ވީމޭ އިންތިޒާރުގައި – 9
ބިރުން މޭގައި އަތް އަޅައިގެން ހުއްޓައި ރީޝަމް ސިހުނީ ދުވެފައި އައި މީހަކާ އެއްކޮށް ރީޝަމް ވެއްޓެން ދިއުމުންނެވެ. ނުބައި ޚިޔާލުތައް އައިސް ސިކުނޑި ވަށާލުމުން ރީޝަމްއަށް އަޑުގެ ނެތްތަނަށް ހަޅޭއްލަވައި ގަނެވުނީ ޖިންނިއެއް ކަމަށް ހީކޮންނެވެ. އެމީހަކު ވެސް ސިހުންކަން ރީޝަމްއަށް އިނގުނެވެ. ފައި ދަށުގައި ގިނައީ އަކިރި ތަކެވެ. ވެއްޓެން ދިޔަ ވަގުތު ވާނެ ތަދު ހިތަށް އެރުމުން ވެސް ހަޅޭކުޑެ އަޑު ވީ ބާރެވެ. ނަމަވެސް ވެއްޓުން އިރު އެއްވެސް ގޮތެއް ނުވުމުން ބަލާލި އިރު އޭނާއަށް އޮވެވުނީ މީހެއްގެ މޭމަތީގައެވެ. އެމީހަކު އޭނާ ސަލާމަތް ކުރުމަށްޓަކައި އެމީހާގެ ގައި މައްޗަށް ވެއްޓޭ ގޮތަށް ހެދީއެވެ. ކުރިމަތީގައި އޮތް މީހާ ފެނުމުން ރީޝަމްގެ ހިތުގެ ހިނގުން ހިނދުކޮޅަކަށް މަޑުޖެހުނެވެ.
**9 ވަނަ ޕާޓު**
ދުވެފައި އައި ކިޔާންއަށް ފުރަގަސް ދީގެން ހުރި އަންހެންކުއްޖާ ފެނުނީ މާ ފަހުންނެވެ. އެކުއްޖާގެ ގައިގައި ޖެހިފައި ވެއްޓެން ދިޔައިރު ބިންމައްޗަށް ވިސްނާލަން ބައި ސިކުންތު ވެސް ނުލިބުނެވެ. ރަނގަޅަށް ވިސްނަން ނުހަދާ އެކުއްޖާގެ އަތުގައި ހިފާ ކިޔާންގެ ގައިމައްޗަށް ވާގޮތަށް އެކުއްޖާ ގެނެވުނީ ކިރިޔާއެވެ. ވެއްޓުނު ވަގުތު ބުރަކަށިމައްޗަށް އެރި ތަދުން ދެލޮލަށް ފެން ގިނަވިއެވެ. އިރުކޮޅެއް ނުވަނީސް އެކުއްޖާ މާ ވަރަކަށް ބަލާހެން ހީވެގެން ކިޔާން އެކުއްޖާގެ މޫނާއި ދިމަ ބަލާލިއެވެ. އެވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. ކިޔާން ލާން އުޅުން ނޭވާ ވެސް ކަރު ތެރޭގައި ތާށިވިއެވެ. ހާދަ ފުރިހަމަ ސޫރައެކެވެ. އެކުއްޖާ ދެލޯ ބޮޑުކޮށްގެން ބަލަން އޮއްވައި މަޑުމަޑުން މޫނުމަތީގައި ރަތްކުލަލީ ކަހަލައެވެ.
