ދިމްޔާ (5 ވަނަ ބައި)
މަދުމަދުން ނަމަވެސް ދުއްވާ އެއްޗެހި އެމަގުން ދަތުރުކުރަމުން ދިޔައެވެ. ދިމްޔާގެ ގާތަށް ގޮސް ހުއްޓުން ރާކިން ފުރަގަސްދީގެން އިން ދިމްޔާގެ ކޮނޑުގައި އަތްޖަހާލުމުން ދިމްޔާ ފަހަތް ބަލާލިއެވެ. އެވަގުތު ދިމްޔާގެ މޫނު ފެނުމުން ރާކިންގެ ގައިން ދިޔައީ ހީބިހި ނަގައިގެނެވެ. ދިމްޔާގެ ލޮލުން ހުއްޓުމެއް ނެތި ކަރުނަ އަންނަމުން ދިޔައެވެ. ރުއިމުގެ ސަބަބުން ދެލޯވަނީ ރަތްވެ ދުޅަވެފައެވެ. ދޮންމޫނަށް ވަނީ ލޭކުލައަރާލާފައެވެ. ނޭފަތްކައިރި ވަކިން ރަތްހެން ހީވެއެވެ. އެމޫނުމަތީގައިވާ ހިތާމަވެރިކަން ފެނިއްޖެނަމަ އަސަރުނުކުރާނެ ހިތެއް ނުވާނެކަންގައިމެވެ.
ރާކިންފެނުމުން ދިމްޔާ އަވަސް ހަރަކާތަކާއިއެކު ދެލޯ ފުހެލިއެވެ. އަދި ގަދަކަމުން ހިނިތުންވުމެއް ތުންފަތަށް ވެރިކުރުވިއެވެ.
“ރާކިން މިތާ ކީއްކުރަނީ…؟؟؟؟” ދިމްޔާގެ އަޑުންވެސް ގިނައިރު ރޮއެފާވާކަން ހާމަވެގެންދިޔައީ އަޑު ކުރަކިވެފައި ހުރުމުންނެވެ. ހީނުކުރާކަހަލަ ގޮތަކަށް ރާކިންއާއި ދިމާވުމުން ދިމްޔާއިނީ ދައްކާނެ ވާހަކައެއް އަދި ހަދާނެ ގޮތެއް ނޭނގިފައެވެ. ރާކިންވެސް ވަކިއެއްޗެއް ނުބުނެ ތޮށިގަނޑުމައްޗަށް އަރާ ދިމްޔާގެ ގާތުގައި އިށީނެވެ.
“އަހަންނަށް ހީވަނީ ތިސުވާލުކުރުން ރަނގަޅުވާނީ އަހަރެންހެން… މިކހަލަ ރެއެއްގައި އަންހެންކުއްޖަކު އެކަނިމާއެކަނި މިތާ އިންނާކަށް ބިރެއްވެސް ނުގަނޭތަ…؟؟؟” ދިމްޔާއަށް ރާކިންއާއި ދިމާއަށް ބަލާލެވުނީ އެހާ މަޑުމައިތިރިކޮށް ރާކިން އޭނާއާއި ވާހަކަ ދެއްކުމުންނެވެ. ދިމްޔާ ބަހެއް ނުބުނެ ވަށައިގެން ކުރިމަތީގައިވާ ބޮޑެތި ރާޅުތައް ނަގަމުންދިޔަ ކަނޑާދިމާއަށް ބަލާލިއެވެ. އެވަގުތު ދިމްޔާގެ ބޮޑު ދެލޮލަށް ކަރުންތައް ޖަމާވެގަތީ އެއްވެސް އިޚުތިޔާރަކާ ނުލައެވެ. ރާކިންއަށް މިމަންޒަރުފެނުމުން ހިތަށް ފުންއަސަރުތަކެއް ކުރިއެވެ. އޭނާ ބޭނުންވީ އެނާޒުކު ކުއްޖާގެ ދެލޮލުގައިވާ ކަރުނަތައް ފުހެލައިދީ އޭނާގެ ދެއަތުގެ ތެރޭގައި އެއްވެސް ނުރައްކަލެއް ނުލިބޭނެހެން ރައްކާތެރިކަމާއި އެކު ފޮރުވާލާށެވެ. ހަމައެކަނި އޭނަގެ ހައްގެއްގެ ގޮތުގައެވެ. ނަމަވެސް އެކަމަށް ހުރަސްއަޅަމުންދިޔައީ އެދެމެދުގައިވާ ދުރުހިލޭކަމާއި ބީރައްޓެހިކަމެވެ.
“ހޭއި…. ކީއްވެ ތިރޮނީ….؟؟؟؟ އަހަރެން އަދި ރޯވަރުގެ އެއްޗެއް ނުބުނަމެއްނު…” ދިމްޔާގެ ބޮލުގައި ވަރަށް ލޯބިން ފިރުމާލަމުން ރާކިން ބުނެލީ ނުހަނު އޯގާތެރިކަމާއި އެކީގައެވެ. ރާކިންއަށް އެހިތްވަރު ލިބުނީ ކިހިނެއްކަމެއް ހުދު އޭނާއަކަށްވެސް ނޭނގެއެވެ. އެނގޭހާވެސް އެއްޗަކީ އެގޮތަށް ދިމްޔާ ރޯމަންޒަރު ބަލަން އޭނާގެ ހިތަށް ކެތްނުވާކަމެވެ. ރާކިންގެ މިހަރަކާތުން ދިމްޔާގެ ހިތަށްވެސް ފުންއަސަރުތަކެއް ކުރުވިއެވެ. ފުރަތަމަ ފަހަރަށް އޭނާއަށް މީހެއްގެ ފަރާތުން ރައްކާތެރިކަން ލިބުނުކަމުގެ އިހުސާސް ކުރެވުނެވެ.
“ގައިމު އަހަރެން އެހާވަރަށް އެއްޗެހި ކިޔާއިރުވެސް ދިމް ނުއެއް ރޮއެ…. އެކަމް މިޔަދު ރީތިކޮށް ވާހަކަ ދެއްކީމަ ތިފެށީ ރޯން…. އަހަންނަށް ހީވަނީ ދިމްއަށް ރަނގަޅީ އަހަރެން ރުޅިއައިސްގެން ވާހަކަދެއްކީމަހެން ދޯ..” ރާކިން ބުނެލިގޮތުން ދިމްޔާގެ ގާތަށް ކުޑަކޮށް ހިނިއަންނަގޮތްވިއެވެ. އަދި އަތުގެ ނުފުށުން ލޮލުން އައިސްފައިވާ ކަރުނަތައް ފޮހެލިއެވެ.
“ބުނެބަލަ…. މިތާ އެކަނި ތިއިނީ ކީއްވެތަ…؟؟؟ އެވެސް މިކަހަލަ މީހުން ފެންނަން ނެތް ރެއެއްގަ…. ބިރެއްވެސް ނުގަނޭތަ….؟؟؟؟” ދިމްޔާގެ މޫނަށް ބަލަން އިނދެ ރާކިން އަހާލިއެވެ. ދިމްޔާ އަނގައިންވެސް ނުބުނެ އިސްޖަހާލައިގެން އިނީއެވެ. އިރުއިރުކޮޅާ ދެލޯ ފުހެލާތަން ފެނުމުން އަނެއްކާވެސް ރޮނީކަން ރާކިންއަށް ޔަގީންވިއެވެ.
