ވީމޭ އިންތިޒާރުގައި – 10
“ހެވޭ ދޮގު ނުހެދިޔަސް ރީހާން.. އަހަރެންނަށް ފެނިއްޖެއޭ ރީހާންގެ މޫނު.. ދޮގު ނުހަދާ ބަލަ.. ކީއްހޭ ވީ.. އަހަރެން ހެލްޕް ވާނަމޭ.. ކީއްވެތަ ތިހާ ދެރަވެ ތިއޮތީ..” އެލީޒާ ކުރަމުން ދިޔަ ޝަކުވާ މަޑު ޖެހުނީ އޭނައާއި ރީހާންގެ ދެމެދުގައި ވި ޖާގަ ހަނިކަން އިހުސާސް ވުމުން އެވެ. ފުން ނޭވާއެއް ލާފައި ރީހާން އެލީޒާ އާއި ދިމާއަށް ފުންކޮށް ބަލާލިއެވެ. އޭނައަށް އައި ކުޑަ ކުޑަ ބަދަލު ވެސް އެލީޒާ ފާހަގަ ވެއްޖެއެވެ.”ޕްލީޒް ބުނެބަލަ..” ހިތް އަވަސްވެ އަތްފައި ފިނިވެފައި ވިޔަސް އެލީޒާ ތަކުރާރު ކުރިއެވެ. ރީހާން އެއްޗެއް ނުބުނެ އޭނާގެ ލޮލަށް ބަލަހައްޓައިގެން ހުރުމުން އެލީޒާގެ ގައިން ފާޑެއްގެ ފިނިކަމެއް ދަތުރު ކޮށްލިއެވެ. އެ ދެލޮލުގައި ވި ބުނެދޭން ނޭނގޭ އަސަރުން އެކަނިވެސް އެލީޒާގެ އަނގަ ބަންދު ވެއްޖެއެވެ. ހަދާނެ ގޮތެއް ނޭނގިފައި ހުއްޓާ ރީހާން އެލީޒާގެ ކޮނޑުގައި ބޯ ފޮރުވާލިއެވެ.
**10 ވަނަ ޕާޓު**
އެލީޒާ މާ ވަރަކުން އޭނައަށް އަޅާލާތަން ފެނި ރީހާން ފެންކަޅިވަމުން ދިޔައެވެ. އެލީޒާގެ ކަންބޮޑުވެފައިވާ މޫނާއި ހާސްވެފައިވާ އަޑުން ރީހާން ހިތަށް އަސަރުކުރިއެވެ. އެހާ ފާޅުކަން ބޮޑު ގޮތެއްގައި ރީހާން މިހާ މޫޑް ގެއްލުނު ދުވަހަކީ މިއަދެވެ. ރާއްޖެ ގޮސްފައި އައީމަކަމަށް ވެދާނެއެވެ. މާ ވަރަކަށް ރޭޝްމާ، ރީޝަމްގެ އިތުރުން ލިއީޝް މަތިން ހަނދާން ވާ ރެއެކެވެ. އެހާ ވަރުން ހޯދަން ދިއުމުން ވެސް ދެކިލަން ބޭޤަރާރު ވެފައިވާ ދެމީހުން ނުފެނުމުން ވެސް ދެރަވީ ވަކި ވަރަކަށް ނޫނެވެ. އެލީޒާ އައިސް ކައިރިއަށް ހުއްޓުމުން ބައްދާލެވުނީ އިޚްތިޔާރުން ބޭރުގައެވެ. ރޮމުން ބޯ އަޅާނެ ކޮނޑެއް ބޭނުންވެފައި ހުންނަތާ ކޮން އަހަރެއް ހެއްޔެވެ؟ އެ ފުރުސަތު ލިބުމުން ދޫކޮށްލަން ރީހާން ބޭނުމެއް ނުވިއެވެ.