“ކިޔާން..” ދިޔަ ވަރަށް ސިކުންތު ބަލަން އޮވެފައި ރީޝަމް ފުންމައިގެން ތެދުވިއެވެ.”ތީ ކާކު؟؟ ކިހިނެއް މަގޭ ނަން އިނގުނީ؟..” އޮތްތާ އޮވެ ކިޔާން ދެލޯ ހަނިކޮށްލިއެވެ. އެއާއެކު ރީޝަމްގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.”ކޮން އެއްޗެއްތަ އެހާ މަޖަލީ..؟ ޖަހާ ވައްތަރުތަ؟..” ރީޝަމް ހޭން ފެށުމުން ކިޔާން މޫނު ކުނިކޮށްލިއެވެ.”ހަމަ އެހާ ވެސް ހަނދާން ބަލީތަ ކިޔާން.. މީ ރީޝަމްއޭ.. މާއިލްގެ ފްރެންޑް..” ހުނުން މަޑު ޖައްސާލާފައި ރީޝަމް ޖަވާބު ދިނެވެ. އޮވެވުނު ތަން ވެސް ކިޔާން އަކަށް ނޭނގުނެވެ. ދެލޯ ބޮޑު ކޮށްލާފައި ކިޔާން ދެވަނަ ފަހަރަށް ބަލާލީ ދެލޯ ރަނގަޅަށް އުނގުލާފައެވެ. ރީޝަމް ނުހޭންވެގެން މިފަހަރު އަނގަމަތީ އަތް އެޅިއެވެ.
ހިތް ހަމައަކަށް އަޅުވާލަމުން ކިޔާން ތަނެއް ހަރަކާތް ކޮށްލީ ތެދުވުމަށް ޓަކައެވެ. އެހެނަސް އެޅި ވޭނުން މަޑު އާހ އެއް ކިޔާންގެ އަނގައިން ބޭރުވިއެވެ.”ތަދުވަނީތަ؟..” ކުއްލިއަކަށް ރީޝަމް ހާސްވިއެވެ. ކިޔާން ތެދުވުމަށް އެހީވީ ރީޝަމް އެވެ. ބުރަކަށިމަތީ އިން ދެތިން ޒަޚަމް ހުދުކުލައިގެ ގަމީހުގައި ހުރި ލެއިން އިނގުނެވެ.”އެ އޯކޭ.. ގެއަށް ގޮސް ކުޑަކޮށް ބޭސް އަޅާލަނިކޮށް އޯކޭ ވާނެ..” ކިޔާން އުނދަގޫ ގޮތަކަށް ބުރަކަށި ސީދާ ކޮށްލިއެވެ.”އޭ ދޮންތީ..” މާހީ ހުރިކަން ހަނދާންވީ ވެސް ރުޅި އައިސްފައި ހުރި މާހީގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އެ ފިރިހެނަކާ ހެދި އޭނާގެ ލޯބިވާ ކޮއްކޮ މަތިން ވެސް ހަނދާން ނެތޭ ވަރު ވެއްޖެ އެވެ.”ކީކޭ މާހީ؟؟” ކުރިމަތީގައި ހުރި ކިޔާން އަށް ސިއްރުން ބަލާލާފައި ރީޝަމް ލަދުން ހީނލިއެވެ.
“ކީއްތަ ތި ކުރަނީ މިހާ ދުރަށް އައިސްގެން؟ އެކަނިތަ އައީ؟ އަންނަން އިނގުންތަ؟ މެންދުރު މާއިލް ބުނި ރީޝަމް ގޮވައިގެން މިދިމާއަށް އަންނަ ވާހަކަ. މާއިލް ކޮބާ؟..” ސުވާލުތައް ކުރަމުން ކިޔާން އިސްތަށިގަނޑު ރީތިކޮށްލިއެވެ. އެމަންޒަރު ބަލަން ރީޝަމް ހުރީ އެސްފިޔަ ޖަހާލަން ވެސް ހަނދާން ނެތިފައެވެ.”ރީޝަމް؟..” ރީޝަމްގެ ފަރާތުން ޖަވާބެއް ނައުމުން ކިޔާން ބަލާލީ ރީޝަމްއަށެވެ. ސިހިފައި ކަހަލަ ގޮތަކަށް ރީޝަމް އިސްޖަހާލިއެވެ.”ނޫން.. ވަކި ހިސާބަކުން މާއިލްއަށް ދާން ޖެހުނީ.. މިތަން ކައިރީގަ ފެންނަން އޮތީމަ ހިތަށް އެރީ ބަލާލާނީއޭ.. މިދިމާއަށް ވަރަށް މީހުން ނޫޅޭ ދޯ؟..” އާދައިގެ ގޮތަކަށް ރީޝަމް އެހިއެވެ.”އާނ.. މިތަން މިގަޑީގަ މިހެން އޮތަސް ރޭގަނޑު މީ ލޯބިވެރިންގެ ތަނެއް.. އިޝާ ނަމާދަށް ގޮވުން ލަސްވެފަ ތިބޭނީ.. މީހުންތައް އަތު ގުޅައިގެން ދުރު ދުރުގަ ތިބޭނެ.. އަހަރެން ވެސް ވަރަށް ގިނައިން އަންނަން މިތަނަށް ކުރީގަ..” ކިޔާން ކިޔައިދިނެވެ.
