ވީމޭ އިންތިޒާރުގައި – 11
ގެއަށް އައި ގޮތަށް ރީޝަމް އުޅުނީ ޕެކް ކުރުމުގައި އަވަދިނެތިއެވެ.”ދައްތާ ހަނދާން ނެތުނީއޭ ބުނަން..ލައުރާ އާ ޝަލީން ވެސް ދޭ.. ވަރަށް މަޖާ ވާނެ ދޯ..” ބޭނުން ކުރަން މަޖުބޫރު އެއްޗެހި ދަބަހަށް އަޅަމުން ދިޔައިރު ރީޝަމް ވާހަކަ ދެޖީ އުފަލުންނެވެ. ހާނިމް ގޭގައި ނޫޅުމާ އެކީގައި އެންމެންގެ ހިތަށް ލިބިފައި ވަނީ ހިތްހަމަ ޖެހުމެވެ. ފަހުން ނުކުމެގެން ދިޔަ ގޮތަށް ހާނިމް ގެއަކަށް ނުވަދެއެވެ.”އާނ މަޖާ ވާނެ.. މާހީ ވެސް ރޮއިރޮއިފަ އެ ނިދީ ގެންދާށޭ ކިޔައިގެން..” އާނިޔާ ރީޝަމްއަށް އެހީތެރިވެދެމުން ވާހަކަ ދެއްކިއެވެ.”މީހުން އުޅޭ ރަށަކަށްތަ ދަނީ؟ މާ ދުރެއް ނުވާނެ ދޯ؟.” ހިތަށް އައި ނުބައި ވަސްވާސް ތަކާއި އެކު އާނިޔާ އެދުނެވެ.”އާނ އެކޭ ދައްތާ.. ދައްކާ ވާހަކަ..” ރީޝަމްގެ ޖަވާބުން އަނިޔާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ.
**11 ވަނަ ޕާޓު**
ފަތިހު ރީޝަމް އާއި އާނިޔާ ޖެޓީ އަށް ދިޔައިރު ލައުރާ އާއި ޝަލީން ހުއްޓެވެ. ރީޝަމް ހަމަ ފެންނަ އިރަށް ރީޝަމް ކައިރިއަށް ޖެހިލިއެވެ. އާނިޔާ އަވަހަށް ގެއަށް ދިޔައީ މާހީ ހޭލައިގެން އާނިޔާ ހޯދާނެތީއެވެ.”ކޮބާ ކިޔާންމެން..” ލައުރާ އެހިއެވެ. “އެމީހުން ހަކުރަށް ވުރެ ތަތް ވާނެ..” ޝަލީން ތުން ދަމާލިއެވެ. އެވަގުތު ދެމީހުން ސައިކަލްގައި އައިސް މަޑުކޮށްލިއެވެ. ކިޔާން އަދިވެސް ނިދަން ބޭނުންވެފައި ހުރުމުން ރީޝަމްއަށް ބަލާލެވޭ ވަރެއް ނުވިއެވެ. އެހެނަސް ރީޝަމްގެ ސަމާލުކަން ކިޔާން ދަމައިގަތެވެ. ލައިފައި ހުރި ކަޅުކުލައިގެ އަތްކުރު ޓީޝާޓާއި ސޯޓުން ކިޔާން ދައްކަނީ ހިތްގައިމު ގޮތަކަށެވެ. ސައިކަލުން ފޭބި ގޮތަށް ކިޔާން ކުދި ކިޔަން ފެށީ މާއިލް އާއި ދިމާއަށެވެ.
“ކަލޭމެން އަންނާނެއޭ ކީފަހުން ކޮން އިރެއް މިހާރު..” ލައުރާ ދެބުމަ ގޮށްޖަހާލިއެވެ.”މަ ތައްޔާރު ވެގެން ދިޔަ އިރު ވެސް މިހިރަ ފިރިހެނާ އޮތީ ރީތިކޮށް ނިދާފަ..” މާއިލް ކިޔާން އާއި ދިމާއަށް ވައްތަރެއް ޖައްސާލަމުން ލައުރާއަށް ޖަވާބު ދިނެވެ.”މަ ވެސް ނިދި އާދެއޭ..” ކަންނެތް އަޑަކުން ކިޔާން އެހެން ބުނި އިރު ކުޑަކޮށް ރޯގާގެ އަސަރުވެސް ހުއްޓެވެ. އެއަޑު ޖެހުމުން ރީޝަމްއަށް ދެލޯ މަރާލެވުނެވެ.”ރީޝް އަދިވެސް ނިދާފަ ދޯ؟..” ޝަލީން އެހިއެވެ. އެއަޑަށް ރީޝަމްއަށް ވުރެ ބޮޑަށް ސިހުނީ ކިޔާން އެވެ. ކިޔާން ހީކޮށްގެން ހުރީ ރީޝަމް އަދި ނާންނަ ކަމަށެވެ.
