ލޯންޗު ރަށަށް ލެފުމުން، ފަހަރަކު މީހަކު އޭގެން ފައިބަން ފެށިއެވެ.ރަށުގެ ވެލިގަނޑުމަތީގައި ފައިޖެހެވުމާއެކު ހުރިހާ ކުދިންތައް އުފަލުން ފުމެންފެށިއެވެ.އެންމެން ލޯންޗުން ފޭބުމުން، ނައިޝާގެ ބައްޕަގެ ރަހުމަތްތެރިޔާ އެމީހުން ގޮވައިގެން ހިފާފައިވާ ގެސްޓްހައުސްއަށް ދިޔައެވެެ.
ގެސްޓްހައުސްގެ ގުރައުންޑް ފުލޯއަށް އެންމެނަށްވެސް ވަދެވުނެވެ.ހިމަހިމަ ގޯޅިއެއްގެ ތެރެއިން ވަދެގެން ދާއިރު އެންމެ ބިށްދޮށުގައި ކޮޓަރިއެއް ހުންނައިރު އެގޯޅިކޮޅުގެ ދެފަރާތުގައިވެސް ދެކޮޓަރި ހުރެއެވެ.
“ފުރަތަމަ ފަންގިފިލައަށް އަރާ އެތާނގެ ކޮޓަރިތައް ރީތިވެފަ ތަނަވަސްވާނެ” ނައިޝާގެ ބައްޕަގެ ރަހުމަތްތެރިޔާ ބުނެލިއެވެ. ވަންނަ ދޮރާ ދިމާލުގައި ހުރި ސިޑިން އެމީހާ އެރުމުން، އޭނާގެ ފަހަތުން ނައިޝާމެންވެސް އެރިއެވެ.
ތަނަވަސް ބޮޑު ސިޓިންރޫމެއްލާފައި ފަސްކޮޓަރީގެ އެތަން އެމީހާ ބުނިހެން ތަނަވަސްވެފަ ރީއްޗެވެ. “އެދުނުގޮތަށް ފަސްކޮޓަރި ހަމަޖައްސާފަ ހުންނާނީ” އެހެންބުނެ ކޮޓަރިތަކުގެ ތަޅުދަނޑިތައް ނައިޝާގެ ބައްޕައަށް އެމީހާ ދިއްކޮށްލިއެވެ. “އަން…ކޮންމެ ކުއްޖަކަށްވެސް ވަކިން ކޮޓަރި ބައްޕަ ނެގީ އެގޮތް ރަނގަޅުވާނެއެއްނު” އެހެންބުނެ އޭނާ ފަހަރަކު މީހަކަށް ތަޅުދަނޑި ދިނެވެ.
ދޮންތައާ އޭނާގެ ދެދަރިން އެއްކޮޓަރީގައި ތިބޭއިރު ތުއްތައާ ތުއްތަގެ ދަރިވެސް ތިބެނީ ވަކިން ކޮޓަރިއެއްގައެވެ.ފަހަރަކު މީހަކު ކޮޓަރިތަކަށް ވަންނަމުން ދިޔައެވެ.ނައިޝާއާ ނުހައިކުވެސް އެމީހުންގެ ކޮޓަރިތަކަށް ވަނުމުން ބާކީ އިން ކޮޓަރިއަށް ނައިޝާގެ މައިންބަފައިން ވަނެވެ.
ދަތުރުގެ ފުރަތަމަ ދުވަސްކަމުން ހެނދުނު އެންމެންވެސް އަރާމުކޮށްލިއެވެ.މެންދުރުވުމުން ރެސްޓޯރެންޓަކުން ކައިގެން، ހަވީރުވުމުން ރަށުތެރެބަލައިލާން ނައިޝާމެން ނިކުތެވެ.އެންމެންވެސް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުމަށްފަހު ހިތްހަމަޖެހިލައިގެން ތިބެ އެރޭ ނިދިއެވެ.
***********
އަނެއްދުވަހުގެ އިރުއެރުމާއެކު މޫދަށްދާން އެންމެން އުޅުނެވެ.ވަރަށް ބޮޑަށް ތައްޔާރު ވެލައިގެން ބީޗާ ދިމާލަށް އެންމެންވެސް ހިނގައިގަތެވެ.