“ވަރަށް ފިނި ވައިރޯޅި ޖެހެނީ މި… އަނެއްކާ ޖައްވުވެސް އެހާ ފިނި…. މިތާ ގިނައިރު އިންނަން ވެއްޖިއްޔާ ބަލިވެދާނެ… ހިނގާ… އަހަރެން ދިމް ގެއަށް ލައިދޭނަން…..” އިރުކޮޅެއްގެ ފަހުން އެދޭތެރޭގައިވާ ހިމޭންކަން ފޫދުއްވާލީ ރާކިންއެވެ. ދެލޯ ފުހެލަމުން ދިމްޔާ ރާކިންއަށް ބަލާލިއެވެ.
“ކޮންއިރަކު ރާކިން އަހަންނާ ދޭތެރޭ ރަނގަޅަށް ވިސްނަން ފެށީ؟؟؟؟؟” ކުރިމަތީގައިވާ ކަނޑަށް ނަޒަރު ހުއްޓާލަމުން ދިމްޔާ އަހާލީ އެއްވެސް އަސަރެއް ނެތް ގޮތަކަށެވެ. ރާކިންއަށް ހިންދިރުވާލެވުނީ ދެރަވީވަރުންނެވެ. އޭނާއަށް އެފަދަ ޖުމްލަތައް ރައްދުވުން ހައްގުކަން ހުދު އޭނާގެ ޒަމީރުވެސް އެއްބަސްވެއެވެ. ދިމްޔާ ނޫން އެހެން މީހަކު އެމަގާމުގައި ހުރިނަމަވެސް އެސުވާލު ކުރީސް ކަންނޭނގެއެވެ.
“އަހަރެން ޤަބޫލުކުރަން އަހަންނަށް ދިމްޔާއާއި ދޭތެރޭ ކަންތައް ކުރެވުނީ ރަނގަޅަކަށް ނޫންކަން…. ހަގީގަތުގައި އަހަރެންވެސް ވަރަށް ދެރަވޭ އެގޮތަށް ކަންތައް ކުރެވުނީމަ…. އެކަމަކު އަހަރެން މީ އެހާ ގޯސްމީހެއް ނޫން…. އަހަރެންވެސް މީ އިންސާނެއް…. ކުށްކުރެވެނީވެސް އިންސާނުންނަށް…. އަހަންނަށް މާފުކުރޭ ދިމް….” ފަހަތަށް ދެއަތް ވިއްދާލަމުން މަތި ބަލަހައްޓައިގެން އިނދެ ރާކިން ވާހަކަދެއްކިއެވެ. ދެންވެސް ހޭދަވެގެން ދިޔައީ ހިމޭން ވަގުތުކޮޅެކެވެ.
“ދިމް….، އަހަންނަކަށް މާފެއް ނުކުރާނަންތަ….؟؟؟؟” ހިމޭންކަން ފޫދުއްވާލަމުން ރާކިން އަހާލީ ދިމްޔާގެ މޫނަށް ބަލަން އިނދެއެވެ. ދިމްޔާވެސް ރާކިންއަށް ބަލާލިއެވެ.
“އަހަރެން އެއްވެސް މީހަކާ ދޭތެރޭ ގޯސްކޮށެއް ނުދެކެން…. އަހަރެން މީހުންނާ ދޭތެރޭ ހިތްބުރައެއްވެސް ނުކުރަން… އެހެންވީމަ އެކަކުވެސް އަހަރެން ކިބައިން މާފަށް އެދޭކަށް ނުޖެހޭނެ….” ފަނޑު ހިނިތުންވުމަކާއިއެކު ދިމްޔާ ވާހަކަ ދެއްކިއެވެ. ދިމްޔާގެ އެރީތި ސިފައަށް ރާކިންގެ ހިތުގެ ފުންމިނުން ތައުރީފްކޮށްލެވުނެވެ. އޭނާގެ ހިތުން ދިމްޔާއަށް ދެވިފައިވާ ގަދަރާއި ލޯބި އެވަގުތުވެސް އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ.
“ވަރަށް ވައިގަދަވެއްޖެ…. އަހަންނަށް ހީވަނީ ވާރޭވެހެންކަންނޭނގެ އެއުޅެނީ… ވަރަށް ގަދަޔަށް ވިއްސާރަވެސް ހަދައިފި…. ހިނގާ ގެއަށްދާން…” ބޯވިލާތަކުން ބަނަކުރަމުން ދިޔަ އުޑާދިމާއަށް ބަލާލަމުން ރާކިން ބުނެލިއެވެ.
“ރާކިން ދޭ…. އަހަރެން ދާނީ ފަހުން…..” އެއިންގޮތަށް އިނދެ ދިމްޔާ ބުނެލިއެވެ.
“ދިމް އެކަނި ބައިންދާފަ އަހަންނެއް ނުދާނަން….. ކުރީ ރޭގަ ވީ ކަންތައް އެހާ އަވަހަށް ހަނދާން ނެތުނީތަ….؟؟؟؟” ކޮޅަށް ތެދުވަމުން ރާކިން ބުނެލިއެވެ.
“އަހަރެން…. އަހަރެންގެ މާމަ ހޮސްޕިޓަލްގަ އެޑްމިޓްކޮށްފަ އޮތީ…. އެހެންވީމަ އަހަރެންދާނީ ހޮސްޕިޓަލަށް….” ދިމްޔާވެސް އެތަނުން ތެދުވަމުން ބުނެލިއެވެ.
“އެހެންތަ…؟؟؟ އަހަރެން ދަންތަ ދިމްއާއި އެކީ…؟؟؟؟” ދެޖީބަށް އަތްޖަހާލަމުން ރާކިން ބުނެލީ ދިމްޔާގެ ރީތި ދެލޮލަށް ބަލާލަމުންނެވެ.
“ނޫން….. މިގަޑީގަ ވިޒިޓާސް ނުވައްދާނެ…. އެހެން ނޫނަސް މިހާރު ދިޔައްޔާ ކިރިޔާ ކަންނޭނގެ ރާކިންއަށް ގެއާއި ހަމައަށް ދެވޭނީ…..” މަތިބަލާލަމުން ދިމްޔާ މިހެން ބުނުމުން އެގޮތާ އެއްބަސްވަމުން ރާކިން ދިމްޔާއާއި ވަކިވީ މާދަމާ ކުލާހުން ދިމާވާނެދޯއޭ ބުނަމުންނެވެ. ދިމްޔާވެސް ލުއި ހިނިތުންވުމަކާއިއެކު ބޯޖަހާލީ އާނއެކޭ ބުނުމުގެ ގޮތުންނެވެ. ދެމީހުން ވަކިވެގެން ދިޔައިރު ދެމީހުންގެ ދެމެދުގައި ވަނީ އެކުވެރިކަން ބަދަހިވެފައެވެ.