“ޖޫލީއާ އެކީ؟..” ރީޝަމް ވަށައިގެން ނަޒަރު ހިނގާލިއެވެ.”ހޫމް..” ޖޫލީގެ ނަން އިވުމުން ހިސާބަކަށް ކިޔާންގެ ހިނިތުންވުން ފޭދުނެވެ.”ދެން އެވާހަކަ ބާއްވަމާ.. ކިޔާން ކީއްތަ ތި ކުރަނީ މިތާ؟..” ކިޔާންއަށް ވީ ގޮތް ފެނި ރީޝަމް ވެސް ދެރަވިއެވެ.”އަހަރެން ގޭތެރޭގަ އޮންނަން ވަރަށް ފޫހިވޭ.. ފްރެންޑުންނާ އެކީ ގިނައިން އަންނަނީ.. މިއަދު އެކަނި އަންނަ ހިތްވީ..” ކޮންމެ ސުވާލަކަށް ފުރިހަމަ ޖަވާބު ދެމުން ކިޔާން ގެންދިޔައެވެ. އެހިސާބުން ދެމީހުންގެ އަނގައިން ބަސް ހުސްވި އެވެ. ދައްކާނެ ކިތަންމެ ވާހަކައެއް ސިކުނޑީގައި ރޭވި ނަމަވެސް ދެމީހުން ކުރެ އެކަކުވެސް އަނގައިން ނުބުންޏެވެ. ކިޔާން އާއި ދިމަ ރީޝަމް ބަލާލި އިރު ކިޔާން ވެސް އިނީ ރީޝަމްއަށް ބަލަންށެވެ. ރީޝަމް ބަލާލުމާ އެކު ކިޔާން ނޭނގެ ކަމަށް ހެދިއެވެ.
ކިޔާން ހިތަށް އެއްފަހަރާ އެތަށް އެއްޗެއް އެރިއެވެ. މާއިލް ހާދަ ނަސީބު ގަދައެވެ. ޤަބޫލު ކުރަން ބޭނުން ނުވިޔަސް ޖޫލީއަށް ވުރެ ރީޝަމް މާ ބޮޑަށް ވެސް ރީއްޗެވެ. ސިކުނޑިއަށް އައި މޮޔަ ޚިޔާލާއި އެކު ކިޔާންއަށް ހެވޭގޮތްވިއެވެ. ރީޝަމް ކިތަންމެ ރީއްޗަސް އެއީ މާއިލް ލޯބިވާ ކުއްޖާކަން ކިޔާން ހަނދާން އެބަ ހުއްޓެވެ. އެގޮތަށް ވިސްނައިގެން އިނަސް ދޭތެރެ އަކުން ރީޝަމްއަށް ބަލާލެވެނީ އިޚްތިޔާރުން ބޭރުގައޭ ބުންނަސް ދޮގަކަށް ނުވާނެއެވެ. އަނެއްކާ އޭނައަށް ރީޝަމް އާއި ދިމަ ބެލެނީ ކޮންކަހަލަ ނަޒަރަކުން ބާއެވެ؟ އެކުވެރިކަމަކުން ނޫން ހެއްޔެވެ؟ އެހެން ހިތަށް އެރުމާއި އެކު ކިޔާން ހިތް އަވަސްވިއެވެ. އަދި އަމިއްލަ އަމިއްލައަށް ވިސްނައިދިނީ ރީޝަމް އަކީ އެކުވެރިއެއް ކަމަށެވެ.