ރީހާންގެ ހޫނު ކަރުނަ ތިކިތައް އިހުސާސް ވުމުން އެލީޒާއަށް ހީވީ މީހަކު އޭނާގެ ހިތަށް ފިތާލިހެންނެވެ.”ރީހާން..” ލިބުނު ޝޮކްގައި އެލީޒާ ހުރީ ގުޑިލާން ވެސް ނޭނގިފައެވެ. ރީހާން ފުންކޮށް ނޭފަތް ދަމާލި އަޑު އިވިފައި އެލީޒާއަށް ހަމަހޭވެރިކަން ވިއެވެ. ވީގޮތް ނޭނގުނަސް ހިތްވަރު ދިނުމުގެ ގޮތުން އެލީޒާ ރީހާންގެ އިސްތަށިގަނޑުގައި އަތް ބާއްވާލިއެވެ. އިތުރަށް ކަމެއް ކުރަން ނުކެރުމުން ރޯނެ ވަރަކަށް ރޯން ދޫކޮށްލައިގެން ހުރީއެވެ. ދެތިން މިނެޓް ފަހުން ރީހާން އެލީޒާގެ ކޮނޑުން ބޯ ހިއްލާލިއެވެ. ރަތްވާން ކައިރިވެފައިވާ ލޮލާއި ހޭވިފައި އޮތް އިސްތަށިގަނޑު ފެނުމުން އެލީޒާ ހިތުގައި ހަމްދަރުދީ އުފެދުނެވެ.
“ރީހު ވީގޮތް ބުނެބަލަ..” އެލީޒާގެ ލޯ ވެސް ފެންކަޅިވެގެން ދިޔައެވެ.”އެލީ ވެސް އަހަންނަށް އިތުބާރު ނުކުރާނެ ކަންނޭނގެ ދެން..” ކުރެހިފައި ވާ އަޑަކުން ރީހާން ވާހަކަ ދެއްކިއެވެ.”ދެން ނޯ.. އަހަރެން ރީހާން ކިޔާ އެއްޗެހި އަޑު އަހާނަމޭ..” އެލީޒާގެ އޯގާތެރިކަން ފެނިފައި އަނެއްކާވެސް ރީހާން ފެންކަޅި ވިއެވެ.”ޤަބޫލު ކުރާނަންތަ؟ އަހަރެން ދެކެ ރުޅި ނާންނާނެތަ؟..” ދެންވެސް ރީހާން އެހީ ޝައްކުވެފައެވެ.”އާނ އެކޭ.. އެލީއަށް އިތުބާރު ކުރޭ..” އެލީޒާ ބުންޏެވެ.”ސޯ އަމް.. އިނގޭ ދޯ.. އަމް.. ރީޝަމް އެއީ މަގޭ.. ކޮއްކޮ ކަން..” އަޅައިގަންމުން ރީހާން އެހިއެވެ. ޝައުގުވެރިކަމާއެކު އެލީޒާ ބޯ ޖަހާލިއެވެ.”ރީޝަމް… ނޭނގެ ކިޔާދޭން ފަށާނެ ގޮތެއް ވެސް..” ރީހާން ފަސްޖެހެމުން ދާކަން އެލީޒާއަށް ނަގައިގަނެވުނެވެ.”ރީހު އޯކޭ ވާނެއޭ.. އަހަރެން ރުޅި އެއް ނާންނާނެ.. ބުނެބަލަ ބިރުނުގަނެ..” އެލީޒާ ހިނިތުންވެލިއެވެ. ފުން ނޭވާއެއް ލާފައި ރީހާން ފެށިއެވެ
“ދިޔައީމެއްނު ދޯ ރަށަކަށް.. އެއީ ރީޝަމް އާ އަހަރެންގެ މަންމަގެ ރަށް… ދެން.. ދިޔައީމެއްނު ގެއަކަށް.. އެއީ.. މަންމަގެ..ގެ..” ރީހާން ދުރު ބަލާލިއެވެ.”އަސްލު؟؟ އެކަމް ކީއްވެ މީހުން ނޫޅޭނީ؟..” އެލީޒާ ހައިރާންވިއެވެ.”އެއްގޮތަކަށް ވެސް ނޭނގެ.. އަހަރެން ލަންޑަނަށް ބައްޕައާ އެކު އައި އިރު ވެސް މަންމައާ ރީޝަމް އުޅެނީ އެރަށުގަ.. އެމީހާ ބުނި ގޮތުން ވިއްޔާ ފަސް އަހަރު ވެދާނެ އެގޭ ހުހަށް ހުންނަތާ.. އަހަރެމެން އައީ ވެސް ފަސް އަހަރު ކުރިން..” ރީހާން ބުންޏެވެ.”ދެން ރީހާން.. އެކަމަކު އެމީހުންނާ ޓޯކްއެއް ނުކުރަންތަ؟ ނަމްބަރ އެއް ވެސް ނެތީތަ؟..” ހިތުގައި އުފެދުނު އެންމެ މުހިންމު ސުވާލު އެލީޒާ ކުރިއެވެ. އެއާއެކު ރީހާން ހުއްޓުން އަރާ ގޮތްވިއެވެ.”އޯހ އާނ.. އަސްލު ބުނަން އުޅުނީ ތި ވާހަކައޭ..” ފަސް ވަރަކަށް ސިކުންތު ރީހާން ވިސްނާލަން ޖެހުނެވެ. ބުނާނީތޯ ނުވަތަ ނޫންތޯއެވެ. “އަހަރެން އައީ ބައްޕަ އާ އެކީ ފިލައިގެންނޭ އެލީ..އައިސް ނަމްބަރ އާ ފޯނާ ހުރިހާ އެއްޗެއް ބަދަލު ކުރީ.. އެކަމް ބައްޕަ އަދިވެސް މަންމަ ވަރިއެއް ނުކުރޭ..” ރީހާން އެންމެފަހުން ނިންމީ ބުނަންށެވެ.