ކޮޓަރިއަށް ވަދެގެން އައި ރާކިން ލައިގެން ހުރި ޓީޝާޓް ބޭލުމެއްފަހު ކޮނޑެއްގައި އަޅުވާލިއެވެ. އެއަށްފަހު އެނދުމައްޗަށް ވެއްޓިގަތެވެ. ދިމްޔާއާއި ވާހަކަދައްކާލާފައި އައީއްސުރެ އޭނާގެ ތުންފަތުން ހިނިތުންވުން ފިލައިގެން ނުދެއެވެ. މޫނުމަތިންވެސް ފެންނަމުންދަނީ އުޖާލާ ކަމާއި ހިތްހަމަޖެހިފައިވާކަމުގެ އަސަރުތަކެވެ. އުއްޑުން އޮށޯވެ ހަމަޖެހިލަމުން ރާކިން ދެލޯ މަރާލިއެވެ. އެވަގުތު އޭނާއަށް ސިފަވެގެންދިޔައީ ކަރުނުން ފުރިފައިވާ ދިމްޔާގެ ދެލޮލާއި ހިތާމައިން ފުރިފައިވާ އެލޯބިލޯބި މޫނެވެ. ރާކިންއަށް ދެލޯ ހުޅުވާލެވުނީ ބަލަން ބޭނުންނުވާ މަންޒަރެއް ފެނުނު ފަދއިންނެވެ. ތެދުވެ ހެޑްބޯޑުގައި ލެނގިލަމުން ފަންއިސްތަށިގަނޑުގެ ތެރެއަށް އަތްމަހާލީ ދިމްޔާ އެހިތާމަ ކުރާ ސަބަބަކާ ދޭތެރޭ ވިސްނާލަމުންނެވެ.
“އަނެއްކާ އެހިތާމަތަކުގެ އަސްލަކީ އަހަރެންބާ….؟؟؟؟” ރާކިން އޭނާގެ އަމިއްލަ ނަފްސާ ސުވާލުކޮށްލިއެވެ.
“ނޫން…ނޫން… ދިމްގެ ހިތާމަތަކުގެ ފަހަތުގައި އަޑިނޭނގޭ ސިއްރެއްވޭ…. ދިމްގެ ހިތާމަތަކުގެ އަސްލަކީ އަހަންނެއް ނޫން…. އެންމެ ފުރަތަމަ ކޮލެޖުން ފެނުން ދުވަހުވެސް އަހަރެން އޭނާގެ ދެލޮލުން އެހިތާމަ ދެކުނިން….” ދިމްޔާއާއި ދޭތެރޭ ވިސްނަން އިން ރާކިން އަޒުމް ކަނޑައެޅީ ދިމްޔާގެ ހިތާމަތަކުގެ އަސްލު ހޯދުމަށެވެ.
ޖެހިގެން އައި ދުވަހެވެ. ކުލާހަށް ވަދެގެން އައި ދިމްޔާ ފަހަތް ބަލާލީ ރާކިން ގޮވާލުމުންނެވެ. ދުވެލާފައި ކަހަލަ ގޮތަކަށް ރާކިން އައިސް ދިމްޔާއާއި އަރާ ހަމަކޮށްލިއެވެ. ދެމީހުން ވާހަކައިގައި ތިބެ ގޮސް ދިމްޔާ އިށީންނަ ތަނާ ހަމައަށް ދެވުމުން ދިމްޔާ ގޮނޑީގައި އިށީނެވެ. ރާކިން ދިޔައީ އޭނާއިށީންނަ ތަނަށެވެ. ދިމްޔާ ގޮނޑީގައި ހަމަޖެހިލަމުން ރުހާމެންނާއި ދިމާއަށް އެނބުރުންވަގުތު ރުހާއާއި ޖަޒްލީ ތިބިގޮތުން އޭނާގެ ގާތަށް ހިނިއައެވެ. އެމީހުން ތިބީ ދިމްޔާއާއި ދިމާއަށް ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެންނެވެ. ދެމީހުންކުރެ އެކަކުވެސް ބަހަކުން ބަހެއް ނުބުނެއެވެ.
“ކިހިނެއްވެފައިތަ ދެމީހުން ތިތިބީ….؟؟؟؟ އަނެއްކާ ބިރެއް ފެނުނީތަ…؟؟؟؟” ރުހާގެ އަތުގައި ހިފައި ތަޅުވައިލަމުން އަދި ޖަޒްލީގެ މޫނުގެ ކުރިމަތީގައި އަތުންހަނާއަޅާލަމުން ދިމްޔާ އަހާލީ ހިނިތުންވެ އިނދެއެވެ. ރުހާއާއި ޖަޒްލީ އެކަކު އަނެކަކަށް ބަލާލަމުން ދިމްޔާއާއި ދިމާއަށް ބަލާލިއެވެ. ދިމްޔާވެސް ދެފަހަރު ދެމީހުނަށް ބަލާލުމަށްފަހު ބުމައަރުވާލަމުން ކިހިނެއްވީތޯ އަހާލިއެވެ.
” ރޫ…. އަހަންނަށް މިފެނުނީ ހުވަފެނެއްތަ…..؟؟؟؟؟ ދިމްއާއި ރާކިންއާއި އެއްކޮށް… އަޅޭ….” ދެލޯ އުނގުޅާލަމުން ހުވަފެނީގޮތަކަށް އިނދެ ރުހާގާތު ޖަޒްލީ އަހާލިއެވެ. ދިމްޔާއަށް ވެގެން އުޅޭގޮތް ނަގައިގަނެވުނީ ދެނެވެ.
“ޖަޒްލީގަނޑާ….” ޖަޒްލީގެ އަތުގައި ވިކައިގަންނަމުން ދިމްޔާ ޖަޒްލީގެ ނަން ކިޔާލިއެވެ.
“އައްދޯއި….. އޭ އަސްލުވެސް ހުވަފެނެއް ނޫން ދޯ….ހަމަ ހަގީގަތެކޭ….” ދިމްޔާ ވިކައިގަތްތާ ފިރުމާލަމުން ލާނެއް ގޮތަކަށް ހީގަންނަމުން ޖަޒްލީ ބުނެލިއެވެ.
“ހޫމް ޖަޒް…. ހަމަ ހަގީގަތެއް…. އަހަރެން މިހިތަށް އަރަނީ ކިހިނަކުން ވީކަމެއްބާއޭ މީ….” ދިމްޔާއާއި ދިމާއަށް ބަލާލުމަށްފަހު ނިއް އަރުވާލަމުން ރުހާ ބުނެލިއެވެ.
“ރޫވެސްތަ…. ދެން ހާދަ ގޯހޭ….” އުނގަނޑުގައި ދެއަތް ވިއްދާލަމުން ދިމްޔާ ރުޅިއައިސްފައި އިންކަމަށް ހަދާލިއެވެ.