އެއްގަމުގައި ބޯޅަކުޅެ ސަކަރާތް ޖެހުމަށްފަހު މޫދަށް އެރެން އެންމެން ދިޔައެވެ. މޫދުތެރޭގައިވެސް ތަފާތު އެކި ކުޅިވަރުތައް ކުޅެމުން ސަކަރާތްޖަހަމުން އެންމެންވެސް ދިޔައެވެ.އެހުރިހާ ސަކަރާތެއްގައި އެމީހުންގެ މައިންބަފައިންވެސް ބައިވެރިވިއެވެ.ވަަރަށް އުފާވެރި ވަގުތުކޮޅެއް ބީޗުގައި ހޭދަކޮށްލުމަށްފަހު، ކައިގެން އެންމެންވެސް ގެސްޓްހައުސާ ދިމާލަަށް ހިނގައިގަތެވެ.
************
ފެންވަރައިގެން ލީއެއްޗެހިތައް ދޮވެ، ހިއްކަން އެޅުމަށްފަހު، އަރާމުކޮށްލަން ނައިޝާ އެނދުގައި ޖައްސާލިއެވެ.މަންމަމެންނާއެކު ހޭދަކުރެވުނު އުފާވެރި ވަގުތުކޮޅުގެ ސަބަބުން ނައިޝާގެ މޫނުމަތިން ހިނިތުންވުން ނުކެނޑެއެވެ.
***********
ޖެހިގެން އޮތް ދުވަސްވެސް އެމީހުން ނިންމާލީ އުފާވެރިކަމާއެކުގައެވެ.ރޭގަނޑު އަށެއްޖެހުމުން ކުޑަކުދިންތައް ނިންދަވާލުމަށްފަހު، ހުރިހާ ބޮޑެތިމީހުންތައް ބާބަކިޔުއެއް ހަދަން ގެސްޓްހައުސާ ދުރުނޫން ހިސާބަަކަށް ދިޔައެވެ. “މާދަން ހަވީރު ފުރަންވީ މާލެދާން…މާލެދާ ގޮތަށް އަނެއްދުވަހު އަނެއްކާ ލަންކާއަށް ދާން ފުރަންވީ” ވާހަކައެއްގެ ތެެރެއިން ނައިޝާގެ ބައްޕަ ބުނެލިއެވެ.
ބާބަކިޔު ހަދަން އެންމެންވެސް ފަހުގެ ތައްޔާރީތައް ވުމަށްފަހު، މަސްތަކާ ސޮސެޖުތައް ފިހަން ޖެއްސިއެވެ.އެންމެނާ އެއްވަރަށް މަޖާނަގަމުން ނައިޝާވެސް ދިޔައެވެ.މާދަމާ ފުރާތީ މިރޭ އެމީހުން ވަރަށް ސަކާރާތް ޖެހިއެވެ.
ސޮސެޖުތައް ފިހެވުމުން، އުލޮށްޓައް އަމުނައިފައިވާ ސޮސެޖެއް ނަގާ ނައިޝާ ކާލިއެެވެ.ހެމުން އެންމެންނާ އަނގަތަޅަމުން ނައިޝާ ދިޔައެވެ.
*********
ރޭގަނޑު އަށެެއްޖެހިއިރު ފެށި ބާބަކިޔު ނިންމާލެވުނުއިރު ހުރީ ރޭގަނޑު އެގާރަ ޖަހާފައެވެ.ބާބިކިޔު ނިންމާލުމަށްފަހު ގެއަށް ވަންނަން އެންމެން ތައްޔާރު ވަމުންދިޔައެވެ.
އެންމެން ކައިފައި ބާކީވި ސޮސެޖެއް ނައިޝާ ނަގާ ކާލަން އުޅުނު ވަގުތު، ގަސްގަނޑުގެތެރެއިން ބިރުވެރިމީހާ ކުއްލިއަކަށް ނައިޝާއަށް ފެނުނެވެ.އެއްގޮތަކަށްވެސް ނުފެނިހުރެފައި ކުއްލިއަކަށް މިރޭ އަނެއްކާވެސް އެމީހާ ފެނުމުން، ނައިޝާގެ ހިތް ހީވީ އަތަށް އައި ހެންނެވެ.ސިހިގެންދިޔަލެއް ބޮޑުކަމުން އަތުގައިވާ ސޮސެޖްވެސް ދޫވެ ބިންމައްޗަށް ވެއްޓުނެވެ.
