Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ދީނީލޯބި

ހިޖުރަ (ވިހިވަނަ ބައި)

Jana 100 Stories10 Stories1K Comments500 Comments100 Comments100 Login500 Login
September 1, 2015 9 Mins Read
33 Comments

ޔޫނުސްގެ ސަމާލުކަން މަގަށް ނުދެވި ހުއްޓާ އޭނައަށް ހަމަ ހޭވެރިކަމެއް ލިބުނީ ސީދާ އޭނަގެ ކާރު ކުރިމައްޗަށް މީހަކު އައިހެން ހީވުމުންނެވެ. ރަނގަޅު ވަގުތަށް ކާރު މަޑު ނުކުރެވޭނެހެން ހީވި ވަގުތު ޔޫނުސްގެ މޭގަނޑު އަތަށްއައެވެ. ޔޫނުސްއަށް ދެލޯ މަރާލަމުން ކުއްލިއަކަށް ބުރަކި ޖައްސާލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ބާރު އަޑަކާއެކީ ކާރަށް ލޮޅުމެއް އައިކަން ޔޫނުސްއަށް އިޙްޞާޞް ކުރެވުނެވެ. ކާރު އެއްފަރާތަކަށް އެނބުރެމުން ގޮސް މަޑުކޮއްލީ ވަގުތު ޔޫނުސްއަށް ދެލޯ ހުޅުވާލެވުނެވެ. އޭނަގެ ހިތް މޭފަޅާފައި ނިކުމެދާނެހެން ހީވާވަރަށް ތެޅެމުން ދިޔައެވެ. އޭނައަށް ހިރިލަން ވެސް ނޭނގިފައި ހުންގާނު ބުރުގައި ދެއަތުން ހިފަހައްޓައިގެން އިނދެވުނެވެ. ކާރުގެ ދޮރުގެ ބިއްލޫރިގަނޑު ތިރިކޮށްފައިވުމުން އޭނައަށް މަގުމަތީގައި އަޑުގަދަވެގެން ދިޔަކަން އެނގުނެވެ. މީހުން ޝަހީމާއޭ ކިޔާ އަޑު އިވުމުން ޔޫނުސްގެ މެއަށް ނުބައި ގޮތެއްވިއެވެ. ކޮންމެވެސް އެކަކު ޝަހީމާ ނޭވާ ނުލައޭ ބުނުމުން ޔޫނުސްގެ ނޭވާ ހުއްޓުނެވެ. އެހެން މީހަކު އޭނަ މަރުވީހޭ އަހާލި އަޑު އިވުމުން ޔޫނުސްއަށް ހީވީ ހަތަރު ފަރާތުން އޭނަ ބެދެމުން ދިޔައީހެންނެވެ. އަންހެނަކު ރޮވިފައިވާ އަޑަކުން ޝަހީމާ މަރުވެއްޖެއޭ ބުނި އަޑަށް ޔޫނުސްގެ މޫނު ހުދުވެގެން ދިޔައެވެ. މުޅި މީހާ ގަނޑުވިއެވެ. ޔޫނުސްއަށް ހީވީ މުޅި ދުނިޔެ އޭނަ ވަށައިގެން އެނބުރެން ފެށީ ހެންނެވެ. ދެލޯ ހުޅުވައިގެން އިނަސް އޭނަގެ ހެއެއްނެތެވެ. މަގުގައި ތިބި މީހުން އައިސް އެއްޗެހި ކިޔަން ފެށުމުން ވެސް ޔޫނުސް އިން ގޮތަށް އިނީއެވެ. ކާރުގެ ދޮރު ހުޅުވައި އޭނަގެ އަތަށް ދަމައި ކާރުން ވައްޓާލީ ކާކުކަމެއް ވެސް ޔޫނުސްއަކަށް ނޭނގެއެވެ. ބިންމައްޗަށް ވެއްޓުމުން ވެސް ޔޫނުސްއަށް އޮތްގޮތަށް އޮވެވުނީއެވެ.

3 ދުވަސް ވަންދެން ޔޫނުސްއަށް އޭނަގެ ވަށައިގެން ވާނުވާއެއް ނޭނގެއެވެ. ފުލުހުންގެ ބަޔަކު އޭނަ ކާރަކަށް ލި ހަނދާންވެއެވެ. އޭނަ ކޯޓަކަށް ގެންދެވުނުހެން ވެސް ހީވިއެވެ. އޭނައަށް ޔަޤީންވިހާ ކަމަކީ ބަޔަކު މީހުން އޭނަގެ އަތަށް ދަމަމުން އެކި ތަންތަނަށް ގެންދަމުން ދިޔަކަމެވެ. ޔޫނުސްއަށް ހަމަހޭވެރިކަމެއްވީ އޭނަ ޖަލުގެ ކުޑަ ގޮޅިއެއްގައި އިންދާ ކާ އެއްޗެހި ހުރި ތަށްޓެއް ލިބުނު ވަގުތެވެ. ތަށީގައި ހުރި ބަތާއި މުގު ފެނިފައި އޭނަގެ ހަނދާނަށް އައީ އޭނަގެ މަންމަ އޭނަ ކާމޭޒު ދޮށުގައި އިންދާ ހަމަ މި އެއްޗެހި ހުރި ތަށްޓެއް އޭނަގެ ކުރިމަތީގައި ބެހެއްޓި ހަނދާނެވެ. ޔޫނުސް އެދުވަހު ތަށި ކޮއްޕާލަމުން ޗޮއްކަނޑާފައި ގެއިން ނިކުމެގެން ދިޔައެވެ. އެ ހަނދާނަށްފަހު ޔޫނުސްގެ ސިކުނޑިއަށް ވެރިވެގެން ދިޔައީ އޭނަގެ ޙަޔާތުގެ އެންމެ އަނދިރި ދުވަސްތަކެވެ. އޭނަދެކެ ލޯބިވާކަމަށް ބުނި ބައްޕަ އަމިއްލަ އަތުން އޭނަ ދަމައިގެން ގޮސް އޭނަ ގެއިން ނެރެލި ދުވަހެވެ. އޭނައާއި އޭނަގެ މަންމަ އެއްވެސް ދިރުމެއްނެތް ގެއެއްގައި އުޅެން ޖެހުނު ޙާލެވެ. މަންމަ އަމިއްލައަށް ނުކައި ހުރެވެސް އޭނަ ކައިގެން ހުރިތޯ ބެލުމަށް ދެއްކި ޙަރަކާތްތަކެވެ. މަންމަ ކޮންމެ ރެއަކު އޭނަ ނިދަން އޮށޯންނަތާ މާގިނައިރެއްނުވެ ކޮޓަރިއަށް އައިސް އޭނަގެ ބޮލުގައި ފިރުމައި ނިތުގައި ބޮސްދޭ ގޮތެވެ. އޭނަ މަސްތުވާތަކެތި ބޭނުން ކުރަން ފެށިފަހުން އޭނަގެ އަމިއްލަ އަތުން މަންމައަށް ދިން އަނިޔާތަކެވެ. މަންމައާއި ދިމާލަށް ގޮވި އެއްޗެއްސެވެ. ޔޫނުސްގެ ހުރިހާ ހަނދާނެއް ހުއްޓުމަކަށް އައީ އޭނަ ކާރެއްގެ ތެރޭގައި އިންދާ ކާރުގެ ކުރިމައްޗަށް މީހަކު އެރި ހަނދާންވުމުންނެވެ. ބުރަކީގެ އަޑާއެކު ޝަހީމާ މަރުވެއްޖެއޭ މީހަކު ބުނި އަޑު ކަންފަތުގައި ގުގުމައިގެން ދިޔުމުން ޔޫނުސް ހުއްޓުމަކަށްއައެވެ. އޭނަގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. އޭނަގެ މަންމަ ހަމަ މަރުވީ ހެއްޔެވެ؟ އޭނަގެ މަންމަ އޭނައަށް ދެން ހަމަ ދުވަހަކުވެސް ނުފެންނާނެ ހެއްޔެވެ؟ ޔޫނުސްގެ ހިތުގެ ކަނަކުން އާނއެކޭ ކިޔައި ގޮވާލިއެވެ. މީހަކު ރުޅިވެރިކަމާއެކީ ކަލޭ ތިއީ ޤާތިލެކޭ ބުނި އަޑު ކަންފަތަށް އިވުނުހެން ހީވުމުން ޔޫނުސްއަށް ހަޅޭއްލަވައިގަނެވުނެވެ. އެ ހަޅޭކުގެ އަޑު ފޭދިގެން ދިޔައީ ރުއިމަކަށެވެ. ލޮލުން ކަރުނަ އޮހޮރިގަތް ވަގުތު މުޅި މީހާ ތުރުތުރު އެޅިއެވެ. މެއަށް ވަތް ތޫނު ތަދެއްގެ ސަބަބުން އޭނަ މަރުވެދާނެހެން ހީވިއެވެ. ސިކުނޑިއަށް ވެރިވަމުން ދިޔަ ނުބައި ޚިޔާލުތަކަކުން އޭނަ އޭނަގެ އަމިއްލަ ނަފްސުން ސަލާމަތްކޮށްދޭނެ މީހަކަށް އެދި ގޮވަން ބޭނުންވިއެވެ. ނަމަވެސް އޭނަ އެކަމަށް ނުކުޅެދުނެވެ. އޭނައަށް މެދުނުކެނޑި ރޮމުން ގޮސް ތަޅުންމަތީގައި އޮށޯވެވުނެވެ. އޭނަ އެހެން އޮތްވާ ވަރުބަލިވެގެން ނިދުނީކަމެއް ނުވަތަ ހޭނެތުނީކަމެއް ޚުދު ޔޫނުސްއަކަށް ވެސް ނޭނގުނެވެ.