“ހޫމް… ދެން މާ ގިނަ އެކްޓް ދައްކާނެ ކަމެއްނެތް…. ސީރިޔަސްކޮށް ބުނެބަލަ ކިހިނެއް ވީކަމެއްތަ ތީ…. ތިދެމީހުން ތިހާރީތިކޮށް ހެވިލާފަ ވާހަކަދައްކާތަން ފެނުނީމަ ގަބޫލުކުރަން ދަތިވެފަ މިއިންނަނީ….” ދިމްޔާގެ އަތުގައި ހިފައިލަމުން ޖަޒްލީ މިހެން އަހާލީ އޭގެ ޖަވާބު ވަރަށް ބޮޑަށް ހޯދަން ބޭނުންވެފައި އިންފަދައަކުންނެވެ.
ދިމްޔާ ރޭގެ ވާހަކަ ޖަޒްލީއަށާއި ރުހާއަށް ކިޔައިދިނެވެ. ދިމްޔާ އެވާހަކަ ކިޔައިދީ ނިމުމުން އަނެއްކާވެސް އެމީހުން ދިމްޔާއާއި ދިމާކުރަން ފެށިއެވެ.
ދުރުގައި މިމަންޒަރު ބަލަން އިން ރާކިންއަށް އެމީހުން ކިޔާ އެއްޗެއް އަޑު ނީވުނުކަމުގައިވިޔަސް އޭނާގެ ވިސްނުންތޫނު ސިކުނޑިއަށް ދިމްޔާއާއި އޭނާއާއި އެކުގައި ފެނުމުން އެމީހުން ދިމްޔާއާއި ދިމާކުރަނީކަމުގައި ނަގައިގަނެވުނެވެ. ދިމްޔާއާއި ދިމާކުރަމުންދިޔަ ޖަޒްލީ ރާކިންއާއި ދިމާއަށް ބަލާލިވަގުތު ރާކިން ބަލަހައްޓައިގެން އިނުމުން ލާނެއް ގޮތަކަށް ހީލަމުން އަތުން ހަނާއަޅާލިއެވެ. ރާކިންވެސް ހީލަމުން އަތުން ހަނާއަޅާލިއެވެ.
“ރެކް…. ކޮންކަހަލަ މަންޒަރުތަކެއްތަ މިފެންނަނީ…؟؟؟؟” ރާކިންގެ ހަރަކާތްތަކަށް ބަލަން އިން އާހިލް ރާކިންގެ ކޮނޑުގައި ޖަހާލަމުން އަހާލިއެވެ.
“އާލް އަބަދުވެސް ބުނަމެއްނު ދިމްއަށް އެހެން ނުހަދާށޭ…. އެހެންވީމަ މިޔަދުން ފެށިގެން އާލްގެ ބަސް ގަބޫލުކޮށްގެން އޭނާއާއި ފުރެންޑް ވީއޭ….” މޭމަތީ ދެއަތް ހުރަސްކޮށްލަމުން ހިނިތުންވެ އިނދެ ރާކިން ބުނެލިއެވެ.
“ހޫމް…. އަހަންނަށް ހީވަނީ އެހެންކަމެއްހެން….” މޭޒުމަތީގައި އަތްއަޅާލަމުން އާހިލް ރާކިންއާއި ދިމާކޮށްލިއެވެ. އެވަގުތު މުދައްރިސް ކުލާހަށް ދުރުވުމުން ދެމީހުންގެ ވާހަކަ ހުއްޓާލާ ފިލާވަޅަށް ސަމާލުވެލިއެވެ. ކެތްތެރިކަމެއްނެތި ރާކިން އިންތިޒާރުކުރަމުން ދިޔައީ ކްލާސް ނިމޭނެ އިރަކަށެވެ. އެންމެފަހުން އޭނާގެ އިންތިޒާރަށް ނިމުން އައީ އެދުވަހުގެ ކްލާސް ނިންމާލުމަށްފަހު މުދައްރިސް ދިޔުމުންނެވެ. އަވަސްއަވަހަށް ފޮތްތައް ދަބަހަށް އަޅާލަމުން އާހިލްއާއި އެކު އޭނާ ދިޔައީ ލައިބްރަރީއަށެވެ.
އާދައިގެ މަތިން ކްލާސް ނިންމާލުމަށްފަހު ދިމްޔާއާއި އޭނާގެ އެކުވެރިން ތިބީ ލައިބްރަރީތެރޭގައެވެ. އެވަގުތު ރާކިންމެން އެތަނަށް ދިޔުމުން ދިމްޔާމެން އެކަކު އަނެކަކަށް ބަލާލުމަށްފަހު ރާކިންމެނަށް ނަޒަރު ހުއްޓާލައިގެން ތިއްބެވެ.
“ކޯއްޗެއް ތިބަލަނީ މާވަރަކަށް….؟؟؟ އަހަރެމެން މީ ނުދަންނަ ބަޔަކީތަ….؟؟؟” ދިމްޔާމެން އެގޮތަށް ބަލަހައްޓައިގެން ތިބުމުން އާހިލް އަހާލިއެވެ.
“ނޫނޭ…. ނުދަންނަނީކީ ނޫން…. އެކަމަކު މިތާގަ އައިސް މަޑުކޮށްލީމަ ބެލުނީ…. އެހެންނޫނީ ނުވާކަމެއްވީމަ….” ޖަޒްލީ އަވަސް އަވަހަށް ބުނެލިއެވެ.
“މިއައީ ތިގޭންގަ ބައިވެރިކުރޭތޯ….؟؟؟؟” ޖަޒްލީ އިށީނދެގެން އިން ގޮނޑީގައި އަތްއަޅުވާލަމުން ރާކިން އަހާލިއެވެ.
“އަހަރެމެން ގޭންގަ….؟؟؟؟ ” ގަބޫލުނުކުރެވޭ ގޮތަކަށް ރުހާ މިހެން އަހާލުމުން ރާކިން އާއި އާހިލް އެކީގައި ކަހަލަ ގޮތަކަށް އާނއެކޭ ބުނެލިއެވެ.
“ހޫމް… ހަމަ ބައިވެރިވާންވީ….. ދޯ ދިމް….” އިތުރަށް އެހެން މީހަކު އެއްޗެކޭ ބުނުމުގެ ކުރިން ކައިރީގައި ހުރި ގޮނޑިއަށް އިޝާރާތްކޮށްލަމުން ޖަޒްލީ ބުނެލިއެވެ. އަދި ދިމްޔާއާއި ދިމާއަށް އެއްލޯމަރާލަމުން ލާނެއް ގޮތަކަށް ހީލިއެވެ. ދިމްޔާ ޖަޒްލީއަށް ލޯއަޅާލުމަށްފަހު ރާކިންމެނަށް ބަލާލަމުން ހީލިއެވެ. ރާކިންމެން ދިމްޔާމެންނާ ބައިވެރިވުމުގެ ގޮތުން އެތާ ހުސްކޮށް ހުރި ދެގޮނޑިގައި އިށީނެވެ.