ދޯނިން އެރަށަށް ފޭބި އިރު ވެސް ރީޝަމްގެ ހިތުގައި ވަނީ އުފާވެރިކަމެވެ. އައި އިރު ކިޔާން އާއި އެކީ ރަނގަޅަށް ސަކަރާތް ޖަހާ ލެވުމުންނެވެ. ރީޝަމް އާއި އެކީ އުޅެލާފައި އައިސް ކިޔާން ކައިރީގައި މާއިލް ދައްކާ ވާހަކަ ތަކުން ކިޔާންގެ ހިތް ހީވަނީ ފަޅައިގެން ގޮސްދާނެ ހެންނެވެ. ހަތަރު މީހުން މޫދަށް އެރެން ދިޔަ ފަހުން ކިޔާން އިށީނީ ރުކެއްގެ ކައިރީގައެވެ. ކަރުނަ ގިނަވަމުން ދިޔަ ދެލޯ ހުއްޓުނީ މާއިލްގެ ކައިރީގައި ސަކަރާތް ޖަހަމުން ދިޔަ ރީޝަމް އަށެވެ. މާއިލްގެ ސަބަބުން ހިތަށް އެ ލިބޭ ޒަޚަމަށް ކިޔާން ދުވަހަކު ވެސް ޝަކުވާއެއް ނުކުރާނެއެވެ. މާއިލްގެ ހައްޤަކަށް އަރައިގަންނަން ކިޔާން އަކީ ކާކު ހެއްޔެވެ؟ ހިތާމަވެރިކަމެއް އައިސް ކިޔާން ވަށާލާއިރަށް އެންމެ ގާތުން އެހީވާން ހުންނަނީ މާއިލް އެވެ. ހަމަ އެގޮތަށް ކިޔާންގެ އުފަލުގައި ވެސް މާއިލް ބައިވެރި ވަނީ ބޭނުން ވެގެންނެވެ. މާއިލް ކިޔާންއަށް އަމިއްލަ ނަފްސަށް ވުރެ ބޮޑަށް އިތުބާރު ކުރާކަން ކިޔާން ހަނދާން އެބަ ހުއްޓެވެ.އަނެއްކާ ވެސް ރީޝަމް އާއި މެދު އެ ހިތުގައި ޝަކުވާ އުފެދުނެވެ.
“ކިހިނެއް ވެފަ ތި އިންނަނީ..” މާއިލް އައިސް ކައިރީގަ ހުއްޓުނުކަން އިނގުމުން ކިޔާން ސިއްސައިގެން ދިޔައެވެ. އަވަސް އަވަހަށް ކަރުނަތައް ހިންދާލަމުން ކިޔާން ހަމަޖެހިލާފައި ނޭނގެ ކަމަށް ހެދުނެވެ.”ކޮންކަމެއްތަ ވީ؟..ކަމެއް ވީ ކަމެއް މަށަކަށް ނޭނގެ..” ކިޔާންގެ އަޑުގައި ވަނީ ސަމާސާއެވެ. އަނގަ ހަދައިގެން މާއިލް ފާޑަކަށް ބަލަން ފެށިއެވެ.”އަދި އެބަ ހަދައޭ ނޭނގޭ ކަމަށް.. މަށަށް ފެނިގެންނޭ މި އައީ.. ކޮން ކަމަކާ ދެރަ ވެފަ؟..” މާއިލް އަނެއްކާވެސް އެހިއެވެ.”ކާކުތަ ބުނީ ކަމެއް ވިއްޔޭ؟ މީނީ ފޫހި ވެފައޭ..” ކިޔާން ޖަވާބު ދިން އިރު ރީޝަމް ދުވެފައި އައިސް އެމީހުން ކައިރީގައި ހުއްޓުނެވެ.”ކިހާ ދެރަވެއްޖެ ކަމެއްތަ އަޅެ..” ކިޔާން ނުބުނުމުން މާއިލް ދެބުމަ ގޮށްޖަހާލިއެވެ.”ރީޝަމް ކަމެއް ބޭނުންވީތަ؟..” ކިޔާން ފާޑަކަށް ހިނިގަނޑެއް ޖަހާލުމުން މާއިލް ރީޝަމް އާއި ކުރިމަތިލިއެވެ.
