުދޭވަރަކަށް ލޭ އަޅަން ވެސް ޖެހުނެވެ. ޓެސްޓުތައް ހަދާފައި ނަތީޖާ ލިބެން އެހާ ގިނައިރު ނެތުމުން ހޮސްޕިޓަލްގެ ކެންޓީނަށް ރީހާން ގޮވައިގެން އެލީޒާ ދިޔައެވެ. ކޮފީއެއް ގެންނަން އުޅެފައި ވެސް ކުރިން ވީކަހަލަ ކަމެއް ވެދާނެތީ ރީހާން ގެނައީ ހޮޓް ޗޮކްލެޓެކެވެ. އެކި ވާހަކަ ދައްކަމުން ގޮސް އެލީޒާ އަސްލު ވީ ކިހިނެއްކަން ބުނާށޭ ބުންޏެވެ.”އަނެއްހެން ނޭނގެ.. އެ ކޮފީއެއް ބޮއިގެން ކަންނޭނގެ.. އެކަމް ކުރިން ވެސް ދަމޭ އެތަނަށް.. އެރަހައެއް ނުލާ..” ކަރުގައި އަތް އަޅައިގެން އިނދެ ރީހާން ބުންޏެވެ. އެހެން ތިއްބައި ޓެސްޓްގެ ނަތީޖާ ލިބިގެން ދާން އެންގުމުން ރީހާންއާއި އެލީޒާ ގޮސް ޑޮކްޓަރ އާއި ބައްދަލު ކުރިއެވެ.
“ރީހާންގެ ހަށިގަނޑުގަ ވިހައިގެ މާއްދާއެއް ހުރިކަން އިނގޭތޯ؟..” އިނގިރޭސި ބަހުން ޑޮކްޓަރ ސުވާލު ކުރިއެވެ.”ވަޓް؟.. ވިހައޭ؟..” އެލީޒާގެ ބޮލަށް ހީވީ އެނބުރުން އެރި ހެންނެވެ.”ތިބޭފުޅާ ގަސްތުގައެއް ނޫން ދެއްތޯ އެ ބޭނުން ކުރީ؟..” ޑޮކްޓަރ ގެ ސުވާލު ތަކުން ރީހާންގެ ސިކުނޑި ސުމަކަށް ދާގޮތް ވިއެވެ.”އަޅުގަނޑަށް އިނގިގެން އަދި ބޭނުމެއް ނުކުރަން.. ޔަޤީންތޯ ވިހައެއްކަން؟..” އެކަހަލަ ވާހަކައެއް ދެއްކުމުން ރީހާން ހިތްހަމަ ނުޖެހުނެވެ.”އާދެ..ވެދާނެ ކެވުނު އެއްޗެއްގެ ސަބަބުން ކަމަށް.” ޑޮކްޓަރގެ ޖަވާބު ލިބުމުން އޯކޭއޭ ބުނެފައި ބޭސް ނަގަން ރީހާން ހިނގައިގަތީ އެލީޒާ ގޮވައިގެންނެވެ. އެއްފަހަރު ވެސް ހަނާގެ ބޮލުގައި އެކަން އަޅުވާ ކަށް ރީހާންގެ ހިތަކަށް ނޭރިއެވެ. ދެންމެ ދިމާވި މީހަކު އެފަދަ ގޮތަކަށް ކަންތައް ކުރަން ޖެހޭނެހެން ހީނުވީއެވެ.