އެދުވަސް ވޭތުވެގެން ދިޔައީ މަޖަލާއި އެކުވެރިކަމާއިއެކުއެވެ. އޭގެ ފަހުން ކޮންމެދުވަހަކުވެސް ރާކިންމެން ދިމްޔާމެންނާއިއެކު ލައިބްރަރީއަށް ގޮސް އެކުގައި ފިލާވަޅުތައް ހަދާ މަޖާކޮށް ހަދައެވެ. އެކަމުގެ ސަބަބުން މިހާރު އެމީހުންގެ މެދުގައި ވަނީ ވަރަށް ގާތް އެކުވެރިކަމެއް އުފެދިފައެވެ.
އޭގެ ދުވަސްކޮޅެއް ފަހެވެ. އާދައިގެ މަތިން ކްލާސް ނިންމާލުމަށްފަހު ދިމްޔާމެން ގޮސް ތިބީ ލައިބްރަރީގައެވެ. އެމީހުން މަޝްވަރާކުރަމުންދިޔައީ ކުރިއަށް އޮތް ހަފްތާ ބަންދުގައި ކޮންމެވެސް ކަމެއް ކޮށްލުމަށެވެ. އެކި ގޮތްގޮތަށް މަޝްވަރާކުރުމަށްފަހު އެންމެފަހުން ފައިނަލްވީ ހޮނިހިރު ދުވަހު ހުޅުމާލެއަށް މޫދަށް އެރެން ދާގޮތަށެވެ.
ހޮނިހިރުދުވަހުގެ އިރު ފެނުން ތޮޅެލިއިރު ރާކިންއާއި އާހިލް ތިބީ ފެރީޓާމިނަލް ދޮށުގައި ދިމްޔާމެންގެ އިންތިޒާރުގައެވެ. އެވަގުތު އައި ޓެކްސީއަކުން ފޭބި ރުހާއާއި ޖަޒްލީއަށް ރާކިންމެން ފެނުމުން އެމީހުންގެ ގާތަށް ދިޔައެވެ.
” ރޫމެން އެކަނިތަ…؟؟؟؟ ކޮބާ ދިމް….؟؟؟؟” އެމީހުންނާއެކު ދިމްޔާ ނެތުމުން ރާކިން އަހާލިއެވެ.
” އަހަރެމެން ގުޅީމަ ބުނި މިއަންނަނީއޭ…. އަހަނ މިއޮށް އައީނު….” އެމީހުންނާ ދިމާއަށް ހިނގާފައި އައި ދިމްޔާ ފެނުމުން ރުހާ ބުނެލިއެވެ. އޭރު ދިމްޔާ އައިސް އެމީހުންނާ އަރާ ހަމަވަނީއެވެ. ރާކިން ދިމްޔާއަށް ބަލާލިއެވެ. އެހެން ދުވަސް ދުވަހާ ޚިލާފަށް މިޔަދު ދިމްޔާ ވަކިން ރީތިހެން ހީވެއެވެ. ކަކުލާ ހަމައަށް އަރާ އަތްދިގު ރަތްކުލައިގެ ގަޔަށްދޫ ހެދުމަކާއި ޖީންސެއް ލައިގެން ހުރިއިރު އޭނާގެ ފަންއިސްތަށިގަނޑު ވަނީ ފަހަތަށް ދޫކޮށްލާފައެވެ. ކުރުއިސްތަށިކޮޅުތައް ނިއްމައްޗަށް ވެއްޓިފައި އޮތެވެ. ހެނދުނުގެ ވަގުތުކަމުން ދިމްޔާ ފެންނަނީ ނުހަނު ތާޒާކޮށެވެ. ތުންފަތުގައިވާ ލުއިލުއި ހިނިތުންވުމުން އެރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދިނެވެ. ރުހާމެންނާ ވާހަކަދައްކަމުން އަތުގައި އޮތް ބޮޑު އަތްދަބަސް ތެރެއިން ކަޅު ތޮތްޕެއް ނަގައި ބޮލުގައި އަޅާލިއެވެ. ދިމްޔާ ހީވަނީ ހަމަ ފަތިހަށް ފޮޅިފައި އިން ރީތި ރަތްމަލެއް ހެންނެވެ. އެހާވެސް ރީއްޗެވެ.
ރެކް ތިހާވަރަށް ބަލަންޏާ ދެން ތިބި މީހުނަށް ރެކްގެ ހިތުގައޮތް އެއްޗެއް ބަސްޓުވެދާނެ…” ރާކިން ސިހުނީ އާހިލް އޭނާގެ ކަންފަތްދޮށުގައި މިހެން ބުނެލުމުންނެވެ. ނަސީބަކުން ރާކިން ބަލަން ހުރިކަމެއް ދިމްޔާއަކަށްވެސް އަދި ރުހާމެންނަކަށްވެސް ނޭނގޭނެއެވެ. އެމީހުން ތިބީ ކޮންމެވެސް ވާހަކައެއްގައެވެ. ރާކިން އާހިލްއާއި ދިމާއަށް ލޯހަނިކޮށްލާފައި ބަލާލުމުން އާހިލްވެސް ބުމައަރުވާލަމުން ލާނެއް ގޮތަކަށް ހީލިއެވެ.
ދުވަހަކީ ބަންދު ދުވަހެއްކަށްވެފައި ވަގުތަކީ ހެނދުނުގެ ވަގުތުގެކަމުން މާގިނައިރު ޓާމިނަލްގައި މަޑުކުރާކަށް ނުޖެހުނެވެ. ވައިރޯޅިމަޑުވެ އަވިދިއްލާފައި އޮތެއްކަމަކު ފުދޭވަރަކަށް ކަނޑުގަދައެވެ.
ފެރީގައި އިންއިރުވެސް ރާކިންއަށް ސަމާލުވެވެނީ ދިމްޔާގެ ހަރަކާތްތަކަށެވެ. އެންމެން ހީހީފައި ސަކަރާތް ޖަހަމުން ދިޔައިރު އޭނާއަށް މާބޮޑަށް އެކަމަކަށް ސަމާލުކަމެއް ނުދެވެއެވެ. އާހިލް މަޖާ ޖޯކުތައް ކިޔައިދެމުން ދިޔައިރު ދިމްޔާމެން މަޖާވެފައި ހެމުން ދިޔައެވެ. އެންމެފަހުން އާހިލް ކިޔައިދިން ޖޯކަކުން ދިމްޔާއަށް ހީހީ ކޮންޓްރޯލް ނުވެގެން ބަނޑުގައި އެއް އަތް އަޅައިގެން ގުދުވެލަމުން އަނެއް އަތުން ހިފަހައްޓާލެވުނީ ގާތުގައި އިން ރާކިންގެ ފައިގެ ފަލަމަސްގަނޑުގައެވެ. އެވަގުތު ރާކިންއަށް ވީގޮތް ބުނެދޭން ހުދު އޭނާއަށްވެސް ނޭނގެއެވެ. ހީވީ ހަށިގަނޑުގެ ތެރޭގައި ކަރަންޓުގެ ރާޅު ބާންޏެއް ދުވެލިހެންނެވެ. ރާކިންއަށް ބޭއިޚުތިޔާރގައި އޭނާގެ ފައިމަތީގައި އޮތް ދިމްޔާގެ އަތުގައި ހިފަހައްޓާލެވުނެވެ. ނަމަވެސް ހުނުމަށް ގެއްލިފައި އިނުމުން ދިމްޔާއަށްވެސް އަދި އިތުރު އެހެންމީހަކަށްވެސް މިކަމެއް މާބޮޑަކަށް ރޭކައެއް ނުލިއެވެ. ރާކިން ދިމްޔާގެ މޫނަށް ބަލާލިއެވެ. މިހާރު ދިމްޔާގެ މޫނަށް ބަލާލުމުން ހީވަނީ ދުނިޔޭގައި އޭނާހަ އުފާވެރި ކުއްޖަކު ނުވާނެހެންނެވެ. އެހެނަސް އެކަނިވުމުން އެދެލޮލުގައިވާ ހިތާމަ ރާކިންވަނީ ދެކިފައެވެ. ދިމްޔާއަކީ އިހުސާސްތައް ފޮރުވަން ކުޅަދާނަ ކުއްޖެކޭ އެވަގުތު ރާކިންގެ ހިތަށް އެރިއެވެ.