“އަމް..” ކިޔާން ކަރުކެހިލިއެވެ. އޭރު އިރު އޮއްސެނީ އެވެ. މިހާ ގިނަ އިރު އެމީހުން ތިބީ ވާހަކަ ނުދައްކައެވެ. ދޭތެރެއިން ދެމީހުން ދެމީހުންނަށް ބަލާލާ ހެދިޔަސް ސިކުންތެއް ނުވަނީސް އެހެން ދިމާއަކަށް ބަލާލައެވެ. މާހީއަށް އިނީ ރީޝަމްގެ ކޮނޑުގައި ބޯ އެޅި ގޮތަށް ނިދިފައެވެ.”ގެއަށް ދާކަށް ނުވޭތަ؟..” ގަޑި ބަލާލަމުން ކިޔާން އެހިއެވެ.”ނޫން..” އަތްފައި ފިނިވެފައި އިނދެ ރީޝަމް ޖަވާބު ދިނީ އަވަސް އަވަހަށެވެ. އަދި މާހީ ގައިގައި ކޮއްޓާލަމުން ހޭލައްވާލިއެވެ.”އިނގޭތަ ގެއަށް ދާން؟..” ރީޝަމްގެ ގެއާއި އެތަނާއި ކިހާ ދުރުކަން އިނގޭތީ ކިޔާން އެހިއެވެ. އެއްޗެއް ބުނާ ވަރަށް ވުރެ ހިތުގެ ތެޅުން އަވަސް ވުމުން ރީޝަމް ދެފަރާތަށް ބޯ ހޫރާލީއެވެ. ކުޑަ ހިނިތުންވުމަކާ އެކީ ކިޔާން ރީޝަމް ކައިރީގައި ގެއަށް ގެންގޮސްދޭނެ ކަމަށް ބުންޏެވެ. ދެވަނަ ފަހަރަށް ހިނިތުންވެވުނީތީ އެކަމާ ވެސް ރުޅި އަތުވިއެވެ.
ކިޔާން އާއި އެކީ ގެއާ ހިސާބަށް އައި އިރު ރީޝަމް ހުރީ ހިތް ފުރޭވަރު ވެފައެވެ. ކައިރީގައި ހުރި މާހީ ކުނި މޫނު ހަދައިގެން ހުރީ ރީޝަމް އާއި ވާހަކަ ނުދައްކަން ހުވާ ކޮށްގެން ކަހަލަ އެވެ. އެވަގުތު ގޭ ދޮރު މައްޗަށް އެރި އާނިޔާ ފެނިގެން މާހީގެ ޝަކުވާ ބޮނޑި އޮއްސަން ފެށިއެވެ.” މަންމީ.. އިނގޭތަ ދޮންތިއާ އެކި ފޫހި ދާން.. ދޮންތި އަބަދު ހުންނަނީ އެ ދާ ބޭބެއާ ވާހަކަ ދައްކަން.. މާހީ ހުންނަނީ ފޫހިވެފަ.. މަންމީ މިއަދު ވެސް ދޮންތި..” މާހީގެ އަތަށް ރީޝަމް ބާރު ކޮށްލީ މޫނު ރަތްވާ ކަމުގެ އިހުސާސް ވާން ފެށުމުންނެވެ. ކިޔާންއަށް އަޑު ނީވޭކަން ޔަޤީންވުމުން ރީޝަމް ފުން ނޭވާއެއް ލިއެވެ.”އަވަހަށް ވަދޭ އެތެރެއަށް.. ދޮންތިގެ ޝަކުވާ މިހާރު މާ ގިނަ ވަނީއޭ.. ކޮބާ މާއިލް؟ ރީޝް މިހާރު މާ ގިނަ ފިރިހެން ކުދިންނާ އެކީ އުޅެނީ ކީއްވެތަ؟..” މާހީގެ އަތުގައި ހިފައިގެން އާނިޔާ ގެއަށް ވަނެވެ.”އެއީ މާއިލްގެ ބެސްޓް ފްރެންޑް ..” ރީޝަމް ބުންޏެވެ. ކިޔާން އާއި މެދު އާނިޔާ ހިތްހަމަ ނުޖެހޭކަށް ރީޝަމް ނޭދެއެވެ.
