ވީމޭ އިންތިޒާރުގައި – 12
ކެއި ގޮތަށް ވެފައި ހުރި ވަރުބަލިން ލައުރާ އަށާއި ޝަލީންއަށް ނިދުނެވެ. ކޮޓަރީގައި ހުރި އެނދު ބޮޑު ކަމުން ތިން މީހުންނަށް ބާލީސް ޖަހާ ވަކި ކޮށްގެން ނިދޭ ވަރު ވެއެވެ. ކިޔާންމެން އޮތީ ލިވިންގް ރޫމް ގައި ހުރި ދެ ސޯފާގައެވެ. އެ ސޯފާތައް ފުދޭވަރަކަށް ކުޑަކަމުން ކިޔާންމެންގެ ކަކުލުން ތިރީގެ އެއްބައި އޮތީ ބޭރުގައެވެ. ދެމީހުން ދެ ސޯފާގައި އޮތްނަމަވެސް މާއިލްއަށް ނިދެންދެން ދެމީހުން ވާހަކަ ދެއްކިއެވެ. ގޭތެރެ ހިމޭންވެ އަނދިރި އިރު ވެސް ކިޔާން އާއި ރީޝަމް އޮތީ ހޭލައެވެ. ދެމީހުންވެސް ހީކޮށްގެން ތިބީ އެންމެން ނިދައިފި ކަމަށެވެ. އެހެން އޮއްވައި ރީޝަމްގެ ލޮލަށް ނިދި އައިސް ދެލޯ މެރުނެވެ. ފަސް ވަރަކަށް މިނެޓަށްފަހު ދެން ފެނުނީ ރީޝަމްގެ މޫނުމަތިން އުނދަގޫ އަސަރުތަކެވެ. ގަދަކަމުން ނޫނެކޭ ބުނަން އުޅޭ ކަހަލަ އަސަރެކެވެ. ރީހާންއަށް ވީ ގޮތަށެވެ. ނަމަވެސް ކުޑަ ތަފާތެއް ވިއެވެ.
**12 ވަނަ ޕާޓު**
ފެންނަނީ ދެބެއިންނެވެ. ބޮޑު ފިރިހެނަކާއި ފުރާވަރު ފިރިހެން ކުއްޖެކެވެ. އެ ދެމީހުން ވެސް ދަނީ ރީޝަމް އާއި ދުރަށެވެ.”ނޫން ނުދޭ” އޭ ބުނުމަށްފަހު ކޮންމެވެސް ނަމަކުން ރީޝަމް އެ ދެމީހުންނަށް މުޚާތަބު ކުރިއެވެ. ކުއްލިއަކަށް ރީޝަމްއަށް ސިއްސައިގެން ގޮސް ހޭލެވުން އިރު ދެލޮލުގައި ކަރުނަ ގިނަވެފައި ހުއްޓެވެ. ގޮވި ނަމެއް ހަނދާންކުރަން ބޭނުންވުމުން ރީޝަމް ސިކުނޑިއަށް ބާރު ލިއެވެ. އެހެނަސް އެ ނަމެއް ނޭނގުނެވެ. ދެލޮލުން ކަރުނަ ފައިބަން އެންމެ ސިކުންތެއްވެސް ނުނެގިއެވެ. ރީޝަމް ބޭނުންވީ އާނިޔާ ކައިރިއަށް ދާންށެވެ. އެ ހުވަފެނާއި ހެދި ހިތަށް އުނދަގޫ ވީމައެވެ.