“އެ.. އެ ކީއްވެ؟..” އެލީޒާގެ ދެބުމަ ކައިރިވިއެވެ.”ބައްޕަ..” ލިއީޝްގެ ނަން ބުނަން އުޅެފައި ވެސް ރީހާން އެކަން ސިއްރު ކުރިއެވެ.”ވަރަށް ދެރަވޭ..އަބަދު ހިތަށް އަރަނީ މަންމައާ ރީއްކޮ ވީ ކޮންތާކު ބާއޭ..” ރީހާން ފުން ނޭވާއެއް ދޫކޮށްލި އެވެ.”އަސްލު އަހަރެން ނުޖެހޭ ދޯ އަންނާކަށް.. އެމީހުން ބަލަން ހުންނަ މީހަކީ ވެސް އަހަރެން.. އިތުރު ފިރިހެން ކުއްޖަކު ނުހުންނާނެ.. އަހަރެންނަށް އެ އާއިލާ ރައްކާތެރިއެއް ނުކުރެވުން އެލީ..” ރީހާން އިސްޖަހާލިއެވެ.”މީހެއް ކައިރީ އަހާލިނަމަ އެއްނު؟..” އެލީޒާ ޚިޔާލެއް ދިނެވެ.”ތިބުނާހާ ފަސޭހައެއް ނޫން.. އަހަރެމެން ރަށުގެ އެންމެން ވަރަށް އެކުވެރިވާނެ.. އެ އެންމެން ވެސް އަހަރަށް ދެކެ ރުޅި އަންނަނީ ކަންނޭގެ ފިލައިގެން އައީމަ.. އެމީހިންގެ ކައިރިން އެހިޔަސް އެދެވޭ ޖަވާބެއް ނުލިބޭނެ..” ރީހާން ބުންޏެވެ.
އެލީޒާ އަށް ދޫކޮށްލެވުނީ ފުން ނޭވާއެކެވެ. އޭނައަށް ރީހާންގެ ހިތުގައި އަޅާ ވޭނެއް ނޭނގެއެވެ. އެފަދަ ހާލަތެއް މެދުވެރި ނުވާއިރު އިނގޭނީ ވެސް ކިހިނެއް ހެއްޔެވެ؟
ރީހާންގެ ހިތަށް އުނދަގޫ ވަނީ ހަމައެކަނި ރީޝަމް އާއި ރޭޝްމާގެ ޚިޔާލުތަކަކުން ނޫނެވެ. އޭނާގެ ހިތް ފަތަޙަ ކުރި ލިއީޝްގެ ޚިޔާލުތައް ވެސް ސިކުނޑީގައި އެނބުރެމުން ދިޔައެވެ. އަނެއްކާ ވެސް ރީހާންގެ ދެލޯ ފެންކަޅިވިއެވެ. ކައިރީގައި އެލީޒާ އިނީ ހަދާނެ ގޮތް ހުސްވެފައެވެ.”އަހަރެންނަށް އެއްވެސް ކަމެއް ކޮށްދެވޭނަމަ ކޮށްދޭނަން ރީހާން.. އަދި އެއްފަހަރު ހިނގާ ރާއްޖެ ގޮސް އެމީހުން ވީތަނެއް ހޯދަން.. އުންމީދު ކަނޑާލާކަށް ނުވާނެ..” އެލީޒާ ދެރަވެފައި ވާހަކަ ދެއްކިއެވެ.”ތިބުނާ ވަރަށް ފަސޭހައެއް ނުވާނެ އެލީ.. ބައްޕަ ހިއެއް ނުވޭ ދެން ހުއްދަ ދޭނެކަމެއް..” ރީހާން މާޔޫސް ކަމާއެކު ޖަވާބު ދިނެވެ.”ދެން އެކަމް ވެސް.. ގޯސް ގޮތަށް ވިސްނާކަށް ނުވާނެ.. އިރާދަކުރެއްވިޔާ ރީޝަމް އާއި ރީހާންގެ މަންމަ ވެސް ވާނީ ރަނގަޅު ހާލުގަ..” އެލީޒާ ހިނިތުންވަމުން ހިތްވަރު ދިނެވެ.
