ރާއީ ސަލާމަތްވުމުން އެންމެނަށްވެސް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ.އެހެންނަމަވެސް ނައިޝާާ އެތަނުގައި ބަހައްޓަން ޖެހޭތީ ހުރިހާ މީހުންވެސް ކަންބޮޑު ވާންފެށިއެވެ. “މިތަނަށް ނައި ދޫކޮށްލާފަ ދާކަށް މަންމައަކަށް އެއްގޮތަކަށްވެސް ހިތްހަމައެއް ނުޖެހެވޭނެ” ނައިޝާގެ މަންމައަށް ރޮވުނެވެ.
“މަންމާ ހެއްދެވި ފަރާތަށް އިތުބާރުކުރޭ..އިރާދަކުރެއްވިއްޔާ ދެރަގޮތެއްނުވާނެ” މަންމަގެ ގައިގައި ބައްދާލަމުން ނައިޝާ ބުނެލިއެވެ.ނައިޝާ އެހެންބުނެލި ކަމުގައިވިޔަސް ވާނެގޮތް ނޭނގޭތ،ީ ޚުދު ނައިޝާވެސް ޖެހިލުންވެއެވެ.ނަމަވެސް އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލުތަކުގެ ޖަވާބުހޯދަން މިއަދު އޭނާ ހުރީ ނިންމައިގެންނެެވެ.
“އެއީ ކާކުތަ ނައި؟…އެމީހަކު ނޫނީ އެއެއްޗަކަސް ނައި ދެކެ އެހާ ރުޅިއައިސްގެން އެއުޅެނީ ކީއްވެތަ؟…މީ ކިހިނެއް ފެށުނުކަމެއްތަ؟” ނައިޝާގެ މަންމަ ސުވާލަކަށް ފަހު ސުވާލެއްކޮށްލިއެވެ.ނައިޝާއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ބައްޕަގެ ރަހުމަތްތެރިޔާ ސައީދު އެތަނަށް އައެެވެ.
“އަހަނ…އެންމެން ފުރަން ތައްޔާރަށްދޯ ތިތިބީ…ވަރަށް ބޮޑަށް މާފުކުރޭ އަހަންނަށް ކުއްލިގޮތަކަށް ނިދުނީ….ހޭލެވުމާއެކު އަވަހަށް މިއައީ މިތަަނަށް” ގެސްޓްހައުސްއަށް ވަދެގެންއައި ސައީދަށް ނައިޝާމެން ފެނިގެން ބުނެލިއެވެ.
“ނޭނގެ އެމީހަކު އެއުދަނގޫ ކުރަނީ ކީއްވެކަމެއް؟…ހުރިހާ ވާހަކައެެއް ނައި ފަހުން ކިޔައިދޭނަން…އިރާދަކުރެއްވިއްޔާ ދެރަގޮތެއް މިންވަރުނުކުރައްވާނެ…އަވަހަށް ލޯފުހެލާ…އެހެންމީހުންނަށް މިކަން ނާންގާށޭ އެމީހާ ބުންޏެއްނު” ނައިޝާ އޭނާގެ މަންމަގެ ކަންފަތްބުޑުގައި ބުނެލިއެވެ.ސައީދު އައުމުން ހަމައަކަށް އެޅިލަން ނައިޝާގެ މަންމައާ ދެންތިބި މީހުންވެސް މަސައްކަތްކުރިއެވެ.
ނައިޝާ ގައިގައި ވަރަށް ބާރަށް ބައްދާލުމަށްފަހު ފުރަން އެންމެންތައް އެތަނުން ނިކުތެވެ. “އެމަންޖެ ނުދޭތަ؟” ނައިޝާ މަޑުކުރުމުން ސައީދު ބުނެލިއެވެ. ސައީދަށް ނައިޝާގެ ބައްޕަ ބޯޖަހާލިއެވެ. “މިތަނަށް އަންނަމީހުން މިތަނުން ދާހިތެއް ނުވޭ…މީ މިރަށުގަހުރި އެންމެ ރަނގަޅު ގެސްޓްހައުސް” ބަނދަރަށްދިޔަ މަގުމަތީގައި އެމީހާ ބުނެލިއެވެ.