ޚިޔާލަކަށް ގެއްލިފައި އޮތް ކިޔާންއަށް ގިސްލާ އަޑު އިވިގެން ވަށައިގެން ބަލާ ލެވުނެވެ. އަޑު މަޑު ކަމުން އެއީ ޚިޔާލެކޭ ހިތާ ދެލޯ މަރާލުމާ އެކު ކުޑަކޮށް ކެއްސާލައި ނޭފަތް ދަމާލި އަޑު ވެސް ވަރަށް މަޑުން އިވުނެވެ. ޚިޔާލެއް ނޫންކަން ޔަޤީން ވުމުން ކަންފަތް ދީގެން ކިޔާން އޮތީ އެ އަޑު އިވެނީ ކޮން ދިމާއަކުންކަން ނޭނގިފައެވެ. އަޑު އިވެނީ ކިރިޔާ ކަމުން ވަރަށް ސަމާލުކަން ދޭން ކިޔާންއަށް ޖެހުނެވެ. އަޑު އަންނަނީ ކޮޓަރިންނެވެ. ދެބުމަ ކައިރި ކޮށްލަމުން ކިޔާން މީހަކަށް ނީވެނެހެން އެ ކޮޓަރި ދޮރާއި އަރާ ހަމަކުރިއެވެ. ތިބޭނީ ތިން އަންހެން ކުދިން ކަމުން ފުރަތަމަ ހުޅުވަން ފަސް ޖެހުނެވެ. އެހެނަސް ވީގޮތް ނޭނގި މިރޭ ނުނިދޭނެކަން އިނގޭތީ ކިޔާން ތަޅުގައި ހިފާ އަނބުރާލިއެވެ. ކަމެއް ދިމާވެގެން ދޮރު ނުހުޅުވިދާނެތީ މާއިލް ބުނެގެން ޝަލީން ހުންނަނީ ދޮރު ތަޅުނުލައެވެ.
މީހަކު ވަންނަން އުޅޭހެން ހީވެގެން ރީޝަމްއަށް ދެލޯ ބޮޑުކޮށްގެން ދޮރާއި ދިމާއަށް ބަލަން އޮވެވުނެވެ. ދޮރު ކުރިމަތީގައި ހުރީ ކިޔާންއެވެ. ރީޝަމް އަވަސް އަވަހަށް ކަރުނަތައް ފުހެލިއެވެ. ދޮރު ހުޅުވާލުމުން ވެސް އެނދުގައި ތިބި އަންހެން ކުދިން ފެނުމުން ކިޔާން އެތެރެއަށް ވަންނަން އުނދަގޫ ވިއެވެ. ފާރާއި ކައިރީގައި ޝަލީން އޮތް ބާލީސްތައް ހުސް ދޭތެރެއަށް ލާފައި ދެން އޮތީ ލައުރާ އެވެ. ދެންވެސް ހުސް ދޭތެރެއަށް ބާލީސް ބަރި ޖަހާލާފައި ފައިބާ ދިމާގައި އޮތީ ރީޝަމްއެވެ.”ރީޝް..؟ރީޝްތަ ދެންމެ ރުއީ؟..ކިހިނެއް ވީ؟ އަތަށް ތަދުވަނީތަ؟؟..” ދެލޯ ބޮޑުކޮށްގެން ބަލަން އޮތް ރީޝަމް ކައިރިއަށް ކިޔާން ޖެހިލިއެވެ. ވަގުތުން ރީޝަމް ދެކޮޅު ހެދިއެވެ. އެހެނަސް ރީޝަމްގެ ތެމިފައި ވި އެސްފިޔަ ތަކުން ކިޔާން އަށް ޔަޤީންވިއެވެ. ނިދާފައި ތިބި މީހުންނަށް ބަލާލާފައި ކިޔާން އެދުނީ އޭނާގެ ފަހަތުން އައުމަށަވެ. ރީޝަމް ޖެހިލުންވިއެވެ.”ހާސް ނުވޭ.. އަހަރެން ނޫޅެމޭ ކަމެއް ކުރާކަން.. މިތާ މީހުން ނިދާފަ ތިބީމަ..” ކިޔާންއަށް ރީޝަމްގެ މޫނުމަތިން ފެނުނު ޖެހިލުންވުން ނަގައިގަނެވުނެވެ. ބޯޖަހާލާފައި ކިޔާން އާއި އެކީ ރީޝަމް ގެއިން ނިކުތެވެ.