ޖަލުގައި ހޭދަކުރި ފުރަތަމަ ތިން ދުވަހު ލިބިފައި ހުރި ޝޮކަކުން ޔޫނުސް ހުރީ މަސްތުވާތަކެތީގެ މަތިން ހަނދާން ނެތިފައެވެ. ތިން ދުވަސްފަހުން އެ ބޭނުން ނުކުރުމުގެ ސަބަބުން ކުރިމަތިވާ އުނދަގޫތައް ގިނަވާން ފެށިއެވެ. ނަމަވެސް ޔޫނުސް އޭނަގެ މަންމަ މަތިން ހަނދާންވާ ވަގުތު އޭނަގެ ހިތަށްވާ އުނދަގޫތައް މާ ބޮޑެވެ. ޔޫނުސްއަށް ހަމަ އެހެން އިނދެފައި ވެސް ދޭތެރެ ދޭތެރެއިން ބާރަށް ރޮއިގަނެވެއެވެ. ބަނޑުހައި ވިއެއްކަމަކު އެއްވެސް އެއްޗެއް ކާ ހިތެއްނުވެއެވެ. ކެއިއްޔާ ވެސް އޭނައަށް ވަގުތުން ހޮޑުލެވެއެވެ. ޖަލުގައި މަސްތަކެއް ވަންދެން ފަރުވާ ދިނުމަށްފަހު ޔޫނުސް ރިހެބިލިޓޭޝަން ސެންޓަރަށް ގެންދެވުނެވެ. އެތަނުން ޔޫނުސްއަށް އާ ހިނިތުންވުންތަކެއް މަރުޙަބާ ކިޔުނެވެ. ޔޫނުސްއަކީ އޭރު އެހާ ފަސޭހައިން އެކުވެރިވާން ދަންނަ މީހަކަށް ނުވުމުން އޭނަ ކުރީކޮޅު އުޅުނީ އެންމެނާއި ވެސް ވަރަށް ދުރުދުރުންނެވެ. ނަމަވެސް އެތައް ދުވަހެއްގެ ކައުންސެލިންގްއަށްފަހު ޔޫނުސް އޭނަގެ ވަށައިގެންވި މީހުންނާއި އެކުވެރިވިއެވެ. އެއީ އޭނަގެ ބޭބެއިންނާއި ކޮއްކޮއިން ކަމުގައި ދެކެން ފެށިއެވެ. އެ މީހުންނާއި އެކީގައި ނަމާދުކުރަން ދަސްކުރިއެވެ. ޔޫނުސް އެންމެ ފަހަކަށް ނަމާދު ކުރި ދުވަހެއް އޭނަ އޭރަކު ހަނދާނެއްވެސް ނެތެވެ. އެކަމާމެދު އޭނަ ހިތާމައެއް ވެސް ނުކުރެއެވެ. އޭރު އޭނަ ދެކުނު ގޮތުގައި ނަމާދަކީ މާ މުހިއްމު އެއްޗެއްނޫނެވެ. ނަމާދަކީ ހަމައެކަނި ސަޤާފަތުގެ ތެރެއިން ވާކަމެކެވެ. ނަމަވެސް ދީނާއިމެދު އިތުރަށް އެނގެން ފެށި ފަހުން ޔޫނުސްގެ ނަޒަރިއްޔާތު ބަދަލުވާން ފެށިއެވެ. ދީނަކީ ސަމާސާއެއްނޫންކަން އޭނައަށް ވިސްނެން ފެށިއެވެ. ޤިޔާމަތް ދުވަހަކީ އަންނާނެ ދުވަހެއްކަން އޭނައަށް ޔަޤީން ކުރެވުނެވެ. އެއާއެކު އޭނަގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. އޭނަ އެދުވަހުން ސަލާމަތްވާނީ ކިހިނެއްބާއޭ ހިތަށްއަރަން ފެށިއެވެ. އޭނަ ވަށައިގެންވި އެންމެން ވެސް ކޮށްފައިވަނީ އޭނަ ކުރި ކުށާއި އަޅާ ބަލާއިރު އޭނަގެ ނަޒަރުން ކުދިކުދި ކުށްތަކެވެ. މީހަކު މެރުމަށްވުރެ ބޮޑު ކުށަކީ ކޮބައިހެއްޔެވެ؟ އަދި އަމިއްލަ މަންމަ މެރުން ވާނީ ކިހާ ބޮޑު ކުށަކަށް ހެއްޔެވެ؟ ނާއުއްމީދުގެ އިޙްޞާޞްތަކަކުން ޔޫނުސްގެ ހިތް ވަށާލެވިގެން ދިޔައެވެ. އޭނަ ނަމާދާއި ވެސް ދުރުވާން ބޭނުންވިއެވެ. އޭނަ ކަހަލަ ނުބައި މީހަކު ނަމާދުކުރަންވީ ކީއްކުރަންބާއޭ ހިތަށް އަރަމުން ދިޔައީތީވެއެވެ.