*********
މަންމަމެން ދިއުމުން ނައިޝާ އެކަނިވިއެވެ.ހަނި ގޯޅިތެރޭގައި ހުރި ނައިޝާ މުޅިތަނަށް ވަށައިގެން ބަލަމުންދިޔައެވެ. “ވަދޭ އެތެރެއަށް” ބަރު އަޑު ކޮޓަރިތެރެއިން ބުނެލިއެވެ.އެއާއެކު ކޮޓަރީގެ ދޮރު އަމިއްލައަށް ހުޅުވުނެވެ.ދޮރު ހުޅުވުމުން ރުޅިވެރިކަމާއެކު ނައިޝާ އެކޮޓަރިތެރެއަށްވަނީ ގަނެފައިވާ ބިރު އެއްފަރާތް ކޮށްލުމަށްފަހުއެވެ.
ނައިޝާ ވަނުމާއެކު އަނދިރި އެކޮޓަރީގެ ދޮރު ލެއްޕުނެވެ.ހަތަރުފާރުން ބެނދިފައިވާ ކުޑަ އެކޮޓަރިތެރޭގައި ކުޑަދޮރުގެ އަލި ނޫން އެއްވެސް އަލިކަމެއް ނެތެވެ.ނައިޝާ ހުރިތާ ކުރިމަތީގައި ބޮޑު ކަޅު ފޮތިގަނޑެއް އެއްކޮޅުން އަނެއްކޮޅަށް ދަމާފައިވެއެވެ.
“އަހަރެން މިއައީ ދެން އަހަންނަށް ތިހަދާގޮތެއް ހަދާބަލަ…އެކަމް އަހަރެންް އަހާލަން ބޭނުންވޭ އަހަރެންދެކެ ރުޅިއަންނަން ތިމީހަކަށް އަހަރެންކުރީ ކޮންކަމެއްކަން؟” މުޅިތަނަށް ވަށައިގެން ނަޒަރު ހިންގާލުމަށްފަހު، އެއްވެސް މީހަކު ފެންނަން ނެތުމުން ނައިޝާ ބާރަށް ބުނެލިއެވެ.
“ކިހިނެއްވީ އަނގަ ބަންދުވީތަ؟…ބުނާނެ އެއްޗެއް ނޭނގުނީތަ؟” ނައިޝާއަށް ޖަވާބެއް ނުލިބުމުން އޭނާގެ ރުޅިގަދަވިއެވެ.އެވަގުތު ފޮތިގަނޑުގެބިއްދޮށުން އޭނާއަށް ފެންނަ ބިރުވެރިމީހާ ކުއްލިއަކަށް ނިކުތެވެ.މިއަދުވެސް އެމީހާ ހުރީ ކުރީ ފަހަރުތަކުގައިވެސް ލައިގެން ހުންނަ ކަޅުދިގު ހެދުމުގައެވެ.
“ކުށެއްނެތް މައުސޫމް ކުއްޖެއް މެދުވެރިކޮށް ބަދަލުހިފުމަކީ ވަރަށް ފިނޑި ޢަމަލެއް” ރުޅިއައިސްފައި އެއްނޭވާއިން ނައިޝާ އެހެންބުނެލިއިރު އޭނާއަށް ރޮވިއްޖެއެވެ.
“ލޯބިވާ މީހުންނަށް ގެއްލުން ލިބުނީމަ ދެރަވޭދޯ؟ ރުޅިއާދެވޭދޯ؟” ރުޅިވެރިކަމާއެކު ނައިޝާއަށް ބަލަންހުރެ އެމީހާ ބުނެލިއެވެ.”އަހަރެން ހާދަ ކެތްކޮށްފީމޭ ކަލެއަށް ގޮތެއް ނުހަދާވޭތޯ…މިއަދު އަހަރެން މިގޮތަށް މިހެދީ މަޖުބޫރުވީމަ” ރުޅިއައިސްފައި އެމީހާ ބުނެލިއެވެ.