ގެއަށް ވަތް އިރު ރީހާންގެ ހަށިގަނޑުގައި ވަރެއް ނެތެވެ. ރީހާންއަށް ގޮތެއް ވެދާނެތީ އެރޭ ގެއަށް ދާކަށް އެލީޒާ ބޭނުމެއް ނުވިއެވެ. ބޭސްކެއިފަހުން ވެސް ބައެއްފަހަރު ކެއްސާލާއިށް ލޭ އަންނާތީއެވެ. ރީހާންއަށް ނިދުނީ އެހެން އޮއްވައެވެ. އެލީޒާ އޮތީ ސޯފާގައި ދެފައި ދަމާލައިގެންނެވެ. އެ މަންޒަރު ސިފަވުމާއި އެކު އެލީޒާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. އެހާ ބައިވަރު ލޭ ފެނުނު ފުރަތަަމަ ފަހަރު ކަމުން އަދިވެސް ފާޑެއްގެ ބިރުވެރިކަމެއް ހިތުގައި އޮތެވެ. ނިދީގައި ކިރިޔާ ރީހާން ކެއްސާލި ނަމަވެސް އެލީޒާ އިންނަނީ ކަންފަތް ދީގެންނެވެ. ދަންވަރު ބޭސްކާ ގަޑި ޖެހުނުކަން އިނގުނީ ފޯނު އެގަޑި އަށް އެލާމް ކޮށްފައި ވުމުންނެވެ. އާފުރެމުން ރީހާން ކައިރިއަށް ގޮސް އެލީޒާ ގޮވަން އުޅުނެވެ. އެހެނަސް ބްލްންކެޓް ދަށުގައި އޮތް ރީހާންގެ ހަށިގަނޑުގައި ވަނީ ހޫނު ކަމެވެ.
“ރީހާން.. ޕްލީޒް ހޭލާބަލަ..” އެލީޒާ ހީކުރީ ވިހައިގެ އަސަރުން ހުރިހާ ކަމެއް ގޯސް ވަނީ ކަމަށެވެ.”ހޫމް..” ކަންނެތް އަޑަކުން ރީހާން ކުކުރާލިއެވެ.”ބޭސްކާން ހިނގާ..” ކަންބޮޑުވެފައި އެލީޒާ ރީހާންއަށް އިށީންނަން އެހީތެރިވިއެވެ. އޭރުވެސް ރީހާންއަށް އިނީ ނިދިފައެވެ. ބޭސްތައް ދިނުމުން އެ ކެއުމަށްފަހު ފެން ބޮއިގެން ރީހާން އަލުން ނިދީއެވެ. ނަމަވެސް ރީހާންއަށް އިތުރު ކަމެއް ބޭނުން ވެދާނެތީ އެލީޒާ އިނީ ނުނިދަން ނިންމައިގެންނެވެ. އެހެން އިންދައި ވެސް ނިދިގެން އެލީޒާ ވެއްޓުނީ ރީހާންގެ އަތް މައްޗަށެވެ.
“ގަދައޭ އިނގޭ..” ޒާން ކައިރީގައި އިށީނދެގެން އިން ލަހުމާ އިނީ ހެވިފައެވެ.”ދެން ނުނެއްޓުނިއްޔާ ސަލާމަތަކުން ނުބަހައްޓާނަން އޭނައެއް.. ހީކުރަނީ ދޯ ދެން.. ބޯ ހަލާކު..” ފޫހި ފާޑަކަށް ޒާން ބުންޏެވެ.”ލިއީޝް ހުންނާނީ އަހަރެންގެ ބެލުމުގެ ދަށުގަ..” ލިއީޝް ދޮރުމަތިން ހުރަސް ކުރަނިކޮށް އޭނާގެ ނަން އައުމުން ކުޑަކޮށް މަޑުޖެހިލިއެވެ. އެހެނަސް އިތުރަށް އެމީހުން ދެއްކީ އެހެން ވާހަކަ އެކެވެ.”ކޮން ކަމެއް ވެގެންތަ އެމީހުން އެއުޅެނީ..” ފޫހިވެފައި ހުރެ ލިއީޝް ކޮޓަރިއަށް ދާން ހިނގައިގަތެވެ. ފަހަކަށްއައިސް ޒާން އުޅޭލެއް ގައިގޯޅިވާން އުޅޭތީ ލިއީޝް ވަނީ ފާޑެއްގެ ފޫއްސެކެވެ. ނުވަތަ ރީހާން ފެނުމުން އަނެއްކާ ޒާން މަތިން ފޫހިވަނީ ބާއެވެ؟ ކުރިން ވެސް ޒާން އުޅެނީ އެހާ ކައިރި ކައިރިންނެވެ.