ކިޔާންއަށް އެރޭ ގެއަށް ދެވުން އިރު ކިޔާންގެ ތަބީޢަތު ހުރީ ބަދަލުވެފައެވެ. ރީޝަމްގެ ސޫރަ އެ ހިތުގައި ކުރެހުން އެންމެ ސިކުންތެއްވެސް ނުނެގީތީ ކިޔާންގެ ހިތުގައި ޝަކުވާ އުފެދުނެވެ. ޖޫލީގެ ހަނދާންތަކުން އަރައި ނުގަނެވިގެން އުޅެނިކޮށް ރީޝަމް ދެކެ ލޯތްބެއް ނުވެވޭނެއެވެ. އެއީ ކިޔާން ޤަބޫލު ކުރަން ބޭނުންވި ގޮތެވެ. އެހެނަސް އެއީ ތެދު ނޫންކަން ކިޔާންއަށް އިނގެއެވެ. ލޯބި މި ވަނީ އަލަކަށް ނޫން ވިއްޔާއެވެ. ކޮޓަރިއަށް ވަދެ ލޯގަނޑު ކުރިމައްޗަށް ކިޔާން ހުއްޓުނެވެ. އެކަމާ މެދު ހިތާމަ ކުރާކަން މޫނުމަތިން ވެސް ހެކި ދެއެވެ. ގަމީސް ބަލާފައި ކުޑަކޮށް ބުރަކަށި ފެންނަ ވަރަށް ކިޔާން އެނބުރުނެވެ. ލޭތައް ހިކިފައިވީ ނަމަވެސް އޭރުވެސް ދިލަނަގައެވެ. ފުން ނޭވާއެއް ދޫކޮށްލާފައި ތާޒާ ވެލުމަށްޓަކައި ކިޔާން ފާޚާނާއަށް ވަނެވެ.
★★★
ރިޒޯޓް ގައި އުޅެލާފައި ރީހާންމެން އަލުން ލަންޑަނަށް އައެވެ. މާޔޫސް ކަމާ އެކީއެވެ. ރީހާން އޭނާގެ މަންމަ އާއި ކޮއްކޮއާއި ބައްދަލު ނުވުމުން ހިސާބަކަށް ފެންކަޅި ވެސް ވިއެވެ. ވަރުބަލިވެފައި ހުރުމުން އެލީޒާ ގެއަށް ލާފައި ރީހާން ގޮސް ފެންވަރާލައިގެން އޮށޯތީ އެނދުގައެވެ. އެހެނަސް ލޮލަކަށް ނިންޖެއް ނައެވެ. ދެފަރާތަށް ފުރޮޅި ފުރޮޅި އޮވެފައި އެންމެފަހުން ނޯވެވިގެން ރީހާން ތެދުވެ ބޭރަށް ނިކުތެވެ. ބޮލުގައި ވެސް ކުޑަކޮށް ރިއްސަމުން ދިއުމާއެކު ރީހާން ކުޑަކޮށް ތައްޔާރު ވެލައިގެން ކައިރި ހިސާބަކަށް ހިނގާލަން ދިޔައެވެ.