“ހްމްމް..” ހިތުގެ ލަގަން ދޫވެގެން ލިއީޝްގެ ވާހަކައެއް ހިއްސާ ކުރެވިދާނެތީ ރީހާން ގަދަކަމުން ހިނިތުންވެލިއެވެ.”ދެން އެލީ ދޭ ނިދަން..” ރީހާން އެލީޒާއަށް އިތުރު ބުރައެއް ޖައްސާކަށް ބޭނުމެއް ނުވިއެވެ.”ނުކެރޭނެ ރީހާން ތިހާ ދެރަވެފަ އޮއްވަ ދާކަށް.. މިރޭ ރީހާން ނިދިނާންނަކަން އެބަ އިނގޭ.. އެކަނި އޮވެ ވިސްނޭނީ ހައްތަހާ ވެސް ނުބައިކޮށް.. އެހެންވެ ބޭނުމެއް ނޫން ދާކަށް..” އެލީޒާ އިސްޖަހާލިއެވެ. ހަޤީޤަތުގައި އޭނާގެ ހިތުގައި ކިތަންމެ ވޭނެއް ރީހާންގެ ކޮންމެ ކަރުނަ ތިއްކަކުން އެޅިއްޖެއެވެ. ރީހާންގެ ހިތަށް ވެރިވީ ހިތްހަމަ ޖެހުމެވެ. އެންމެ ގާތް އެކުވެރިޔާ އަބަދުވެސް އޭނާގެ ކައިރީގައި ވާކަން އިނގުމުންނެވެ.”ދެން އެލީ ދައްކާ ވާހަކަ.. އަހަންނަށް ވެސް ނިދޭނެއޭ..” އެވަރުން ވެސް އެލީޒާގެ ނިދި ގެއްލޭކަށް ރީހާން ނޭދެއެވެ. އެއާއެކު އެލީޒާ ކުސްތަޅައި ގަތެވެ.
ވަރަށް ކިޔައިގެން ވެސް ރީހާން މެންގެ އިން ދާން އެލީޒާ އެއްބަހެއް ނުވިއެވެ. އޭރު ދަންވަރު ތިނެއް ޖަހާ ބޮޑުވެއްޖެއެވެ. މަގުމަތިން ވެސް ފުދޭވަރަކަށް ހަމަހިމޭންކަން ފެންނަމުން ދިޔައެވެ.”ހޫމް ދެން ހެވޭ ކުޑަކުއްޖާ..” ރީހާން މޫނަށް ވައްތަރެއް ޖައްސާލިއެވެ. އެލީޒާ އުޅުނު ގޮތް ކުޑަކުއްޖަކާއި އެއްގޮތް ވުމުން ރީހާންގެ ގާތަށް ހިނި އައެވެ. އެއާއިއެކު މޫޑް ވެސް ރަނގަޅުވިއެވެ.”މީ ކުޑަ ކުއްޖެއް ނޫން އިނގޭ!..” ރީހާން އާއި ދިމާއަށް އެލީޒާ ލޯ ބޮޑުކޮށްލިއެވެ.”ހެވެއްނު.. މިރޭ ނުނިދީމަ އޮތް އަދަބު ކިޔަންވީ؟..” ރީހާންގެ މޫނުމަތިން ފެނުނު ލާނެއް ކަމުން އެލީޒާގެ ހިތް ތެޅިގަތެވެ.”އާނ ކިޔާބަލަ..” އެލީޒާ އަޑު އަހަން ތައްޔާރު ވިއެވެ.”މަށާ އެކީ ނިދާލަންވީ..” ރީހާން ހަމަޖެހިލާފައި ބުންޏެވެ. އެއާއިއެކު ކޮށި އެރިއެރީނުން އެލީޒާގެ ލޮލަށް ވެސް ފެންއައެވެ.”އޭ ހަމަޖެހޭ އެ މަޖަލޭ.. އެލީ!..” ރީހާން އަށް ހިނިގަނޑު މަތައެއް ނުކުރެވުނެވެ. އެއާއެކު އެލީޒާ ގަތް ލަދާއި އެއްވަރަށް މޫނު ކުނިކޮށްލާފައި ރީހާން އާއި ދިމާއަށް އެނދުމަތީގައި އޮތް ބާލީސް ނަގާ އުކަންފެށިއެވެ.