އެރޭ ޒާން އާ އެކީ ރޭގަނޑުގެ ކެއުމަށް ދާން އެހުމުން ލިއީޝްއަށް ދެވޭކަމަކަށް ނުވިއެވެ.”އަޅެ ލިއީ.. ބަލީތަ؟.. ކިހިނެއް ވެފަ ތި ހުންނަނީ.. މިހާރަކަށް އައިސް އަހަންނާ ދުރުން އުޅޭކަން އިނގޭ.. ސަބަބު ބުނެބަލަ.. ހިތްހަމަ ނުޖެހޭ ކަމެއް ވީތަ؟..” ކިތަންމެ ރީއްޗަށް ސަބަބު އިނގުނު ނަމަވެސް ޒާން ނޭނގެ ކަމަށް ހަދާފައި ލިއީޝްގެ އުނަގަނޑުގައި އަތް އަޅުވާލިއެވެ.”ނޫން.. ނޭނގެ… ޒާން އަހަރެންނާ މާ ކައިރި ވެގެން އުޅޭތީ ހިތްހަމައެއް ނުޖެހޭ.. އަހަރެން ބުނީމެއްނު މެރީ ކޮށްގެން ނޫނީ އެހާ ބޮޑަށް ކައިރިވާން ބޭނުންމެއް ނޫނޭ..” ޒާންގެ އަތް ނައްޓާލާފައި ލިއީޝް ދުރަށް ޖެހިލިއެވެ. ލިއީޝް އެހެން ކަންތައް ކުރުމުން ޒާން ހިތްހަމަ ނުޖެހުނެވެ.”އަހަރެން ނިދަން ވެއްޖެ..” ޒާންއާއި ވާހަކަ ދައްކަން ފޫހިވުމުން ލިއީޝް އަވަހަށް އޮށޯތެވެ. ދަތްކުނޑި ވިކާލި އިރު ޒާންގެ ރުޅިގަނޑު ވަނީ ގަދަވެފައެވެ.
ހެނދުނު ރީހާންއަށް ހޭލެވުނީ ފިނި ވެގެންނެވެ. އޭރުވެސް ކުޑަކޮށް ހުމުގެ އަސަރު ހުއްޓެވެ. އޭނާގެ އަތް މަތީގައި ނިދފައި އޮތް އެލީޒާ ފެނުމުން އަމިއްލަ އަމިއްލައަށް ޝަކުވާ ކުރަން ފެށިއެވެ.”އެލީ..” ފާޚާނާއިން ނުކުމެގެން އައިސް ރީހާން އެލީޒާއަށް ގޮވާލިއެވެ. އެންމެ ފަހަރަކު ކޮއްޓާލުމުން ވެސް އެލީޒާ ފުންމައިގެން ތެދުވިއެވެ.”ދެން އެންމެ ރަނގަޅު ގެއަށް ދިޔަސް.. މިހާރު އޯކޭއޭ އަހަރެން..” އެނދުގައި އިށީނދެ ދެފައި ދަމާލަމުން ރީހާން ބުންޏެވެ.”ދެން ރީހޫ.. އަދިވެސް ހުން އެބަ ހުރި..” އެލީޒާ ރީހާންގެ ނިއްކުރީގައި އަތް ބާއްވާލިއެވެ.”ބޭސް ކެއީމަ އޯކޭ ވާނެ.. ދެން ދޭބަލަ ރެސްޓް ކުރަން..” ރީހާން ކުރުނުކޮށް ކިޔަން ފެށުމުން ބޮޑާ ހާކާފައި އެލީޒާ ގެއިން ނިކުތީ މެންދުރު އަންނާނެކަމަށް ބުނެފައެވެ. ކުޑަކޮށް ހެނދުނުގެ ނާސްތާ ނަގައިގެން ރީހާން އެނދުގައި އޮށޯތީ ވަރުބަލި ފިލުވައި ލުމަށެވެ.