ޔޫނުސްގެ އުއްމީދު އާވެގެން ދިޔައީ އެއްރެއަކު ކައުންސެލިންގް ދިންއިރު ތައުބާގެ ވާހަކަ ދެއްކުމުންނެވެ. ނުބައި ޢަމަލުތައް ދޫކޮށް ހެޔޮ ޢަމަލުތައް ކުރާ މީހުންގެ ފާފަތައް ފޮހެވިގެންދާނެ ވާހަކަ ތަކުރާރުކޮށް އިވުމުން ޔޫނުސް އަނެއްކާވެސް ނަމާދުކުރާ ހިތްވިއެވެ. ކުރިން އޭނަ ނަމާދު ކުރަމުން ދިޔައީ އޭނަގެ އެކުވެރިންނާއެކީ އެއްސަފެއްގައި ތިބޭއިރު އިޙްޞާޞް ކުރެވޭ އުޚުވަތްތެރިކަމެއްގެ ސަބަބުންނެވެ. ނަމަވެސް ތައުބާގެ ވާހަކަ އިވުމަށްފަހު އޭނަ ކުރި ޢިޝާ ނަމާދުގައި އޭނަގެ ސަމާލުކަން ދެވިފައިވީ ކައިރީގައި ތިބި މީހުންނަކަށް ނޫނެވެ. އެއަށްވުރެ ބޮޑަށް އޭނައަށް ވިސްނެމުން ދިޔައީ އޭނަ ކުރިމަތިލައިގެން ހުރި ފަރާތާއި މެދުގައެވެ. ﷲ އާއި މެދުގައެވެ. ﷲ އޭނަގެ ހުރިހާ ފާފަތަކާމެދު މޮޅަށް ދެނެވޮޑިގެންވާނެތާއޭ ޔޫނުސްގެ ހިތަށް އެރިއެވެ. އެހެން މީހަކަށް ނޭނގުނަސް އޭނައަށް އެ ފާފަތަކަށް އަރައިގަނެވުނީ ކޮންކަހަލަ ޙާލަތްތަކެއްގައި ކަން ﷲ ދެނެވޮޑިގެންވާނެކަން ޔޫނުސްއަށް އެނގުންވުމުން އޭނަގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭނައަށް މިހާރު އެ ފާފަތަކާއިމެދު ހިތާމަކުރެވެނީ ކިހާ ވަރަކަށްކަން ވެސް ﷲ ދެނެވޮޑިގެންވާނެކަން ހަނދާންވުމުން ޔޫނުސްއަށް ގިސްލެވުނެވެ. މުޅި ނަމާދު ނިމެންދެން ޔޫނުސްއަށް ހުއްޓުމެއްނެތި ގިސްލެވެމުން ދިޔައެވެ. ނަމާދު ނިމުމުން ޔޫނުސް ދެއަތް މައްޗަށް އުފުލައި އޭނަގެ ފާފަތައް ފުއްސެވުމަށް އެދި ދުޢާކުރީ ﷲ ފިޔަވައި ފާފަތައް ފުއްސަވައިދޭނެ ފަރާތެއް ނުވާކަން ހަނދާން ކުރަމުންނެވެ. އަދި އޭނަ ފާފަތަކުން ދުރުކޮށްދެއްވުމަށް އެދި ދުޢާކުރީ އޭނަ އަމިއްލައަށް ރަނގަޅު މީހަކަށްވާން އަމިއްލަ ނަފްސާއި ވަޢުދުވަމުންނެވެ.

ޔޫނުސް އެ ދުވަސްފަހުން އޭނައަށް ރަނގަޅު ކަމަކަށް ފެންނަ ކޮންމެ ކަމެއް ކުރެއެވެ. އެހެން މީހުންނާއި ހިނިތުންވުމަކާއެކީ ބައްދަލު ކުރުމަކީ ވެސް ހެޔޮކަމެއްކަން އެނގުނު ފަހުން ޔޫނުސް އެންމެނާއި ވެސް ކުރިމަތިލަނީ ހިނިތުންވުމަކާއި އެކީގައެވެ. އޭގެ ސަބަބުން އޭނަ އޭނަގެ އެކުވެރިންނާއި އިތުރަށް ގާތްވިއެވެ. އޭނަގެ އެންމެ ގާތް އެކުވެރިއަކަށް ވެގެން ދިޔައީ އޭނައާއި އެއް ޢުމުރެއްގެ ކުއްޖަކަށްވާ ނާސިފެވެ. އެއްދުވަހު ދެ މީހުން އެކީގައި އަތްތެރިކަމުގެ މަޢުރަޒަށް އެއްޗެހި ތައްޔާރު ކުރުމުގެ ތެރޭގައި ޔޫނުސްގެ އުފެއްދުންތެރިކަން ފެނިފައި ނާސިފް ވާހަކަ ދެއްކިއެވެ.

“ވާވް ޔޫނުސް ހާދަ މޮޅޭ. ޔޫނުސް މިތަނުން ނިކުތް ދުވަހަކުން ހަމަ އަސްލުވެސް ދޯންޏެއް ބަންނައްޗޭ. އޭރުން މަސް ބާނައިގެން ވަރަށް ގިނަ ލާރި ލިބޭނެ.” ނާސިފް ޔޫނުސްގެ ކުރިމަތީގައި ވަކަރުން ހަދާފައި ހުރި ރިޔަލު ދޯންޏަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. ނާސިފް ވާހަކަ ދެއްކި ގޮތުން ޔޫނުސްއަށް ހީލެވުނެވެ.

“ހެހެ……ފުރަތަމަ ދޯންޏެއް ބަނދެވޭނެ ވަރަށް ލާރި ލިބިގެންތާދޯ ތިކަން ކުރެވޭނީ؟” ޔޫނުސް ފޮތިކޮޅަކުން އޭނަގެ ދޯނި އޮމާންކުރަމުން ބުނެލިއެވެ.

“ހޫމް. ތީ ވެސް ތެދެއް. ޔޫނުސް މިތަނުން ދޫކުރީމަ ކީއްތަ ކުރާނީ؟ އަހަރެންގެ ބައްޕަ ބުނީ އަހަރެން ކިޔަވަން ބޭރަށް ފޮނުވާނިއްޔޭ. ޔޫނުސް ޖެހޭނީ ޖޮބަކަށްދާންދޯ؟ ކޮންކަހަލަ ޖޮބަކަށްދާނީ؟” ނާސިފް އެތައް ސުވާލެއް އެއްފަހަރާ ކުރިއެވެ.

“އަހަންނަކަށް ވެސް ނޭނގޭ އަހަރެން ދާން ބޭނުންވަނީ ކޮންކަހަލަ ޖޮބަކަށްކަން. ލިބުނު ވަޒީފާއަކުން ފުއްދާލާނަން.” ޔޫނުސް ބުނެލިއެވެ. އޭނަ މިހާރަކު މާ ގިނަ ލާރިއެއް ބޭނުމެއް ނުވެއެވެ. ވަކި މޮޅު މީހަކަށް ވެސް ވާކަށް ބޭނުމެއްނޫނެވެ. އެއަށްވުރެ ބޮޑަށް އޭނައަށް މުހިއްމީ އޭނަގެ ބަނޑުފުރާނަ މުއްތި ކުރެވޭނެ ވަރުގެ ލާރިކޮޅެއް ލިބޭނެ ވަޒީފާއެއް ހޯދުމެވެ. ނާސިފް ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ވާހަކަ ދެއްކިއެވެ.