“އާލް… ދެން ހުއްޓާލާ… ހީހީ މިހަރު އެމީހުންގެ ލޮލުން ފެންވެސް އަތުވެއްޖެ…. އެވަރަށް ހެއްވާކަށް ނުވާނެ….” އާހިލް އެހެން ޖޯކެއް ކިޔަން ފެށުމުން ރާކިން ބުނެލީ ރުހާ ލޯފުހެލި ތަން ފެނުމުންނެވެ. އޭރު ދިމްޔާވެސް ގޮނޑީގައި ހަމަޖެހިލަމުން ފުން ނޭވާތަކެއް ލަނީއެވެ.
“އަޅެ ރެކް ގާތަކަށް ހިންޏެއް ނާދޭތަ…؟؟؟” ބަނޑުގައި އަތް އަޅައިލައިގެން އިނދެ ޖަޒްލީ އަހާލިއެވެ.
“ހޫމް…. ތީ އަޑުއަހާ ބާކޮށްފަ ހުރި ޖޯކުތަކެއް…. ބަލާބަ މިއާދެވުނީނު….” ހުޅުމާލެ ބަނދަރަށް ފެރީ ގާތްކޮށްލުމުން ރާކިން މިހެން ބުނުމުން އެންމެން ފައިބަން ހިނގައިގަތެވެ.
ހުޅުމާލެއަށް ފޭބުމަށްފަހު ރާކިންމެން ތިބީ ގަހެއްގެ ދޮށުގައި މަޑުކޮށްލައިގެންނެވެ. އެމީހުން އެ އިންތިޒާރުކުރަނީ އިދާމް އަންނާނެ އިރަކަށެވެ. އިދާމްއަކީ ޖަޒްލީގެ ދެބެންގެ ދެދަރި ކުއްޖެއްގެ އިތުރުން ދިމްޔާމެންގެ ވަރަށް ގާތް ރައްޓެސެކެވެ. އިދާމްވެސް ކިޔަވަނީ ދިމްޔާމެންގެ ކުލާހުގައެވެ.
“ކޮބާތަ އެ އިދާމްގަނޑު…. އަދި ބުންޏެއްނު އަހަރެމެން އަންނަންވާއިރަށް ހުންނާނީ ޓާމިނަލްކައިރީގައޭ…. ވަރަށް އާދެވިއްޖެއެއްނު….” އަނގަޔަށް ގޮތެއް ހަދާލަމުން ޖަޒްލީ ބުނެލިއެވެ. އެވަގުތު މީހަކު އައިސް ޖަޒްލީގެ މޫނުގައި އަތް އެޅިއެވެ.
“އަހަންނަށް އިނގޭ އިދާމްގަނޑުކަން…. ދޫކޮށްލާ….” އިދާމްގެ އަތުގައި ވިކައިގަންނަމުން ޖަޒްލީ ބުނެލިއެވެ.
“އައްދޯއި…. ތަދުވެއްޖެއޭ…. ހީވަނީ ހަމައަރާކާއެއްޗެއްހެން…. އަހަރެން ހިތަށް އަރާ މީނާގެ ފިރިއަކަށްވާ ސޮރު މީނާ ގޮވައިގެން އުޅޭނީ ކިހިނަކުން ބާވައޭ….” ޖަޒްލީ ވިކާގަތްތާ ފިރުމާލަމުން އިދާމް ބުނެލިއެވެ. އައި ރުޅީގައި ޖަޒްލީ އިދާމަށް ލޯއަޅާލިއެވެ. ޖަޒްލީ ހަދާލި ގޮތަކުން އިދާމަށް ހެވުނެވެ. އެވަގުތު އޭނާގެ ނަޒަރު ގޮސް ހުއްޓުނީ ކައިރީގައި ހުރި ދިމްޔާއަށެވެ.
“ދިމް ހާދަ ތަފާތޭ މިޔަދު…. އެކަމްވެސް ވަރަށް ރީތި…..” ދިމްޔާގެ ބޮލުން ފެށިގެން ފަޔާ ހަމައަށް ބަލާލަމުން އިދާމް މިހެން ބުނުމުން ރާކިންއަށް އުނދަގޫވިއެވެ. ދިމްޔާ ވަކިއެއްޗެއް ނުބުނެ ހިނިތުންވުމަކުން ފުއްދާލީއެވެ. އެވަގުތު ކުއްލިއަކަށް އިދާމް ދިމްޔާގެ ބޮލުގައި އަޅާފައި އޮތް ތޮފި ހިފައިގެން ދުއްވައިގަތެވެ. ދިމްޔާވެސް އިދާމްގެ ފަހަތުން ދުއްވައިގަތެވެ. ރުހާއާއި ޖަޒްލީ ދިޔައީ އެދިމާލުގައި ހުރި ކުދި ފިތުރޯނު ގަސްތަކާ ދިމާއަށެވެ. ދިމްޔާއާއި އިދާމް ދުރުގައި ސަކަރާތްޖަހަމުން ދިޔަ މަންޒަރު ފެނުމުން ރާކިންގެ އެތެރެހަށީގައި ހަސަދަވެރިކަމުގެ އަލިފާން ރޯވެ އަނދަމުން ދިޔައެވެ. ދެއަތް މުށްކަވާލަމުން ދެދަތްޕިލަ ޖައްސާ ބާރުކޮށްލެވުނީ ހިތްހަމަނުޖެހިފައި ހުރެއެވެ.
“ރެކް…. ތެޔޮނާށި ކާޅު ޖަހައިގަތުމުގެ ކުރިން އެކަމާ އުޅެންވީނު…..” ކައިރީގައި ހުރި އާހިލް މިހެން ބުނެލީ ދިމްޔާމެނަށް ބަލަން ހުރެއެވެ.
“ނޫން…. ދިމް އެއީ އަހަރެންގެ ހައްގެއް….އެހެންމީހެއްގެ ހައްގަކަށް ވުމުގެ ކުރިން މާތް ﷲ އިރާދަކުރެއްވިއްޔާ އަހަރެން ދިމް ހާސިލް ކުރާނަން….” މިހެން ބުނެފައި ރާކިން ހިނގައިގަތީ ދިމްޔާމެނާއި ދިމާއަށެވެ. އާހިލްވެސް އޭނާގެ ފަހަތުން ދިޔައެވެ.