★★★
ހެވިފައި ހުރެ ރީޝަމް ހަނދާން ކުރަމުން ދިޔައީ ކިޔާންގެ އަތު ތެރޭގައި އޮވެވުނު ވަގުތެވެ. އެނދުގައި ނިދަން ތައްޔާރުވެގެން އޮތް އިރު ވެސް މޫނުމަތިން ނިދީގެ އެއްވެސް އަސަރެއް ނުފެނެއެވެ. ބައެއްފަހަރު އެނދުގައި ދެފައިން ޖަހާލައެވެ. ނުވަތަ މޫނުގައި އަތް އަޅައިގެން އިނދެ ކުޑަކޮށް ހަޅޭއްލަވެއެވެ. ނޫނީ ތުންފަތުގައި ނުވަތަ އިނގިލީގައި ދަތް އަޅައިގެން އިނދެ އެކަމާ ވިސްނައެވެ. އެހެން އިންދައި އެއްލި ކަޅިއަކުން ވަގުތު ފެނުނެވެ.”ވަޓް..” އޭރު މެންދަން ވަނީއެވެ. ދެލޯ ބޮޑުކޮށްލާފައި ރީޝަމް އަވަސް އަވަހަށް އެނދަށް ވެއްޓިގަނެ މުޅި ގައި ފޮރުވޭ ވަރަށް ބްލެންކެޓް އެޅިއެވެ.
ކިޔާންގެ ހާލަކީ ތޯއެވެ؟ އެރޭ ހަތަރު ދަމު ހޭލައި އޮތް އިރު ވެސް ރީޝަމްގެ ޚިޔާލު ސިކުނޑިން ނެރެ އެއްލައެއް ނުލެވުނެވެ. އެކަމާ ހިތާމަ ކުރަނީ ވަކި ވަރަކަށް ނޫނެވެ. ކިޔާން ދެކޭ ގޮތުގައި ރީޝަމް އަކީ މާއިލްގެ ހައްޤެކެވެ. މާއިލް ލޯބިވާ ކުއްޖާއެވެ. މާއިލް ރީޝަމް އާއި ހެދި އުޅޭ ވަރު އެންމެ ގާތުން ދެކޭނީ ވެސް ކިޔާން ނޫން އިތުރު މީހެއް ނޫނެވެ. ނަފްސުގެ މައްޗަށް ކުރި ނުހޯދުމުން ރީޝަމް އާއި މެދު ކިޔާންގެ ހިތުގައި ޝަކުވާ އުފެދުނެވެ. މާއިލްއަށް އެކަން އިނގުނިއްޔާ އޭނާ ހިތާމަ ކުރާނެ ވަރު ކިޔާންއަށް އަންދާޒާ ކޮށްލެވުނެވެ. އެދުވަހު މާއިލް އެބުނީ ދޮގެއް ނޫންތާއެވެ. އެންމެ ނަޒަރަކުން ވެސް ރީޝަމް ކިޔާންގެ ހިތް އަތުލުމުގައި ކާމިޔާބު ހޯދައިފިއެވެ. ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލުމަށްފަހު ކިޔާން ކޮޓަރީގެ ބިތަށް ނަޒަރު ހުއްޓާލިއެވެ.