“ވަރުބަލި ވެއްޖެ..” ރީޝަމް ޖަވާބު ދިނީ މާއިލް ކައިރީގައި އިށީންނަމުންނެވެ.”އެހެންތަ.. ކިޔާން ކައިރީ އިނދޭ ދެން.. ހަވީރު ނެރެވޭނެ އިނގޭ މޫދަށް.. އެރެން ބޭނުންވިއަސް..” މާއިލް ތެދުވެފައި މޫދާއި ދިމާއަށް ހިނގައިގަތެވެ. އަނެއްކާ ވެސް އެ ދެމެދަށް ހިމޭންކަން ވެރިވިއެވެ.”އެއްޗެއް ކައިގެންތަ ތި އައީ؟..” ކިޔާން ހިމޭންކަން ފޫ އަޅުވާލިއެވެ.”ނޫން.. އެންމެންނާ އެކީއޭ ކާނީ ދެން..” ހިންދިރުވާލާފައި ރީޝަމް ހިނިތުން ވެލިއެވެ.”އައްދެ.. ހާދަ ލަދުންނޭ.. މީ ވެސް ދެން ފްރެންޑް އަކަށް ހަދާބަލަ..” ކިޔާން އެހެން ބުނުމުން ރީޝަމް ހިތް އަވަސްވިއެވެ.”ކިޔާން ކީއްވެ މޫދަށް ނޭރި ތި އިންނަނީ.. ފޫއްސެއް ވެސް ނުވޭތަ؟..” ރީޝަމް އެހިއެވެ.”އެރޭ ހިތެއް ނެތް.. މިހާރު ވެސް ރަށަށް ދާން ލަސްވެއްޖެ..” ގަޑި ބަލާލަމުން ކިޔާން ފޫހި ވައްތަރެއް ޖައްސާލިއެވެ.”އަދި ރޭގަނޑު ވެސް ނުވޭ..” ރީޝަމް އަށް ހެވުނެވެ.
އެހެން ކުޑަ އިރުކޮޅަކު ވާހަކަ ދައްކާލާން ތިބުމުން ފުދޭވަރަކަށް އެކުވެރިކަން ބަދަހި ވިއެވެ. ވަރަކަށް ސަކަރާތް ޖަހާފައި މާއިލް މެން މޫދުން އައި އިރު ލައުރާ ހުރީ ވަރުބަލިވެގެން ގޮސް ހަލާކު ވާން ކައިރިވެފައެވެ. މާ ދުރުނޫން ހިސާބެއްގައި ކުޑަ ގެއެއް ހުއްޓެވެ. ހުރީ އެންމެ ކޮޓަރިއަކާއި އެންމެ ފާޚާނާއެކެވެ. އެތަނަކީ ވަރަށް ގިނައިން މީހުން ދަތުރު އައިސް އުޅޭ ތަނަކަށް ވުމުން ފެންނަނީ ސާފުތާހިރު ކަމެވެ.”އަހަރެމެންނަށް އޮންނަން ޖެހޭނީ ރޫމް..” އެންމެ ފުރަތަމަވެސް ލައުރާ ބުންޏެވެ.” ނުލިބޭނެ. އަހަރެމެން ދެމީހުންނަށް ރޫމް!..” މާއިލް ދެބުމަ ކައިރި ކޮށްލިއެވެ.”ހާދަ ހެއްވައޭ.. އަހަރެމެން އަންހެން ކުދިން ވީމަ ކަލޭމެން ޖެހޭނެއޭ ދޭން.. ތިހެން ހަދަން އުޅޭނަމަ މިގެއަކުން ވެސް ޖާގައެއް ނުލިބޭނެ އިނގޭ..” ޝަލީން ލައުރާ އާއި ބައިވެރިވިއެވެ. “ފިރިހެނުން ވެސް ބޭނުންވެއޭ.. ގާރލްސް އެކަނި އެއް ނޫން.. ހަމަ މިހާރު ދައްކާ ވަންނަން..” މާއިލް ގޮތް ދޫ ކުރާކަށް ނޫޅުނެވެ.