ކުޑަ އިރުކޮޅަކު ހިނގާލަފައި ދެމީހުން ވެސް ގޮސް އިށީނީ ވެލިގަނޑު މަތީގައެވެ.”ރީޝް ދެން ބުނެބަލަ.. ކަމެއް ދިމާވީތަ؟ އަހަރެމެން ކައިރީ ބުނެބަލަ ރީޝް.. މިރަށުގަ ނިދަން ބިރު ގަންނަނީތަ؟..” ކިޔާން ސުވާލު ކުރަން ފެށިއެވެ.”ނޫން ދެން… ކިޔާން…” އެއްޗެއް ބުނަން އުޅެފައި ވެސް ރީޝަމް މަޑު ކޮށްލިއެވެ.”ކޮއްކޮއާ މަންމަ މަތިން މިސް ވަނީތަ؟..” ޖަހަމުން ދިޔަ ރާޅުތަކަށް ބަލަން ރީޝަމް އިނުމުން ކިޔާން އެހިއެވެ.”ދައްތަ.. ސޮރީ..” ބުނެވުނު އެތި ވިސްނާލަމުން ކިޔާން މަޢާފަށް އެދުނެވެ.”އިޓްސް އޯކޭ..” “މަންމަ” އެ ލަފްޒު އިވުނަސް ރީޝަމް މާޔޫސް ވެއެވެ.”އެން ޔެސް..ދައްތަ އާ މާހީ މަތިން މިސް ވޭ..” މާޔޫސްކަން ފޮރުވާލަމުން ރީޝަމް ޖަވާބު ދިނެވެ.”ސުވާލެއް އަހާލަންތަ؟މީ އެންމެ ރަނގަޅު ގަޑި ކަމަށް ނުވެދާނެ އިނގޭ.. އެކަމް.. ރީޝްގެ މަންމަ ކޮބާތަ؟ ޑިވޯރސްތަ؟…” ކިޔާން ސީދާ ރީޝަމްގެ ދެލޮލަށް ބަލާލިއެވެ.
ލިބުނު ސިހުމުން ރީޝަމް ދެލޯ ބޮޑުވިއެވެ.”ނޭނގެ..” ރީޝަމް ނުރޯން ހިތްވަރު ކުރިއެވެ. ރީޝަމް ދެރަވެފައި އިންކަން އިނގުމުން ކިޔާން އަށް އިތުރު ސުވާލެއް ކުރާކަށް ނުކެރުނެވެ.”ނޭނގެ” އޭ ބުނުމުން ކިޔާން ނިންމީ ބުނަން ބޭނުން ނުވަނީ ކަމުގައެވެ.”އޭ ރީޝްނުރޮއްޗޭ.. ކިއުރިއަސް ވީ ވަރުން އަހާލެވުނީ..” ރީޝަމް އިސްޖަހާލި ތަން ފެނިފައި ކިޔާން ދެރަވިއެވެ.”ނެވަރ މައިންޑް ދެން.. ކީއްވެ ރުއީ އެގަޑީ؟..” ކިޔާން އަނެއްކާ ވެސް އެހިއެވެ.”އަމް.. ހުވަފެނެއް ފެނުނީ..” ރީޝަމް ތެދަށް ބުންޏެވެ.”އަޅޭ އަސްލުތަ؟ އެއާ މެދު އެހާ ވިސްނާކަށް ނުވާނެ އިނގޭ.. ހުވަފެނަކީ ތެދަކަށް ނުވާނެހެން ހީވަނީ..” ކިޔާން ބުންޏެވެ.
“ދެން ބުނަބަލަ މިއަދު އެންމެ އިންޖޯއި ކުރެވުނު ކަމެއް..” ހިނިތުންވުމާ އެކު ކިޔާން މައުޟޫ ބަދަލުކޮށްލިއެވެ.”ލައިކް.. ހުރިހާކަމެއް.. އެންމެ ބޮޑަށް ބާބަކިއު.. އެއީ އެންމެ އަރާމުގަ އިނދެގެން ކަމެއް ނުކޮށް ކެވުނީމަ..” ރީޝަމް ފޮނި ވާކަމަށް ހެދުނެވެ. އެ ގޮތް ކިޔާންއަށް ނުހަނު ކަމުދިޔައެވެ.”ދެން ތެންކިއު ބުނެބަލަ ދޯ؟ އަހަރެންނާ ހެދި އޭ ރީޝްއަށް އެހެން އިނދެވުނީ..” ކިޔާން ދޫ ނެރެލިއެވެ.”އުހުނ.. އަނިޔާއެއް ދިނީމަ ތެންކިއު ބުނާނި މޮޔައެއް..” ރީޝަމް ކުޑަކޮށް ފައި ދަމާލިއެވެ.”ހެވެއްނު.. ގަސްތުގައެއް ނޫނޭ.އަމިއްލަ އަކަށްނު މަގޭ ފައިބުޑަށް އައިސް އޮތީ.. ތިހެން އުޅެންޏާ ތިހާ ކުޑަ މީހަކު ނޭފަތަށް ވެސް ވަދެދާނެ ނޭވާ އެތެރެއަށް ދަމާލާ ގަޑީ..” ކިޔާން ރީޝަމްގެ ކުރުކަމަށް މަލާމާތް ކޮށްލިއެވެ.”އައްދޭ.. ތިހާ ދިގުވެފަ ހޭންސަމް މީހުން ކަނޑަށް އެރުނަސް މަރެއް ނުވާނެ.. ޔަޤީން އެންމެ ޑީޕް އޯޝަންގަ ވެސް ކިޔާންގެ ފައި ޖެހޭނެކަން..” ރީޝަމް ހޭންފެށިއެވެ.