“ޔޫނުސް ލިޔުންތެރިކަމަށް ޝައުޤުވެރިކަން ހުރޭތަ؟” ނާސިފް އަހާލިއެވެ.

“މްމް…..ނޭނގެ. ކިހިނެއްވީ؟” ޔޫނުސް ސުވާލުކުރިއެވެ.

“ބައްޕަ އެބައުޅޭ ތިމަންނަ ނޫހެއް ފަށާށޭ ކިޔާފަ. ލިޔުންތެރިކަމަށް ޝައުޤުވެރިކަން ހުރި ކުދިން އެބަ ހޯދާ. އަދިވެސް ކުދިން ނުލިބިގެން އުޅެނީ. ތަޖުރިބާއެއް ނެތަސް ރީތިކޮށް ލިޔަން އެނގޭ މީހުން ނަގަމުންދަނީ. ޔޫނުސް ޓްރައި ކުރަންވީއެއްނު؟” ނާސިފް ބުނެލިއެވެ. ޔޫނުސް އިރުކޮޅަކު ވިސްނުމަށްފަހު ނާސިފަށް ބަލަހައްޓައިގެން އިނދެ ބޯޖަހާލިއެވެ.

އޭގެ ދެދުވަސްފަހުން ނާސިފް އެ މަރުކަޒުން ދޫކޮއްލެވުނެވެ. ނާސިފް ދިޔައީ ޔޫނުސްއަށް އެ މީހުންގެ ގޭގެ އެޑްރެސް ދީފައެވެ. ނޫހަށް ޚާއްޞަކުރެވިފައިވާ އޮފީސްވެސް ވަނީ އެ ގެއާއި ގުޅިފައި ކަމަށްވާތީވެއެވެ. ނާސިފް ދިޔަތާ ހަފްތާއެއްފަހުން ޔޫނުސް ވެސް ދޫކޮއްލެވުނެވެ. އެތަނުން ދޫކުރެވުނު އެންމެނާއި ޚިލާފަށް ޔޫނުސް ގެއަށްދާން ޖެހުނީ އެކަނިމާއެކަންޏެވެ. ގެއަށް ގޮސް ދޮރު ހުޅުވާލުމުން ޔޫނުސްއަށް މަރުޙަބާ ކިޔުނީ ފަޅުކަމެވެ. ގޭގެ ކޮންމެ ކަނަކަށް ބަލާލުމުން ވެސް ޔޫނުސްގެ ހަނދާނަށް އަންނަމުން ދިޔައީ އޭނަގެ މަންމައެވެ. ޔޫނުސް ކިތަންމެ ނުރޯން މަސައްކަތް ކުރިޔަސް އޭނައަށް ރޮވުނެވެ. އޭނައަށް އަދި އެއްފުރުޞަތު ލިބޭނެނަމައޭ ހިތަށް އަރަމުން ދިޔައެވެ. މަންމަގެ ފަރާތުން މަޢާފަށް އެދި މަންމަދެކެ ލޯބިވާ ވާހަކަ ބުނުމަށެވެ. މަންމައާއި ދިމާލަށް އެއްޗެހި ގޮވި ކޮންމެ ދުވަހެއްގެ ބަދަލުގައި މަންމަގާތު ހެޔޮ ބަހެއް ބުނެލުމަށެވެ. މަންމައަށް އަނިޔާކުރި ކޮންމެ ފަހަރަކަށް މަންމައަށް އޯގާތެރިވުމަށެވެ. ނަމަވެސް އޭނައަށް ދެން އޭގެއިން އެއްވެސް ފުރުޞަތެއް ނުލިބޭނެކަން އެނގުމުން ޔޫނުސްއަށް އިތުރަށް ރޮވުނެވެ. ބިމަށް ތިރިވެ ފާރަށް ލެނގިގެން އެތައް އިރެއް ވަންދެން ޔޫނުސް ރޯން އިނެވެ. އޭނައަށް ރުއިން ހުއްޓާލެވުނީ ހުއްޓާލާށޭ އަމިއްލަ ނަފްސު ގާތު އެތައް ފަހަރަކު ބުނެގެންނެވެ. އޭނަ މިގޮތަށް އުޅެން އާދަކުރަންވާނެ ކަމަށް އަމިއްލަ ނަފްސަށް ވިސްނައިދެމުން ޔޫނުސް އާ ޢަޒުމަކާއެކީ ކޮޅަށް ތެދުވިއެވެ. އަދި އޭނަ ފިޔަވައި އޭނަ ބަލަހައްޓައިދޭނެ ދެވަނަ މީހަކު ނެތްކަން ހަނދާންކޮށް ހަމަ އެ ދުވަހު އޭނަ ނާސިފްމެންގެ ގެއަށް ދިޔައެވެ.

ނާސިފްމެންގެ ތަނަވަސް ގެއަށް ދިޔައިރު ޔޫނުސްއާއި ދިމާވީ ނާސިފްގެ ބައްޕަ މިފްތާޙެވެ. ޔޫނުސް ނާސިފް ނުފެނިގެން އުޅުމުން މިފްތާޙް ބުނީ އޭނަ އިންޑިޔާއަށް ފުރައިގެން ގޮސްފައިވީ ކަމަށެވެ. އަދި ނާސިފްވަނީ ޔޫނުސްގެ ވާހަކަ އޭނަ ގާތު ބުނެފައި ކަމަށްވެސް މިފްތާޙް ބުންޏެވެ. ޔޫނުސް އޭނަގެ އެކުވެރިޔާ ނުފެނުނީތީ ހިސާބަކަށް ދެރަވިއެއްކަމަކު އޭނަ އޭނަގެ މަސައްކަތަށް ސަމާލުކަން ދިނެވެ. ޔޫނުސް އާއި ޙަވާލު ކުރެވުނީ އެއްގަޑިއިރު ތެރޭގައި މަޒުމޫނެއް ލިޔުމުގެ މަސައްކަތެވެ. ޔޫނުސް ދިވެހި ނުލިޔާތާ އެތައް ދުވަހެއްވެފައިވީތީ އޭނައަށް ކުރީކޮޅު ލިޔާކަށް ވެސް ނޭނގުނެވެ. އޭނަގެ ލިޔުން ހުތުރުކަމުން އޭނައަށް އެ ލިޔުމާއި ދިމާލަށް ބަލާކަށް ވެސް ނުކެރުނެވެ. ނަމަވެސް ނޭނގޭ ސަބަބަކާއިހުރެ ލިޔަމުން ދިޔައިރު ފުދޭވަރަކަށް ރީތި ޢިބާރާތްތަކެއް އޭނަގެ ސިކުނޑިއަށް އަންނަމުން ދިޔައެވެ. ގަޑިޖެހެން ފަސް މިނެޓަށްވެފައި ވަނިކޮށް ޔޫނުސްއަށް މަޒުމޫނު ލިޔެ ނިންމާލެވުނެވެ. ޔޫނުސް އަމިއްލައަށް މަޒުމޫނު ކިޔާލުމުން އޭނައަށް ހީލެވުނެވެ. ޔޫނުސްގެ ނަޒަރުން އޭތި ލިޔެވިފައި އޮތީ ވަރަށް މޮޔަކޮށެވެ. މިފްތާޙް އޭތި ކިޔާފައި ހާދަ ފުރިހަމައޭ ބުނުމުން ޔޫނުސްއަށް ޤަބޫލުކުރަން ދަތިވިއެވެ. މިފްތާޙް އެހެން ބުނީ އޭނަ ދެރަ ނުކުރުމަށްޓަކައޭ ހިތަށްއެރިއެވެ. ކޮންމެއަކަސް ޔޫނުސް އެ ނޫހަށްޓަކައި މަސައްކަތް ކުރަން ފެށިއެވެ. ޗާޕުވަމުން ދިޔަ ނޫސްތަކުގެ ރިޕޯޓުތަކުން ޔޫނުސްގެ ނަން ފެންނަން ފެށިއެވެ. އެންމެން ޔޫނުސްގެ ލިޔުންތައް ކަމުދާ ވާހަކަ ބުނަން ފެށުމުން ޔޫނުސްއަށް އަމިއްލަ ހުނަރަށް އިތުބާރު ކުރެވެން ފެށިއެވެ. އޭނައަށް ކުރު މުއްދަތެއްގެ ތެރޭގައި ދިގު ލިޔުންތައް ލިޔެވެން ފެށިއެވެ. ނޫސް ތަރައްޤީވަމުން ދިޔަވަރަކަށް ޔޫނުސްގެ މުސާރަވެސް ބޮޑުވާން ފެށިއެވެ. އެ ލިބުނު ފައިސާއިން އޭނަ އޭނަގެ ގެ ޒީނަތްތެރިކުރަން ފެށިއެވެ. މަދު މަސްތަކެއްގެ ތެރޭގައި އެ ގެ އެންމެ ޒަމާނީ ފެންވަރުގެ ގެއަކަށްވެގެން ދިޔައެވެ. ނަމަވެސް ޔޫނުސް އެކަމާމެދު ފަޚުރުވެރިވެ އޭނަ ކުރިން އުޅުނު ގޮތް ހަނދާން ނައްތައެއް ނުލައެވެ. ބޭނުމެއް ޖެހިގެން އުޅޭ މީހަކު ފެންނައިރަށް އޭނައަށް އެހީވެވެނީ އެހެންވެއެވެ. އޭނަ ފަދައިން އެހެން މީހަކު ފައިސާއަށް ބޭނުންވެގެން ގޮސް ނުބައި ކަންކަމަށް އަރައިގަންނަން ޔޫނުސް ނޭދޭތީވެއެވެ.