ހެނދުނު ހޭލި ގޮތަށް މާއިލް ކިޔާން މެންގެއަށް އައެވެ.”ކިޔާން އިއްޔަ ވަރަށް ކަޑަވި.. ދައްތަ ބުނެގެން ހޮސްޕިޓަލަށް ދިޔައީމަ ރީޝަމް އާ އެކީ ނުވެސް އުޅެވުން.. ގެއަށް ގޮސް ގުޅީމަ ވެސް ފޯނު ނިވާލާފަ.. ރީޝްގެ ދައްތައާ ހެދި ނުކެރޭނެ އެގެއަށް ދާން ވެސް.” އައި ގޮތައް އައިސް މާއިލް ޝަކުވާ ކުރަން ފެށިއެވެ. އެކަމާ ހެދި ކިޔާންގެ ހިތަށް ފާޑަކަށް އުނދަގޫވިއެވެ.”މާއިލް ހާސް ނުވެބަލަ.. އަހަރެންނަށް ފެނިގެން އޭނަ ގެންދިޔައީމޭ ދާން ނޭނގެ ވާހަކަ ބުނީމަ.” އެކަން ފޮރުވާލަމުން ކިޔާން ބުންޏެވެ.”އޭ އަސްލު.. ނަސީބެއްނު.. ވަރަށް ބޮޑަށް ޝުކުރިއްޔާ..” މާއިލް ހިނިތުންވިއެވެ.
“ހިނގާބަލަ ދަތުރެއް ދާން.. ވަރަށް ފޫހިވޭ ދޯ އެބަ..” މާއިލް ބުންޏެވެ.”ކޮން އިރަކުން ދާނީ..” އުފާވި ނަމަވެސް ރީޝަމް ދާނޭ ކަމުގެ ޔަޤީންކަން ނެތުމުން ކިޔާން އެހާ ޝައުގުވެރިއެއް ނުވިއެވެ.”ވިސްނާލަން ޖެހޭނީ.. ރީޝް ދާނަމަ ދާނީ.. އެހެން ނޫނީ ކެންސަލް..” މާއިލް ފޫހި އަޑަކުން ބުންޏެވެ.”ތީނަ ނުލާ ވެސް އުޅެން ވެއްޖެ ކަންނޭނގެ ދޯ..” ހެމުން ކިޔާން ވާހަކަ ދެއްކިއެވެ. ކިޔާންގެ ކުޅަދާނަކަމުން މާއިލްއަށް އެ އަޑުގައިވާ މާޔޫސް ކަމެއް ފާހަގައެއް ނުވިއެވެ.”މިއަދު ހަވީރު ގޮސް އަހާނީ.. އަދި ޖެހެނީ ވެސް އެތާ އުޅޭ ރީޝަމްގެ ބެލެނިވެރިޔާ ކައިރީގަ އޯ އަހަން ވެސް.. ހީވަނީ ރީޝަމްގެ ދިރިއުޅުމުގަ ދެލޯ ޖަހައިގެން ބަލަން ހުންނަ ހެން..” މާއިލް ވާހަކަ ދެއްކި ގޮތުންނާއި ވާހަކަ އާއި ގުޅޭ އެކްޓެއް ޖައްސާލުމުން ކިޔާން ހޭންފެށިއެވެ.”އަދި އެބަ ހޭ ހުރެގެން.. ބަލާތި މަ މި ހަދަނީ ދޮގުހެން ހީވާނަމަ..” މާއިލް ރުޅި އަންނަކަމަށް ހެދުނެވެ.
ކިޔާންމެން އައީ ރީޝަމް ކުޑަ މަސައްކަތެއް ކުރަން އިންދައެވެ. ބޭރަށް ދާން ރެޑީ ވެގެން އިނީ މާއިލް ނުވަތަ ކިޔާން އާދޭތޯއެވެ. މާއިލް ފަހަތުން ވަދެގެން އައި ކިޔާން ފެނި ރީޝަމްގެ ހިތް އަވަސްވިއެވެ. އާނިޔާ އޭރު ނިކުތީ އެވެ.”އަމް.. ދައްތާ.. އަނެއްކާ ވެސް ކުޑަ ވާހަކައެއް ބުނަން އެބަ އޮތް..” ކިޔާންއަށާއި ރީޝަމްއަށް ބަލާލަމުން މާއިލް ކަރުކެހިލިއެވެ. ބަދަލުގައި އާނިޔާ ހިނިތުންވަމުން ކިޔުމަށް އެދުނެވެ.”އަހަރެމެން އެބަ ވިސްނަން ދަތުރެއް ދާން.. އެންމެ ރަނގަޅުތަ ރީޝަމް ގޮވައިގެން ދިޔަސް..” މާއިލް ނުކެރިފައި ހުރެ އަހާލިއެވެ. އެއާ އެކު އާނިޔާގެ މޫނުމަތީގައި ވި ހިނިތުންވުން ގެއްލުނެވެ.”ދައްތާ ހާސް ނުވޭ..ރީޝަމް ވަރަށް ރަނގަޅަށް ބަލާދޭނަމޭ….” އާނިޔާ ދެބުމަ ކަައިރިވިތަން ފެނުމުން މާއިލް ނުތަނަވަސް ވިއެވެ. އާނިޔާ ދެން ބަލާލީ ރީޝަމް އަށެވެ. އެ މޫނުމަތިން ފެނުނީ އާނިޔާގެ ޖަވާބަކީ ނޫނެކޭކަން އިނގޭފަދަ ކުލަވަރެވެ.