“ޑިޑް ޔޫ ޖަސްޓް ކޯލްޑް މީ ހޭންސަމް، ކުރު ކުއްޖާ؟؟..” ކިޔާން ހިނިގަނޑު ހިފަހައްޓާލިއެވެ.”އައި މީން ބޮޑު.. ބުނެވުނީއޭ..”ރަކި ވުމުން ރީޝަމް ތުން ދަމާލިއެވެ.”އެންމެ ރަނގަޅު.. އެބަ އަންނަން އެއޮށް ފެންނަ ފުން ހިސާބަށް ގޮސް މަރު ނުވޭތޯ ބަލާލަން.. އަހަރެން އައުން ލަސް ވިއްޔާ ބަލާ އަހަރެން މަރު ވިއްޔޭ.. އަންނަންދެންނޭކިޔާ އިރު އަރަންދެން ނީންނާތި އިނގޭ މިތާ..ޖިންނި ފުރޭތައެއް އައިސް ރީޝް ކާލައިގެން ދިޔައީމަ ކިހާ ދެރަ..” ކިޔާން ކޮޅަށް ތެދުވެ މޫދާއި ދިމާއަށް ހިނގައިގަތެވެ. އެވަގުތު ރީޝަމް ދެލޯ ބޮޑުވިއެވެ.”ނޫން ކިޔާން!! އެ މަޖަލޭ..” ދުވެފައި ގޮސް ރީޝަމް ކިޔާންގެ ކުރިމައްޗަށް އެރި އިރު ކިޔާން ހުރީ ފައި ތިލަ ފޮރުވޭ ވަރަށް އެރިގެންނެވެ. ރީޝަމް ކުރި މައްޗަށް އެރި ވަގުތަކީ ކިޔާން ކުރިއަށް ދާން ފިޔަވަޅު އެޅި ވަގުތަށް ވުމުން ރީޝަމް އަރި އަޅާލާ ގޮތްވިއެވެ. އެތަން ފެނުމުން ރީޝަމް ހިފަހައްޓަން ކިޔާން އުޅުނު ގަޑީ ދެމީހުން އެކުގައި ލޮނުގަނޑު ތެރެއަށް ވެއްޓުނެވެ.
ރީޝަމް އޮތީ ލޮނުގަނޑުގެ ތެރޭގައެވެ. އަތުގެ ބާރުގެ ސަބަބުން ރީޝަމްގެ ގައިމައްޗަށް ކިޔާން ނުވެއްޓުނުކަން ނަސީބެކެވެ. އެހެން ނޫންނަމަ އެ ފަކީރަށް ލޮނުން މައްޗަށް ބޯ ނުހިއްލާ ލެވޭނެކަން ޔަޤީނެވެ. އެހާ ކައިރީގައި ތިބެން ޖެހުމުން ކިޔާން އެކުވެރިޔާ މަތިން ހަނދާން ނެތުނެވެ. ލޮނުގަނޑުގެ ފިނި ކަމުންނާއި އެކު އެހެން ކަމަކަށް ވިސްނާކަށް ދެމީހުންކުރެ އެކަކު ވެސް ބޭނުމެއް ނުވިއެވެ. އޮއިވަރު ގަދަ ކަމުން ރީޝަމް އަށް ނޭވާލާން އުނދަގޫ ވެގެން އިތުރަށް ބޯ މައްޗަށް ބޯ އުފުލާލި ގަޑީގައި ރީޝަމްގެ ނޭފަތް ކިޔާންގެ ނޭފަތުގައި ޖެހުނެވެ. އޭރުވެސް ރީޝަމްގެ ހަށިގަނޑު އޮތީ ކިޔާންގެ ހަށިގަނޑުގެ ދަށުގައެވެ. ތިބުވުނު ނުރައްކާތެރި ދަރަޖަ ފުރަތަމަ ފާހަގަވީ ކިޔާން އަށެވެ. ހޭއެރި ފަދައިން ކިޔާން ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. ހާސްވެފައި ރީޝަމް ވެސް ނަގާދިނެވެ.