“ނައި ކިހިނެއްވީ؟” ނައިޝާއަށްވީ ގޮތްފެނި އެންމެންނަށް އެއްފަހަރާ އަހާލެވުނެވެ. “މި…ކަމެެއްނުވޭ…ހީވީ ގަޔަށް ދިރޭއެއްޗެއް އެރިހެން” މާނޭވާލަމުން ނައިޝާ ބުނެލީ ހަމައަކަށް އެޅިލުމަށް މަސައްކަތް ކުރަމުންނެވެ.
**************
ބާބަކިއު ނިންމާލުމަށްފަހު އެންމެން ގެއަށް ވަންނަން ހިނގައިގަތުމުން ނައިޝާވެސް އެމީހުންގެ ފަހަތުން ހިނގައިގަތެވެ.ގެއަަށް ވަންނަން ދިޔަ ނައިޝާ ހުއްޓިލުމަށްފަހު ގަސްގަނޑުތެރެއަށް ބަލައިލިއެވެ.މިރޭ އާދަޔާ ޚިލާފަށް ރުޅިގަދަވެފައި އެމީހާ ބަލަން ހުއްޓެވެ.ނައިޝާ ބަލައިލުމާއެކު، އެބިރުވެރިމީހާ އޭނާގެ އަތުގައިވާ ގޮފިގަނޑު ނައިޝާއަށް ބަލަންހުރެ ބިންދާލިއެވެ.އެމަންޒަރު ފެނުމާއެކު އަވަހަށް ބިރުން ނައިޝާ ގޭތެރެއަށް ވަނެވެ.
*********
އެނދުގައި އޮތް ނައިޝާއަށް ދިޔައީ ވިސްނެމުންނެވެ.ނުފެނިހުރެފައި ކުއްލިއަކަށް އެމީހާ އެފެނުނީ ކީއްވެގެންކަމާއި އަދި މިރޭ އެމީހާ އެހާބޮޑަށް ރުޅިއައިސްފައިވަނީ ކީއްވެގެންކަމާ ދޭތެރޭގައި ނައިޝާއަށް ވިސްނެމުންދިޔައެވެ.އަނެއްކާވެސް ބިރުވެރިކަންތައް ފެށެން އުޅެނީބާވައޭ އޭނާގެ ހިތަށްއަރަމުންދިޔައެވެ.ބިރުގަނެފައިވާ ނައިޝާއަށް މިރޭ ނިދޭގޮތެއްނުވިއެވެ.ހުޅުމާލޭގައި ހުރިއިރު ދިމާވި ބިރުވެރިިކަންތައް ވެދާނެ ކަމުގެ ބިރަށްޓަކައެވެ.
***********
ހެނދުނު އިރުއެރިއެވެ.ނައިޝާ ހީކުރިފަދަ އެއްވެސް ބިރުވެރިކަމެއް ރޭގައި ދިމައެއްނުވެއެވެ.އެހެންކަމުން އޭނާ ކުޑަކޮށް ހިތްހަމަޖެހުނެވެ.
*********
މެންދުރު ކައިގެން އެންމެންތައް ފުރަން ތައްޔާރުވާން އުޅުނެވެ.އެއްޗެހިތައް ޕެކުކޮށް ނައިޝާވެސް ނިންމާލިއެވެ.ރޭގައި ބިރުވެރި މީހާ ފެނުނުފަހުން ނައިޝާގެ މޫޑް އެއްކޮށް ސަކަރާތްވިއެވެ.އެމީހާ ފެނުނު ފަހުން، އޭނާގެ ސިކުނޑި ތެރޭގައި ހަރުލާފައިވަނީ އެބިރުވެރި މީހާއެވެ. އެހެންނަމަވެސް މަންމަމެން ކުރިމަތީގައި ހަމަޖެހެން ނައިޝާ މަސައްކަތްކުރިއެވެ.