“ކަލޭމެން ހުއްޓަން ވެއްޖެ ދެން.. އޯކޭ.. މި ކަރުދާސް ދިމާވާ ބަޔަކަށް ރޫމް އޮންނާނީ.. އޯކޭ؟..” ބޮލަށް އުނދަގޫ ވެގެން ރީޝަމް ނޯޓް ފޮތަކުން ކުޑަ ތަންކޮޅެއް ނައްޓާލާފައި ބޮނޑި ކޮށްލިއެވެ. އެހެން ބުނާ އިރަށް ލައުރާ އާއި މާއިލް އެކީގައި ކުރިއަށް ޖެހިލިއެވެ. ރީޝަމް ދެ އަތް ފުރަގަހަށް ލާފައި ކުރިއަށް ގެނައެވެ. ފުރަތަަމަ ވެސް ދެމީހުން އަތްލީ ކަނާތުގައެވެ. އެކަމަކު ފަހުން މާއިލް ޚިޔާލު ބަދަލް ކޮށްލާފައި އަނެއް އަތް ނެގިއެވެ.”ހަހަހަ އަހަރެމެންނަށް ރޫމް..” ރީޝަމް ހޭންފެށިއެވެ. ކަރުދާސް އޮތީ ލައުރާ އަތްލި އަތުގައެވެ. އެއާއެކު މާއިލްގެ މޫނު ކުނިކޮށްލިއެވެ.”ދެން ތިބޭ އަހަރެމެން ނިމެންދެން. މި އަންނަނީ ފެންވަރާލައިގެން..ލައު ދޭ ފުރަތަމަ.. މަށާ ޝަލީ އާ މިދަނީ ކާން ރެޑީ ކުރަން..” ރީޝަމް އެތަނުން ފެންނަން ހުރި ކުޑަ ބަދިގެއާއި ދިމާއަށް ހިނގައިގަތެވެ.
ހަތަރު މީހުން ފެންވަރާ ރީތި ވެގެން ނިކުތް އިރު ކާން ހުރީ ތައްޔާރަށެވެ.”އެ ކިޔާން ހަކުރު ގަނޑު ވާނީ އަދި ފާޚާނާގަ.. ކޮންމެވެސް މީހަކު ދޭބަލަ އެ ތަތް މީހާ ބަލާ..” މާއިލް ބުންޏެވެ. ޝަލީން އާއި ލައުރާ ކާ ތަށިތައް ދޮވެފައި ފުހޭތީ ރީޝަމް އަށް ޖެހުނީ ދާންށެވެ. އެ ކޮޓަރި ހުންނަނީ މާއިލް މެން ތިބި ދިމަ ނޫން އަނެއް ދިމާގައި ކަމަށް ވުމުން ރީޝަމް ވަކި ހިސާބަކުން ފިޔަވަޅުތައް އަވަސް ކޮށްލިއެވެ. ކޮޓަރި ދޮރު މައްޗަށް އެރުމަށްފަހު ފުން ނޭވާއެއް އެތެރެއަށް ދަމާލަމުން ރީޝަމް ހަމަޖެހިލިއެވެ. އަދި ޓަކި ޖަހަން ފެށިއެވެ. ޚަބަރެއް ނުވިއެވެ. ކުރިއަށް ވުރެ ބާރަށް މިފަހަރު ރީޝަމް ޖަހިއެވެ. އެއާއެކު ފާޚާނާގެ ދޮރު ހުޅުވާލި އަޑު އިވުނެވެ. ހިނިތުންވަމުން ރީޝަމް ޓަކި ޖެހުން ހުއްޓާލީ ކިޔާން އަންނީ ކަމަށް ހީކޮށްގެންނެވެ. ނަމަވެސް ފަނަރަ ސިކުންތު ވީ އިރު ވެސް ނުހުޅުވުމުން އަނެއްކާ ވެސް ރީޝަމް ބާރު ބާރަށް ޓަކި ޖަހަން ފެށިއެވެ.