“ރީޝް.. ސޮރީ..ލޮނު ބޮވުންތަ؟ ނޭވާލާން އުނދަގޫ ވީ ދޯ؟..” ކިޔާން ބެލީ އެކުވެރިކޮށް ވާހަކަ ދެއްކޭތޯ އެވެ.”ނޫން ލޮނެއް ނުބޮވޭ.. އިޓްސް އޯކޭ..” ލަދުން އެ ދޮން މޫނު ހުރީ ރަތްވެފައެވެ.”ގޯޑް.. އަހަރެން ދެން ކިހިނެއް ނިދާނީ ވެސް.. ނުގެންނަމޭ އިތުރު ނިދަން ލާކަހަލަ ހެދުމެއް..” ދެމީހުންގެ ދެމެދުގައިވާ ޖެހިލުންވުން ނަގާލީ ރީޝަމްއެވެ. އެއާއެކު ކިޔާންއަށް ބަލާލެވުނީ ރީޝަމް ލައިގެން ހުރި އަންނައުނަށެވެ. ރީޝަމް ލައިގެން ހުރީ ފަލަމަސް ގަނޑާއި ހިސާބަށް އަރާ ދޫ ޓީޝާޓަކާއި ކަކޫ ފޮރުވޭ ވަރުގެ ޓައިޓެކެވެ. މޫދަށް ވެއްޓުމުން ތެމިފައިވާތީ އެ ތުނި ޓީޝާޓު ރީޝަމްގެ ގައިގައި ވަނީ ތަތްލާފައެވެ. އެހެންކަމުން ރީޝަމްގެ ހަށިގަނޑުގެ ވަނާތައް ރީތިކޮށް ފެންނަން ހުއްޓެވެ. ވަގުތުން ލޮލުގައި އަތް އަޅާފައި އަނެއް ފަރާތަށް ކިޔާން އެނބުރުނެވެ. ދެލޯ ބޮޑުކޮށްލާފައި ރީޝަމް އަމިއްލަ ހަށިގަނޑަށް ބަލާލިއިރު ކަމަކުދާކަށް ނެތެވެ.
“އަހަރެން ދީފާނަން އަހަރެންގެ ޓީޝާޓެއް.. އެންމެ ރަނގަޅުވާނެތަ؟..” ކިޔާން ނުބަލާ ހުރެ އެހިއެވެ. ލަދުން ހަލާކުވެފައި ހުރެ ރީޝަމް އާނއެކޭ ބުންޏެވެ. ކިޔާން އަވަސް އަވަހަށް ގެއާއި ދިމާއަށް ހިނގައިގަންނަމުން އެދުނީ އޭނަ ފަހަތުން އައުމަށަވެ. ޓީޝާޓު ތަތްލާއިރަށް ގައިން ނައްޓުވަމުން ރީޝަމް ކިޔާންގެ ފަހަތުން ހިނގައިގަތެވެ. ރީޝަމް ހަލުވިކަމާއެކު ގޭތެރެ ތެމެންވާއިރަށް ކޮޓަރިއަށް ވަދެ ފާޚާނާގެ ދޮރު ޖެހިއެވެ. ކޮޓަރީގައި ހުރި ކިޔާންގެ ދަބަހުން ކަޅުކުލައިގެ ޕްލޭން ޓީޝާޓެއް ދިނުމަށް ފަހު ކޮޓަރިން ނިކުތީ އަވަސް އަރުވާލާފައެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ރީޝަމް ހަރުވާޅެއް ނަގާފައި ފެންވަރަން ފާޚާނާއަށް ވަނެވެ. އިސްތަށިގަނޑުގައި ތުވާލި އޮޅާލައިގެން ރީޝަމް ނިކުމެ ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. ސޫރަ ފެނުމުން އަމިއްލައަށް ވެސް ހެވުނެވެ.
ކިޔާންގެ ޓީޝާޓު ދޫވެފައި ދިގު ކަމުން ކަކުލާ ހަމައަށް އަރަން އެއް ހަތަރު އިންޗި ވަރު އިނެވެ. ކޮންމެ ގޮތަކަށް ހުއްޓަސް އެ ޓީޝާޓު އޭނާއަށް ރީތިވެގެން ފަރާތް ފަރާތަށް އެނބުރި ބެލިއެވެ. އޭގައި ދުވަނީ ވެސް “ކިޔާން” ވަހެވެ. ރީޝަމް ލަދުން ހީނލިއެވެ.