ވިސްނާލުމަށްފަހު އާނިޔާއަށް ދޫކޮށްލެވުނީ ފުން ނޭވާ އެކެވެ. ރީޝަމް ވެސް އެ އުމުރުގައި އެކުވެރިންނާ އެކީ މަޖާ ކުރަން ބޭނުންވާނެކަން އިނގެއެވެ. އެހެނަސް އާނިޔާ ހާސް ވަނީ ރީޝަމްގެ ރައްކާތެރިކަމާ މެދުއެވެ. ރީޝަމްއަށް ކަމެއް ވިޔަސް އިތުރު މީހަކަށް ވުރެ ބޮޑަށް ދެރަވާނީ އަނިޔާއެވެ.”އެންމެ ރަނގަޅު.. ފިރިހެން ކުދިންނާ އެކީ ފޮނުވަން އެހާ ހިތްހަމައެއް ނުޖެހޭ.. އެކަމަކު ތި ދެކުދިންނަށް ވެސް އަދި ރީޝަމްއަށް ވެސް އިތުބާރު ކުރާނަމޭ އަހަރެން ބުނަން ބޭނުން.. ދާނެ ދުވަހެއް އަންގައިފިއްޔާ ވަރަށް ރަނގަޅު..” އާނިޔާ ހިނިތުންވިއެވެ. ރީޝަމްއަށް ލިބުނީ ސިހުމެވެ. އެއީ އަލަށް އާނިޔާ ހުއްދަ ދިނީތީއެވެ. ކިޔެވުމާއި ގުޅޭ ކަމަކަށް ވެސް އާނިޔާ ރީޝަމް ފޮނުވަނީ ޓީޗަރެއްގެ ފުރިހަމަ ސަމާލުކަން ރީޝަމްއަށް އޮންނާނެކަން ޔަޤީން ކޮށްފައެވެ.އާނިޔާ އޭނާގެ އިހުސާސްތަކާއި މެދު ވިސްނާލިކަން އިނގުމުން ރީޝަމްގެ ހިތް އުފަލުން ފުރުނެވެ. އެ ހިތުގައި އާނިޔާއަށް ވި ޝަކުވާތައް ދިޔަ ނުދިޔަ ދިމާއަށް ނޭނގުނެވެ.
“ވިސްނާލާފަ ބުނާނަން އިނގޭ.. ވަރަށް އުފާ ވެއްޖެ ހުއްދަ ދިނީމަ..” މާއިލް ހިތްހަމަ ޖެހުނެވެ. ކިޔާން ހުރީ ނުހޭންށެވެ.”އަހަރެން ހީކުރީ ނޯއޭ ބުނާނެ ކަމަށް..” ގެއިން ނިކުމެފައި މާއިލް ބުންޏެވެ.”ދޯ.. ދައްތަ އަލަށޭ އެ ހުއްދަ ދިނީ ވެސް.. ހަމަ އަސްލަށް ކިރިޔާ އުފަލުން ނުރޮވުނީ..” ރީޝަމް ދެލޮލަށް ޖަމާވި ކަރުނަތައް ހިންދާލިއެވެ.”އެކަމް އަހަންނަށް ހީވަނީ މާއިލް ކަންނޭނގެ ބުނީ ރީޝްގެ މަންމަ ވަރަށް ސްޓްރިކްޓް ވާނެއޭ..” ކިޔާން ބުންޏެވެ. ކިޔާން އެހެން ބުނުމުން ރީޝަމްގެ ދެފައި ބިމުގައި ތަތްލި ކަހަލައެވެ. ކިޔާން ހުރީ ވާނުވާ ނޭނގިފައެވެ.”އަމް..ދައްތަ.. އޮޅިގެން ކަންނޭނގެ ދޯ.” މާއިލް ކިޔާންއަށް ލޮލުގެ އިޝާރާތެއް ކޮށްލިއެވެ. އެއާއެކު ބުނެވުނު އެތި ކިޔާންއަށް ވިސްނުނެވެ. އެއީ ރީޝަމްގެ މަންމަ ކަމަށް ހީކުރިވަރުން އެމީހުން “ދައްތަ” އޭ ކީ ކަން ނުވިސްނުނީއެވެ. “އޯހ ހެހެ..” ރީޝަމް ހިނިތުންވުމަކުން ފުއްދާލިއެވެ. އާދައިގެ ގޮތަކަށް ރާގު ބަހައްޓައިގެން ފޮރުވަން އުޅުނު ނަމަވެސް ރީޝަމްގެ މިޒާޖަށް އައި ކުޑަ ކުޑަ ބަދަލު ކިޔާން ފާހަގަ ކުރިއެވެ. އެއާއެކު ހިތަށް ވެރިވި ސުވާލަކީ ރީޝަމްގެ މަންމަ ވީ ކޮންތާކު ހެއްޔޭއެވެ. އެކަމަކު އަހާކަށް ނުކެރުނެވެ.