“ކޮބާތަ މަޖުބޫރުވީ ސަބަބަކީ؟ތީ ކާކުތަ؟އަހަންނަށް އުދަނގޫތިކުރަނީ ކީއްވެތަ؟” ނައިޝާ ރުޅިވެރިކަމާއެކު އެއްނޭވާއިން ބުނެލިއެވެ. “ނައިޝާގެ އެސުވާލުތަކުން އައްކިޔުންގެ ބައްޕަވެސް ރުޅިގަދަވިއެވެ. “މިއޮތީ މަޖުބޫރުވި ސަބަބަކީ” އެހެންބުނެ ދަމާފައިވާ ކަޅުބޮޑު ފޮތިގަނޑު ކުއްލިއަކަށް އައްކިޔުންގެ ބައްޕަ އެއްފަރާތްކޮށްލިއެވެ.
ފޮތިގަނޑުގެ ބިއްދޮށުގައި އެނދެއްހުރި އިރު އެއެނދުގައި މީހަކު އޮތްތަން ނައިޝާއަށް އެވަގުތު ފެނުނެވެ.ބަލި އެމީހާއަށް ނައިޝާ ވަރަށް ރަނގަޅަށް ބަަލައިލިއެވެ. “އައްކިޔުން؟” އެނދުގައި ހާލުދެރަވެފައިވާ އައްކިޔުން ފެނި ނައިޝާއަށް ދެލޯ ބޮޑުކޮށްލެވުނެވެ.އޭނާ ލޯބިވި އައްކިޔުން އެހާ ބަލިހާލުގައި އޮތްތަން ފެނި ނައިޝާގެ ހިތުގައި ވޭނީ ރިހުމެއް އުފައްދާލިއެވެ،އައްކިޔުން ދެކެވީ ނަފުރަތު އެއްފަރާތް ކޮށްލުމަށްފަހު، އޭނާ އޮތް ހާލުފެނި ނައިޝާއަށް ހަމްދަރުދީ ވެވުނެެވެ.
އައްކިޔުންގެ ނަމުން ގޮވާލުމަށްފަހު އެނދާ ދިމާލަށް ނައިޝާއަށް ހިނގައިގަނެވުނެވެ.ގައިގައި ވަރުނެތުމުގެ ސަބަބުން ގުނޑިނުލެވިފައިވާ އައްކިޔުންގެ ދެލޯކައިރިވެސް ވަނީ ވަޅުވަދެފައެވެ.އައްކިޔުން އޮތް ގޮތްފެނި ނައިޝާއަށް ދެރަވެގެން ރޮވުނެވެ.ނައިޝާގެ އެއަަމަލުން އައްކިޔުންގެ ބައްޕަ ވަރަށް ހައިރާންވިއެވެ. “އައްކި ކިހިނެއްވެފަ ތިއޮތީ؟” އައްކިޔުން ކައިރި، އެނދުގައި އިށީންދެލުމަށްފަހު އޭނާގެ އަތުގައި ހިފާލަމުން ނައިޝާ އަހާލިއެވެ.
ނައިޝާ ގާތު ކޮންމެވެސް އެއްޗެކޭ ބުނަން އައްކިޔުން އުޅުނެވެ. “މީވެސް ކަލޭގެ ކަމެއްދޯ؟ ކަލޭ އައްކިއަށް ކީއްކުރީ؟” ލޮލުން ކަރުނަ ފުހެލުމަށްފަހު، ކައިރީގައިހުރި އައްކިޔުންގެ ބައްޕައަށް ނައިޝާ ރުޅިވެރިކަމާއެކު ބުނެލިއެވެ.
“އައްކިޔުން އެހާލުގަ އެއޮތީ ކަލޭގެ ސަބަބުން…ކަލޭ އޭނަދެކެ ނަފުރަަތުވާ ވާހަކަ ބުނިދުވަހުން ފެށިގެން ނުކައިނުބޮއި ހިތާމަކޮށްކޮށް އެފަކީރު އެހާލަށް ދިޔައީ…އޭނަ ދުނިޔެމަތިން ފޫހިކޮށްލީވެސް ކަލޭ” ރުޅިގަދަވެފައި އައްކިޔުންގެ ބައްްޕަ ބުނެލިއެެވެ.އައްކިޔުންގެ ބައްޕަ އެހެންބުނުމުން ނައިޝާ ހައިރާންވިއެވެ. “އެކަމަކު އައްކި އެހެންމީހަކާ ރައްޓެހިވެގެންނެއްނު އުޅެނީ؟” އައްކިޔުންނަށް ބަލައިލުމަށްފަހު ނައިޝާ ބުނެލިއެވެ.