“ކާކުތަ މޮޔަވެގެން…” ކިޔާން ދޮރު ހުޅުވިގޮތަށް ހަޅޭއްލަވައި ވަންނަން އުޅުނީ މާއިލް ކަމަށް ހީކޮށްގެންނެވެ. އެހެންކަމުން ހުޅުވުނީ ހަމައެކަނި ތުވާއްޔެއް އުނަގަނޑުގައި އޮޅާލައިގެންނެވެ. ދެމީހުންގެ އަނގައިން ބަސް ހުސްވިއެވެ.”ކިޔާން..” ވައި އަޑުން ރީޝަމްއަށް ގޮވާލެވުނެވެ. ތިބުވުނު ކައިރީ ހިސާބު ފުރަތަަމަ ރޭކާލީ ކިޔާން އަށެވެ. އެހެންކަމުން ދެލޯ ބޮޑުކޮށްލާފައި ކޮޓަރި ދޮރު ކިޔާން ޖެހިއެވެ. އޭރު ވެސް ރީޝަމްއަށް ހުރެވުނީ އަތް ނެގި ގޮތަށެވެ. އިރުކޮޅެއް ފަހުން ޓީޝާޓަކާއި ސޯޓެއް ލައިގެން ކިޔާން ދޮރު ހުޅުވާލިއެވެ. އޭރުވެސް އިސްތަށިގަނޑުގައި ތެތްކަމެއް ހުއްޓެވެ.”އަމް.. އަ.. މަ.މަ..މާއިލް.. ބުނީ އަންނާށޭ..” ރީޝަމް އިސްޖަހާލިއެވެ.”އޯހ.. އެހެންތަ.. ކާންދޯ.. ހިނގާ..” ހިތާއި ދެކޮޅަށް ކިޔާން ހަމަޖެހިލިއެވެ. ހަޤީޤަތުގައި އެ ވީގޮތުން ރީޝަމް އާއި ދިމާކޮށްލަން ކިޔާން ބޭނުންވިއެވެ. އޭރުން އެ މޫނުމަތީގައި ވާ ހިނިތުންވުން ފުންވާނޭކަން ޔަޤީނެވެ.
“ހާދަ ގިނަ އިރެކޭ.. ޕިސް ޕިސް.. އަންހެނަކަށްވުރެ ކަންތައް ބޮޑޭ..” މާއިލް ކިޔާން އާއި ދިމާއަށް ކަޅި އަޅައިގަތެވެ. ކިޔާންއަށް ހިނިގަނޑު ހިފަހައްޓައި ލެވުނީ ކިރިޔާއެވެ.”ދެންވެސް ކާން ފަށާބަލަ..” ޝަލީން ރީޝަމްގެ ކައިރީގައި އިށީނެވެ. ކަންދިމާކުރި ގޮތުން ކިޔާން އަށާއި ރީޝަމްއަށް ތިބެވުނީ ކުރި މައްޗަށް ވާ ގޮތަށެވެ. މޭޒުގެ ކުޑަ ކަމާއި އެކު ކިޔާންއަށް އިންނަން ޖެހުނީ ފައިގެ ހަރަކާތް ނުކޮށްލައެވެ. ރީޝަމްގެ ފައިގައި ޖެހުނިއްޔާ އޭގެން މުޅިން ނުބައި މާނައެއް ނެގިދާނެތީ އެވެ. މާއިލް ރީޝަމްގެ ސަމާލުކަން ހޯދަން އުޅޭކަން އިނގުމުން ކިޔާން މާއިލްގެ ސަމާސާތަކުގައި ބައިވެރިވެ ޖެއްސުން ކުރިއެވެ.