*************
ރަށުގައި އުފާވެރި ތިންދުވަސް ހޭދަކޮށްލުމަށްފަހު، އެންމެން ފުރަން ތައްޔާރުވިއެވެ.ފުރާ ވަގުތު ޖެހުމުން ދަބަސްތައް ހިފައިގެން ބަނދަރަށް ދާން ގެސްޓްހައުސްއިން ނިކުންނަން އެންމެން އުޅުނެވެ.
“ކޮބާ ރާއީ؟” ގެސްޓްހައުސްއިން ނިކުންނަން އުޅުނުވަގުތު ނައިޝާގެ ދޮންތަ ކުއްލިއަކަށް އަހާލީ، ކުދިންތަކު ތެރޭގައި އެގާރަ އަހަރުގެ ރާއީ ފެންނަން ނެތުމުންނެވެ.އެވަގުތު އެންމެންވެސް އެއްފަހަރާ ރާއީ ކޮބާތޯ ބަލައިލިއެވެ.
“ދެންމެ ކަހަލަގޮތަކަށް މިތާ ހުއްޓާ މަދެކުނިން” ނައިޝާގެ ތުއްތަ ބުނެލިއެވެ.އެންމެންތައް ރާއީ ހޯދަން އުޅުނެވެ.އެއްބަޔަކު ގެސްޓްހައުސް އެތެެރެ ބަލަމުންދިޔައިރު އަނެއްބަޔަކު ދިޔައީ ގެސްޓްހައުސްގެ ބޭރު ބަލަމުންނެވެ.މުޅި އެގެސްޓްހައުސްގައިވެސް ނައިޝާމެން ފިޔަވައި އިތުރުބައެއް އެވަގުތަކު ނެތެވެ.އެތަން ބަލަހައްޓާ މީހާވެސް އެވަގުތު ފެންނާކަށް ނެތެވެ.
ރާއީގެ ނަމުންގޮވާ އެންމެންތައް އެކުއްޖާ ހޯދުމުގައި އުޅެމުންދިޔައެވެ.ރާއީ ނުފެނި ދާކޮންމެ ސިކުންތެއް ނައިޝާގެ ދޮންތަ ހާސްކޮށްލައެވެ.ފަސް މިނެޓް ފާއިތުވެގެންދިޔައިރު ވެސް ރާއީގެ ހިލަމެއް ނުވުމުން ހުރިހާ ކޮޓަރިތަކެއްގައި ޓަކިޖަހާ ރާއީ ހުރިތޯ ބަލަން ނައިޝާމެން ނިންމިއެވެ.
އެގެސްޓްހައުސްގައި އެވަގުތު އެއްވެސް މީހަކު ނެތުމާއެކު، ނައިޝާމެން ކޮޓަރިތަކުގައި ޓަކިޖަހަމުންދިޔަ ކަމުގައި ވިޔަސް އެއްވެސް ކޮޓަރިއަކުން ދޮރެއް ނުހުޅުވައެވެ.
ތަންތަން ހޯދަމުންދިޔަ އެންމެނަށް ރާއީގެ އަޑު އިވުނެވެ.އެއަޑަށް އެންމެންތައް ހިމޭންވެލުމަށްފަހު، އަޑު އަންނަ ދިމާލެއް އަހަން ތިއްބެވެ.
“މަންމާ!” ވަރަށް ބާރަށް ރާއީ ގޮވާލި އަޑު އެންމެންނަށް އިވިގެން ދިޔައެވެ.އެކުއްޖާގެ އަޑުން ވަރަށް ބިރުގަނެފައިވާކަން އެންމެނަށްވެސް ފާހަގަވިއެވެ.”ދަރިފުޅާ ރާއީ ކޮންތާކު ތިހުރީ؟” ރާއީގެ އަޑު އިވުމާއެކު ނައިޝާގެ ދޮންތަ ގޮވާލިއެވެ.
“މަންމާ ރާއީ ސަލާމަތްކޮށްދީ…މިބިރުވެރިމީހާގެ ކިބައިން ސަލާމަތްކޮށްދީ” ރޮމުން ރާއީ ގޮވާލީ، ގޯޅިކޮޅުގެ އެންމެ އެތެރޭގައި ހުރި ކޮޓަރީގެ ތެރެއިންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.