“ޒާން.. މަށަށް ވަރަށް ހީވޭ އެ ރީހާން އެއުޅެނީ އަހަރެމެންގެ ލިއީޝް ހޯދަން އައިސްގެން.. އަލުން ލިއީޝް އޭނަ ކައިރިއަށް ދިޔައީމަ ދެން ވާނީ ކިހިނެއް؟..” ލިއީޝްގެ މަންމަ ލަހުމާ ވާހަކަ ދެއްކީ ކުރިމަތީގައި އިން ޒާން އާއެވެ.”ނުވާނެ.. ދުވަހަކު ވެސް ނުވާނެ.. މަ ހުއްޓާ އޭނާ ކައިރިއަކަށް ނުދެވޭނެ..” ޒާން ހިތްހަމަ ނުޖެހުނެވެ.”އެކަމަކު އެކަހަލަ މީހަކަށް ނުކުރެވޭނެ ކަމެއް އޮންނާނެހެން ހިއެއް ނުވޭ.. ރޭޝްމާގެ..” ލަހުމާގެ ވާހަކަ ފުރިހަމަ ނުކުރެވެނީސް ލިއީޝް ދޮރު މައްޗަށް އެރި ދުވެފައެވެ. ތައްޔާރު ކުރި މެގްނަމް ޕުޑިންގް ޓްރޭ އަތުގައި އޮތެވެ.”ރަހަ ބަލާލަބަލަ މަންމާ.. ހަމަ ދެންމެ ހެދީ..” ހެވިފައި ލިއީޝް އައިސް ލަހުމާގެ ކުރިމަތީގައި ޓްރޭ ބަހައްޓާލިއެވެ. ކައިރީގައި އޮތް އޫ ނަގާފައި ލަހުމާ ރަހަ ބަލާލީ ހިތް އަވަސްވެފައި ހުރެއެވެ. އެ ދެއްކި ވާހަކަތައް ލިއީޝްއަށް ނީވޭނެކަން އިނގުނަސް އިވުމުން ވާނެ ގޮތް ހިތަށް އެރުވެނީ އެވެ.
ލިއީޝް ހިތުގައި އޮތް ނުތަނަވަސްކަން ވީ ބޮޑުވެ. ހަޤީޤަތުގައި ލިހުމާ ރޭޝްމާގެ ނަން ކީ އަޑު ލިއީޝްގެ ކަންފަތާއި ހިސާބަށް ފޯރިއެވެ. ހިނިތުންވެގެން ހުރެވެނީވެސް މަޖުބޫރުންނެވެ. ފާޚާނާއަށް ދަނީ ކަމަށްބުނެ ލިއީޝް އަވަސް އަވަހަށް ކޮޓަރިއަށް ވަނެވެ.”ރޭޝްމާ..” ލިއީޝް ތުރުތުރު އަޅަމުން ދިޔަ އަޑަކުން ކިޔާލިއެވެ. ހިތަށް ވަންނަމުން ދިޔަ ހުސްކަމާ އެކީ ލިއީޝްގެ ދެލޯ ކަރުނުން ފުރުނެވެ. ދޮރުގައި ލެނގިގެން ހުރެ ލިއީޝް ކަރުނަތައް ފުހެލިއެވެ.
“ރީހާން ކޮންކަމަކާތަ ތި ވިސްނަނީ..” އަނެއް ދުވަހު ކެއުމުގެ ތެރެއިން އެލީޒާ އެހިއެވެ. ރީހާން ނެގިމަޑުވެފައި އިނުމުން އުނދަގޫވީއެވެ.”ކީއްވެ މާ މަދުން ތި ކަނީ؟ ނުބައީތަ؟..” ރީހާން އެއްޗެކޭ ނުބުނުމުން އަނެއްކާ ވެސް އެހިއެވެ. ޖަވާބުގައި ރީހާން ދެފަރާތަށް ބޯ ހޫރާލީއެވެ.”ތިހެން ވީއިރު ތަންކޮޅެއް ގިނައިން ކާންވީ.. އިއްޔަ ވެސް ނުކައި ތިއުޅެނީ..” ފްރައިޑް ރައިސް ތަށި ކައިރި ކޮށްލަމުން އެލީޒާ އެދުނެވެ.”ބަނޑު ހައެއް ނޫނޭ އެލީ..” ރީހާންގެ އަޑުގައިވާ މަޑުމައިތިރި ކަމުން އެލީޒާ ދެރަވިއެވެ. ދެތިން މިނެޓް ފަހުން ގެއަށް ދާން ރީހާން ތެދުވިއެވެ.”ހާދަ އަވަހަކަށް ތި ދަނީ؟..” ކޭ ތަށިތައް ދޮންނަމުން އެލީޒާ ރީހާން އާއި ދިމާއަށް އެނބުރުނެވެ.