ހަވީރު އޮތީ ފޮޓޯ ނެގުމާއި ހިނގާލަން ދިއުމެވެ. ސައި ބޮއިގެން ނިކުތް އިރު އެހެން ބަޔަކު ވެސް މާ ދުރުނޫން ހިސާބެއްގައި އުޅޭތަން ފެނެއެވެ.”ކިޔާން.. ރީޝަމް އަކީ ހަމައެކަނި ފްރެންޑެއް.. އެއަށްވުރެ ގާތެއް ނޫން..” ރީޝަމް ދުރުގައި އެކަނި ހުރުމުން ކިޔާން ހިތަށް ވިސްނައިދިނެވެ.”ހާދަ އެކަނި ވެފައޭ.. ވަރުބަލީ ދޯ؟..” ކިޔާން ރީޝަމް އާއި އެއްވަރު ކުރިއެވެ.”ހޫމް.. ހިއެއް ނުވޭ ބާބަކިއު އަށް ހޭލާ ހުރެވޭނެ ހެންވެސް..” ކުޑަ ހިނިތުންވުމަކާ އެކު ކިޔާން އަށް ރީޝަމް ޖަވާބު ދިނެވެ.”ނޫނޭ އޭރުން ކަޑަ އޭ.. އެންމެން ޖެހޭނެ ބައިވެރިވާން.. ރީޝް އެތާ ހުއްޓިލާބަލަ ފޮޓޯ އެއް ނަގާދޭނަން. އެންމެ ރަނގަޅުތަ؟.” ކުދިކުދި މާތަކެއް ލާފައި ހުރި ގަހެއް ފެނުމުން ކިޔާން އެދުނެވެ. އާނއެކޭ ނޫން އިތުރު އެއްޗެއް ރީޝަމްގެ ދުލުކުރިއަކަށް ނައެވެ. ރީޝަމް ލައިގެން ހުރި ހެދުމާއި އެ މާޙައުލު ކިތަންމެހާވެސް ގުޅެއެވެ. މަޑު އޮރެންޖު ކުލައިގެ އަތް ނެތް އެ ހެދުމުގެ އަޑިން ކަޅުކުލައިގެ ބާރު ނޫން އަތްދިގު ބޮޑީސޫޓްއެއް ލާފައި ވާއިރު ކަޅުކުލައިގެ ޖީންސް އެއް ހުރީ ލާފައެވެ. އަވިން ރައްކާތެރި ވުމަށް ފޮލޯޕީ ހެޓެއް އަޅާފައި ފޮޓޯއަށް ހުއްޓިގެން ހުރި ގޮތުން ރީޝަމްގެ ރީތިކަން ކިޔާންއަށް ފާހަގަ ނުވެއެއް ނުދިޔައެވެ.
ފޮޓޯ ނެގި ފަހުން ވެސް ކިޔާންއަށް ހުރެވުނީ ޚިޔާލެއްގެ ތެރޭގައެވެ. އެކަމާ ރީޝަމް ދެފަހަރު ސުވާލު ކޮށްލުމުން ބޮލަށް ތަދުވަނީ ކަމަށް ބުނެ އެވާހަކަ ނިންމާލަނީއެވެ.”އޭ ރީޝް އާދެބަލަ މިކޮޅަށް..” އިތުރު ވާހަކައެއް ބުނެވުމުގެ ކުރިން ޝަލީން ގޮވާލިއެވެ. އެއަޑަށް ދެމީހުން އެކީގައިހެން ކުރިއަށް ބަލާލެވުން އިރު މާއިލް ހުރީ ކެމެރާ ހިފަހައްޓައިގެން ފޮޓޯ ނެގުމުގައެވެ. ކިޔާން އަށް ބަލާލާފައި ރީޝަމް އެދިމާއަށް ހިނގައިގަތުމުން ކިޔާން އިސްތަށިގަނޑުގައި އަތް ހާކާލިއެވެ.
އިރު އޮއްސެމުން ދިޔަ ވަގުތު ސަކަރާތް ގަނޑު ނިންމާލާފައި ފަސް މީހުން އެކީހެން ދިޔައީ ގެއަށެވެ. އަންހެން ކުދިން އެތެރެއަށް ވަނުމުން ކިޔާންމެންނަށް ތިބެން ޖެހުނީ ބޭރުގައެވެ. ބައި ގަޑިއިރު ތެރޭގައި އެމީހުން ނިކުތް އިރު ތިބީ ތާޒާ ވެލައިގެންނެވެ. ކިޔާން ހުރީ ފާޑަކަށް ފޫހި ވެފައެވެ. ކީއްވެ ކަމެއް ނޭނގުނެވެ. ބޮލަށް އެނބުރުން އަރާ ގޮތް ވެސް ވިއެވެ. އެހެނަސް ރީޝަމް ބާބަކިއު އަށް ދާތީ ކޮންމެހެންވެސް ކިޔާން ދާން ބޭނުންވިއެވެ. އެހެންކަމުން އަވަހަށް ރޫމަށް ވަދެ ރެޑީވިއެވެ.