ހެނދުނު އިރު އެރީ ރީޝަމްގެ ހިތަށް އާދަޔާ ޚިލާފް ދިރުމެއް ގެނެސް ދެމުންނެވެ. އެރޭ އެ ޓީޝާޓު ލީފަހުން ރީޝަމްއަށް ނުނިދުނެވެ. ހުވަފެން މަތިން ހަމަ އެއްގޮތަކަށްވެސް ހަނދާނެއް ނެތެވެ. އެ ޓީޝާޓު ރީޝަމްއަށް މާ އާރާމީއެވެ. ނޫނީ އެއީ ކިޔާންގެ ޓީޝާޓަކަށް ވީމައި ވީގޮތެއް ކަންނޭނގެއެވެ. ފެންނަވަރާލައިގެން ނިކުތް އިރު ކިޔާން ވެސް އޮތީ ރޭ ލައިގެން އޮތް އަންނައުނަކު ނޫނެވެ.”މި ނިދަން މިޔަރު ނުވެސް ހޭލާނެ..” މާއިލް ކިޔާން އާއި ދިމާއަށް އެހެން ބުނުމުން ރީޝަމްއަށް ހެވުނެވެ.”އެބަ އަންނަން..” ޝަލީން ޚިޔާލެއް ލިބިގެން ކުޑަ ޖަގަކަށް ފެން އަޅައިގެން އައިސް ލައުރާ އަތަށް ދީފައި ބުނީ ކިޔާންގެ މޫނަށް އަޅާލުމަށެވެ. ނިދީގައި އޮވެ ނޭފަތް ދަމާލާގޮތުން ރީޝަމްއަށް ކިޔާން އެއޮތީ ރޯގާ ވައްތަރު ވެފައި ކަން ނަގައިގަނެވުނެވެ. ދެލޯ ބޮޑުކޮށްލާފައި ހުއްޓުވަން އުޅުނު ވަގުތު ލައުރާ މޫނަށް ފެންފޮދެއް އަޅާލިއެވެ. ސިހިފައި ކިޔާން ފުންމައިގެން ތެދުވިއެވެ.
އަނގަމަތީގައި އަތް އެޅިގޮތަށް ރީޝަމް ބަލާލީ ކިޔާން އާއި ދިމާއަށެވެ.”ރީއްޗަށް ގޮވާލިނަމައޭ.. ޕިސް ޕިސް..” ކިޔާން ކުދި ކިޔަން ފެށުމުން ރީޝަމްއަށް މަޖާވިއެވެ.”އަދި އެބަ ހުއްޓޭ ހޭން..” ކިޔާން ރީޝަމްއަށް ވައްތަރެއް ޖައްސާލިއެވެ. ރެއަށްފަހު ފާޑެއްގެ އެކުވެރިކަމެއް އެދެމީހުންގެ މެދުގައި އުފެދުން ކަން ދެމީހުންނަށް ވެސް ފާހަގަ ވިއެވެ.”ދެން ހުންނާނީ ހޭކަށްނު.. ރޯންވީތަ؟..” ހެމުން ރީޝަމް އަނގަމަތީ އަތް އެޅިއެވެ. ދެލޯ އަޅާލާފައި ކިޔާން ކޮޓަރިއަށް ވަނެވެ.
ފުރުން ހަމަޖެހިފައި އޮތީ މެންދުރަށް ކަމުން އެމީހުން ދެންވެސް ބޭނުންވީ ރަށުތެރެއަށް ހިނގާލަން ދިއުމަށެވެ. ތައްޔާރުވެގެން ފަސް މީހުން ނިކުތް އިރު ހެނދުނުގެ އަވިން ހަކަތަ ލިބެމުން ދިޔައެވެ. ޓީޝާޓުގެ ވާހަކަ ބުނަން ރީޝަމް އަނގަ ހުޅުވާލާފައި ވެސް ލައްޕާލަން ޖެހެނީ ކޮންމެވެސް މީހެއް ވާހަކަ ދައްކާތީއެވެ.”ވާހަކައެއް ބުނަން ބޭނުންވަނީތަ؟؟..” ރީޝަމް އުޅެމުން ދިޔަ ގޮތް ފެނުމުން ކިޔާން އެހިއެވެ.”ނޫން..” މީހުން ގިނަކަމުން ރީޝަމް އަށް ބުނާކަށް ނުކެރުނެވެ. އިރުކޮޅެއް ނުވަނީސް ޝަލީން އައިސް ރީޝަމްގެ އަތުގައި ހިފައިގެން ދުއްވައިގަތީ ކޮންމެވެސް އެއްޗެކޭ ކިޔަމުންނެވެ. އެވަގުތު މާއިލް އައިސް ކިޔާންގެ ކައިރީގައި ހުއްޓުނެވެ.”ކީއްވެ ލޯ ރަތްވެފަ؟..ކަލޭ ރުއީތަ؟” އެއްބުމަ އަރުވާލަމުން މާއިލް އެހިއެވެ.”ޕިސް ރޭ ނުވެސް ނިދޭ ރަނގަޅަކަށް..” ކިޔާން ތެދު ތެދަށް ބުންޏެވެ. މާއިލް އިތުރަށް އެވާހަކަ ދައްކަން ނޫޅުނީ ޖޫލީގެ ވާހަކައެއް ކަމަށް ހީކޮންނެވެ.