“ވަރަށް ނިދި އައިސްގެން މިއުޅެނީ..ގުޑް ނައިޓް..” ރީހާން ހިނިތުންވެލީ ނަމަވެސް އެ ހިނިތުންވުން ލޮލާއި ހިސާބަކަށް ނުފޯރިއެވެ.”ރީހާން ކިހިނެއްތަ ވީ..” އެންމެފަހުން އެލީޒާއަށް އެހުނެވެ.”ކަމެއް ވެއްޖެތަ؟..” ރީހާން ހަމަޖެހެން މަސައްކަތް ކުރިއެވެ.”ދެން ރީހޫ.. ކަމެއް ގޯސްވިޔަސް ނުބުނެ އުޅެގެން އެކަން ހައްލެއް ނުވާނެއޭ.. ބުނީމަ އެއްނު ހެލްޕެއް ވެވެން އޮތިއްޔާ އިނގޭނީ ވެސް..” އެލީޒާ ރީހާން ކައިރިއަށް ޖެހިލިއެވެ.”އެ ވާނީ މާ ބޮޑަށް ނިދި އައީ ކަމަށް..” އެލީޒާ ދޫ ނުކުރާނެހެން ހީވުމުން ރީހާން އަވަހަށް ގެއިން ނިކުންނަން ދިޔައެވެ. އެލީޒާ ވެސް ރީހާން ފަހަތުން ދުއްވައިގަތެވެ.”ރީހާން.. ކޮންކަމެއްތަ ތި ފޮރުވަނީ؟ އަހަރެން ކައިރީ ނުބުނެވޭ ވަރު ވާހަކައެއް އޮތީތަ؟..” އިނގެން ބޭނުންވެފައިވާ ވަރުން އެލީޒާ ދެރަވާކަމަށް ހެދުނެވެ.”ދެން.. ފަހުން ދޯ..” ކުޑަކުޑަކޮށް އެލީޒާގެ ނޭފަތުގައި ކޮއްޓާލާފައި ރީހާން ނިކުތެވެ. އެލީޒާއަށް އެއްޗެއް ބުނެވުމުގެ ކުރިންނެވެ.
އެހެނަސް އެލީޒާ މާ ހުށިޔާރެވެ. ރީހާން ފަހަތުން ރީހާންގެ ގެއަށް ވަންނަންދެން ވެސް ހުއްޓެވެ.”އެލީ އަހަރެން ނިދި އައިސް މިހުރީ.. ނިދަން ބޭނުމޭ..” ރީހާން އެލީޒާއާއި ދިމާއަށް އެނބުރުނެވެ. އެ ދެލޮލުގައި ނިދީގެ ކަންފުޅެއްވެސް ނެތެވެ.”އޯކޭ އޯކޭ..” މޮޅު ރޭވުމެއް ސިކުނޑީގައި ރާވަމުން އެލީޒާ އެއްބަސްވިއެވެ.”އެލީ ދަމުން ލޮކް ކޮށްލާފަ ދާތި އިނގޭ..” ވާހަކަ ދައްކާފައި އެލީޒާއަށް އެއްޗެކޭ ނުބުނެވެނިސް ރީހާން ކޮޓަރިއަށް ވަދެ ދޮރު ޖެހިއެވެ.”ދެން ރީހާން..” ތުން އޫ ކޮށްގެން ހުރެ އެލީޒާ މަޑުމަޑުން ކިޔާލިއެވެ. އަދި ލައިޓް ނިއްވާލިއެވެ.