ޔޫނުސް މިފްތާޙްގެ ނޫހަށް މަސައްކަތް ކޮށްދޭން ފެށިއިރު ރާއްޖޭގައި އޮތީ 2 ޓީވީ ޗެނަލާއި 3 ނޫހެވެ. އޭގެ ތެރެއިން އެއް ނޫހަކީ އެޗް.އެން ނިއުސް ނަމަކަށް ކިޔާ އޮންލައިން ނޫހެކެވެ. އެ ނޫސް އޮންނަތާ އެއްއަހަރުވެފައިވީއިރު ވެސް އެއީ އޭރު އެހާ މަޝްހޫރު ނޫހެއްނޫނެވެ. އެ ނޫސް ހިންގަނީ ކޮން ފަރާތަކުން ކަމެއް އެކަކަށްވެސް ނޭނގެއެވެ. މީހަކު ބަލާކަށް ވެސް ނުއުޅުނެވެ. މި ކަންތައް ބަދަލުވެގެން ދިޔައީ އެ ނޫހުގެ ވެރި ފަރާތުން ޕާޓީއެއް ހަދައިގެން އުޅޭ ވާހަކަ އިވެން ފެށުމުންނެވެ. ހުސެއިން ނަވާޒްގެ ނަން ކިޔާ އަޑު ޔޫނުސްގެ ކަންފަތަށް ވެސް ފޯރިއެވެ. އެންމެ ފުރަތަމަ އެ އަޑު އިވުނު ދުވަހު ޔޫނުސް ސިހުންވިއެވެ. އެއީ އޭނަ ހީކުރާ މީހަކަށް ނުވެދާނެއޭ ހިތް ބުންޏެވެ. ނަމަވެސް އެއީ ކުށް ހީއެއްކަން އެނގިގެން ދިޔައީ އެއްރެއަކު އޭނަ ޓީވީ ހުޅުވައިގެން އިންދާ ޕޯޑިއަމަށް އަރާފައި ހުރި މީހަކު ފެނުމުންނެވެ. ނަވާޒް ހެވިފައި ހުރެ ވާހަކަ ދައްކަމުން ދިޔަތަން ފެނިފައި ޔޫނުސް އައި ރުޅީގައި އަތުގެ ކޮޅަށް ރިމޯޓް ހޫރާލެވުނެވެ. ރައީސަކަށްވާން އުޅެނީ ރިސޯޓުގެ ވެރިއެއްގެ އަންހެން ދަރިފުޅާއި އިނދެގެން ނުލިބުނު ލާރިއެއް ހޯދަންހެއްޔޭ ހިތަށްއެރިއެވެ. ނަވާޒްގެ ހުރިހާ ރޭވުމެއް ފުނޑުފުނޑުކޮށްލަން ޔޫނުސް ބޭނުންވިއެވެ. އޭނަ އެކަން ކުރާނީ ކޮން ގޮތަކަށްކަން ނޭނގި ހުއްޓާ އޭނަ އެއްދުވަހު ނަވާޒްގެ ކޮރަޕްޝަންގެ ޢަމަލެއްގެ ވާހަކަ ލިޔަން ޖެހުނެވެ. އެ ލިޔުން ލިޔުނުއިރު ޔޫނުސްއަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ. ޔޫނުސް އިތުރަށް އުފާވެގެން ދިޔައީ އޭނައަށް ގިނަގިނައިން އެކަހަލަ ލިޔުންތައް ލިޔުމުގެ ފުރުޞަތު ލިބުމުންނެވެ. ލިޔަމުން ދިޔަވަރަކަށް ޔޫނުސްގެ ހިތުގައި ނަވާޒްއަށްޓަކައިވި ނަފްރަތު އިތުރުވަމުން ދިޔައެވެ. ނަވާޒް ދުވަހަކުވެސް ރަނގަޅު ނުވާނެކަމަށް ހިތުގެ ކޮންމެ ވިންދަކާއެކީ ޔޫނުސްގެ ހިތް ބުނަމުން ދިޔަ ފަދައެވެ. ނަވާޒްއަކީ އޭނަގެ ބައްޕަކަން ހަނދާން ނައްތާލަން ޔޫނުސް ބޭނުންވިއެވެ. ނަވާޒްއާއި އެއްވެސް ގޮތަކުން އެއްގޮތް ނުވާން ޔޫނުސް ނިންމިއެވެ. ނަވާޒް ދަހިވެތިވިއްޔާ އޭނަ ދީލަތިވާނެއެވެ. ނަވާޒް އެކި މީހުންނަށް ދޮގު ތުޚުމަތުތަކެއް ކުރަންޏާ އޭނަ ތެދުބުނާނެއެވެ. ނަމަވެސް ނަވާޒް އޭނައަށް ނަފްރަތު ކުރަންޏާ ބަދަލުގައި ނަވާޒްދެކެ ލޯބިވެވޭނެ ކަމެއް ޔޫނުސްއަކަށް ޔަޤީނެއް ނުކުރެވުނެވެ.