މެންދުރު ގަޑީގައި އެލީޒާ އަންނާނެކަމަށް ރީހާން ކުޑަކޮށް ތައްޔާރުވީ ބޭރަށް ދިއުމަށެވެ. އެކަމަކު ފަނަރަ މިނެޓް ފާއިތުވެ ދިޔަ އިރު ވެސް އެލީޒާގެ ޚަބަރެއް ނުވިއެވެ. ކުޑަކޮށް ލަސްވެދާނެއޭ ހިތާ ރީހާން ޓީވީ އެޅުވިއެވެ. ވަގުތު ފާއިތުވަމުން ގޮސް ހަވީރު ވީ އިރުވެސް އެލީޒާގެ ޚަބަރެއް ނުވިއެވެ. ފޯނަށް ގުޅުމުން ވެސް ޖަވާބެއް ނާދެއެވެ. އެލީޒާ އަކީ ދުވަހަކު ވެސް ރީހާންގެ ކަމެއްގައި ފަރުވާ ކުޑަކުރި ކުއްޖެއް ނޫނެވެ. އެހެން ވުމާއެކު ނޭދެވޭ ޚިޔާލުތަކުން ރީހާންގެ ސިކުނޑި ފުރުނެވެ. އަވަސް އަވަހަށް އެލީޒާގެ މަންމައަށް ރީހާން ގުޅިއެވެ.”އެލީޒާތަ؟..” އެލީޒާގެ މަންމަ އެހިއެވެ.”ނޫން މީ ރީހާން..” ރީހާން ބުންޏެވެ.”އޯހ.. މެންދުރު ނިކުތް ގޮތަށް ބުނި ވިއްޔަ އަންނާނަމޭ އިރުކޮޅަކުން.. އެހެންވެ ލަސްވި ސަބަބު އޮޅުންފިލުވަން ކަމަށް ހީކުރީ..” އެލީޒާގެ މަންމަ އެހެން ބުނުމުން ރީހާން ދެލޯ ބޮޑުވިއެވެ.”އޯކޭ..” ރީހާން ފޯނު ކަނޑާލިއެވެ.
ދެމީހުންގެ ގެ ހުންނަނީ ޖެހިޖެހިގެންނެވެ. މެންދުރު ނުކުމެގެން އިރު އޮއްސޭއިރަށް ނާދެވެންވީ ސަބަބެއް ނޯންނާނެއެވެ.”އެލީ..” ފުންމައިގެން ތެދުވެ އައިސްފައި ހުރި ހުމަށް ބަލާނުލައި ކާރުގެ ތަޅުދަނޑި ހިފައިގެން ގެއިން ނިކުތެވެ. ފިނިވި ނަމަވެސް އެލީޒާ ހޯދަން ރީހާން މަސައްކަތް ފެށީ ހާސްވެފައި ހުރެއެވެ. އެލީޒާ ދާ ހިތްވާ ތަންތަނަށް ގޮސްގެން ނުފެނުމުން އެންމެފަހުން އެލީޒާގެ ފޯނުގެ ލޮކޭޝަން ބަލާލިއެވެ. މާ ކައިރިނޫން ހިސާބެއްގައި ހުރި ފިހާރައެއް ކައިރި ދައްކަން ފެށުމުން ހިސާބަކަށް ހަމަޖެހުނީ އެލީޒާ ވީ ފިހާރައިގައި ކަމަށް ނިންމަމުންނެވެ. އެކަމަކުވެސް ދާން ހިތް އެދުމުން ރީހާން ކާރު އެދިމާއަށް ދުއްވާލިއެވެ.
ކާރުން ފޭބި ގޮތަށް ފޯނު ބަލަމުން ކުރިއަށް ދާންފެށި ރީހާން މަޑުޖެހުނީ އަނދިރި އަދި ހަނި ގޯޅިއަކުން ފުރަގަސް ދީގެން ގުދަށް ތިރިވގެން އޮތް ފިރިހެނެއް ފެނުމުންނެވެ. ފޯނާއި ދިމާއަށް ބަލާލި އިރު އެލީޒާގެ ފޯނު އޮތްކަމަށް ދައްކަނީ އެ ގޯޅިތެރެއިންނެވެ. ކައިރީގައި ހުރި ފިހާރައަށް ވަންނަމުން ދިޔަ މީހުންގެ ލޮލުގައި އަޅައިގަންނަ ވަރަށްވުރެ އެ ގޯޅި އަނދިރިކަމުން އެމީހާގެ މޫނެއް ރީހާންއަށް ސާފެއް ނުވިއެވެ.”ކާކު؟؟..” އަޑަށް ބާރު ލާފައި ރީހާން އެހެން އެހުމުން އެމީހާ ފާޑަކަށް ސިހުނެވެ. ރީހާން އާއި ދިމާއަށް އެނބުރުމުން އެއީ ޒާންކަން އިނގެން ގިނައިރެއް ނުނެގިއެވެ. ޒާންގެ ފައި ކައިރީގައި އެލީޒާ އިން އިރު އެ ދެލޮލުން ކަރުނަ ހުސް ނުވެއެވެ. އަނގަމަތީގައި ޓޭޕް އަޅާފައި އޮތް އިރު ލައިފައި އިން ބޯ ފޮތީގެ ގަމީސް ކިލާވެފައި ވާއިރު ބައެއް ތަންތަން އިރައިފައި ގައި ފެންނަން ހުއްޓެވެ. ޒާންގެ މަޤްޞަދު އިނގުމުން ރީހާން ލޭ ކެކިގަތެވެ.