“އައްކިޔުން ލޯބިވަނީ ކަލޭދެކެ…އޭނަ ލެޔާލާ ގުޅުނީ ކަލޭގެ ރައްކާތެރިކަމަށްޓަކާ” އައްކިޔުންގެ ބައްޕަ ބުނެލިއެވެ. “ރައްކާތެރިކަމަށްޓަކައޭ…ކީއްވެގެން؟…ތީ ކާކު؟” ސުވާލަކަށް ފަހު ސުވާލެއް ނައިޝާގެ ބޮލަށް އަރާފައިބަމުން ދިޔުމުން އަހާލިއެވެ.
“މިކޮޓަރިއަށް ނައިޝާ ގެންނަން އަހަންނަށް މަޖުބޫރުވީ މިހެންވެގެން އައްކިޔުންގެ ހާލު ދަށަށްދާތީ އޭނާ ރަނގަޅުވާނީ ނައިޝާގެ އެހީ ލިބިގެންކަމަށްވާތީ….އަހަރެން ވަރަށް ދުވަހު ނައިޝާއަށް ބަަލަންހުރިން އަހަރެން ބަލާތީ ކީއްވެތޯ ބަލަނީ އަހަން، އަހަރެންގެ ކައިރިއަށް އާދޭތޯ…އެހެންނަމަވެސް ނައިޝާ ނައުމުން އަހަންނަށް މިހެންހަދަން ޖެހުނީ…އެއްވެސް ބަފައަކަށް ކެތެއްނުވާނެ އޭނާގެ ދެލޯފަދަަ ލޯބިވާ ދަރިފުޅު ލޯމަތިން ބީވެދާ މަންޒަރު ދެކޭކަށް” އައްކިޔުންގެ ބައްޕަ ބުނެލީ ނުހަނު ހިތާމަވެރިކަމާއެކުގައެވެ.
އޭނާގެ ފަހު ޖުމުލަ އަޑު އިވުމާއެކު އައްކިޔުންނަށާ އެމީހާއާ ދިމާލަށް ނައިޝާއަށް ބަލައިލެވުނެވެ.އަދި އެނދުގައި އިން ނައިޝާއަށް ކުއްލިއަކަށް ތެދުވެވުނެވެ. “ބަ..ބަ..ބައްޕައޭ؟..އައްކިވެސް ތި ތި އިންސާނެއް..” ނައިޝާ ބުނަންއުޅުނެވެ. “އާނ އަހަރެންމީ އައްކިޔުންގެ ބައްޕަ އެހެންނަމަވެސް އައްކިޔުންނަކީ އިންސާނެއް…އަހަރެންމީ އިންސާނަކަށް ނުވިއަސް އައްކިޔުންނަކީ އޭނާގެ މަންމަ ފަދައިން އިންސާނެއް” އައްކިޔުންގެ ބައްޕަ ބުނެލިއެވެ.
“އެންމެ ތުއްތުއިރުއްސުރެ މަޔަކާނުލާ އަހަރެން އެކަނިމާއެކަނި އޭނަ ބަލާބޮޑުކޮށްފަ އެހުރީ ހަމަ ތިކަހަލަ ނުލަފާ އަންހެނެއްގެ ސަބަބުން” ރުޅިއައިސްފައި އައްކިޔުންގެ ބައްޕަ ބުނެލިއެވެ. ނައިޝާއަށް ހުރެވުނީ އިވެމުންދިޔަ ވާހަކަތަކުން ވަރަށް ބޮޑު ހައިރާންކަމެއް ލިބިފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
2 Comments!
Comments are closed.






Next part vrh avahah kiyaalan libeyne kamah unmeedhu kuran
Mi part VX vvvvvvvvvvvvv reethi ????
thanks dear..will upload soon insha allah 🙂