އެހެން ދިހަ ވަރަކަށް މިނެޓް ހުރުމަށްފަހު ނުތަނަސްވާން ފެށުމުން އެލީޒާ އަޑެއް ނީވެނެހެން ހިނގައިގަތީ ރީހާންގެ ކޮޓަރިއާއި ދިމާއަށެވެ. އޭރު އެ ކޮޓަރީގައި ވެސް ވަނީ ފަނޑު އަލިކަމެވެ. އެކަމަކު އެލީޒާ ޔަޤީންކުރަން ބޭނުމެވެ. ކޮޓަރި ދޮރުމަތީގައި ވެސް މިނެޓެއް ހާއިރު މަޑުކޮށްލާފައި އެލީޒާ ދޮރު ހުޅުވާލީ ކުއްލިއަކަށެވެ. އެނދުގައި ޚިޔާލަކަށް ގެއްލިފައި އޮތް ރީހާން އަށް ވެސް ސިހުން ލިބި ކޮޅަށް ތެދުވެވުނެވެ. ފުރަތަމަ ވެސް އެލީޒާއަށް ފެނުނީ ރީހާންގެ ފެންކަޅިވެ މިލާފައިވާ މޫނެވެ. އެވަގުތު ހަރަކާތްތައް ކުޑަކޮށް ލަސްވި އެވެ.”އެލީ؟ނުދަންތަ ގެއަކަށް އަދިވެސް..” ކުޅަދާނަކަމާ އެކު ރީހާން މޫނުމަތީގެ އަސަރުތައް ފޮރުވާލިއެވެ.”ބުނޭ ވީ ގޮތެއް.. އެހެން ނޫނީ ގެއަށް ކީއްކުރަން، މިތާކުން ވެސް ނުކުންނާނަން..” އެލީޒާ އަޑަށް ރުޅިވެރިކަން ގެނައެވެ. އެއާއެކު ރީހާން ވެސް ހިސާބަކަށް ހިތްހަމަ ނުޖެހުނެވެ.”އެލީ އަހަރެން ނިދަން މިއޮތީ..” ރީހާންގެ ޖަވާބުން އެލީޒާ ތުން ދަމާލިއެވެ. އަދި ރީހާން އާއި ދިމާއަށް ބާރު ފިޔަވަޅު ތަކެއްގައި ހިނގައިގަތެވެ.
“ހެވޭ ދޮގު ނުހެދިޔަސް ރީހާން.. އަހަރެންނަށް ފެނިއްޖެއޭ ރީހާންގެ މޫނު.. ދޮގު ނުހަދާ ބަލަ.. ކީއްހޭ ވީ.. އަހަރެން ހެލްޕް ވާނަމޭ.. ކީއްވެތަ ތިހާ ދެރަވެ ތިއޮތީ..” އެލީޒާ ކުރަމުން ދިޔަ ޝަކުވާ މަޑު ޖެހުނީ އޭނައާއި ރީހާންގެ ދެމެދުގައި ވި ޖާގަ ހަނިކަން އިހުސާސް ވުމުން އެވެ. ފުން ނޭވާއެއް ލާފައި ރީހާން އެލީޒާ އާއި ދިމާއަށް ފުންކޮށް ބަލާލިއެވެ. އޭނައަށް އައި ކުޑަ ކުޑަ ބަދަލު ވެސް އެލީޒާ ފާހަގަ ވެއްޖެއެވެ.”ޕްލީޒް ބުނެބަލަ..” ހިތް އަވަސްވެ އަތްފައި ފިނިވެފައި ވިޔަސް އެލީޒާ ތަކުރާރު ކުރިއެވެ. ރީހާން އެއްޗެއް ނުބުނެ އޭނާގެ ލޮލަށް ބަލަހައްޓައިގެން ހުރުމުން އެލީޒާގެ ގައިން ފާޑެއްގެ ފިނިކަމެއް ދަތުރު ކޮށްލިއެވެ. އެ ދެލޮލުގައި ވި ބުނެދޭން ނޭނގޭ އަސަރުން އެކަނިވެސް އެލީޒާގެ އަނގަ ބަންދު ވެއްޖެއެވެ. ހަދާނެ ގޮތެއް ނޭނގިފައި ހުއްޓާ ރީހާން އެލީޒާގެ ކޮނޑުގައި ބޯ ފޮރުވާލިއެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.



Alhey mi part nimuni tha
Heyo nuvaane next part vrh avahah up koh dhehchey
Mi part VX vrh reethi Thi
Labba nimuny dhw?
yes In sha Allah tomorrow ? keep waiting patiently
Nd thankiu hudhakko ?
nice?
Thankiuu guitar lover ?