ބާބަކިއު އަށް ރެޑީވެވުނީ ވެސް ސަކަރާތެއްގެ ތެރެއިންނެވެ. އެކި މަޖާ ވާހަކަ ތަކުގައި ބާބަކިއު ސްޓޭންއަކަށް ސޮސެޖާއި ކުކުޅު މަސް ފަދަ އެއްޗެހި ލާން ފެށިއެވެ. ކިޔާން އުޅުނީ އެތަކެތި އަނދާފާނެތީ އެކަމުގައި ސަމާލު ވެގެންނެވެ. އެހެންވެގެން ސޮސެޖްތައް އަތުރަމުން ދިޔަ ރީޝަމްއެއް ކިޔާންގެ ލޮލަކަށް ނުފެނުނެވެ. އެހެން ހުރެފައި އެނބުރުން ގަޑީގައި ރީޝަމްގެ ގައިގައި ޖެހިފައި ރީޝަމް ވެއްޓެން ދިޔައެވެ. ސަލާމަތަށް އެދި އަތް ލެވުނީ ގްރިލްގައެވެ.”އާއާހހހ..” ނެގި ދިލަ އާއި އެއްވަރަށް ތަދު ހުރުމުން ރީޝަމްއަށް ހަޅޭއްލަވައި ގަނެވުނެވެ. ކިޔާންގެ ނަސީބުކަމެއް ނުވަތަ ބަދު ނަސީބު ކަމެއް ނޭނގެއެވެ. މާއިލްގެ އަތުގައި ކާއެއްޗެހި ހުރުމުން ރީޝަމް ހިފަހައްޓަން ދެވޭކަށް ނެތެވެ. އެހެންކަމުން ކިޔާން ރީޝަމްގެ އުނަގަނޑުގައި ހިފާ ކޮޅަށް ނެގިއެވެ. ގާތުގައި ހުރި ޝަލީން އާއި ކުރަން ހުރި މަސައްކަތް ހަވާލު ކޮށްފައި ކިޔާން ރީޝަމް ގޮވައިގެން ގޭތެރެއަށް ދުއްވައިގަތެވެ.
ކާގެއިން ފަރސްޓް އެއިޑް ބޮކްސް ހިފައިގެން އައިސް ރީޝަމް ސޯފާގައި ބައިންދާފައި ކިޔާން ފަރުވާތެރިކަމާއި އެކު ބޭސް ހޭކުމަށްފަހު ބެންޑޭޖް އެޅީ ރީޝަމްއަށް ތަދުވުން ކުޑަވާނޭ ހެންނެވެ. އެވަރުން ވެސް ރީޝަމްގެ ދެލޯ ހުރީ ފެންކަޅިވެފައެވެ.”ރީޝް ކަމް އޯން.. ޑޯންޓް ކްރައި. މީ އެވަރު ކަމެއް ނޫނޭ.. ވަރަށް ބޮޑަށް ސޮރީ ނުވިސްނާ އެނބުރެވުނީ..” ބޭސް އަޅާ ނިންމާލާފައި ކިޔާން ބުންޏެވެ. އޭރުވެސް ކިޔާން އިނީ ކުޑަ ކަކޫ ޖަހައިގެންނެވެ. ތުން ފިއްތާލަމުން ރީޝަމް މަޢާފު ކުރިއެވެ.”ހިނގާ.. އެމީހުން ތިބޭނެ ލަސްވެފަ..” ކޮޅަށް ތެދުވަމުން ކިޔާން ނިކުތެވެ.”ރީޝް ދެން ދޭ އިށީންނަން.. އަތަށް ތަދުވާން ދޯ..” ރީޝަމްގެ އަތުގައި ބޭސް އަޅާފައި އޮތްތަން ފެނުމުން މާއިލް އެދުނެވެ. ދެންމެ ކިޔާން އާއި އެކީ ހޭދަވި ވަގުތު ހަނދާން ކޮށްލަން ރަނގަޅު ފުރުސަތެއް ލިބުމުން އެ ދޫކޮށްލާކަށް ރީޝަމް ބޭނުމެއް ނުވިއެވެ.