ނަވާޒްގެ ޕާޓީއަށް 2 އަހަރު ފުރުނުއިރު އެޗް.އެން ޓީވީ އުފެދި އެޗް.އެން ނިއުސްގެ އޮފީސްތައް މާލެ ފިޔަވައި އެހެނިހެން 3 ރަށެއްގައި ޤާއިމުވިއެވެ. އޭގެއިން އެއް އޮފީހެއް ޔޫނުސްމެންގެ ރަށުގައި ވެސް އެޅިގެން ދިޔައެވެ. އެހެނިހެން އާ އޮފީސްތައް ފަދައިން އެ އޮފީހުގައި މަސައްކަތް ކުރުމަށް ބައެއް މާލޭގެ މުވައްޒަފުން ގެނެވުނެވެ. އެރަށުން ވަޒީފާގެ ފުރުޞަތު ހުޅުވާލުމުން އައީ މަދު ބަޔަކަށްވުމުން އެ އޮފީހަށް އިތުރު މާލޭގެ މުވައްޒަފުން ގެންނަން ޖެހުނެވެ. އެ އޮފީހަށް މުވައްޒަފުން ހަމަނުވެގެން އުޅޭ ވާހަކަ އިވުމުން ޔޫނުސް ހިތާހިތުން އުފާކުރަމުން ދިޔައެވެ. ޔޫނުސްގެ މި ގޮތްގަނޑު ބަދަލުކުރަން މަޖުބޫރުކުރުވީ އެއްރެއަކު ޢިޝާ ނަމާދަށްފަހު މިސްކިތުގައި އޮތް ދަރުހެކެވެ. އެ ދަރުހުގައި ވާހަކަ ދެއްކީ މައިންބަފައިންނަށް އިޙްތިރާމްކުރަން ޖެހޭ މިންވަރާއި މެދުގައެވެ. ދަރުސް އަޑުއަހަމުން ދިޔައިރު މަންމަ މަތިން ހަނދާންވެފައި ޔޫނުސްގެ ދެލޯ ކަރުނުން ފުސްވިއެވެ. އޭނައަށް އޭނަގެ މަންމައާއި މެދު ކަންތައް ކުރެވުނީ ނަޞޭޙަތް ދިން ގޮތާއި މުޅިން ޚިލާފަށެވެ. އޭނައަށް އެކަން ބަދަލުވެސް ނުކުރެވޭނެކަން އެނގުންވުމުން ޔޫނުސް އިތުރަށް ދެރަވިއެވެ. ދަރުހުގެ ތެރެއިން މަންމައާއި ބައްޕަ ވެސް އެހީއަކަށް ބޭނުންވެފައިވާނަމަ އެހީވާންވާނެ ކަމަށް ބުނުމުން ޔޫނުސްއަށް ވިސްނަން އިނދެވުނެވެ. ނަވާޒްއަކީ އޭނަގެ ބައްޕަ ނޫންކަމަށް ހަދަން އުޅުނަސް އެއީ އޭނަގެ ބައްޕައެވެ. އޭނައަށް އޭނަގެ މަންމައާއިމެދު ކަންތައް ކުރެވުނު ގޮތް ބަދަލެއް ނުކުރެވޭނެއެވެ. ނަމަވެސް އޭނައަށް އޭނަގެ ބައްޕައާއިމެދު ކަންތައް ކުރެވޭ ގޮތް ބަދަލުކުރެވިދާނެއެވެ. އެކަން ކުރުމަކީ އޭނައަށް ކިތަންމެ ދަތިކަމަކަށް ވިޔަސްމެއެވެ.

ޔޫނުސް އެތައް ދުވަހެއްގެ ވިސްނުމަށްފަހު މިފްތާޙްގެ ނޫހުން ކެނޑުނެވެ. މިފްތާޙް ޔޫނުސް ދޫކުރީ ނުދިޔުމަށްކުރި އެތައް އާދޭހަކަށް ޔޫނުސް އިންކާރު ކުރުމުންނެވެ. މިފްތާޙަށް ނޭނގުނު ކަމަކީ ޔޫނުސް ވެސް ދިޔައީ ހިތާއި ދެކޮޅަށް ކަމެވެ. އޭނަ އެޗް.އެން ނިއުސްގެ ނޫސްވެރިއަކަށްވުމަށް އިންޓަވިއު ދިނީ ނުހޮވޭނެ ގޮތެއް ހައްދަވައިދެއްވުމަށް އެދި ދުޢާކުރަމުންނެވެ. ނަމަވެސް ހީކުރިވަރަށްވުރެ ފަސޭހައިން އޭނައަށް އެ ވަޒީފާ ލިބުނެވެ. އޭނަ ކޮންމެ ދުވަހަކު ވަޒީފާއަށް ދަނީ ހިތާއި ދެކޮޅަށެވެ. ނަވާޒްގެ ރަނގަޅު ވާހަކަތައް ޔޫނުސް އެއްގޮތަކަށް ވެސް ލިޔާ ހިތެއްނުވެއެވެ. ނަވާޒް ނިކަމެތިންނަށް އެހީވުމަށް ވަޢުދުވެ ދައްކާ ވާހަކަތަކަކީ ދޮގެކޭ ބުނެ ހަޅޭއްލަވަން ޔޫނުސް ބޭނުންވެއެވެ. ނަވާޒް ނިކަމެތިންނަށް ޙަމްދަރުދީވާނަމަ އޭނަ އޭނަގެ އަމިއްލަ އަންހެނުންނާއި ދަރިފުޅު ނިކަމެތި ނުކުރީހޭ ބުނަން ބޭނުންވެއެވެ. ނަމަވެސް ޔޫނުސް އެ ހުރިހާ ވާހަކައެއް ހިތުގައި ފޮރުވައިގެން ހިމޭންކަމާއެކީ މަސައްކަތް ކުރަމުން ދިޔައީ އަމިއްލަ ބައްޕައަށް އިޙްތިރާމް ކުރުމަށްޓަކައެވެ. ޔޫނުސް އެޗް.އެން ނިއުސްއާ ގުޅުނުތާ އެއްއަހަރު ފަހުން ނޫހުގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވުނު ޕާޓީގެ ތެރެއިން އޭނައަށް ނަވާޒް ފެނުނެވެ. ނަވާޒްގެ ނަޒަރު ޔޫނުސްއަށް ހުއްޓުނު ވަގުތު ޔޫނުސް ދުރުބަލަން ފެށިއެވެ. ޔޫނުސް އަނެއްކާވެސް އެ ދިމާލަށް ބަލާލިއިރު ނަވާޒް ދެންވެސް ހުރީ ސީރިއަސް ނަޒަރެއްގައި އޭނައަށް ބަލަހައްޓައިގެންނެވެ. ނަވާޒް އޭނައާއި ދިމާލަށް އަންނަން ފެށުމުން ޔޫނުސްގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ. އޭނަގެ ހަނދާނަށް އައީ ނަވާޒް ރުޅިވެރިކަމާއެކީ އޭނައާއި ދިމާލަށް އައިސް އަތުގައި ހިފައި ދަމަމުން ގެއިން ނެރެލި މަންޒަރެވެ. ނަވާޒް އެންމެންގެ ކުރިމަތީގައި އޭނައަށް ކޮށްފާނެ ކަމަކަށް ޔޫނުސް ތައްޔާރުވެލީ ވަގުތު ނަވާޒް އައިސް އޭނަގެ ކުރިމައްޗަށް ހުއްޓުނެވެ.