“ދިމް… ދެން އަހަންނަށް ޖަވާބެއް ދީބަލަ….” ދިމްޔާގެ އަތަށް ތޮފި ދިއްކޮށްލަމުން އިދާމް މިހެން ބުނެލިއިރު ރާކިންމެން އެހިސާބަށް އަރާ ހަމަވަނީއެވެ. ރާކިންއަށް ވަރަށްރީތިކޮށް އިދާމްގެ ޖުމްލަ އަޑުއިވުނެވެ.
“ކޮން ޖަވާބެއް….؟؟؟” ރާކިންއަށް އަހާލެވުނީ ތަންކޮޅެއް ހަރުކަށިކޮށެވެ. މިއަޑަށް ދިމްޔާއާއި އިދާމް ރާކިންއަށް ބަލާލިއެވެ.
“އަހަރެން ދިމްގާތު ރައްޓެހިވާން އެހީމަ ޖަވާބެއް ނުދީގެން މިއުޅެނީ…؟؟؟؟” އިދާމް ބުނެލިއެވެ. އާހިލްއަށް ބަލާލެވުނީ ރާކިންއާއި ދިމާއަށެވެ. އޭރު ރާކިން ހުރީ ދިމްޔާއާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ދިމްޔާ އިދާމަށް ދޭނެ ޖަވާބެއް ނޭނގޭތީ ރާކިންގެ ހިތްތެޅެމުން ދިޔައީ ވަކިވަރެއް ބަލާފައެއް ނޫނެވެ. އިދާމްއަކީވެސް އަންހެން ކުދިންގެ ހިތްތައް ފިދާވާފަދަ ރީތި ޒުވާނެކެވެ.
“ކޮންމެހެން އެމީހުނަށް އޮޅުވާލަން މަސައްކަތް ކުރާނެކަމެއް ނެތް…. މީނައަށް ރޫ ދެކެ ލޯބިވެވުނީއޯ…. ދެން އަހަރެން ގާތު އެއަހަނީ ކަނދުފައްޗަކަށް ވެދޭނަންހޯ….؟؟؟” އިދާމްގެ އަތުގައި އޮތް ތޮފި ޖަހައިގަންނަމުން ދިމްޔާ މިހެން ބުނެލުމުން ރާކިންއަށް ހަމަޖެހުމުގެ ނޭވައެއް ބޭރުކޮށްލެވުނެވެ. އެއަށްފަހު ހިނިތުންވެލިއެވެ.
“ބްރޯ… ތިހާ ފިނޑިވެގެން ކަމަކު ނުދާނެ…. މީ ކަނދުފަތި ބޭނުންކުރާ ޒަމާނެއް ނޫން…. ނިކަން އޭނަ ކުރިމައްޗަށް އަރާފަ ޕްރޮޕޯސް ކޮށްބަލަ…” އިދާމްގެ ކޮނޑަށް އަތްލަމުން އާހިލް ބުނެލިއެވެ.
އާހިލް ބުނި ބުނުމަށް އިދާމް ހިނގައިގަތުމުން ރާކިންމެން ޖަޒްލީއަށް ގޮވާ ގެނައެވެ. އެމީހުން ތިބީ ދުރުގައި މަޑުކޮށްލައިގެންނެވެ.
އިދާމް ރުހާގާތު ވާހަކަތަކެއް ދެއްކުމަށްފަހު ދެންފެނުނީ ރުހާއަށް އަތްދިއްކޮށްލިތަނެވެ. އިރުކޮޅަކު މަޑުކޮށްލުމަށްފަހު ރުހާ އިދާމްގެ އަތުގައި ހިފުމުން އެންމެން އެއްފަހަރާ ފުންމައިގެންފާ ރުހާމެންނާ ދިމާއަށް ދުއްވައިގަތެވެ. ދިމްޔާއާއި ޖަޒްލީ ދިޔަ ގޮތަށްގޮސް ރުހާގެ ގައިގައި ބައްދާލިއެވެ. އެތާގައި އިރުކޮޅަކު ސަކަރާތްޖަހަން މަޑުކޮށްލުމަށްފަހު ދެން އެމީހުން ދިޔައީ މޫދަށް އެރޭ ސަރަހައްދަށެވެ. ދިޔަމަގުމަތީ ދިޔައީ ފިހާރައަކަށް ވަދެ އައިސްކޯން ގަނެގެންނެވެ.
“އަވަހަށް ހުސްވެދާނެތީ ދަހިކޮށް ބޯން ދޯ ތިހުންނަނީ…؟؟؟” އެންމެންގެ އައިސްކޯން ހުސްވިއިރުވެސް ދިމްޔާގެ އަތުގައި އައިސްކޯން އޮތުމުން އިދާމް ދިމާކޮށްލިއެވެ.
“ހޫމް…. ޖޭ ވީ ދޯ…. އަހަންނަކަށްނު….” ދިމްޔާއަށް މިހިސާބަށް ބުނެވުނުތަނާ އިދާމް ދިމްޔާގެ އަތުގައި އޮތް އައިސްކޯން ޖަހައިގަނެގެން ދުއްވައިގަތެވެ. އޭރު އެމީހުނަށް ތިބެވުނީ މޫދަށް އެރޭ ހިސާބު އަތިރިމަތީގައެވެ. ދިމްޔާވެސް ބަލަން ނުހުރެ އިދާމްގެ ފަހަތުން ދުއްވައިގަތެވެ. އެވަގުތު އެތާގައި އޮތް މޫގަނޑެއްގައި އަޅައިގެންފައި ދިމްޔާގޮސް ޖެހުނީ ކުރިމަތީގައި ހުރި ރާކިންގެ ގައިގައެވެ. ރާކިންހުރީ އެކަހަލަ ކަމަކަށް ނުވިސްނާ ކަމުން ކުޑަކޮށް އަރިއަޅާލިނަމަވެސް ދިމްޔާގެ ހަށިގަނޑާއެކު އޭނަގެ ހަށިގަނޑުވެސް ބެލެންސްކޮށްލިއެވެ. ރާކިން ދިމްޔާއަށް ބަލާލިއެވެ. އޭނާހުރީ ދިމްޔާގެ ދެއަތުގެ މުލައްދަނޑީގައި ހިފަހައްޓައިލައިގެންނެވެ. ދިމްޔާވެސް ހުރީ ރާކިންއަށް ބަލަހައްޓައިގެންނެވެ. ކުރުއިސްތަށިތައް ލޯމައްޗަށް ވެއްޓިފައި އޮތުމުން ރާކިން އެއިސްތަށިކޮޅުތައް އެއްފަރާތްކޮށްލަދިނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލްވެފައިވާއިރު ވަށައިގެން ބަޔަކު ތިބިހެންވެސް ހީނުވާކަހަލައެވެ.