ކާން ރެޑީ ވުމުން މާއިލް އައިސް ރީޝަމްގެ ކައިރީގައި އިށީނދެ ތައްޓެއް ދިނެވެ. އެތަން ބަލަން ހުރެފައި ކިޔާން ދުރަށް ބަލާލީ ގަދަ ކަމުންނެވެ. އެކަން ހުއްޓުވަން ކިޔާންއަށް ނުޖެހޭނެއޭ އަމިއްލައަށް ބުނެފައި ކިޔާން އިށީނީ މާއިލް އާއި ދިމާގައެވެ.”ކީއްވެ ނުކައި ތިއުޅެނީ..” ކިޔާން ހުސްއަތާ އައުމުން މާއިލް ސުވާލު ކުރިއެވެ.”ނޭނގެ.. އެނބުރުން އަރާ ހެން ހީވާތީ..” ކިޔާން ބުންޏެވެ.”އެހެނޭ ވާނީ.. މިއަދު އައި ގޮތަށް އެއްޗެއް ނުކައި.. ހަވީރު ވެސް ފެންތައްޓެއް އެކަނި އެއްނު ބުއީ..” މާއިލް އެހެން ބުނުމުން ކިޔާންއަށް ބަނޑުހައިކަން އިހުސާސް ކުރުވިއެވެ. މިއަދު އޭނަ ނުކައި ހުރީ ވެސް ބަނޑު ފުރިފައި ވާހެން ހީވަތީއެވެ. ނުވަތަ ރީޝަމް ކުރިމަތީގައި އުޅޭހާ ހިނދަކު ބަނޑުހައިކަން އިހުސާސް ނުވަނީ ކަމަށް ވެދާނެއެވެ.”ދޭބަލަ ކިޔާން..ފައިގެން އަންނަން.” ލައުރާ ރީޝަމް ކައިރީގައި އިނދެފައި ބުންޏެވެ. ކާ ހިތް ވުމުން ކިޔާން ވެސް އެތާ ހުރި އެންމެ ފަހު ތަށި ހިފައިގެން އައިސް ކާން ފެށިއެވެ.
ކެއި ގޮތަށް ވެފައި ހުރި ވަރުބަލިން ލައުރާ އަށާއި ޝަލީންއަށް ނިދުނެވެ. ކޮޓަރީގައި ހުރި އެނދު ބޮޑު ކަމުން ތިން މީހުންނަށް ބާލީސް ޖަހާ ވަކި ކޮށްގެން ނިދޭ ވަރު ވެއެވެ. ކިޔާންމެން އޮތީ ލިވިންގް ރޫމް ގައި ހުރި ދެ ސޯފާގައެވެ. އެ ސޯފާތައް ފުދޭވަރަކަށް ކުޑަކަމުން ކިޔާންމެންގެ ކަކުލުން ތިރީގެ އެއްބައި އޮތީ ބޭރުގައެވެ. ދެމީހުން ދެ ސޯފާގައި އޮތްނަމަވެސް މާއިލްއަށް ނިދެންދެން ދެމީހުން ވާހަކަ ދެއްކިއެވެ. ގޭތެރެ ހިމޭންވެ އަނދިރި އިރު ވެސް ކިޔާން އާއި ރީޝަމް އޮތީ ހޭލައެވެ. ދެމީހުންވެސް ހީކޮށްގެން ތިބީ އެންމެން ނިދައިފި ކަމަށެވެ. އެހެން އޮއްވައި ރީޝަމްގެ ލޮލަށް ނިދި އައިސް ދެލޯ މެރުނެވެ. ފަސް ވަރަކަށް މިނެޓަށްފަހު ދެން ފެނުނީ ރީޝަމްގެ މޫނުމަތިން އުނދަގޫ އަސަރުތަކެވެ. ގަދަކަމުން ނޫނެކޭ ބުނަން އުޅޭ ކަހަލަ އަސަރެކެވެ. ރީހާންއަށް ވީ ގޮތަށެވެ. ނަމަވެސް ކުޑަ ތަފާތެއް ވިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



ur story is soooo awesome <3 lav youu <<<<<<<<33333333333
Thankiu sm maisam!?✨
Ly2! <33
And sorry for not replying kuryge comments readers. When I saw them comment section was closed But
I’ve read them,
Since I cannot reply u that time, thankiu ❤️
Nice story