**

“ކިހިނެއް ހެދީ؟” ޔޫނުސް އޭނަގެ ވާހަކަ ކުރިއަށް ނުގެންދިޔުމުން ނަޞްރާއަށް އަހާލެވުނެވެ. ޔޫނުސް އެނދުމަތީގައި ދުރަށް ނަޒަރު ހުއްޓައިގެން އިންއިރު އޭނަގެ ދެލޯ ދުޅަވެފައިވިއެވެ. އޭނަ ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ޖަވާބު ދިނެވެ.

“އޭނަ އައިސް އަހަރެންގެ ގައިގައި ބައްދާލީ. އަހަރެން ފުރަތަމަ ވަރަށް ޙައިރާންވި. ހިތަށްއެރި މިއީ ހުސެއިން ނަވާޒްހޭ ވެސް. އެކަމަކު ފަހުން އެނގިއްޖެ މިއީ ހުސެއިން ނަވާޒްއަށްވީތީވެކަން މިގޮތަށް ކަންތައްވީ. އޭނަ ބިރުގަންނާނެތާ އަހަރެން އޭނަގެ ޙަޤީޤަތް ދުނިޔެއަށް ފާޅުކޮށްފާނެތީ. އަހަރެން ނެތިން އޭނަ ފަޟީޙަތް ކުރާކަށް. އެކަމަކު އަހަރެން ހަނދާނެއް ނުނެތޭނެ އޭނަ އަހަންނާ އަހަރެންގެ މަންމައާމެދު ކަންތައްކުރި ގޮތް. އަހަރެންގެ މަންމަ އުފުލަން ޖެހުނު ބުރައާއި މަންމަ އޮހޮރި ކަރުނަތައް އަހަރެން ހަނދާން ނުނެތޭނެ ނަޞްރާ. ހަނދާނެއް ނުނެތޭނެ.” ޔޫނުސް ވައި އަޑުން އޭނަގެ ވާހަކަ ނިންމާލަމުން ނަޞްރާއަށް ބަލާލި ވަގުތު އޭނަގެ އެއްލޮލުން ކަރުނައެއް ފައިބައިގެން އައެވެ. ޔޫނުސްއަށް ބަލަހައްޓައިގެން އިން ނަޞްރާގެ ވެސް ކޯތާފަތް ތެމުނެވެ. ޔޫނުސްގެ ހިތަށް ކޮށްފައިވާނެ އަސަރު އޭނައަށް ތަޞައްވުރު ކުރާކަށް ވެސް ނޭނގެއެވެ. ނަޞްރާގެ ހަނދާނަށް އައީ އެދުވަހު ހޮސްޕިޓަލުން ނަވާޒް ފެނިފައި ޔޫނުސްއަށްވީ ގޮތެވެ. އެރޭ ގެއަށް އައިސް ބައްޕަގެ ސިޓީއެއް ލިބުމުން ޔޫނުސް އޭތި ވީދާލި ގޮތެވެ. އެ ހުރިހާ ކަމެއްގެ ފަހަތުގައިވީ އެތައް އަހަރެއްވެފައިވި ޒަޚަމްތަކެއްކަން ނަޞްރާ ނުދެނެހުއްޓެވެ. އޭނައަށް އެފަދަ ޒަޚަމްތަކެއް ލިބިފައިވިނަމަ އޭނައަށް ކެތްކުރެވޭނެކަމާމެދު ވެސް ނަޞްރާއަށް ޝައްކެވެ. ޔޫނުސްގެ ހިތްވަރަށް ނަޞްރާއަށް ހިތާހިތުން ސާބަސް ދެވުނެވެ. ޔޫނުސް ކަރުނަ ފޮހެލުމަށް އޭނަގެ ލޮލުގެ ކައިރިން އިނގިއްޔެއް ހިންގާލި ވަގުތު ނަޞްރާ އެނދުގައި އިނދެފައި އޭނަގެ ކަކޫމައްޗަށް ތެދުވުނެވެ. އެއަށްފަހު ޔޫނުސްއާއި ގާތްވެލަމުން އޭނަގެ ގައިގައި ބައްދާލިއެވެ. ނޭނގޭ ސަބަބަކާހުރެ ނަޞްރާ މިފަހަރު އެހާ ބޮޑަށް ޖެހިލުމެއްނުވިއެވެ. ހިސާބަކަށް ޙައިރާންވި ޔޫނުސް އިރުކޮޅަކަށް ހުއްޓުން އަރާފައި އިނުމަށްފަހު ލުއި ހިނިތުންވުމަކާއެކީ އޭނަގެ ދެއަތުން ނަޞްރާގެ ގައިގައި ވަށާލިއެވެ.

ނަވާޒް އިނީ ތަނަވަސް ކޮޓަރިއެއްގެ ކިޔަވާ މޭޒުދޮށުގައި ލެޕްޓޮޕް ހުޅިވައިގެންނެވެ. އެއީ ދިހަ ބުރީގެ ޢިމާރާތެއްގެ އެންމެ މަތީގައި ހުރި ކޮޓަރިއަކަށްވުމުން އެއްފަރާތެއްގައި ހުރި ބޮޑު ބިއްލޫރި ދޮރުން މުޅި މާލެ ފެންނަހެން ހީވަމުން ދިޔައެވެ. ނަވާޒްގެ ނަޒަރު ހުއްޓިފައިވީ އެ މަންޒަރަކަށް ނޫނެވެ. އޭނަ ދެ ބުމަ ކައިރިކޮށްގެން ލެޕްޓޮޕުން ބަލަމުން ދިޔައީ އޭނައާއި ބެހޭގޮތުން ލިޔެވިފައިވާ އެކިއެކި ޚަބަރުތަކެވެ. ދޭތެރެ ދޭތެރެއިން މޭޒުމަތީގައި ހުރި ކޮފީ ތަށިން ކޯވަރެއް ދަމަމުން ޚަބަރު ކިޔަމުން ދަނިކޮށް ލެޕްޓޮޕް ކައިރީގައި އޮތް ފޯނު ވައިބްރޭޓްވިއެވެ. ނަވާޒް ފޯނުގެ ސްކްރީނަށް ބަލާފައި ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

“ކީކޭ އަމީން؟” ނަވާޒް އަހާލިއެވެ. ކުރިމަތިން ފެންނަމުން ދިޔަ ޕޭޖް ސްކްރޯލް ކުރަމުން ނަވާޒް އެކޮޅުން ދެއްކި ވާހަކައެއް އަޑުއަހަން އިނެވެ. އޭނަ އެއްވެސް އެއްޗެކޭ ނުބުނެ އިނދެފައި އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

“އާނ މިއަންނަނީ.” ނަވާޒް ފޯނު ކަންފަތުން ނަގާލަމުން ކޮޅަށް ތެދުވިއެވެ. އަދި އޭނަ ހުޅުވާފައި ހުރި ވިންޑޯ ކްލޯޒްކޮށްލަމުން ކޮޓަރިން ނިކުންނަން ދިޔައެވެ. ކޮޓަރިން ނިކުމެ ދޮރު ލައްޕާލި ވަގުތު ލެޕްޓޮޕްގެ ސްކްރީންގެ އަލި ފޭދިގެން ދިޔައެވެ. އެއަށްފަހު މަޑުމަޑުން އަލިވަމުން ގޮސް ފެނިގެން ދިޔައީ ފޮޓޯއެކެވެ. އެ ފޮޓޯގައި ހުރީ ނަވާޒް އޭނަގެ ދެއަތުން ފަސް އަހަރުގެ ޔޫނުސް މައްޗަށް އުފުލައިގެން ހުރި ތަނެވެ. ނަވާޒް ފުރިހަމަ ހިނިތުންވުމެއްގައި ހުރިއިރު ކުޑަކުޑަ ޔޫނުސްގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Jana