މެންދުރު ސަޔަށް ފަހު ތައްޔާރު ވެގެން ނިކުތް އިރު ދޯނި އަންނަނީއެވެ. މާއިލް އައި ކިޔާން ފުރަތަމަ ވެސް އެރުމަށްފަހު ތިން އަންހެން ކުދިން އެރުވިއެވެ. ދަތުރު މަތީގައި ވެސް ރީޝަމްގެ ނަޒަރު ކިޔާންއަށް ހުއްޓެއެވެ. ހަމަ އެގޮތަށް ކިޔާންގެ ކަތި ނަޒަރު ވެސް ރީޝަމްއަށް ވަނީ ހުއްޓިފައެވެ. އެކަން ހަމަ އެކަކަށް ނޭނގެއެވެ. ދެމީހުން ބެލީ ޚުދު އެ ދެމީހުންނަށް ވެސް ނޭނގޭހާ ސިއްރުންނެވެ. ރަށަށް އާދެވުން އިރު އާނިޔާ އާއި މާހީ ތިބީ އިންތިޒާރުގައެވެ.”ރީޝް!! ކިހިނެއްތަ؟ އެއްވެސް ކަމެއް ދިމާވިތަ؟ ބަލި ވި؟ އަނިޔާއެއް ނުވޭދޯ؟..” ރީޝަމް ފެނުމާއެކު އާނިޔާ ކަންބޮޑުވުމާއެކު ސުވާލު ކުރަމުން ދިޔައެވެ.”ދައްތާ ހާސް ނުވޭ.. އަތް އެކަނި ފިހުނީ ބާބަކިއު ހަދަން އުޅެނިކޮށް.. އިތުރު އެއްވެސް ކަމެއ ނުވޭ.. ހަމަ ވަރަށް މަޖާ..” ރޭގެ ހާދިސާ ހިތަށް ގެނެވުމުން ރީޝަމްއަށް ހީލެވުނެވެ.
★★★
“ބަލާބަލަ.. ކާކު އެއީ؟ މަށަށް އޭރުވެސް އިނގެއޭ އެލީ ލޯބިވެރިއެއް ގެންގުޅޭކަން..” ޚިޔާލެއްގައި އިންދައި ރީހާންގެ އަޑު ޖެހުމުން އެލީޒާ ސިހުނެވެ. އޭރު އަތުގައި އޮތް ގަލަމުން “އައި ލަވް…” ލިޔެވިއްޖެއެވެ.”ނުގެންގުޅެމޭ.. އަބަދު ތިހެން ކިޔާތީއޭ ރުޅި އަންނަނީ..” އެލީޒާ އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ.”ސޮރީ ސޮރީ.. ދެން..” ރީހާންގެ ޖުމްލަ ފުރިހަމަ ނުވަނީސް ދޮރުގައި ބެލް އެޅިއެވެ. ރީހާންގެ ދެބުމަ ކައިރިކޮށްލެވުނެވެ. އެވަގުތު އެލީޒާ ދުވެފައި ގޮސް ދޮރު ހުޅުވާލިއެވެ.”ވަޓް..” ކުރިމަތިން ފެންނަން ހުރި ހައިބަތު ހުރި ފިރިހެން މީހާ ފެނުމުން އެލީޒާ ބިރުގަތެވެ.”ރީހާން ކޮބަ؟..” ދޮރު ހުޅުވައިލީ ރީހާން ނޫންކަމުން އެލީޒާ ކައިރީގައި އެހިއެވެ.”ނިކުމޭ!!..” އަޑުން ވެސް އެއީ ލިހުވާން ކަން ރީހާންއަށް އިނގުނެވެ. އެމީހާ އެތެރެއަށް ވަންނަން އައި ގަޑީގައި އެލީޒާ ވެއްޓެން ދިއުމުން ރީހާން އެލީޒާގެ އަތުގައި ހިފާ ފަހަތަށް ގެނައެވެ.