“އުހުމް…އުހުމް… ކަލާޔާނުލާގެ ކޮން ސީންއެއްތަ ކުރިޔަށް މިދަނީ….؟؟؟؟” ކަރުކެހިލަމުން ލާނެއްގޮތަކަށް އާހިލް މިހެން ބުނުމުން ދެންތިބި މީހުން ހޭން ފެށިއެވެ. ދިމްޔާ ލަދުން އިސްޖަހާލަމުން ދުރަށް ދާން އުޅުންވަގުތު އޭނާގެ ކަރުގައި އޮތް ފަށުފޫ ރާކިންގެ ޓީޝާޓްގައި އެޅިފައި އޮތުމުން މަޑުކޮށްލިއެވެ. ރާކިން މަޑުމަޑުން ފޫނައްޓާލެވޭތޯ އުޅުނެވެ.
“ވާއު…. ހާދަ ސަޅިއޭ ހީވަނީ ހަމަ ފިލްމެއްގެ މަންޒަރެއް ބަލާލެވޭހެން….” އެމަންޒަރުފެނި ދެއަތްޖޯޑުކޮށްލައިގެންހުރެ ކޮލުގައި ޖައްސާލަމުން ޖަޒްލީ ބުނެލީ ހުވަފެނީ ގޮތަކަށެވެ.
“ހާދަ ރިތި ފަށުފުލެކޭ…..” ފަށުފޫ ނައްޓާލަމުން ރާކިން މިހެން ބުނުމުން ދިމްޔާ ލަދުން ހުރެ އިދާމްގެ ފަހަތުން ދުއްވައިގަތީ އިދާމް އޭނައާއި ދިމާއަށް ވައްތަރު ޖައްސާލުމުންނެވެ.
ދެޖީބަށް އަތްޖަހައިލަމުން ރާކިން އަޒުމު ކަނޑައެޅީ ދެން މާލަސްނުކޮށް ވީހާވެސް އަވަހަކަށް ދިމްޔާއަށް ލޯބި ހުށައަޅާށެވެ.
ޖެހިގެން އައި އާދީއްތަ ދުވަހެވެ. ކްލާސް ނިމުމުން އާހިލްއާއިއެކު ރާކިން ހަލުވިކަމާއިއެކު މިސްރާބުޖެހީ ލައިބްރަރީއަށް ދިއުމަށެވެ. އޭނާހުރީ މިޔަދު ދިމްޔާއަށް ލޯބިހުށައަޅަން ނިންމައިގެނެވެ. އެމީހުން ލައިބަރަރީއަށް ދިޔައިރު އެތާގައި ރުހާއާއި ޖަޒްލީގެ އިތުރުން އިދާމްވެސް އިނެވެ.
“ކޮބާ ދިމް….؟؟؟” ދިމްޔާ ލައިބްރަރީ ތެރެއިންވެސް ފެންނަން ނެތުމުން ރާކިން އަހާލިއެވެ.
“އޭނަ ގޮއްސި….” އަނގަޔަށް ގޮތެއް ހަދާލަމުން ޖަޒްލީ ބުނެލިއެވެ.
“ކީއްވެ އެހާ އަވަހަށް މިޔަދު އެދިޔައީ….؟؟؟” ރާކިން އަހާލިއެވެ.
“ދިމް ނުބުނޭތަ…..؟؟؟؟” ރާކިންއަށް ބަލާލަމުން ރުހާ އަހާލިއެވެ.
“ކޯއްޗެއް….؟؟؟؟” ރާކިންއަށާއި އާހިލްއަށް އެކުއެކީހެން އަހާލެވުނެވެ.
“ދިމްގެ ބޯއިފުރެންޑް އެބައުޅެ މިއަދު މާލެއައިސް….. އެހެންވެ އޭނަ މިއަދު ނިމުންގަޑީގަ ބަލާ އައީމަ އެދިޔައީ….” ރުހާ ބުނެލީ ސީދާ ރާކިންގެ މޫނަށް ބަލަން ހުރެއެވެ. ރުހާގެ ޖުމްލަ ރާކިންއަށް އަޑުއިވިގެން ދިޔައީ ހޮނު ގުގުރިއެއް ފަދައިންނެވެ. އޭނާގެ ހިތުތެރޭގައި ބޮޑު ހައިޖާނުގަނޑެއް އުފެދުނެވެ. ދެލޯފެންކަޅިވީ އިޚުތިޔާރަކާ ނުލައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
27 Comments!
Comments are closed.







Ken haadha molhey dw guess kuran.. ken bunihen mi v
heekuran mi partves kiyuntherinnah kamudhaane kamah..
enjoy reading 🙂
ALHEY KIHINEH THIHEDHEEE??? SHABEE AH HEEVANEE DHIMVEX REC AH LOABI HUSHA ALHAN HEN EULHENEEE!!! DHW,BUT HADHA LAHEY UP VAALEH AVASS KHDHEEBAA UP KURAALEH 😉
Finally up v .. v salhi mi part vess…i wonder ruhaa raakin hahdhaalany kanneynge dhw,,well lets see wats gonna hppn in next part.. waiting 4 next part.
waaaau……!!!! Mi hama ehvana eynun.. 🙂 I think roo he plan eh eii. 🙂
Roo ge*
Hehe…ya dhw…thihen bunanshey miulhuneeves..nyways story vvvv habeyss.????❤
Waiting for next part….??
Nxt part guess nukuraanan..??
Best of luck eeem..avahah up kohladheythi…?
Yeh thihen hen heevany rakin hadhanee hen.hehe v salhi igey den oi part ah mi inthizaru kurany…
Nice
Varah reethi vaahaka kiya foohi nuvey…. and varah heart touching story eh mi.. next part ah inthizaar kuran…♡♡♡:)
Mi partvex v loabi..❤❤❤
Haadha lahun ney thi up kury dhw…v inthizaaru kohfin…next part avahah up koh dhehchey..
haadha reethi vaahakekey…avahah up koh dheeba v inthixaar kurevey
vrh reethii vaahaka… next part thankolheh avahah up kohdhehchey 🙂
V reethi mi part ves…eem bunaahen ken v molhey dhw guess kuran….
Aaa eee heevaney emeehun a hadhi dhogu hen. Nice:)
Mi part ves v slhi plx knme dhuvahaku part eh up kohdhybala plx ehme kiyaahithun kiyaa eh vaahaka mee……..
Eemiya ????? n ya avahah up kih dhehcheyy ???
Kondhu vas thakeh ga tha story up wanee…. waiting for the next part. .. v nice
thanks hurihaa kudhin.. 🙂
up vaaleh lastha?? thursday ga up kohfa saturday ga up kureemi..
fudhey varakah dhigukoh part thah liyan vaguthu nagaa.. n jobah dhamun liyan jeheythee knme dhuvahaku part eh up kuran undhgu…
heekuran hurihaa kudhinnah understand vaanekamah..
enme madhuvegenves week aku 3 part up kureveytho v balaanan..
I cant wait plys avas kohladhe v v v v salhi haadha molhe????
wowwwww..nyc
kobaatha aneh bai..avass kollahche..
Eemiyaa… plz mihaaru maa lasvehje… plz plz plz avahah up koh dhi ba… waiting:(
thanks hurihaa kudhin 🙂
:):)
varah salhi