100 Stories10 Stories1K Comments500 Comments100 Comments100 Login500 Login

Other Articles

Previous

ނަޖާ (ހަވަނަ ބައި)

Next

ސަނަމް

Next
September 1, 2015

ސަނަމް

Previews
September 1, 2015

ނަޖާ (ހަވަނަ ބައި)

33 Comments!

  1. Tigrious says:
    September 1, 2015 at 4:39 pm

    Wooow

    1. jana says:
      September 1, 2015 at 6:29 pm

      Alhamdhulillah! 🙂 (All praise and thanks belongs to Allah)

  2. eeshal says:
    September 1, 2015 at 5:05 pm

    hama rovihje … 🙁 … v salhi … v reethi .. i love this story … jazakallah khairan jaan … dhn kon dhuvahun aneh bai … waiting for the next part … may god bless u .. 🙂

    1. jana says:
      September 1, 2015 at 6:30 pm

      hehe….jana ah ves rovunu mibai liyunu iru. Alhamdhulillah! 🙂 Jazakillah Khairan. dhen anna bai thursday ga In Sha Allah. May Allah bless us all! Ameen.

  3. sharu says:
    September 1, 2015 at 5:12 pm

    V best adhi alahmikiyaalee

    1. jana says:
      September 1, 2015 at 6:30 pm

      Alhamdhulillah! 🙂

  4. nukko says:
    September 1, 2015 at 5:14 pm

    V v v rythi. Mashaallah… baivaru msg libijje I think im second

    1. jana says:
      September 1, 2015 at 6:32 pm

      Not second. 4th. ey dhen maa bodu kameh noonennu? hehe…Alhamdhulillah! 🙂

  5. naff says:
    September 1, 2015 at 6:11 pm

    V reethi…. keep it upp…..

    1. jana says:
      September 1, 2015 at 6:33 pm

      Alhamdhulillah! Jazakillah Khairan for the support! 🙂

  6. naff says:
    September 1, 2015 at 6:12 pm

    Varah reethi keep it upp….

    1. jana says:
      September 1, 2015 at 6:33 pm

      Alhamdhulillah! Jazakillah Khairan for the support! 🙂

  7. Ary says:
    September 1, 2015 at 6:20 pm

    Warah reethi mi part ves…keep it up

    1. jana says:
      September 1, 2015 at 6:33 pm

      Alhamdhulillah! 😀

  8. Hayoo says:
    September 1, 2015 at 6:44 pm

    Salhi

    1. jana says:
      September 1, 2015 at 10:26 pm

      Alhamdhulillah! 😀

  9. Aishaa says:
    September 1, 2015 at 7:59 pm

    Maashaa Allah 🙂
    V v v v v v v v v v v v v v v v salhi prt 🙂
    When is the nxt prt?

    1. jana says:
      September 1, 2015 at 10:26 pm

      Alhamdhulillah! 😀 Next part thursday ga In Sha Allah 🙂

  10. aria says:
    September 1, 2015 at 8:21 pm

    Maasha Allah..v v v reethi n heart touching mi part..asluves hama rovijje mi part kiyaafa…good job jana..n gud luck..waiting for the next part..

    1. jana says:
      September 1, 2015 at 10:27 pm

      hehe….jana ah ves rovunu aria. Alhamdhulillah! 🙂 Next part thursday ga In Sha Allah

  11. Sheeby says:
    September 1, 2015 at 9:51 pm

    Jana mee hagygy vaahaka eh tha??? Varah rythi stry eh mee… 😉

    1. jana says:
      September 1, 2015 at 10:31 pm

      Sheeby ge thi suvaalah thankolheh complicated javaabeh othy. mi vaahakaige Nasra aai Yunus menge baiga evves haqeeqatheh neiy. Afreen ge baiga kuriah oiy thanuga hunnaane baeh kanthahthakaky haqeeqaiy thah.
      Alhamdhulillah! 🙂

  12. Shabee says:
    September 1, 2015 at 9:57 pm

    masha allah jana mum 🙂 mibai haa furihama baeh adhi hijra vaahakaineh nukiyey….. jana mum ur di bst…. mi prt ge kurin ai dhethin prt dhiyaee faadakah foohi koh but mibai hama keekey dhen bunaanee vex… hama ehvana ey…. adhi mivaruge baeh nukiyey hama… nd this prt is sooo touching…. hama loa fenkalhi vegen fuhegen kiyan jehuneevex 😉 jana thiothuga hifahattaalaa…. m sure u can do it… alhamdhulliah that god gav such a wonderful talent to u 😀 dnt lose hope….mi bai vrh interesting 🙂 hama ehvana!!!! jazakillah khairan….. nxt prt avahah up kohdhehchey + dhigu koh ingey 😉 nd shabee ah faahagavi kameh ebaoeh mifaharu….. eng basthah beynun nukuraakan 🙂 jana u hav tried ur bst to mak the story perfect 😛 i really appreciate ur grt work….. love u jana mummy…ummmwah 🙂 bst of luck

    1. jana says:
      September 1, 2015 at 10:36 pm

      jana ge ummeedhaky adhi miahvure ves furihama ah genesdhinun In Sha Allah. i cannot be perfect. i can only try to improve and i dont think i have done my best yet. i pray to Allah that i’m able to keep this up till the end. its only Allah Who could help me. Alhamdhulillah! (All praise and thanks belongs to Allah) 🙂 Jazakillah Khairan for the support. Love you too! ummmmmmwah!! 😀

  13. shara says:
    September 2, 2015 at 11:54 am

    Jana,kobaatha mihaaru nasraa?confuse vejje

    1. aal says:
      September 2, 2015 at 1:40 pm

      Nasrallah ah Yoon us eyna mazy kiyaidheyne ehnun share. Yoon us ge gaathu ga nasraa iny k . Understand

    2. Anonymous says:
      September 2, 2015 at 2:19 pm

      Nasrallah ey??

    3. Anonymous says:
      September 2, 2015 at 2:20 pm

      Dhen genes dhy afreen ge bai

  14. Shabee says:
    September 2, 2015 at 2:37 pm

    anonymous aal nasraa ah jahan eynee jehiffa nasrallah ey… i think so… n anonymous… anonymous keehvetha dhivehi bahah ehaa molhy??? school ga vrh molhu dhw dhivehssah?? yageeney full marks kan gennaanee dhivehi test thakun….. 🙂 dhw?? gud 😀

  15. sana says:
    September 2, 2015 at 5:46 pm

    varah reethi

  16. zai says:
    September 2, 2015 at 8:47 pm

    V salhi

  17. zai says:
    September 2, 2015 at 9:08 pm

    ?

  18. nukko says:
    September 3, 2015 at 11:14 am

    Jana ln irakun nxt part…. waiting for the nxt one…….

Comments are closed.

Next Episodeހިޖުރަ (އެކާވީސްވަނަ ބައި)←


All Right Reserved!