“ނިކުންނާށޭ!..” ރީހާން ހަޅޭއްލަވައި ގަތެވެ. ލިހުވާން އިތުރު އެއްޗެއް ނުބުނެ އެތެރެއަށް އެޅި ފިޔަވަޅާ އެކީ ރީހާންގެ ރުޅި ދިޔައީ ގަދަވެގެންނެވެ.”އެލީ ދޭބަލަ އެހަށް..” އަޑަށް މަޑުމައިތިރިކަން ގެންނަމުން ރީހާން އެދުނެވެ. ދޮރު ކުރިމަތީގައި އެމީހާ ހުރުމުން އެލީޒާ ގޮސް ރީހާންގެ ކޮޓަރިއަށް ވަނެވެ.”ބިޓުން ގޮވައިގެން ގޭގަ . އެއީ ދޯ އެ އެލީޒާ އަކީ.. ސަޅި..” ލިހުވާން ހިނގާފައި ގޮސް ސޯފާގައި އިށީނެވެ.”މަށެއް ނުބުނަން ރީހާން ކައިރިއަކު ރޭޝްމާ މެން ރަށަށް ދާކަށް.. މަ ކަލޭ މިތަނަށް ގެނައީ ކޮންމެސް ކަމެއް ވީމައޭ! ތިހާ ފިނޑި ވެގެން އުޅެންޏާ ނޫނެކޭ ބުނި ނަމަ ކިހާ ރީތި ވާނެ..” މާ ގިނަ ވާހަކަ ދައްކަން ނުހަދާ ލިހުވާން ދިޔައީ ސީދާ މައުޟޫއަށެވެ.”ތަންކޮޅެއް މަޑުން ވާހަކަ ދެއްކިޔަސް މަށަށް އިވޭނެ..” އެލީޒާ ހުރިކަން ހަނދާން ކުރަމުން ރީހާން ފުން ނޭވާއެއް ލިއެވެ.
“އައްދެ.. އެ މަންޖެ ހުރީމަ ބިރުގަތީ؟ ހާސް ނުވޭ ނުކެރޭނެ ކަލޭ ދޫކޮށްލާކަށް..” ލިހުވާން ބުންޏެވެ. ރީހާން ގާތަށް އައީ ރުޅިއެވެ.”މަށަށް އިނގޭ ތިކަން.. އެކަމަކު މަޑުން ވާހަކަ ދެއްކޭނެ.. އެހެން ނޫނަސް މަށަށް ދެވެން ޖެހޭނެ މަގޭ ރަށަށް! ކުރާހާ ކަމެއް ބަލާކަށް ނުވެސް ޖެހޭނެ..” ރީހާން ވީހާ ވެސް މަޑުން ލިހުވާން ކައިރީގައި ބުންޏެވެ.”މަ ވެސް ބޭނުމެއް ނުވޭ އެމީހުން އުޅޭނެ ވައްތަރެއް ބަލާކަށް.. މަރުވިޔަސް ދިރި ތިއްބަސް ވަރިހަމަ.. މަ ނާރާ ފޯރިއެއް ކަލޭ އަރައިގެން ކޮބާ ބޭނުމަކީ؟ ރުޅި އަންނަނީ ވެސް ސަބަބަކާ ނުލައެއް ނޫނޭ. ދެން ރާއްޖެ ދިޔަކަން އިނގުނަސް ދެފައި ބިންދާލާނަން.. ލިއީޝ….” ރީހާންގެ ރުޅިގަނޑު ފަޅައިގެން ގޮސް ލިހުވާންގެ މޫނުމަތީގައި ޖެހުނީ ކެތްކުރަން އުނދަގޫ ވުމުންނެވެ. ލޯބިވާ މީހުންނާއި ދިމާއަށް އެއްޗެހި ގޮވާތަން ބަލަން ރީހާންއަކަށް ނުހުރެވުނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.



Can’t wait alhey next part vrh avahah kiyaalan libeyne kamah unmeedhu kuran
Mi part VX vrh reethi