“ސޯ މާދަމާ ދޯ ދާނީ؟..” ވާހަަކައިގެ ތެރެއިން މާއިލް ބުންޏެވެ.”ތިގޮތް ވެސް ރަނގަޅު އެކަމް.. އެއްވެސް އަންހެން ކުއްޖަކު ނުދާނެތަ؟..” ކުޑަކޮށް ނުތަނަވަސްވެފައި ހުރެ ރީޝަމް އެހިއެވެ.”ނޫނޭ .. ލައުރާ އާ ޝަލީން އާ ދާނެ. ވަރަށް މަޖާ ވާނެ..” މާއިލް ބުންޏެވެ. ހިސާބެއްގެ ހަމަޖެހުމެއް ރީޝަމްއަށް ލިބުނެވެ.”މިހާރު ކިހިނެއްވެފަ މާ މަޑުން..” ކިޔާން ޚިޔާލަކަށް ގެއްލިފައި ހުރުމުން މާއިލް އެހިއެވެ.”އެ ދެން.. ކުޑަކޮށް ބޮލުގަ ރިއްސާލީ..” ފާޑަކަށް ކިޔާން ބުންޏެވެ. ބޭސް ކާށޭ ބުނެފައި މާއިލް އެއްޗެހި ކިޔަން ފެށީ ނުނިދާތީ އެ މައްސަލައިގައެވެ.
ގެއަށް އައި ގޮތަށް ރީޝަމް އުޅުނީ ޕެކް ކުރުމުގައި އަވަދިނެތިއެވެ.”ދައްތާ ހަނދާން ނެތުނީއޭ ބުނަން..ލައުރާ އާ ޝަލީން ވެސް ދޭ.. ވަރަށް މަޖާ ވާނެ ދޯ..” ބޭނުން ކުރަން މަޖުބޫރު އެއްޗެހި ދަބަހަށް އަޅަމުން ދިޔައިރު ރީޝަމް ވާހަކަ ދެޖީ އުފަލުންނެވެ. ހާނިމް ގޭގައި ނޫޅުމާ އެކީގައި އެންމެންގެ ހިތަށް ލިބިފައި ވަނީ ހިތްހަމަ ޖެހުމެވެ. ފަހުން ނުކުމެގެން ދިޔަ ގޮތަށް ހާނިމް ގެއަކަށް ނުވަދެއެވެ.”އާނ މަޖާ ވާނެ.. މާހީ ވެސް ރޮއިރޮއިފަ އެ ނިދީ ގެންދާށޭ ކިޔައިގެން..” އާނިޔާ ރީޝަމްއަށް އެހީތެރިވެދެމުން ވާހަކަ ދެއްކިއެވެ.”މީހުން އުޅޭ ރަށަކަށްތަ ދަނީ؟ މާ ދުރެއް ނުވާނެ ދޯ؟.” ހިތަށް އައި ނުބައި ވަސްވާސް ތަކާއި އެކު އާނިޔާ އެދުނެވެ.”އާނ އެކޭ ދައްތާ.. ދައްކާ ވާހަކަ..” ރީޝަމްގެ ޖަވާބުން އަނިޔާގެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބުނެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.



Alhey nimuni tha eoh kiyaa hithun huhta
Next part vrh avahah kiyaalan libeyne kamah unmeedhu kuran ????
niceeee?