ތަޅާފޮޅުމުގެ ބަދަލުގައި އަވަސް އަވަހަށް ގޮސް އެލީޒާގެ އަނގައިން ޓޭޕް ގަނޑު ދަމައިގަނެ ރީހާން ލައިފައި ހުރި ޖެކެޓް ލެއްވިއެވެ.”ދޭބަލަ ދުރަށް ރީހާން!!..” އަޑަށް ބާރުލާފައި ބުނި ނަމަވެސް ފުދޭވަރެއްގެ ޖެހިލުންވުމެއް ޒާންގެ އަޑުގައި ވެއެވެ. ރީހާން ސަލާމަތުން ހުރިތަން ފެނުނީމަ ކަމަށް ވެދާނެއެވެ. އަޅާ ނުލައި އެލީޒާ ގޮވައިގެން ދާން އުޅެނިކޮށް ޒާން ރީހާންގެ ޓީޝާޓުގައި ހިފާ ހުއްޓުވިއެވެ.”ދޫކޮށްލާ..” ރުޅި މައިތިރި ކުރަމުން ރީހާން ރީއްޗަށް އެދުނެވެ. އެކަމަކު ޒާން ދޫކޮށްލާކަށް ނޫޅުނެވެ. ގިނައިރު ފިނީގައި ހުރުމުން ރީހާންގެ ހުން މައްޗަށް ދާހެން ވެސް ހީވެއެވެ. ފުން ނޭވާއެއް ދޫކޮށްލާފައި ރީހާން ފަހަތަށް އެނބުރި ޒާންގެ މޫނުމަތީގައި ޖަހާ ބިންމައްޗަށް ވައްޓާލިއެވެ.”ޒާންން!!..” ރީހާން ސިހުނީ ލިއީޝްގެ އަޑު އިވުމުންނެވެ. އަތުގައި ހުރި ކޮތަޅުތައް ދޫކޮށްލާފައި ލިއީޝް ދުއްވައިގަތީ ޒާން ކައިރީ އަށެވެ.
އެތަން ބަލަން ހުރި ރީހާންގެ ހިތުގައި ރިއްސާލި ވަރަށް އެލީޒާ ފެނިފައި ލިއީޝްގެ ހިތުގައި ވެސް ރިއްސާލިއެވެ. ޒާން ހިންގަން އުޅުނު ޖަރީމާ ލިއީޝްއަށް ނުފެނުނީ އެވަގުތު އޭނާ ފިހާރަ ތެރޭގައި ހުރުމުންނެވެ. ހަމައެކަނި ފެނުނު މަންޒަރަކީ ޒާންއަށް ރީހާން އަނިޔާކުރި މަންޒަރެވެ. މީގެ ދުވަސްތަކެއް ކުރިން ރީހާން ފެނުމުން ހިތަށް ކުރި އުނދަގޫތައް ނެތި ދިޔައީ ރީހާން އަކީ ގޮތެއް ފޮތެއް ނެތް މީހެއް ކަމަށް ހީވުމުންނެވެ. ހިތުގައި ރިއްސާލި ނަމަވެސް އެއީ މާ ބޮޑު ކަމަކަށް ލިއީޝް ނުހެދިއެވެ. ލިއީޝްގެ ރުޅިވެރި ދެލޯ ފެނުމުން ރީހާންގެ ހިތް ހީވީ ފޮތިފޮތި ކޮށްލި ހެންނެވެ. އެތާ ހުންނަން ކެތް ނުވުމުން އަޑު ނުލައްވާ ރޮމުން ދިޔަ އެލީޒާގެ އަތުގައި ހިފައިގެން ރީހާން ކާރާއި ދިމާއަށް ހިނގައިގަތެވެ. އެތަން ފެނިފައި ލިއީޝްގެ ހިތް ފެންނަ ނަމަ އެ ހިތަށް ވީގޮތް ޒާންއަށް އިނގުނީހެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.


